އަހަރެން

އަނިޔާއަށް ކެތްކުރުމުގެ ބޭނުމެއް ނެތް، އައިޝަތު މި ކިޔައިދެނީ އެ ވާހަކަ

ޅަ އުމުރުގައި އައިޝަތު ކުރި ކައިވެނި އޭނާ ރޫޅާލީ ދެބައި އުމުރަށް ދިޔަ ފަހުން، އަނިޔާއަށް އިތުރަށް ކެތްކުރަން ބޭނުން ނުވެގެން

"އަހަރެންގެ ވާހަކަ މާ ހާއްސައެއް ނޫން. ވަރި އެއީ އަހަންނަށް ލިބުނު ކާމިޔާބީއެއްތަ؟،" އައިޝަތު ވަހީދާ ސުވާލުކުރި އެވެ.

ފޯނުން ގުޅައިގެން ބައްދަލުވާން ގަޑިކިޔައިގެން އައިޝަތު ފެންނަ ހިސާބަށް އަހަރެން ދިޔައީ، އޭނާގެ ދިރިއުޅުމުގެ ވާހަކަތައް ކޮންމެވެސް ވަރަކަށް އެނގިފައި އޮތުމުން، އެ ވާހަކަތައް ތަފްސީލުކޮށްދިނުމަށް އެދިގެންނެވެ. ޅައުމުރުގައި ކުރި ކައިވެނި، އުމުރު ދެބައިވި ފަހުން ރޫޅާލައި، މެދު އުމުރުގައި އެކަނިވެރިކަމާ ކުރިމަތިލާން ހިތްވަރު ހޯދި ގޮތް އަހާލަން ބޭނުން ވެގެންނެވެ.

އޭރު، އުމުރުން 55 އަހަރުގެ އައިޝަތު އިނީ އޭނާގެ އުފަން ރަށުގެ އަތިރިމަތީގައި އެކަންެޏެވެ. އަތުގައި އޮތް ތޫނު އީލިގަނޑު، ހިކިފަންތަކަށް ހަރައި ތޮރުފަމުން، ފަންގިގަނޑަކަށް ބަދަލުކުރަމުން ދިޔައިރު، ދުރުގައި އެކަމަކު އޭނާގެ އަޑުޖެހޭ ހިސާބުގައި ކުދިންތަކެއް ކުޅެން ތިއްބެވެ. އިރުއޮއްސުމުގެ ކުލަތައް އުޑުމަތިން ދައްކާލާފައިވާއިރު، މުޅި މާހައުލަށް ވެރިވެފައިވަނީ އަޖައިބެއް ފަދަ ހިތްހަމަޖެހުމެކެވެ.

ރާއްޖޭގައި ބައެއް އަންހެނުން އަނިޔާގައި އެތައް އަހަރެއް ހޭދަކުރޭ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް) 

'ދައުރު' އިން މި ރޯދަ މަހު ގެނެސްދޭ 'އަހަރެން' ސެގްމެންޓަށް އިންޓަވިއުއެއް  ދިނުމަށް، އައިޝަތު ކައިރީ އެހުމުން ޖަވާބު ދިނުމުގެ ކުރިން އޭނާ އެހީ ސުވާލުތަކެކެވެ؛ ދިރިއުޅުމުން އޭނާއަށް ހާސިލްވީ ކޯއްޗެއްތޯއޭ އެވެ. ވަރިއަކީ އޭނާއަށް ލިބުނު ކާމިޔާބީއެއްތޯ އެވެ.

"30 އަހަރު ކެތްކުރިން. ފަސް ކުދިން ލިބުނު. އެކަމަކު ފިރިމީހާގެ ފަރާތުން ލިބުނު އަނިޔާގެ ލަކުނުތައް އަދިވެސް އަހަރެންގެ އެބަހުރި،" އަޅައިގެން ހުރި ބުރުގާ ކުޑަކޮށް ހިއްލާލައި ކަރުދޮށް ދައްކާލަމުން އައިޝަތު ބުންޏެވެ.

"އެކަމަކު މިހާރު މިއީ ހަމައެކަނި ލަކުނުތަކެއް. ފިރިމީހާއެއް ނެތް. އަހަރެން ބިނާކުރި ގެދޮރެއް ނެތް." 

ހަޔާތުގެ ވާހަކަ އައިޝަތު ކިޔައިދޭން ފެށިއިރު ފުރަތަމަ ހީވީ، ލޯބީގެ ރީތި ފިލްމެއް ހެންނެވެ. ރަށަށް އެރި ބީރައްޓެއްސެއް ދެކެ މާ އާދަޔާހިލާފު ލޯތްބެއް ވެވި، އާއިލާއާ ދެކޮޅަށް ކައިވެނިކުރީ އެވެ. އުމުރުން ޅަ އެވެ. އަލަތު ލޯތްބެވެ.

އައިޝަތު އިނީ އުފަލުންނެވެ. އެކަމަކު އާއިލާއާ ދެކޮޅަށް ކުރި ކައިވެންޏެއް ކަމުން، މާ ގިނަ ދުވަހު އޭނާއަށް އުފަން ރަށުގައި މަޑުކޮށްލައިގެންނެއް ނީނދެވުނެވެ. އެހެންވެ، ފޮށިތަންމަތި ހިފައިގެން، ލޯބިވާ ފިރިމީހާގެ އަތުގައި ހިފައިގެން އޭނާ މާ ދުރަށް، އުފަންވި ފަސްގަނޑާ އެތައް މޭލެއް ދުރަށް ހިޖުރަކުރީ، އަލަތު ކައިވެނީގެ އުފާ އޭގެ ފުރިހަމަ ގޮތުގައި ހޯދުމަށެވެ.

އުތުރުގެ ކުޑަ ރަށެއްގައި އުޅެބޮޑުވި އައިޝަތު، މާސިންގާ އައްޑުއަށް ބަދަލުވެ ހިންދެމިލީ، ދިރިއުޅުމުގެ ހުންގާނު ފިރިމީހާއަށް ދޫކޮށްލައިގެންނެވެ. އެކަމަކު ދަތުރަށް ރަނގަޅަށް ފަށައިނުގަނެވި އުޅެނިކޮށް، އޭނާއަށް އިވެން ފެށީ ފިރިމީހާގެ ބޭވަފާތެރިކަމުގެ ވާހަކަތަކެވެ. އެ އަޑުތަކަށް ފުރަތަމަ ބީރު ކަންފަތެއް ދީގެން އޭނާ އިނީ، އަލަތު ދަރިފުޅަށް ބަލިވެ އިނދެ ބަނޑަށް އަދި ދޮޅު މަސް ވެސް ނުފުރޭތީ އެވެ. އެކަމަކު އެހެން އަންހެނުންނާ އަޅުވައި ދައްކާ ވާހަކަތަކުގެ އަޑު ގަދަވެ، ކަންފަތުން އަތް ނަގަން މަޖުބޫރުވި އިރު، އޭގެ ހިތި ފެންނާނެ ގޮތް ވަޒަންކޮށްލަން ވެސް އައިޝަތަކަށް ނޭނގެ އެވެ.

ރަށުތެރެއިން އިވޭ ވާހަކަތަކާ ގުޅިގެން ފިރިމީހާއާ ކުރިމަތިލުމުން، އަތަށް ވުރެ އަވަހަށް އޭނާ އިސްކުރީ ފަ އެވެ. ހަމަލާ ސީދާ އަމާޒު ކުރީ، އޭރު ފުއްޕަން ފަށާފައިވާ އޭނާގެ ބަނޑަށެވެ. އެ އަނިޔާގައި އަލަތު ދަރިފުޅު ބައިގެން ދިޔައީ، ދަރިފުޅަށް އަމިއްލަ އަތުން ފެހި ހެދުންގަނޑު ވެސް ލައްވަން ނުލިބި އެވެ. 

އަނިޔާ ކުރުމާއި އެ އަނިޔާތަކަށް ކެތްކުރުމަކީ އޭގެ ފަހުން އައިޝަތުގެ ދިރިއުޅުމުގެ ބަޔަކަށް ވި އެވެ. ހިލޭ އަންހެނުންނާ އެކު ފިރިމީހާ ކުރިން ސިއްރުގައި ކުޅުނު ކުޅިގަނޑުތައް ލޯމަތީގައި ކުޅެން ފެށި އެވެ. އެކަމަކު އެ އަނިޔާވެރިކަމާއި ބޭވަފާތެރިކަމުގެ ކައްފާރާއަކަށް ވެފައި އޮތީ، ހަމަޖެހިފައި ހުންނައިރު ފިރިމީހާގެ ފަރާތުން ލިބޭ އޯގާވެރިކަމާއި ލޯބި ބަސްތަކެވެ. އެހެންވެ، ހިތާމަތަކަށް ކެތްކޮށްލައިގެން، އަދި ރަނގަޅު ވާނެ ކަމަށް އުއްމީދުކޮށްގެން އޭނާ އިނީ އެވެ.

ކުޑަ ރަށެއްގެ މަގުމަތި (ދައުރު ފޮޓޯ/ އައިމިނަތު ޝިފްލީން)

"އެއީ ވަރަށް ބޮޑު ހީއެއް. ހަގީގަތުގައި އަހަރެންނަށް ހެދުނު އެންމެ ބޮޑު ގޯސް އެއީ،" އައިޝަތު ކިޔައިދިނެވެ.

ފުރަތަމަ ދަރިފުޅު އުރާލުމުގެ ފުރުސަތު ނުލިބުނު ކަމުގައި ވިޔަސް، ކައިވެންޏަށް ފަސްް އަހަރު ވީއިރު އޭނާއަށް ދެ ދަރިން ލިބިއްޖެ އެވެ. އެއާއެކު ފިރިމީހާގެ އަނިޔާވެރިކަމުން ގައިގައި ލީ ލަކުނުތައް ވެސް ގިނަވެއްޖެ އެވެ. ފިރިމީހާ އިސްލާހު ވާނެ ކަމަށް އޭނާ ކުރަމުން އައި އުއްމީދު ވެސް ފަނޑުވެއްޖެ އެވެ. އެކަމަކު އައިޝަތަށް ގަބޫލުކުރެވުނީ، އެ ދިރިއުޅުމުން ސަލާމަތްވާން އޭރު މާ ލަސްވެއްޖެ ކަމަށެވެ.

މައިންބަފައިންނާ ދެކޮޅަށް ކައިވެނިކޮށް، ގެ އާއި ގެދޮރު ދޫކޮށްލާފައި އައުމުން އެނބުރި ދާނެ ހިތްވަރެއް އޭނާގެ ނެތެވެ. ވަރިވެއްޖެ ނަމަ ދަރިން އަތުލާނެ ކަމަށް ފިރިމީހާ ދައްކަމުންދާ ބިރު އެއަށް ވުރެ ބޮޑެވެ. އެހެންވެ، އަނިޔާތަކަށް ކެތްކުރުން ނޫން ގޮތެއް ނެތް ކަމަށް ނިންމައި، ދިރިއުޅުމަކީ އެއީ ކަމަށް ކަނޑައެޅި އެވެ.

"އޭރު މީހުން ވިސްނައިދެމުން ދިޔައީ ވެސް އެއީ ދެމަފިރިންގެ ދެމެދުގައި ހިނގާނެ ކަންކަން ކަމަށް. އެކަމަކު ހިތަށް އަރަނީ ފިރިއަކު ހަމަ އެހާ އަނިޔާވެރި ވެދާނެ ބާއޭ؟،" އައިޝަތު އެހި އެވެ.

"އެހެން އަންހެނުން ގޮވައިގެން އޭނާ ގެއަށް ވަންނާނީ ހަމަ އަހަރެންގެ ކުރިމަތީގައި. އެއްޗެކޭ ބުނެފިއްޔާ އަނގަމަތީ ޖަހައި ލޭ އޮހޮރުވާލާނެ. ކަރުގައި ހިފައި ނޭވާ ތާށިކޮށްލާނެ. އޮރިޔާންކޮށް، ލާން ގެންގުޅޭ ހުރިހާ އަންނައުނެއް ކަފާ ކުދިކޮށްލާނެ. ކާން ހަދާފައި ހުންނައިރު ތަށިތައް އުކާލާނެ. އެއް ދުވަހެއްގައި ހޫނު ގަރުދިޔަ ތެއްޔެއް ވެސް ގަޔަށް އަޅާލި."

އައިޝަތު ބުނިގޮތުގައި އެ އަނިޔާތަކަށް އޭނާ ކެތްކުރީ ދަރިން ގޮވައިގެން ދެން ދާނެ އެހެން ތަނެއް ނެތް ކަމަށް ހީކޮށެވެ. ބީރައްޓެހި ރަށެއްގައި ވަންނާނެ އެހެން ހިޔާވެއްސެއް ނެތުމުންނެވެ. އެގޮތަށް، އެ ހިތްދަތިކަމުގައި އޭނާ 30 އަހަރު ވޭތު ކުރި އެވެ.

ބަނދެވިފައި ދިރިއުޅުމުގެ އެ ވާތައް ބުރިކޮށްލަން އޭނާ ގަސްތުކުރީ، ފިރިމީހާގެ އަނިޔާވެރިކަމުގައި ވަރަށް ބޮޑަށް ބަލިވި ފަހުންނެވެ. އެއް ދުވަހަކު ދިން އަނިޔާގައި، ދެން ފުރާނަ ސަލާމަތް ނުވާނެ ކަމަށް ހީވުމުންނެވެ. އޭނާގެ އެންމެ ބޮޑު ހިތްވަރަކަށްވީ، އޭރު ބޮޑެތިވެފައިވާ ދަރިންނެވެ.

ފިރިމީހާގެ ގާތުން ވަރިވެ، އެނބުރި ރަށަށް ދިޔުމުން ބައެއް މީހުން އޭނާއަށް މަލާމާތް ކުރި އެވެ. އަނެއް ބަޔަކު ހެޔޮހިތުން ބަލައިގަތެވެ. ދެބައި އުމުރަށް ދިޔަ ފަހުން ވެސް، އަނިޔާވެރިކަމުން ސަލާމަތްވީތީ ތައުރީފް ކުރި ބަޔަކު ވެސް ތިއްބެވެ. މައިންބަފައިން ދުނިޔެ ދޫކޮށް، އުޅެބޮޑުވި ގެ ވީރާނާވާން ކައިރިވެފައި ހުއްޓަސް، ރަށުން އޭނާއަށް ހިމާޔަތް އިހުސާސް ކުރެވުނެވެ.

މިއަދު އައިޝަތު ކައިރީ ފިރިއަކު ނެތެވެ. އަމިއްލަ ގެދޮރެއް ނެތެވެ. ވަރިއަކީ އޭނާއަށް ލިބުނު ކާމިޔާބީއެއްތޯ އޭނާ އެ އެހީ އެހެންވެ އެވެ.

ރަށެއްގެ އަތިރިމަތީގައި ދެ  އަންހެނަކު މަޑުކޮށްލައިގެން (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

"އެކަމަކު މިއަދު ނުޖެހޭ ބިރުން ސިހިސިހި އިންނާކަށް. ތަންކޮޅެއް ލަސްވިޔަސް، މިހާރު ހިމާޔަތް ލިބިއްޖެ،" ވިޔަންއިން ފަންގިގަނޑު އޮޅާލައި، ހިނިތުންވެލަމުން އައިޝަތު ބިންމަތިން ތެދުވި އެވެ. އަދި ގޮނޑުދޮށުގައި ކުޅެން ތިބި ކުދިންގެ ތެރެއިން މާމަދަރިއަކަށް ގޮވާލައި ގެއަށް ދާން ހިނގައިގަތެވެ.

އޭރު އިރުއޮއްސެން ގާތްވެއްޖެ އެވެ. އެކަމަކު ދެން އެ ދިރިއުޅުމަށް އަނދިރިކަން އައުމުގެ ފުރުސަތު ނުދޭނެކަން އަހަންނަށް އިހުސާސްވި އެވެ.

ކޮމެންޓް (1)

ޝަރީފް

16 މާރިޗު 2024
ޥަރަަށް ރީތި ހުށަހަޅައިދީފައިވާ ގޮތް
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް