ހޯމްލޭންޑް ސެކިޔުރިޓީ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަ އަލީ އިހުސާން (ދައުރު ފޮޓޯ/މުހައްމަދު އަމާން)

ކޮރަޕްޝަން

3.6 މިލިއަން ޑޮލަރާއި ޕޮލިސް ސްޓޭޝަންތައް: މިއީ ކިހިނެއްވާ ކަމެއް؟

ކުރީ ސަރުކާރުން މަޝްރޫއު ހަވާލުކުރި ކުންފުންޏާ ގުޅޭނެ ގޮތެއް ވެސް ނެތް ކަަމަށް ހޯމް މިނިސްޓަރު އިހުސާން ވިދާޅުވިތާ އަނެއް ދުވަހު އެ ކުންފުނީގެ ބައިވެރިން ތިބީ މިނިސްޓްރީގައި

މުހިންމު ނުކުތާތައް

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ އިހުސާން ކަންކަން އޮޅުވާލެއްވީ ކަމަށް

ދީފައި ހުރި ފައިސާއާ އެއްވަރަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށް އިންޑިއާ ކުންފުނިން އެއްބަސް

އެކަމަކު އެ މަޝްރޫއު ފެށޭނީ ސަރުކާރުން ބަލަން ބޭނުންވާ ކަންކަން ބަލަައި، އޮޅުންފިލުވާފައި

މި ސަރުކާރުން ބުނީ މިހެންނެވެ؛ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 61 ޕޮލިސް ސްޓޭޝަން އަޅަން މިދިޔަ ސަރުކާރުން އިންޑިއާ ކުންފުންޏަކަށް 3.6 މިލިއަން ޑޮލަރު (55 މިލިއަން ރުފިޔާ) ދިނެވެ. އެކަމަކު އެ ފައިސާ 'ވީނުވީއެއް ނޭނގި ގެއްލުނީ' އެވެ.

އެ މައްސަލަ މިހާރުގެ ސަރުކާރުން ވަނީ ފުލުހަށް ހުށަހަޅާފަ އެވެ. ފައިސާއަށް ވީ ގޮތެއް ނޭނގޭ އިރު، ފައިސާ ދިން އިންޑިއާ ކުންފުނި 'ހުރި ތަނެއް ވެސް' ނޭނގޭ ކަމަށް ސަރުކާރުން ބުނެ އެވެ.

މި ހުރިހާ ވާހަކައެއް ދެއްކެވީ މިދިއަ އަންގާރަ ދުވަހު ހޯމް މިނިސްޓްރީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ހޯމް މިނިސްޓަރު އަލީ އިހުސާން އެވެ.

މި ކޮރަޕްޝަންގެ ތުުހުމަތާ އެކު، ކުރީ ސަރުކާރުގެ 'ބޮޑު ޖަރީމާއެއް' އަނެއްކާވެސް ފަޅާއެރީ ކަމަށް، ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުން ބުނެ އެވެ. ކުރީ ސަރުކާރަށް އަމާޒުވެފައިވާ ފާޑުކިޔުމާއި ރުޅިވެރިކަން ބޮޑުވީ އެވެ. ކުރީ ސަރުކާރުން "ރާއްޖޭގެ މާލިއްޔަތު ކައި ހުސްކޮށްފައި" ވާ ކަމަށާއި، އަދިވެސް ނޭނގި މިފަދަ އެތައް ކަމެއް ކޮށްފައި ހުންނާނެ ކަމަށް، މި ސަރުކާރަށް ސަޕޯޓްކުރާ މީހުން ބުނެ އެވެ.

ނަމަވެސް ކުރީ ސަރުކާރުގެ އިސް ވެރިން އެ ތުހުމަތުތައް ދޮގުކުރައްވަ އެވެ. ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވާ ގޮތުން ނަމަ އިހުސާނަށް "ރަނގަޅަށް މައުލޫމާތު ނޭނގެނީ" އެވެ. ރައްޔިތުންނަށް "އޮޅުވާލަނީ" އެވެ. ޕޮލިސް ސްޓޭޝަންތައް އަޅަން ކުރި ހުރިހާ މުއާމަލާތެއް ކުރީ ރަނގަޅު ކަމަށާއި މިހާރު ވެސް މި ސަރުކާރަށް އޭގެ އަމަލީ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ކަމަށް ވިދާޅުވި އެވެ.

މިއީ އާންމުކޮށް ވާ ގޮތެކެވެ. ކޮންމެ ވެރިކަމެއްގައި ވެސް ރައްޔިތުން ތިބެން ޖެހެނީ ކުރީ ސަރުކާރާއި މި ސަރުކާރާ ދެމެދު ތާށިވެފަ އެވެ. ތެދެއް، ދޮގެއް ނުބަލައި ސިޔާސީ ބޭފުޅުން ކުރައްވާ ތުހުމަތުތަކާއި އަޅުވާ އިލްޒާމްތަކާއި ހިންގާ ކޮރަޕްޝަންގެ އަމަލުތަކުގެ ތެރޭގައި ވެރިކަމަކަށް ފަހު ވެރިކަމެއް ނިމިގެންދަނީ އެވެ.

61 ރަށުގައި ޕޮލިސް ސްޓޭޝަން

ފުލުހުންގެ ހިދުމަތް ފުޅާކުރުމުގެ ގޮތުން ރާއްޖޭގެ 61 ރަށެއްގައި ޕޮލިސް ސްޓޭޝަން އިމާރާތް ކުރަން އިންޑިއާގެ ޖޮއިންޓް-ވެންޗާ (ޖޭވީ)އެއް ކަމަށްވާ އޭބީއެލް އިންދިރާ ޕްރޮޖެކްޓްސްއާ ހަވާލުކުރީ 17 ޖުލައި 2021ގަ އެވެ. މި ޖޮއިންޓް-ވެންޗާ އުފެއްދީ އިންޑިއާގެ ދެ ކުންފުނި ކަމަށްވާ އަޝޯކާ ބިލްޑްކޮން އާއި އިންދިރާ ޕްރޮޖެކްޓްސް އެންޑް ޑިވެލޮޕްމެންޓްސް ގުޅިގެންނެވެ. މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ:

  • ފުލުހުންގެ ފަރާތުން އޭރުގެ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު

  • އޭބީއެލް އިންދިރާ ޕްރޮޖެކްޓްސްގެ ފަރާތުން އެ ކުންފުނީގެ ފައުންޑަރު އަދި ޗެއާމަން ބުޕޭޝް ނާގަރާޖަން

އަގުގެ ގޮތުން ބަލާ ނަމަ 48 މިލިއަން ޑޮލަރު (740 މިލިއަން ރުފިޔާ)ގެ މި މަޝްރޫއު ހަވާލުކުރީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ފައިނޭންސް ކުރަން ހަމަޖެހިފައި އޮތީ، އިންޑިއާގެ އެގްޒިމް ބޭންކާއި ދިވެހި ސަރުކާރާ އެކު ވެވޭ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. މަޝްރޫއުގެ %85 އެގްޒިމް ބޭންކުން ފައިނޭންސް ކުރާ ގޮތަށެވެ. ބާކީ %15 ހަމަޖައްސަން ޖެހެނީ ސަރުކާރުންނެވެ.

އޭގެ ފަހުން ފަހު ދެ އަހަރު ވާން ދާއިރު ވެސް އެ މަޝްރޫއުގެ އަމަލީ މަސައްކަތް ނުފެށެ އެވެ. މަޝްރޫއަށް އެޑްވާންސް ފައިސާ ދެއްކުމަށް ފަހު މަސައްކަތް ނުފަށާތީ، މާޗު 2023ގައި އޭރުގެ އިދިކޮޅު މެމްބަރުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއަށް ރައްޔިތުންގެ މަޖިލީހުގައި ސުވާލުކުރެއްވި އެވެ.

އަމީރު ވިދާޅުވީ ހުރިހާ ކަމެއް ވެސް ކުރީ އުސޫލުތަކާ އެއްގޮތަށް ކަމަށް (ދައުރު ފޮޓޯ/ހުސައިން ސުނޭން)

އިމްރާން ވިދާޅުވީ މިހެންނެވެ؛ އެ މަޝްރޫއު ފަށަން ރާއްޖޭގެ ފަރާތުން ކުރަން ޖެހޭ ހުރިހާ ކަމެއް ވަނީ ކޮށް ނިމިފަ އެވެ. ސަރުކާރުގެ ފަރާތުން ދައްކަން ޖެހޭ %15 އޮތީ މާޗު މަހު ދައްކައިފަ އެވެ. ކުރިއަށްދަނީ އެ މަސައްކަތަށް އެގްޒިމް ބޭންކުގެ ފަރާތުން ލޯނު ހަމަޖެއްސުމުގެ މަސައްކަތެވެ. އުންމީދު ކުރަނީ އެ އަހަރުގެ ތެރޭގައި ހުރިހާ ޕޮލިސް ސްޓޭޝަނެއްގެ މަސައްކަތް ވެސް ފެށޭނެ ކަމަށެވެ.

ނަމަވެސް އެކަމަށް ކުރިއެރުމެއް ނުލިބި އޮއްވާ ބަދަލުވީ ވެރިކަމެވެ. ދެން 'ބިތު ފަންގި ނަގާފައި' މި ސަރުކާރުން ދެއްކީ ކުރީ ސަރުކާރުގެ ފެއިލްވުމެވެ. ރައްޔިތުންގެ ފައިސާއަށް 'ހިޔާނާތްތެރި' ވުމެވެ. އިހުސާން ވިދާޅުވި ގޮތުގައި 3.6 މިލިއަން ޑޮލަރު ދައްކާފައި އެއްވެސް އަމަލީ މަސައްކަތެއް ނުކޮށް އޮއްވައި: 

  • އިންޑިއާގެ އެގްޒިމް ބޭންކުން މަޝްރޫއަށް ދޭނެ ކަމަށް ބުނި ލޯނު ނުދޭން ނިންމާފައިވާ ކަމަށް އިންދިރާ ޕްރޮޖެކްސްޓް އިން، އެޕްރީލް 2023ގައި ސަރުކާރަށް އެންގި

  • އޭގެ ފަހުން ހިންގި މުއާމަލާތްތަކުން ވެސް ރާއްޖެއިން އިންދިރާ ޕްރޮޖެކްޓްސްއަށް ދެއްކި ފައިސާއަށް ވީނުވީއެއް ނޭނގޭ

  • އަޝޯކާ ބިލްޑްކޮން އާއި އިންދިރާ ޕްރޮޖެކްޓްސް އެންޑް ޑިިވެލޮޕްމަންޓް ގުޅިގެން އުފެެއްދި އިންދިރާ ޕްރޮޖެކްޓްސްގެ ޖޮއިންޓް-ވެންޗާ މި އަހަރު ޖެނުއަރީގައި ރޫޅުނު ކަމަށް އެ ކުންފުނިން އެންގި

"އަޅުގަނޑު މިއުޅެނީ އަދި އަދަށް ދާންދެން ވެސް މި ދެންނެވި ކުންފުނި ހުރި ތަނެއް ވެސް، އެ ކުންފުންޏާ ވާހަކަ ދައްކަން ޖެހޭ މީހެއް ވެސް، އެ ކުންފުނީގެ ފަރާތުން މިދެންނެވި ޕޮލިސް ސްޓޭޝަންތައް އަޅަން ކުރިއަށް ދާން ޖެހޭ ގޮތެއް ވެސް އަދި ނުހޯދިގެން،" އިހުސާން ވިދާޅުވި އެވެ.

ކުންފުންޏަށް ވީ ކިހިނެއް؟ 

ޖޮއިންޓް ވެންޗާގައި ބައިވެރިވާ ދެ ކުންފުންޏާ ބެހޭ މައުލޫމާތު ވެސް ގޫގުލް ކޮށްލުމުން ލިބެން އެބަ ހުއްޓެވެ. މި މަޝްރޫއަށް ހަދާފައިވާ ޖޮއިންޓް-ވެންޗާގެ ދަށުން އުފެއްދި ކުންފުނީގެ ވާހަކަ އާއި ރާއްޖޭގައި ޕޮލިސް ސްޓޭޝަން އެޅުމުގެ މަޝްރޫއާ އެ ޖޮއިންޓް-ވެންޗާއިން ހަވާލުވި ވާހަކަ އިންޑިއާގެ ނޫސްތަކުގައި ވެސް ރިޕޯޓުކުރި އެވެ. އެގޮތުން:

  • އިންދިރާ ޕްރޮޖެކްޓްސް އެންޑް ޑިވެލޮޕްމެންޓްސްއަކީ ޗެންނާއީގައި 2010ގައި އުފެއްދި ކުންފުންޏެއް

  • މި ކުންފުނިން މައިގަނޑު ގޮތެއްގައި ހިންގަނީ އިންޖިނިއަރިން އާއި ޕްރޮޖެކްޓް މެނޭޖްމަންޓް، ޕްރޮޕަޓީ ޑިވެލޮޕްމަންޓް އަދި އެކްސްޕޯޓް އެންޑް ލޮޖިސްޓިކްސްގެ މަސައްކަތް

  • ޖޮއިންޓް ވެންޗާގެ ފައުންޑަރު އަދި ޗެއާމަންގެ ހައިސިއްޔަތުން ޕޮލިސް ސްޓޭޝަންގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިންދިރާ ޕްރޮޖެކްޓްސް އެންޑް ޑިވެލޮޕްމެންޓްސްގެ ވެސް ފައުންޑަރު އަދި ޗެއާމަން ބުޕޭޝް ނާގަރަޖަން

މި ކުންފުނީގެ އިތުރުން ދެން ޖޮއިންޓް ވެންޗާގައި ހިމެނެނީ އިންޑިއާގެ އެންމެ ބޮޑު 500 ކުންފުނީގެ ތެރޭގައި ހިމެނޭ ނަން މަޝްހޫރު އަޝޯކާ ބިލްޑްކޮން އެވެ. މިއީ 1976ގައި އުފެއްދި ކުންފުންޏެކެވެ. އިންޑިއާގައި ބިޔަ އިންފްރާސްޓްރަކްޗާ މަޝްރޫއުތަކުގެ އިތުރުން ރާއްޖޭގައި ވެސް މަޝްރޫއުތައް ހިންގަ އެވެ. އެގޮތުން:

  • ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ގެދޮރުވެރިޔާ ސްކީމްގެ ދަށުން މިހާރު އަޅާ 2،000 ހައުސިން ޔުނިޓުގެ މަސައްކަތް ކުރަނީ މި ކުންފުނިން

  • ދޫނިދޫގައި ޕޮލިސް ސްޓޭޝަން އެޅުމާއި، އެކޮމޮޑޭޝަން އަދި ކަސްޓަޑީ ފެސިލިޓީޒް އެޅުމުގެ މަސައްކަތް ވެސް އެ ކުންފުނިން ކުރާ ކަމަށް ވެބްސައިޓުގައި ވޭ

ކަން މިހެން ހުރި އިރު، ކުންފުނި ހުރި ތަނެއް އެއްވެސް ވަރަކަށް އެނގިވަޑައިނުގަންނަވާ ކަމަށް އިހުސާން ވިދާޅުވުމަކީ އަމީރުގެ ނަޒަރުގައި ކަނޑައެޅިގެން އިތުރުފުޅު ހެއްދެވުމެވެ.

"އަޅުގަނޑަށް އަޑުއިވިފައި އޮތް ގޮތުން، ހޯމް މިނިސްޓަރާ ވެސް އެބޭފުޅުން އެބަ ބައްދަލުކުރޭ، ކުންފުނީގެ އިސް ވެރިން، ޕްރޮޖެކްޓް ފަށަން ވެގެން،" އަމީރު ވިދާޅުވި އެވެ.

ފަހި ދިރިއުޅުމުގެ ބައެއް ފްލެޓްތައް ހަދަނީ އަޝޯކާއިން (ދައުރު ފޮޓޯ/ހުސައިން ސުނައިން)

އޭނާ ވިދާޅުވީ ބުދަދުވަހު ވެސް އިހުސާން އެބޭފުޅުންނާ ބައްދަލުކުރައްވަން ޝެޑިއުލް ކުރައްވާފައިވާ ކަމަށެވެ. އެހެން ކަމަށްވާ ނަމަ އެ ކުންފުނިތަކާ އެއްވެސް ވަރަކަށް ވާހަކަ ނުދެކެވޭ ކަމަށް އިހުސާން ވިދާޅުވީ ކީއްވެ ހެއްޔެވެ؟

އެކަމާ ބެހޭ ގޮތުން 'ދައުރު'ން ސުވާލު ކުރުމުން އިހުސާން ވިދާޅުވީ ކުންފުނީގެ އިސް ފަރާތްތަކުން އޭނާއާ ގުޅުއްވީ ނޫސްވެރިންގެ ބައްދަލުވުމަށް ފަހު ކަމަށެވެ.

"އަޅުގަނޑުމެން ޕްރެސް ކޮންފަރެންސް ބޭއްވީމާ އެ ބޭފުޅުން އަޅުގަނޑުމެންނަށް ގުޅުއްވީ. ގުޅުއްވައިގެން އަޅުގަނޑު އެ ބޭފުޅުންނާ [ބުދަދުވަހު] ބައްދަލުކުރިން،" ކުންފުނީގެ ބޭފުޅުންނާ މުއާމަލާތް ކުރައްވަމުން އަންނަ ކަމަށް އެއްބަސްވެވަޑައިގެން، އޭނާ ވިދާޅުވި އެވެ.

އެކަމަކު އެމްޑީޕީން ބުނަނީ އެއީ ވެސް ދޮގެއް ކަމަށެވެ. އޭގެ ކުރިން ވެސް ކުންފުންޏާ މި ސަރުކާރުން މުއާމަލާތު ކުރަމުން ދިޔަ ކަމަށް އެމްޑީޕީން ބުންޏެވެ.

"އެބޭފުޅުން އެ ނިއުސް ކޮންފަރެންސް ބާއްވާ އެ ވާހަކަ ދެއްކެވި އިރު ވެސް، އެ ވިދާޅުވާ ކުންފުނީގެ އިސް ބޭފުޅުން ރާއްޖޭގައި ތިއްބެވި. އަދި އެ ނޫސް ކޮންފަރެންސްގެ ކުރިން، ސަރުކާރުގެ އެކި އިދާރާތަކުން އެ ބޭފުޅުންނާ ބައްދަލުކުރި،" އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މަޖިލިސް އިންތިހާބަށް އެ ޕާޓީގެ ފަރާތުން ކަނޑައަޅާފައިވާ ތަރުޖަމާނު އަހުމަދު އީސާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ލިބިފައިވާ މައުލޫމާތު ގޯސް ކަމަށް ނުވާ ނަމަ، ފުލުހުންގެ ފަރާތުން ވެސް، ނޫސް ކޮންފަރެންްސްގެ ކުރިން ވެސް އެ ބޭފުޅުންނާ ބައްދަލުކުރެއްވި."

ސަރުކާރުން ދިން ފައިސާ ކޮބާ؟

ދެން އޮތީ ފައިސާގެ މައްސަލަ އެވެ. ފައިސާ އަސްލު ވެސް ދެއްކި ހެއްޔެވެ؟ ދެއްކި ފައިސާއަށް ވީ ކިހިނެއް ހެއްޔެވެ؟ ގާތްގަނޑަކަށް 3.6 މިލިއަން ޑޮލަރު އެ ކުންފުންޏަށް ދިނީ ރައްޔިތުންގެ ޓެކްސް ފައިސާއިން ހެއްޔެވެ؟ އެ ފައިސާ މިހާރު ކޮބާ ހެއްޔެވެ؟

އަމީރު ވިދާޅުވީ "ވީ ގޮތެއް ނޭނގި، ގެއްލުނު ފައިސާ"ކަމަށް މި ސަރުކާރުން އެ ބުނާ ފައިސާއަކީ، ޕޮލިސް ސްޓޭޝަންތަކުގެ މަސައްކަތް އަވަހަށް ފަށަން ބޭނުންވެގެން ފުލުހުންގެ އެދުމުގެ މަތިން އިންޑިއާ ސަރުކާރުން ދިން 5 މިލިއަން ޑޮލަރުގެ ހިލޭ އެހީން ހަމަޖެއްސި ބައެއް ކަމަށެވެ.

އެ ފައިސާގެ މުއާމަލާތް ހިންގީ އޮންނަ އިޖުރާއަތްތަކުގެ ދަށުން ކަމަށާއި، މަޝްރޫއުގެ އަމަލީ މަސައްކަތް މިހާރު ވެސް ކުރިއަށް ގެންދެވެން އޮތް ކަމަށް އަމީރު ވިދާޅުވި އެވެ. އެއަށް ވުރެ އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

ތުލުސްދޫގެ އާ ޕޮލިސް ސްޓޭޝަން ހަދަން ފެށުމުގެ ގޮތުން ކުރީގެ ސަރުކާރުން ބޭއްވި ހަފުލާ: އަމަލީ މަސައްކަތެއް ނުފަށާ (ފޮޓޯ/ ހޯމް މިނިސްޓްރީ)

"ފުލުހުންނަށް އެނގޭނެ ތީގެ ހުރިހާ މައުލޫމާތު. ނޯންނާނެ ގޯސް ކަމެއް. ދެން ހޯމް މިނިސްޓަރަކަށް މިހާރު ހުންނެވި ބޭފުޅާއަށް އޭގެ މައުލޫމާތު ރަނގަޅަށް ނޭނގި ހުރީ ކަމަށް ވާނީ،" އޭނާ ވިދާޅުވި އެވެ.

ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުއާ 'ދައުރު'ން ސުވާލު ކުރުމުން ވިދާޅުވީ ފިނޭންސް މިނިސްޓްރީ އާއި މޯލްޑިވްސް ޕޮލިސް ސާވިސްއާ ދެމެދު އެ ޕްރޮޖެކްޓާ ބެހޭ ގޮތުން ހިންގާފައި ހުރި ކޮމިއުނިކޭޝަންސްތައް ދިރާސާ ކުރަމުން އަންނަ ކަމަށެވެ. އޭނާ ފާހަގަކުރެއްވީ:

  • އެކަން އޮތް ގޮތް މިވަގުތު އެނގިވަޑައެއް ނުގަންނަވާ. ތަހުގީގަށް ކަންކަން ސާފުވުމުން މައުލޫމާތު ހާމަކުރާނެ

  • ފައިސާގެ މުއާމަލާތެއް ކޮށްފައިވާ ނަމަ އެކަމުގެ މައުލޫމާތު އެނގޭނީ ފިނޭންސް މިނިސްޓްރީއަށް؛ އެ ޕޭމަންޓުތައް ހަދާފައި ވާނީ އެ މިނިސްޓްރީން

އިތުރު މައުލޫމާތެއް ލިބޭތޯ މިހާރުގެ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގަށް ވެސް 'ދައުރު'ން ގުޅި އެވެ. ނަމަވެސް މީޑިއާއާ ދުރުކަމަށް ފާހަގަކުރެވޭ ޝަފީގުގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

އެއީ 'ގެއްލިގެން' އުޅޭ ފައިސާ ކަމަށް އިހުސާން ސިފަކުރެއްވި ނަމަވެސް ފަހުން ވިދާޅުވީ އިންދިރާ ޕްރޮޖެކްޓްސް އެންޑް ޑިވެލޮޕްމަންޓްސްއަށް އެ 3.6 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށެވެ.

އެ ކުންފުންޏާ ހަވާލާދީ އިހުސާން 'ދައުރު'އަށް ވިދާޅުވި ގޮތުގައި މިދިއަ ބުދަދުވަހު ބޭއްވި ބައްދަލުވުމުގައި، އެ ފައިސާ އިންދިރާ ޕްރޮޖެކްޓްސްގައި އޮތް ކަމަށް އެ ކުންފުނީގެ އިސް ވެރިން ވިދާޅުވެފައިވާ ކަމަށެވެ.

"އެމީހުން އެއްބަސްވި ހަމަ، [ކުރީ] ސަރުކާރުން ލިބިފައި އެބަ އިނޭ 3.6 މިލިއަން ޑޮލަރު،" އިހުސާން ވިދާޅުވި އެވެ.

ކަން އޮތް ގޮތް ނުބައްލަވާ ދެއްކެވުނު ވާހަކައެއް

"ކ. ތުލުސްދޫގައި 10 އޮގަސްޓް 2022ގައި މި އޮންނަނީ މަޝްރޫއު ފެށުމުގެ ގޮތުން ބިންގާ އަޅާފައި، އެރަށުގައި އަޅަން އޮތް ޕޮލިސް ސްޓޭޝަންގައި،" މަޝްރޫއުގެ މަސައްކަތާ ބެހޭ ގޮތުން ސުވާލު ކުރުމުން ސީޕީ ޝުޖާއު ވިދާޅުވި އެވެ.

"ހަމައެކަނި އެ މަސައްކަތް އެކަނި، އަމަލީ ގޮތުން، ލޮލަށް ފެންނަ ގޮތަކަށް ކޮށްފައި އޮތީ."

ޕޮލިސް ސްޓޭޝަންތައް އެޅުމުގެ މަސައްކަތަށް އަމަލީ އެއްވެސް ސިފައެއް އައިސްފައި ނުވާކަން އަމީރު ވެސް ގަބޫލުކުރައްވަ އެވެ. ނަމަވެސް އެއީ ކީއްވެގެންކަން ސީދާ ވިދާޅެއް ނުވެވުނެވެ. ވިދާޅުވީ "ދިމާވި އެކި ކަންކަމުގެ ސަބަބުން ލަސްވީ" ކަމަށެވެ.

ފުލުހުންގެ އިސް ވެރިންނާ އެކު އިހުސާން: ފުލުހުންނަށް އުމްރާނީ ވަސީލަތްތައް ބޭނުން (ފޮޓޯ/ފުލުހުން)

އިންދިރާ ޕްރޮޖެކްޓްސްއާ ހަވާލާދެއްވާ އިހުސާން ބައެއް ކަންކަން ފާހަގަކުރެއްވި އެވެ. އެގޮތުން ވިދާޅުވީ ؛

  • މަޝްރޫއުގެ އަމަލީ މަސައްކަތް ނުފެށި ލަސްވެގެން ދިޔައީ އޭރުގެ ސަރުކާރުން ހަމަޖައްސަން ޖެހޭ ކަންކަން ހަމަނުޖެހިގެން. އޭގެ ތެރޭގައި ބޭރުން ގެންނަން ޖެހޭ މީހުންގެ ކޯޓާ ހިމެނޭ

  • ސަރުކާރު ޕްރޮޖެކްޓަކަށް ކޯޓާ ނުލިބިގެން އުޅެން ޖެހޭނެ ކަމަށް ގަބޫލެއްނުކުރެވޭ

އެކަމަކު އަމީރު ވިދާޅުވީ "[މަޝްރޫއުގެ] ހުރިހާ ޕްރޮސެސްއެއް ގަވައިދާ އެއްގޮތަށް ކޮށްފައި އޮންނާނެ" ކަމަށެވެ. 

އޭނާ ވިދާޅުވި ގޮތުގައި އެއީ މިހާރު ވެސް ކުރިއަށް ގެންދަން ޖެހޭ ޕްރޮޖެކްޓެކެވެ. 

މި މަޝްރޫއުގެ ކަންކަން މިހާރު އޮތް ގޮތުގެ ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ އިންދިރާ ޕްރޮޖެކްޓްސްއަށް 3.6 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް ބުދަދުވަހުގެ ބައްދަލުވުމުގައި އެ މީހުން ބުނުމުން އެ ފައިސާއަށް ވާ ވަރަށް ޕޮލިސް ސްޓޭޝަންތައް އަޅައިދޭން ޖެހޭނެ ކަމަށް މިނިސްޓްރީން އެންގި ކަމަށެވެ. އަދި އެކަމަށް އެ ކުންފުނިން އެއްބަސްވި ކަމަށް ވެސް ވިދާޅުވި އެވެ.

ނަމަވެސް މިހާރު ފައިސާ ދީފައި ހުރި ވަރަށް މަސައްކަތް ކުރެވޭނީ، އޭނާ ވިދާޅުވި ގޮތުގައި،  އަދިވެސް އޮޅުންފިލުވަން ޖެހޭ ކަންކަން ބަލައިފަ އެވެ. 

ކުންފުނި "ގެއްލިއްޖެ" ކަމަށް އިހުސާން ވިދާޅުވާ ތަންކޮޅު މުޅިން ގޯސްކަމަށް ބުނެވޭކަށް ނެތެވެ. ސަބަބަކީ މަޝްރޫއު ހަވާލުކުރީ އިންޑިއާގެ ދެ ކުންފުންޏެއް ހިމެނޭ ޖޭވީއަކަށް ވެފައި، އެ ޖޭވީ މިހާރު އުވާލާފައިވުމެވެ. އެ ޖޭވީގައި ހިމެނޭ ވަކިވަކި ކުންފުނިތަކަކީ، މަޝްރޫއު ހަވާލުކުރި އަސްލު ކުންފުނި ކަމަށް ބެލޭކަށް ނޯންނާނެ އެވެ.

އެކަމަކު އަޝޯކާއިން ރާއްޖޭގައި މިހާރު ވެސް ބޮޑެތި މަޝްރޫއުތަކެއް ހިންގާތީ އެ ކުންފުނީގެ މަސްލަހަތެއް މީގައި ހިމެނެ އެވެ. އެހެންކަމުން މިހާރު ދީފައި ހުރި ފައިސާއަށް ވާ ވަރަށް މަސައްކަތްކޮށްދިނުމުގެ ފުރުސަތު އެބަ ހުޅުވެ އެވެ. 

ކޮމެންޓް (4)

އެޑްމުންޑޯ

20 މާރިޗު 2024
ބަލަ ދެއަހަރު ތިންއަހަރު ވާއިރު ވާނުވާ ނޭގި މަސައްކަތް ނުފެށިއޮތީ ކީއްވެގެންކަން ތިއަމީރަށް ނޭގުނީކީއްވެ ، ތިމާމެންގެ ނާގާބިލްކަން މިއެގިގެންދަނީ ،
1 0

ނަންނުގަތި

10 މާރިޗު 2024
ބްރިޖުމަސައްކަތް އަވަސް ކުރުމަށް ދޫކުރި އެއްސަތޭކަ މިލިއަން ޑޮލަރަށްވީ ގޮތް ސާފުކޮށްލަދި. ބްރިޖް އަދިވެސް ފެށި ހިސާބުގައި ފެނުންމަޗަށް އަރާގޮތެއްނުވޭ:
2 0

ބޯވަދިލަމަސް

10 މާރިޗު 2024
އިހުސާންގެ ވާހަކަ ގޯސްހެއްޔެވެ؟ މީގެ 1 އަހަރު ކުރިން އެޑްވާންސް ފައިސާ ދައްކާފައި، އަދިވެސް އިންޑިއާގެ އެގްޒިމް ބޭންކުން ލޯނުހަމަނުޖެހިގެން، މަސައްކަތް ނުފެށިފައިއޮތީމާ، އަމީރުމެން ލަދެއްނެތި "އިޖުރާތޭ" ކިޔާތީވެސް ލަދުގަނެއެވެ. މިދައްކަނީ "ސުޕަރ ޕަވަރ އިންޑިއާ" ގެ ވާހަކައެވެ. 43މިލިއަން ޑޮލަރު ހަމަޖެހޭނޭ ކެޕޭސިޓީ ނެތީހެއްޔެވެ؟ އަހަރެއް ވެގެން ދިޔައިރު، ދައުލަތުން ދެއްކި އެޑްވާންސަށް ކުޑަވެގެން އިންޓްރެސްޓް ލިބުނު ހެއްޔެވެ؟ އެގްޒިކުއުޓާސްއަށްވެސް ފައިސާދެއްކީ "އިޖްރާއަތް" ގެތެރޭން ނޫންހެއްޔެވެ؟ ހިންދުސްތާނުގެ ތައްޕާހަށްވެއްޓި، ބޮލުފޮށާއެޅުނުއިރުވެސް ހަމަ ނޭގެނީހެއްޔެވެ؟
8 1

ތެފައާސާ.

10 މާރިޗު 2024
ދޮގުހަދައި ކަންކަން އޮޅުވާނުލާން ރައީސް މުއިއްޒު އެހާވަރަށް އިލްތިމާސް ކުރައްވާއިރުވެސް ވަޒީރުން ދެވަނަކަމެއް ނުކުރޭ ދޯ؟
5 8

އިތުރު އާޓިކަލް

އިތުރު އާޓިކަލް