ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓު މިނިސްޓަރު ޑރ. އައިޝަތު ޝިހާމް 'ދައުރު' އަށް އިންޓަވިއު ދެއްވަނީ (ދައުރު ފޮޓޯ)

އައިޝަތު ޝިހާމްގެ އަމާޒު އޮތީ މިނިސްޓްރީއަށް އިތުބާރު ހޯދަން

ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރަށް ވެސް އެއްބަސްވެވޭ ހަގީގަތަކީ އެތަނުގެ މަސައްކަތްތަކަކީ 'ބޮޑު މައްސަލަ ފުންޏެއް' ކަން؛ އޭނާގެ އުންމީދަކީ، އޭނާގެ މިނިސްޓަރުކަމުގައި އެތަނާ މެދު މީހުން ދެކޭ ގޮތް ބަދަލުވެގެން ދިއުން

އާ ސަރުކާރުގެ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އައިޝަތު ޝިހާމްއަށް މި ދާއިރާ އަލެއް ނޫނެވެ. އޭނާ ހޯއްދަވާފައިވާ ތަޖުރިބާތަކާއި ފިލާވަޅުތަކުގެ އަލީގައި، މި ދާއިރާގެ އެކި ދިމަދިމާލަށް ރަނގަޅަށް ލޯ ހުޅުވިފައިވާ ކަމަށް ދެކެވަޑައިގަންނަވަ އެވެ.

އައިޝަތު ޝިހާމް ވަނީ ކުރިން މިނިސްޓްރީ އޮފް ވިމެންސް އެފެއާޒް އެންޑް ސޯޝަލް ސެކިއުރިޓީގެ އިސް މަގާމުތަކުގައި 10 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރައްވައިފަ އެވެ. އެ މިނިސްޓްރީގެ މަސައްކަތްތަކާއި ނަން އެކި ސަރުކާރުތަކުގައި ބަދަލުވަމުން އައިސް އަނެއްކާވެސް ބަދަލު އަތުވެއްޖެ އެވެ. އެކަމަކު، ތަނުގެ ތެރޭގައި ހުރި ޒިންމާތައް ކުޑައެއް ނުވެ އެވެ. ބައެއް ޒިންމާތައް ވީ އިތުރެވެ.

"މި ދާއިރާއަކީ އަޅުގަނޑަށް ފެށުނީއްސުރެ ވެސް މަސައްކަތް ކުރެވިފައި އޮތް ދާއިރާއެއް. މި ދާއިރާއިން ރައްޔިތުންނަށް ހިދުމަތް ކުރުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް،" މި ދާއިރާއަށް އޮތް ޝައުގުވެރިކަމާ ބެހޭގޮތުން ސުވާލު ކުރުމުން އައިޝަތު ޝިހާމް ވިދާޅުވީ މިހެންނެވެ.

ހާސިލްކުރައްވާފައިވާ ތައުލީމާއި ސައިކޮލޮޖީ ކައުންސެލަރެއްގެ ގޮތުގައި ލިިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި އާންމުންގެ ޝަކުވާތައް އަޑުއަހަން އޭނާ ހުންނެވީ ތައްޔާރަށެވެ. އެ ކަންކަމަށް ހައްލު ގެންނާނެ ގޮތްތައް ރާވައި ނިޒާމުތައް ތަރުތީބު ކުރެއްވުމަކީ އޭނާގެ މައިގަނޑު މަސައްކަތެވެ.

އެކަމަކު އޭނާއަށް ވެސް އެއްބަސްވެވޭ ހަގީގަތަކީ މި މިނިސްޓްރީއަކީ "ބޮޑު މައްސަލަ ފުންޏެއް" ކަމެވެ. އެކި ސަރުކާރުތަކުގައި ހައްލެއް ނުގެނެވި މަތިމައްޗަށް ފުނިޖެހެމުންދިޔަ މައްސަލަތަކާއި ޝަކުވާތަކުގެ ނަތީޖާއަކީ އެ މިނިސްޓްރީއަށް އިތުބާރު ގެއްލިގެން ދިއުމެވެ. އައިޝަތު ޝިހާމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެއީ އެވެ. އެ އިތުބާރު ހޯދުމެވެ.

"މި މިނިސްޓްރީއަކީ ވަރަށް ގިނަ ދަތިތަކެއް ދިމާވެފައި އޮތް ބައެއްގެ ބޭނުން ފުއްދަން އުފެދިފައި އޮތް މިނިސްޓްރީއެއް. އަޅުގަނޑު ފާހަގަކޮށްލަން ބޭނުން، މީގެ ކުރިން ވަޑައިގަތް މިނިސްޓަރުން ވެސް ވަރަށް މަސައްކަތް ކުރައްވާފައި، ހަރުދަނާ ކަންތައްތަކެއް ވެސް [ކުރައްވާފައި ހުރިކަން] އަޅުގަނޑުމެންނަށް ފާހަގަވެގެން އެބަދޭ،" މައްސަލަތަކުގެ ގިނަކަމާއި ބޮޑުކަން ފާހަގަކުރައްވައި އައިޝަތު ޝިހާމް ވިދާޅުވި އެެވެ.

ޑރ. އައިޝަތު ޝިހާމް، ކ. ގުރައިދޫ މަރުކަޒުގައި މީހުން ބަލަހައްޓާ މުވައްޒަފުންނާ އެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން

އައިޝަތު ޝިހާމް ފުރަތަމަ މަސައްކަތް ކުރައްވަން ފެއްޓެވީ މުދައްރިއްސެއްގެ ގޮތުގަ އެެވެ. އެ ވަޒީފާގައި 1983 އިން ފެށިގެން ހޭދަކުރެއްވި ދުވަސްތަކުގައި، ތަފާތު އެހީތަކެއް ބޭނުންވާ ހާއްސަ ކުދިންތަކެއް ތިބިކަން ފާހަގަކުރެއްވުނެވެ. އެކަމަށް ވިސްނުން ހިންގަވަން ފެށުމުން ޝައުގުވެރިކަން އުފެދުނީ އެ ދާއިރާއިން އިތުރަށް ތައުލީމް ހޯދައި ކަންކަން ދެނެގަތުމަށެވެ.

އެ ޝައުގުވެރިކަމުގައި އޭނާ ސައިކޮލޮޖީގެ ދާއިރާއިން ޑިގްރީ ހެއްދެވި އެވެ. އެއަށް ފަހު މަސައްކަތަށް އެނބުރި ވަޑައިގަތީ ވެސް، ފުރަތަމަ މުދައްރިސެއްގެ ވަޒީފާ އަދާކުރެއްވި ސްކޫލަށެވެ. އެކަމަކު މިފަހަރު އެ ސްކޫލުގެ ކައުންސެލަރުގެ ގޮތުގަ އެވެ.

އެ ސްކޫލުގެ ތަފާތު އެކި ދަރިވަރުންގެ މައްސަލަތައް އަޑުއައްސަވައި އެ ކަންކަން ހައްލުކުރުމަށް އެހީތެރިވެދިނުމުގައި ހަތަރު އަހަރު ހޭދަކުރެއްވުމުގެ ތެރޭގައި ދެން ވިސްނިވަޑައިގަތީ، އެ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އުނގެނެންޖެހޭ އިތުރު ފިލާވަޅުތަކާއި ދެނެގަންނަންޖެހޭ ކަންކަން ހުރި ކަމެވެ. އެހެންވެ، އަނެއްކާވެސް އޭނާ ވަޑައިގަތީ އިތުރަށް އެ ދާއިރާއިން ތައުލީމް ހާސިލުކުރައްވާށެވެ. ކައުންސެލިން ދާއިރާ އިން މާސްޓާސް ހައްދަވައިގެން އޭނާ ދެން ގުޅިވަޑައިގަތީ ރާއްޖޭގައި އަލަށް އުފެދުނު ކުޑަކުދިންގެ ހައްގުތަކާ ބެހޭ ޔުނިޓާ އެވެ. އެ ޔުނިޓު 2006 ވަނަ އަހަރު އުވާލީ އެވެ. 

ނަމަވެސް، އައިޝަތު ޝިހާމްގެ ހިތުގައި އެ ދާއިރާއަށް އޮތް ލޯތްބާއި އެ ދާއިރާ އިން އިތުރަށް ކަންކަން ދެނެގަނެ އުގެނުމުގެ ޝައުގުވެރިކަން ކުޑައެއް ނުވި އެވެ. އަނެއްކާވެސް އިތުރަށް ކިޔަވައި ވިދާޅުވެ، އޭރުގެ ޔޫތު މިނިސްޓްރީގައި މަސައްކަތް ކުރެއްވި އެވެ. އޭނާ ވަނީ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރުކަމުގެ މަގާމު އަދާކުރައްވާފަ އެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރުކަން ކުރެއްވި އެވެ.

ޑރ. އައިޝަތު ޝިހާމް ފިޔަވައްޗަށް ޒިޔާރަތްކުރެއްވުމުން އެތަނުގެ ކުއްޖަކު މަރުހަބާ ކިޔަނީ (ފޮޓޯ/ސޯޝަލް މިނިސްޓްރީ)

ގެއްލިފައިވާ އިތުބާރެއް ހޯދުމަކީ އެއްވެސް އިރެއްގައި ފަސޭހަ ކަމަކަށް ނުވާނެ އެވެ. އެކަމަށްޓަކައި ރާވަންޖެހޭނީ ވަރަށް ވިސްނުންތެރި ރޭވުންތަކެކެވެ. އައިޝަތު ޝިހާމް ވިދާޅުވިގޮތުގައި އޭނާ އެކަން ހާސިލުކުރެއްވުމަށް ގެންގުޅުއްވާ ވިސްނުމަކީ އެންމެންނާ ގުޅިގެން މަސައްކަތް ކުރެއްވުމެވެ. ޝަކުވާއައިގެން އަންނަ މީހާގެ އަޑު އެއްސެވުމެވެ. އެ ޝަކުވާތަކަށް އަވަހަށް ޖަވާބުދާރީވެވޭ ތަނަކަށް އެ މިނިސްޓްރީ ހެދުމެވެ. 

"އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންގެ އުންމީދަކީ މި މިނިސްޓްރީއަކީ ރައްޔިތުންގެ ބޭނުންތަކަށް ވަރަށް އިތުބާރު ހުރި ގޮތަކަށް ޖަވާބުދާރީވެވޭ ތަނެއްގެ ގޮތަށް ފެނިގެން ދިއުން،" އައިޝަތު ޝިހާމް ވިދާޅުވި އެވެ.

އެ އަމާޒުގައި އޭނާގެ އިރުޝާދުގެ ދަށުން މިނިސްޓްރީން ވަނީ މިހާރު މަސައްކަތްތަކެއް ފަށާފަ އެވެ. އެގޮތުން ކުރަން ރާވާފައިވާ ކަންކަން އައިޝަތު ޝިހާމް ވިދާޅުވެދެއްވި އެވެ. އެންމެ ފުރަތަމަ ކަމަކީ، އެ މިނިސްޓްރީއަކީ، އެހީތެރިކަމަށް އެދިގެން ގުޅާ މީހުންގެ ކޯލްތައް އަވަހަށް ނަގައި ޖަވާބު ދޭ ތަނަކަށް ހެދުމެވެ. އަދި ހައްލު ހޯދައިދިނުމަށް ވީހާވެސް އަވަހަކަށް މަސައްކަތް ކުރެވޭނެ ގޮތަށް ނިޒާމުތައް ބަދަލު ކުރެއްވުމަަކީ ވެސް އައިޝަތު ޝިހާމްގެ މިވަގުތުގެ އިސް އެއް މަސައްކަތެވެ.

"އެއީ މީހަކަށް ދަތިވެގެން ފޯނެއް ކުރާ ވަގުތު އެއަށް ޖަވާބު ނުދެވޭ ކަމަށް ވަންޏާ އެ މީހަކަށް ވަރަށް ދަތި ކަމަކަށް ވާނީ. އެ [އެހީތެރިކަން ބޭނުންވާ] މީހުން، އެ އެދޭ ކަންތައް ނުވަތަ [މިިނިސްޓްރީ އަކީ] ޖަވާބުދާރީވާ ބައެއް ކަމަށް ފާހަގަވެއްޖެއްޔާ އަޅުގަނޑަށް ހީވަނީ މައްސަލަތައް ހައްލުކުރަން ފަސޭހަވެ، މިނިސްޓްރީއަށް ރައްޔިތުންގެ އިތުބާރު ހޯދޭނެ ހެން،" އައިޝަތު ޝިހާމް ވިދާޅުވި އެވެ.

އަންހެނަކު އޭނާގެ ކުޑަ ދެ ކުދިންނާ އެކު ބޭރަށް ނެރެލާފައި ހުންނަތާ ދެ ގަޑިއިރަށް ވުރެ ގިނައިރުވީ އިރު އެހީތެރިކަމެއް ނުލިބުމާއި މިނިސްޓްރީއަށް ގުޅުމުން ރަސްމީ ވަގުތު ނޫން ކަމަށް ބުނެ އެހީތެރިކަން ފޯރުކޮށް ނުދިން ކަމަށް ބުނާ މައްސަލައެއް މިދިޔަ މަހުގެ ތެރޭގައި ރަށެއްގައި ވަނީ ފެންމަތިވެފަ އެވެ. އިޖުތިމާއީ ހިދުމަތްތައް ދޭ މިނިސްޓްރީއާ މެދު އަބަދުވެސް އާންމުންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ އެކިއެކި މައްސަލަތަކާ ގުޅިގެން އެހީތެރިކަމަށް އެދި ގުޅާ މީހުންނަށް ޖަވާބުދިނުމާއި އެހީތެރިވުން ލަސްވުމެވެ.

އައިޝަތު ޝިހާމްގެ ވިސްނުން ހުރީ އެކަން ބަދަލުކޮށްލެއްވުމަށެވެ. އެއީ މިނިސްޓްރީއަށް އިތުބާރު ހޯދަން އޭނާ އަޅުއްވާ ފުރަތަމަ ފިޔަަވަޅެވެ. ދެވަނަ ފިޔަވަޅަކީ، އެހީތެރިކަމަށް ބޭނުންވާ މީހުންނަކީ ކޮބައިކަން ދެނެގަތުމެވެ. އަމިއްލަ ޖަމިއްޔާތަކާ ގުޅިގެން، އެހީތެރިކަން ބޭނުންވާ މީހުންނާ ވާހަކަދައްކައި އެ މީހުންގެ ބޭނުންތައް ދެނެގަނެ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

އެހީތެރިކަމަށް ބޭނުންވެފައިވާ އަދި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި މީހުންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ވެސް އޭނާގެ އިރުޝާދުގެ ދަށުން މިނިސްޓްރީ ދަނީ ކުރަމުން ނެވެ. އައިޝަތު ޝިހާމް ވިދާޅުވި ގޮތުގައި، ދަފްތަރެއް އެކުލަވާލުމަކީ، އެހީތެރިކަމަށް ބޭނުންވާ ނުވަތަ ބޭނުންވެދާނެ މީހުން ދެނެގަތުމަށް އެންމެ ފަސޭހަ މަގެވެ. އޭރުން، ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ އެލްޖީއޭ އާއި ހެލްތު މިނިސްޓްރީއާ ގުޅިގެން، ރަށްރަށުގައި ތިބޭ އެފަދަ މީހުން ދެނެގަނެ، އެހީތެރިކަން ފޯރުކޮށްދޭންވީ ގޮތްތައް ދެނެގަނެވޭނެ ކަމަށް އައިޝަތު ޝިހާމް ވިދާޅުވި އެވެ.

ޑރ. އައިޝަތު ޝިހާމް ބައްދަލުވުމެއްގައި

'ދައުލަތަކީ ދާއިމީ ހިޔާވަސަކަށް ހެދުމުގެ ވިސްނުމެއް ނެތް، ދޭން ބޭނުންވަނީ އާއިލާއެއް'

އުމުރުން ދުވަސްވެ ގައިބާރު ދެރަވާ ދުވަހު، އާއިލާގައި ބަލާނެ މީހަކު ނެތް އެތައް މައިންބަފައިންނެއް ހިޔާވަހިކަން ހޯދަނީ، ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުންނެވެ. އޭގެ ތެރޭގައި ގިނައީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނެއް ނޫނެވެ. އެކަމަކު ކޮންމެވެސް މީހެއްގެ އެހީތެރިކަން ބޭނުންވާތީ، އެ ކެޓަގަރީއަށް ކޮންމެވެސް ގޮތަކަށް ފައްތާލައިގެން ދައުލަތުން ބަަލަހައްޓަމުންދާ މީހުންނެވެ. އެ މީހުން އެ ކެޓަގަރީއަށް ފެތެނީ މުސްކުޅިވާ ދުވަހު އެ މީހުންގެ ދަރިން ނުވަތަ އާއިލާއިން ނުބަލައި ދޫކޮށްލާތީ އެވެ. އެންމެ ބޮޑަށް އެހީތެރިކަމަށް ބޭނުންވާ ދުވަހު އާއިލާގެ އެހީތެރިކަން ނުލިބި އަމިއްލަ ހިޔާވަހިން ވެސް ބޭރުވެ، މާދުރުގައި އެކަހެރި މާހުލެއްގައި، ތަފާތު މިޒާޖުގެ އެތައް ބައެއްގެ ކައިރީ ދިރިއުޅެން މަޖުބޫރުވަނީ އެ ނޫން ގޮތެއް އެ މީހުންނަށް ނެތީމަ އެވެ.

އެގޮތަށް އުޅެންޖެހުމުން، ހާއްސަ އެހީއަށް ބޭނުންނުވާ މީހާ ވެސް، އެންމެ ފަހުން ހާއްސަ އެހީއަށް ބޭނުންވާ މީހަކަށް ބަދަލުވެގެންދަނީ ނަފްސާނީ ގޮތުން ވެސް ލިބޭ އެތަކެއް އަނިޔާތަކާއި ވޭނެއްގެ ސަބަބުންނެވެ. އެތަނުގައި އެ މީހުން ބަލަހައްޓަން ތިބޭ މީހުން އިހުމާލުވާކަމުގެ އަޑުތައް ވެސް ދޭތެރެދޭތެރެއިން ފެތުރެވެ. ހަގީގަތުގައި އެއިން ކޮންމެ މީހަކު ވެސް ބޭނުންވަނީ އާއިލާއެކެވެ.

އުމުރުން ދުވަސްވީ މީހުންނަށް ކުރާ އަނިޔާގެ ތަފާސްހިސާބު، މެއި 2022ގެ ނިޔަލަށް (ގްރެފިކްސް/ސޯޝަލް މިނިސްޓްރީ)

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިންގެ ދިރިއުޅުން ހުރީ ވެސް މިހެންނެވެ. އެ އުމުރުގައި ލިބެންޖެހޭ ތައުލީމާއި އާއިލާގެ ލޯބިން މުޅިން މަހުރޫމުވެ ބަންދު ތަނެއްގެ ތެރޭގައި ތަފާތު މިޒާޖުގެ ކުދިންނާ އެކު ދިރިއުޅެން ޖެހުމުން އެ ކުދިން ފުރާފުރިހަމަވަނީ އެތަކެއް ހައްގުތަކުން މަހުރޫމުވެފައިވާ ކުދިންގެ ގޮތުގަ އެވެ. ނަތީޖާއަކީ އެކަމުގެ ސަބަބުން އެކުދިންގެ އުޅުމާއި ވިސްނުމުގައި ވެސް މުޖުތަމައު ގަބޫލުނުކުރާ ސިފަތައް އަށަގަތުމެވެ. ފާއިތުވެދިޔަ ސަރުކާރުތަކުގައި ވެސް އެކުދިންނާއި، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި މީހުންނަށް ހައްގުތައް ހޯދައިދިނުމުގައި މާބޮޑު ކުރިއެރުމެއް ލިބިފައެއް ނެތެވެ. މިއަދާ ހަމަޔަށް ވެސް މިއީ ސޯޝަލް މިނިސްޓްރީއަށް އޮތް ބޮޑު ގޮންޖެހުމެކެވެ. ގިނަ ޝަކުވާތަކެއް ލިބެމުންދާ ކަމެކެވެ.

އައިޝަތު ޝިހާމްގެ ވިސްނުން ހުރީ މައްސަަލައިގެ 'މުގުލަށް' ފަރުވާ ކުރުމަށެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި އެ މައްސަލަ ހައްލުވާނީ ފުރަތަމަ މަރުހަލާގައި ވެސް އެ މީހުންގެ ނުވަތަ ކުދިންގެ ދާއިމީ ހިޔާވައްސަކީ ދައުލަތުގެ މަރުކަޒުތައް ކަމަށް ވިސްނާ ވިސްނުމާ ދުރުވެގެންނެވެ.

އޮކްޓޯބަރު 2، 2022: އުމުރުން ދުވަސްވީ މީހަކު މާލޭ އަމީނީމަގުން ހިނގާފައި ދަނީ (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

އޭގެ ބަދަލުގައި ވިސްނުން ގެންގުޅެންވީ، އައިޝަތު ޝިހާމް ވިދާޅުވިގޮތުގައި، ދައުލަތުގެ ބެލުމުގެ ދަށަށް ގެންދާ މީހުންނާއި ކުދިންގެ ދާއިމީ ހިޔާވައްސަކީ އެހެން މީހުންނެކޭ ވެސް އެއްގޮތަށް މުޖުތަމައު ތެރޭގައިވާ އެ މީހުންގެ އާއިލާ ކަމަށެވެ. ދައުލަތުގެ ފުރާޅު ދަށުން ނެރެދީ، މުޖުތަމައުގެ ތެރެއިން އެ މީހުންނަށް ނުވަތަ ކުދިންނަށް އާއިލާއެއް ހޯދުމަށް މަސައްކަތް ކޮށްދޭން ދައުލަތުން ވިސްނުން ބަހައްޓަންޖެހެ އެވެ.

"މާލެތެރޭ ހުރި ފިޔަވަތި ކަމަށް ވިޔަސް، އަތޮޅުތެރޭ ހުރި އަމާންވެށި ކަމަށް ވިޔަސް އަދި ގުރައިދޫ މަރުކަޒުގައި ތިބޭ މީހުން ވިޔަސް، މިއިން ކޮންމެ މީހަކަށް އަޅުގަނޑުމެން މި ގަބޫލުކުރަނީ އެ މީހުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތައް ގެނެވޭނީ އާއިލާއަކާ ގުޅިގެންނޭ،" އައިޝަތު ޝިހާމް ވިދާޅުވި އެވެ.

'ކޮންމެ ކުއްޖަކަށް އާއިލާއެއް' މި ޝިއާރުގެ ދަށުން އެކަން ކުރުމަށް ވިސްނުން ގެންގުޅޭ ގޮތް ވެސް އޭނާ ވިދާޅުވެ ދެއްވި އެވެ. މިހާރު މިނިސްޓްރީ ތެެރެއިން ފަށާފައިވާ އެ ޕްރޮގްރާމުގެ ތެރެއިން އެންމެ ފުރަތަމަ މަސައްކަތް ކުރާނީ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ނުވަތަ މީހުންގެ އަމިއްލަ އާއިލާއާ ގުޅުން ބަދަހިކުރުވާ، އެ އާއިލާއާ އެކު އުޅެވޭނެ ގޮތެއް ފަހި ކޮށްދިނުމަށެވެ.

އދ. ދިއްދޫގެ މަގުމަތީގައި ކުޑަކުދިންތަކެއް ކުޅެނީ (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

އެކަން ކުރެވެން ނެތް ނަމަ، ނުވަތަ އާއިލާއަށް އެކަމަށް ތައްޔާރުވެވެން ނެތް ނަމަ، ދެން މަސައްކަތް ކުރާނީ އެފަދަ މީހުން ނުވަތަ ކުދިން ނަގަން ޝައުގުވެރިކަން ހުރި އެހެން އާއިލާއެއް ވޭތޯ ބެލުމަށެވެ. އަދި އެފަދަ އާއިލާއެއް ހުރި ނަމަ، އެ ކުއްޖަކާ ނުވަތަ އެ މީހަކާ އާއިލާ މެޗުކޮށް، އެ ކުއްޖާ ނުވަތަ އެ މީހާ ގެންގުޅެން ތަމްރީނުތައް ދޭނެ އެވެ. އެ ތަމްރީންތަކުގެ ތެރެއިން ދެބައިމީހުން ބައްދަލުވެ މުއާމަލާތު ކުރަން ފެށުމުން ގުޅުން ބަދަހިވެ، އާއިލާއެއްގެ ހިޔާވަހިކަން އެފަދަ ކުދިންނާއި މީހުންނަށް ލިބިގެންދާނެ ކަމަށް އައިޝަތު ޝިހާމް އުންމީދު ކުރައްވަ އެވެ.

"މިއިން ކޮންމެ ކުއްޖެއް ވެސް އަދި އުމުރުން ދުވަސްވީ މީހަކަށް ވެސް އަޅުގަނޑުމެން މި އެދެވެނީ އާއިލާއަކާ އެކީ އެ މީހުންގެ ދިރިއުޅުން ބަދަލުކުރުމަށް، އެއީއޭ އެ މީހުން ވެސް ހިތްހަމަޖެހޭނެ ގޮތަކީ. އަދި ދިރިއުޅުމުގެ ހާލަތު ރަނގަޅުވެގެންދާނެ ކަމަކީ ވެސް. އެ ތަންތަނަކީ ވަގުތީ ގޮތުން ތިބޭ ތަންތަން ކަމަށް ދެކި، ބޮޑު ހައްލެއް ގެނެވޭނީ މުޖުތަމައުތެރެއަށް އެ ކުދިންނާއި އެ މީހުން ނެރެ އާއިލާއެއްގެ ތެރެއަށް ދެވޭ ގޮތް ވުމުން،" އައިޝަތު ޝިހާމް އުންމީދާ އެކު ވިދާޅުވި އެވެ.

ޑރ. އައިޝަތު ޝިހާމް ފިޔަވައްޗަށް ޒިޔާރާތްކުރައްވައި އެތަނުގެ ކުޑަކުއްޖަކާ އެކު

މި ހުރިހާ މަސައްކަތެއްގެ ތެރެއިން ވެސް މިނިސްޓްރީއަށް ކުރިމަތިވާނެ ގޮންޖެހުމަކީ އެތަނަށް ގެއްލިފައިވާ އިތުބާރެވެ. އައިޝަތު ޝިހާމް ގަބޫލުކުރައްވަނީ، އެ މަސައްކަތްތައް ރަނގަޅު ކުރެވިއްޖެ ނަމަ އިތުބާރު ހޯދަން ފަސޭހަ ވެގެންދާނެ ކަަމަށް ކަމަށެވެ. އޭނާގެ އުންމީދަކީ، އޭނާގެ މިނިސްޓަރުކަމުގެ ދަށުން، ބަދަލުވި ނަމާ އެކު، އެ މިނިސްޓްރީއާ މެދު މީހުން ދެކޭ ގޮތް ވެސް ބަދަލުވެގެން ދިއުމެވެ. ޝަކުވާތައް މަދުވެ، އެ މިނިސްޓްރީއަކީ ރައްޔިތުން ގަބޫލުކުރާ ފެންވަރުގެ ހިދުމަތެއް ދެވޭ ތަނަކަށް ވެގެން ދިއުމެވެ.

"މި މަސައްކަތުގެ ބޭނުމަކީ އެހީތެރިކަމަށް ބޭނުންވާ މީހުންނަށް އެ މީހުންނާ ގުޅިގެން ހިދުމަތް ދިނުން. އެހީތެރިކަން ބޭނުންވާ މީހުން މިހާރު ތިބި ހިސާބުން އެއަށް ވުރެ ފަސޭހަ ހިސާބަކަށް ގެންދިއުން. އަދި މި ކުރެވޭ މަސައްކަތުގެ ތެރެއިން އެހީތެރިކަމަށް އެދިގެން އަންނަ މީހާއަށް އަވަހަށް ޖަވާބުދާރީވެވޭ، ރައްޔިތުންނަށް ގަބޫލުކުރެވޭ ފެންވަރުގެ ހިދުމަތެއް ދެވޭނެ ފަރާތަކަށް ވުން،" 'ދައުރު' އަށް ދެއްވި އިންޓަވިއު ނިންމާލައްވަމުން، އާއްމުންނަށް ދެއްވި މެސެޖެއްގެ ގޮތުގައި އައިޝަތު ޝިހާމް ވިދާޅުވީ މިހެންނެވެ. 

ކޮމެންޓް (43)

ކޫރުސީ

28 ޑިސެމްބަރު 2023
ކައްޕަޅި އޮފީހެއް. ފޮޓޯ ކަޑާފަ އެޅިދާނެ. ދައުލަތުގެ ބަޖެޓުން ކައެމެންނަށް ރުފިޔާ ނާޅާ ސަދަގާތަށް ދިނަސް ދަރުމަ ވާނެ ޔަގީން
2 1

ކިޔުންތެރިޔާ

27 ޑިސެމްބަރު 2023
އިންޓަވިއު ދިން ގޮތަށް މިތާ މިއޮތްހާ ކޮމެންޓު މިނިސްޓަރު އައިސްތު ކިޔާނެ ކަމަށް އަޅުގަނޑު ބަލަނީ.
3 0

މުހައްމަދު އަފީފު

27 ޑިސެމްބަރު 2023
މީގަ ހުރި ކޮމެންޓުތައް ކިޔާފަ ހިތް ފަޅައިގެން ދާވަރުވޭ. ރައްޔެތުންގެ ފައިސާއިން މުސާރަ ދީފަ ތިބޭ ރައްޔިތުންގެ ޚާދިމުން ރައްޔިތުންނާށް ހަދާގޮތް ކިޔާފަ ދެލޮލުން ކަރުނަ ހިލޭ. ގައުމެއް ނެތް!
2 1

ވާނުވާ

26 ޑިސެމްބަރު 2023
ސާފު ދިވެހި ބަހުން ލިޔެފައި އޮތަސް އޮންނަ އެއްޗެއް ސާފުވާ ކަމަކަށް ނުވޭ. ހަމަ ސީދާ ބޮލުން ކަޓުވަން ޖަހާ ރޮކެޓެއް
2 1

ޖަލީލާ

26 ޑިސެމްބަރު 2023
އަނިޔާ ލިބޭ މީހާއަށް ތުރެ އަނިޔާ ކުރާ މީހާ ބާރުގަދަ ގައުމެއް މީ. އިންސާފެއް ނުލިބޭނެ މިތާކު
3 0

ރޫމީ

26 ޑިސެމްބަރު 2023
ސެންޓަރު ހަދާފައި ކުޑަކުދިން ލާކަށް ނުޖެހޭނެ އާއިލާތައް ރަނގަޅު ކުރެވުނީމައެއް. މައްސަލަ ފެށެނީ މައިންބަފައިންގެ ފަރާތުން ނުވަތަ އެދެމީހުންގެ މެދުގައި ނުވަތަ އެގެއެއްގެ މާހައުލުން. ރޫޓް ކޯސްތަކަށް އެޑްރެސް ނުކޮށް ދެން އަންނަ ޖީލުތަކުގެ މައްސަލަ ރަނގަޅެއް ނުކުރެވޭނެ. ސުވާލަކީ މިނިސްޓުރީއަށް އާއިލާތަކުން މައްސަލަ ހުށަހެޅީމަ ރަނގަޅަށް އެމައްސަލަތަކަށް އެޓެންޑުކުރޭތޯ؟ ނުކުރެވެންޔަ ދެން އަންނަ ޖީލުތަކަށް ވާނެ ރަނގަޅެއް ނުފެނޭ.
4 0

ކެޔޮޅު

26 ޑިސެމްބަރު 2023
ކެޔޮޅު ކިތަންމެ މޮޅަސް ފަޅުވެރިން ކަންނެއް ވީމާ ސަމުގާ ކިތަންމެ ދަތަސް.... ކަމަނާ ހައްދަވާ އަމާޒުތަކަށް ވާސިލުވެވޭނީ ފަޅުވެރިންގެ ކޮމިޓުމަންޓު ހުރެގެން. ފުރަތަމަ ކުރަންވީ ކަމަކީ ފަޅުވެރިންނަކީ މަސައްކަތަށް ފަރުވާތެރި ވާނުވާ އިގޭ ބަޔަކަށް ހެދުން
3 1

އާފިޔާ

26 ޑިސެމްބަރު 2023
މިނިސްޓާ އަމިއްލައަށް ބަލައިބަލަ ތިތަނަށް ރައްޔިތުން ފޮނުވާ ސިޓީ ތަކާ އީމެއިލުތަކަށް ވާގޮތް. ޖަވާބެއް ނުދީ މަސް ދެމަސް ގޮސް އެތައް ދުވަހެއްވޭ. އަނިޔާ ލިބޭ މީހޭ އެއިންނަނީ އެކަމުގެ ވޭނުގައި ރޯލަ ރޯލަ. ރައްޔިތުންނަށް ހިދުމަތްކުރަން ތިބި ބަޔަކު ސިޓީއާ މެއިލުތަކަށް ޖަވާބު ނުދޭ ސަބަބު ރައްޔިތުންނަށް ސާފުކޮއްދެއްވަ
3 1

2024

26 ޑިސެމްބަރު 2023
@އާފިޔާ ބޯލް ޕާސިން ގޭމް އޮންނަނީ
3 0

ވާންޗޯ ބުރާންޗޯ

25 ޑިސެމްބަރު 2023
މަބުނީ… ނެތްތަ މިރަށުގައި އެހެރަ ކައެމެންގެ އޮފީސް މީހުންނަށް އެމީހުން ކުރަންޖެހޭ މަސައްކަތް ސާފުކޮއްދެވޭކަށް؟ މިއަތޮޅު ބަޔަކު އެތަނަށް މައްސަލައެއްލާގެން އުޅޭތަ އެތައް ދުވަހެ ކޯލަ
4 0

ރުގީ

25 ޑިސެމްބަރު 2023
@ވާންޗޯ ބުރާންޗޯ އެޑިއުކޭޝަން މިނިސްޓުރީން ހެދިގޮތަށް ޑިގުރީ ހަދަން ސަރުތު ކުރަންވީ. މަގާމަށް ކޮލިފައިޑެއް ނޫން ރަށު ތަންތާ ތިބި ޖެންޑާ މިނިސްޓުރީ ގިނަ މީހުން. އެތިކްސް ވެސް ނުހުރޭ.
5 0

ބޯގަޅިބޭ

25 ޑިސެމްބަރު 2023
@ވާންޗޯ ބުރާންޗޯ ގެޓެެއް ނުވެޔޯ ލޮލް
4 0

އިއްލެ

25 ޑިސެމްބަރު 2023
މަގޭ ފުރެންޑެއް އެބަހުރި ތިތަނުން ގުޅާނަމޭ ބުނީމަ. އެހެން ބުނިތާ 1 އަހަރު ވަނީ ކަމަނާ. ދެން ދާންވި ތަނަކީ ވެސް ކޮބައިކަން އެސޮރަށް އަންގާލަން ވީނުތޮ؟
4 1

މާނު

25 ޑިސެމްބަރު 2023
@އިއްލެ މަވެސް ހަމަ ތިހާލެއްގައި. މަތިފަޑި ބަދަލުވިޔަސް ހަމަ އެއް ގޮތެއް. ތަފާތެއް ނުފެނޭ!
4 0

އީންޓެެ

26 ޑިސެމްބަރު 2023
@އިއްލެ މުޒާހަރާ ޖައްސާ
2 0

ރޮކެޓް ސައިންސް

26 ޑިސެމްބަރު 2023
@އިއްލެ ވަރުގަދަ އެއްވުމެއް މިނިސްޓުރީ ކުރިމަތީ ބާއްވަންވީ ކަލޯ
2 0

ފުއްޓަރު

25 ޑިސެމްބަރު 2023
ކޮބައި މިނިސްޓްރީއަށް މީހުން ފޮނުވަ މައްސަލަތައް؟ އެ މަތީގައި އިށީދެ ތިބެން ހަދާފަ ހުރި ތަނެއްތަ ތީ؟
4 1

ތަކުރު

25 ޑިސެމްބަރު 2023
ކަމެއްް އެންގީމަަ އެއީީ ނޭގޭޭ ކަަމަށްް ހަދައިގެންް މޭޒުު ދޮށަށްް ވަދެެ ފިލާާ މިރަށުު ތިއޮފީސް މީހުންް ތިބެނީީ، ދެންް އެކަންް ނުބަލާާ ވާނެެ ހުރިހާ ބަހަނާއެއްް ދައްކާ
5 0

ދެލޮލުގެެ ނޫރު

25 ޑިސެމްބަރު 2023
އަަނިޔާާ ލިބޭތީީ އެކަންް ތިޔާާ ތާކައްް އަންގާާ އަންގާާ މަަންޖެމެެންް އަޅާނުލާާ ތިއްބަަ ދެންް ނެރެލީީ ގޭންް ދަރިންކޮޅުު އަތުލާފަަ. ދަމަކުންް ބަޑިއެއްް ޖަހާހެންް ފޯނުު ކޮއްލީމަަ އެނިމުނީީ. ކޮބާާ މަށާާ މަގޭޭ ޅަދަރިންކޮޅަށްް ޖެހުނުު ހާލުު ކާކުު ޒިިންމާާ ވަނީ؟
4 1

އިއްބެެ

25 ޑިސެމްބަރު 2023
ފަޅޮލޭޭ ކިޔާބަލަަ. ސޮއިކޮއްފަަ ތިތަނުގެެ މީހުންް ތެޅިބާލަނީ މަސައްކަތެއްް ނުކުރެެ. މަގޭޭ ދަރިފުޅުު މައްސަލަަ ހުށައެޅިތާާ އަހަރެއްވަނީީ. ތިކިޔާާ އަތޮޅުު ސެންޓަރަކުންް ކަންބަލަންް ދިޔައީީ އެންމެެ 2 ފަހަރު. ގިނަަ ފަހަރުު ގުޅިޔަސްް ފޯނުު ނުނަގާ. ރަށުތެރެެ ދަމާކަނޑާާ މީހުންނަށްް ވުރެެ އެމީހުންގެެ ވިސްނުންް ކަޑަަ. އަނެއްކަަ މައްސަލައިގެެ ސިއްރެއްް ނުހިފަހައްޓަަ. ދެންް ކަލޭމެންް ގޮވައިގެެންް މަގޭޭ ދާނީީ ކޯޓަށް. ވައްސަލާން.
4 1

ފެކްޓް

24 ޑިސެމްބަރު 2023
މައްސަލަ ހުށައަޅާ އެތައް ޒަމާނެއް ވާއިރު ހަބަރެއް ނުވޭ. ގުޅީމަ ތިތަނުން ފޯނު ނަގާ ކުއްޖަ އިންނަނީ ރުޅިއައިސް ދޮންބޮޑުވެފަ. މީޓު ކުރަން ދިޔައިމަ މައްސަލަ ބަލާ މީހަކާ ބައްދަލެއް ނުވޭ. ގުޅާނޭ ބުނެފަ ވައްސަލާމް
4 1

ކުރީގެ ސްޓާފެއް

24 ޑިސެމްބަރު 2023
ރައީސް މައުމޫން ދައުރުގައި ވަރަށް ރަނގަޅަށް ހިންގި މިނިސްޓުރީއެއް މިއަދު އޮތީ އެތައް ތަނެއް ފަހަތައް ސޮއްސާލާފައި. އޭރު ތިބި ކޭސް ވޯކަރުންނާ ކައުންސޮލަރުން ވަރަށް ރަނގަޅު، ޑެޑިކޭޓެޑް. މިހާރު ކަޑަ. ހަމަ އެކަނި ގަޑި ޖައްސަން ކުރާ ޖޮބެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ އާދަ ހިފާފަ އޮތީ. ސޯޝަލް ސާވިސްގެ ރޫހާވެސް އެވިސްނުން ހިލާފު
4 1

ބޭބީ

24 ޑިސެމްބަރު 2023
ތިއޮފީހުގެ މައްސަލަ ބަލާ ސެކުޝަން އޮތީ ޕެރަލައިޒު ވެފަ
5 0

ރަހޫ

24 ޑިސެމްބަރު 2023
ގިނަ ފުލުހުންނަކަށް ގެވެށިއަނިޔާ ނޭގެ މެޑާމް
5 1

އަނިލް

25 ޑިސެމްބަރު 2023
@ރަހޫ ކުއްް ގިނަވަނީީ އެވެރިންގެެ ނޭއްގާނީކަމުންް. ކުރިމިނަލުންްގެ އައްޑަނަތަކެއްް އެއީ
4 0

ނަރީޝް

26 ޑިސެމްބަރު 2023
@އަނިލް ފުލުހުން ވ ކަޑަ. މިރަށު ގަވެސް ވިޔާނުދާ މީހުންނާ ފުލުހުން ތިބެނީ ގުޅިފަ
2 1

ޒަރޭ

24 ޑިސެމްބަރު 2023
ކަބުލޯ ތިތާ ތިބި މަސައްކަތައް ފަރުވާ ކުޑަ ސުޓާފުން ލައިގެން ގޮޅާވެސް ނުނެގޭނެ. ރަސޫލު ޒަމާނުގެ ހިލަ ފަދަ ބޯހަރު ބަޔަކު ލައިގެން ނުވާނެ ތިޔާ ކަމެއް
4 1

އެޕަލް

24 ޑިސެމްބަރު 2023
ތިތާ މީހުންނަކި ފިލައިގެން އުޅޭ ބައެއް. މަ މައްސަލަ އެއް ހުށަހެޅީމަ ގުޅާނޭ ބުނި މަގޭ ހުށަހެޅި މައްސަލަ ބަލާ ގޮއްޔެ. 3 މަސްވީ ހަބަރެއް ނެތް ކަލޯގެޔާ،
4 0

ހިޔާފުލެޓް

24 ޑިސެމްބަރު 2023
އެންމެ ކައްޕަޅި މިނިސްޓުރި. މައްސަލަތައް މައްޗަށް ކޮފީތަށި ވަރާލާފަ އޮންނަނީ. ސުޓާފުން ދުވަނީ ހުޅުމާލޭ ކެފޭތަކުން
3 1

އިތުބާރު ލޮލް

22 ޑިސެމްބަރު 2023
އިތުބާރެ؟ ތި މިނިސްތުރީގައި މައްސަލަ އެއް ހުށަހަޅަން ހާއްސަ މެއިލެއް ހާ ހިސާބު ނެތް. އިންފޯ އަށް ހުރިހަ އެއްޗެއް. ޖަވާބެއް ނާދެ އިންފޮއައް މޭލު ކުރިއަކެސް. ޢާސްތު ސިހާމު ވެސް 1 މަސް ވީ
4 0

އޭދަފުށި

22 ޑިސެމްބަރު 2023
ރާއްޖެތެރޭގައި ހަދާފައި ހުރި ތިޔާ މިނިސްތުރިގެ ގިނަ އަތޮޅު ސެންޓަރުތައް ވަރަށް ކަޑަ. ސޮއި ޖަހާފަ މުސާރަ ނެގީމަ ނުނިމޭ ކަލޯމެނޭ
6 0

ކަރީމް

24 ޑިސެމްބަރު 2023
@އޭދަފުށި އެމީހުންނަށް ވާނުވާ،ވެސް ނޭގެ މައްސަލަތަކުގަ. ފުރަތަމަ އައިސަތު ޝިހާމު އަތޮޅުތަކުގެ އޮފީސްތަކުގައި ތިބި މިނިސްޓުރި އިސްޓާފުންނައް މައްސަލަ ބެލުމުގެ ކުރު ކޯހެއް ހިންގަބެލޭ
4 0

ޒެޑު

24 ޑިސެމްބަރު 2023
@އޭދަފުށި ޖޮބުގައި ކުރަންޖެހޭ މަސައްކަތުގެ މާބޮޑު އެއްޗެއް ނޭގެ. ޓުރޭނު ނުކޮއް އެތިބެނީ ވާނުވާގައެ ޗަކޮއެ
4 0

މަރީ

24 ޑިސެމްބަރު 2023
@އޭދަފުށި ބައެއް ރަށްރަށުގައި ތިބި ގެވެށި އަނިޔާގެ މައްސަލަތަކަށް އެޓޭންޑު ކުރާ ފުލުހުން ތިބެނީ އަނިޔާ ކުރާ މީހުންނާ ގުޅިފަ. އަނބިމީހަ ގައިގަ ފިރިމީހަ ޖެހީމަ މައްސަލަ ހުށަހެޅިމަ ފުލުހުން ބުނަނީ މައްސަލަ ނުޖައްސާ ވަރިވާން ނޫޅެ ރީއްޗައް އުޅޭށެ. މި ހާލަތު ކަލޭނޭ
4 0

މަރިޔަމް

25 ޑިސެމްބަރު 2023
@މަރީ އަނބިމީހަ ގައިގަ ޖެހިންތޯ އޭނަ ގައިގަ ޖެހި ފިރިމީހާ ބައިންދައިގެން އަހަނީ. ޖެންޑާވެސް ފުލުހުންވެސް ކަޑަ
4 1

ފެމިނިސްޓް

26 ޑިސެމްބަރު 2023
@މަރިޔަމް ފުލުހުންނަށް އަބަދުވެސް ގޯސްވަނީ އަންހެން މީހާ. ފިރިހެނުން އޯކޭ ތަޅާ ރާކޭސް ގެންނެވިއަސް
2 0

އަރީ

22 ޑިސެމްބަރު 2023
ފޯނު ނުނަގާ ސިޓީތަކައް ޖަވާބު ނުދި މެއިލު ތަކައް ވާގޮތް ނޭގެ ތަނެއް. އުވާލާ!!!!
5 0

ހުދު ޖަންގިޔާ

24 ޑިސެމްބަރު 2023
@އަރީ މައްސަލަ ގެއްލުވާވެސް އެބަލާ. މައްސަލަ ބަލައިގަތް މިނިސްތުރި މުވައްޒަފު މައްސަލަ ޖައްސާ މީހައައް ފިލައިގެން އުޅެނީ
4 0

ރިއްޓެ

25 ޑިސެމްބަރު 2023
@އަރީ 100 ގެެ ވާހަކައެއް
4 0

އައުޓް

22 ޑިސެމްބަރު 2023
ފޮނި ބައިސަ ނުކަޑާ ރައްޔެތުން ފޮނުވަ ސިޓީއަ އީމެއިލުތަކައް ޖަވާބު ދީބަޔަ.
5 0

ލޫކް

27 ޑިސެމްބަރު 2023
@އައުޓް ފޯނެއްވެސް ނުނަގައެ.
1 0

މޫސަ

21 ޑިސެމްބަރު 2023
މަށަށް ހާދަ ރީތި މީހެކޭ މީ
3 4

ވާންޗޮ

22 ޑިސެމްބަރު 2023
@މޫސަ އޭނަ ރީތިވެގެން ވާކަމެއް ކޮބަތަ؟
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް