އުމުރުން ދުވަސްވީ މީހަކު މަގުމަތީގައި ހުރި ޕާކެއްގައި އިށީދެލައިގެން (ފޮޓޯ/ސޯޝަލް މީޑިއާ)

މިއިން ކޮންމެ މީހަކު ވެސް ބޭނުންވަނީ އާއިލާއެއް؛ އެ ހައްގުން އެމީހުން މަހުރޫމް ކުރެވިގެން ނުވާނެ

ދައުލަތުގެ ބެލުމުގެ ދަށުގައި ބަލަހައްޓަމުން އަންނަ އުމުރުން ދުވަސްވީ 28 މީހަކު އެބަ ތިބި. އޭގެ ތެރޭގައި އާއިލާތަކުން މިހާތަނަށް ނުނެގި 12 މީހަކު ވެސް ހިމެނޭ

މުހިންމު ނުކުތާތައް

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ދުވަސްވީ މީހުންނާ ލޭގެ ގުޅުމެއް ނެތަސް ގެންދަން ބޭނުން އާއިލާތައް އެބަ ތިބި

ޖެންޑާ މިނިސްޓްރީގެ ވިސްނުން އޮތީ މާލީ އެހީތެރިކަން ދޭ ގޮތަށް ނަމަވެސް އެ މީހުންގެ އަސްލު އާއިލާތަކަށް އަނބުރާ ދެވޭނެ ގޮތް ހެދުން

ގުރައިދޫ ސެންޓަރުގައި ތިބި މީހުން ވޭތުކުރަމުން ދަނީ ބުނެދޭން ދަތި އެކަނިވެރިކަމެއް

ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުން ބަލަހައްޓާ މަރުކަޒުގައި މިވަގުތު ވެސް، އެކިއެކި ސަބަބުތަކާ ހުރެ ދައުލަތުގެ ބެލުމުގެ ދަށަށް ނަގައިގެން ގެންގުޅެމުން އަންނަ އުމުރުން ދުވަސްވީ 28 މީހުން އެބަ ތިއްބެވެ. މީގެ ތެރޭގައި ހިމެނެނީ:

  • ހިނގާބިނގާވެ ނޫޅެވޭ 14 މީހުން

  • މުސްކުޅި ބަލީގައި ނުވަތަ އެހެން ވެސް ބަލިތަކުގައި ހަތް މީހުން 

  • އާއިލާއަށް ނަގާ ނަމަ، ހަވާލުކުރެވޭނެ ހާލަތުގައި ތިބި 12 މީހުން

މިހާރުގެ ސޯޝަލް އެންޑް ފެމިލީ ޑިވިލޮޕްމަންޓް މިނިސްޓްރީން ކޮންމެ ކުއްޖަކަށް ނުވަތަ މީހަކަށް އާއިލާއެއް ނަމުގައި އަލަށް ފަށައިގެން އުޅޭ ޕްރޮގްރާމްގެ ފައިދާ އެބަ ފެނެ އެވެ. އެގޮތުން މިހާތަނަށް އުމުރުން ދުވަސްވީ ހަ މީހަކު ވަނީ އެ މީހުންގެ އާއިލާއާ މިދިޔަ މަހު ހަވާލުކޮށްފަ އެވެ.

މިއީ މައްސަލައިގެ މުގުލަށް ފަރުވާކުރަން މިހާރުގެ މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތުގެ ކާމިޔާބު ފެށުމެކެވެ. ސޯޝަލް މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވި ގޮތުގައި ބެލޭނެ ގޮތެއް ނެތިގެން ނަމަވެސް ދައުލަތާ ހަވާލުކުރާ އުމުރުން ދުވަސްވީ މީހުންގެ އާއިލާތައް އެ މީހުންގެ ދާއިމީ ހިޔާވައްސަކީ ދައުލަތުގެ މަރުކަޒުތައް ކަމަށް ވިސްނާ ވިސްނުމާ ދުރުވާން ޖެހެ އެވެ.

އޭނާ ގަބޫލުކުރައްވަނީ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދާ މީހުންނާއި ކުދިންގެ ދާއިމީ ހިޔާވައްސަކީ، އެހެން ކުދިންނާއި މީހުންނެކޭ ވެސް އެއްގޮތަށް، އާންމު މުޖުތަމައު އާއި އެ މީހުންގެ އާއިލާ ކަމަށެވެ. މިއިން ކޮންމެ މީހެއްގެ ދިރިއުޅުމަށް ހެޔޮ ބަދަލުތައް ގެނެވޭނީ އާއިލާއަކާ ގުޅިގެން ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ. އައިޝަތު ޝިހާމްގެ ބެއްލެވުމުގެ ދަށުން މިހާރު މިނިސްޓްރީން ކުރާ އެއް މަސައްކަތަކީ އެ އެވެ: އެ މީހުންނަށް އާއިލާއެއް ހޯދައިދިނުމެވެ.

ޖެންޑަ މިނިސްޓްރީން މިހާރު ކުރަމުން އަންނަ މަސައްކަތުގެ މައިގަނޑު ފޯކަސްއެއް އޮތީ އެފަދަ މީހުން އެ މީހުންގެ އާއިލާތަކަށް އަނބުރާ ފޮނުވާ، އެއިން ކޮންމެ މީހަކީ ވެސް އާއިލާގެ ލޯބި ލިބިގެން އުމުރުގެ ފަހު ދުވަސްތައް ހޭދަކުރެވޭ ގޮތް ހެދުމަށެވެ. ދައުލަތުން ހިންގާ ތަނަކީ އެ މީހުންގެ ދާއިމީ ހިޔާވައްސަކަށް ހެދުމުގެ ވިސްނުމެއް މިނިސްޓްރީގެ ނެތެވެ. މިނިސްޓްރީގެ އަމާޒަކީ އެ ވިސްނުން މި ކުޑަކުޑަ މުޖުތަމައުއިން ވެސް މުޅިން ނައްތާލުމެވެ.

"މިއިން ކޮންމެ މީހަކަށް ވެސް އަޅުގަނޑުމެން މި އެދެވެނީ އާއިލާއަކާ އެކީ އެ މީހުންގެ ދިރިއުޅުން ބަދަލުކުރަން. އެއީއޭ އެ މީހުން ވެސް ހިތްހަމަޖެހޭނެ ގޮތަކީ. އަދި ދިރިއުޅުމުގެ ހާލަތު ރަނގަޅުވެގެންދާނެ ކަމަކީ ވެސް،" މީގެ ކުރިން 'ދައުރު'އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އައިޝަތު ޝިހާމް ވިދާޅުވި އެވެ.

"އެ ތަންތަނަކީ ވަގުތީ ގޮތުން ތިބޭ ތަންތަން ކަމަށް ދެކި، ބޮޑު ހައްލެއް ގެނެވޭނީ މުޖުތަމައު ތެރެއަށް އެ މީހުން ނެރެ އާއިލާއެއްގެ ތެރެއަށް ދެވޭ ގޮތް ވުމުން." 

އުމުރުން ދުވަސްވީ މީހަކު އޭނާގެ ކާފަ ދަރިފުޅާ އެކު: އުފާވެރި މަންޒަރެއް (ފޮޓޯ/ޔުނިސެފް)

ލޭގެ ގުޅުމެއް ނެތަސް އާއިލާއެއް ދޭން ޝައުގު ހުރި މީހުން އެބަ ތިބި

އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު، އަދި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި އުމުރުން ދުވަސްވީ މީހުން ރީއިންޓަގްރޭޓު ކުރުމުގެ މަސައްކަތުގައި އެންމެ އިސްކޮށް އުޅުއްވާ އައިމިނަތު އިސްމާއިލް (އައިންތު) 'ދައުރު' އަށް ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުގައި އާއިލާއެއް ނެތިފައި ތިބި ބައެއް މީހުންނާ ހަވާލުވާން ޝައުގުވެރިކަން ހުރި މީހުން ދިވެހިންގެ ތެރޭގައި އެބަ އުޅޭ ކަމަށެވެ. 

"ބައެއް މީހުން އެބަ ބޭނުންވޭ އެ މީހުން ނަގަން، އެއީ ލޭގެ ގުޅުމެއް ނެތަސް. މިސާލަކަށް ގޭތެރޭގައި މައިންބަފައިންހެން ނުވަތަ ކާފަ މާމައިން ހެން އަމިއްލަ އާއިލާގެ މެމްބަރުންގެ ގޮތުގައި ގެންގުޅެން ބޭނުންވާ. ބައެއް މީހުން އެ ޝައުގުވެރިކަން ފާޅުކޮށްފައި އެބަހުރި،" އައިންތު ވިދާޅުވި އެވެ.

ނަމަވެސް މިކަން ކުރަން މިނިސްޓްރީން ނިންމާފައިވަނީ މަރުހަލާތަކަކަށް ބަހާލައިގެންނެވެ. ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މީހަކު އާއިލާއަކާ ހަވާލުކުރުމުގެ ކުރިން ވާން ޖެހޭ ބައެއް ތައްޔާރީތައް ވެސް ހުރިކަން އޭނާ ފާހަގަކުރެއްވި އެވެ. މިހާރު މިނިސްޓްރީ ތެެރެއިން ފަށާފައިވާ އެ ޕްރޮގްރާމްގައި އެންމެ ފުރަތަމަ މަސައްކަތް ކުރާނީ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުން އެމީހުންގެ އަމިއްލަ އާއިލާއާ ގުޅުން ބަދަހިކުރުވާ، އެ އާއިލާއާ އެކު އުޅެވޭނެ ގޮތެއް ފަހި ކޮށްދިނުމަށް ކަމަށް، އޭނާ ވިދާޅުވި އެވެ.

އެފަދަ މީހުން ނުވަތަ ކުދިން ނަގަން ޝައުގުވެރިކަން ހުރި އެހެން އާއިލާއެއް ވޭތޯ ބަލައި، އެފަދަ އާއިލާއެއްގެ ތެރެއަށް އެ މީހާ ދޫކޮށްލާނީ، އޭނާގެ އަމިއްލަ އާއިލާއިން އެމީހަކު ބަލަހައްޓަން އެއްވެސް ވަރަކަށް އެއްބާރުލުން ނުދޭ ނަަމަ އެވެ. އެފަދަ އާއިލާއެއް ހުރި ނަމަ، އެ މީހަކާ އާއިލާއާ މެޗުކޮށް، އެ މީހާ ގެންގުޅެން ތަމްރީނުތައް ވެސް ދޭނެ އެވެ. އެ ތަމްރީންތަކުގެ ތެރެއިން ދެބައި މީހުން ބައްދަލުވެ މުއާމަލާތު ކުރަން ފެށުމުން ގުޅުން ބަދަހިވެގެން ދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް އައިންތު ވިދާޅުވި އެވެ.

"މީގެ ތެރޭގައި އެބަ ހިމެނޭ މާލީ ދަތިކަމުގެ ސަބަބުން ބެލެން ނެތިގެން ދައުލަތާ ބަލަން ހަވާލުކޮށްފައިވާ މީހުން ވެސް. މިކަން ހައްލުކުރުމަށް ވެސް އަޅުގަނޑުމެން މިދަނީ ގޮތްތަކެއް ރާވަމުން،" އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް އެމީހާގެ އާއިލާއަށް ދައުލަތުގެ ފަރާތުން މާލީ އެހީތެރިކަން ފޯރުކޮށްދީގެން ނަމަވެސް، އޭނާ އަނބުރާ އާއިލާއަށް ފޮނުވުމަށް މަސައްކަތްތަކެއް އެބަ ކުރެވޭ. އެގޮތަށް މާލީ އެހީތެރިކަން ދޭ ނަމަ ނަގަން އެއްބަސްވާ އާއިލާތައް އެބަ ތިބި." 

އައިންތު ވިދާޅުވި ގޮތުން، ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ މީހުންގެ ތެރޭގައި ހިމެނެނީ، އާއިލާއަށް އެކިއެކި ސަބަބުތަކާ ހެދި ނުބެލެހެއްޓޭނެ ކަމަށް ބުނާތީ އެ ނޫން ގޮތެއް ނެތިގެން ނާގާ މީހުންނެވެ. އަނެއް ބައި މީހުންނަކީ، ބަލި ހާލަތުގެ ގޮތުން އާއިލާއަށް ނުބެލެހެއްޓިގެން އާއިލާއިން އެދުމުން ނަގާ މީހުންނެވެ. އެއިން ކޮންމެ މީހަކު ވެސް ނަގަނީ ފަރުވާއަށް ފަހު އަނބުރާ އާއިލާއާ ހަވާލުކުރާ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ. ބައެއް މީހުންގެ ދަރިން ފިޔަވައި، އާއިލާގެ އެއްވެސް މީހަކު މިހާރު ދުނިޔޭގައި ވެސް ނެތެވެ.

އެކަމަކު މަރުކަޒަކީ އެ މީހުން ބަލަހައްޓަން އެންމެ ރަނގަޅު މާހައުލެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. 

ގުރައިދޫގައި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންގެ މަރުކަޒު؛ އެއީ މުޅި އުމުރު ދުވަހު ދިރިއުޅެން އެކަށީގެންވާ ތަނެއް ނޫން

ދެވޭ އަނިޔާއެއް، ވޭނެއް، އެ އެކަނިވެރިކަން އެ މީހުން މޮޔަކޮށްލައިފި

ކ. ގުރައިދޫގައި ބޮޑު ފާރަކުން ބައްދުކޮށްފައިވާ 'ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު'ގައި މުހައްމަދުފުޅު (އަސްލު ނަމެއް ނޫން) އެ އިނީ، އުމުރުން ދުވަސްވެ ގައިބާރު ނެތިދިޔަ ދުވަހު ވަންނާނެ ހިޔާވަހިކަމެއް އޭނާގެ އުފަން ރަށުގައި ނެތުމުންނެވެ. އޭނާއަށް އޮތް ހަމައެކަނި ހިޔާވައްސަކީ އޭނާ ފަދަ އެތައް މީހަކު މިއަދު އެކަނިވެރި ހާލަތުގައި އުޅެމުން އެ އަންނަ ދައުލަތުގެ އެ ހިޔާވައްސެވެ.

އަމިއްލަ ގެއެއް ނެތީއެއް ނޫނެވެ. ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒެއްގައި އިނަސް އޭނާއަކީ ހާއްސަ އެހީއަށް ބޭނުންވާ މީހެއް ވެސް ނޫނެވެ. އޭނާ މޮޔައަކަށް ހެދީ އޭނާގެ އަމިއްލަ އާއިލާއިންނެވެ. ކުޅެދޭ ހާލަތު ނުކުޅެދޭން ފެށީ، އަމިއްލަ ދަރިން ބެލެން ނެތިގެން ދައުލަތާ ހަވާލުކުރި ހިސާބުންނެވެ. އެއީ ލޯބިވާ ދަރިންނާއި، އާއިލާއާ ވަކިން ނުވެސް ދަންނަ އެތައް ބަޔަކާ އެކު ބަންދު ތަނެއްގައި އެކަހެރިކޮށްލުމުން މިއަދު އޭނާއަށް ލިބުނު ނަފްސާނީ ގެއްލުންތަކުގެ ނަތީޖާ އެވެ. އެކަމަކު މިއަދު ވެސް އޭނާ އެއިނީ ދަރިފުޅު އައިސް ގެންދާނެ ކަމުގެ އިންތިޒާރުގަ އެވެ. ދަރިފުޅުގެ އެންމެ ކޯލަކަށް ނަމަވެސް އިންތިޒާރު ކޮށްލަ ކޮށްލަ އެވެ. އެ އެކަނިވެރިކަން މިއަދު އޭނާ ނިކަމެތިކޮށް، ދެރަކޮށްލައިފި އެވެ.

އެއީ ދަރިންގެ މުސްތަގުބަލަށްޓަކައި އުމުރުގެ ޒުވާން ދުވަސްވަރު ބުރަ މަސައްކަތް ކުރި ބައްޕައެކެވެ. އެ މަސަައްކަތް އޭނާ ކުރީ ދަރިން ދިރިއުޅުމެއް ފަށަންވާއިރު އެ މީހުންނަށް ހިޔާވަހި ކަމެއް ނުލިބިދާނެ ކަމުގެ ބިރު އޮތުމުންނެވެ.

ޒުވާން އުމުރުގެ އެތައް ވަގުތެެއް އަރާމާ ދުރުގައި އޭނާ ހޭދަކުރީ، މިއަދު މައްޗަށް ހިއްލިފައި އެ ހުރި ދެ ބުރި އިމާރާތް އެޅުމުގަ އެވެ. އެ ގެއަކީ އުމުރުން ދުވަސްވެ ގައިބާރު ނެތިދާ ދުވަހު، ދަރިންނާއި ކާފަ ދަރިންނާ އެކު ހަމަޖެހިލައިގެން ދިރިއުޅެން އޭނާ އިމާރާތްކުރި އޭނާގެ ގެ އެވެ. އެކަމަކު މިއަދު އެ ގޭގައި އޭނާއަށް ޖާގައެއް ނެތެވެ. ދަރިން އޭނާއަށް ދިން ދާއިމީ ހިޔާވަހިކަމަކީ މުޖުތަމައުއާ އެކަހެރިކޮށް، ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒެވެ.

އަމީނީ މަގު ހިޔާ ދޭ ގަސްތަކުގެ ދޮށުން އުމުރުން ދުވަސްވީ މީހަކު ހިނގާފައި ދަނީ

ގުރައިދޫ ސެންޓަރުގެ ބަންދު ހަތަރު ފާރު އެތެރެއިން ފެންނަން ހުރީ، މިފަދަ އެތައް ބައްޕައަކާއި މަންމައެއްގެ ހިތާމަވެރި އުދާސްތަކެވެ. އާއިލާއެއްގެ ލޯބިން މަހުރޫމުވެ، އުންމީދުތައް ގެއްލެވިފައިވާ ދުވަސްވެ، ނިކަމެތިވެފައިވާ އެތައް މައިންބަފައިންނެއްގެ ހިތާމަވެރި ދިރިއުޅުމެވެ.

މި މީހުން އުޅޭ އުޅުމާ، އެ މީހުން ދައްކާ ވާހަކަތައް ކޮންމެ ދުވަހަކު ވެސް ނުހަނު ގާތުން ފެންނަ އަދި އަޑުއިވޭ ޖެންޑާ މިނިސްޓްރީގެ ކޭސް ވޯކަރަކު ވިދާޅުވި ގޮތުގައި، ބައެއް މީހުން އެ މީހުންގެ މައިންބަފައިން ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ ހިސާބުން އެ މީހަކު މަތިން ހަނދާން ނައްތާލަ އެވެ. އެ މީހާގެ ހާލަތު ދެނެގަންނަން ދާއިރު، އެފަދަ މީހުންގެ އެންމެ ބޮޑު ޝަކުވާއަކަށް އަދި ސުވާލަކަށް ވެސް އޮންނަނީ، ދަރިން ނުވަތަ އާއިލާގެ މީހުން ނުގުޅައިގެން ކުރާ ޝަކުވާ އެވެ.

އޭނާއާ އެކު ސެންޓަރުގައި ހުންނަ އެހެން މީހަކަށް ދަރިން ނުވަތަ އާއިލާއަކުން މީހަކު ގުޅާއިރު އެތަން ފެނި އާއިލާގެ ފަރާތުން އެއްވެސް އަޅާލުމެއް ނުލިބޭ މީހާ ދެރެވެގެން އެ ވާހަކަ ދައްކާތީ، އެ މީހުންނަށް ކުރާ އަސަރު އިހުސާސް ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެއީ އަޑުއަހަން ވަރަށް ހިތްދަތި، އުނދަގޫ ވާހަކަތަކެއް ކަމަށް ވެސް ވިދާޅުވި އެވެ.

އުމުރުން ދުވަސްވީ މީހުން ބޭނުންވާނި އާއިލާއާ އެކު ވަގުތު ހޭދަކުރަން

އޭނާ ވިދާޅުވި ގޮތުން ބައެއް މީހުން ނަފްސާނީ ގޮތުން ބަލިކޮށިކޮށްލަނީ ވެސް އެ ވިސްނުމާއި ފިކުރާއި އެ ސެންޓަރުގައި އެކަނިވެރިވާ އެކަނިވެރިވުމުގެ ސަބަބުންނެވެ. އަދި އެތަނަށް ގެންނަ ގިނަ މީހުންނަކީ އެތަނުގައި ތިބެ، ނުވަތަ ބަލި ހާލަތުގައި އޮވެ، އެކަނިވެރިކަންމަތީ މަރުވެދާ މީހުންކަން އޭނާ އަސަރާ އެކު ފާހަގަކުރި އެވެ. އޭނާ ވިދާޅުވި ގޮތުން، ބައެއް އާއިލާތަކުން މަރުވުމުން މޫނު ބަލާލަން ވެސް ނާދެ އެވެ.

އޭނާ ވެސް ވިދާޅުވީ ދައުލަތުގެ ހިޔާވައްސަކީ އެ މީހުން ތިބެން އެންމެ އެކަށީގެންވާ މާހައުލެއް ނޫން ކަމަށެވެ. އެ މީހުންގެ ދާއިމީ ހިޔާވައްސަކަށް ވާންވާނީ އެ މީހާގެ އަމިއްލަ އާއިލާ އެވެ. މަރުކަޒުގައި އުމުރުގެ ފަހު ދުވަސްތައް ގުނަން ޖެހުމަކީ އެއްވެސް މީހަކަށް ފަސޭހަވާނެ ކަމެއް ނޫނެވެ.

ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒު އުފެއްދީ ނުކުޅެދުންތެރިކަމާއި ހާއްސަ އެހީތެރިކަމަށް ބޭނުންވާ މީހުންނަށް ދޭން ޖެހޭ ފަރުވާ ދެވެންދެން ބަހައްޓާ ހިޔާވައްސެއްގެ ގޮތުގަ އެވެ. އޭރު އާއިލާތަކުން އެތަނަށް އެ މީހުންގެ މައިންބަފައިން ފޮނުވަނީ ފަރުވާ ލިބި ރަނގަޅުވެގެން އަނބުރާ ގެންދާ ގޮތަށެވެ. އެކަމަކު އެ ތަން ފަހުން ބަދަލުވީ އުމުރުން ދުވަސްވާ މައިންބަފައިން ބަލަން ބޮޑު ކަމަކަށްވާ ދަރިން 'ބޮލުން ރެކެން' ދޫކޮށްލާ ތަނަކަށެެވެ. ޖެންޑަ މިނިސްޓްރީން މީގެ ކުރިން ބުނެފައިވާ ގޮތުގައި އެގޮތަށް އާއިލާތަކުން ދައުލަތާ ބަލަން ހަވާލުކުރާ މައިންބަފައިން އެތަނުގައި ތިބޭކަން ބައެއް ދަރިން ހަނދާނެއް ވެސް ނުހުރެވެ. ހާލަތު ރަނގަޅުވެގެން އާއިލާއާ ހަވާލުކުރަން ބަލާއިރު އާއިލާއިން އެ މީހުން ގެންދަން އެއްބާރުލުމެއް ވެސް ނުދެ އެވެ.

މިހާރު މި މަރުކަޒުގައި ތިބި މީހުންގެ ތެރެއިން ގިނަ މީހުންނަކީ ހާއްސަ އެހީއަށް ނުވަތަ ނުކުޅެދުންތެރިކަން ހުރެގެން ދައުލަތުން ބަލަހައްޓަމުން އަންނަ ބައެއް ނޫނެވެ. އޭގެ ތެރެއިން 21 މީހަކު އާއިލާތަކުން ހަވާލުނުވެެގެން އެބަ ތިއްބެވެ. ބައެއް މީހުންގެ ބަހަނާއަކީ ބެލޭނެވަރުގެ މާލީ ތަނަވަސްކަން ނެތީ ކަމަށެވެ. އަނެއް ބައި މީހުންގެ ބަހަނާއަކީ ބަލި އެނދުގައި ބާއްވައިގެން ބެލެނޭވަރުގެ ވަގުތު އެ މީހުންގެ ނެތުމެވެ. 

ކޮމެންޓް (1)

ހަރީރާ

17 ޖެނުއަރީ 2024
އެއްގޮތަކަށް ވެސް ތިޔަ މަރުކަޒުގައި ބައިތިއްބާގެން ނުވާނެ. ޢާއިލާއިން ނުބަލަންޏާ ދައުތަލުން ޢާއިލާތަކަށްދޭ ޢިނާޔަތްތައް ކަނޑާލަންވީ. އާސަންދަވެސް އެޢާއިލާއަކަށް ނުދޭންވީ. މައިންބަފައިންނާ އެއްބަނޑު އެއްބަފާ މީހުން ބަލެމަކީ ޢާއިލީ ޒިންމާމާއެއް. އެމީހުން ތިބެންޖެހޭނީ ގުރައދުއަކުނޫން. އަމިއްލަ ޢާއިލާގެ ގާތުގަ.
5 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް