
ރާއްޖޭގެ އާ ފޮރިން މިނިސްޓަރު މޫސާ ޒަމީރު: މިއީ ފޮރިން މިނިސްޓަރުކަމާއި އެ ދާއިރާގައި އޭނާގެ ފުރަތަމަ ތަޖުރިބާ (ދައުރު ފޮޓޯ/ހުސެން ސުނޭން)
ޒަމީރަށް އެ މޭޒުކޮޅުގައި ޝާހިދު ބޭއްވެވީ އުއްމީދުގެ ސިޓީއެއް
ރާއްޖޭގެ އާ ހާރިޖީ ވަޒީރެއްގެ ގޮތުން މިއަދު އޮފީހަށް ވަޑައިގެން މިނިސްޓަރުގެ މޭޒުކޮޅުގައި އިށީއްނަވާއިރު، މޫސާ ޒަމީރަށް ވަރަށް ހާއްސަ ސިޓީއެއް ފެނިވަޑައިގަންނަވާނެ އެވެ؛ އޭނާގެ ކުރިން އެ މަގާމުގައި ހުންނެވި އަބްދުﷲ ޝާހިދުގެ ހެޔޮއެދިވަޑައިގަތުމާއި އުއްމީދުގެ ބަސްތަކެވެ.
ރާއްޖޭގެ ހާރިޖީ ވަޒީރުކަން ފަސް އަހަރު ކުރެއްވި އަދި އެ ދާއިރާއިން ދުނިޔެއިން ވެސް ފާހަގަކޮށްލެވޭ ޒިންމާއެއް އދ. ގެ އާންމު މަޖިލިހުގެ ރައީސްގެ ގޮތުން އުފުއްލެވި ޝާހިދު ވަނީ އޮފީހުން ނުކުމެވަޑައިގަތުމުގެ އެންމެ ފަހު ކަމެއްގެ ގޮތުން އާ މިނިސްޓަރަށް ހާއްސަ ސިޓީއެއް ލިއުއްވައިފަ އެވެ. މިއީ އެއް ސަރުކާރު ނިމި އަނެއް ސަރުކާރު އަންނަ އިރު، ކުރީގެ މިނިސްޓަރުގެ ފަރާތްޕުޅުން އާ މިނިސްޓަރަށް، ދެއްވޭނެ ވަރަށް ބޮޑު ހިތްވަރެކެވެ.
ޝާހިދަކީ ހާރިޖީ ދާއިރާގައި ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ބޭފުޅެވެ. އެހެންކަމުން އެ ދާއިރާއަށް އާ ބޭފުޅަކު އެ ޒިންމާއާ ހަވާލުވެވަޑައިގަންނަވާ އިރު، އެފަދަ ސިޓީއަކުން އުއްމީދު ވެސް ލިބޭނެ އެވެ.

ހާރިޖީ ސިޔާސަތާއި އެ ދާއިރާއަށް ޒަމީރަކީ އާ ބޭފުޅެއްގެ ގޮތުގައި އެ ސިޓީގައި ފާހަގަކުރައްވާފައެއް ނުވެ އެވެ. އޭގެ ބަދަލުގައި ޝާހިދު ލިއުއްވީ، "މި ވުޒާރާގެ ވަޒީރުކަމުގެ މަގާމަށް މަނިކުފާނަކީ ނުހަނު ގާބިލް އަދި އެހާމެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެއް ކަމުގައި އަޅުގަނޑު ދެކެމެވެ،" މިހެންނެވެ.
ޝާހިދު ފުރަތަމަ ވެސް ވިދާޅުވެފައި އޮތީ ރާއްޖޭގެ ހާރިޖީ ވުޒާރާގެ އުމުރެވެ؛ 90 އަހަރެވެ. އޭގެ ފަހުން އޭނާ ލިއުއްވި އެވެ:
"ހާރިޖިއްޔާއަކީ ދިވެހި ދައުލަތުގެ އންމެ މަތީ މަސްލަހަތު ހިމާޔަތްކުރުމާ އެކު، އެއިރެއްގައި ހުންނަވާ ރައީސުލްޖުމްހޫރިއްޔާއެއްގެ ހާރިިޖީ ސިޔާސަތު ތަންފީޒުކުރުމުގެ މަސައްކަތުގެ އެންމެ މަތީ މަސްއޫލިއްޔަތު އަދާކުރާ ވުޒާރާ އެވެ."
ރައްޖޭގެ ހާރިޖީ ހިދުމަތް މިހާރު ވަނީ އެކަމަށް ހާއްސަ ގާނޫނެއްގެ ދަށަށް ގެންގޮސްފަ އެވެ. އެ ބަދަލު އައީ ޝާހިދުގެ މިނިސްޓަރުކަމުގައި، ކުރީގެ ސަރުކާރުންނެވެ.
ރާއްޖޭގައި ކުރިންސުރެ ފޮރިން މިނިސްޓްރީ ބިނާވެފައި އޮންނަނީ ވަރަށް ގާބިލް، އިލްމީ އަދި ތަޖުރިބާކާރުންގެ މައްޗަށެވެ. ކޮންމެ ސަރުކާރެއް ވެރިކަމާ ހަވާލުވިޔަސް ހާރިޖީ ސިޔާސަތު ބައްޓަންކުރަން އެ ތަޖުރިބާކާރުންގެ އެހީތެރިކަން ވެސް މުހިންމެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުން ފެށިގެން ޝާހިދު ވާނީ އެ ހުރިހާ ކަމެއް ތަޖުރިބާކުރައްވައިފަ އެވެ.

އޭނާގެ ސިޓީގައި، ފޮރިން މިނިސްޓްރީގެ މުވައްޒަފުންގެ ގާބިލްކަމާ މެދު ލިއުއްވީ، އެކަން ފާހަގަކުރެއްވުމުގެ ގޮތުންނެވެ.
"ދިވެހި ހާރިޖިއްޔާގައި މިހާރު ތިއްބެވި މުވައްޒަފުންނަކީ މި ވޭތުވެދިޔަ ފަސް އަހަރުދުވަހު އަޅުގަނޑު ކުރި މަސައްކަތުގައި އެހީތެރިކަން ދެއްވި ޕްރޮފެޝަނަލް، ގާބިލް ހީވާގި އިހުލާސްތެރި މުވައްޒަފުންތަކެކެވެ. ހާރިޖީ ދާއިރާއިން ހޯދިފައިވާ ކުރިއެރުމެއް ވާ ނަމަ އެ ކުރިއެރުމެއް ހޯދައިފައި ވަނީ މި ޓީމުގެ ސަބަބުންނެވެ،" ޝާހިދު ވިދާޅުވި އެވެ.
އެ ޓީމަކީ، އާ މިނިސްޓަރު ޒަމީރަށް ވެސް އޮތް ބޮޑު އެޑްވާންޓޭޖެއްގެ ގޮތުގައި ކުރީގެ މިނިސްޓަރު ދެކެވަޑައިގަނެ އެވެ. ޝާހިދުގެ ސިޓީގައި ފާހަގަކުރެއްވީ 'މަނިކުފާނުގެ ލީޑަޝިޕް އާއި އިރުޝާދުގެ ދަށުން ޓީމު ހާރިޖީން ދިވެހިރާއްޖެ ބައިނަލްއަގުވާމީ އާ އުސްމިންތަކަށް ގެންގޮސްދޭނެ' ކަމެވެ.
"އަޅުގަނޑު އެދެނީ މަނިކުފާނުގެ ވަޒީރުކަމުގައި ބޭރު ދުނިޔޭގައި ރާއްޖޭގެ ނަން އިތުރަށް ބަދަހިވަމުން ދިއުމެވެ. ރާއްޖެއަށް އަބަދުމެ، ސަލާމަތާއި ރައްކާތެރިކަމެވެ. މަނިކުފާނަށް ކާާމިޔާބީ އާއި އަރުތަ އެވެ. ފުރިހަމަ ސިއްހަތާއި އުފާ ފާގަތިކަމެވެ،" ސިޓީގެ އެންމެ ފަހު އިބާރާތެއްގެ ގޮތުން ޝާހިދު ލިއުއްވި އެވެ.

އާ ސަރުކާރު ވެރިކަމާ ހަވާލުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ރާއްޖޭގެ ހާރިޖީ ސިޔާސަތު މާ ބޮޑަށް އިންޑިއާއަށް ދީލައިލުމަކީ މައްސަލައެއް ކަމަށް ބަލަމުންނެވެ. ރާއްޖެ އޮތީ އިންޑިއާއަށް 'ވިކިފައި' ކަމާއި މިނިވަންކަން ގެއްލޭ ވަރަށް 'ދަށުވެފައި'ކަމުގެ ތުހުމަތު ވެސް މިހާރުގެ ސަރުކާރުގެ ވެރިން ވަނީ އަޅުވައިފަ އެވެ.
އެކަމަކު ވެރިކަމާ ހަވާލުވުމާ އެކު އެ ހުރިހާ ކަމެއް، ގިނަ ފަހަރަށް، ހަނދާން ނެތެ އެވެ. ދެން އޮންނާނީ ސަރުކާރައިގެން ކުރިއަށް ދިއުމެވެ.
ޝާހިދުގެ ސިޓީއަކީ، އާ ފޮރިން މިނިސްޓަރަށް ދެއްވި ހިތްވަރެއްގެ ގޮތުގައި ބެލިދާނެ އެވެ.
ޒަމީރު ވެސް އެކަން އެގޮތަށް ގަބޫލުކުރައްވާނެ ކަމަށް ފެނެ އެވެ.
ކޮމެންޓް