އާ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު 9 ޖެނުއަރީ 2024ގައި 'ދައުރު' އަށް އިންޓަވިއުއެއް ދެއްވަނީ (ދައުރު ފޮޓޯ/މުހައްމަދު އަމާން)

ފުލުހުން

އާ ކޮމިޝަނަރުގެ އަމާޒު: އިހުސާސްވާނެ، ފެންނާނެ، އަތްލެވޭނެ ބަދަލެއް

އާ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވި ގޮތުގައި ފުލުހުންނާ މެދު އާންމުންގެ މެދުގައި އޮންނަ ވިސްނުން ބަދަލުކޮށް ފުލުހުންނަކީ ރައްޔިތުންނަށް ހިދުމަތް ކުރާ ބައެއްގެ ގޮތުގައި އާންމުންނަށް އިހުސާސްވާނޭ މިންވަރަށް ފުލުހުންގެ އިދާރާ އިސްލާހު ކުރެއްވުމަކީ އޭނާގެ އަމާޒެއް
20 ޖެނުއަރީ 2024

ރައީސް މުހައްމަދު މުއިއްޒު ފުލުހުންގެ އިދާރާ ހިންގަވަން އައްޔަން ކުރައްވާފައިވާ ކޮމިޝަނަރު އޮފް ޕޮލިސް (ސީޕީ) އަލީ ޝުޖާއު އެތައް ގޮތަކުން ތަފާތެވެ. އޭނާ އަކީ އެންމެ ފުރަތަމަ ޓީޗަރެކެވެ. ދެން ޕްރިންސިޕަލެކެވެ. ފުލުހަކަށް ވެވަޑައިގަތީ އެއަށް ފަހު އެވެ. މިހާރު ފުލުހުންގެ އެންމެ އިސްވެރިޔާ ކަމަށެވެ.

މިއީ މިފަހުގެ ތާރީހެއްގައި އެހެން ދާއިރާއެއްގައި އުޅުއްވުމަށް ފަހު ފުލުހުންގެ ހިދުމަތާ ގުޅުނު ބޭފުޅަކަށް އެ އިދާރާގެ ހިންގުން ހަވާލުކުރި ފުރަތަމަ ފަހަރެވެ. ޝުޖާއު ފުލުހުންގެ މަސައްކަތަށް ހަގު ނަމަވެސް އޭނާ އެކަން ނަންގަވަނީ ގޮންޖެހުމަކަށް ވުރެ ބޮޑަށް ޕޮޒިޓިވް ކަމެއްގެ ގޮތުގަ އެވެ.

ޝުޖާއު ވިދާޅުވި ގޮތުގައި ފުލުހުންގެ މުއައްސަސާ ހިންގުމުގައި އޭނާއަށް އޮތް ފަސޭހައަކީ ތައުލީމީ ދާއިރާގައި މަސައްކަތްކުރައްވާފައިވުމުން، އާންމުން ފުލުހުންނާ މެދު ދެކޭ ގޮތް އޭނާއަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަތުމެވެ. އެހެންވެ، އެ ތަޖުރިބާއިން ފުލުުހުންގެ މުއައްސަސާ ރަނގަޅު ދިމާލަކަށް ގެންދިޔުމުގެ ބޮޑު ވިސްނުމެއް އޭނާގެ އެބަ އޮތެވެ. 

އާ ޕޮލިސް ކޮމިޝަނާ އަލީ ޝުޖާއު 'ދައުރު' އަށް އިންޓަވިއު ދެއްވަނީ (ދައުރު ފޮޓޯ/މުހައްމަދު އަމާން)

"ޑިމޮކްރަޓިކް ގައުމުތަކުގައި ފުލުހުންގެ މުއައްސަސާ އޮންނަ ގޮތަށް ވަކިން ފުލުހުން އުފެދިގެން އައިއިރު ފުލުހުންގެ މުއައްސަސާއާ ގުޅުމުގެ ފުރުސަތެއް އަޅުގަނޑަށް ލިބުނީ. އެ މަރުހަލާގައި ގާތްގަނޑަކަށް ފަސް އަހަރު މަސައްކަތް ކުރަން ޖެހުނީ. ހުރިހާ ޓްރެއިނިންތަކުގެ ޑޮކިއުމަންޓްތަކާ މި އެއްޗެހި ހެދުމުގައި އުޅުމުގެ ފުރުސަތު ލިބުނީ،" އެއީ ބޮޑު ތަޖުރިބާއެއްކަން ފާހަގަކުރައްވައި ޝުޖާއު ވިދާޅުވި އެވެ. 

އެ ހިސާބުން ފެށިގެން ފުލުހުންގެ ހިދުމަތުގައި އޭނާ ކަޑައްތުކުރެއްވި ދަތުރުގައި ފުލުހުންގެ ހުރިހާ ޑިޕާޓްމަންޓެއްގައި ހިދުމަތް ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތެވެ. އެހެންވެ، އޭނާ ވިދާޅުވީ، ފުލުހުންނަށް ކުރިމަތިވެފައި ހުރި މައްސަލަތަކާއި ރަނގަޅު ކުރަން ޖެހޭ ކަންކަން އޭނާއަށް ވަރަށް ރަނގަޅަށް އެގިވަޑައިގަންނަވާ ކަމަށެވެ. އެއީ އޭނާގެ މަސައްކަތަށް އޮތް ބޮޑު ފަސޭހައެއް ކަމަށް ދެކެވަޑައިގަންނަވަ އެވެ. ފުލުހުންގެ އިދާރާ ތަރުތީބު ކުރެއްވުން ޝުޖާއު ފައްޓަވަނީ އެ ހިސާބުންނެވެ.

ބަހަނާ ދައްކައިގެނެއް ނުުއެއް ތިބެވޭނެ. އެކި ކަންކަމުގައި މީހުން ފާޅުގައި އެއްޗިހި ކިޔާނެ. އެ ފާޑުކިޔުންތަކާ އެކު ކުރިއަށް ދާން ޖެހޭނީ. އަޅުގަނޑުމެންނަށް ޖެހޭނީ ކަންކަން ރަނގަޅު ކުރަން، އާންމުން އެ އެކްސްޕެކްޓްކުރާ ހިސާބަށް ދާން

އަލީ ޝުޖާއު، ޕޮލިސް ކޮމިޝަނަރު 

"ވަރަށް ބޮޑަށް ހުރޭ ޗެލެންޖިން ކަންކަން ކޮށްލުމުގެ ޝައުގުވެރިކަން އަބަދުވެސް. އަޅުގަނޑު ޕޮލިހުގައި މަސައްކަތް ނުކުރާ ދާއިރާއެއް މަދުވާނެ. އިންވެސްޓިގޭޝަނުން، އެފްސީޕީޑީން ފެށިގެން ގޮސް ސަޕޯޓް، މިހެން ގޮސް ހުރިހާ ދާއިރާއެއްގައި މަސައްކަތް ކުރެވުނު. އެހެންވެ، މި ފުރުސަތު ވެސް ބޭނުން ހިފީ،" އޭނާ ކޮމިޝަަރުކަން ގަބޫލުކުރަން ނިންމެވި ސަބަބު ވިދާޅުވި އެވެ.

"ދެ ފަރާތުން ވެސް މި ހުރި މައްސަލަތައް އެނގި ހުރެގެން ކަންކަން ރަނގަޅު ކުރުމުގެ ފުރުސަތެއް މި ލިބުނީ." 

ފުލުހުންގެ މައި އިދާރާ ޝަހީދު ހުސެއިން އާދަމް ބިލްޑިންގުގެ ބޭރުގައި ފުލުހުންތަކެއް (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

'ބަހަނާއެއް ނެތް؛ އޮތީ ރައްޔިތުން އެދޭ ގޮތަށް ބަދަލުވުން'

ޝުޖާއު ވިދާޅުވި ގޮތުގައި މަޖީދިއްޔާ ސްކޫލުގެ އެސިސްޓެންޓް ޕްރިންސިޕަލަކަށް މަސައްކަތް ކުރެއްވި އިރު ފުލުހުންނާއި ބެލެނިވެރިންގެ ފަރާތުން ވެސް ޝަކުވާތައް އަޑުއަހައި އެކަންކަން ހައްލުކުރަން މަޝްވަރާތައް ކުރައްވަން ޖެހުނެވެ. އެހެންވެ ފުލުހުންނާއި އާންމުންގެ މެދުގައި އޮންނަ އަރައިރުންތަކުގެ އިހުސާސް އޭނާއަށް ކުރެއްވެ އެވެ. 

އާންމުން ފުލުހުންނާ މެދު ދެކޭ ގޮތް ޝުޖާއުއަށް ސާފެވެ. އަދި އެއީ އޭނާއަށް މައްސަލައެއް ވެސް ނޫނެވެ. 

"ފުލުހުންގެ ތެރޭގައި އެކި ޑިޕާޓްމަންޓުތަކުގައި މަސައްކަތް ކުރިއިރު ވެސް ހިދުމަތް ދިނުމުގައި ވެސް، މީހުން މެނޭޖްކުރުމުގައި ވެސް ބަލަނީ އާންމުންގެ މެދުގައި އޮންނަ ހިތްހަމަނުޖެހުމާއި ފާޑުކިޔުންތަކަށް ބަލައިގެން އެކަންކަމަށް ހައްލު ހޯދަން ހިދުމަތް ބައްޓަން ކުރަން. އެހެންވެ، ވަރަށް ފަސޭހަ އެބަވޭ އަޅުގަނޑަށް،" ޝުޖާއު ވިދާޅުުވި އެވެ.

ފުލުހުން އާންމުންގެ ބަޔަކާ މުއާމަލާތް ކުރަނީ  (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ފުލުހުންނާ މެދު އާންމުންގެ އުއްމީދުތައް އުޅެނީ ވަރަށް މަތީގައިކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެއްވެސް ސަބަބަކާ ހުރެ ކަމެއް ނުވާ ނަމަ އާންމުންގެ ޝަކުވާ އާއި ހިތްހަމަނުޖެހުން ބޮޑުވާނޭ ކަމަށާއި އެއީ ފުލުހުން ބަލައިގަންނަން ޖެހޭ ކަމެއް ކަމަށެވެ. އެހެންވެ، ޝުޖާއު ވިދާޅުވި ގޮތުގައި، ބަހަނާ ދެއްކުމުގެ ފުރުސަތެއް އޭނާގެ މަސައްކަތުގައި ނޯންނާނެ އެވެ. 

"އަޅުގަނޑަކަށް ބަހަނާ ދައްކައިގެނެއް ނުުހުރެވޭނެ. އެކި ކަންކަމުގައި މީހުން ފާޅުފައި އެއްޗިހި ކިޔާނެ. އެ ފާޑުކިޔުންތަކާ އެކު ކުރިއަށް ދާނީ. އަޅުގަނޑުމެންނަށް ޖެހޭނީ ކަންކަން ރަނގަޅު ކުރަން، އާންމުން އެ އެކްސްޕެކްޓްކުރާ ހިސާބަށް ދާން،" ޝުޖާއު ވިދާޅުވި އެވެ. 

ޕޮލިސް ކޮމިޝަނާ އަލީ ޝުޖާއު 'ދައުރު' އަށް އިންޓަވިއު ދެއްވަނީ (ދައުރު ފޮޓޯ/މުހައްމަދު އަމާން)

އެ އަމާޒަށް ވާސިލްވާން ބައެއް ހިޔާލުތައް އޭނާ ގެންގުޅުއްވަ އެވެ. ޝުޖާއު ވިދާޅުވި ގޮތުގައި ފުލުހުންގެ ހިދުމަތާ މެދު އާންމުން ދެކޭ ގޮތް ދެނެގަންނަން މިފަހުން ފޯރަމެއް ބޭއްވިއިރު ހިޔާލުތައް ހުރީ ވަރަށް މަސްހުނިކޮށެވެ. 

އޭނާ ވިދާޅުވީ އާންމުން ހުށަހަޅާ މައްސަލަތަކުގެ ތަހުގީގު ދާ ގޮތް އެ މައްސަލަ ހުށަހަޅާ މީހަކަށް މިހާރަށް ވުރެ ސާފުކޮށް ދެފުށް ފެންނަ ގޮތަކަށް ބުނެދެވޭނެ ނިޒާމަކަށް ދިޔުމަކީ އަމާޒެއް ކަމަށެވެ. އަދި ފުލުހުންނަށް ހުށަހަޅާފައި ހުރި މައްސަލަތަކުގެ ތެރެއިން ނުނިމި ގިނަ ދުވަސްވެފައި ހުރި މައްސަލަތަކަކީ ކޮބައިކަމާއި އެ މައްސަލަތައް ދިގުލާފައި ހުރި ސަބަބުތައް ދެނެގަންނަން ކޮމިޓީއެއް ހަދައިގެން މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.

ރައްކާތެރިކަމުގެ އިހުސާސެއް ގެނެސްދިނުން

ޝުޖާއު ދެކެވަޑައިގަންނަވާ ގޮތުގައި ރައްޔިތުންގެ އިތުބާރު ހޯދުމާއި ފުލުހުންނާ މެދު ދެކޭ ގޮތް ބަދަލުކުރުމަށް، ފުލުހުން ހިދުމަތް ދޭ ގޮތަށް ބަދަލު ގެންނަން ޖެހެ އެވެ. ބަދަލެއްގެ ގޮތުން ކުރާ ފުރަތަމަ ކަމަކީ، އޭނާ ވިދާޅުވި ގޮތުގައި، މަގުމަތީގައި ފުލުުހުން ފޯރިމަރާ މިންވަރު އިތުރުކުރުމެވެ. 

އާންމުންނަށް މަގުމަތިން ފުލުހުން ފެންނަ ވަރު އިތުރުވުމަކީ ރައްކާތެރިކަން އިހުސާސްވާނޭ ކަމެއްގެ ގޮތުގައި ޝުޖާއު ގަބޫލުކުރައްވަ އެވެ. އެގޮތުން މާލޭގެ ހަތް ސަރަހައްދަށް ވުރެ ގިނަ މުހިންމު ސަރަހައްދުތަކުގައި ފުލުހުން ބައިތިއްބައިގެން ފޯރި މަރަމުން މިހާރު އަންނަ އިރު ރަށްރަށުގައި ވެސް ފުލުހުން ޕެޓްރޯލް ކުރާވަރު އިތުރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

"މުޅި މާލޭގައި މިހާރު ދުއްވާ ބޭފުޅަކަށް ފުލުހުން ސަރަހައްދެއްގައި ފޯރި މަރަން ނުތިބޭ ތަނެއް ނުފެންނާނެ. އަޅުގަނޑުމެންގެ ބޭނުމަކީ ފުލުުހުންގެ ޕްރެޒެންސް ގިނަކޮށްގެން އާންމުންނާ ކައިރިން ޕޮލީސިން ދީގެން ކަންކަން ހައްލުކުރުން،" ޝުޖާއު ވިދާޅުވި އެވެ.

ފުލުހުން މަގުމަތީ ފޯރިމަރަނީ: މާލޭގެ ހަތް ސަރަހައްދެއްގައި އަބަދުވެސް ފުލުހުން ފޯރިމަރާ ގޮތަށް ވަނީ ހަމަޖައްސާފައި (ދައުރު ފޮޓޯ/މުޙައްމަދު އަމާން)

އޭނާ ވިދާޅުވީ ނުގަވާއިދުން ޕާކްކުރާ އުޅަނދުތަކުގައި ސްޓިކާ ޖެހުމުގެ ބަދަލުގައި މިހާރު ވިސްނުމަކީ އެގޮތަށް ޕާކްކުރުން ގިނަ ތަންތަނުގައި ފުލުހުން ބައިތިއްބައިގެން އާންމުންނަށް ބުނެދީގެން އެފަދަ ކަންކަން ހުއްޓުވުން ކަމަށެވެ.

"މިސާލަކަށް އޭޑީކޭ ކައިރީ ތިބޭނެ ފުލުހުން މިހާރު އަބަދުވެސް. ދެން އެ ބޭފުޅުން ބުނާނެ އެތާ ކުރިމަތީ ޕާކްނުކުރާން. އެއީ އެތާ ޖެހިގެން އޮވޭ ބޮޑު ޕާކިން ޒޯނެއް ވަރަށް ބޮޑު ބައި ހުސްކޮށް. އެތާ ޖާގަ ހުއްޓާ އެހެން ޖަހާތީ އެކަން ނުކުރަން ނަސޭހަތް ދީގެން ނުގަވައިދުން ޕާކްކުރުން ހުއްޓުވުން އަމާޒަކީ،" ޝުޖާއު ވިދާޅުވި އެވެ. 

މީގެ އިތުރަށް ޝުޖާއު ވިދާޅުވީ މަތީ ރޭންކުތަކުގެ ފުލުހުން ވެސް ވަކި ތާވަލެއްގެ ދަށުން، ސްކޫލްތައް ނިމޭ ގަޑީގައި މަގުމަތި ބެލެހެއްޓުމުގެ މަސައްކަތަށް މިހާރު ނެރެމުން އަންނަ ކަމަށެވެ. އެހެންވުމުގެ ސަބަބުން ފުލުހުންނަށް އާންމުންގެ ފަރާތުން ޝަކުވާތައް އަޑުއިވި ކަންކަން ރަނގަޅު ކުރަން ބާރަކަށް ވާނެ ކަމަށް ވިދާޅުވި އެވެ.

ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

"ފުލުހުންނާއި އާންމުންނާ ދެމެދު މި އޮންނަ ދުރުކަން، ބޮސީ ބައެއްގެ ގޮތުގައި އޮންނަ އޮތުން ބަދަލުކުރުން އޭގެ ބޭނުމަކީ. ރައްޔިތުންނަށް ރައްކާތެރިކަން ދޭ ބައެއްގެ ގޮތުގެ އިހުސާސްކޮށްދިނުން އެއީ ބޭނުމަކީ،" ޝުޖާއު ވިދާޅުވި އެވެ. 

ސިޔާސީ ޓެގާ ދުރުވެ އިތުބާރު ހޯދުން

ޝުޖާއު ވިދާޅުވި ގޮތުގައި ރައީސް، ޕޮލިސް ކޮމިޝަނަރު އައްޔަން ކުރެއްވި ނަމަވެސް، އާންމުންނަށް ހީވެފައި އޮންނަ މިންވަރާ ގާތަށް ވެސް ފުލުހުންގެ ތެރޭގައި ސިޔާސީ ނުފޫޒެއް ނޯވެ އެވެ. އަދި ނުފޫޒު ފޯރުވަން މަސައްކަތް ކުރި ނަމަވެސް އެއީ ކުރަން އުނދަގޫ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.

އަޅުގަނޑު ވަކި މައްސަލައެއް ނިންމާށޭ ބުނީމާ އެކަން އެގޮތަކަށް ނުކުރެވޭނެ މިތާކު، ސިސްޓަމްގެ ތެރެއިން އެކަން ކުރަން އުނދަގޫވާނެ. މީހުން ކިޔާ ގޮތަށް މިތަން އެހާ ސިޔާސީ ވެފައި އޮންނަ ވާހަކަ އެއީ އެ ބުނާ މިންވަރަށް އޮންނަ ކަމެއް ނޫން

އަލީ ޝުޖާއު، ޕޮލިސް ކޮމިޝަނަރު

އެގޮތަށް ދިމާވާ ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ ފުލުހުންގެ ހިދުމަތަކީ ޒަމާނުއްސުރެ ވަކި ހާއްސަ އުސޫލުތަކަކާއި އޮނިގަނޑެއްގެ ތެރެއިން މަސައްކަތް ކުރާ މުއައްސަސާއަކަށް ވުމެވެ.

ކޮމިޝަނަރު ސިޔާސީ ވިސްނުމުގައި ވަކި ގޮތަކަށް މައްސަލައެއް ނިންމަން ބޭނުންވި ނަމަވެސް ފުލުހުންގެ ތެރެއިން އެކަން އެގޮތަށް ނުހިނގާނޭ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

މުޒާހަރާއެއް ކޮންޓްރޯލްކުރުުމުގައި ފުލުހުން ހަރަކާތްތެރިވަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

"ސިޔާސީ ވުމާއި ފުލުހުންނާ ގުޅުވާ ކޮންމެ ފަހަރަކު ވެސް، އާންމުން ފާޅުކުރާ ހިޔާލެއް، ތުހުމަތެއް އެއީ އަބަދުވެސް. އެގޮތަށް އާންމުން އެ ބުނާ ވަރަށް ސިޔާސީ ކަންކަމެއް ހަގީގަތުގައި ނުއެއް އޮންނާނެ ފުލުސް ތެރޭ،" ޝުޖާއު ވިދާޅުވި އެވެ. 

"އަޅުގަނޑު ވަކި މައްސަލައެއް ނިންމާށޭ ބުނީމާ އެކަން އެގޮތަކަށް ނުކުރެވޭނެ މިތާކު، ސިސްޓަމްގެ ތެރެއިން އެކަން ކުރަން އުނދަގޫވާނެ. މީހުން ކިޔާ ގޮތަށް މިތަން އެހާ ސިޔާސީ ވެފައި އޮންނަ ވާހަކަ އެއީ އެ ބުނާ މިންވަރަށް އޮންނަ ކަމެއް ނޫން." 

ނަމަވެސް ޝުޖާއު ވިދާޅުވީ ވަކިވަކި ފުލުހުން ސިޔާސީ ވިސްނުމުގައި ބައެއް ފަހަރު މަސައްކަތްކޮށްފައި އެބަހުރި ކަމަށެވެ. އޭގެ ސަބަބުން 'ސިޔާސީ ޓެގް' މުޅި ފުލުހުންގެ މުއައްސަސާގައި އަޅުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާގެ ކޮމިޝަަނަރު ކަމެއްގައި ސިޔާސީ ވިސްނުމުގައި މަސައްކަތް ކުރާ ފުލުހުންނާ މެދު ފިޔަވަޅު އަޅުއްވާނޭ ކަމަށް ވިދާޅުވި އެވެ. 

"އަޅުގަނޑު މަސައްކަތް ކުރާނީ ސިޔާސީ ކަންކަމާ ވީހާ ވެސް އެކަހެރިވެގެން، މިތަނާ މެދު މި އޮންނަ، ވަކި ބައެއްގެ މައްސަލައޭ މިތަނުން ބަލާނީ އަނެއް ބައެއްގެ މައްސަލަ ނުބަލާނޭ އެ އޮންނަ ވިސްނުން ދުއްވާލެވޭތޯ. ފެއާކޮށް މަސައްކަތް ކުރާ މުއައްސަސާއަކަށް ހަދަން މަސައްކަތް ކުރާނީ،" ޝުޖާއު ވިދާޅުވި އެވެ. 

ޕޮލިސް ކޮމިޝަނާ އަލީ ޝުޖާއު 'ދައުރު' އަށް އިންޓަވިއު ދެއްވަނީ (ދައުރު ފޮޓޯ/މުޙައްމަދު އަމާން)

ރައީސް މުއިއްޒު ވެސް އޭނާގެ ކިބައިން އެދިވަޑައިގެންފައި އޮތް ކަމަކީ ސިޔާސީ ކަންކަމުން ދުރުވެ ރައްޔިތުންގެ އިތުބާރު ހިފޭ މުއައްސަސާއެއް އުފައްދައިދިނުން ކަމަށް ޝުޖާއު ވިދާޅުވި އެވެ.

ހާމަކަން ބޮޑު މުއައްސަސާއެއްގެ ވިސްނުން

ޝުޖާއު ވިދާޅުވީ ފުލުހުންގެ މުއައްސަސާއަށް އިތުބާރު ހޯދުމަށް ބައެއް ކަންކަން މިހާރަށް ވުރެ ބޮޑަށް ހާމަކުރަން ޖެހޭ ކަމަށް އޭނާއަށް ގަބޫލުކުރެއްވޭ ކަމަށެވެ. އޭނާގެ ވިސްނުމުގައި އުސޫލާ ހިލާފަށް ނުވަތަ ފުލުހުންގެ ސުލޫކާ ހިލާފަށް އަމަލުކުރާ ފުލުހުންނާ މެދު އަޅާ ފިޔަވަޅުތައް ހާމަކުރުމަކީ ހައްލެކެވެ.

މީގެ އިތުރަށް، އާންމުންނަށް ފުލުހުންގެ މަސައްކަތްތަކުގެ މައުލޫމާތު ވީހާ ވެސް ބޮޑަށް ދިނުމުގެ ގޮތުން މަހަކު އެއް ފަހަރު ފުލުހުންގެ ނޫސް ކޮންފަރެންސެއް ބޭއްވުމަކީ އަމާޒެއް ކަމަށް ޝުޖާއު ވިދާޅުވި އެވެ. އަދި އެ ނޫސް ކޮންފަރެންސުގެ ތެރެއިން، އުސޫލުތަކާ ހިލާފުވާ ފުލުހުންނާ ދެކޮޅަށް އަޅާ ފިޔަވަޅުތަކުގެ ތަފްސީލް ހާމަކުރުމަކީ ވިސްނުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

"ހާމަކަން ބޮޑުކުރުން އެއީ އަޅުގަނޑުގެ އަމާޒެއް. ހާމަކުރެވެން ހުރި މައުލޫމާތު ހިފެހެއްޓުމުގެ ވިސްނުމެއް އަޅުގަނޑު ނުގެންގުޅެން،" ޝުޖާއު ވިދާޅުވި އެވެ. 

ގޭންގުތައް މުލުން ލުހެލުމުގެ ރޭވުމެއް 

ގޭންގުތަކާއި ޑްރަގުގެ މައްސަލައަކީ ފުލުހުންނަށް ކޮންމެ ސަރުކާރެއްގައި ވެސް ކުރިމަތިވާ އެންމެ ބޮޑެތި މައްސަލަތަކެވެ. އެކަންކަން ނުހުއްޓުވޭ ކަމުގެ އިނގިލި އާންމުން ފުލުހުންނަށް އަބަދުވެސް ދިއްކުރެ އެވެ.

ޝުޖާއު ވިދާޅުވި ގޮތުގައި ގޭންގު ކުށްތައް މަދުކުރަން އޭނާގެ އޮތް ވިސްނުމަކީ އެކަމަށް އަލަށް ވަންނަ ނުވަތަ މަގުމަތީ އަމަލީ ގޮތުން ހަރަކާތްތެރިވާ ގޭންގުތަކަށް ނިސްބަތްވާ މީހުން ކުށުގެ ވެށިން ނަގައި އިސްލާހުކުރުމެވެ.

އޭނާ ވިދާޅުވީ ގޭންގުތަކުން ކުށްތައް ކުރަން ބޮޑަށް ގެންގުޅެނީ 18 އަހަރުު ނުވާ ކުދިން ކަމަށާއި އެފަދަ ކުދިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އިސްލާހީ ޕްރޮގުރާމެއް ހިންގިއްޖެ ނަމަ ގޭންގުތައް ބަލިކަށިކޮށްލެވޭނެ ކަމަށެވެ.

"އޭރުން ދެން ފަސޭހަވާނެ މީގެ މުގުލުގައި އުޅޭ މީހުންނާ ހަމައަށް ދާން. އެ މީހުންގެ ގައިގައި ހިފަން،" ޝުޖާއު ވިދާޅުވި އެވެ.

ގޭންގުތައް ބަޔަކު ހިންގަނީ އެކަމުން މާލީ އަދި އެހެން ވެސް މަންފާތަކެއް ވާތީކަން ފާހަގަކުރައްވައި ޝުޖާއު ވިދާޅުވީ ގޭންގުތަކުން ހިންގާ ވިޔަފާރިތަކާއި އާމްދަނީ ހޯދާ ހަރަކާތްތަކަކީ ކޮބައިކަން ފުލުހުން ދެނެގަންނާނޭ ކަމަށެވެ. އަދި އެފަދަ ވިޔަފާރިތައް ހުއްޓުވަން ފުލުހުންގެ ހުރިހާ ވަސީލަތެއްގެ ބޭނުން ހިފާނޭ ކަމަށާއި އޭގެ ނަފާ ލިބޭ މީހުންނާ ހަމައަށް ފުލުހުން ވާސިލްވާނޭ ކަމަށް ވެސް ވިދާޅުވި އެވެ. 

ކްރައިމް ސީނެއްގައި ފުލުހެއް ހަރަކާތްތެރިވަނީ: ފުލުހުންނަށް ގޭންގުތަކުން ހަމަލާދޭ މައްސަލަތައް މިފަހުން ވަނީ އިތުރުވެފައި (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

"ދޫދޭ ގޮތަކަށް ނޫން މި ތިބީ އެފަދަ ފަރާތްތައް ހިތުހުރި ގޮތަށް ކަންކަން ކުރަން. ވަރުގަދަ މަސައްކަތްތަކެއް ގޭންގުތަކާ ދެކޮޅަށް ކުރާނަން. ވަށާ ޖެހޭ ގޮތެއްގައި މަސައްކަތްކޮށްގެން އެކަންކަން ހުއްޓުވާނަން،" ޝުޖާއު ވިދާޅުވި އެވެ.

"އެންމެންގެ ސަޕޯޓް މިކަމުގައި އަޅުގަނޑުމެން އެބަ ބޭނުންވޭ. ފުލުހުން އެކަނި މިކަންކޮށްގެން ހައްލެއް ނުގެނެވޭނެ." 

އޭނާ ވިދާޅުވީ ޑްރަގު ވިޔަފާރިއާ ދެކޮޅަށް ފުލުހުން ކުރާ މަސައްކަތުގައި ފުލުހުންނަށް ހެދިފައި ހުންނަ ގޯސްތައް ބަލައި އެކަންކަމާ މެދު ފިޔަވަޅު އަޅައި ފުލުހުންގެ ގާބިލްކަން އިތުރުކުރަން ވިސްނަވާނެ ކަމަށެވެ. ފުލުހުން އަތުލާ ޑްރަގުގެ ބޮޑުން ކޯޓު މަރުހަލާއިން ދޫވުމަކީ ކަންބޮޑުވުމެއްކަން ފާހަގަކުރައްވައި ޝުޖާއު ވިދާޅުވީ އެ މީހުން ދޫވުމުގައި ފުލުހުންނަށް ގޯސްތަކެއް ހެދޭ ނަމަ އެއީ ރަނގަޅު ކުރަން ޖެހޭ ކަމެއް ކަމަށެވެ.

ޑުރަގުގެ މައްސަލަތަކުގައި ހައްޔަރުކުރާ މީހުން ކޯޓު މަރުހަލާގައި ދޫވުމަކީ ފުލުހުން ގަސްތުގައި ހަދާ ގޯސްތަކަކުން ވާ ކަމެއް ނޫން. އަދި އެފަދަ ކަމެއް ފުލުހުންގެ ތެރެއިން ނުކުރާނެ  

އަލީ ޝުޖާއު، ޕޮލިސް ކޮމިޝަނަރު 

"ކޯޓުން އެކަމުގައި އަމަލުކުރާ ގޮތަށް އަޅުގަނޑުގެ ކޮމެންޓެއް ނެތް. އަޅުގަނޑުގެ ވިސްނުން މި އޮތީ ޑްރަގާ ދެކޮޅު މަސައްކަތުގައި އުޅޭ ފުލުހުން ގާނޫނަށް އަހުލުވެރި ކުރުވުމާއި އޮޕަރޭޝަންތަކުގެ ޕްރޮފެޝަނަލިޒަމް އަދި ކޮލިޓީ ރަނގަޅުކުރުން. ހެދޭ ގޯސްތައް ހޯދުން،" ޝުޖާއު ވިދާޅުވި އެވެ.

އޭނާ ގަބޫލުކުރައްވާ ގޮތުގައި ޑުރަގުގެ މައްސަލަތަކުގައި ހައްޔަރުކުރާ މީހުން ކޯޓު މަރުހަލާގައި ދޫވުމަކީ ފުލުހުން ގަސްތުގައި ހަދާ ގޯސްތަކަކުން ވާ ކަމެއް ނޫނެވެ. އަދި އެފަދަ ކަމެއް ފުލުހުން ނުކުރާނޭ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ. 

"ހެދޭ ގޯސްތައް ފުލުހުންނާއި މުއައްސަސާތައް މަޝްވަރާކޮށްގެން ހައްލުކުރަން އަމާޒު މި އޮތީ. އެއިން، މި ހެދޭ ގޯސްތައް ދެނެގަނެވޭނެ. ޕީޖީ އާއި އަޅުގަނޑު މި ފަހުން ބައްދަލުކޮށް، ތަންކޮޅެއް އޮގަނައިޒްޑްކޮށް، ފުލުހުންނަށް މި ހެދިފައި ހުންނަ ގޯސްތައް ބުނެދީގެން ކަންކަން ރަނގަޅުކުރުމުގެ ވާހަކަ ދެކެވިއްޖެ،" ޝުޖާއު ވިދާޅުވި އެވެ. 

ބޮޑު ގޮންޖެހުން: ފުޅާވާ ކުށުގެ ވެއްޓާ އަރާ ހަމަކުރުން

ޝުޖާއު ގަބޫލުކުރައްވާ ގޮތުގައި އޭނާއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އަހަރުން އަހަރަށް ފުޅާވެ ބޮޑުވެ ނުރައްކާވަމުންދާ ކުށުގެ ވެއްޓާ އެއްވަރަށް ފުލުހުންގެ ވަސީލަތްތައް އިތުރުނުކުރެވުމެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި ވެސް ކުށުގެ ވެށި ވަރަށް އަނިޔާވެރިވަމުންދާ ކަމަށެވެ.

ނަމަވެސް ތަހުގީގީ ދާއިރާއަށް ފުލުހުން އިތުރު ނުކުރެވޭ ކަމަށާއި ފުލުހުންގެ ތެރޭގައި ތިބި މީހުން ވެސް ތަހުގީގީ ދާއިރާއަށް ބަދަލުވާން ޝައުގުވެރިނުވާ ކަމަށް ޝުޖާއު ވިދާޅުވި އެވެ. 

ކްރިމިނަލް ކޯޓު ކައިރީ ފުލުހުން ހަރަކާތްތެރިވަނީ: ރާއްޖޭގައި ވެސް ހިންގާ ކުށްތައް ނުރައްކާވަމުން އަންނަ ކަމަށް ފުލުހުން ބުނޭ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

"ވަރަށް ވަޔަލަންޓް ކުރައިމްތައް ރާއްޖޭގައި ވެސް މި ފަހުން މި އަންނަނީ. އަޅުގަނޑުގެ ކަންބޮޑުވުމަކީ އެ ފުޅާވާ ކުށުގެ ވެއްޓާ އެއްވަރަށް އިންވެސްޓިގޭޓަރުންގެ ފެންވަރު  ރަނގަޅުކުރުމާއި ވަސީލަތްތައް އިތުރުކުރުން ކުރިއަށް ނުގެންދެވޭތީ. އެ ގެޕް ވީހާ ވެސް ކުޑަކުރުން އަމާޒަކީ. އަދި ރިސޯސް ބޭނުންކުރަނީ އެންމެ ރަނގަޅަށްތޯ ބަލައިގެން ވެސް އެ ގެޕް ކުޑަކުރެވޭތޯ މި ބަލަނީ،" ޝުޖާއު ވިދާޅުވި އެވެ. 

ފުލުހުންގެ މުއައްސަސާއާ މެދު އާންމުންގެ އިތުބާރު އުފެއްދުމަކީ އެއް ދުވަހަކުން ދެ ދުވަހަކުން ވާނޭ ކަމެއް ކަމަކަށް އޭނާ ދެކެވަޑައެއްނުގަންނަވަ އެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި "ސްވިޗެއް ޖައްސާލީމާ ބޮކި ދިއްލޭ އުސޫލަކުން މިކަމެއް ނުވާނެ" އެވެ. އެހެންވެ، ޝުޖާއު ހުންނެވީ ގޮތުގައި ހިފަހައްޓަވައިގެން ރައްޔިތުންނަށް ހެޔޮ ބަދަލެއްގެ އިހުސާސް އަންނާނޭ ގޮތަށް ފުލުހުންގެ ހިދުމަތް ބަދަލުކޮށްލެވުމުގެ ވިސްނުމުގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް