ޑރ. ޖަމީލް: ޔާމީންގެ އަރިހުން ދަސްކުރަމުން، ޔާމީނަށްޓަކައި

ކުރީގެ ނައިބު ރައީސް ވިދާޅުވީ ޔާމީންގެ އާ ޕާޓީ ވަރުގަދަވާނެ ސަބަބަކީ ރާއްޖޭގެ ސިޔާސީ ދާއިރާގައި ޔާމީންގެ ފިކުރެއް އޮތުން ކަމަށް
28 ނޮވެމްބަރު 2023
2

ޑރ. މުހައްމަދު ޖަމީލް ވިދާޅުވާ ގޮތުން އެމަނިކުފާނު މިހާރު ގެންދަވަނީ 'ރައީސް ޔާމީން ކައިރިން ދަސްކުރަމުން'ނެވެ. ކޮން ކަމެއް ހެއްޔެވެ؟ ސިޔާސީ މަސައްކަތެވެ. ޖަމީލަށް ޔާމީނަކީ މިވަގުތު ރާއްޖެއިން ލިބެން ހުރި ސިޔާސީ އެންމެ ބޮޑު ތަޖުރިބާކާރެވެ.

ޔާމީނަކީ "ސިޔާސީ ގޮތުން އަޅުގަނޑަށް ގަބޫލުކުރެވޭ ވަރަށް ގިނަ ކޮލިޓީތަކެއް، އޭގެ ނޮލެޖް އާއި ސިޔާސީ ދުރު ވިސްނުމާ ވަރަށް ގިނަ ތަޖުރިބާތަކެއް ހުރި ބޭފުޅެއް،" ޖަމީލް ވިދާޅުވި އެވެ. މި ތައުރީފް އައީ، ރައީސް މުހައްމަދު މުއިއްޒުގެ ފަޅިއަށް ނާރުއްވާ ޔާމީންގެ އަރިހުގައި ހުންނަވަނީ އާ ސަރުކާރުން ޖަމީލު ބޭނުންފުޅުވާ ވަޒީފާތަކެއް ނުލިބިގެންތޯ 'ދައުރު'ން ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ޖަމީލާއި ޔާމީނާ ގުޅިފައި އޮތް މާޒީގެ ވާހަކަތަކަށް އެނބުރި ދިއުމުގެ ބޭނުމެއް ނެތެވެ. ރާއްޖޭގެ ސިޔާސީ ވައި އެނބުރުން އޮތީ ހަމައެކަނި ޖަމީލާ ހިސާބަކު ނޫނެވެ. ސިޔާސީ އެހެން ބޭފުޅުން ވެސް ފިކުރު ބަދަލުކުރެއްވުމާއި މިސްރާބު ބަދަލުކުރެއްވުމާއި ކުރިން ހީނުކުރާ ގޮތަށް ޕާޓީ ބަދަލުކުރެއްވުން ވެސް އާންމުކޮށް އެ ފެންނަނީ އެވެ. އެހެންކަމުން ޔާމީންގެ ފަހަތްޕުޅުގައި، އެމަނިކުފާނުގެ އިސް ވަކީލުގެ ގޮތުން ނަމަވެސް، ސިޔާސީ އެހީތެރިއެއްގެ ހައިސިއްޔަތުން ނަމަވެސް ޖަމީލް ހުންނެވުމަކުން ދެއްކޭނެ މާ ބޮޑު ވާހަކައެއް ނެތެވެ.

ޔާމީންގެ އާ ޕާޓީ އެމްއެންއެފްގެ އޮފީހުގައި ޔާމިނާއި ޖަމީލް ވާހަކަ ދައްކަވަނީ (އެކްސް ފޮޓޯ/މަލީހް)

މިހާރު ޖަމީލަކީ ޔާމީންގެ ފަރާތްޕުޅުން އާންމުންނާ ހަމައަށް ގެނެސްދެއްވަން ޖެހޭ ވާހަކަތައް ރައްދުކޮށްދެއްވާ ބޭފުޅެއް އެކަންޏެއް ނޫނެވެ. ޔާމީނާ މެދު ޕީޕީއެމް/ޕީއެންސީގެ އިސް ބޭފުޅުން ކުރައްވާ 'ނިކަމެތި ކަންކަން' ކިޔައިދެއްވަމުން ކަރުނަ ވެސް އޮހޮރުވޭހާ ޖަޒުބާތީ ބޭފުޅަކަށް ވެސް ޖަމީލް ވެއްޖެ އެވެ. އެހާވެސް ޖަމީލާއި ޔާމީންގެ ގުޅުން މި އޮތީ ގާތްވެފަ އެވެ.

"މިހާރު [ޔާމީންގެ ފަރާތްޕުޅުން] މި ލިބުނު ފުރުސަތުގައި އަޅުގަނޑު މި ގަބޫލުކުރަނީ [ކަންކަން] ދަސްކުރަނިއްޔޭ،" ޖަމީލް ވިދާޅުވި އެވެ.

"އަޅުގަނޑު މި އުޅެނީ ލިބުނު ގޮތަކަށް ވަޒީފާ ހޯދައިގެން، ނުވަތަ ކައިރީގައި އުޅޭ މީހުންނަށް ވަޒީފާ ދީގެން، އެގޮތަކަށް ނޫން."

ޕީޕީއެމް ދޫކުރައްވާފައި ޔާމީން އަލަށް ހައްދަވާ މޯލްޑިވްސް ނެޝެނަލް ފްރޮންޓް (އެމްއެންއެފް) އުފެއްދުމުގައި އިސްކޮށް ޖަމީލް އެ އުޅުއްވަނީ، އޭނާ ވިދާޅުވާ ގޮތުން ނަމަ، ޔާމީންގެ ފިކުރަށް ތާއީދުކުރާ މީހުންނާ އެކު 'ވަރުގަދަ ޕާޓީއެއް' ނެރެ، ދައްކަވާށެވެ. އެކަން ކާމިޔާބުކުރެވޭނެ ކަމާ މެދު ހިތްޕުޅުގައި އެއްވެސް ޝައްކެއް ނެތެވެ.

ފުރަތަމަ ކަމަކީ، ޖަމީލް ވިދާޅުވި ގޮތުގައި، ޔާމީންގެ ފިކުރެއް އޮތުމެވެ. އެ ފިކުރަށް ތާއީދުކޮށް، ޔާމީނާ އެކު ކުރިއަށް ދާން ބޭނުން މީހުން ވެސް ގިނަވުމެވެ. އެއީ، ރައީސް މުއިއްޒުއަށް ނުވަތަ ޕީޕީއެމްގެ އާ ލީޑަޝިޕަށް ވެސް ފުރޮޅާލެވޭނެ ތާއީދެއް ނޫން ކަމަށް، ޖަމީލް ހުންނެވީ ގަބޫލުކުރައްވައިގެންނެވެ. ޖަމީލްގެ ނަޒަރުގައި ޕީޕީއެމްގައި އޮތީ ޔާމީނާ ގުޅިފައި އޮތް ރޫހެކެވެ. ޔާމީނާ މެދު އާ ސަރުކާރުގެ ވެރިންނާއި ޕީޕީއެމް/ޕީއެންސީގެ އިސް ބޭފުޅުން ކަން ކުރައްވާ ގޮތަކީ 'ޕީޕީއެމް މެމްބަރުންނަށް ވަރަށް ހިތްދަތި' މަންޒަރެއް ކަމަށް ވިދާޅުވި އެވެ. 

ޕީޕީއެމްގެ އޮފީހުގައި ޔާމީން: އެ ޕާޓީ ދޫކުރެއްވިޔަސް އޮތީ ޔާމީންގެ ފިކުރުކަމަށް ޑރ. ޖަމީލް ގަބޫލުކުރައްވާ (ފޭސްބުކް ފޮޓޯ/ޖަމީލް)

ޔާމީންގެ ފަހަތްޕުޅުގައި ތިބި ހަރަކާތްތެރިން އާ ޕާޓީއަށް މެމްބަރުން ހޯދަން ކުރާ މަސައްކަތުގައި އެ ގަބޫލުކުރެވެނީ، ޖަމީލްގެ ވާހަކަފުޅުތަކަށް ވިސްނާލާ އިރު، ޔާމީނަށްޓަކައި ޕާޓީ ބަދަލުކޮށްފާނެ ގިނަ ބަޔަކު އުޅޭނެ ކަމެވެ. ނަމަވެސް އާ ގާނޫނުއަސާސީގެ ފަހުން ރާއްޖޭގެ ކުރު ތާރީހުގައި ފެންނަން ހުރި ހަގީގަތްތައް ވަރަށް ތަފާތެވެ. ބާރުގަދައީ ވެރިކަމުގައި ހުންނަވާ ބޭފުޅަކާއި އެ ބޭފުޅަކު ނިސްބަތްވާ ޕާޓީއެކެވެ. ރައީސްއާ ދެކޮޅަށް ނުކުންނަވާ ބޭފުޅުންނަށް ސިޔާސީ މާ ބޮޑު ހާސިލްވުމެއް ނުފެނެ އެވެ.

ޔާމީނާ ކުޅެން ހައްދަވައިގެން ކުރީގެ ރައީސް އަދި ޔާމީންގެ އެއްބަފާ ބޭބޭފުޅު މައުމޫން އަބްދުލްގައްޔޫމް ވީ ބައްޔެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ޗެލެންޖްއަށް ނުުކުމެވަޑައިގަތަސް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެ އުޅުއްވަނީ ދަ ޑިމޮކްރެޓްސްއަށް 10،000 މެމްބަރުން ވެސް ހަމަނުކުރެވިގެންނެވެ. އެއީ ކުރީގެ ރައީސުން އާ ޕާޓީތައް އުފައްދަވާ އިރު މިން އެޅޭނެ މިސާލުތަކަކަށް ވާތީ، އެ ސުވާލު ޖަމީލަށް ދެންނެވީމެވެ. ޖަވާބަކީ 'ދެ ކޭސްއެއް އެއްގޮތްވާނެ ކަމަކަށް އަޅުގަނޑަށް ގަބޫލެއްނުކުރެވޭ' އެވެ.

އެގޮތަށް ޖަމީލް ދެކެވަޑައިގަންނަވަނީ އެކި ވެރިކަމުގައި ގައުމަށް އައި ބަދަލުތަކެވެ. މިސާލަކަށް ނަޝީދު ވަކި ހިސާބަކުން ވެރިކަން ދޫކުރެއްވީ މާ ބޮޑު ތަރައްގީއެއް ރައްޔިތުންނަށް ނުފެނި އެވެ. ޔަމީންގެ ފަސް އަހަރުގެ ދައުރު ފުރިހަމަކުރެއްވުމާ އެކު، ތަރައްގީގެ ވަރަށް ބޮޑެތި ބަދަލުތަކެއް ވެސް ގެނެސްދެއްވީ އެވެ.

"އޭގެ މާނައަކީ ރައީސް މައުމޫނަށް ދިމާވި ގޮތަށް ދެން ތިބި ބޭފުޅުންނަށް ދިމާވާކަށް ނުޖެހޭ. އަދި ރައީސް ނަޝީދު, ރައީސް ވަހީދަށް ދިމާވި ގޮތަށް ރައީސް ޔާމީނަށް ދިމާވާކަށް ނުޖެހެއޭ،" ޖަމީލް ވިދާޅުވި އެވެ.

ދަ ޑިމޮކްރެޓްސްގެ ޖަލްސާއެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ --- ދައުރު ފޮޓޯ/ ހުސެއިން ސުނޭން

ޔާމީންގެ ތަރައްގީ އާއި ހިޔާލުފުޅަކީ ޕީޕީއެމް މެމްބަރުން ވެސް އެމަނިކުފާނުގެ ފަހަތްޕުޅުގައި ތިބޭނެ ސަބަބެއް ކަމަށް، ޖަމީލް ގަބޫލުކުރައްވަ އެވެ. ޕީޕީއެމް/ޕީއެންސީގެ އިސް ބޭފުޅުން ޔާމީނާ މެދު އަމަލްތައް ބަހައްޓަވާ ގޮތުން އާންމު މެމްބަރުން ހިތުގައި ޖެހެނީ އެހެންވެގެން ކަމަށް ވިދާޅުވި އެވެ.

ޔާމީން ދުރުގައި ބަހައްޓާފައި، ސިޔާސީ އެހެން ކޮންމެ ބަޔަކާ ވެސް، ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕުން މަޝްވަރާކުރާ ތަން، ޖަމީލް ހުންނެވީ ބަލަހައްޓަވައިގެންނެވެ. ކުރިން ޔާމީނާ އެންމެ އަރިސް ބައެއް ބޭފުޅުން ޔާމީނުގެ ހާލު ބައްލަވައި ވެސް ނުލައްވަ އެވެ. މާފުށީ ޖަލުން ގެއަށް ބަދަލުކުރިތާ ވެސް ދެ މަސް ވަނީ އެވެ. އެކަމުގައި ޖަމީލްގެ ޝަކުވާ އެބަ ހުއްޓެވެ.

"އެމްއެންޕީ، ޖުމްހޫރީ ޕާޓީ އަދި އަދާލަތާ ވެސް [ވާހަކަ ދައްކާ] ހިސާބަށް ދާއިރު ރައީސް ޔަމީނާ [މަޝްވަރާކޮށް، ވާހަކަ ދައްކާކަށް] ބޭނުމެއްނުވޭ،" ޖަމީލް ވިދާޅުވި އެވެ.

"އެއީ އަޅުގަނޑު ދެކޭ ގޮތުގައި ޕީޕީއެމްގެ މެމްބަރުންނަށް ވަރަށް ހިތްދަތި އިހުސާސްތަކެއް."

ޔާމީންގެ ސިޔާސީ މަސައްކަތްޕުޅު ހުއްޓައެއް ނުލައްވާނެ

މިހާރު ވެސް އެއް ކަމެއް ޔަގީނެވެ. ޔާމީން ހުންނެވީ ސިޔާސީ މައިދާނުގައި ހަތިޔާރު ބަހައްޓަވާފައި، ފަހަތަށް ފިޔަވަޅު އަޅުއްވާ މިޒާޖެއްގައި ނޫން ކަމެވެ. ޖަމީލް އެކަން ކަށަވަރުކޮށްދެއްވި އެވެ.

"ރައީސް ޔާމީން ސިޔާސީ މަސައްކަތް ހުއްޓައެއް ނުލައްވާނެ،" ޖަމީލް ވިދާޅުވި އެވެ.

"އެއީ އެންމެންނަށް ވެސް ހައްގެއް ނޫންތޯ. އެހެންވީމާ ނުއެއް ބުނެވޭނެ ނޫންތޯ މި ހިސާާބުން 2028 ދޫކޮށްލިއްޔޭ, އެކަމެއް ނުކުރައްވާނެ އެގޮތަކަށް."

އެމްއެންއެފް އުފެއްދުމުގެ މަސައްކަތް ކުރިއަށް ދިޔަ ނަމަވެސް ޔާމީންގެ މައްޗަށް އޮތް 11 އަހަރުގެ ޖަލު ހުކުމަކީ ހުރަހެކެވެ. ގާނޫނު ބުނާ ގޮތުން ހުކުމެއްގައި ހުންނަ މީހަކަށް ސިޔާސީ ޕާޓީއެއްގެ އާންމު މެމްބަރެއްގެ ހައިސިއްޔަތުން ނޫން މަގާމެއް އަދައެއްނުކުރެވޭނެ އެވެ. ޔާމީންގެ ސިޔާސީ ހަޔާތްޕުޅު ކުރިއަށް ގެންދެވޭނީ އެ ހުކުމް ބާތިލްވެގެންނެވެ.

ކުރީގެ ނައިބު ރައީސް ޖަމީލް ހިނިތުންވުމެއްގައި: ސިޔާސީ ގޮތުން ޔާމީންގެ ވިސްނުން މޮޅު ކަމަށް ގަބޫލުކުރައްވާ (ދައުރު ފޮޓޯ/ހުސައިން ސުނޭން)

އޭގެ ކުރިން އާންމުންގެ ކުރިމަތީގައި ޔާމީންގެ 'މޫނުފުޅަކީ' ޖަމީލް ކަމަށް ބަލަމާ ހިނގާށެވެ. ޓީވީ ޕްރޮގްރާމެއްގައި ކަރުނަ ބޭލުއްވިޔަސް އެކަން ކުރައްވަން އެ ހުންނެވީ ޖަމީލެވެ. ޔާމީންގެ އަރިސް ސިޔާސީ އެތައް ބޭފުޅުންނެއް އާ ސަރުކާރާ އެކު އެމަނިކުފާނު ދޫކުރެއްވުމުން މިއަދު އޮތް 'އެކަނިވެރިކަމު'ގެ އިހުސާސް ވެސް ޖަމީލަށް ކުރެއްވެ އެވެ. 

"އަޅުގަނޑު ގަބޫކުރާ ހިތްވަނީ ރައީސް ޔާމީންގެ ފިކުރަށް ތިބި ބަޔަކު އަންނާނޭ،" އެމްއެންއެފް ކިހާ ބޮޑުވެދާނެތޯ ސުވާލުކުރުމުން ޖަމީލް ވިދާޅުވި އެވެ.

"މި ޕާޓީ ވަރަށް ބޮޑުވެގެންދާނެ."

އެއާ އެކު ޖަމީލަށް ޔާމީންގެ ފަރާތްޕުޅުން ސިޔާސީ އާ ފިލާވަޅުތައް ނެންގެވޭނެ ކަމަށް ބަލަމާ ހިނގާށެވެ. މާޒީގައި ޔާމީންގެ ސަބަބުން ހިތި ތަޖުރިބާތަކެއް ޖަމީލަށް ލިބިވަޑައިގަތަސް އާ ކަންކަން ދަސްވާ ނަމަ މިވަގުތަށް އެއްވެސް މައްސަލައެއް، ޝަކުވާއެއް ވެސް ނެތެވެ. 

ކޮމެންޓް (2)

ތެފައާސާ.

28 ނޮވެމްބަރު 2023
ބީޖޭޕީ (ބަރާބަރު ޖަމީލު ޕާޓީ) ހަދާ ދުވަހަކުން ބީޖޭޕީއަށް އަހަރެންވެސް ވަންނާނަން
4 0

ޔާނިއު

28 ނޮވެމްބަރު 2023
އޯހ! ޖަމީލު ކޭން ސްމައިލް ޓޫ!!
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް