އެ ބޮޑު ހިޔާނާތް ވީ ތަނެއް ޖަމީލަށް ވެސް މިހާރު ނޭނގޭ

ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް ވިދާޅުވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ދިވެހިންގެ ހައްގު ނުލިބުނު ކަމަށާއި އެކަމާ ހިތާމަކޮށް މައާފަށް އެދެން ޖެހޭނީ ކުރީގެ ސަރުކާރުން ކަމަށް
30 ނޮވެމްބަރު 2023
5

މުހިންމު ނުކުތާތައް

އަހުމަދު އަދީބާއި އަބްދުﷲ ޒިޔަތަށް މައާފު ދިނުމުން ބުނެދެނީ އެ ހިޔާނާތަކީ އެހާވަރުގެ ކަމެއް ނޫނޭ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސް ވަކީލްގެ ނަޒަރުގައި މުޅި މައްސަލަ ގެއްލުނީ ދައުވާތަކާއި ހުކުމްތައް ވެސް 'ބޮނޑިކޮށްލުމުން'

އެ ހިޔާނާތުގައި އަދަބެއް ލިބެން މިހާރު ހުރި ހަމައެކަނި ބޭފުޅަކީ ޔާމީން. ޖަމީލް ހުންނެވީ އެމަނިކުފާނުގެ ދިފާއުގައި

މީގެ ހަތަރު އަހަރު ކުރިން 'މިހާރު'ގެ ސްޓޫޑިއޯއިން ޑރ. މުހައްމަދު ޖަމީލް ނުކުމެވަޑައިގަތީ ހިތްހަމަޖެހިވަޑައިގެން ހުންނަވައެއް ނޫނެވެ. އޭނާއަށް ކުރިމަތިކުރި ސުވާލުތަކުގެ ތެރޭގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީނާ އެމްއެމްޕީއާރުސީގެ ހިޔާނާތް އެހާ ބޮޑަށް ގުޅުވައިގެން އެތައް ވާހަކައެއް ދައްކަވާފައި ކުއްލިއަކަށް ޔާމީންއަށް ސަޕޯޓްކުރައްވަން ނިންމެވި ނިންމެވުމާ ބެހޭ ސުވާލުތައް ހިމެނުނެވެ. އެދުވަހު ޖަމީލް ވިދާޅުވީ 'ސިޔާސީ އެހެން މީހުންނާ ވެސް އެހާ ވަރުގަދައަށް 'މިހާރު'ން ސުވާލުކުރާނެ ކަމަށް ހީކުރަން' ކަމަށެވެ.

މިދިއަ ހޮނިހިރުދުވަހު، އަޅުގަނޑު މިހާރު މަސައްކަތްކުރާ 'ދައުރު'ގެ ސްޓޫޑިއޯއަށް ޖަމީލް ވަޑައިގެންނެވި އިރު، ކުރީގެ ނައިބު ރައީސްއަކީ މި ވަގުތު އެމްއެމްޕީއާރުސީއާ ގުޅިފައި އޮތް ދައުވާއެއްގައި ޝަރީއަތާ ކުރިމަތިލައްވައިގެން ހުންނެވި ހަމައެކަނި ބޭފުޅާ، ޔާމީންގެ އިސް ވަކީލެވެ. އެކަމަކު މިއަދު ޖަމީލަށް ވެސް އެމްއެމްޕީއާރުސީގެ މައްސަލަ 'ވީ ހިސާބެއް' އެނގިވަޑައެއް ނުގަންނަވަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި އެމަނިކުފާނުގެ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލް (އެކްސް ފޮޓޯ/މަލީހް)

އެ ބޮޑު ހިޔާނާތް މިހާރު އެ އޮތީ ޝަރުއީ ކޯޓުތަކާ ހަމައިން ވެސް 'ގެއްލޭ' މަރުހަލާއެއްގަ އެވެ. ދިވެހި ރައްޔިތުންގެ، މަދުވެގެން 1.4 ބިލިއަން ރުފިޔާ ވަގަށް ނެގި މައި ދެ ހިޔާނާތްތެރިން ކަމަށްވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މައާފު ދެއްވުމުން، ވަނީ މިނިވަންވެފަ އެވެ. ޖުމްލަ 20 އަހަރުގެ ޖަލު ހުކުމުގައި ދެ ބޭފުޅުން ހޭދަކުރެއްވީ އެންމެ އަށް އަހަރެވެ.

ޔާމީން އަދި އެ އުޅުއްވަނީ ކޯޓާއި ޖަލާއި ގެއާ ދެމެދުގަ އެވެ.

ދިފާއީ ވަކީލެއްގެ ގޮތުން ޖަމީލަށް މިހާރު އޮތީ ޔާމީން އެމްއެމްޕީއާރުސީގެ ހިޔާނާތާ ވީހާވެސް ދުރަކަށް ގެންދެވުމެވެ. އެކަން އެބަ ކުރައްވަ އެވެ. ޖަމީލް ގަބޫލުކުރައްވަނީ، ތިން ރަށަކާ ގުޅޭ ދައުވާތަކާ ކުރިމަތިލައްވާފައިވާ ޔާމީން އާއި އެމްއެމްޕީއާރުސީގެ ހިޔާނާތާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.

އަދީބާއި ޒިޔަތު މިނިވަންވުމުގެ މާނައަކީ ކުރީގެ ރައީސް ސޯލިހަށް، އެ ހިޔާނާތް އެއްވެސް އެއްޗަކަށް ނުވި ކަމެވެ. ޖަމީލުގެ އިތުރުން ގިނަ ބަޔަކަށް ވެސް ގަބޫލުކުރެވެން މިހާރު އޮތީ އެހެންނެވެ.

"މިއަދު އަޅުގަނޑުމެންގެ ކުރިމަތީގައި ދައުލަތަކުން މި ބުނަނީ އިސްވެ އޮވެ މިއީ ތިވަރުގެ ކަމެއް ނޫނޭ، ތިވަރުގެ ކަމެއް ނޫނޭ،" އަދީބާއި ޒިޔަތަށް ދެއްވި މައާފާ ބެހޭ ގޮތުން ޖަމީލް ވިދާޅުވި އެވެ.

ކުރީ ސަރުކާރަށް އެއްވެސް ކަމެއް ނުކުރެވުނު

އެކަމަކު އެއީ ދުނިޔޭގެ ނިސްބަތުން ވެސް ބޮޑު ވައްކަމެކެވެ. އެ ފޭރުން އޭގެ ޒާތުގައި އާދަޔާ ހިލާފު ވަނީ ދައުލަތަށް ލިބެން ޖެހޭ އާމްދަނީއެއް އެއްކޮށް ވަގަށް ނެގުމުންނެވެ. ޖަމީލް ވެސް އެކަން ގަބޫލުކުރައްވަ އެވެ.

"ގައުމެއްގެ ހައިސިއްޔަތުގައި މި ގައުމު ފިޔަވައި ދުނިޔޭގެ ނިސްބަތުން ބެލި ނަމަވެސް، އެ ހިނގާފައި އޮތް ގޮތާއި ޒާތަށް ބެލި ނަމަވެސް [އެއީ] ވަރަށް ބޮޑު މައްސަލައެއް،" ޖަމީލް ވިދާޅުވި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގަންނަވަނީ: ވެރިކަމުގެ ފަހު ކަމަކަށް ކުރެއްވީ ދެ ހިޔާނާތްތެރިން ކަމަށްވާ އަހުމަދު އަދީބާއި އަބްދުﷲ ޒިޔަތަށް މައާފު ދެއްވުން

ސޯލިހު ވެރިކަމަށް ވަޑައިގަތީ އެންމެ އިސް ކަމަކަށް އެމްއެމްޕީއާރުސީގެ ހިޔާނާތް ބަލައި، ރައްޔިތުންނަށް އިންސާފު ހޯއްދަވައިދެއްވާނެކަމުގެ ވައުދުގަ އެވެ. އެހެންކަމުން ކުރިމަގުގައި އެފަދަ ހިޔާނާތެއް ހިންގަން ހުރަސް އެޅޭ ފަދަ ނުވަތަ ހުއްޓުވޭ ފަދަ ފިޔަވަޅުތަކެއް އެޅެން ޖެހޭނެ ކަމަށް ޖަމީލް ދެކެވަޑައިގަނެ އެވެ. އެކަމަކު ކުރީ ސަރުކާރުގެ އަމަލްތައް ހުރީ އެހެންނެއް ނޫނެވެ. އަދީބާއި ޒިޔަތާ ދެކޮޅަށް އުފުލި ދައުވާތައް، ޖަމީލް ސިފަކުރެއްވި ގޮތުން ނަމަ، 'ބޮނޑިކޮށްލީ' އެވެ. އޭގެ ފަހުން 'ހުކުމް ވެސް އަނެއްކާ ބޮނޑިކޮށްލީ' އެވެ.

"ވިހި އަހަރެއް ނޫން ހަގީގަތުގައި ޕްރޮސިކިއުޓަ ޖެނެރަލް ވިދާޅުވި ވާހަކަފުޅު، ތެދެއް، އަޅުގަނޑު ވެސް ގަބޫލުކުރަން، އޭގެ ޒާތަށް ބަލާ ކަމަށް ވާ ނަމަ ވަރަށް ބޮޑެތި ހުކުމްތަކެއް، 800 އަހަރުގެ ހުކުމެއް އަންނާނެ،" ޖަމީލް ވިދާޅުވި އެވެ.

އަދީބާއި ޒިޔަތުގެ ހުކުމް އެހާ ކުޑަވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގަށް އެއްބާރުލުން ދިނުމާއި ދައުވާ އުފުލާ މީހުންނާ ދެކޮޅަށް ހެކިބަސް ދޭން ވެސް އެއްބަސްވެގެންނެވެ. އޭގެ ތެރެއަށް ދެން މި އިތުރުވީ ވެރިކަން ގެއްލިވަޑައިގަތުމާ އެކު ސޯލިހުގެ މައާފެވެ.

ޕްރޮސިިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް: އޭނާ ވިދާޅުވެފައިވާ ގޮތުގައި އަދީބާއި ޒިޔަތަށް 800 އަހަރުގެ ހުކުމް އަންނަވަރުގެ ހެކި ހުރި

އެ '20 އަހަރު ވެސް މި ކުޑަކޮށްލަނީ ރައީސުލްޖުމްހޫރިއްޔާއަަށް ލިބިދީފައި އޮންނަ ބާރުގެ ބޭނުންކުރައްވައިގެން. ދެން މައާފުކޮށް ދެއްވީ،" ޖަމީލް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މި ދޭ ފިލާވަޅަކީ މިއީ [އެމްއެމްޕީއާރުސީގެ ހިޔާނާތަކީ] އެވަރުގެ ބޮޑު ކަމެއްހޭ. އެވަރުގެ ބޮޑު ކަމެއް ނަމަހީ، މާފެއް ނުކުރާނެތާ."

މި ހުރިހާ ކަމަކަށް ބަލާއިރު ގަބޫލުކުރަން ޖެހެނީ އެމްޑީޕީން އުފުލި އަޑުތަކާއި އެމްއެމްޕީއާރުސީގެ ހިޔާނާތާ ބެހޭ ގޮތުން ރައްޔިތުންނަށް ވީ ވައުދުތަކުގައި އެއްވެސް އަގެއް ނެތް ކަމެވެ.

މައާފަށް އެދެން ޖެހޭ ވަރުގެ ކަމެއް

ޔާމީންގެ މައްޗަށް ސުޕްރީމް ކޯޓުން ހުކުމެއް ދަމަހައްޓައިގެން ނޫން ގޮތަކަށް، ދިވެހި ރައްޔިތުންނަށް މި ބޮޑު ހިޔާނާތުން އިންސާފެއް ލިބޭނެ އެހެން މަގެއް މިހާރު ފެންނާކަށް ނެތެވެ. އެކަމަކު ޖަމީލް ވިދާޅުވާ ގޮތުގައި ޔާމީނަކީ އެ ހިޔާނާތުގެ ބައިވެރިއެއް ނޫނެވެ. ޔާމީނާ ދެކޮޅަށް ކޮށްގެން އުޅެނީ ސިޔާސީ ދައުވާތަކެކެވެ.

"އަޅުގަނޑުމެން އަތުގައި [ހުރި] މި މައްސަލައިގެ ޑޮކިއުމެންޓް ރަނގަޅަށް ގޯ ތްރޫކުރި އިރު، އެމްއެމްޕީއާރުސީގެ މައްސަލައާ މިކަމަކާ [ޔާމީންއާ] ގުޅުމެއް ނެތް،" އިދިކޮޅު ބޭފުޅެއްގެ ގޮތުގައި ހުންނެވި އިރު 2015 އިން 2019ގެ ކުރީކޮޅާ ހަމައަށް އެމްއެމްޕީއާރުސީގެ މައި ހިޔާނާތްތެރިޔަކީ ޔާމީންކަމަށް، ތަކުރާރުކޮށް މިސާލުޖެއްސެވި، ޖަމީލް ވިދާޅުވި އެވެ.

ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް 'ދައުރު'އަށް އިންޓަވިއު ދެއްވަނީ (ދައުރު ފޮޓޯ/ހުސައިން ސުނޭން)

"ރަނގަޅު، [ސިޔާސީ ދައުވާއެއް] ގެންނަންޏާ އެކި ގޮތްގޮތުން ދުރުދުރުން ގެންގޮސް، ގައުމެއްގެ ރައީސްކަން ކުރެއްވި [ބޭފުޅަކާ ބެހޭ ގޮތުން] ވަރަށް ގިނަ ވާހަކަ ދެއްކިދާނެ."

އެމްއެމްޕީއާރުސީން ކުއްޔަށް ދިން ބައެއް ރަށްރަށުގެ މުއާމަލާތްތަކުގައި ޔާމީނަށް ރިޝްވަތުގެ ފައިސާ ލިބިވަޑައިގެންފައިވާ ކަމަށް ތުހުމަތުކުރެވޭ އެތައް ކޭސްއެއް، ތަހުގީގަށް ފެނިފައިވެ އެވެ. ވ. އާރަށުގެ މައްސަލާގައި ޔާމީނަށް މިހާރު އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމަކީ އޭގެ ބައެކެވެ. ހައި ކޯޓުން އެ ހުކުމް ބާތިލްކޮށްފި ނަމަ، އެމްއެމްޕީއާރުސީގެ މައްސަލާގައި ޒިންމާވާން ޖެހޭ އެކަކު ވެސް ނެތީ އެވެ. ދިވެހި ރައްޔިތުންގެ ހައްގު ހޯދައިނުދެވި، ސަރުކާރުތަކާއި ދައުލަތުގެ މުޅި ނިޒާމް ފޭލްވީ އެވެ.

ގައުމެއްގެ ގޮތުން ލަދުވެތިކަމެކެވެ. ފުލުހުންނާއި ޕީޖީ އާއި ޝަރުއީ ކޯޓުތަކުން ދިވެހިންގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުމުގައި ނުކުޅެދުނީ އެވެ. ކުރީގެ ރައީސް ސޯލިހުގެ ގޮތެއް ނެތީ އެވެ. ދެން ޖަމީލް ކަހަލަ، ގައުމާއި ރައްޔިތުންގެ ހައްގު އަބަދުވެސް އިސްކުރައްވާނެ ކަމަށް ވިދާޅުވާ ލީޑަރުން ވެސް ސިޔާސީ އެދުމެއް ހާސިލްކުރައްވަން، އެ  މަސްއޫލިއްޔަތުތަކުން ދުރަށް ވަޑައިގަތީ އެވެ.

މިއީ އެމްއެމްޕީއާރުސީގެ މައްސަލާގައި މިއަދު ފެންނަން ހުރި ހަގީގަތްތަކެވެ.

ޖަމީލް ވިދާޅުވަނީ ރައްޔިތުންނަށް އިންސާފު ނުލިބުމުގައި ހިތާމަކުރަން ޖެހޭނީ ކުރީގެ ސަރުކާރުން ކަމަށެވެ.

"އަޅުގަނޑު ގަބުލުކުރާ ގޮތުގައި ނިމިދިޔަ ސަރުކާރުން ރައްޔިތުންނަށް ވަރަށް ބޮޑަށް އެޕޮލޮޖީއެއް [މައާފެއް އެދެން] ޖެހޭ ކަމެއް އެމްއެމްޕީއާރުސީގެ މައްސަލައަކީ. އެއީ އެ ބޭފުޅުން އެންމެ ބާރަށް މީގެ ހަގީގަތް ހޯދަން ވައުދުވީ. އެމީހުން މައާފަށް އެދެން ޖެހޭނީ، އަޅުގަނޑުމެންނެއް ނޫން،" ޖަމީލް ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ކަމަކަށް ނުހަދައި ވަޅުލަން މަސައްކަތްކުރަނީ ރައްޔިތުން އިންތިހާބު ކުރި ސަރުކާރުތަކާއި ދައުލަތުގެ މުޅި ނިޒާމުންނެވެ. އެ ވާހަކަ ދެއްކުން ފިޔަވައި ކުރެވުނު ކަމެއް ނެތްކަން މި އޮތީ ފެންނާށެވެ. އެ ވައްކަމަށް ފިޔަވަޅު ނޭޅުނު ގައުމަކުން ހިޔާނާތް ނައްތާލާނީ ކިހިނެއް ހެއްޔެވެ؟ އެ ގައުމުގެ މުޅި ނިޒާމް ހަރާބުވެ، ހަލާކުވެ، ފުނޑުވުން ފިޔަވައި ފެންނަން އޮތީ ކޮން އެއްޗެއް ހެއްޔެވެ؟

ކޮމެންޓް (5)

މުހަންމަދު

3 ޑިސެމްބަރު 2023
ވައްކަމާއި،ކޮރަޕްޝަން މައްސަލައަކަށް ނުވިގޮތަށް،ކުޑަކުދިން ރޭކުރުންވެސް މިހާރު އެއީ މައްސަލައެއް ނޫން، ކުޑަކުއްޖަކު ރޭޕްކުރި ފިލްމްކުޅޭ ނިމާލުގެ ދަރި ޖުމޭލު ކުޅެފައޮތް ފިލްމް ނުދައްކާނަމޭ ކިޔާފައި،އެފިލްމް މާދަމާރޭ އޮލިމްޕަހުގައި އެބައަޅުވާ، އެއީ އަނިޔާ ލިބުނު ކުއްޖާއާއި އެއާއިލާގެ މޫނުމަތީގައި ޖެހި ބޮޑު ތަފާރެއް.....
0 0

ހާޖީ

30 ނޮވެމްބަރު 2023
ޖަމީލައް އިގޭބާ ޖަމީލަކީ ކާކުކަން؟
3 0

އިބްރާހީމް

30 ނޮވެމްބަރު 2023
ތިއީ ދެން މިހާރު ދައްކާ ވާހަކަ ޤަބޫލުކުރަން ހެޔޮނުވާވަރުގެ މީހުން. އަމިއްލަ އެދުމަށްޓަކައި ޤައުމު ހަލާކުކުރާ މީހުން. މިހާރުވެސް ޔާމިނު އާ ދެބަސްވެބަލަ. މާދަމާ ޔާމިނާށް ވުރެން ގޯސް މީހެއް ނުުހުންނާނެ.
4 0

އަދީބު

30 ނޮވެމްބަރު 2023
ދެރަކަމަކީ އަދިވެސް މީޑިއާތަކުންވެސް ޖަމީލުމެން ކަހަލަ ބޭފުޅުންނާއި އިންޓަރވިއުކޮށްފައި ޝާއިއުކުރައްވާކަން، ދެއިރު ދެދަޅައަށް ދެގޮތަށް ވާހަކަދައްކާ މީހެއްގެ ބަސް ބައެއް އާންމުންވެސް ގަބޫލުކުރާކަން. އަބަދު އަޚުލާގޭ ކިޔައިގެން ޖަމީލު ވާހަކަ ދައްކަވާއިރު ޖަމީލުގެ ހުރީ ކޮން އަޚުލާގެއްތޯ؟ މިގައުމުގެ ދުވަސްމިދަނީ މިކަހަލަ ދެފުއްކެހެރިނާއި ހެދި
5 1

ތެފައާސާ.

30 ނޮވެމްބަރު 2023
"އެއީ އެ ބޭފުޅުން އެންމެ ބާރަށް މީގެ ހަގީގަތް ހޯދަން ވައުދުވީ. އެމީހުން މައާފަށް އެދެން ޖެހޭނީ، އަޅުގަނޑުމެންނެއް ނޫން،" އެހެންވީމާ ޖަމީލުގެ ލޮޖިކް ބުނާގޮތުން ކަންކުރިމީހުން ނުޖެހޭ މައާފަށް އެދޭކަށް، ކަންކުރިމީހުންގެ މައްސަލަ ބަލާނަމޭ ކިޔާފައި ނުބެލިމީހުން މި ޖެހެނީ މައާފަށް އެދެން؟ ލޮލް!!
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް