ސައިފް: ޒުވާން ލޭގައި ނުކުމެ އެ ހުރީ ޖީލުތަކަކަށް ދެމިގެން ދިޔަ 'ބޮއްސުލުން ހައްލު ކުރަން'

އުމުރުން 31 އަހަރުގެ ކެންޑިޑޭޓް ވިދާޅުވީ އޭނާ މާ ޅަކަމަށް ބުނެ ބަޔަކު ވާހަކަ ދެއްކިޔަސް މާލޭގެ މައްސަލަތައް ހައްލުކުރެވޭނީ އޭނާ ކަހަލަ ޒުވާނަކަށް ކަމަށް

މ. ގްލޯރީގޭގައި އޭރު އުމުރުން އެންމެ 14 އަހަރުގައި އޭނާ ހުންނެވީ ރާއްޖޭގެ އެންމެ ފުރަތަމަ ސިޔާސީ ޕާޓީ، އެމްޑީޕީގެ މެންބަރުންގެ ދަފްތަރު އެކްސެލް ޝީޓަކަށް އެޅުމުގެ މަސައްކަތުގަ އެވެ. ޅަ އުމުރުން ފެށިގެން ސިޔާސީ ކަންކަމަށް އޭނާގެ ހިތް މުޅިން އޮތީ ދޫވެފަ އެވެ. ކިޔާ އުޅުނީ، ސިޔާސީ ލިޔުންތަކެވެ. ކުރާ ހިތްވީ، ސިޔާސީ މަސައްކަތެވެ. ވާން ބޭނުންވީ، ސިޔާސީ މީހަކަށެވެ.

މިހާރު އުމުރުން 31 އަހަރުގައި ސައިފް މުހައްމަދު ފާތިހު (އައިކޮ)، އޭނާއާ އުމުރުން ތަފާތު ވާދަވެރިންނާ އެކު، މާލޭ މޭޔަރުކަމުގެ މަގާމަށް ނުކުމެ އެ ހުންނެވީ އޭރު ސިޔާސީ މަސައްކަތުގައި އުޅެން ފެށީއްސުރެ ވެސް މި މާލެއަށް ހައްލުނުވެ ހުރި މައްސަލަތައް ހައްލު ކުރުމުގެ އުންމީދާ އެކު އެވެ. ބޮއްސުންލާފައިވާ މި މާލޭގެ ހުރި ކަންކަން ހަމަ މަގަށް އަޅުވައި، ތަރުތީބުކޮށް ރައްޔިތުންނަށް 'ތައްކަތު' މާލެއެއް ދިނުމަށެވެ.

"އަޅުގަނޑަކީ އެތައް ޒަމާނަކު ސަރުކާރުގެ މަސްއޫލުވެރި މަގާމުތަކުގައި އުޅެފައި ހުރި މީހެއް ނޫން. އަޅުގަނޑު ދުނިޔެއަށް އުފަންވި އިރު ވެސް މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަނީއޭ، ގޯތިގެދޮރުގެ މައްސަލަ ހައްލުކުރަނީއޭ، މަގުތައް ހަދަނީއޭ، މާލެ ތައްކަތު ކުރަނީއޭ ކިޔައިގެން ތިބި މީހުން،" 'ދައުރު'ގެ 'ސިޔާސަކަ' ޝޯގައި، އޭނާ އާއި އެހެން ކެންޑިޑޭޓުންނާ ހުރި ތަފާތު ކިޔައިދެއްވަން ފެއްޓެވި އެވެ.

"މި ރަށް މި ހާލަތަށް ދިޔައިރު ޒިންމާދާރު އެކި މަގާމުތަކުގައި ތިބި މީހުން މިއަދު ވެސް އަނެއްކާ ނުކުމެ މަގު ހަދަނީއޯ، ހައުސިން މައްސަލަ ވެސް ހައްލުކޮށްދޭނަމޯ، މަސްތުވާތަކެތީގެ މައްސަލަ ހައްލުކޮށްދޭނަމޯ. އަޅުގަނޑު ދަންނަވާނީ ދެން އެ ބޭފުޅުންނަކަށް އެކަންކަމެއް ނުވާނޭ."

އެ ޒުވާން ޖޯޝްގައި އޭނާ ރައްޔިތުންނަށް ދެއްވަން ބޭނުންވި އުންމީދަކީ، މިފަހަރު މި މައްސަލަތައް ހައްލުކުރެވޭނީ ޒުވާނަކަށް ކަމެވެ. ޖީލުތަކަކަށް ބޮއްސުންލި މާލެ، 'ލިވަބަލް' މާލެއަކަށް ހެދޭނީ މި ޖީލުގެ ޒުވާނަކަށް ކަމެވެ.

"އަޅުގަނޑާ އެ ބޭފުޅުންނާ ހުރި ތަފާތަކީ އަޅުގަނޑަކީ އެ ޖެނެރޭޝަންގެ މީހެއް ނޫން، އެ ވިސްނުމުގެ މީހެއް ނޫން. އަޅުގަނޑަކީ އާ ޒަމާނީ ވިސްނުންތަކަކާ އެއްކޮށް، މާލޭގެ އާބަން ލޭންޑްސްކޭޕަށް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި، އަދި ޓެސްޓެޑް، ޓްރައިޑް  ޕޮލިސީޒްގެ ތެރެއިން ބަދަލުތަކެއް ގެނެސް މިރަށް ލިވަބަލް ކުރަން އުޅޭ މީހެއް،" މިހާރުވެސް މާލެ ސިޓީ ކައުންސިލްގައި އެންމެ ހަގު މެންބަރެއްގެ ގޮތުގައި ގަލޮޅު އުތުރު ތަމްސީލު ކުރައްވަމުން ގެންދަވާ ސައިފް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ވާހަކައަކީ މިރަށް ރީއޯގަނައިޒް ކުރީމަ، މިރަށުގެ ތަރުތީބު ބަދަލުކުރީމަ، އަދިވެސް މި ރަށުގައި އުޅެވޭ ވަރު ވާނޭ. އަޅުގަނޑު މިހުރީ އެކަން ކުރުމުގެ މެނުއަލްއެއް ގޮތަށް ޕްރޮގްރާމެއް ލިޔެގެން ތިބޭފުޅުންގެ އަރިހަށް އައިސް. އެއީ އަޅުގަނޑުގެ ތަފާތަކީ، އެއީ އަޅުގަނޑަށް ވޯޓު ދެއްވަންވީ ސަބަބަކީ."

ސައިފް އޭނާގެ ވާދަވެރިންނާ އެކު ޕީއެސްއެމް ބަހުސްގެ ކުރިން (ފޮޓޯ/ ސައިފް)

ސައިފަށް ވާދަވެރިން އެންމެ ބޮޑަށް ކުރާ 'ފުރައްސާރަ'އަކީ ވެސް އަދި ދިމާކުރާ ދިމާކުރުމަކީ ވެސް އޭނާ 'މާ ޅަވުމެ'ވެ. މިފަދަ ޒިންމާ ބޮޑު މަގާމަކަށް އަދާކުރަން އަދި މާ ކުޑަވުމެވެ. ނަމަވެސް އެ ވާހަކަތަކަށް އޭނާގެ ފުރިހަމަ ރައްދެއް އެބަ އޮތެވެ.

"އަޅުގަނޑު ދަންނަވާނީ މި ޒަމާނުގައި އެއީ ކަޓު ވާހަކައެކޭ. މިސާލަކަށް ދުނިޔޭގެ  ތަރައްގީވެފައިވާ ގައުމުތަކަށް ބައްލަވާ، އަޅުގަނޑުމެންގެ އުމުރުގެ މީހުން އެ އުޅެނީ ނުކުމެ،" ސައިފް ވިދާޅުވި އެވެ.

މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ސައިފް 'ދައުރު'ގެ 'ސިޔާސަކަ'އަށް އިންޓަވިއު ދެއްވަނީ

މާލޭގެ އާބާދީގެ %55 އަކީ 45 އަހަރުން ދަށުގެ މީހުންކަން ފާހަގަކޮށް ވިދާޅުވީ މި އާބާދީގެ އެވްރޭޖް އުމުރު ވެސް އުޅެނީ ގާތްގަނޑަކަށް 30 އަހަރުގައި ކަމަށެވެ.

"ދެން އަޅުގަނޑުމެން މިކަމާ ނޫޅެ، އަދިވެސް ކުރިން މި ކަންކަން ބޮއްސުންލައިގެން ދިޔައިރުގައި އެކަން ބަލަހައްޓައިގެން ތިބި ބަޔަކާ ހަވާލުކޮށްގެން ކޮން މޮޅެއްތޯ އަޅުގަނޑަށް ވާނީ؟ އަޅުގަނޑަކަށް ހިއެއްނުވޭ އަޅުގަނޑާ އެކު އެތިއްބެވި ވާދަވެރިންނާ އެކު ނުކުމެ އަޅުގަނޑުގެ ބޮލުން ފަތްކޮޅު ފައިބައިގެން ދާއިރު ވެސް، ބޯހިޔަވާހިކަމަށް ވެސް މަސްތުވާތަކެއްޗަށް ވެސް އަދި މަގުތަކަށް ވެސް ހައްލު ލިބޭނެހެން،" ސައިފް ވިދާޅުވި އެވެ.

ސައިފް އޭނާގެ ކެމްޕެއިންގައި ހަރަކާތެއްގައި ހުޅުމާލެ ހިޔާ ސަރަހައްދުގައި

މޭޔަރު އިންތިހާބުގެ ވޯޓުލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ. ތިރީގައި މި ހިމަނަލާނީ 'ސިޔާސަކަ'އަށް ސައިފް ދެއްވި އިންޓަވިއުގެ ބައެއް ސުވާލުތަކުގެ ކުރު ހުލާސާއެކެވެ.

  • ދައުރު: ސައިފްގެ ބޯހީޔާވަހިކަމުގެ ސިޔާސަތުތައް ކިޔާލަދީބަ.

ސައިފް: އަޅުގަނޑުގެ ހައުސިން ސިޔާސަތެއް އެބަ އޮތް. އެ ސިޔާސަތު ބިނާވެގެން ވަނީ ދެ ހަގީގަތަކަށް. އެއް ކަމަކީ، މާލޭގެ ބިމުން، އެއީ ވިލިމާލެ އާއި ހުޅުމާލެ ހިމެނޭހެން ހައްލުތަކެއް ހޯދަން ޖެހޭކަން. 

ދެވަނަ ހަގީގަތަކީ، ނެތްކަން ދިހަ، ފަނަރަ، ވިހި އަހަރު އިތުރަށް ހޭދަކުރެވެން، މާލޭގެ ހައުސިން މައްސަލަ ހައްލުކުރަން. މާނައަކީ، ވަށައިގެން މިހިރަ ފަޅުތަކާއި ފަރުތައް ހިއްކައިގެން އެތަންތަން އާބާދު ވަންދެން އަޅުގަނޑުމެންނަށް މަޑުކުރެވޭކަށް ނެތޭ.

އެހެންވީމަ އަޅުގަނޑު ހުށަހަޅާ ސޮލިއުޝަނަކީ، އެކެއް، ކައުންސިލް ހައުސިން. އަނެއް ކަންތަކަކީ، އަޅުގަނޑު ދެކޭ ގޮތުގައި އެބަ ޖެހޭ މިހާރު ހުރި ސޯޝަލް ހައުސިން ސްކީމްތަކުން %10 ފްލެޓް ނުވަތަ ގޯތި ނަމަވެސް އެބަ އެކަށައަޅަން ޖެހޭ ކައުންސިލް ހައުސިންއަށް. ކައުންސިލް ހައުސިންއަކީ އެބައެއްގެ ހާލަތު އެއް ހާލަތުން އަނެއް ހާލަތަށް ބަދަލުވެގެން ދާއިރު ހާލަތު ރަނގަޅުވަންދެން އެމީހުން ވަގުތީ ގޮތުން ތިބޭނެ ބޯހިޔާވަހިކަމެއް. 

ދަންފަޅި ބަހައިގެން ނިދުމާ މި ހުރިހާ ކަމެއްގެ މަތީގައި މީހުން އިތުރަށް އެންމެ ވަގުތަކު ވެސް އެންމެ ހިނދުކޮޅަކު ވެސް ހޭދަކުރިޔަ ނުދިނުން. އަޅުގަނޑުމެން ކައުންސިލް ހައުސިން، މާލެ ސިޓީ ކައުންސިލުން އެޑްމިނިސްޓާ ކުރާ ގޮތަށް، ރަމްޒީ ކުއްޔެއްގައި މާލޭގެ ރައްޔިތުންނަށް ދޭނަން. 

އޭގެ އިތުރުން، މާލޭގައި އެބަހުރި ނުހެދި ހުރި ގޯތިތަކެއް. އަދި ހަދަން ފަށާފައި ކޮންޓްރެކްޓަރު ފިލާފައި ހުރި ގޯތިތަކެއް ވެސް. އަޅުގަނޑުގެ ވާހަކައަކީ، އަޅުގަނޑުމެންގެ ސިޓީ ކައުންސިލަށް ފައިނޭންޝަލް އިންސްޓިޓިއުޝަންސްއާ ގުޅިގެން އަޅުގަނޑުމެންނަށް އެކްސަސައިޒް ކުރެވެން ހުރި ފައިނޭންޝަލް ޓޫލްސް ބޭނުންކޮށްގެން، އެއީ އަދި މުނިސިޕަލް ކަމުގައި ވިޔަސް އަދި ގްރޫޕް ކޮށްގެން ފަންޑްސް ހެދުން ކަމުގައި ވިޔަސް، އެކަން ކޮށްގެން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ %6އަށް ވުރެ ދަށުގެ އިންޓަރެސްޓް ރޭޓުގައި ތިޔަ ބޭފުޅުންގެ ގޯތި ގެދޮރު ހެދުމަށް އަޅުގަނޑުމެން ލޯނު ދޫކުރާނަން. 

  • ދައުރު: ޒުވާނުން ކީއްވެ ސިޔާސީ ދާއިރާ މަތިން ފޫހިވާނީ؟

ސައިފް: ފޫހިވަނީ، ފުރުސަތު ނެތީމަ. ފޫހިވަނީ، ޑިޒިޝަން މޭކިން ޓޭބަލްގައި ޖާގަ ނެތީމަ. އަދި ފޫހިވަނީ ޒުވާނުންނަށް ކަންކަމުގައި ފާޑުކިޔުމުގެ ހައިސިއްޔަތު ނެތް ކަމަށް އާންމުކޮށް ވާހަކަ ދެކެވި ގަބޫލުކުރެވޭތީ. 

މިސާލަކަށް، އަޅުގަނޑުމެން މި ތިބީ ސްކޫލް ދައުރު ނިންމާފައި، ޔުނިވާސީޓީ ދައުުރު ނިންމައި، މަތީ ތައުލީމް ދައުރު ނިންމާފައި މަސައްކަތަށް ނުކުތް އިރު ވެސް މާލެ މިއޮތީ އޮތް ގޮތް. އަޅުގަނޑުގެ ރަށްގަނޑު މިއޮތީ އޮތް ގޮތް. އަޅުގަނޑުމެން ދިރުއުޅޭނެ ބޯހިޔާވަހިކަމެއް ވެސް ނެތް. މި ހުރިހާ މައްސަލަތަކެއް ހިފައިގެން އަޅުގަނޑު [ނުކުތީމަ] އަދި އަމްދުން މި ދާއިރާގެ އިންތިހާބީ މަގާމެއްގައި ހުރި މީހެއް އަދި މި ދާއިރާއިން މަތީ ތައުލީމް ހާސިލުކޮށްފައި ހުރި މީހަކު މިކަމަށް ނުކުތީމާ ވެސް އެ ބުނަނީ ކާލޭގެ ހައިސިއްޔަތެއް ނެތޭ. ކަލޭ މާ ޅައޭ. ގެއަށް ދާށޭ، ތިމަންނަމެންނަށް މިކަން ދޫކޮށްލާށޭ. ޒުވާނުން ކަމަކަަށް ނުކުތީމަ، އެ ޖެނެރަލް އެޓިޓިއުޑްގައި ވާހަކަ ދައްކަނީ. އަދި ކަމަކާ ނޫޅެފިއްޔާ ވެސް އެވަރުގެ ގޯސް ބައެއް ނެތް.

އެހެންވީމަ ހަގީގަތުގައި މި ޑޮމިނެންޓް ޕޮލިޓިކަލް ނެރެޓިވް ތެރޭގައި ޒުވާނުންނަށް ޖާގަ ނެތީ. އެމީހުން ދައްކާ ވާހަކަ ނާހަނީ. އެމީހުންނަކީ ކޮންމެވެސް ފުޓްސަލް މުބާރާތެއް ކުޅެލާފައި، ތަނެއްގައި ގޮނޑި ޖަހާލާފައި، ދިދަ ޖަހާލާފައި ޕޯސްޓަރު ހަރުކުރަން ބޭނުން ކުރާ ބައެއްގެ ގޮތުގައި އެކަނި ބޭނުން ކުރަނީ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް