ކުޑަކުދިންނަށް ދޭން ބޭނުންކުރާ ދިޔާ ބޭހެއް: ވިޔަފާރި ފައިދާ އިތުރުކުރަން މި ޒާތުގެ ސިރަޕްތައް ގަޑުބަޑުކޮށް ވިހަ ކެމިކަލް ހިމަނާ މައްސަލަތައް ދަނީ އިތުރުވަމުން

ސިއްހަތު

ރާއްޖެއަށް އެތެރެވި ވިހަ ބޭސް: ރަތުގެ އިންޒާރެއް، އާ ގޮންޖެހުމެއް

ރާއްޖޭގައި ވިއްކާ ކުޑަކުދިންނަށް ދޭ ސިޓްރިޒިން ސިރަޕަކުން ފެނިފައި ވަނީ ބޭސް ގަޑުބަޑުކުރަން އަޅާ އެންމެ ވިހަ ކެމިކަލްތަކުގެ ތެރޭގައި ހިމެނޭ ޑީއީޖީ އާއި އީޖީ؛ އެ ދެ ކެމިކަލް ގިނައިން ހުރި ބޭހެއް ދެވިއްޖެ ނަމަ ކިޑްނީ ފެއިލްވުމާއި މަރުވުމުގެ ފުރުސަތު އޮވޭ

މުހިންމު ނުކުތާތައް

އެ ބޭސް ބޭނުންކޮށްގެން ކުޑަކުދިންނަށް ސިއްހީ މައްސަލައެއް ދިމާވެފައި ހުރިތޯ ދެނެގަންނަން އެމްއެފްޑީއޭ އިން އަންނަނީ މަސައްކަތްކުރަމުން

ވިހަ ދެ މާއްދާއަށް ރާއްޖޭގައި ބޭސް ޓެސްޓްކުރަން ފެށުނީ ޑަބްލިއުއެޗްއޯގެ އެލާޓަށް 9 މަސް ފަހުން

އެމްއެފްޑީއޭ އިން މިހާރު ވަނީ ސިރަޕެއް ރާއްޖެ އެތެރެކުރާ ނަމަ ޑީއީޖީ/އީޖީއަށް ޓެސްޓްކޮށް އޭގެ ރިޕޯޓް ހުށަހަޅަން ލާޒިމްކޮށްފައި

މިދިޔަ އަހަރުގެ ފަހުކޮޅެވެ. ކަފް ސިރަޕެއް ބުއި 70 ވަރަކަށް ކުޑަކުދިން ގެމްބިއާއިން ކުއްލި ގޮތަކަށް މަރުވި އެވެ. އޭގެ ދުވަސްކޮޅެއް ފަހުން ހަމަ އިންޑޮނޭޝިޔާގައި ވެސް ކަފް ސިރަޕެއް ބުއި 200 އެއްހާ ކުޑަކުދިން މަރުވި އެވެ. މި މަރުތައް ވީ އެ ގައުމުގެ އިދާރަތަކަށް ސިހުން ގެނުވި ކަމަކަށެވެ.

އެއާ އެކު ފެށި ތަހުގީގުން ހާމަވީ އެ ކުދިންގެ ކުއްލި މަރު ގުޅިފައި ވަނީ ވިހަ މާއްދާތަކެއް ހިމެނޭ ކަފް ސިރަޕަކާ ކަމެވެ. އެ ސިރަޕުގައި ހިމެނޭ ވިހަ ކެމިކަލެއްގެ ސަބަބުން ކިޑްނީ ފަދަ ބައެއް ގުނަވަންތައް ފެއިލްވެ މަރާ ކުރިމަތިލާން ޖެހުނީ އެވެ. އެ ކުދިންގެ އާއިލާތައް އެ ތިބީ އެ މަރުތަކަށް އިންސާފު ލިބޭތޯ އަޑުއުފުލުމުގަ އެވެ.

މި ދެ ހާދިސާއާ އެކު ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިއުއެޗްއޯއިން ވަނީ، ވިހަ މާއްދާތަކެއް ހުރެދާނެތީ، ކުޑަކުދިންނަށް ދޭ ސިރަޕްތަކާ މެދު ސަމާލުވުމަށް މުޅި ދުނިޔެއަށް ރަތް އިންޒާރު ނެރެފަ އެވެ. 

އެންމެ ފަހުން ވިހަ ސިރަޕްގެ ނުރައްކަލުން ރާއްޖެއަށް ވެސް ސަލާމަތް ވެވޭ ގޮތެއް ނުވި އެވެ. 

މިދިޔަ ހަފްތާ ތެރޭ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވަނީ ޕާކިސްތާނުގެ ލާހޫރުގެ ބޭސް ކާރުހާނާއެއް ކަމަށްވާ ޕާމިކްސް ލެބޯޓްރީ އިން އުފައްދައި ރާއްޖެ އެތެރެކޮށް ވިއްކަމުން އައި ސިޓްރިޒިންގެ ސިރަޕެއްގައި ވިހަ މާއްދާތަކެއް ހުރެގެން މަނާކޮށްފަ އެވެ. އަދި ރާއްޖޭގައި ވިއްކަން ހުރި އެ ކާރުހާނާގެ 27 ބޭހެއް ވެސް ވަގުތީ ވަގުތުން ވަނީ މަނާކޮށްފަ އެވެ. 

މިއީ މި ފަހުގެ ތާރީހެއްގައި ރާއްޖޭގައި ވިއްކަމުން ދިޔަ ބޭހަކުން ވިހަ މާއްދާތަކެއް ފެނިގެން މިހާ ގިނަ ބޭސް ރާއްޖޭގައި މަނާކުރަން ޖެހުނު ފުރަތަމަ ފަހަރެވެ. އެމްއެފްޑީއޭ އިން ބުނާ ގޮތުގައި މީގެ ކުރިން ވިހަ މާއްދާތައް ފެނިގެން އެލާޓް ނެރެފައި ހުންނާނީ ރާއްޖެއަށް އެތެރެކޮށް ވިއްކާ ބޭސްތަކުގައެއް ނޫނެވެ. މީގެ ކުރީގެ އެލާޓްތަކަކީ  ޑަބްލިއުއެޗްއޯ އިން ދުނިޔެއަށް ނެރޭ އެލާޓްތަކެއް ކަމުން ރާއްޖެއަށް ބަޔަކު އެފަދަ ބޭހެއް ގެނެސްފާނެ ކަމަށް ބަލާ ދުރާލާ އިންޒާރު ނެރެނީ އެވެ. ނޫނީ އެއީ ސަމާލުކަމަށް ނެރެލާ އެލާޓްތަކެކެވެ.

އެކަމަކު މިފަހަރުގެ އެލާޓް ނުރައްކާވެފައި ވަރަށް ސީރިއަސް އެވެ. ރާއްޖޭގައި ވަރަށް އާންމުކޮށް ވިއްކާ އަދި ކުޑަކުދިންނަށް ދޭ ސިރަޕަކުން ވިހަ މާއްދާތަކެއް ފެނުނީ އެވެ.

ވަރަށް ގިނައިން މި ބޭސް ރާއްޖެ އެތެރެކޮށްފައި ހުރީ. އެހެންވެ ހެލްތު ސެންޓަރުތަކުން އަޅުގަނޑުމެން ތަފާސްހިސާބު ހޯދައިގެން ބެލިއިރު އެކަހަލަ ކަމެއް [ކުޑަކުދިންނަށް އަސަރެއްކުރިކަން] އަދި ފާހަގައެއް ނުވޭ. ކިޑްނީ މައްސަލަޖެހުން ކަހަލަ ކޭސްތައް ގިނަވެފައެއް ނެތް.

އައިޝަތު ޖަލީލާ، ސީނިއާ ފާމަސިސްޓް

ވަރަށް ނުރައްކާތެރި ވިހައެއް

އެމްއެފްޑީއޭއިން ހާމަކޮށްފައިވާ ގޮތުގައި ލާހޫރުގެ ޕާމިކްސް ލެބޯޓްރީން އުފައްދާފައިވާ ސިޓްރިޒިން ސިރަޕުގެ ބްރޭންޑެއް ކަމަށްވާ 'އެލާގޯ' އިން ފެނުނީ ޑައިއީތައިލިން ގްލައިކޯލް (ޑީއީޖީ) އަދި އިތައިލީން ގްލައިކޯލް (އީޖީ) ނަމަކަށް ކިޔާ ވަރަށް ވިހަ ދެ ކެމިކަލެވެ. މިއީ ބޭސް އުފެއްދުމުގައި ބޭނުން ކުރުން މުޅިން މަނާ ބާވަތްތަކެކެވެ. 

މިހާތަނަށް ދުނިޔޭގައި ހިނގާފައިވާ، ބޭސް ވިހަވެ މަރުވުމުގެ އެންމެ ބޮޑެތި ހާދިސާތައް ހިނގާފައި ވަނީ ވެސް ޑީއީޖީ/އީޖީ ކެމިކަލް އަޅައި ގަޑުބަޑުކޮށްފައިވާ ބޭސްތަކުގެ ސަބަބުންނެވެ.

ރާއްޖޭގައި މަނާކުރި ޕާކިސްތާނުގެ ފާމިކްސް ލެބޯޓްރީސްގެ ބޭހެއް.

ބޭހާއި ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭ ދުނިޔޭގެ އެންމެ ހަރުދަނާ އުސޫލުތައް އޮންނަ އެމެރިކާގެ ޔޫއެސް ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) ވުޖޫދުކުރީ ވެސް 1937ގައި އެމެރިކާގައި ހިނގި ބޭސް ވިހަވުމުގެ ބޮޑު ހާދިސާއަކަށް ފަހު އެވެ. އެ ފަހަރު އެމެރިކާގައި 100 އަށް ވުރެ ގިނަ މީހުން މަރުވީ އިންފެކްޝަންތަކަށް އޭރު އާންމުކޮށް ދެމުން އައި، ސަލްފަނަމައިޑް ބޭސް އުފެއްދުމުގެ ތެރޭ ޑީއީޖީ/އީޖީ ކެމިކަލް އަޅައި ގަޑުބަޑު ކުރުމުންނެވެ. 

މި ކެމިކަލްތައް ކިތަންމެ ވިހަ ނަމަވެސް އަދި ބޭނުން ކުރުން މަނާ ނަމަވެސް ބައެއް ކާރުހާނާތަކުން ދޭތެރެ ދޭތެރެއިން ބޭސް ގަޑުބަޑުކުރުމަށް މި ކެމިކަލް ބޭނުން ކުރަނީ ހަރަދު ކުޑަކޮށް ވިޔަފާރީގެ ފައިދާ އިތުރުކުރުމަށެވެ. މިއީ ރިހާކުރަށް ފުށް އަޅައިގެން އެ ގަޑުބަޑުކުރުން ފަދަ ކަމެކެވެ.  ތަފާތަކީ ޑީއީޖީ/އީޖީގެ ސަބަބުން މަރާ ކުރިމަތިލާން ޖެހޭތީ އެވެ.

ހާއްސަ ގޮތެއްގައި ކުޑަކުދިންނަށް ދޭ ސިރަޕް އުފެއްދުމުގައި ޑީއީޖީ/އީޖީ ބޭނުން ކުރަނީ ސިރަޕްތަކުގައި ފޮނި ރަހަ ލެއްވުމަށް އަސްލު ބޭނުންކުރަން ޖެހޭ ގްލިސަރޯލް ނަމަކަށް ކިޔާ މާއްދާއެއްގެ ބަދަލުގަ އެވެ. ޑީއީޖީ/އީޖީ އަކީ ވެސް ފޮނި ރަހަ ލާ ގާތްގަނޑަކަށް އެއްގޮތް ސިފަތަކެއް ހުންނަ ކެމިކަލްތަކެކެވެ. އެކަމަކު މިއީ ޒަހަރު ފަދަ އިންޑަސްޓްރިއަލް ލެވެލްގެ ދެ ކެމިކަލް އެވެ. 

"ފާމަސޫޓިކަލް ސްޓޭންޑަޑް ގްލިސަރޯލް އަކީ ވަރަށް އަގުބޮޑު އެއްޗެއް. އެހެންވެ ހަރަދު ކުޑަކޮށްލަން އެޔާ ވަރަށް އެއްގޮތް ސިފަތަކެއް ހުންނަ ޑީއީޖީ/އީޖީ މި ބޭނުންކޮށްލަނީ. ބައެއް ފަހަރު ގްލިސަރޯލްގެ ކުޑަ އެތިކޮޅެއް އަޅާލާފައި ދެން ބޮޑު ބަޔަށް މި އަޅަނީ ޑީއީޖީ/އީޖީ. އެކަމަކު މިއީ މުޅިން މަނާ ކަމެއް،" ބޭސް ގަޑުބަޑުކުރަން މި ދެ ވިހަ ބޭނުންކުރާ ގޮތް އެމްއެފްޑީއޭގެ ސީނިއާ ފާމަސިސްޓް އައިޝަތު ޖަލީލާ ވިދާޅުވި އެވެ.

"ބޭސް އުފައްދާ ކާރުހާނާތަކުން ބޭސް ވިޔަފާރީގެ ބޮޑު ފައިދާއެއް ނަގަން މިކަން ކުރަނީ. ނޫނީ އަނެއް ބައި ފަހަރު ކާރުހާނާއަށް ތަކެތި ސަޕްލައިކުރާ މީހުން އޮޅުވާލާފައި ވެސް ގްލިސަރޯލްގެ ބަދަލުގައި މި ދެ ވިހަ މާއްދާ އެބަ ވިއްކާ."

ފާމަސީއެއްގައި ފާމަސިސްޓަކު މަސައްކަތް ކުރަނީ

މި ދެ މާއްދާ އެއްގޮތް ކަމުން އެ ދޭތީގެ ތަފާތު ދެނެގަތުން ވެސް ގިނަ ފަހަރަށް އޮންނަނީ އުނދަގޫ ކަމަކަށް ވެފަ އެވެ. ދެން އޮތް ގޮންޖެހުމަކީ ބޭސްތަކަށް އަޅާ އެކި މާއްދާތައް ސަޕްލައިކުރާ ކުންފުނިތައް ދުނިޔޭގެ ފެންވަރުގައި ވެސް އެންމެ ރަނގަޅަށް ރަޖިސްޓްރީކޮށް ބެލެހެއްޓެމުން ނުދިޔުމެވެ. އެހެންވެ ބޭހަށް އަޅާ މާއްދާތަކުގެ ޗެއިން އޮފް ކަސްޓަޑީ ބެލެހެއްޓުން އޮންނަނީ ގޮންޖެހުމަކަށް ވެފަ އެވެ. 

އަސްލު ވަރަށް ނުރައްކާ، މީގެ ކުޑަ މިންވަރު ވެސް ދިގު މުއްދަތަކަށް ބޭނުން ކުރެވިފައި ހުރިއްޔާ. އެެހެންވެ މީގެ ސީރިއަސްކަމުން މުޅި ކުންފުނި ވެސް އަޅުގަނޑުމެން ރާއްޖެއިން ވަގުތީ ގޮތުން ބޭންކުރީ. ރިސްކެއް ނެގޭ ވަރަށް ވުރެ ބޮޑު ކަމެއް ވީމާ މިނިސްޓާގެ އެ ނިންމެވުން އެ އައީ.

އައިޝަތު ޖަލީލާ، ސީނިއާ ފާމަސިސްޓް

ފިޔަވަޅުތައް އެޅިއަސް ފުރޭނިގެން އެތެރެވީ

މިދިޔަ އަހަރުގެ ފަހުކޮޅު ގެމްބިއާ އާއި އިންޑޮނޭޝިޔާގައި ހިނގި ބޭސް ވިހަވުމުގެ ހާދިސާތަކަށް ފަހު ޑީއީޖީ/އީޖީއާ މެދު ސަމާލުވުމަށް މި އަހަރުގެ ޖެނުއަރީގައި ޑަބްލިއުއެޗްއޯ އިން މުޅި ދުނިޔެ އިންޒާރުކުރީ އެ ވިހަ މާއްދާތަކުން ގަޑުބަޑުކޮށްފައިވާ ބޭހުގެ ނުރައްކާ އަނެއްކާވެސް ވަރަށް ބޮޑުވުމުންނެވެ.

ޑީއީޖީ/އީޖީގެ ގިނަ މިންވަރެއް އަޅާފައިވާ ބޭހެއް ދެވިއްޖެ ނަމަ ވަގުތުން ކުޑަކުދިންގެ ކިޑްނީ ހަލާކުވެ މަރުވެ އެވެ. މި ވިހައިގެ ކުޑަ މިންވަރެއް އަރުން އެތެރެވީ ނަމަވެސް ދިގު މުއްދަތެއްގައި އެފަދަ ބޭހެއް ބޭނުންކޮށްފައިވާ ނަމަ އޭގެ އަސަރު ކުޑަކުދިންނަށް ކޮންމެވެސް ޒަމާނަކުން ކުރުމުގެ ފުރުސަތު އޮންނާނޭ ކަމަށް ޖަލީލާ ވިދާޅުވި އެވެ. އަދި ހަޔާތުގެ ވަކި ހިސާބަކުން ކިޑްނީ ފެއިލްވުން ނުވަތަ ބައެއް ގުނަވަންތައް މަސައްކަތް ކުރުން ހުއްޓުން ފަދަ ކަންކަމާ ކުރިމަތިލާން ޖެހުމުގެ ފުރުސަތު ވެސް އޮވެ އެވެ.

"އަސްލު ވަރަށް ނުރައްކާ، މީގެ ކުޑަ މިންވަރު ވެސް ދިގު މުއްދަތަކަށް ބޭނުން ކުރެވިފައި ހުރިއްޔާ. އެެހެންވެ މީގެ ސީރިއަސްކަމުން މުޅި ކުންފުނި ވެސް އަޅުގަނޑުމެން ރާއްޖެއިން ވަގުތީ ގޮތުން ބޭން ކުރީ. ރިސްކެއް ނެގޭ ވަރަށް ވުރެ ބޮޑު ކަމެއް ވީމާ މިނިސްޓާގެ އެ ނިންމެވުން އެ އައީ،" ޖަލީލާ ވިދާޅުވި އެވެ.

ޕާކިސްތާނުގެ ފާމަސީއަކުން ރާއްޖެއަށް ބޭސް އެތެރެކުރާ ކުންފުންޏަކުން ގެންނަ ބޭސްތައް މަނާކުރުމާ ގުޅޭގޮތުން އެމްއެފްޑީއޭ އިން އިންތިޒާމުކުރި މައުލޫމާތު ސެޝަނެއްގައި ސީނިއަ ފާމަސިސްޓް އައިޝަތު ޖަލީލާ ވާހަކަދައްކަވަނީ (ފޮޓޯ/އެމްއެފްޑީއޭ)

ޖެނުއަރީގައި ޑަބްލިއުއެޗްއޯ އިން ދިން އިންޒާރުތަކާ އެކު ރާއްޖެއިން ވެސް ފިޔަވަޅުތައް ވަރުގަދަ ކުރި ކަމަށް ޖަލީލާ ވިދާޅުވި އެވެ. އެގޮތުން ޖެނުއަރީގައި ރާއްޖެއަށް ބޭސް އެތެރެކުރުމުގެ ގައިޑްލައިން އިސްލާހުކުރި އެވެ. އެގޮތުން ގެނައި ބަދަލުތަކަކީ: 

  • ޖޫން އިން ފެށިގެން ރާއްޖެއަށް ބޭހެއް އެތެރެ ކުރަން ހުއްދައަށް އެދޭއިރު، ބޭހަށް އަޅާފައިވާ މާއްދާތައް ނުވަތަ އެކްސްޕިއަންޓްސްއާ ގުޅޭ ރިޕޯޓެއް ހުށަހެޅުން؛ އޭގެ ބޭނުމަކީ ޑީއީޖީ/އީޖީ ނެތްކަން ކަށަވަރުކުރުން. އޭގެ ކުރިން ހަމައެކަނި ބަލަނީ ބޭހަށް އަޅާ މާއްދާތައް ގަނެފައި ހުންނަނީ ރަނގަޅު ސަޕްލަޔަރުންގެ އަތުންތޯ

  • ރާއްޖޭގައި ބޭސް ޓެސްޓް ކުރެވޭނެ ނިޒާމު ގާއިމްކުރަން ފެށުން؛ އެގޮތުން، ބޭހަށް އަޅާފައި ހުންނަ މާއްދާތައް ދެނެގަނެވޭ އައިޑެންޓިިފިކޭޝަން ޓެސްޓް ހަދަން ފެއްޓުން 

  • ކެއްސުމާއި ހުމަށް ދޭ ސިރަޕެއް ރާއްޖެ އެތެރެ ކުރާ ނަމަ ޑީއީޖީ/އީޖީ ހުރިތޯ ދެނެގަންނަން ބޭހުގެ ހާއްސަ ޓެސްޓެއް، ޑަބްލިއުއެޗްއޯ އިން ގަބޫލުކުރާ ލެބޯޓްރީއަކުން، ހެދުމަށް ފަހު ރިޕޯޓް ހުށަހެޅުން 

"އަޅުގަނޑުމެންގެ ކެޕޭސިޓީ ހުރި ވަރަކުން ފިޔަވަޅުތައް އަޅަމުން އައީ. އެކަމަކު މިއީ ދުނިޔެއަށް ވެސް ޗެލެންޖިން ކަމެއް، މިކަހަލަ ވިހަ މާއްދާތައް ހުންނަ ބޭސް ހުއްޓުވުން،" ޖަލީލާ ވިދާޅުވި އެވެ.

ބޭސް ޓެސްޓް ކުރުން ލަސްވީ 

ޖަލީލާ ވިދާޅުވި ގޮތުގައި ޑަބްލިއުއެޗްއޯ އިން ޖެނުއަރީ މަހު އިންޒާރުތައް ދިން އިރު ރާއްޖޭގައި ބޭސް ޓެސްޓް ކުރެވޭނެ ގޮތެއް ނެތެވެ. އެކަން ކުރަނީ ބޭރުގެ ލެބޯޓްރީތަކަށް ފޮނުވައިގެންނެވެ. އެއީ އަގު ބޮޑު އަދި އުނދަގޫ ކަމެކެވެ.

"ޖެނުއަރީއާ ހިސާބުން އަޅުގަނޑުމެން މަސައްކަތް ފެށީ ޓެސްޓިން ކެޕޭސިޓީ އުފައްދަން. އެ މަސައްކަތަށް ވަގުތު ނެގި ކެމިކަލްތައް ހޯދުމާއި އެކަމަށް ބޭނުންވާ އެހެން ތައްޔާރީތައް ވާން،" ޖަލީލާ ވިދާޅުވި އެވެ.

އެ ތައްޔާރީތައް ނިމި ރާއްޖޭގައި ބޭސް ޓެސްޓް ކުރެވޭނޭ ނިޒާމެއް ގާއިމް ކުރެވުނީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. ޖަލީލާ ވިދާޅުވި ގޮތުގައި ޓެސްޓިން ނިޒާމު ގާއިމްވުމާ އެކު، ޖޫންގެ ކުރިން ރާއްޖެއަށް އެތެރެވެފައި ހުރި ބޭސްތައް ޓެސްޓްކުރަން ފެށި އެވެ.

އައިޖީއެމްއެޗް ކުރިމަތީގައިވާ ފާމަސީތަކެއްގެ ކައިރިން މީހަކު ހިނގާފައި ދަނީ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

"ދެތިން އަހަރު ބޭހުގެ ޝެލްފް ލައިފް އެބަ ހުރޭ. އެހެންވެ މީގެ ކުރިން ޓެސްޓްނުކޮށް އެތެރެ ކުރި އެތައް ބޭހެއް މާކެޓްގައި ހުރި. ފަހަރަކު އެއްޗެއް ހަމަ ނަގައި ސްކްރީން ކުރަން ފެށީ. ފަންސާސް ސާމްޕަލް ޓެސްޓްކޮށްގެން އަޅުގަނޑުމެންނަށް މި ފާމަސީގެ ބޭހުން މި ފެނުނީ ވިހަ ކެމިކަލް،" ޖަލީލާ ވިދާޅުވި އެވެ.

ވިހަ މާއްދާތައް ހުރިތޯ ބަލަން ބޭސްތައް ޓެސްޓްކުރުގެ މަސައްކަތް އަދި ވެސް އެމްއެފްޑީއޭ އިން ކުރިއަށް އެބަ ގެންދެ އެވެ. 

"ވަރަށް ބުރަ މަސައްކަތެއް މިއީ. ސިސްޓަމުން ބަލައިގެން އަޅުގަނޑުމެން ހަމަ ފާމަސީތަކަށް ގޮސް ކޮންމެ ގުދަނަކަށް ވަދެ ޝެލްފްތަކުން އެ ބޭސްތައް ނެގުމުގެ މަސައްކަތް މި ކުރަނީ. ވަރަށް ބޮޑު ބައި މިހާރު ވެސް އެބަހުރި އަޅުގަނޑުމެންނަށް ނެގިފައި،" ޖަލީލާ ވިދާޅުވި އެވެ. 

ރާއްޖެ އެކަންޏެއް ނޫން، މުޅި ދުނިޔޭގައި ވެސް ޑީއީޖީ/އީޖީގެ ރިސްކް ވަރަށް ބޮޑުކޮށް މިދަނީ. މިކަން އިތުރުވެއްޖެ. އަޅުގަނޑުމެންނަށް އޮންނާނީ ސަމާލުވެ ފިޔަވަޅު އެޅުން

އައިޝަތު ޖަލީލާ، އެމްއެފްޑީއޭގެ ސީނިއާ ފާާމަސިސްޓް 

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި ވިއްކާ %90 ދިޔާ ބޭސްތައް މިހާރު ވަނީ ޓެސްޓް ކުރެވިފަ އެވެ. އެވަރަށް ޓެސްޓްކުރި ނަމަވެސް ވިހަ ހުރި ބޭހެއް އެތެރެވުމުގެ ފުރުސަތު އޮންނާނެކަން ޖަލީލާ ފާހަގަކުރެއްވި އެވެ.

"މީގައި ޗެލެންޖަކީ ބޭހެއްގެ ހުރިހާ ބެޗަކަށް ނާޅައި ވަކިވަކި ބެޗްތަކަށް ވެސް އަޅާފައި ހުރެދާނެ މި ކެމިކަލް. އެހެންވެ އަޅުގަނޑުމެންގެ ރެންޑަމް ޓެސްޓިންގައި ނުވެސް ފެނިދާނެ،" ޖަލީލާ ވިދާޅުވި އެވެ. 

"ރާއްޖެ އެކަންޏެއް ނޫން، މުޅި ދުނިޔޭގައި ވެސް ޑީއީޖީ/އީޖީގެ ރިސްކް ވަރަށް ބޮޑުކޮށް މިދަނީ. މިކަން އިތުރުވެއްޖެ. އަޅުގަނޑުމެންނަށް އޮންނާނީ ސަމާލުވެ ފިޔަވަޅު އެޅުން." 

ދިވެހިންނަށް އަސަރުކުރި ވަރު އަދި ނުހޯދޭ

ރާއްޖޭގައި ހެދި ޓެސްޓްތަކުން، ޕާމިކްސް ލެބޯޓްރީގެ ސިރަޕްތަކުން ވިހަ ފެނުމާ އެކު ޑަބްލިއުއެޗްއޯ މެދުވެރިކޮށް ރާއްޖެ އިން މުޅި ދުނިޔެއަށް އެލާޓް ކުރި އެވެ. އަދި ޕާކިސްތާނުގެ ޑްރަގް ރެގިއުލޭޓްރީ އޮތޯރިޓީއަށް ވެސް އެލާޓް ކުރި އެވެ.

ޖަލީލާ ވިދާޅުވި ގޮތުގައި އެ ހިސާބުން ޕާކިސްތާނާއި ދުނިޔޭގެ އެކި ގައުމުތަކުގެ އިދާރާތަކުން ކުންފުނީގެ ސްކްރީނިންތައް ފެށި އެވެ. އެގޮތުން ޕާކިސްތާނުން ހެދި ޓެސްޓްތަކުން އެ ކާރުހާނާ އިން އުފެއްދި ޑޮމްޕެރިޑޯން ބޭހުން ވިހަ ފެނިފައިވެ އެވެ. އަދި މީގެ އިތުރަށް ފީޖީ، ލާއޯސް އަދި ބެލީސްގައި ވިއްކަމުން އައި އެ ކާރުހާނާގެ ބޭސްތަކުން ވެސް ވިހަ މާއްދާ ފެނުނު ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވެ އެ ކުންފުނި އޮތީ މިހާރު އެ ގައުމުތަކުގެ ބްލެކް ލިސްޓުގައި ޖަހައިފަ އެވެ.

"އިތުރު ހަތަރު ގައުމެއްގައި ހުރި މި ކުންފުނީގެ ބޭހުގައި މި ކެމިކަލް ހުރިކަން ކަށަވަރުވީމާ މި އެނގުނީ އެބަ އުޅެއޭ މި ކުންފުނީގެ ކޮލިޓީގައި މައްސަލައެއް،" ޖަލީލާ ވިދާޅުވި އެވެ.

ރާއްޖެއިން ފެނުނު ވިހަ ބޭސް ތައްޔާރުކުރި ޕާކިސްތާނުގެ ލާހޫރުގައި ހުންނަ ކާރުހާނާގެ ހެޑް އޮފީސް

އޭނާ ވިދާޅުވި ގޮތުގައި ބޭހެއްގައި ވިހަ މާއްދާއެއް ހުރިކަން ދެނެގަނެވުނު ނަމަވެސް އެ މާއްދާ ހުރީ ކިހާ މިންވަރަކަށްކަން ދެނެގަނެވޭނެ ޓެސްޓެއް ރާއްޖޭގައި އަދި ނުހެދެ އެވެ. އެހެންވެ، ރާއްޖެއިން ފެނުނު ވިހަ ބޭހުގައި އެ މާއްދާތައް ހިމެނެނީ ކިހާ މިންވަރަކަށްތޯ  ދެނެގަތުމުގެ ޓެސްޓުތައް ހަދަން އެ ބޭސް ވަނީ މިހާރު އޮސްޓްރޭލިޔާގެ ލެބޯޓްރީއަކަށް ފޮނުވާފައި ކަމަށް އޭނާ ވިދާޅުވި އެވެ. 

އޭގެ ނަތީޖާ ލިބެން އަދި ހަފްތާއެއް ނަގާނެ އެވެ. 

"ރާއްޖޭގެ މީހުން ބޭނުންކުރިއިރު އޭގައި ވިހަ މާއްދާ ހުރި މިންވަރު، ރިޒަލްޓް ލިބުނީމާ އެނގޭނީ، އޭގެ އިފެކްޓް ކުރި ސީދާ ވަރު ބަލަން. %0.01 ހުރި ނަމަ ހިތަށް ކިރިޔާ ވެސް ހަމަޖެހުމެއް ލިބޭނީ،" ޖަލީލާ ވިދާޅުވި އެވެ. 

އެ ޓެސްޓުގެ ނަތީޖާ ލިބުމުގެ ކުރިން ވެސް ރާއްޖޭގައި އެ ބޭސް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންނަށް އެއްވެސް މިންވަރެއްގެ ސިއްހީ މައްސަލައެއް ދިމާވެފައި ހުރިތޯ ދެނެގަންނަން އެމްއެފްޑީއޭ އިން ވަނީ މަސައްކަތް ފަށައިފަ އެވެ. ޖަލީލާ ވިދާޅުވީ މިދިޔަ ދުވަސްތަކުގައި ކުޑަކުދިންނަށް ކިޑްނީ މައްސަލަ ޖެހިގެން ފަރުވާ ހޯދާފައިވާ މިންވަރު އިތުރުވެފައި ނުވާ ކަމަށެވެ.

"ވަރަށް ގިނައިން މި ބޭސް ރާއްޖެ އެތެރެކޮށްފައި ހުރީ. އެހެންވެ ހެލްތު ސެންޓަރުތަކުން އަޅުގަނޑުމެން ތަފާސްހިސާބު ހޯދައިގެން ބެލިއިރު އެކަހަލަ ކަމެއް [ކުޑަކުދިންނަށް އަސަރެއްކުރިކަން] އަދި ފާހަގައެއް ނުވޭ. ކިޑްނީ މައްސަލަ ޖެހުން ކަހަލަ ކޭސްތައް ގިނަވެފައެއް ނެތް،" ޖަލީލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާސަންދަ ޕޯޓަލް މެދުވެރިކޮށް ވެސް އެ ބޭސް މިހާތަނަށް ޑޮކްޓަރުން ލިޔެދީފައިވާ ވަރު ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އެއީ ބޭސް ސިޓީއަކާ ނުލާ ވެސް ވަރަށް އާންމުކޮށް މީހުން ނަގާ ބޭހަކަށް ވުމުން، އެ ބޭސް ބޭނުންކުރި ސީދާ އަދަދު ހޯދަން އުނދަގޫ ކަމަށް ޖަލީލާ ވިދާޅުވި އެވެ. 

ގޮންޖެހުމަކީ ޓެސްޓިން ކެޕޭސިޓީ ކުޑަވުން 

ވިހަ ބޭސްތައް ދެނެގަނެ ހުއްޓުވުމުގައި މުޅި ދުނިޔެއަށް އޮތް ގޮންޖެހުން ރާއްޖެއަށް ވެސް އެބަ އޮތެވެ.

ޖަލީލާ ފާހަގަކުރެއްވި ގޮތުގައި ބޭހުގައި ހުންނަ ވިހަ މާއްދާތައް ދެނެގަންނަން ޑަބްލިއުއެޗްއޯ ގަބޫލުކުރާ ފެންވަރުގައި ހަދާ ޖީސީއެމްއެސް މެތަޑް ބޭނުންކޮށްގެން ކުރާ ޓެސްޓް މި ސަރަހައްދުގައި ވެސް ހެދެނީ ވަރަށް މަދު ގައުމުތަކެއްގެ ލެބޯޓްރީތަކުންނެވެ. 

އެހެންވެ، ރާއްޖޭގައި ގިނައިން ވިއްކާ ބޭސްތައް އަހަރަކު އެއް ފަހަރު ޓެސްޓް ކުރަން ބޮޑު ހަރަދެއް ރާއްޖެ އިން ކުރަން ޖެހެ އެވެ. އެ ޓެސްޓްތައް 2018ގައި ހަދަން ފެށީ ސިންގަޕޫރުގައި ހުންނަ ޓަފްސެޓް ލެބޯޓްރީއަށް ކޮންމެ އަހަރަކު ވެސް ސާމްޕަލްތައް ފޮނުވައިގެން ކަމަށް ޖަލީލާ ވިދާޅުވި އެވެ. އަހަރަކު 20،000 ޑޮލަރު ރާއްޖެ އިން އެކަމަށް ހަރަދު ކުރަން ޖެހެ އެވެ.

ސަރުކާރުގެ ވަރަށް ބޮޑު އަހަންމިއްޔަތެއް އެބަ އޮތް ޓެސްޓިން ކެޕޭސިޓީ އިތުރުކުރަން. އެއީ ކޮންމެހެން ކުރަން ޖެހިފައި އޮތް ކަމެއް މިހާރު

އައިޝަތު ޖަލީލާ، އެމްއެފްޑީއޭގެ ސީނިއާ ފާާމަސިސްޓް 

"ޓެސްޓް ކުރުން ނޫން އެއްވެސް ގޮތެއް ނޯންނާނެ މިކަމުގައި. އެހެންވެ އަޅުގަނޑުުމެން 2018ގައި މި ފެށީ ޕްރީ މާކެޓް ނުވަތަ މާކެޓުގައި ހުންނަ ބޭސްތައް ޓެސްޓް ކުރަން. އެ ފަހުން އަދި މިހާތަނަށް ޓެސްޓްކުރި އެއްވެސް ބޭހެއް ޓެސްޓުން ފެއިލްވެފައެއް ނެތް،" ޖަލީލާ ވިދާޅުވި އެވެ.

ވިހަ ބޭސްތަކުގެ ނުރައްކާ ބޮޑުވަމުން ދާން ފެށުމުން، ޖަލީލާ ވިދާޅުވި ގޮތުގައި، ރާއްޖެ އިން މިހާރު މަސައްކަތް ކުރަނީ ބޭހެއްގައި ހުންނަ ވިހަ މާއްދާ ދެނެގަނެވޭނެ ކުއަންޓިފިކޭޝަން ޓެސްޓް ހެދޭނޭ އާލާތްތަކާއި ކެމިކަލް ހޯދައި ރާއްޖޭގައި ބޭސް ޓެސްޓް ކުރެވޭނެ ނިޒާމު ވަރުގަދަ ކުރުމަށެވެ. 

"ސަރުކާރުގެ ވަރަށް ބޮޑު އަހަންމިއްޔަތެއް އެބަ އޮތް ޓެސްޓިން ކެޕޭސިޓީ އިތުރުކުރަން. އެއީ ކޮންމެހެން ކުރަން ޖެހިފައި އޮތް ކަމެއް މިހާރު،" ޖަލީލާ ވިދާޅުވި އެވެ.

'ރާއްޖޭގައި ހުންނަނީ ކޮލިޓީ ދަށް ބޭހޭ ނުބުނެވޭނެ'

ރާއްޖެއަށް އެތެރެކޮށް ވިއްކާ ބޭހަކީ ކޮލިޓީ ދަށް ބޭސް ކަމަށް ބުނެ ސަރުކާރަށް ފާޑުކިޔުންތައް އާންމުންގެ އޮވެ އެވެ. ނަމަވެސް އެމްއެފްޑީއޭ އިން އެ ތުހުމަތުތައް ދޮގުކުރެ އެވެ.

ޖަލީލާ ވިދާޅުވީ ރާއްޖެއަށް ކޮންމެ ގައުމަކުން ވެސް ބޭސް އެތެރެކުރެވޭނެ ކަމަށާއި އެކަމަށް އެ އިދާރާ އިން ހުރަހެއް ނާޅާނޭ ކަމަށެވެ. އަދި އުސޫލުތަކުން ވެސް ހުރަހެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންޑިއާ އިން އެތެރެ ކުރާ ބޭސް ރާއްޖޭގައި ގިނަވަނީ އިންޑިއާއަކީ އެންމެ ގިނައިން ބޭސް އުފައްދާ އެއް ގައުމު ކަމަށް ވުމުން ރާއްޖޭގައި ބޭހުގެ ވިޔަފާރި ކުރާ ފަރާތްތަކަށް ވެސް އެ ގައުމުން ބޭސް އެތެރެކުރަން ފަސޭހަވުމުން ކަމަށެވެ.

"މިހާރު ރާއްޖޭގައި ހުރި އުސޫލުތަކަށް ބަލާއިރު ވެސް ރަނގަޅު އިތުބާރު ކުރެވޭ ރެގިއުލޭޝަންތައް ހުންނަ ޔޫރަޕްގެ ގައުމުތަކުން ބޭހެއް އެތެރެކުރަން ފުރިހަމަ ކުރަން ޖެހޭ ރިކުއާމަންޓް ކުޑަވާނެ. އެއީ އެ ގައުމުތަކުގެ އޮތޯރިޓީތަކަށް ޓްރަސްޓް ބޮޑުވީމާ. އެކަމަކު ބޭސް އެތެރެކޮށް ވިއްކުމަކީ ވިޔަފާރިއެއް ވީމާ އެކަން ކުރާ މީހުން ބޮޑު ހަރަދުކޮށްގެން ޔޫރަޕުން ގެންނަން ބޭނުން ނުވަނީ،" ޖަލީލާ ވިދާޅުވި އެވެ.

ފާމަސީއެއްގައި ބޭސްތަކެއް ވިއްކަން ބަހައްޓާފައި (ފޮޓޯ/ޕީއެސްއެމް)

އިންޑިއާ އަދި އޭޝިޔާގެ ގައުމުތަކުން ރާއްޖެއަށް ގިނަ ބޭސް އެތެރެކުރި ނަމަވެސް ބޭސް އެތެރެކުރަން ހުއްދަ ދިނުމުގައި ރާއްޖެއިން ބަލާ އުސޫލުތަކަކީ ވަރަށް ހަރުދަނާ އަދި ދުނިޔޭގެ އެހެން ތަހުޒީބު ގައުމުތަކުގައި ވެސް ހުންނަވަރުގެ އުސޫލުތައް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ އުސޫލާ އެއްގޮތަށް ހުއްދަ ދީގެން އެ ހުއްދަ ކުރާ ސީދާ ބޭސް ރާއްޖެ އެތެރެ ކުރާ ނަމަ ބޭހުގެ ކޮލިޓީގައި މައްސަލައެއް ނޫޅޭނޭ ކަމުގެ ޔަގީންކަން ޖަލީލާ ދެއްވި އެވެ.

"ބައެއް ފަހަރު މިވާ ގޮތަކީ އަޅުގަނޑުމެން ހުއްދަ މި ދޭ ބޭސް މި އެތެރެކޮށްލަނީ ދުވަސްކޮޅަކަށް. ކޮށްފައި ދެން މި ހަދާ ގޮތަކީ އެ ބޭހުގެ ފޭކެއް އަގުހެޔޮކޮށް އުފައްދާލަނީ. އުފައްދައިގެން އެ މި އެތެރެކުރަނީ. އެކަން ހޯދަން ވެސް އެބަ އުނދަގޫވޭ. މިކަހަލަ ކަންކަން ހިނގާފައި ހުރީ. އަޅުގަނޑުމެންނަށް ފާހަގަވެގެން ހުއްޓުވާފައި ހުންނާނީ،" ޖަލީލާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ތުހުމަތުގެ އިނގިލި ދިއްކުރޭ. އެކަމަކު އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް ހުންނާނީ މިހާރު ވެސް އަޅާފައި. ނަގާފައި މި ހުރި މެޝާތަކާ އެއްކޮށް އަދި އިތުރު މެޝާތައް ވެސް އަޅުގަނޑުމެން ނަގަމުން ދާނަން. މިއީ އޮންގޮއިން ކަމެއް. މި ކުންފުނި މަނާކުރާއިރަށް އެހެން ކުންފުންޏެއް އެހެން ގައުމެއްގެ އައިސްފާނެ. އެކަމަކު މިކަހަލަ ޕްރޮޑަކްޓެއް ވަނުމުގެ ޗާންސް މިހާރު ވަރަށް ކުޑަވާނެ." 

ރާއްޖޭގައި ހެދި ޓެސްޓްތަކަކުން ފުރަތަމަ ފަހަރަށް ޕާކިސްތާނު ކުންފުނީގެ ބޭހުގައި ވިހަ ހުރިކަން ދެނެގަނެވުމަކީ ރާއްޖޭގައި ގެންގުޅޭ ނިޒާމުތައް ރަނގަޅުކަމުގެ ހެއްކެއްކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ. އެކަމަކު ވިހަ ހުރި ބޭހެއް އެތެރެ ނުވާނޭ ކަމުގެ ފުރިހަމަ ޔަގީންކަން އެއްވެސް ގައުމެއްގެ އިދާރާއަކަށް ނުދެވޭނެ ކަމަށް ޖަލީލާ ވިދާޅުވި އެވެ. 

"މި ހިސާބުން ރޮނގު ދަމާލިއްޔޭ ދެން ނުބައި ބޭހެއް ނާންނާނޭ %100 އެހެން ނުބުނެވޭނެ. އަޅުގަނޑުމެންނަށް އޮންނާނީ ސަމާލުވެ ތިބުން. ފިޔަވަޅުތައް އަބަދުވެސް ވަރުގަދަކުރަމުން ދިޔުން،" ޖަލީލާ ވިދާޅުވި އެވެ. 

އޭނާ އެދިވަޑައިގެންނެވީ މިފަހަރު ވިހަ މާއްދާ ފެނުނު އެއްވެސް ބޭހެއް ކުއްޖަކަށް ދެވިފައި ހުރި ނަމަ، އަދި އެކަމަށް ޝައްކުވާ ނަމަ، ގެއްލުމެއް ވެފައި ނެތްކަން ޔަގީންކުރަން ޑޮކްޓަރަށް ދެއްކުމަށެވެ.

"އާންމުކޮށް ބޭނުންކުރާ ބޭހެއް ވީމާ ރަނގަޅު ގޮތަކީ މި ބޭސް ދެވިފައި ހުރި ނަމަ ޑޮކްޓަރަށް ދައްކާ ސިއްހީ މައްސަލައެއް ކުރިމަތިވެފައި ވޭތޯ ޗެކަޕް ހަދާލައި ޔަގީންކޮށްލުން،" ޖަލީލާ އިލްތިމާސްކުރެއްވި އެވެ. 

ކޮމެންޓް (1)

މާލޭ އަދުރޭ

7 ޑިސެމްބަރު 2023
ކަންތައްތަ ރަނގަޅުކުރަން ބޭނުންނަމަ ކުރަންވީކަމަކީ ބޭހާ އާއި ކާނާ ހުއްދަ ދިނުމުގެ ކުރިން އޭގެ ސާމްޕަލް ރާއްޖޭގެ ފުޱު އެންޱް ޱުރަގް އޮތޯރިޓީން ޓެސްޓް ކޮށްފަ ހުއްދަ ދޭންވީ. ހުއްދަ ދިނުމުގެ ކުރިން ހުށަހެޅި އެމް އެސް ޱީ އެސް ރެޕޯޓާ ދިމާނުވާނަމަ ހުއްދަނުދޭންވީ މިހެން މިބުނީ ހަމައެކަނި ރިޕޯޓަށް ބަލާފަ ހުއްދަ ދޭނަމަ މިކަހަލަ ކަންތަށް ތަކުރާރުވާނެ.
4 3

އިތުރު އާޓިކަލް

އިތުރު އާޓިކަލް