އެމްޓީސީސީ ޓަވަރު ކުރިމަތީގައި އާރުޓީއެލް ބަހެއް: މިއީ ގިނަ މަސައްކަތްތަކެއް ކުރާ ކުންފުންޏެއް (ފޮޓޯ/އެމްޓީސީސީ)

އެމްޓީސީސީ

އެމްޓީސީސީގެ އާ މެނޭޖްމެންޓަށް ފެނުނީ ހުސް މައްސަލަ

މިދިއަ ސަރުކާރުގެ މެނޭޖްމަންޓުން ހިސާބުތައް ދެއްކީ ބޮޑު ފައިދާއެއް ނެރެފައި އޮތް ތަން. އެކަމަކު މިހާރުގެ މެނޭޖްމަންޓުން ބުނަނީ އެމްޓީސީސީގައި ވަރަށް ބޮޑެތި މައްސަލަތައް ހުރި ކަމަށް

އެމްޓީސީސީއަކީ، މިދިޔަ ސަރުކާރުގައި ސިފަކުރި ގޮތުގައި، އެންމެ ފައިދާ ބޮޑު، އެންމެ ރަނގަޅަށް ހިންގާ ސަރުކާރުގެ އެއް ކުންފުންޏެވެ. އަހަރީ ރިޕޯޓުތަކުން ވެސް ފެނުނީ، ފައިދާގެ ބޮޑެތި އަދަދުތަކެވެ. ކުރިން ނުލިބޭ ފައިދާ މިފަހުގެ އަހަރުތަކުގައި ނެރުމުން އެމްޓީސީސީއާ މެދު އާންމުން ދެކެމުން އައި ގޮތް ވެސް ބަދަލުވެ، އެ ކުންފުނި ނަގާ ކޮޅަށް ޖެހިފައިވާ ކަމަށް ވެސް ގަބޫލުކުރި އެވެ.

ނަމަވެސް އާ މެނޭޖުމަންޓުން އެމްޓީސީސީއާ ހަވާލުވި އިރު އެ ކުންފުނީގެ ހާލަތު އޮތް ގޮތާއި، އެ ހާލަތުން އަރައިގަތުމަށް ކުރަމުން އަންނަ މަސައްކަތްތައް އާންމުންނާ ހިއްސާކުރަން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިވުނީ މާ ތަފާތު ވާހަކަތަކެކެވެ.

"ވަރަށް ބޮޑަށް މީޑިއާތަކަށް ތިލަކޮށްފައި މިއޮތީ ވަރަށް ރަނގަޅަށް، އެފެކްޓިވްކޮށް ހިނގާފައި އޮތް ކުންފުންޏެއްގެ ގޮތުގައި. އެކަމަކު ހަގީގަތުގައި ވަރަށް ގިނަ ގޮންޖެހުންތަކާއި ވަރަށް ގިނަ މައްސަލަތަކައިގެން އުޅެން ޖެހިފައި އޮތް ވަގުތަކަށް މިވީ،" މީގެ ތިން މަސް ކުރިން ކުންފުނީގެ ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގެންނެވި އަބްދުﷲ ޒިޔާދު ވިދާޅުވި އެވެ.

"... މާލީ ހާލަތު އޮތީ ވަރަށް ދަށްކޮށް. ހިންގުމުގެ ހަރަދު ވެސް ހުރީ ބޮޑެތިކޮށް. ވަރަށް ގިނަ ޕްރޮޖެކްޓުގެ ސައިޓުތައް ވެސް އައިޑަލް ވުމާއި، ކޯސްޓްތަކެއް ވަރަށް ބޮޑަށް ބެއާ ކުރަން ޖެހިފައި އޮތް ހާލަތެއް. ހަރު މުދާ ބެލެހެއްޓުމުގައި އެބަހުރި އިހުމާލުތަކެއް ވެފައި، އަދި ހާއްސަކޮށް މަހާ ޖައްރާފުގެ ހާލަތަކީ ހަމަ ރައްޔިތުން ކަންބޮޑުވާނެ ކަމެއް."

އޭގެ އިތުރުން އޭނާ ވިދާޅުވީ، އިދާރީ ކަންތައްތައް ބޮއްސުންލައިގެން ގޮސް، މަޝްރޫއުތަކުގެ ދުވެލި މަޑުޖެހި، ކުންފުންޏަށް ގެއްލުންވާ ފަދަ ސިޔާސަތުތަކެއް ވެސް ކުންފުނީގެ ތެރޭގައި ތަންފީޒުކުރަމުން އައިކަން ފާހަގަކުރެއްވުނު ކަމަށެވެ. 

އޭނާ އެ ދެއްކެވި ހުރިހާ ވާހަކައަކުން ވެސް ހާމަވީ 'ރައްޔިތުންގެ ކުންފުނި' އޮތީ ވަރަށް ހާލުގައި ކަމެވެ.

954 މިލިއަން ރުފިޔާގެ ދަރަނި

ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޓީސީސީގެ މިހާރުގެ މާލީ ހާލަތަށް އަލިއަޅުވާލެއްވީ، އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ހުސައިން މުހައްމަދު މަނިކެވެ. އޭނާ ކިޔައިދެއްވި ތަފާސްހިސާބުތަކުން:

  • ކުންފުންޏަށް ލިބެން ޖެހޭ ފައިސާގެ އަދަދު: 1.7 ބިލިއަން ރުފިޔާ

  •  ގާތްގަނޑަކަށް 800 މިލިއަން ރުފިޔާ ލިބެން ޖެހެނީ ސަރުކާރުން

  • ކުންފުނީގެ ދަރަނި: 954 މިލިއަން ރުފިޔާ؛ %50 ދައްކަން ޖެހެނީ ބޭރުގެ ކުންފުނިތަކަށް

  • ކުންފުނީގެ ލޯނު: 100 މިލިއަން ރުފިޔާ

މިއީ މިދިޔަ އަހަރު 3.24 ބިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދި ކުންފުނީގެ މިއަދުގެ ހާލަތެވެ. އަދަދުތަކަށް ބަލާއިރު، އެ ކުންފުނީގެ ފައިދާ މިދިޔަ އަހަރު ފަހުކޮޅު ވަރަށް ބޮޑަށް ދަށްވި އެވެ. އެގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އޮޕަރޭޓިން ފައިދާގެ ގޮތުގައި ލިބުނީ 43 މިލިއަން ރުފިޔާ އެވެ. މިއީ، ތިން ވަނަ ކުއާޓަރުގައި އޮޕަރޭޓިން ފައިދާގެ ގޮތުގައި ޖެހުނު 103 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު %58ގެ ވެއްޓުމެކެވެ.

އެމްޓީސީސީގެ މިދިޔަ އަަހަރުގެ އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީގެ ކުރީގެ ބޯޑް  ޑިރެކްޓަރުން (ދައުރު ފޮޓޯ/ހުސައިން ސުނައިން)

މިހާރުގެ އިސް ވެރިން ވިދާޅުވާ ގޮތުގައި އެމްޓީސީސީ މިއަދު އޮތް ހާލަތަށް ދިޔުމުގެ ފަހަތުގައި ވެސް ވަނީ އެ ކުންފުނީގެ އެންމެ އަގުހުރި މުދަލަށް ލިބިފައިވާ ގެއްލުންތަކާއި، ކުއްޔަށް ތަކެތި ނެގުމާއި، ކުންފުންޏަށް ގެއްލުންވާ ގޮތަށް ތަންފީޒުކުރަމުން ދިޔަ ކަންކަމެވެ.

ނަމަވެސް އެމްޓީސީސީއަކީ އަބަދުވެސް ސަރުކާރުން ގިނަ އަދަދެއްގެ ފައިސާ ލިބެން އޮންނަ ކުންފުންޏެކެވެ. ސަރުކާރުގެ މަޝްރޫއުތައް ހިންގާތީ އޭގެ ފައިސާއަށް އެ ކުންފުނި ވަރަށް ބޮޑަށް ބަރޯސާވެ އެވެ. އެކަން މިދިއަ ހަތަރު ދުވަހު އެތަނުގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި އަދި މިހާރު މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ކުރިން އެތައް ފަހަރަކު ފާހަގަކުރެއްވި އެވެ.

މިދިއަ ސަރުކާރުގައި އެމްޓީސީސީއަށް ދީގެން އެތައް ބިލިއަން ރުފިޔާއެއްގެ މަޝްރޫއު ހިންގި އެވެ. ހިންގަން އުޅުނެވެ. އެކަމަކު އެ މަޝްރޫއުތަކަށް ލިބެން ޖެހޭ ފައިސާ ނުލިބޭ ނަމަ އެއީ ބޮޑު ދަރަންޏެކެވެ.

މަހާ ޖައްރާފެއް 'ނެތް'، ބާޖުތައް ކަނޑު އަޑީގައި

އެމްޓީސީސީގެ އެންމެ ބޮޑު ކޮންނަބޯޓު މަހާ ޖައްރާފުގެ ވާހަކަ ވެސް އާ މެނޭޖްމަންޓުން އިއްޔެ ދެއްކި އެވެ. އެކަމަކު މިދިއަ ސަރުކާރުގައި ވެސް އެމްޓީސީސީން ވަނީ އެ ކޮންނަބޯޓު ބޭނުންނުކުރެވޭތީ އެއީ މާލީ ބޮޑު ގެއްލުމެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. ޔޫއޭއީއަށް ފޮނުވައިގެން އެ މަރާމާތުކުރުމުގެ ކަންކަން ކުރީގެ މެނޭޖްމަންޓުން ވެސް ކުރި އެވެ.

"އެމްޓީސީސީގެ ޑްރެޖިން ފްލީޓުގައި ފަސް ޑްރެޖަރެއް އެބަ އޮތް. މީގެ ތެރެއިން އަޅުގަނޑު މިތަނާ ހަވާލުވި އިރު، އެންމެ އެއްޗެއް މޮބިލައިޒްކޮށް މަސައްކަތް ކުރަމުންދަނީ،" ޒިޔާދު ވިދާޅުވި އެވެ. އެގޮތުން:

  • ބޭނުންކުރެވޭ ހާލަތުގައި އޭރު އޮތީ ބޮޑު ޖައްރާފު އެކަނި؛ އެ ޑްރެޖަރު ބޭނުންކުރަމުންދަނީ ތ. ހިރިލަންދޫގެ ބިން ހިއްކުމަށް

  • އަނެއް ހަތަރު ޑްރެޖަރު އޮތީ، މަރާމާތު ކުރުން ނުވަތަ ރޭވުމުގެ މަރުހަލާގައި ނުވަތަ އިމޮބިލައިޒް ވެފައި؛ މިހާރު އޭގެން ތިން ޑްރެޖަރު ވަނީ މޮބިލައިޒް ކުރެވިފައި

އެމްޓީސީސީގެ ޑްރެޖަރު މަހާ ޖައްރާފު: މިއީ އެ ކުންފުނީގެ އެންމެ ބޮޑު ޑްރެޖަރު (ފޮޓޯ/އެމްޓީސީސީ)

އެކަން އެހެންވީ، ސީއީއޯ ވިދާޅުވި ގޮތުގައި، އެ އުޅަނދު ގެނައި ދުވަހުން ފެށިގެން، ބޭނުންކުރުމާއި މެއިންޓެނަންސްގެ މަސައްކަތުގައި ފަރުވާކުޑަ ކޮށްފައި ވުމުންނެވެ.

މަހާ ޖައްރާފަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހޯދި، އޭރު ސިފަކުރި ގޮތުން ނަމަ، އެމްޓީސީސީއަށް ކުރެވުނު އެންމެ ރަނގަޅު އިންވެސްޓްމަންޓެވެ.

"ކޮންމެ މެޝިނަރީއެއް ވެސް އެ ބޭނުންކުރާ ވަގުތުތަކަކާ، އެއަށް ބޭނުންވާ ރެސްޓާ، ބަރާބަރަށް ތެޔޮ ބަދަލުކުރުމާ، އެ މެޝިނަރީގެ ވަރަށް ގިނަ ކަންތައްތައް ހުންނާނެ. މި ޕްރޮސީޖާ ރަނގަޅަށް ފޮލޯ ނުކުރެވުމުގެ ސަބަބުން، އެންޓިސިޕޭޓް ވެސް ނުކޮށް ހުރި ވަރަށް ގިނަ މައްސަލަތައް، ފަހަރަކު ކަމެއް ފަހަރަކު ކަމެއް ފެންމަތިވަމުން ދިޔައީ،" ޒިޔާދު ވިދާޅުވި އެވެ.

އެމްޓީސީސީގެ އާމްދަނީގެ ތިންބައި ކުޅަ އެއްބައި އަންނަނީ އެ ކުންފުނީގެ ޑްރެޖިން ފްލީޓުންނެވެ. އެ ފްލީޓަށް އެންމެ މުހިއްމު އުޅަނދު ކަމަށްވާ މަހާ ޖައްރާފުގެ ބޭނުން އެއްގޮތަކަށް ވެސް ނުހިފޭތީ، އެމްޓީސީސީގެ ޗީފް ޕްރޮޖެކްޓްސް މެނޭޖްމަންޓް އޮފިސަރު އަހުމަދު ލަތީފް ވެސް ވިދާޅުވީ ކުންފުންޏަށް ލިބޭ ފައިދާ ވަރަށް ބޮޑުތަކުން ކުޑަވެފައިވާ ކަމަށެވެ.

ލަތީފް ވަނީ އެމްޓީސީސީގެ އިންޓަނޭޝަނަލް ލޮޖިސްޓިކްސް ފްލީޓާ ބެހޭ ގޮތުން ވެސް ވާހަކަދައްކަވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި:

  • އެ ފްލީޓުގައި އޮންނަނީ ފަސް ބާޖު؛ އޭގެ ތެރެއިން ތިން ބާޖު ވަނީ އެކި ސަބަބުތައް ދިމާވެގެން އަޑިއަށް ގޮސްފައި

  • ބައެއް ބާޖުތައް އަޑިއަށް ގޮސްފައިވަނީ ހިލަޔާ ވެސް އެއްކޮށް؛ މުދަލާ އެއްކޮށް އެ ތިން ބާޖުގެ އަގު ގާތްގަނޑަކަށް 90 މިލިއަން ރުފިޔާއަށް އަރާ

  • އޭގެ ތެރެއިން ތަންކޮޅެއް ތިލައިގައި އޮތް އެއް ބާޖު ސެލްވޭޖު ކުރެވޭނެ؛ މިހާރު އެ ބާޖުގައި ހުރި ހިލަތައް ނެގުމުގެ މަސައްކަތް ދަނީ ކުރަމުން

ށ. އަތޮޅުގައި އެމްޓީސީސީގެ ބާޖެއް އަޑިއަށް ދަނީ

ބާޖުތައް ނެތި އެއްރަށުން އަނެއް ރަށަށް ތަކެތި ނުގެންދެވޭނެ ކަން ފާހަގަކުރައްވާ ސީއީއޯ ޒިޔާދު ވިދާޅުވީ، އެންމެ ދެ ބާޖު ބޭނުންކޮށްގެން މަޝްރޫއުތައް ކުރިއަށް ގެންދަނީ ވަރަށް ބައިވަރު ގޮންޖެހުންތަކާ އެކު ކަމަށެވެ. ފްލީޓު އެހާ ކުޑަވުމުން ލޮޖިސްޓިކްސްއަށް ބުރޫއަރާ، މަޝްރޫއުތަކުގެ ދުވެލި އިންތިހާއަށް ލަސްވެ އެވެ.

"އަޅުގަނޑުމެންނަށް އެންމެ ޔަގީންވަނީ، އަޅުގަނޑުމެންގެ މޫވިން އެސެޓްސް، ބާޖު ކޮޅަކާއި ލޭންޑިން ކްރާފްޓް ކޮޅެއް އިތުރު ކުރެެވިއްޖެ ނަމަ، އަޅުގަނޑުމެން މިހާރު މިގެންދާ ސްޕީޑް ވަރަށް ބޮޑުތަން ހަލުއި ވެގެންދާނެ،" އެ ހާލަތުގައި ސްޕީޑު ދެ ގުނަ ކުރެވޭނެ ކަމަށް ޒިޔާދު އަންދާޒާ ކުރެއްވި އެވެ.

އޭނާ ވިދާޅުވީ، މާލީ އިދާރާތަކާ ވާހަކަ ދައްކައިގެން، ފްލީޓް ބޮޑުކުރަން ލޯނެއް ނަގަން ކުރަމުން އަންނަ މަސައްކަތުގައި ފަހި މަގުތަކެއް ފެންނަ ކަމަށެވެ. އެމްޓީސީސީގެ އަމާޒަކީ އަދި އިތުރު ދެތިން ބާޖު ހޯދުމެވެ. ސެލްވޭޖު ކުރެވޭ ބާޖު ވެސް މަރާމާތު ކޮށްގެން ބޭނުންކުރެވޭނެ ކަމަށް މެނޭޖުމަންޓުން އުންމީދު ކުރެ އެވެ.

ސެންޓާރާ ހޮޓެލްސް އެންޑް ރިސޯޓްސްއިން މާލެ އަޮޅު ވައްޓަރުފަޅުގައި އަލަށް ހަދާ ތިން ރިސޯޓަށް އެމްޓީސީސީން ބިން ހިއްކާފައި.

ކުރީގެ އިސް ވެރިންނަށް ބޮޑެތި ފާޑުކިޔުންތަކެއް

ގެއްލުމުގައި ހިންގަމުން އައި އެމްޓީސީސީއާ ހަވާލުވެ، އޭނާގެ ބެލުމުގެ ދަށުން އެއީ ފައިދާވާ ކުންފުންޏަކަށް ހަދައިދީފައިވާނެ ކަމަށް އާޒިމް އަބަދު ވެސް ވިދާޅުވެ އެވެ. މޭޔަރު އިންތިހާބުގައި އޭނާއަށް ވޯޓުލާންވީ އެންމެ ބޮޑު އެއް ސަބަބުގެ ތެރޭގައި ވެސް އާޒިމް އެކަން ފާހަގަކުރެއްވި އެވެ.

ނަމަވެސް، މިހާރު އެމްޓީސީސީގައި ތިއްބެވި އިސް ވެރިންނަށް، އާޒިމްގެ ބެލުމުގެ ދަށުން ކަންކަން ދިޔަ ގޮތް ރަނގަޅެއް ނޫނެވެ. މަޝްރޫއުތައް ވެސް، އިދާރީ ކަންކަން ވެސް، ފައިސާ ހަރަދުކުރި ގޮތް ވެސް ގޯހެވެ. ލަތީފް ފާހަކުރެއްވި ގޮތުގައި:

  • މަޝްރޫއުތަކަށް ބޭނުންވާ ވަސީލަތްތައް ފުރިހަމައަށް ދެވިފައެއް ނެތް؛ ރިސޯސް މެނޭޖުކުރުމުގައި ބޮޑެތި މައްސަލަތަކެއް ހުރި

  • އެކަމުގެ ސަބަބުން މަޝްރޫއުތަކުގެ ހަރަދު އިންތިހާއަށް ބޮޑުވެ، މަޝްރޫއުތަކުން ލިބެންވާ ފައިދާގެ ބޮޑު ބައެއް ގެއްލިފައިވޭ

  • ރިސޯސް އެސެސްމެންޓެއް ހަދާ، ވަސީލަތްތައް ބޭނުންވާ ދާއިރާތައް ފާހަގަކޮށް، ރަނގަޅަށް ވަސީލަތްތައް އެލޮކޭޓް ކުރުމުގެ މަސައްކަތް ދަނީ ކުރަމުން

މީގެ އިތުރުން، އޭނާ ވިދާޅުވީ، ކަމާ ބެހޭ ފަރާތްތަކުން ހުއްދަ ނުހޯދާ މިދިޔަ ސަރުކާރުގައި މަޝްރޫއުތައް ހިންގާފައިވާ ކަމަށެވެ.

"އެމްޓީސީސީގައި އެބަ އޮތް ކުރީގެ މެނޭޖުމަންޓުން ގާތްގަނޑަކަށް 15 މަޝްރޫއެއްގެ މަސައްކަތް ހުއްދަ ހޯދަން ޖެހޭ ފަރާތުގެ ހުއްދަ ނުހޯދާ ކޮށް ނިންމާފައި. މި މަސައްކަތުގެ އަގު ގާތްގަނޑަކަށް 200 މިލިއަނެއްހާ ރުފިޔާއަށް އަރާ،" ލަތީފް ވިދާޅުވި އެވެ.

މިހާރުގެ ޓީމުން ދަނީ، ކަމާ ބެހޭ އިދާރާތަކާ ވާހަކަދައްކައިގެން ހުއްދަ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ހުއްދަ ނުހޯދާ މަސައްކަތް ކުރުމުގެ އިތުރުން، މަސައްކަތަށް ތަކެތި ކުއްޔަށް ނެގުމުގައި ވެސް ކުންފުންޏަށް ގެއްލުންވާ ގޮތަށް އަމަލު ކޮށްފައިވާ ކަން އެބޭފުޅުން ފާހަގަކުރެއްވި އެވެ.

އެމްޓީސީސީއިން ހއ. ދިއްދޫގެ ބިން ހިއްކާ މަޝްރޫއުގެ އަމަލީ މަސައްކަތް ކުރަނީ. (ފޮޓޯ/އެމްޓީސީސީ)

"މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ބައެއް ބާޖު އެއްޗެހި އެބަހުރި ކުއްޔަށް ވެސް ނަގާފަ ކުރީގެ މެނޭޖުމަންޓުން. ނަގައިގެން، ހަމަ އެމާޖެންސީކޮށް އެ ބާޖުތަކުގެ މުއްދަތު އިތުރުކުރަމުން ގޮސް، ގާތްގަނޑަކަށް ތިން ހަތަރު އަހަރު ވީ އިރު، އެ ބާޖުގެ އަގު ވެސް އެބަހުރި ޖެހިފައި، ކުލިން،" ޒިޔާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި މިހާރު އޮތް ޓީމުން މަސައްކަތް ކުރަމުންދާނީ މިދިޔަ ދައުރުގައި ކުންފުންޏަށް ގެއްލުންވާ ގޮތަށް ކޮށްފައިވާ މިފަދަ ނުރަނގަޅު ކަންކަމުން ފިލާވަޅު ނަގައިގެން ކަމަށެވެ.

މައްސަލަތައް ހައްލު ކުރެވޭނެ؛ މަސައްކަތް ފަށައިފިން

އެމްޓީސީސީގެ އިސް ވެރިން ތަކުރާރުކޮށް ވިދާޅުވަމުން ދިޔަ އެއް ވާހަކަ އަކީ، އެބޭފުޅުންނަށް ފާހަގަކުރެވިފައިވާ ކަންކަމަށް ހައްލެއް ގެންނަން މަސައްކަތް ފަށާފައިވާ ކަމެވެ. ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލް ވެސް ފޯރުކޮށްދެއްވި އެވެ.

ސީއީއޯ ވިދާޅުވި ގޮތުގައި، މިވަގުތު ހުރި ބޮޑެތި މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ދާއިރު، އެންމެ އިސްކަމެއް ދީގެން ކުރާ ބައެއް ކަންކަމަކީ:

  • ގޮންޖެހުންތަކާ އެކު ވެސް ފަށާފައިވާ ހުރިހާ މަޝްރޫއުތަކެއް، އެ މަޝްރޫއު ރޭވިފައި އޮތް ގޮތަށް ކޮށް ނިންމައިދިނުން

  • މައްސަލަތަކުގެ ތަފްސީލްތައް ދެނެގަންނަން އޮޑިޓްތައް ހެދުން؛ މިހާރު ބައެއް އޮޑިޓްތައް ހަދާ ނިމިފައި ވެސް ވޭ

  • ހަމައެކަނި މަޝްރޫއުތަކަށް ބަރޯސާވުމުގެ ބަދަލުގައި ވިޔަފާރި ފުޅާކުރުމުގެ މަސައްކަތް ވަނީ ފަށާފައި؛ އެއާއެކު ބޭރު ފައިސާ ލިބުން ވެސް ފަހިވާނެ

އެމްޓީސީސީގެ ސީއީއޯ އަބްދުﷲ ޒިޔާދު. (ދައުރު ފޮޓޯ/މުހައްމަދު އަމާން)

ސީއެފްއޯ މަނިކު ވިދާޅުވީ ކުންފުންޏަށް ލިބެން ޖެހޭ ފައިސާ ރިކަވާ ކުރުމަށްޓަކައި،  މެނޭޖުމަންޓުގެ ވިސްނުން ހުރީ، ކުންފުނި ސިންދަފާތުކޮށް ޕްރައިވެޓް މަޝްރޫއުތައް އިތުރަށް ނަގަން ކަމަށެވެ.

"ޕްރައިވެޓް ޕްރޮޖެކްޓްސްއަށް  ޑައިވާސިފައި ކޮށްފައި އަޅުގަނޑުމެން ބޭނުންވަނީ ޕްރައިވެޓް ޕްރޮޖެކްޓްސް އިން ޑޮލަރުން އިންކަމް ޖެނެރޭޓް ކުރަން،" އޭނާ ވިދާޅުވި އެވެ.

އޭރުން، މުދަލާއި މެޓީރިއަލް ގަންނަން ބޭނުންވާ ޑޮލަރު ދެމެހެއްޓެނިވި ގޮތެއްގައި ލިބި، ހަރަދުތައް ކުޑަކޮށް، އެމްޓީސީސީން އެހެން ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާ ދެއްކުމުގައި ވެސް ލުޔެއް ލިބޭނެ ކަމަށް މަނިކު ވިދާޅުވި އެވެ. އެގޮތުން، އޭނާ ވިދާޅުވީ:

  • ޖެނުއަރީ މަހު 19 މިލިއަން ޑޮލަރުގެ މަޝްރޫއެއް ފަށާފައިވާ ކަމަށް

  • އޭގެ އިތުރުން 1.1 މިލިއަން ޑޮލަރުގެ މަޝްރޫއެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައި

"އަބަދުވެސް އަޅުގަނޑުމެންގެ ކުންފުނި މި އޮންނަނީ ސަރުކާރުން ހިންގާ ޕްރޮޖެކްޓުތަކެއް ހިންގައިގެން ފައިސާ ކޮޅެއް ލިބިގެން އަޅުގަނޑުމެން މެނޭޖުކުރަމުން މިދަނީ. އެ ވިސްނުން އަޅުގަނޑުމެންގެ މިހާރުގެ ކުންފުނިން ދޫކޮށްލައިފިން. އަޅުގަނޑުމެން ބޭނުންވަނީ އެހެން އޭރިއާތަކަށް ފޯކަސް ކޮށްގެން، އަޅުގަނޑުމެންނަކީ ސެލްފް-ސަފިޝަންޓް ކުންފުންޏެއްގެ ގޮތުގައި ހެދުން،" ސީއެފްއޯ ވިދާޅުވި އެވެ.

އެގޮތުން، އޭނާ ފާހަގަކުރެއްވީ، ފަތުރުވެރިކަމުގެ ދާއިރާއިން ފަޅު ހިއްކައިގެން އިންވެސްޓަރުންނަށް ވިއްކުމާއި، މަސްވެރިކަމުގެ ދާއިރާއަށް އިންވެސްޓު ކުރުން ފަދަ ސްޓްރެޓީޖިކް ވިސްނުންތަކެކެވެ.

ކޮމެންޓް (2)

އަހްމަދު މައުސޫމް

7 މާރިޗު 2024
ސަރުކާރުގެ ބޮޑެތި ކުންފުނިތައް ހިންގުމަށް އިހްލާސްތެރިންގެ އިތުރުން އޮޕަރޭޝަންސް މެނޭޖްމަންޓް ރަނގަޅަށް އެނގޭ މީހުން ވެސް ހުންގާނަށް ލުން މުހިންމު. އަހަރަކު އާންމުންގެ އެތައް ބިލިއަން ރުފިޔާއެއް ފެނަށް. ރާއްޖޭގައި ނެތީކީ ނޫން އެ ފެންވަރުގެ މީހުން. ހޯދަން މަސައްކަތް ކޮށްގެން ހޯދާފަ އެމީހުންނަށް އެ ވަޒީފާތައް ދީބަލަ. އެކަމު އެކަން ވެސް ވާނީ ގައުމަށް ހެޔޮ އެދޭ ބަޔަކު ހިންގުމާ ހަވާލުވެގެންތާ. ކޮންމެ މީހަކު ވެސް ދެކެނީ އެމީހަކަށް ކޮންމެ ކަމެއް ވެސް ކުރެވިދާނެ ކަމަށް. އިލެކްޓްރިޝަނަކަށް ސާޖަރީއެއް ހަދާލެވިދާނެ ފަދަ ގޮތަކަށް.
0 0

ބެއްޔާގެ ދަރި

7 މާރިޗު 2024
އާޒިމްއަކީ އެމްޓީސީސީއާ އެއްވަރުގެ އަމިއްލަ ވިޔަފާރިއެއް ކޮޅަށް ޖެއްސެވުމުގައި މޭސްތިރިއެއް. ދެން އެހެންވީމާ ކާކު ދައްކާ ވާހަކަ ގަބޫލުކުރެވޭނީ
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް