ހުސައިން ވިދާޅުވަނީ މޭޔަރުގެ ރޭހުގައި އޭނާއަށް ވުރެ ފަސްބައި ސާފު އެކަކު ވެސް ނެތޭ

ސިފައިންގެ އާއި ފުލުހުންގެ ތެރޭގައި ދިގު މުއްދަތެއްގައި ހިދުމަތްކުރެއްވުމުން މާލޭގެ ހުރިހާ މައްސަލަތަކެއް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވި

ފުލުހުންގެ ކޮމިޝަނަރުކަމުގައި ހުންނެވި ދުވަސްވަރު ހުސައިން ވަހީދަށް އެތައް ތުހުމަތުތަކެއް އަމާޒުވި އެވެ. ކުރީގެ ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލި ތަހުގީގަށް ހުރަސް އެޅުމާއި އޭރުގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް)ގެ އެޕާޓްމަންޓަށް ފިސްތޯލައެއް ވައްދައި 'ފްރޭމް' ކުރުމުގައި ބައިވެރިވުމާއި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާ އޮތް ގާތް ގުޅުމުގެ ތެރެއިން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނުކަމާ، އެހެން ގޮސް ބޮޑު ލިސްޓެކެވެ.

ސިފައިންގެ ތެރޭގަ އާއި ފުލުހުންގެ ހިދުމަތުގައި 20 އަހަރަށް ގިނަ ދުވަހު ހިދުމަތްކުރެއްވި އެވެ. މިހާރު ނުކުމެ އެ ހުންނެވީ މާލޭ މޭޔަރު ކަމުގެ މަގާމަށެވެ.

އޭނާ ވިދާޅުވަނީ އެ ހުރިހާ ތުހުމަތުތަކެއް ވެސް ދޮގު ކަމަށެވެ. އަދި މޭޔަރު ކަމުގެ މި ރޭހުގައި އޭނާއަށް ވުރެ ފަސްބައި ސާފު ބޭފުޅަކު ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ޗޫސްކުރަން [މޭޔަރުކަމަށް ހޮވަން] ޖެހޭ ސަބަބަކީ، އަޅުގަނޑުގެ ނޯންނާނެ މައްސަލައެއް ކޯޓެއްގައި ޕެންޑްވެފައި ހުކުމް ކުރަން ތައްޔާރުވެފައި. އަޅުގަނޑުގެ ރިކޯޑްސް ތެރޭގައި ނުހުންނާނެ ބައެއް ކަހަލަ އަހްލާގީ ކަމެއް ކޮށްގެން ހުކުމެއް ކޮށްފައި. އެހެންވީމަ، އަޅުގަނޑުގެ ފަސްބައި ވަރަށް ސާފޭ،" 'ދައުރު'ގެ 'ސިޔާސަކަ' ޝޯއަށް ދެއްވި އިންޓަވިއުގައި ހުސައިން ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާ އެކު މި އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ހުސައިން ވަނީ މި ޝޯގައި، އޭނާއަށް ކުރަމުން ދާ ތުހުމަތުތަކަށް ވަކިވަކިން ކުރި ސުވާލުތަކަށް އެއްވެސް ފަސްޖެހުމެއް ނެތި ޖަވާބު ދެއްވައިފަ އެވެ. އެގޮތަށް ޖަވާބު ދެއްވެނީ ވެސް ފޮރުވާނެ އެއްވެސް ކަމެއް ނެތުމުން ކަމަށް ވިދާޅުވި އެވެ.

ސިފައިންގޭގަ އާއި ފުލުހުންގެ ހިދުމަތުގައި ވަޒީފާ އަދާކުރެއްވިއިރު، މާލެއަށް ދިމާވެފައިވާ ހުރިހާ މައްސަލަތައް ވެސް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވެ، އެ ތަޖުރިބާގެ އަލީގައި މޭޔަރުކަމުގެ މަސްއޫލިއްޔަތު އެންމެ ރަނގަޅަށް އަދާކުރެއްވޭނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.

އޭގެ އިތުރުން، ޔާމީނަށް މި ސަރުކާރުން ކުރާ 'އަނިޔާ'ގެ ވާހަކަތަކާއި މި ސަރުކާރުގައި ހުރި ބައެއް ކަންކަމަށް ވެސް ހުސައިން ވަނީ ފާޑުވިދާޅުވެފަ އެވެ.

ކުރީގެ ރައީސް ޔާމީންގެ ތާއީދާ އެކު މާލެ މޭޔަރު ކަމަށް ވާދަކުރައްވާ ހުސައިން އާއި ކައުންސިލަރުންގެ ދާއިރާތަކަށް ވާދަކުރައްވާ ތިން ކެންޑިޑޭޓުން (ފޮޓޯ/ ކެމްޕެއިން ޓީމް)

މޭޔަރުކަމުގެ އިންތިހާބުގައި ވޯޓުލުން އޮންނާނީ މާދަމާ އެވެ. ތިރީގައި މި ހިމަނާލަނީ 'ސިޔާސަކަ'އަށް ދެއްވި އިންޓަވައުގެ ބައެއް ސުވާލުތަކުގެ ކުރު ހުލާސާއެކެވެ.

  • ދައުރު: ހުސައިންގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ކިޔާލަދީބަލަ

ހުސައިން: ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ތެރޭގައި އެންމެ ފުރަތަމަ ކަމަކީ މާލޭގެ ދަފްތަރުގެ މީހުންނާ ދޭތެރޭ ބައެއް ފަހަރު އެންމެ އިންސާފުވެރިކޮށް ނޫން ކަންތައްތައް ވަމުން ދަނީ... ބޯހިޔާވަހިކަންތޯ ނުވަތަ ގެދޮރުވެރިވުންތޯ ނުވަތަ ބިންވެރިވުންތޯ؟ މިއީ އަޅުގަނޑުމެން އުފައްދަން ޖެހޭ ސުވާލު. މި ސުވާލު އުފައްދަމުން ދާއިރު، މިއާ އެކު ކޮށްލަން ޖެހޭ ސުވާލެއް، އެވަރަށް އާމްދަނީ ލިބޭތޯ ރައްޔިތުންނަށް. އެމީހަކަށް ދިރިއުޅެވޭނެ މިންވަރުވޭތޯ. އޭގެ މާނައަކީ، އޭނާއަށް ކުލި ދައްކައި ބިލްތައް ދައްކުމަށް ފަހު ދެން ކުރަން ޖެހޭ ހަރަދުތައް ކުރުމަށް އެކަށީގެންވާ މިންވަރަށް ބާކީ ކުރެވިފައި. މިވަރަށް ނެތިއްޔާ ބޯހިޔާވަހިކަމުގެ އަސްލު އުފާ ނުލިބޭ މީހުންނަށް.

ދެން އަޅުގަނޑު ފާހަގަކޮށްލަން ބޭނުން ވަނީ، މިއަދު ދިވެހި ދައުލަތުގެ ރެކޯޑްސް ތެރޭގައި ދިވެހިންނާ ބެހޭ ހުރިހާ މައުލޫމާތެއް ހަމައަށް އެބަ އޮތް. މިގޮތަށް އޮތް އިރު، އަޅުގަނޑުމެން ކީއްކުރަން ކޮންމެ ފަހަރަކު ބޯހިޔާވަހިކަމަށް ފޯމުތަކެއް ލައިގެން މި ހުރިހާ ކަމެއް ކުރަނީ. އެއީ ރިކޯޑްސްތަކުން މިހާރުވެސް ބަރާބަރަށް ފެންނަން ހުރި، މީހާ ވަޒީފާއެއްގައިތޯ ހުންނަނީ، 18 އަހަރު ވެފައިތޯ ވަނީ، މީހަކާ އިނިއްޔާ އެނގޭ، ޑޮކްޓަރަށް ދައްކައިފިއްޔާ ވެސް ބަރާބަރަށް އެނގޭ، އާމްދަނީ ލިބޭ މިންވަރު އެނގޭ. އެހެންވެއްޖިއްޔާ ދެން ކަށަވަރު ކުރަން ޖެހެނީ އޭނާއަށް ބޯހިޔާވަހިކަން ލިބެން ޖެހޭތޯ ނޫންތޯ،

  • ދައުރު: ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމްގެ ގެއަށް ފިސްތޯލައެއް ވެއްދީ ހުސައިންގެ ވެސް ބައިވެރިވުން އޮވެގެން ކަމަށް ވަކީލުން ތުހުމަތުކުރި. ކޮބައިތޯ ރައްދަކީ؟

ހުސައިން: ފުރަތަމަ ކަންތައް، މޯލްޑިވްސް ޕޮލިސް ސާވިސްއަކީ ހަތިޔާރު އުފުލާ ތަނެއް ނޫން. އަޅުގަނޑުމެންނަށް ލިބޭ މައުލޫމާތުތައް، އަޅުގަނޑުމެން ހިންގާ އޮޕަރޭޝަންތަކެއް ހުންނަނީ. މި އޮޕަރޭޝަންތަކުގައި އަޅުގަނޑުމެން ގޮސް އެ ގެ ޗެކްކުރީ. ޗެކް ކުރިއިރު، އެ ގެއިން ފެނުނު އެއްޗެއް އެއީ. މިއީ ވަރަށް ސާފު މައްސަލައެއް.

މި މައްސަލައާ ގުޅޭ އިތުރު ތަފްސީލު މި ވަގުތު ދޭކަށް އަޅުގަނޑަކަށް ނުފެނޭ. ސަބަބަކީ ފަހަރުގައި ވެދާނެ މޯލްޑިވްސް ޕޮލިސް ސާވިސްގައި ހުރި ސިއްރު މައުލޫމާތުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް. މިވަގުތު އަޅުގަނޑު ހާމަކޮށްފި ނަމަ، އެކަމުގެ ސަބަބުން ރަނގަޅު ނޫން ކަންތައްތަކެއް ވެދާނެ. ހަމަގައިމުވެސް އެނގޭ އެއްޗަކީ، ޑިފެންސް މިނިސްޓަރު ނާޒިމްގެ ގެއިން ފިސްތޯލެއް ފެނުނުކަން، އަޅުގަނޑުމެންގެ އޮޕަރޭޝަނުން އޭތި ހޯދިކަން.

އިތުރު އާޓިކަލް

އިތުރު އާޓިކަލް