
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސްކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ގަލޮޅު ދަނޑުގައި
އަބަދުވެސް އުއްމީދީ ސަރުކާރުތައް، އެކަމަކު ނިމެނީ ނާއުއްމީދުކޮށްފައި
ހުވާކުރުމުގެ ރަސްމިއްޔާތުތައް އުފާވެރިވެފައި، ހިނިތުންވުން ބޮޑެވެ. ގައުމަށް ދެއްވާ ފުރަތަމަ ތަގުރީރު ފުރިހަމަވެފައި، އުއްމީދުތައް ގެނެސްދެ އެވެ. ނަމަވެސް 'ހަނީމޫން' ނިމުމާ އެކު އެއިން ކޮންމެ ރައީސަކާއި ސަރުކާރަކާ މެދު އާންމުން ހިތްހަމަނުޖެހި، ޝަކުވާ ބޮޑުވެ، ރަނގަޅާއި ނުބައި ތުހުމަތުތަކުގެ ވިލާގަނޑު ފަތުރާލަ އެވެ.
މިއަދަކީ އަނެއްކާވެސް އެކަހަލަ އުފާވެރި ދުވަހެކެވެ. އާ ސަރުކާރެއް އުފަންވެ، އާ ރައީސަކު ގައުމުގެ ވެރިކަމާ ހަވާލުވެ، އާ އުއްމީދުތަކަކާ އެކު މުސްތަގުބަލް ކުރަހާލަނީ އެވެ. ސަޕޯޓަރުން އެތިބީ 'މިއީ ތަފާތު ސަރުކާރެކޭ' ބުނެލަ ބުނެލަ އެވެ. 'ގެއްލުނު ދިވެހިރާއްޖެ' އަނެއްކާ ދިވެހިންނަށް ހޯދައިދީފިއޭ، ބުނެލަ ބުނެލަ އެވެ.
އަޅުގަނޑު ތަޖުރިބާކޮށްފީމެވެ. އާ ގާނޫނުއަސާސީއާ އެކު 11 ނޮވެމްބަރު 2008ގައި، ދަރުބާރުގެ ތެރެއިން އޮހިގަތް އުފާވެރި ބަސްތަކާއި ހިނިތުންވެފައި ތިބި މޫނުތަކެވެ. މުޅި ރާއްޖެ ހީކުރީ، ޒަމާނާ ނުގުޅޭ ބީރައްޓެހި ވެރިކަމަކަށް ފަހު، ޒަމާނީ ޑިމޮކްރަސީގެ އާ އިރާ އެކު ގައުމު ދެން ދާނީ ރަނގަޅު މިސްރާބަކަށް ކަމަށެވެ. ރައީސް މައުމޫން އަބްދުލްގައްޔޫމްގެ 30 އަހަރުގެ ދިގު ވެރިކަން ނިމުމަކަށް ގެނެސް، ޒުވާން ރައީސް މުހައްމަދު ނަޝީދު، މުޅިން ތަފާތު ރާއްޖެއެއް ތަރައްގީކުރުމުގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގަތީ އެވެ.

އެކަމަކު ދެން ވީ ކަންކަން ހަނދާނުން ފޮހެވޭހާ ގިނަ ދުވަހެއް ނުވެ އެވެ. އުއްމީދުކުރި ވަރާ ގާތަށް ވެސް ސަރުކާރު ހިންގުން ހަމަ މަގަކަށް ނޭޅުވުނެވެ. ފެނުނީ މައުމޫންގެ 30 އަހަރަށް ވުރެ ސަރުކާރުގެ ތެރެއިން ނާޖާއިޒް ފައިދާ ނެގި މީހުންގެ އަދަދު ގިނަވި ތަނެވެ.
އަޅުގަނޑު ތަޖުރިބާކޮށްފީމެވެ. ސިޔާސީ ހަލަބޮލި، ހަމަނުޖެހުން ބޮޑު ދުވަސްތަކަކަށް ފަހު 17 ނޮވެމްބަރު 2013ގައި، ރައީސްކަމާ އަބްދުﷲ ޔާމީން ހަވާލުވެވަޑައިގަތް ވަގުތެވެ. ދަރުބާރުގޭގައި ހަމަ އެހާމެ މޮޅު އަދި ތަފާތުކުރުމެއް ނެތް ސަރުކާރެއްގެ ވާހަކައިން، ދިވެހިންގެ ކަންފަތް ފުރާލަދިނެވެ.
ދެން ވީ ކަންކަން އެ އޮތީ ހަނދާނުން ފޮހެލެވޭ ވަރަށް ވުރެ މާ ކައިރި މާޒީއެއްގަ އެވެ. ހިޔާނާތުގެ މައްސަލަތަކުން ސަރުކާރު ހަރާބުވުން އެކަންޏެއް ނޫނެވެ. އަނިޔާވެރިކަމާއި ބޭއިންސާފާއި އަސާސީ ހައްގުތައް ހިފެހެއްޓުމުގެ ރޮނގުން ވެސް، ކަޅުވި ސަރުކާރެކެވެ. އެކަމަކު ތަރައްގީގެ ބޮޑެތި މަޝްރޫއުތަކާ އެކު، ޔާމީންގެ ފަސް އަހަރު ތާރީހަށް ވަދެފައިވަނީ އޭގެ ދެވަނައެއް ނެތް ސަރުކާރެއްގެ ގޮތުގަ އެވެ.
ބައެއް ދިވެހިންގެ ބަހަކަށް ވީ 'ކެޔަސް އަހަރެމެންނަށް ހެވެވެ، ތަރައްގީ ކޮށްދީފި އެވެ؛ މި އެވެ.
އެކަމަކު އެއީ ގަބޫލުކޮށްގެންވާނެ ހަމައެއް ނޫނެވެ. އެ ގޮތަށް ވިސްނުން ގެންގުޅޭ މީހުން ގިނަވެއްޖެ ނަމަ، ތަރައްގީގެ ނަމުގައި، ހިޔާނާތް ނޫން އެއްޗެއް އެއްވެސް ސަރުކާރަކުން ނުފެންނާނެ އެވެ.

އަޅުގަނޑު ތަޖުރިބާކޮށްފީމެވެ. ޔާމީންގެ ވެރިކަން ނިމުމަކަށް ގެނެސް 17 ނޮވެމްބަރު 2018ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ބޮޑު ރަސްމިއްޔާތެވެ. ގަލޮޅު ރަސްމީ ދަނޑު ފުރާލާފައި އޮތް އާންމުންގެ އެއްވުމެވެ. އުއްމީދީ ތަގުރީރެކެވެ. ކިލަނބުކަމެއް ނެތް، ސާފު ސަރުކާރެެއް ހިންގެވުމުގެ ވައުދުތަކެވެ.
ތެދެކެވެ. އެހެން އެއްވެސް ސަރުކާރަކަށް ކުރިމަތިނުވާ އިގުތިސާދީ އަނދިރި ކަމެއް، ކޮވިޑް-19ގެ ގޮތުގައި، ރައީސް ސޯލިހަށް ކުރިމަތިވެވަޑައިގަތެވެ. ހުރިހާ މަސައްކަތެއް ހުއްޓުނެވެ. އިގުތިސާދު 35 އިން މައިނަސް ވި އެވެ. މިހާ ބޮޑު ވެއްޓުމެއްގެ ތެރެއިން ގައުމު ނަގާ ކޮޅަށް ޖަހަން ސަރުކާރުން ކުރި މަސައްކަތް، ފައިސާ ޗާޕްކޮށްގެން ނަމަވެސް، ދަރަނި ބޮޑުކޮށްގެން ނަމަވެސް، ކުޑައެއް ނޫނެވެ. ސިޔާސީ ހިޔާލު ތަފާތުވުން އެއްކައިރިކޮށް، އެކަމަށް ހެޔޮ ބަހެއް ބުނެލުމަކީ އިންސާފެކެވެ.
އެކަމަކު ރައީސް ސޯލިހު ވައުދުވެވަޑައިގެންނެވި ބޮޑު އެއްވެސް ކަމެއް ހާސިލެއް ނުވި އެވެ. ޔާމީންގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީގެ ހިޔާނާތަށް އިންސާފު ހޯދައެއް ނުދެވުނެވެ. ސަރުކާރު ތެރެއިން ހިޔާނާތް ކުޑަކުރި ކަަމަށް ބެލެވެން ނެތީ، އެކި ވެރިންނާ މެދު އުފެދުނު ތުހުމަތުތަކެވެ.
އެމްއެމްޕީއާރުސީ ކަހަލަ ހިޔާނާތްތައް އަބަދަކު ނުހިންގޭނެ އެވެ. ނަމަވެސް އޭގެ މާނައަކީ ހިޔާނާތުގެ އަމަލްތަކުން ސަރުކާރު ސާފުވުމެއް ނޫނެވެ. އެއަށް ވުރެ މާ ފުޅާކޮށް ވެސް ދައުލަތުގެ މުދަލުން އަމިއްލަ ފައިދާ ނެގިދާނެ އެވެ. އެކަން ރައީސް ސޯލިހުގެ ސަރުކާރުގައި ވެސް އޮތީ އެހެން ކަމަށް ގަބޫލުކުރެވިދާނެ އެތައް ކަމެއް، އާންމުންނަށް ފެނުނެވެ.
އެންމެ ފަހުން މިއަދު ވެރިކަން ނިންމާލައްވާފައި ރައީސް ސޯލިހު ގެއަށް އެ ވަޑައިގަތީ، ހިޔާނާތަކީ އެމަނިކުފާނު ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ނޫންކަން ރައްޔިތުންނަށް ބުނެދެއްވައިފަ އެވެ. އެމްއެމްޕީއާރުސީގެ މަދުވެގެން 1.4 ބިލިއަން ރުފިޔާގެ ހިޔާނާތް ހިންގިކަމަށް އިއުތިރާފްވެ، 20 އަހަރަށް ވުރެ ދިގު ޖަލުގެ ހުކުމެއްގައި ތިއްބެވި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް މައާފުދެއްވައި، މިނިވަންކުރެއްވީ އެވެ.

މިއީ ރައީސް ސޯލިހަށް ރަނގަޅު އެއްވެސް ސަބަބެއް ދެއްކެވެން ނެތް މައާފެކެވެ. އެމަނިކުފާނު ސަރުކާރުގެ މައިގަނޑު އެއް އިންސާފެއްގެ ގޮތުގައި ހެއްދެވި، އެމްއެމްޕީއާރުސީގެ މައްސަލަ ބަލައި ފިޔަވަޅު އެޅުން ހަމައެކަނި ނާކާމިޔާބުވީއެއް ނޫނެވެ. އެ ހިޔާނާތް އެއްވެސް ކަމަކަށް ވެސް ނުހެއްދެވީ އެވެ.
ހަނދާނަކުން ނުފޮހެވެ އެވެ. މިދިއަ ކޮންމެ ސަރުކާރަކުން ވެސް ރައްޔިތުންނަށް ހެޔޮ އެތައް ކަމެއް ކޮށްދިނެވެ. އާސަންދަ އާއި ބޯހިޔާވަހިކަމާއި ދަތުރުފަތުރުގެ ނިޒާމާއި ހިލޭ ޑިގްރީ ޕްރޮގްރާމް ފަދަ ހިދުމަތްތަކެވެ. ނަމަވެސް ސަރުކާރު ހިންގުމަކީ ރައްޔިތުންނަށް ކަމެއް ކޮށްދީފައި، އޭގެ ފަހަތުން ނާޖާއިޒު ފައިދާއިން އަމިއްލަ މުއްސަނދިކަން ހޯދުމެއް ނޫނެވެ. އެ ފައިދާ ބޮޑުކުރަން، ވީހާވެސް ގިނަ މަޝްރޫއުތަކެއް ހިންގުމެއް ވެސް ނޫނެވެ.
މި ހުރިހާ ހަގީގަތްތަކަކާ އެކު މިއަދު އަނެއްކާ، އަޅުގަނޑު ވެސް، މިކުރިމަތިލަނީ އާ ތަޖުރިބާއަކާ އެވެ. އާ ރައީސެއްގެ ވެރިކަމުގެ ފެށުމާ އެވެ. ކެމްޕޭން ތެރޭގައި ދެއްކެވި ވާހަކަތައް ގަބޫލުކުރާ ވަރަށް ވުރެ، އަޅުގަނޑުގެ މާޒީގެ ތަޖުރިބާތައް ތަފާތެވެ. ރީތި ބަސްތަކެއްގެ އެތުރުމަކީ ކުޑަ ހިނދުކޮޅެއްގެ އުފަލެކެވެ. ހުވާކުރައްވާ ރީތި ދަރުބާރުގެއަކީ ދެއްކުންތެރިކަމުގެ ކުލަތަކެކެވެ.

ދިގުދެމިގެން ދާނީ އޭގެ ފަހުން އަމަލް ކުރައްވާ ގޮތެވެ. މިއަދު ކުރާ އުއްމީދުތައް ވެރިކަމުގެ ވަކި ހިސާބަކުން ވަޅުލަން ނުޖެހޭނީ ވެސް، އަމަލްތައް ހުންނަ ގޮތަކުންނެވެ.
ބަލަން ތިބޭނީ ރައްޔިތުންނެވެ. ހަމައެކަނި ރައީސްގެ ސަޕޯޓަރުންނެއް ނޫނެވެ. ރައީސްގެ ކޮންމެ އަމަލެއް ވެސް ސަޕޯޓަރުން ދިފާއުކުރާނެ އެެވެ. ދޮގަކަށް ވިޔަސް، މަކަރަކަށް ވިޔަސް، އަނިޔާއަކަށް ވިޔަސް، އެ މީހުން ތިބޭނީ ތައުރީފްކޮށްކޮށެވެ.
ނަމަވެސް އަސްލު ދުރުމީ ހިފައިގެން ތިބޭ މީހުންނަށް ސާފު މަންޒަރު ފެންނާނެ އެވެ. އާ ވެރިކަމުގެ އުއްމީދުތައް ނާއުއްމީދުވިތޯ ނުވަތަ ނޫންތޯ، އެ ދުރުމީތަކުގެ އަހުލުވެރިން ކަނޑައަޅާނެ އެވެ.
މިހާތަނަށް ކޮންމެ ރައީސަކު ވެސް ތަޖުރިބާކުރެއްވީ އެ ރައްޔިތުންގެ ނިންމުމެވެ.
ކޮމެންޓް (1)
ޙަޤީޤަތް