މިދިޔަ 5 އަހަރުގެ އިގްތިސާދު: 'ޖެހުނީ ކެންސަރެއް، އުޅެން ޖެހުނީ ކީމޯ ދޭން'
ނިމިގެން ދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް އޮތް އެންމެ ބޮޑު އެއް ފާޑުކިޔުމަކީ ރާއްޖޭގެ އިގްތިސާދު މެނޭޖް ކުރުމުގައި އެ ސަރުކާރުން އަމަލުކުރި ގޮތެވެ. ހާއްސަކޮށް ދައުލަތުގެ ދަރަނި އިންތިހާއަށް ބޮޑުވުމެވެ.
ސޯލިހުގެ ސަރުކާރު ފެށިއިރު 60.2 ބިލިއަން ރުފިޔާގައި ހުރި ދަރަނި ފަސް އަހަރު ތެރޭ 119 ބިލިއަން ރުފިޔާއަށް އަރައިގެން ދިޔައީ އެވެ. އެ ސަރުކާރުގެ ދަރަނި އޭގެ ކުރީ ސަރުކާރުތަކުގެ ދަރަންޏާ ނުބައްދަލުވީ އެވެ. އެ ސަރުކާރުގެ ދަރަނި 58.7 ބިލިއަން ރުފިޔާއަށް އަރަ އެވެ. އެއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން %110އާ އެއްވަރުގެ އަދަދެކެވެ.
ރަނގަޅު، ދަރަނި ނަގަން ޖެހުނު. ޕޭޝަންޓް ރަނގަޅު ކުރަން ދޭން ޖެހުނު ފަރުވާ ދޭން ޖެހުނު. އައިލެންޑް ނޭޝަންތަކުގެ ތެރެއިން އެންމެ އަވަހަށް ރިބައުންޑްވި އިގްތިސާދު ރާއްޖޭގެ އިގްތިސާދަކީ.
އެ ސަރުކާރުގެ މާލީ ކަންކަން ބެލެހެއްޓުމުގެ ޒިންމާ ނަންގަވައިގެން ހުންނެވި ކުރީގެ ވަޒީރު އިބްރާހިމް އަމީރު ގަބޫލުކުރައްވާ ގޮތުގައި ދަރަނި ބޮޑުވުމުގައި ސަރުކާރުގެ އިހުމާލެއް ނެތެވެ. މަގާމުން ވަކިވުމުގެ ކުރިން މިދިޔަ ހަފްތާ ތެރޭ 'ދައުރު'އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އަމީރު ޔަގީންކަމާ އެކު ވިދާޅުވީ އެއްވެސް ގޯހެއް ނަހައްދަވާ ކަމަށެވެ.
އަމީރު ވިދާޅުވީ ދަރަނި ބޮޑުވީ އެ ވަގުތު އިގްތިސާދަށް ކުރިމަތިވި ކުއްލި ހާލަތްތަކަކާ ގުޅިގެން ކުއްލި ފަރުވާ އެ ވަގުތަށް ކޮންމެހެން ވެސް ދޭން ޖެހުމުން ކަމަށެވެ. އަމީރު ސިފަކުރެއްވި ގޮތުގައި ކޮވިޑް-19 އާއި ޔޫކްރެއިން-ރަޝިޔާ ހަނގުރާމަ އަކީ އިގްތިސާދަށް ޖެހުނު "ކެންސަރެ"ކެވެ. އެ "ކެންސަރުން" އިގްތިސާދު ސަލާމަތްކުރަން ދޭން ޖެހުނު ފަރުވާތަކުން ދަރަނި ބޮޑުވާނެކަން އެނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަމަ ކުއްލިއަކަށް ސްޓޭޖް 4ގެ ކެންސަރެއް ޖެހުނީ އިގްތިސާދަށް. އެ ހިސާބުން ދޭން ޖެހުނު މެޑިކޭޝަންތައް [ފަރުވާ] ދޭން ޖެހުނީ، ކީމޯ ދޭން ޖެހުނީ. ކީމޯ ދިނީމާ ސައިޑް އިފެކްޓްސް ހުންނާނެ. އެކަން އެބަ އެނގޭ އެންމެންނަށް،" ދަރަނި ނަގަން ޖެހުނީ މަޖުބޫރުވެގެންކަން ފާހަގަ ކުރައްވާ އަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދަރަނި ބޮޑުވަނީކަން އެނގި ތިބެ އެކަން ކުރީ ދުރާލާ ރާވައިގެން ޕްލޭނެއްގެ ދަށުން ކަމަށެވެ. އެގޮތުން އޭރު ދިން "ފަރުވާތަކުން" ކުރިމަތިވި ނޭދެވޭ ކަންކަމުން އަރައިގަންނަން ފުރިހަމަ ޕްލޭނެއް އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
މުޅި އިގްތިސާދު އެކީ މަރުވާން ދޫކޮށްނުލާ ބަލިން ސަލާމަތް ކުރަން ފަރުވާ ދިނުމަކީ ސަރުކާރުން އޭރު ވިސްނި ގޮތް ކަމަށް އަމީރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ފިޔަވަޅުތައް ނޭޅި ނަމަ ރާއްޖެ ވެސް ދާނީ އަވަށްޓެރި ސްރީ ލަންކާ ތަހަންމަލް ކުރި ފަދަ ކާރިސާއަކަށް ކަމަށެވެ.
އެއީ އޭރު ސަރުކާރަށް އޮތް ގޮތެއް ނޫން ކަމަށް އަމީރު ވިދާޅުވި އެވެ.
"ރަނގަޅު، ދަރަނި ނަގަން ޖެހުނު. ޕޭޝަންޓް ރަނގަޅު ކުރަން ދޭން ޖެހުނު ފަރުވާ ދޭން ޖެހުނު. އައިލެންޑް ނޭޝަންތަކުގެ ތެރެއިން އެންމެ އަވަހަށް ރީބައުންޑްވި [އިއާދަވި] އިގްތިސާދު ރާއްޖޭގެ އިގްތިސާދަކީ. އެ ފިޔަވަޅުތައް އެގޮތަށް ނާޅާ އިގްތިސާދު އަނދަވަޅަކަށް ވެއްޓުނީމާ މާ ދިގު މުއްދަތަކަށް އިގްތިސާދު ގިނަ އަހަރުތަކަކަށް ދަތިތަކަށް ދާނެ. އެ ކަންކަން އަޅުގަނޑު ބޭނުންނުވީ،" އަމީރު ވިދާޅުވި އެވެ.
"އެ ހާލަތަށް ވައްޓާނުލާ ދަރަނި ނަގައިގެން ވެސް ވިޔަފާރިތަކަށް އެހީވީ. ވަޒީފާ ގެއްލުނު މީހުންނަށް އިނާޔަތް ދިނީ."
އޭނާގެ ފިނޭންސް މިނިސްޓަރުކަމުގައި މުޅިން ވެސް އުޅުއްވަން ޖެހިވަޑައިގެންނެވީ ކާރިސާތަކުގައި އިގްތިސާދު ކޮޅަށްޖެހުމުގައިކަން އަމީރު ފާހަގަ ކުރެއްވި އެވެ. ކޮވިޑާ ގުޅިގެން އިގްތިސާދު އެކީ ހުއްޓުނު އިރު ވެއްޓުނު ހިސާބު ކިޔައިދެއްވަމުން އަމީރު ވިދާޅުވީ 2020 ވަނަ އަހަރު ލިބޭނޭ ކަމަށް ލަފާކުރި 40 ބިލިއަން ރުފިޔާގެ އާމްދަނީގެ ތެރެއިން ލިބުނީ އެންމެ 14 ބިލިއަން ރުފިޔާ ކަމަށެވެ.
"ކޮވިޑް ލައްވާލިއިރު އޭގެ ކުރިން މަހެއްގެ މައްޗަށް 2.5 ބިލިއަން ލިބެމުން ގޮސް ކޮވިޑާ އެކު 200 ވަރަކަށް މިލިއަން ވެސް ނުލިބޭ މަސްމަސް ދިޔަ. އެކަމަކު އަޅުގަނޑުމެންނަކަށް މުވައްޒަފުންނަށް މުސާރަ ނުދީ އެ މީހުން ވަކިކޮށް، ވިޔަފާރިތަކަށް އެހީ ނުވެ އެ މީހުން މަގުމަތިކޮށް ނުލެވޭނެ،" އަމީރު ވިދާޅުވި އެވެ.
ހަމަ ކުއްލިއަކަށް ސްޓޭޖް 4ގެ ކެންސަރެއް ޖެހުނީ އިގްތިސާދަށް. އެ ހިސާބުން ދޭން ޖެހުނު މެޑިކޭޝަންތައް ދޭން ޖެހުނީ، ކީމޯ ދޭން ޖެހުނީ. ކީމޯ ދިނީމާ ސައިޑް އިފެކްޓްސް ހުންނާނެ. އެކަން އެބަ އެނގޭ އެންމެންނަށް.
ކޮވިޑްގެ ތެރޭގައި ވެސް ހުއްޓާނުލާ މަޝްރޫއުތައް ކުރިއަށް ގެންދިޔައީ، އަމީރު ވިދާޅުވި ގޮތުގައި، ސަރުކާރާ ހަވާލުވީއިރު ރަށްރަށުގައި ސިއްހީ ހިދުމަތާއި ތައުލީމާއި އުމްރާނީ އިންފްރާސްޓްރަކްޗާ ވަރަށް ދަށު ދަރަޖައަކަށް ވެއްޓިފައި އޮތުމުންނެވެ. އެ އިންވެސްޓްމަންޓުތަކުގެ ފައިދާ ކުރިއަށް އޮތް ދިގު ރާސްތާގައި ފެންނާނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ހުރިހާ ދަތީގައި ވެސް އަޅުގަނޑުމެންނަށް އިގްތިސާދީ ރަނގަޅު މަސައްކަތްތަކެއް ހިންގުނު. ރަށްރަށުގެ ފެނާއި ނަރުދަމާ، ބަނދަރުތައް މިއީ އެ ރަށްރަށުގެ އިގްތިސާދަށް މުސްތަގުބަލުގައި ކޮންޓްރިއބިއުޓް ކުރާނޭ ކަންކަން،" އަމީރު ވިދާޅުވި އެވެ.
'ފައިސާ ޗާޕުނުކުރި ނަމަ މާ ގޯސްވީސް'
އަމީރު ވިދާޅުވީ ޕަބްލިކް ބޭންކް އެކައުންޓް (ޕީބީއޭ) އޯވަޑްރޯ ކުރަން ނުވަތަ ފައިސާ ޗާޕް ކުރަން ޖެހުނީ އެ ވަގުތަށް އެ ނޫން ގޮތެއް ނެތިގެން ކަމަށެވެ. އޭނާ ވިދާޅުވީ ކޮވިޑާއި އެއަށް ފަހު ކުރިމަތިވި ޔޫކްރެއިން ހަނގުރާމައާ އެކު ފައިސާ ހޯދަން މަޖުބޫރުވި އިރު އެ ފައިސާ ބޭރުގެ މާކެޓުން ހޯދާ ނަމަ ލިބެން އޮތީ ވަރަށް އަގުބޮޑުކޮށް ކަމަށެވެ. ސަބަބަކީ އިންޓަރެސްޓް ރޭޓްތައް ބޭރުގައި ބޮޑުކުރުމާއި ކޮވިޑާ އެކު މާލީ ބާޒާރަށް ވެސް ތާށިކަމެއް ކުރިމަތިވެފައި އޮތުމުންކަން އަމީރު ފާހަގަކުރެއްވި އެވެ.
"މާކެޓުން އަގު ބޮޑުކޮށް ފައިސާ ނަގައިގެން އިގްތިސާދުގެ ދެން ހުރި ހުރިހާ ކަމެއް ގޯސްކޮށް ދޫކޮށްލުން އެއީ ކުރެވޭނެ ކަމެއް ނޫން. ހުރިހާ ކަމަކަށް ވިސްނާފައި އަޅުގަނޑުމެންނަށް އެ ވަގުތު ޕީބީއޭ އޯވަޑްރޯކުރުން ރަނގަޅު އޮޕްޝަން އަކަށްވީ ހަރަދުތައް ހަމަޖައްސަން. އެއީ އެއްވެސް ގޮތަކަށް ފަސޭހައިން ކޮށްލެވޭ ކަމަކަށް ވާތީ ކުރި ކަމެއް ނޫން،" އަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕީބީއޭ އޯވަޑްރޯ ކުރިއިރު ވެސް ވިސްނާފައި އޮތީ މަޑުމަޑުން ގޮސް އެކަން ހުއްޓާލަން ކަމަށެވެ. އެގޮތުން 4 ބިލިއަން ރުފިޔާ އިން ފެށި އޯވަޑްރޯ ކުރުން 2 ބިލިއަން ރުފިޔާއަށް ކުޑަކޮށް އަންނަ އަހަރުން ފެށިގެން އެކީ ހުއްޓާލަން މާކުރިން ފެށިގެން އޮތީ ރާވާފައި ކަމަށް ވިދާޅުވި އެވެ.
"ގްރެޖުއަލީ އެކަން ކުރަން ވިސްނާފައި އޮތީ. މަޑުމަޑުން ގޮސް ހުއްޓާލަން. އެހެންވެ ބަޖެޓުގައި ވެސް އެ ގޮތަށް އެ ވަނީ ހިމަނާފައި އިގްތިސާދު މިހާރު ރަނގަޅުވެފައި ހުރީމާ އެކަން ކުރަން،" އަމީރު ވިދާޅުވި އެވެ.
'ދޫކޮށް މިދަނީ ރަނގަޅު އިގްތިސާދެއް'
އަމީރު ގަބޫލުކުރައްވާގޮތުގައި މާލީ ވަޒީރުކަމުގައި އޭނާގެ އެންމެ ބޮޑު ކާމިޔާބަކީ ކޮވިޑް-19 އިން ދިމާވި ދަތިތަކުން އަރައިގަންނަން ކުރި މަސައްކަތްތަކެވެ. އޭނާ ވިދާޅުވީ މިނިސްޓަރުކަން ނިމުމަކަށް އައި އިރު މި އޮތީ 2019އަށް ވުރެ ވެސް ރަނގަޅު އިގްތިސާދެއް ކަމަށެވެ.
ކޮވިޑާ އެކު ޖިޑީޕީ %35 ދަށަށް ދިޔަ ނަމަވެސް އެ ނެގެޓިވް އަދަދުން ސަލާމަތް ކުރެވި މި އަހަރު ނިމޭއިރު %8.4ގައި އިގްތިސާދު ކުރިއެރުމަކީ އޭނާއަށް ލިބޭ އުފަލެއް ކަމުގައި ފާހަގަ ކުރެއްވި އެވެ.
"ރަނގަޅު ގިނަ މަސައްކަތްތަކެއް ކުރެވުނީމާ އަޅުގަނޑުމެންނަށް މި ހިސާބަށް މިއަދު އާދެވުނީ. ކޮވިޑަށް ފަހު ރިކަވަރީއަކަށް ދެވި، އަޅުގަނޑުމެން ސަރުކާރާ ހަވާލުވެ 2019އަށް ވުރެ ރަނގަޅު އިގްތިސާދެއް މި އޮތީ. އެ ހިތްހަމަޖެހުމުގައި މިދަނީ،" އަމީރު ވިދާޅުވި އެވެ.
"މިދިޔަ ފަސް އަހަރަކީ އަޅުގަނޑު ދަންނަވާނީ ރަނގަޅަށް ކްރައިސިސްތަކެއް މެނޭޖްކުރެވުނޭ. އެކަމުގައި ކާމިޔާބު ހޯދުނޭ."
'މިއީ ދެން ކަންކަން ރަނގަޅު ކުރަންވީ ވަގުތު'
އަމީރު ވިދާޅުވީ ކާރިސާގެ ވަގުތުގައި އެޅި ފިޔަވަޅުތަކުން އިގްތިސާދަށް ކޮށްފައި ހުރި ނޭދެވޭ ކަންކަން ރަނގަޅު ކުރަންވީ ވަގުތު މިހާރު އައިސްފައިވާ ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ ފިސްކަލް ސްޓްރެޓެޖީއާ އެއްގޮތަށް ޑެފިސިޓް %5އަށް ވުރެ ދަށުގައި ބަހައްޓަން ޖެހޭ ކަމަށެވެ. އަދި އެކަމަށްޓަކައި ހަރަދު ކުޑަކުރުމުގެ ގޮތުން ސަބްސިޑީތަކާއި އާސަންދައަށް އިސްލާހީ ބަދަލުތައް ގެންނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވެސް އެ ހުރީ މިހާރު އެކަމުގެ ހުރިހާ ކަރުދާސްތަކާ އެއްޗެހި ހަދާފައި. ކްރައިސިސް މެނޭޖްކުރަމުން އަޅުގަނޑުމެންނަށް އެކަންކަން އެކި ސަބަބުތަކާ ހުރެ ނުކުރެވި ދިޔައީ. އެކަމަކު މިއީ އެ ކަރެކްޓިވް މެޝާސް ނަގަންވީ ވަގުތު މިހާރު،" އަމީރު ވިދާޅުވި އެވެ.
"އިތުރު ޓާމެއް ލިބުނު ނަމަ އަޅުގަނޑުމެން އެކަންކަން ރަނގަޅުކުރީމުސް. އެކަމަކު ކަން ދިމާކުރި ގޮތުން އެ ފުރުސަތު ނުލިބި މިދިޔައީ."
ކޮމެންޓް (2)
ޓނ އަދުރޭ
ޑިރާސާ