އޭ، ކުޑޫ! ރައްޔިތުންގެ މަޖިލިހަށް ކުރިމަތިލީތަ؟

މުހައްމަދު އިބްރާހިމް (ކުޑޫ) އެމްޑީޕީގެ ފަރާތުން ގަލޮޅު އުތުރު ދާއިރާއަށް ވާދަކުރައްވާއިރު މިއީ އޭނާ ދަންނަ ވަރަށް ގިނަ ބަޔަކަށް ހައިރާން ކަމެއް ވެސް މެ
6 މާރިޗު 2024
3

މުހިންމު ނުކުތާތައް

އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުން އީވާ އަބްދުﷲއާ ވާދަކުރައްވާ އިރު އެއީ އެންމެ ފުރަތަމަ އީވާގެ އިންތިހާބީ އެޖެންޓް

ކުރީގެ ރައީސް ވަހީދަކީ ޅިޔަނު، އެކަމަކު ސިޔާސީ އެއްވެސް ކަމެއް އާއިލާގެ ތެރެއަކަށް ނުވައްދާ

ސްޓާ ވޯޒްގެ ފިލްމުގެ ބޮޑު ބައެއް ރާއްޖޭގައި ނެގި އިރު ހުރިހާ ކަމެއް ބެލެހެއްޓުމުގެ ޝަރަފު ހޯއްދެވި

މިދިއަ އަހަރުގެ ޖުލައި މަހުގެ ދުވަހެއްގައި އޭނާގެ ފޭސްބުކްގައި ލިއުއްވި ޕޯސްޓަށް އެކަނި ބަލައިލިޔަސް އެކަހަލަ ފިޔަވަޅެއް އަޅުއްވާފާނެތޯ ސުވާލު އުފެދެ އެވެ. އޭނާ ލިއުއްވި އެވެ؛

"ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ލައިވްކޮށް ފެނުމުގެ 'ބަދުނަސީބު' މިއަދު ލިބުނެވެ. 'ސޮލަވާތް ފާތިހާ'އާ އެކު ރިޔާސަތުގައި އިންނެވި ބޭފުޅާ ވިދާޅުވީ ދެތިން ޖުމްލައެކެވެ. މަޖިލިސް ނިމުނީ އެވެ. ހަމަގައިމު ވެސް ތިން މިނިޓަށް ވުރެ ދިގެއް ނުވާނެ އެވެ. އެންމެ [ބޮޑު] މުސާރަ އާއި އިނާޔަތްތައް އާއިލާއަށް ދެމިގެންދާ 'ބޮޑެތި' ބޭފުޅުންނެވެ. މެންބަރުކަން އެއް ފަހަރު ކުރެއްވިޔަސް ދުނިޔެ އުމުރަށް ފައިސާ ލިބޭނެ ގޮތް ހަމަޖެހިފައިވާ ފަރާތްތަކެވެ. ކުރާނެ ކަމެއް ނެތެވެ. މަ ވެސް ވޯޓު ލީމެވެ. މި ބޭފުޅުން ހޮވީ ހަމަ އަހަރެމެންނެވެ. ކޮންމެ ފަސް އަހަރަކުން މި ހިނގާ ހުރިހާ ކަމެއްގެ ޒިންމާ ނަގަން ޖެހޭނީ ވެސް ހަމަ އަހަރެމެންނެވެ. މަ ވެސް އޭގައި ނުހިމެނޭނެ ހަމަ އެއްގޮތެއް ވެސް ނެތެވެ."

މި ދައްކަނީ މުހައްމަދު އިބްރާހިމްގެ ވާހަކަ އެވެ. ކޮން މުހައްމަދު އިބްރާހިމެއް ހެއްޔެވެ؟ މަޝްހޫރު ކުޑޫ އެވެ. ވަރަށް ގިނަ މީހުންނަށް އޭނާ އެނގޭނެ އެވެ. ދަންނާނެ އެވެ. ރައްޓެހިވާނެ އެވެ. ހިނިތުންވުން ނޫން ސިފައެއް، ގިނަ ފަހަރަށް، މޫނުމަތިން ނުދައްކާނެ އެވެ. ހިތްހެޔޮކަމާ އެކު ކޮންމެ މީހަކާ މުހާތަބުކުރައްވާނެ އެވެ. ބައެއް ފަހަރަށް ހުސްވުމެއް ވެސް ނެތް ވާހަކަތަކެވެ.

މިއަދު މުހައްމަދު އިބްރާހިމް އެ ހުންނެވީ އެއްކަލަ ރައްޔިތުންގެ މަޖިލިހަށް ކުރިމަތިލައްވައިގެންނެވެ. އޭނާގެ އުފަން ހިސާބުގަނޑު، ގަލޮޅު އުތުރު ދާއިރާއަށެވެ. އޭނާގެ އެހާމެ ގާތް ރައްޓެއްސެއް ކަމަށް މިހާރު ވެސް ބަލާ، އީވާ އަބްދުﷲއާ ވެސް ވާދަކުރައްވާ ގޮތަށެވެ. އެންމެ ފުރަތަމަ ރައްޔިތުންގެ މަޖިލިހަށް އީވާ ވެންނެވި 2009ގެ އިންތިހާބުގައި އިންތިހާބީ އެޖެންޓަކީ ވެސް މުހައްމަދު އިބްރާހިމެވެ.

އެއްގޮތަކުން މިހާރު ވެސް ސިޔާސީ ބޭފުޅެއް

އޭނާގެ ސޯޝަލް މީޑިއާގެ ޕޯސްޓްތަކަށް ބަލައިފި ނަމަ ސިޔާސީ މީހަކަށް ވުމަށް ވުރެ ބޮޑަށް ހުންނެވުން ގާތީ މަޖާ ސިފައެއްގައި، ކޮންމެވެސް ކަމަކަށް ފާޑުކިއުއްވާ ބޭފުޅެއްގެ ގޮތުގައި ކަމަށް އަހަރެމެންނަށް ހީވެދާނެ އެވެ. އެކަމަކު މުހައްމަދު އިބްރާހިމަކީ ސިޔާސީ ވެސް ބޭފުޅެކެވެ. ކަންކަމާ ފާޑުކިއުއްވާލެއް ގިނަކަމުން އެއްބަޔަކު ދެކެނީ އޭނާއަކީ މިހާރުވެސް 'ސިޔާސީ މީހެއް' ކަމަށެވެ.

"ސިޔާސީ މީހެއް ކަމަށް ބަލަނީ ސިޔާސީ މަގާމަކަށް ކުރިމަތިލުމުންތޯ،  ނޫނީ ސިޔާސީ މަގާމެއްގައި ހުންނަ މީހާއަށްތޯ، އެއީ ދެން ވަރަށް އެހެން ކަހަލަ ވާހަކައެއް،" ރައްޔިތުންގެ މަޖިލިހަށް ވާދަކުރެއްވުމާ ބެހޭ ގޮތުން 'ދައުރު'އަށް ދެއްވި ހާއްސަ އިންޓަވިއު  ފައްޓަވަމުން ވިދާޅުވި އެވެ.

"ރާއްޖޭގައި އެއްވެސް ކަމެއް ރަނގަޅުކުރަން މި ނުކުމެވެނީ ސިޔާސަތު ތަންފީޒުކުރަން ތިބޭ ހިސާބުން. އެ ހިސާބުން ސިޔާސީ މީހަކަށް ވަންޏާ އަހަރެން މިހާރު މިހުރީ ސިޔާސީ މީހަކަށް ވެފައި[އެކަމަކު] އަސްލު ނުދެކެން ސިޔާސީ މަގާމަކަށް ކުރިމަތިލީ ކަމަކަށް. ކުރިމަތިލީ ރައްޔިތުންނަށް ހިދުމަތްކުރެވޭނެ [ފުރުސަތަކަށް]."

ސްޓާ ވޯޒް ފިލްމުގެ ޝޫޓިން ލ. އަތޮޅުގައި ކުރިއަށް ދިޔަ އިރު މުހައްމަދު އިބްރާހިމް ލޮރީއެއްގައި: އަމިއްލަ ދިރިއުޅުން ކޮޅަށް ޖެއްސީ މި ގޮތަށް ވަރުބަލިކަމެއް ނެތި އަމިއްލަ މަސައްކަތް ކުރައްވައިގެން

ކަންކަން ރަނގަޅުކުރެވޭތޯ، ތަންފީޒީ ބާރުތަކާ ހަމައަށް ވަޑައިގަންނަވަން މިހާރު ވެސް މަސައްކަތްކުރައްވާކަން، އޭނާ ފާހަގަކުރެއްވި އެވެ. އެއީ ސޯޝަލް މީޑިއާގައި ބައެއް ކަންކަމަށް ފާޑުކިއުއްވާފައި ޕޯސްޓެއް ދޫކޮށްލައްވާ ހިސާބުން ނިންމާނުލައްވާތީ އެވެ. ރައްޓެހިން ގިނަ ބޭފުޅަކަށް ވާތީ މުހައްމަދު އިބްރާހިމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުން ފެށިގެން މިހާތަނަށް ރައީސްކަން ކުރެއްވި ކޮންމެ ރައީސެއް ވެސް ދެނެވަޑައިގަންނަވާ، އެ ބޭފުޅުންގެ ފޯނު ނަންބަރު ވެސް ގެންގުޅުއްވާ ބޭފުޅެކެވެ. އެހެންކަމުން އެ ޕޯސްޓްތަކުގެ "ސްކްރީންޝޮޓް ހަދާފައި އެކަމާ ގުޅޭ މީހުންނަށް، ވަޒީރުންނަށް ވެސް ފޮނުވަ' އެވެ.

"ބައެއް ފަހަރަށް ރައީސުންނަށް ވެސް ފޮނުވާފައި ހުންނާނެ،" ވާހަކަ ދައްކަވަމުން އައި ރާގު ކުޑަކޮށް ބަދަލުކޮށްލައްވާފައި، މަޑުމަޑުން ވިދާޅުވި އެވެ. 

އެ ބަހުގެ މާނައަކީ އެ މައްސަލައަކާ ގުޅޭ ގޮތުން ފިޔަވަޅު އެޅުމުގެ ބާރު އޮންނަ މީހުންނާ ހަމައަށް ވެސް އޭނާގެ ހިޔާލު ގެންދަވާކަމެވެ. ނަމަވެސް އެހާ ހިސާބުން ވެސް އަދި ޒިންމާގެ މަރުހަލާ ނުނިމެ އެވެ؛ ރައްޔިތުންގެ މަޖިލިހުގެ ގޮނޑި ފެނިވަޑައިގަންނަވަނީ އެހެންވެ އެވެ.

މުހައްމަދު އިބްރާހިމަށް މިހާރު ގަބޫލުކުރެއްވެނީ، ރައްޔިތުންގެ މަޖިލިހަށް ކުރިމަތިލާ އެހެން މީހުންނަށް ވެސް ވިސްނޭ ވިސްނުމެވެ؛ ދެން އެތަނަށް ނުގޮސް 'މިކަންކަން ކުރެވޭކަށް ނެތެ'ވެ.

"އަބަދު ރޭންޓްކުރިޔަސް [ހަޅޭއްލެވިޔަސް] ކަމަކުނުދާނެ. ކަމެއް ރަނގަޅުކުރަން ވަރަށް ގިނަ އަހަރުތަކެއް ނަގާ. ވަރަށް ގިނަ ގުރުބާނީތަކެއްވެގެން ކަމެއް ރަނގަޅު [ކުރެވެނީ]،" އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ [އެ ބަދަލު] ގެެނެވޭނެ މީހަކީ އަހަރެން ކަމަށް، އެއީ ދެން އަހަރެން ދެކޭ ގޮތް. އެހެން ލެވެލްއަކަށް ގެންދެވޭނީ ހަމަ ތަފާތު ބައެއް މީގެ ތެރެއަށް ނުކުމެގެން."

'ކުޑޫ'އަކީ އަސްލު ކާކު؟

ކިޔަވާ ވިދާޅުވީ މަޖީދިއްޔާ ސްކޫލުންނެވެ. ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒުގެ 'ފްރީޒް' ބޭންޑް އުފެއްދިއިރު އޭގެ ބޭސް ގިޓަރިސްޓެވެ. އޭގެ ފަހުން ކޮންސަލްޓެންސީގެ މަސައްކަތްތަކެވެ. ދެން ބްލޫ އެންޑް ވައިޓް ނަމުގައި ކުންފުންޏެއް އުފައްދަވައި، ބޭރުގެ ފިލްމު އުފެއްދުންތެރިންނަށް ރާއްޖެ ހުޅުވާލަދެއްވި އެވެ.

ސްޓާ ވޯޒްގެ ފިލްމަށް ރާއްޖެ ގެނައި ހެލިކޮޕްޓަރު ކައިރީގައި މުހައްމަދު އިބްރާހިމް: އޭނާއަކީ އެ ބޮޑު ފިލްމުގައި ރާއްޖޭގެ ހުރިހާ ކަމެއް ބެލެހެއްޓި ކުންފުނީގެ ވެރިޔާ

މަޝްހޫރު ސްޓާ ވޯޒް ސިލްސިލާގެ 'ރޯގު ވަން: އަ ސްޓާ ވޯޒް ސްޓޯރީ'ގެ ބޮޑު ބައެއް ރާއްޖޭގައި ކުޅުނު އިރު، އެ ބޮޑު މަސައްކަތުގެ ރާއްޖޭގެ ހުރިހާ ކަމެއް ހަމަޖެއްސީ ބުލޫ އެންޑް ވައިޓް އިންނެވެ. އެހެން ގޮތަކަށް ބުނާ ނަމަ އޭނާއަކީ ދުނިޔޭގެ އެހާ މަޝްހޫރު ފިލްމެއްގައި އެހާ ބޮޑު ޒިންމާއެއް މިހާތަނަށް ނެގި ހަމައެކަނި ދިވެއްސެވެ.

ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަކުރައްވާ އިރު، ކޮންމެ ނަތީޖާއަކާ ދިމާވިޔަސް، މާދަމާ ވެސް އާންމުންގެ ތެރެއަށް ނުކުމެ އުޅެވޭވަރުގެ 'ޓްރެކް ރެކޯޑެއް' އޮތް ކަމަށް މުހައްމަދު އިބްރާހިމަށް ވިދާޅުވެވޭނެ އެއް ސަބަބަކަށް، ސްޓާ ވޯޒްގެ އެ މަސައްކަތް ނެގިދާނެ އެވެ. މިސާލަކަށް އޭނާއާ އެކު އެކަމުގައި 210 މީހުން ގެންގުޅުއްވި އެވެ. އެއިން އެއްވެސް މީހަކަށް ދޭން ޖެހޭ އެއްޗެއް ނުދީ ނޯންނާނެކަން އޭނާއަށް ޔަގީނެވެ.

އިވެންޓެއްގެ ތެރެއިން: ވަރަށް ގިނަ ކުންފުނިތަކާ އެކު މުހައްމަދު އިބްރާހިމް ވަނީ މަސައްކަތް ކުރައްވާފައި

ސިޔާސީ ވިސްނުމާއި ހިޔާލުތަކުގައި ވެސް އޭނާގެ އޮތީ އެފަދަ ހިތެކެވެ. ވިސްނުންތެރިކަން ވެސް އެފަދަ އެވެ. އެހެން ނޫން ނަމަ އޭނާގެ ސަބަބުން އާއިލާގެ ތެރޭގައި ބޮޑެތި ރުޅިވެރިކަން އުފެދުނީހެވެ. މިސާލަކަށް 2010އިން ފެށިގެން އެމްޑީޕީގެ މެމްބަރަކަށް ހުންނެވި އިރު އެމްޑީޕީގެ ފުރަތަމަ ސަރުކާރު ވެއްޓުމުގެ އެއް ސަބަބެއްގެ ގޮތުގައި ބައެއް ސަޕޯޓަރުން ދެކޭ ކުރީގެ ރައީސް މުހައްމަދު ވަހީދަކީ، އޭނާގެ ޅިޔަނެވެ؛ އެމަނިކުފާނުގެ އެއްބަނޑުއެއްބަފާ އެންމެ ހަގު ކޮއްކޮއަކީ އޭނާގެ އަނބިކަނބަލުންނަށް ވުމުންނެވެ.

މިދިއަ ސަރުކާރުގެ ނައިބު ރައީސް ފައިސަލް ނަސީމްގެ އަނބިކަނބަލުންނަކީ މުހައްމަދު އިބްރާހިމްގެ ކޮއްކޮ އެވެ.

ނަމަވެސް އާއިލީ ގުޅުމުގެ ތެރެއަށް ސިޔާސީ ކަންކަން ވައްދަވައިގެން އޭނާ ނޫޅުއްވަ އެވެ. އެއަށް ވުރެ އެ ގުޅުން މާ މުހިންމެވެ.

އޭނާ އވިދާޅުވާ ގޮތުގައި ދައުލަތުގެ މަގާމަކުން މުސާރައެއް ހޯއްދެވުމަކީ ދިރިއުޅުމަށް އޭނާގެ ފުރަތަމަ މަސައްކަތެއް ނޫނެވެ. އެއަށް ވުރެ ބޮޑަށް އޭނާ ހުންނެވީ ދިރިއުޅުން ކޮޅަށް ޖައްސަވައިފަ އެވެ.

ޔަގީނުން ވެސް ޕާޓީ ބަދަލެއް ނުކުރާނަން

އެމްޑީޕީއަށް ސަޕޯޓްކޮށް، އެ ޕާޓީއަށް އޭނާ ވެންނެވީ ޒަމާނީ ޑިމޮކްރަސީ ދެކެ ލޯބިވާތީ އެވެ. އެކަމަކު މިދިއަ 15 އަހަރުގެ ތެރޭގައި ރައްޔިތުންގެ ތެރޭގައި ސިޔާސީ މީހުންނަށް އޮތް އިތުބާރު ވަރަށް ބޮޑަށް ގެއްލިއްޖެކަން، މުހައްމަދު އިބްރާހިމް ގަބޫލުކުރައްވަ އެވެ.

މިސާލަކަށް އޭނާ ދެއްކެވީ އެމްޑީޕީގެ ކެންޑިޑޭޓުން ތައާރަފުކުރަން މި ފަހުން ބޭއްވި ޖަލްސާގައި ޕާޓީ ބަދަލުނުކުރަން ކުރި ހުވަ އެވެ. އެގޮތަށް ހުވާކުރިޔަސް އާންމުން އެކަން ގަބޫލުނުކުރާނެކަން އޭނާއަށް އެނގިވަޑައިގަނެ އެވެ.

"ތަފާތުވާނޭ، އަހަރެން ވަފާތެރިވާނޭ، އިހުލާސްތެރިވާނޭ، މިހާރު މީހުން ބުނާނީ އެހެން ބުނިމާ 'ނެކްސްޓް ޖޯކް، ޕްލީސް. ނެތްހޭ އެހެން ޖޯކެއް،" މުހައްމަދު އިބްރާހިމް ވިދާޅުވި އެވެ.

"އެވަރަށް އެބަސްތައް މިހާރު މީހުންގެ ކަންފަތަށް ފޫހިކުރުވާ ބަސްތަކަކަށް ވެއްޖެ."

'ދައުރު'ގެ އިންޓަވިއުގައި ވަރަށް ސީދަލަށް ކަންކަން ކިޔައިދެއްވި

އެކަމަކު އޭނާ ވިދާޅުވާ ގޮތުގައި ތަފާތު މީހުން އައިސްގެން ތަފާތު ދެއްކިދާނެ އެވެ. އެގޮތުން އޭނާއަަކީ އެކަހަލަ ތަފާތު ބޭފުޅެއް ކަމަށާއި ތަފާތު ފެންނާނެ ކަމުގެ ވާހަކަ ތަކުރާރުކުރެއްވި އެވެ. އެ ތަފާތުގެ ތެރޭގައި ޕާޓީ ބަދަލުނުކުރައްވާނެކަން އަންނަނީ ފުރަތަމައަށެވެ.

"އެމްޑީޕީއަކީ އަހަންނެއް ނޫން. އަހަންނަކީ އެމްޑީޕީ. ޕާޓީއަކީ ދެ ފައި ޖަހައިގެން ހިނގާ އެއްޗެއް ނޫނެއްނު. ޕާޓީގެ ވިސްނުމަކީ އެ ލާ ބައެއްގެ ވިސްނުމާއި ފކުރު،" މުހައްމަދު އިބްރާހިމް ވިދާޅުވި އެވެ.

"އަހަރެން ގައިމުވެސް ޕާޓީ ބަދަލެއް ނުކުރާނަން."

ލޭގެ ގުޅުން މާ މުހިންމު

އޭނާގެ ކަންފަތާ ހަމައަށް އެ ބަސްތައް ފޯރި އެވެ. ކައިރީގައި އުޅޭ މީހުންނާއި ޕާޓީގެ އެހެން ސަޕޯޓަރުންގެ ފަރާތުންނެވެ. އެކަމަކު އެ ވާހަކަތައް ގޭތެރޭގައި ތަކުރާރެއްނުކުރައްވަ އެވެ. އެހެން މީހުންގެ ނަފުރަތުގެ ބަސްތައް އާއިލާގެ މެމްބަރުންނާ ހަމައަށް އުފުއްލަވާ ބޭފުޅަކަށް އޭނާ ނުވި އެވެ.

މުހައްމަދު އިބްރާހިމް ވިދާޅުވާ ގޮތުގައި ސިޔާސީ ކަންކަމުގައި އާއިލާގެ ތެރޭގައި ވެސް ގެންގުޅެން ޖެހޭނީ 'ވަރަށް ފައިން ލައިންއެކެ'ވެ. ސިޔާސީ ދެބަސްވުމަށް ވުރެ އާއިލީ ގުޅުމާއި ލޭ މާ މުހިންމެވެ.

އެމްޑީޕީގެ އެތައް ސަޕޯޓަރުންގެ ރުޅި އަދިވެސް ކުރީގެ ރައީސް ވަހީދަށް އެބަ އޮތެވެ. އެކަމަކު 2012ގެ އެ ހަމަނުޖެހުންގަނޑަށް ފަހު 2013ގެ ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި ނަޝީދުގެ ސަޕޯޓަރެއްގެ ގޮތުން ކެމްޕެއިން ދުވުމުގައި އޭނާ ބައިވެރިވެވަޑައިގެންނެވި އިރު އަނބިކަނބަލުން، އެމްޑީޕީގެ އެ އެންމެންގެ ތެރޭގައި ހުންނެވި އެވެ. 

"އަންހެނުން ކައިރީގައި ބުނިން މިއަދު އެބަ އަންނިގެ ދުވުމެއް އެބަ އޮތޭ، އެބަ ޖެހެއޭ ދުވަން. އަހަރެންގެ އަންހެނުން އަހަންނާ އެކު ގޮސް ހުރި ރާޅުގަނޑުގައި [މިހާރުގެ ލޮނުޒިޔާރަތް ޕާކް ސަރަހައްދު]،" މުހައްމަދު އިބްރާހިމް ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ވަހީދު: ކުޑޫ ވިދާޅުވާ ގޮތުން އާއިލާގެ ތެރެއަށް ސިޔާސީ ކަންކަމެއް ނުވެއްދޭނެ (ދައުރު ފޮޓޯ/ހުސައިން ސުނޭން)

"އަހަރެން މާލެ ވަށައި ބުރެއް ޖަހައިގެން އަންނަންދެން އެތާ މަޑުކޮށްލައިގެން [ހުރި]. ވަރަށް ގިނަ މީހުން އޭނާއާ ދިމާއަށް ބެލި. އެކަމަކު މައްސަލައެއް ނެތްތާ. އަހަރެން ކުރާ ކަމެއްގައި [ބައިވެރިވުމަކީ]."

އެމްޑީޕީގެ މެމްބަރަކަށް އޭރު ވެވަޑައިނުގަތަސް 2008ގައި ވެސް އޭނާގެ ފިކުރު ގޮސް ގުޅިފައި އޮތީ އެ ޕާޓީއާ އެވެ. އެކަމަކު ވަހީދުގެ އަމިއްލަ ޕާޓީ އުފެއްދުމުގެ ޖަލްސާއަށް އަނބިކަނބަލުން ވަޑައިގަންނަވަން އޭނާގެ ދެކޮޅުހެދުމެއް ނެތެވެ. އޭރު އަނބިކަނބަލުން އިންނެވީ ބަލިވެ އެވެ. ޖަލްސާ އޮތް ތަނަށް ގެންގޮސްދެއްވީ އޭނާގެ ސައިކަލްގަ އެވެ. ގެއަށް ގެންދެވީ ވެސް އޭނާ އެވެ.

"އެއީ އަންހެނުންގެ އެއްބަނޑު އެއްބަފާ ބޭބެ، އަހަރެންގެ ޅިޔަނު. އޭތި އަހަރެން [ދަންނަން ޖެހޭނެ]. އެކަމަކު އަހަރެން އެތާ އިނުމާއި ނީނުން އެއީ އަހަރެން ޑިސައިޑްކުރާ ކަމެއް،" މުހައްމަދު އިބްރާހިމް ވިދާޅުވި އެވެ.

އެންމެ މުހިންމީ، އޭނާ ގަބޫލުކުރައްވާ ގޮތުގައި، އާއިލާ އާއި ލޭގެ ގުޅުމާއި ރަހުމަތްތެރިކަމެވެ. ސިޔާސީ ޒުވާބެއްގައި އެއިން ކަމެއް ގުރުބާންކުރެއްވުމުގެ އެއްވެސް ބޭނުމެއް އޭނާއަކަށް ފެނިވަޑައެއް ނުގަންނަވަ އެވެ.

"އެހެންވެ އޭގެ ތެރެއަށް [ސިޔާސީ ޒުވާބަށް އާއިލާ ވެއްދުން] ނުވަދެ މިހާ ހިސާބަށް ހުރެވުމުން އެއީ މާތްރަސްކަލާނެ އަހަންނަށް ލެއްވި ވަރަށް ބޮޑު ރަހުމަތެއް،" މުހައްމަދު އިބްރާހިމް ވިދާޅުވި އެވެ.

ވާދަވެރިޔަކީ އީވާ، އެކަމަކު ރަހުމަތްތެރިއެއް

ސިޔާސީ ކަންކަމުގައި ރަހުމަތްތެރިކަމެއް، އާއިލާއެއް އަސްލު ނޯވެ އެވެ. އެއީ ދުނިޔެ ދައްކާ ހަގީގަތެވެ. ރާއްޖެއިން ވެސް މެ އެވެ.

އީވާއަކީ ރައްޔިތުންގެ މަޖިލިހުގައި މިހާރު ތިއްބެވި ބޭފުޅުންގެ ތެރެއިން އެންމެ ތަޖުރިބާކާރު އެއް މެމްބަރެވެ. ދާދި ފަހަކާ ޖެހެންދެން މަޖިލިހުގެ ނައިބު ރައީސް ވެސް މެ އެވެ. އާ ގާނޫނުއަސާސީގެ ދަށުން މިހާތަނަށް ބޭއްވި އާންމު ތިން އިންތިހާބު ވެސް، ގަލޮޅު އުތުރު ދާއިރާއިން އޭނާ ކާމިޔާބުކުރެއްވީ، ވާދަވެރިން ތިއްބަސް، މާ ބޮޑު ވާދައެއް ނެތި ކަމަށް ބުނެވިދާނެ އެވެ.

މުހައްމަދު އިބްރާހިމަކީ އީވާގެ ފުރަތަމަ އިންތިހާބުގައި އިންތިހާބީ އެޖެންޓެވެ. އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުން އެ ދާއިރާއަށް ނުކުންނަވާނެކަން އިއުލާންކުރެއްވުމާ ހަމައަށް އީވާއަށް ވެސް އެކަން ގަބޫލުކުރެއްވިފައި ނުވެދާނެ އެވެ. އެކަމަކު މިފަހަރު މި އޮތީ ގާތް ދެ ބޭފުޅުން އެކަކު އަނެކަކާ ވާދައަށް ނުކުންނަވައިފަ އެވެ.

އީވާ އަބްދުﷲ ރައްޔިތުންގެ މަޖިލިހުގެ ރިޔާސަތުގައި: ގަލޮޅު އުތުރު ދާއިރާގައި އޭނާއާ ވާދަކުރައްވާ މުހައްމަދު އިބްރާހިމް (ކުޑޫ)އަކީ ގާތް ބޭފުޅެއް (ފައިލް ފޮޓޯ)

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އީވާއާ ދެމެދު އޮތް ގާތްކަމަށް އެއްވެސް ބަދަލެއް ނާންނާނެ އެވެ.

"މަށަށް ހަމަ ގަބޫލެއްނުކުރެވޭ އީވާ ގަބޫލުކުރާނެހެން އަހަރެން އީވާއަށް އެންޓި ކެމްޕޭންކުރާނެއޭ. ހަމަ ޔަގީން ގަބޫލެއް ވެސް ނުކުރާނެ. އަހަރެން ވެސް ގަބޫލުކުރަން ބޭނުންވަނީ އީވާ ވެސް އެހެން ކަމަށް ގަބޫލުކުރާނީ،" މުހައްމަދު އިބްރާހިމް ވިދާޅުވި އެވެ.

އީވާ ބަލިކުރެވޭނެ ކަމަށް އޮތް އުއްމީދަކީ ކޮބައި ހެއްޔެވެ؟ އެ ސުވާލުގެ ޖަވާބުގައި އޭނާ ވިދާޅުވީ އެމްޑީޕީގެ ސަޕޯޓަރުންނެވެ. އީވާ މިހާރު ނިސްބަތްވެވަޑައިގަންނަވާ ދަ ޑިމޮކްރެޓްސްއަށް އެ ދާއިރާއިން މިހާތަނަށް ހޯދުނު ވޯޓެވެ.

"ތިން ފަހަރު ވެސް އީވާ ވާދަކުރީ އެމްޑީޕީން. އެމްޑީޕީގެ ބޮޑު ބައެއް އޮންނާނެ ގަލޮޅު އުތުރުގައި ވެސް. އެކަންނޭނގެ އޮތް އެޑްވާންޓޭޖަކީ ވެސް މިހާރު،" އޭނާ ވިދާޅުވި އެވެ.

ދެ ރަހުމަތްތެރިން އެއް ގޮނޑިއަށް ވާދަކުރައްވާ ނަމަ އެކަކު އަނެކަކަށް ދެއްވާނެ މެސެޖެއް އޮންނަން ޖެހޭނެ އެވެ. އެ ސުވާލު ވެސް ކުރީމެވެ.

"އީވާއަށް ދޭން ބޭނުންވާ މެސެޖެއް ނެތް،" މިއީ އެންމެ ކުރުކޮށް ވިދާޅުވި ޖަވާބެވެ.

"އީވާއަކީ ވަރަށް ގާތް ރަހުމަތްތެރިއެއް ހަމަ. ކަންތައްތަކާ ވާހަކަ ދައްކާލަން ހަމަ ވަރަށް ރަނގަޅު [ބޭފުޅެއް] އީވާއަކީ."

ކޮމެންޓް (3)

ރަދީފްއޮފިޝަލް

8 މާރިޗު 2024
ސާބަހޭ ކުޑޫ. ވަރުގަދަ ލެޖެންޑެއް. ބްރޯއަށް އަހަރެން ކުރަމުން އައި އިހްތިރާމް އިތުރު ދަރަޖެއް މައްޗަށް ޖައްސާލަން މަޖްބޫރުވެއްޖެ އާޓިކަލް ކިޔާފަ.ވަރަށް ރަނގަޅު ބޭފުޅެއް ކުޑޫ އެއީ. ގުޑް ލަކް ބްރަދާ. ވ.ވެދުން
3 2

މުހައްމަދު

6 މާރިޗު 2024
ބަދަލެއް ގެންނަން ރައްޔިތުން ބޭނުންތޯ އެއީ އެންމެ ބޮޑު ސުވާލު ހޮވެން ބޭނުން ވުމުން ގޭގޭގެ ފުއްޑުނުން، ކާގޭތެރޭން ފެނުނު މީހުން ހޮވުނީމަ އުޅޭގޮތް ފެނި އޭގެ ތަޖުރިބާ ހުރި މީހުން، ހަނދާން ހުންނަނަމަ މިފަހަރު ގަލޮޅު އުތުރުގެ މަޖިލިސް ގޮޑިއަށް ކުޑޫ ކަހަލަ މީހުން ހޮވާނެ. ކާމިޔާބަށް އެދެން
16 3

ދިވެހިމީހާ

6 މާރިޗު 2024
މަޖްލިސް މަންބަރުންނަށް ލިބޭ އިނާޔަތްތަކާއި އަދި މަޖިލީހުގެ ދައުރު ނިމުމުން ލިބޭ އިނާޔަތްތަކުގެ ފުރިހަމަ ރިޕޯޓެއް އަޅެ ލިޔެދީބަލަ..
13 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް