ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުސްނުވާ އާސަންދަ ތައާރަފްކުރުމަށް 2014 ފެބުރުއަރީގައި ބޭއްވި ހަފްލާގެ ތެރެއިން: އާސަންދަ ވެފައި ވަނީ ހިފެހެއްޓުމެއް ނެތި ހަރަދުތައް ހިނގާ ސްކީމަކަށް (ފޮޓޯ/ރައީސް އޮފިސް)

އާސަންދަ

އާސަންދަ: ބަޔަކު މަހުޖަނުންނަށް ހަދާލައިދޭ މެޝިނެއް

މިދިޔަ އަހަރު އާސަންދަ އަށް ކުރި ހަރަދު 2.3 ބިލިއަން ރުފިޔާއަށް އަރާއިރު އެއީ ބަޖެޓް ކުރި އަދަދަށް ވުރެ 1.3 ބިލިއަން ރުފިޔާ އިތުރު އަދަދެއް؛ މިދިޔަ 5 އަހަރު ވެސް އާސަންދަ އަށް ކުރި ހަރަދު ވަނީ %20 އިތުރުވެފައި
4 ޖެނުއަރީ 2024
7

މުހިންމު ނުކުތާތައް

ބޭރުގެ ހޮސްޕިޓަލްތަކަށް ނާޖާއިޒު ފައިދާ ހޯދައިދީ ނިޒާމުގެ ތެރެއިން ބަޔަކު ކަޓް ނަގާ ކަމުގެ ތުހުމަތު ބޮޑު

ޑަބަލްކޮށް އެއް ހިދުމަތެއް ކަވަރުކުރުން ފަދަ އުސޫލުތަކާ ހުރެ އާސަންދައިގެ ބުރަ ދައުލަތަށް ވަނީ ބޮޑުވެފައި

ރާއްޖޭގެ ހޮސްޕިޓަލްތަކަށް ބިލިއަނެއްހާ ރުފިޔާ ހަރަދުވާއިރު ބޭރުގެ ހޮސްޕިޓަލްތަކަށް ހަރަދުވަނީ 250 މިލިއަނެއްހާ ރުފިޔާ

ހުރިހާ ދިވެހިންނަށް ހިލޭ ލިބޭ ގައުމީ ސިއްހީ އިންޝްއަރެންސް ނިޒާމް، އާސަންދައިގެ ހަރަދު އަހަރުން އަހަރަށް މައްޗަށް ދާތީ އެކަމުގެ  ކަންބޮޑުވުން ވަރަށް ބޮޑެވެ. އާސަންދަ ހަމަ މަގަށް އަޅުވައި އޯވަހޯލް ނުކުރާ ނަމަ އެއީ ދެމެހެއްޓެނިވި ނިޒާމަކަށް ނުވާނެ ކަމަށް ބުނެ މާލީ އިދާރާތަކުން އިންޒާރު ކުރަމުން ދާތާ އެތައް ދުވަހެކެވެ. ނަމަވެސް އެކަމަށް ކައިރި މުސްތަގުބަލެއްގައި ވެސް ހައްލެއް އަންނަ ތަނެއް ނުފެނެ އެވެ. މަންޒަރު ހުރީ މުޅިން އެއާ އިދިކޮޅަށެވެ. 

މިހާރު އޮތް ސުވާލަކީ އަހަރުން އަހަރަށް އާސަންދައިގެ ހަރަދުތައް ނުހިފެހެއްޓި މައްޗަށް ދާ ދިޔުން ކޮންޓްރޯލް ނުވެގެން މި އުޅެނީ ކީއްވެ ހެއްޔެވެ؟ އެއީ މާ އުނދަގޫ ކަމަކަށް ވެގެން އުޅެނީ ކީއްވެ ހެއްޔެވެ؟

 އާސަންދައިން އަހަރެއް ތެރޭ ކުރާ ހަރަދުތައް ހާވައި ބަލާއިރު ހީވެފައި އޮންނަ ގޮތާއި އަސްލު މަންޒަރު ވަރަށް ތަފާތެވެ. އާސަންދައިގެ ނިޒާމު އޮތީ އިސްރާފާއި ފަސާދައިގެ ތެރެއަށް ގެނބިފަ އެވެ. އެއީ ހުރިހާ ރައްޔިތުން ހިލޭ ލިބޭ ސިއްހީ އިންޝުއަރެންސް ނިޒާމުގެ ނުފެންނަ ފަޅި އެވެ. 

އާސަންދައިން ހަރަދުކުރި ބައިތައް (2022):

  • ކްލިނިކްތައް - 140.1 މިލިއަން ރުފިޔާ 

  • ބަލި މީހުން ވައިގެ މަގުން އުފުލަން - 27.2 މިލިއަން ރުފިޔާ

  • ބަލި މީހުން ކަނޑު މަގުން އުފުލަން - 20.5 މިލިއަން ރުފިޔާ

  • ހޮސްޕިޓަލްތަކަށް - 1.5 ބިލިއަން ރުފިޔާ

  • އޮޕްޓިކަލް - 38.4 މިލިއަން ރުފިޔާ

  • ބޭރަށް ބަލިމީހުން ފޮނުވުމުގެ ޓިކެޓް ހަރަދު - 66.7 މިލިއަން ރުފިޔާ

  • ފާމަސީތަކަށް - 998.3 މިލިއަން ރުފިޔާ

ދަރުމަވަންތަ ހޮސްޕިޓަލުން ބަޔަކު ހިދުމަތް ހޯދަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އަމިއްލަ ހޮސްޕިޓަލް، ފާމަސީތައް ހިންގަން އާސަންދަ

'ދައުރު'ން އެދިގެން އާސަންދައިން ފޯރުކޮށްދީފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު 2022 ވަނަ އަހަރު އާސަންދައިން ކުރި ހަރަދުގެ ތެރެއިން ބިލިއަނެެއްހާ ރުފިޔާ ހަރަދުވެފައި ވަނީ ރާއްޖޭގައި ހުރި އަމިއްލަ ހޮސްޕިޓަލްތަކާއި ފާމަސީތަކަށެވެ. މިދިޔަ އަހަރު އަދި އެ އަދަދު މާ ބޮޑެވެ. އެކަމަކު ރާއްޖެއިން ބޭރު ހޮސްޕިޓަލްތަކުން ހޯދި ފަރުވާތަކަށް މުޅި އަހަރެއް ތެރޭ އެވްރެޖްކޮށް ހަރަދުވެފައި ހުންނަނީ 250 މިލިއަނެއްހާ ރުފިޔާ އެވެ. 

ރާއްޖޭގެ ހޮސްޕިޓަލްތަކަށް ކޮށްފައިވާ ހަރަދު (2022):

  • އޭޑީކޭ ހޮސްޕިޓަލް - 151.5 މިލިއަން ރުފިޔާ

  • ޓްރީ ޓޮޕް ހޮސްޕިޓަލް - 116.7 މިލިއަން ރުފިޔާ 

  • އައިކެއާ އޮޕްޓިކަލްސް - 39.7 މިލިއަން ރުފިޔާ

  • އައިއެމްޑީސީ - 13.6 މިލިއަން ރުފިޔާ

  • މެޑް ލެބް - 11.5 މިލިއަން ރުފިޔާ

  • މެޑިކާ - 9.5 މިލިއަން ރުފިޔާ

  • އެއިމްސް - 9.2 މިލިއަން ރުފިޔާ

  • އީވް ކްލިނިކް - 8.9 މިލިއަން ރުފިޔާ 

އާސަންދައިގެ މެނޭޖިން ޑިރެކްޓަރު ފާތުމަތު ޒީނިޔާ ސިފަކުރެއްވި ގޮތުގައި އާސަންދަ ވެފައި އޮންނަނީ ސިއްހީ ހިދުމަތް ދޭ ޕްރައިވެޓް ތަންތަން ހިންގައިދޭ ނުވަތަ އެ ވިޔަފާރީގެ ލައިފް ލައިނަށެވެ. މިހާރު ކްލިނިކެއް ހުޅުވުމުގެ ކުރިން ވެސް އާސަންދަ ހިދުމަތް ދޭ ސެންޓަރަކަށް އެތަން ހަދަން އޮންނަނީ އާސަންދައަށް ހުށަހެޅުން ލިބިފަ އެވެ. 

"ބައެއް ކުލިނިކްތައް ހުޅުވުމުގެ ކުރިން ވެސް އާސަންދަ ލިބޭ ސެންޓަރަކަށް ހެދުމުގެ ހުއްދައަށް އެދިފައި އޮންނަނީ. ސިއްހީ ހިދުމަތް ދޭ އަމިއްލަ ތަންތަން، އާސަންދައިން ދޭ ފައިސާގައި ހިންގާ ތަންތަނުގެ ގޮތުގައި ވެފައި މި އޮންނަނީ،" ރައްޔިތުން މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި ޒީނިޔާ ވިދާޅުވެފައިވެ އެވެ. 

އާސަންދައިގެ ކައުންޓަރަކުން މީހަކު ހިދުމަތް ހޯދަނީ: އާސަންދައިގެ ހަރަދުތައް މިހާރު ހުރި ގޮތުން ދެމެހެއްޓެނިވި ގޮތުގައި ސްކީމް ކުރިއަށް ގެންދެވިދާނެ ކަމާ މެދު ވަނީ ސުވާލު އުފެދިފައި (ފޮޓޯ/އާސަންދަ)

ރާއްޖޭގައި ޕްރައިވެޓް ހޮސްޕިޓަލެއް ހިންގާ ކުންފުންޏެއްގެ އިސް ވެރިއަކު ވެސް ޒީނިޔާގެ އެ ވާހަކަތަކަށް އެއްބަސްވެ އެވެ. އޭނާ ވިދާޅުވީ އެހެން ވާން ޖެހޭ އެންމެ ބޮޑު ސަބަބަކީ ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗަކީ ރާއްޖޭގެ އާބާދީގެ އެންމެންނަށް ހިދުމަތް ދެވޭވަރުގެ ހޮސްޕިޓަލަކަށް ނުވާތީ އެވެ. އެހެންވެ، އާންމުންގެ ތެރެއިން ވަރަށް ބޮޑު ބަޔަކު ހިދުމަތް ހޯދުމުގައި އަމިއްލަ ހޮސްޕިޓަލްތަކަށް  ބަރޯސާވާން ޖެހުމަކީ ޕްރައިވެޓް ހޮސްޕިޓަލްތަކުން ވެސް އާސަންދަ ދޭން ޖެހޭ ސަބަބެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

ޕްރައިވެޓް ހޮސްޕިޓަލްތަކުން އާސަންދަ އެކީ ދުއްވާލުމަކީ މިހާރު ރާއްޖެ އޮތް ހާލަތުގައި ޕްރެކްޓިކަލް ކަމެއް ނޫން. އެހެން ހަދައިފި ނަމަ އާސަންދައަކީ އޭގެ މަގުސަދު ހާސިލް ނުވާ ސްކީމަކަށް ވެދާނޭ

ސިއްހީ ދާއިރާގެ ބޭފުޅެއް

"ޕްރައިވެޓް ހޮސްޕިޓަލްތަކާ ނުލާ ހިއެއް ނުވޭ ރާއްޖޭގެ ސިއްހީ ސިނާއަތް މި އޮތް ގޮތުން ސަސްޓެއިން ކުރެވޭނެ ހެނެއް. އައިޖީއެމްއެޗުން އެެމްއާރުއައި ނަގަން އެބަ ނަގާ އެތައް މަހެއް. ބުރަކަށީގައި ރިއްސައިގަނެގެން ކެތްނުވާ މީހާއަށް ނުއެއް ހުރެވޭ އެހާ ދުވަހަކު. ޕްރައިވެޓް ތަންތަނުން އެބަވޭ އެންމެ ގިނަވެގެން ދެ ދުވަހުން،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި އެބޭފުޅާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕްރައިވެޓް ހޮސްޕިޓަލްތަކުން އާސަންދަ އެކީ ދުއްވާލުމަކީ މިހާރު ރާއްޖެ އޮތް ހާލަތުގައި ޕްރެކްޓިކަލް ކަމެއް ނޫނެވެ. އެހެން ހަދައިފި ނަމަ އާސަންދައަކީ އޭގެ މަގުސަދު ހާސިލް ނުވާ ސްކީމަކަށް ވެދާނޭ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

"ޕްރައިވެޓް ހޮސްޕިޓަލްތަކުން ލިބޭ ވަރަށް ގިނަ ހިދުމަތްތައް އެބަހުރި އައިޖީއެމްއެޗުން ނުވެސް ލިބޭ. އެހެންވީމާ އައިޖީއެމްއެޗް ފުލް ފްލެޖްކޮށް ތަރައްގީ ނުކުރެވި ހިއެއް ނުވޭ އާސަންދަ ޕްރައިވެޓް ތަންތަނުން ދުއްވާލެވޭނެ ހެނެއް. ގައިމު ވެސް މި އޮތް ޑިމާންޑަށް ކޭޓާ ކުރަންޏާ އޭޑީކޭ، ޓްރީޓޮޕް ނުލާ އަދި އިތުރު ސަރުކާރުގެ ދެ ހޮސްޕިޓަލް މާލޭ ސަރަހައްދަށް ބޭނުންވާނެ،" އެ ބޭފުޅާ ވިދާޅުވި އެވެ. 

ހައްލަކީ ހިފެހެއްޓުންތަކެއް ގެނައުން 

ޓްރީޓޮޕް ހޮސްޕިޓަލްގެ ސީއީއޯ އާދިލް މޫސާ ދެކެވަޑައިގަންނަވާ ގޮތުގައި އާސަންދަ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދަން އެ ނިޒާމަށް ބަދަލުތަކެއް ގެންނަން ޖެހެ އެވެ. އެކަން ކުުރުމަށް އޭނާ ހުށަހެޅުއްވާ ހިޔާލަކީ އާސަންދައިގެ ތެރެއަށް މިހާރަށް ވުރެ ބޮޑެތި ހިފެހެއްޓުންތަކެއް ގެނައުމެވެ.

އާދިލް ލަފާކުރައްވާ ގޮތުގައި އާސަންދައިގެ ހަރަދު ބޮޑުވާ އެއް ސަބަބަކީ އެއް ފަހަރު ޑޮކްޓަރަށް ދެއްކުމަށް ފަހު ސެކަންޑް އޮޕީނިއަންއަކަށް ވެސް އަނެއްކާ ޑޮކްޓަރަށް ދެއްކުމުން އެ ހަރަދުތައް ވެސް އާސަންދައިން ކަވަރު ކުރުމެވެ. އެކަން ނުވާނޭ ގޮތަށް އާސަންދައިގެ ނިޒާމު ބައްޓަން ކުރަން ޖެހޭ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

"އައިޖީއެމްއެޗަށް ދައްކާފައި އަނެއްކާ ސެކަންޑް އޮޕީނިއަންއަކަށް ޓްރީޓޮޕްގައި އިންނަ ސްޕެޝަލިސްޓަށް އެބަ ދައްކާ. އެއް ކަމަކަށް ދެތިން ހަތަރު ތަނުން އެއް ސާވިސްތަކެއް އެބަ ހޯދާ. ބޭސް ވެސް ހަމަ އެގޮތަށް. އެހެންވީމާ، އެގޮތަށް ރިޕީޓް ހަރަދުތައް ނުވާނެ ގޮތެއް ހޯދަން ޖެހެނީ،" އާދިލް ވިދާޅުވި އެވެ. 

 އައިޖީއެމްއެޗް ކުރިމަތީގައި ހުންނަ ފާމަސީތައް: އާސަންދައިގެ އެންމެ ބޮޑު ހަރަދެއް ހިނގަނީ ފާމަސީތަކަށް (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އޭނާ ފާހަގަކުރެއްވި ގޮތުގައި އާސަންދައިގެ އެންމެ ބޮޑު ހަރަދެއް ފާމަސީތަކަށް ދާއިރު އޭގެ ތެރޭގައި ކުރިން އާސަންދައިގެ ދަށުން ދޫކުރި ބޭސް ހުސްނުވަނީސް އަނެއްކާ ވެސް ޑޮކްޓަރަށް ދައްކައިގެން ހަމަ ރިޕީޓްކޮށް އެ ބޭސް ނެގުން ފަދަ ހަރަދުތައް ހިމެނޭނެ އެވެ. މިގޮތަށް ހުރި ލީކޭޖްތައް ހުއްޓުވިއްޖެ ނަމަ އާސަންދައިގެ ހަރަދު ކުޑަކުރެވޭނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. 

އާސަންދައިގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ހޮސްޕިޓަލްތަކާއި ކްލިނިކްތަކަށް ވުރެވެސް ބޮޑު އެއްޗެއް އާސަންދައިން ހަރަދު ވަނީ ފާމަސީތަކުން މީހުން ނަގާ ބޭހުގެ ހަރަދަށެވެ. އެގޮތުން އާސަންދައިގެ މުޅި ހަރަދުގެ %56 އަކީ ފާމަސީތަކަށް ކުރަން ޖެހޭ ހަރަދެވެ. އެގޮތުން 2022 ވަނަ އަހަރު އެކަނި ވެސް ފާމަސީތަކަށް 506.3 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ. 

ފާމަސީތަކަށް ކޮށްފައިވާ ހަރަދު (2022): 

  • އެސްޓީއޯ ފާމަސީ - 241.1 މިލިއަން ރުފިޔާ 

  • އޭޑީކޭ ފާމަސީ - 77.2 މިލިއަން ރުފިޔާ

  • ފާމަސީ ޕްލަސް - 53 މިލިއަން ރުފިޔާ

  • ޓްރީޓޮޕް ފާމަސީ - 36.5 މިލިއަން ރުފިޔާ

  • ގްރީން ފާމަސީ - 29.7 މިލިއަން ރުފިޔާ 

  • ލައިފް ސަޕޯޓް ފާމަސީ - 24.8 މިލިއަން ރުފިޔާ 

  • ހެލްތު އެންޑް ގްލޯ - 17.1 މިލިއަން ރުފިޔާ

  • ކާކީ ފާމަސީ (ސެނަހިޔާ) - 14.8 މިލިއަން ރުފިޔާ

  • ވަށްފުށި ފާމަސީ - 12 މިލިއަން ރުފިޔާ 

ކޮންޓްރޯލްތަކެއް ގެންނަން ޖެހޭ ކަމަށް ޒީނިޔާ ވެސް ގަބޫލުކުރައްވަ އެވެ. އޭނާ ވިދާޅުވީ އާބާދީގެ ނިސްބަތަށް ބަލައި އަދި ކްލިނިކްތަކުން ދޭ ހިދުމަތަށް ބަލާ އާސަންދައިގެ ހިދުމަތް ލިބޭ ސެންޓަރުތައް ވެސް ލިމިޓްކޮށްފައި ހުންނަން ޖެހޭ ކަމަށެވެ. އެއީ ފާމަސީތައް ވެސް ހިމެނޭ ގޮތުންނެވެ. 

"މިހާރު ވަކި ލިމިޓެއް ކެޕެއް ނޯވޭ. އާސަންދަ ލިބޭ ތަންތަނުގެ [ކްލިނިކް ފާމަސީތަކުގެ] ލިމިޓެއް ކަނޑައެޅިފައި އޮތުން މުހިންމު. މިވެނި އަދަދަކަށޭ ހިދުމަތަށް އެންރޯލް ކުރެވޭނީ އަހަރަކު،" އާސަންދައިގެ އެންމެ ފުރަތަމަ މުވައްޒަފު އަދި މިހާރުގެ އެމްޑީ ޒީނިޔާ ވިދާޅުވި އެވެ. 

އޭނާ އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައި އެކަހަލަ ކޮންޓްރޯލްތަކެއް ނުގެނެސް އާސަންދަ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަކަށް ނުގެންދެވޭނެ އެވެ. ވޯލްޑް ބޭންކާއި އައިއެމްއެފް ފަދަ މާލީ އިދާރާތަކުގެ ވެސް އާސަންދައިގެ ހަރަދުތަކާ މެދު އޮތީ ހަމަ އެ ކަންބޮޑުވުމެވެ.

ފާމަސީތަކުން ދޫކުރާ ބޭހަށް އާސަންދަ އިން މިހާރު ކުރާ ހަރަދު ދައްކައިދޭ ޗާޓެއް. (ދައުރު އިންފޮގްރެފިކްސް/މުަސްތަފާ މުހައްމަދު)

އެ ކަންބޮޑުވުންތަކަށް ތަފާސްހިސާބުތަކުން ވެސް ބާރުދެ އެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އަހަރުން އަހަރަށް އާސަންދައިގެ ހަރަދުތައް ދަނީ ބޮޑުވަމުންނެވެ. ބަޖެޓް ކުރާ ވަރަށް ވުރެ އެތައް ގުނައެއް އިތުރަށް ކޮންމެ އަހަރަކު އާސަންދައަށް ހަރަދު ކުރަން ޖެހެ އެވެ. އެގޮތުން: 

  • މިދިޔަ އަހަރު އާސަންދައަށް ކުރި ހަރަދު 2.3 ބިލިއަން ރުފިޔާއަށް އަރާ

  • އެއީ ބަޖެޓު ކުރި އަދަދަށް ވުރެ 1.3 ބިލިއަން ރުފިޔާ އިތުރު އަދަދެއް 

  • ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ނާޅައިފި ނަމަ މި އަހަރު އާސަންދައިގެ ހަރަދު 3.4 ބިލިއަނަށް އަރާނެ

  • ވޭތުވެދިޔަ ފަސް އަހަރު ވެސް އާސަންދަ އަށް ކުރި ހަރަދު ވަނީ ބަޖެޓްކުރި އަދަދަށް ވުރެ %20 އިތުރުވެފައި 

ބޭރުގެ ހޮސްޕިޓަލްތަކަށް އިމެއް ނެތް ހަރަދުތައް

އަމިއްލަ ސިއްހީ ހިދުމަތް ދޭ ތަނެއްގެ އިސް ވެރިއަކު ވިދާޅުވި ގޮތުގައި އާސަންދައިން ބޭރުގެ ހޮސްޕިޓަލްތަކަށް ކުރާ ހަރަދުތަކުގައި ޗެކް އެންޑް ބެލެންސެއް ނޯވެ އެވެ.

އާާސަންދައިން ހިދުމަތް މިވަގުތު ލިބެނީ އިންޑިއާ އަދި ލަންކާގެ ވަކި ހޮސްޕިޓަލްތަކަކުންނެވެ. 

އޭނާ ވިދާޅުވި ގޮތުގައި އެތަންތަނުން އާސަންދައަށް ބިލް ކުރާއިރު އަގު ބޮޑުކޮށްފައި ހުންނަނީ ކިތައް ޕަސެންޓްކަމެއް ވެސް ނޭނގެ އެވެ. އަދި ކޮންމެ ފަހަރަކު ބިލުގައި ޖަހާފައި ހުންނަ ހުރިހާ ހިދުމަތެއް ހޯދާކަން ވެސް އާސަންދައިން ކަށަވަރު ކުރެވޭނެ ގޮތެއް ނޯންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރަށް ވެސް އިންޑިއާއިން ޒިޔާރަތްކުރާ ޑޮކްޓަރުން ނުވަތަ ވިސިޓިން ޑޮކްޓަރުންގެ ރެކޮމެންޑޭޝަންތަކަށް ވެސް އާސަންދަ ލިބުމަކީ ކަންބޮޑުވުމެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވި އެވެ.

"ރަނގަޅު އިންޑިއާގައި އަގު ކުޑަވެދާނެ ރާއްޖެއަށް ވުރެ. އެކަމަކު އެތަނުގައި ހުންނަ އަގު އިންފްލޭޓްކޮށްފައި ހުންނަ ނިސްބަތާއި މި އެއްޗިހި ނުއެއް ބެލޭ. ގިނަ ފަހަރަށް ހަމަ އެޕްރޫވްކޮށްލަނީ. އެކަމަކު ލޯކަލް ތަންތަނުން ބިލެއް ގޮސްފިއްޔާ ފަހަރަކު އެއްޗެއް މިހެން ބަލައިގެން ރިޖެކްޓް ވާނެ ބައިވަރެއް. ބޭރުގެ ހޮސްޕިޓަލްތަކުގެ ކަންކަން ނުބަލާ މިހާ ވަރަށް. ބޭރު ބިލްތައް އެޕްރޫވްކޮށްލާ ފަސޭހައިން. ދޯދިޔާކޮށް އޮންނަނީ އެކަން،" ބޭރުގެ ހޮސްޕިޓަލްތަކަށް ކުރާ ހަރަދުތަކަށް ލިމިޓެއް ގެންގުޅެން ޖެހޭކަން ފާހަގަކުރައްވާ އޭނާ ވިދާޅުވި އެވެ.

ގިނަ ދިވެހިން ހިދުމަތް ހޯދާ އިންޑިއާ، ކޮޗިންގެ އަމްރިތާ ހޮސްޕިޓަލް: މި ހޮސްޕިޓަލަކީ އާސަންދައިން ކޮންމެ އަހަރަކު ވެސް ވަރަށް ބޮޑު އަދަދެއް ހަރަދުކުރާ ސްޕިޓަލެއް

އާސަންދައިގެ ހިސާބުތަކުން ފެންނަނީ ވެސް އެ މަންޒަރެވެ. އާސަންދައިން 2022 ވަނަ އަހަރު ރިޖެކްޓް ކުރި ބިލްތަކުގެ ޖުމްލަ އަދަދު 4.5 މިލިއަން ރުފިޔާއަށް އަރަ އެވެ. އޭގެ ތެރެއިން %100 ބިލަކީ ރާއްޖޭގެ ކްލިނިކްތަކާއި ފާމަސީތައް އަދި އޮޕްޓިކަލްތަކުން ފޮނުވި ބިލްތަކެވެ. ބޭރުގެ ހޮސްޕިޓަލެއްގެ ބިލެއް އެއްކޮށް ރިޖެކްޓް ކުރި ކަމަކަށް ނުދައްކަ އެވެ. 

އާސަންދައިން ބުނާ ގޮތުގައި ދެކޮޅު ޓިކެޓުގެ ހަރަދާ އެކު ވެސް ބޭރުގެ ހޮސްޕިޓަލްތަކަށް ބަލި މީހުން ފޮނުވައިގެން ބޭސްކޮށް ދިނުމުގެ ހަރަދު ރާއްޖޭގެ ހޮސްޕިޓަލްތަކުގެ ހަރަދަށް ވުރެ ކުޑަ އެވެ. އަދި ރާއްޖޭގެ ހޮސްޕިޓަލްތަކާ އަގުތައް ވަކި ވަރެއްގައި ހިފަހައްޓަން މަޝްވަރާ ކުރިއަސް އަގު ކުޑަކޮށްދޭން އެއްބަސް ނުވާ ކަމަށް އާސަންދައިން ބުނެ އެވެ.

އެހެންވެ ބޭރަށް މީހުން ފޮނުވައިގެން ބޭސް ކޮށްދިނުމަކީ އާސަންދައިން ކަންބޮޑުވާ ކަމެއްހެން ހިއެއް ނުވެ އެވެ. އާސަންދައިން ގަބޫލުކުރަނީ އާސަންދައިގެ ހަރަދު ބޮޑު ވަނީ ބޭރުން ބޭސް ކުރާތީ ނޫން ކަމަށެވެ. 

އައިޖީއެމްއެޗް ހޮސްޕިޓަލް

ސިއްހީ ދާއިރާގެ އެހެން ބޭފުޅަކު ނަން ނުޖަހާ ގޮތަށް ވިދާޅުވީ އާސަންދައިގެ އެ ވާހަކަ މުޅިން ރަނގަޅު ނޫން ކަމަށެވެ. އޭނާ ވިދާޅުވީ ބައެއް އޮޕަރޭޝަން ފަދަ ބޮޑެތި އަގު ހުންނަ ހިދުމަތްތައް އާސަންދައާ އެކު އެއްބަސްވާ ވަކި އަގެއްގައި ކުރަން ޕެކޭޖް ހުށަހެޅިޔަސް ގިނަ ފަހަރަށް އާސަންދައިން އެ ޕެކޭޖްތައް އެޕްރޫވެއް ނުކުރެ އެވެ. ނޫނީ ރިވިއުގައި ހުންނަނީ ބަހައްޓައިފަ އެވެ.

އެއީ ގަސްތުގައި ބޭރުގެ ބައެއް ހޮސްޕިޓަލްތަކަށް މީހުން ފޮނުވަން މަގުފަހި ކުރަން އާސަންދައިގައި ތިބޭ ބަޔަކު ރާވައިގެން ކުރާ ކަމެއްގެ ގޮތުގައި އޭނާ ތުހުމަތު ކުރެއްވި އެވެ.

"އާސަންދައިން އަމަލު ކުރާ ގޮތުން ހީވޭ އެ މީހުންގެ އިންޓެންޝަނަކީ ބޭރަށް ފޮނުވާލުމޭ ރާއްޖެއިން ފަރުވާ ލިބެން ހުއްޓަސް. އެހެންވެ ޕެކޭޖްތައް އެޕްރޫވް ނުކުރަނީ. ދެން ސިސްޓަމުން ދައްކާނީ އެއީ ރާއްޖެއިން ނުލިބޭ ހިދުމަތެއް ކަމަށް. ގާތްގަނޑަކަށް ރާއްޖެއިން ބޭރަށް ފޮނުވާ %80 ކޭސް އަކީ މިތަނުން ލިބެން ހުރި ފަރުވާތައް،" މަސްލަހަތަށް ޓަކައި ނަން ނުޖަހާ ގޮތަށް އޭނާ ވިދާޅުވި އެވެ.

"މީގައި އެހެން ނާޖާއިޒު ކަންތައްތަކެއް މި އޮންނަނީ. ބޮޑަށް ހީވަނީ މަންފާތަކެއް ބަޔަކަށް ލިބެޔޭ މި ބޭރު ހޮސްޕިޓަލްތަކަށް މި ކުރާ ހަރަދުން. އެއީ އެ ހަރަދުތަކަކީ ބެލޭ ހަރަދުތަކެއް ނޫން. އެ ހަރަދުތައް ކުރެވެނީ ޒިންމާދާރު ގޮތުގައެއް ނޫން." 

ބޭރުގެ ހޮސްޕިޓަލްތަކަށް ކޮށްފައިވާ ހަރަދު (2022): 

  • އަމްރިތާ - 100.5 މިލިއަން ރުފިޔާ

  • އެންޔޫ ހޮސްޕިޓަލް - 32.6 މިލިއަން ރުފިޔާ

  • މަނިޕާލް ހޮސްޕިޓަލް - 31.3 މިލިއަން ރުފިޔާ

  • ކިމްސް ހޮސްޕިޓަލް - 16.2 މިލިއަން ރުފިޔާ

  • ގަންގާ ހޮސްޕިޓަލް - 14.8 މިލިއަން ރުފިޔާ

  • އެސްޓާ މެޑިސިޓީ - 11 މިލިއަން ރުފިޔާ

  • ރާޖަގިރި ހޮސްޕިޓަލް - 10.3 މިލިއަން ރުފިޔާ

  • އެޗްސީޖީ ހޮސްޕިޓަލް - 9.7 މިލިއަން ރުފިޔާ

  • މިއޮޓް ހޮސްޕިޓަލް - 7 މިލިއަން ރުފިޔާ

  • ޗެއިތަންޔާ އައި-ހޮސްޕިޓަލް - 6.7 މިލިއަން ރުފިޔާ 

އާސަންދައަކީ ހުރިހާ ރައްޔިތުންނަށް އޮތް ހިތްހަމަ ޖެހުމެއް ނަމަވެސް އެ ނިޒާމު މިހާރު ރާވައި ތަރުތީބުކޮށްފައި އޮތީ ވަކި ބަޔަކު މުއްސަނދިންނަށް ހަދައިދޭ ގޮތަށެވެ. އަދި އެ ނިޒާމުގައި ނާޖާއިޒު ކަންކަމަށް އޮތީ ދޮރުތައް ތަންމިނަށް ހުޅުވިފަ އެވެ. އެ ނިޒާމަށް ހިދުމަތްތައް އިތުރުކުރުމުގެ ކުރިން ވިސްނަންވީ އެ ނިޒާމު ހަރުދަނާ އުސޫލެއްގެ ތެރެއަށް ފެއްތުމަށެވެ. ނާޖާއިޒު ދޮރުތައް ބަންދުކުރުމަށެވެ. ނޫން ނަމަ އާސަންދައިގެ ތަކުލީފު ދައުލަތަށް ބޮޑުވެ އެއީ ނުއުފުލޭ ވަރު ބުރައަކަށް ވެދާނެ އެވެ. އޭރުން ދެން މުޅި އާސަންދަ ނިޒާމު އެއްކޮށް ހުއްޓޭނީ އެވެ. އެ ހިސާބަށް ނުދަނީސް ސަލާމަތްވާނެ ގޮތްތަކެއް ހޯދަން ޖެހެ އެވެ.

ކޮމެންޓް (7)

އައްޔު

16 ޖެނުއަރީ 2024
ސެކަންޑް އޮޕީނިއަން ނަގަނީ ނަގަންވެގެން ދާއިރަށް ޓެސްޓެއް އެއްޗެއް ހަދާލުމެއްނެތި 03 މަހުގެ ބޭސް އެބަދޭ ދެން ކުޑަކޮށްވެސް ވިސްނޭމީހަކު ބަލާނެދޯ މީ ކިހިނެއް ކީއްވެ ކޮންކަމަށް ދީފައިވާ ބޭސްތަކެއްތޯ؟ އާސަންދައިގެ ޚަރަދު ކުޑަކުރެވޭނީ ދިވެހިންނަށް ދިވެހި ސިއްޚީ ނިޒާމަށް އިތުބާރު ކުރެވިގެން. ރާއްޖެއިން އޮޕަރޭޝަނެއް ނުކުރަނީ 3 މަސްވާއިރު ފާރުގަނޑު ނުހިކޭ އެކަމަކު އެ އޮޕަރޭޝަން އިންޑިއާ ނުވަތަ ލަންކާއިން ކުރާނަމަ ގިނަވެގެން ހަފްތާއެއްތެރޭ އެފާރުގަނޑު ހިކޭ މީ ކިހިނެއްވާކަމެއް ފަޅަނީ އެއްގޮތަކަށް ފަހަނީ ހަމަ އެއްގޮތަކަށް ދެންއޮތީ ބޭނުންކުރާ ބޭސް ރާއްޖޭގައި ބެޓަޑިން ނޫން އެއްޗެއް ހޮސްޕިޓަލް ތަކުން ބޭނުމެއް ނުކުރޭ ހީވަނީ މާމަމެން ގެންގުޅުނު ކޯރާޑިތެޔޮ ފުޅިހެން. ދެންއޮތީ ރައްޔިތުންގެ އާއްމު ސިއްޙަތު ރަނގަޅުނަމަ އާސަންދައިގެ ޚަރަދު ބޮޑެއް ނުވާނެ ރައީސް ވިދާޅުވާހެން ޖެހޭނީ ބަލި އަވަހަށް ދެނެގަތުމަށް ކުރަންހުރި މަސައްކަތް ކުރުން އޭރަށް ޚަރަދުވެސް ކުޑަވާނެ. އަދި ބޭސް ވިއްކުމުގައި ނުވަތަ ބޭހުގެ ކޮންޓްރޯލް އަނގުކަނޑައަޅަންވީ އޭރަށްވެސް ޚަރަދު ކުޑަވާނެ ކީއްވެ ނުވާންވީ އެސްޓީއޯއިން ގެންނަނީ
0 0

ޡައިނަބު

4 ޖެނުއަރީ 2024
އެންސްޕާ ވެސް ތިހެން. ތެރަޕީ ދޭ އަލިކިލެގެފާނު މަގުގަ ހުންނަ ފިޒިއޯ ކްލިނިކް އަކީ ވެސް ވަގަށް ލާރިކާ ތަނެއް.
0 0

ޏސޖސޖސި

4 ޖެނުއަރީ 2024
ތިތަންތަނުގެ އަޑީގަ ތިބޭނީ ވިޔަފާރިވެރިން. އެމީހުން ބޭނުން ވާނީ ޝޯރޓުކަޓުން ފައިދާ ނަގަން.
1 0

ދޮންދީނާ

4 ޖެނުއަރީ 2024
ރައްޔިތުންގެ މަޖިލިސް މެމްބަރުންނާއި ރައީސުލް ޖުމުހޫރިއްޔާ އަދި ފަނޑިޔާރުންނަށް ސިންގަޕޫރުން ހިލޭ ބޭސްފަރުވާކުރެވޭއިރު، ރައްޔިތުމީހާ އިންޑިއާއަށް އާސަންދައިން ފޮނުވުން މައްސަލައަކީ ކޮބާ؟ އިޓްސް ނޮޓް އަ ޕްރޮބްލަމް. ބަލާބަލަ އޭޑީކޭ ގުރޫޕަށް ދައުލަތުން ލިބޭހައި ފައިދާ؟ ބިމު ކުލިވެސް އިންތިހާއަށް ކުޑަ.
3 0

ހަސީނު

4 ޖެނުއަރީ 2024
އާސަންދައިގެމިހާރުގެ އެމްޑީއަކީ ވަރަށް ރަގަޅު ބޭފުޅެއް. ރާއްޖޭގެ ބޭރުގެ ހޮސްޕިޓާތަކުން ކަޓުނަގާކަމީ ހަގީގަތެއް. މިކަން ކުރަނީ ރޭވިގެން އިންތިޒާމު ވެގެން އާސަންދައިގެ އިންޓަނޭޝަނަލް ރިލޭޝަންގެ މަދު ބަޔަކު ބައިވެރިވެގެން. ނަން ނޭގޭތީއެއް ނޫން ނުލިއުނީ.
1 0

އާސަންދަ

4 ޖެނުއަރީ 2024
"މިހާރު ވަކި ލިމިޓެއް ކެޕެއް ނޯވޭ. އާސަންދަ ލިބޭ ތަންތަނުގެ [ކްލިނިކް ފާމަސީތަކުގެ] ލިމިޓެއް ކަނޑައެޅިފައި އޮތުން މުހިންމު. މިވެނި އަދަދަކަށޭ ހިދުމަތަށް އެންރޯލް ކުރެވޭނީ އަހަރަކު،" އާސަންދައިގެ އެންމެ ފުރަތަމަ މުވައްޒަފު އަދި މިހާރުގެ އެމްޑީ ޒީނިޔާ ވިދާޅުވި އެވެ. އޭނާ އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައި އެކަހަލަ ކޮންޓްރޯލްތަކެއް ނުގެނެސް އާސަންދަ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަކަށް ނުގެންދެވޭނެ އެވެ. ވޯލްޑް ބޭންކާއި އައިއެމްއެފް ފަދަ މާލީ އިދާރާތަކުގެ ވެސް އާސަންދައިގެ ހަރަދުތަކާ މެދު އޮތީ ހަމަ އެ ކަންބޮޑުވުމެވެ. ---------------------------------------------- ޒީނިޔާއާއި މާލީ އިދާރާތަކަށް އަހަރެމެން ރައްޔިޔުންގެ ސިއްހީ ކަންކަމުގެ ތެރެއަށް ނުވެދެވޭނެއެވެ. ވެރިކަމަށް އަންނަންވެގެން ރައިސަކަށްވާ މީހާ ކޮށްފައި ހުންނަ ވައުދު ފުއްދަން ޖެހޭނެއެވެ. ތިމީހުން ތިތަނަސް ވަދެގެން ގަޑުބަޑު ކުރުމުން ވެރިމީހާގެ އަގުވެއްޓޭނީއެވެ. އެގެކުރިން ޒީނިޔާ ގެއަށްގޮސް މާލީމީހުން ދުރުކޮށްލަށެވެ.
1 0

އެދުރު

4 ޖެނުއަރީ 2024
މީވަރުގަދަ އާސަންދައެއް. ހެޑުލައިން މިއޮތީ ހަމަވަރަށް ރަގަޅަށް. ސީދާމެޝިނެއްމީ. ރާއްޖޭގެ ޕުރައިވެޓު ހޮސްޕިޓަލްތަކުގެ މައްސަލައަދި މާބޮޑު. ސަރުކާރުން އާސަންދަ ޕޭމަންޓު ނަހަދައޭ ކިޔާފައި ކުރިން އާސަންދަ ކަނޑާލާ ދުވަސްވެސް ދިޔަ. އަދި އޭގެ ސަބަބުން ޑޮކުޓަރަށް ދެއްކުމުގެ ޚަރަދު ބޮޑުކޮށް އާސަންދަ ބޭއްވީ ބުލެކުމެއިލް ކުރެވިފައި. ޕޭމަންޓު ނުދައްކާތީއޭ ކިޔާފައި. ގުޅިގެން ހިންގާ ބޮޑުޖަރީމާއެއްމީ. ހަންދާވޭ ކުރިން ތިލަވި ވިޓަމިންސީގުޅައެއް އާސަންދައަށް ވިއްކި އަގުގެ މަތިން.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް