
ލިޔުޝާ (ކ) އޭނާގެ ދަނޑުގައި: ދަނޑުވެރިކަމުގައި ދިމާވާ ދަތިތަކަށް ފަރުވާއެއް ހޯދުމުގެ މަސައްކަތުގައި އޭނާ އަންނަނީ ކުރިއެރުން ހޯދަމުން (ފޮޓޯ/ބީއެމްއެލް)
ލިއުޝާގެ އަމާޒު ދެމެހެއްޓެނިވި ރައްކާތެރި ދަނޑުވެރިކަމަށް
ރާއްޖޭގެ ދަނޑުވެރިން ހައްދާ ތަކެތީގެ ފެންވަރު ހިފަހައްޓާ، އެއީ އެ ބޭނުންކުރާ މީހުންނަށް އެންމެ ރައްކާތެރި އެއްޗެހިތޯ ޔަގީންކުރެވޭނެ ނިޒާމެއް އަދި ނެތެވެ. ރާއްޖޭގެ ބިންގަނޑަކީ ދަނޑުވެރިކަމަށް އެންމެ އެކަށޭނަ، ކާނާގެ މުއްސަދިކަން ހުރި ބިމަކަށްނުވާތީ ދަނޑުވެރިކަމުގައި ގިނަ އަދަދެއްގެ ކެމިކަލް ގަސްކާނާ ބޭނުން ކުރަން ޖެހެ އެވެ. މިއާ އެކު އޯގަނިކް ދަނޑުވެރިކަމަށް އޮންނަ ފުރުސަތު ކުޑަ އެވެ.
ދަނޑުވެރިންނަށް ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ގެނެސް، ރައްކާތެރި އުފެއްދުންތަކެއް މާކެޓަށް ނެރުމުގެ މަގުސަދުގައި އައިޝަތު ލިޔުޝާ ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެހީގައި، ރައްކާތެރި ގަސްކާނާ އުފެއްދުމުގެ މަސައްކަތް ފަށައި އުއްމީދު އާކޮށްފަ އެވެ.

ލ. ގަމުގައި ލިޔުޝާ ދަނޑު ހައްދާތާ މިހާރު ނުވަ ވަރަކަށް އަހަރު ވީ އެވެ. ދަނޑުވެރިކަމުން އެންމެ އެކަށޭނަ ފައިދާ ނުލިބުމަކީ އަބަދުވެސް ކުރިމަތިވާ ގޮންޖެހުމެކެވެ. ވިއްސާރަ ދުވަސްވަރު ގަސްތަކަށް ލިބޭ ގެއްލުން ފޫބައްދާ، އޭގެ ބަދަލުގައި އާ ގަސް ހެއްދުމަށް ކުރަންޖެހޭ މަސައްކަތް ވެސް ބުރަ އެވެ. އަނެއްކޮޅުން ހޫނު މޫސުމުގައި ވަޅުގައި ފެން މަދުވުމުން ދަނޑަށް ފެން ދިނުމަށް ވެސް ބޮޑެތި ތަކުލީފުތައް އުފުލަން ޖެހެ އެވެ.
ބީއެމްއެލްގެ ސްޓާޓް އަޕް ގްރާންޓަށް ލިޔުޝާ ހުށަހެޅި ހުށަހެޅުމުގައި މި ގޮންޖެހުންތަކަށް ހައްލު ހޯދާ، މުސްތަގުބަލުގައި ދިމާވާނެ ދަތިތަކަށް ފަރުވާއެއް ލިބޭނެ ކަންކަން ވެސް ހިމަނާފައިވެ އެވެ.
އޭނާގެ 'ކްލައިމެޓް ސްމާޓް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް ޕްރޮޖެކްޓް'ގެ އަމާޒަކީ ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރާނެ ގޮތްތަކެއް ހޯދާ އެކަންތައް ތަރައްގީ ކުރުމެވެ. އަދި ދަނޑުވެރިކަމުން އުފައްދާ ތަކެއްޗަކީ ތިމާވެއްޓާ ރައްޓެހި، އިންސާނުންނަށް ބޭނުންކުރުމަށް ރައްކާތެރި، އާންމުންނަށް ފައިދާ ވާނެ އުފެއްދުންތަކަކަށް ހެދުމެވެ.

ދަނޑުވެރިން އުފައްދާ ތަކެތި ފަސޭހައިން ވިއްކޭނެ މަގު ފަހިކުރުމަށް ލިއުޝާ ވަނީ 'ދިވެހި ދަނޑުވެރިޔާ'ގެ ނަމުގައި ވެބްސައިޓަކާއި މޮބައިލް އެޕްލިކޭޝަނެއް ލޯންޗުކޮށްފަ އެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް ކޮންމެ މީހަކަށް ވެސް އެމީހަކު ދަނޑުވެރިކަމުން އުފައްދާ ތަކެތި ވިއްކޭނެ ކަމަށާއި ދަނޑުވެރިން އުފައްދާ ތަކެތި ގަނެވޭނެ ކަމަށް ލިޔުޝާ ބުންޏެވެ.
ލިޔުޝާގެ ހުށަހެޅުމުގައި ފަސް ކަމެއް ހިމަނާފައިވެ އެވެ. އެއީ:
-
ސޯލާ ހަކަތަ ބޭނުންކޮށްގެން ފަސޭހައިން ދަނޑަށް ފެން ދެވޭނެ ނިޒާމެއް ގާއިމުކުރުން
-
ރަށުން ކަޅު ފަސް ނެގުމުގެ މައްސަލައަށް ހައްލު ގެނެސް ބޮނބިކުނޑީގައި ގަސް ހެއްދުމަށް ހެޔޮ އަގުގައި ބޮނބިކުނޑި ދަނޑުވެރިންނަށް ލިބޭނެ ގޮތް ހެދުން
-
އުކާލާ މޭވާ، ތަރުކާރީ، ފަތްކުނި، މަސްކުނި އަދި ބަދިގެ ކުނިން ކާދު ހަދައި ބޭނުންކޮށް ވިއްކުމާ އެކު، ކެމިކަލް އެކުލެވޭ ގަސްކާނާ ބޭނުން ކުރުން މަދުކުރުން
-
ދަނޑުވެރިކަމުގެ އުފެއްދުންތައް އެފްއޭއޯގެ ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް (ގެޕް) ސެޓިފައިކުރުން
-
ދަނޑުވެރިން އުފައްދާ ތަކެތި އެންމެ ކައިރިން އަމިއްލަ ރަށުން އަތޮޅުން އަދި މާލެއިން ވެސް ގަނެވިއްކަން ފަސޭހަވާނެ 'ދިވެހި ދަނޑުވެރިޔާ' ވެބްސައިޓް އަދި މޯބައިލް އެޕްލިކޭޝަން

ލިޔުޝާ ބުނީ އޭނާ 2014 ވަނަ އަހަރުން ފެށިގެން ދަނޑުވެރިކަން ކުރަމުން އައި ނަމަވެސް އޭގެ ފައިދާ އެންމެ އެކަށޭނަ ގޮތުގައި ނުލިބޭ ކަމަށެވެ. ގޮންޖެހުންތަކުގެ މިސާލެއްގެ ގޮތުން އޭނާ ދެއްކީ ގިނަ ދަނޑުވެރިންނަށް ދިމާވާ މައިގަނޑު އެއް މައްސަލަ ކަމަށްވާ ވިއްސާރައިގެ ސަބަބުން ދަނޑަށް ލިބޭ ގެއްލުމާ އެކު އަލުން އެ މަސައްކަތް ފަށަން ނާސަރީ ގަސް ލިބެން ނުހުރުމެވެ. ނަމަވެސް ބީއެމްއެލްގެ އެހީގައި މިހާރު ނާސަރީ ހަދައި ބެކަޕް ގަސް ހައްދައި ލިޔުޝާ އަމިއްލައަށް ބޭނުންކުރުމުގެ އިތުރުން އެހެން ދަނޑުވެރިންނަށް ވެސް 'ދިވެހި ދަނޑުވެރިޔާ' ވެބްސައިޓާއި އެޕް މެދުވެރިކޮށް ގަންނަން ލިބޭނެ ގޮތް ވަނީ ހަދައިފަ އެވެ.
ރާއްޖޭގައި ރަނގަޅު މާކެޓެއް އޮތް ދަނޑުވެރިކަމުގެ އެއް އުފެއްދުމަކީ މިރުހެވެ. ގިނަ މީހުން މިރުސް ހައްދަނީ ކެމިކަލް އެލުކެވޭ ޕެސްޓިސައިޑާއި ގަސްކާނާ ބޭނުންކޮށްގެން ކަމަށްވާއިރު، ލިޔުޝާ ބުނީ އެ އެއްޗެހި ބޭނުންކުރުމުގައި ބައެއް މީހުންގެ "ހިފެހެއްޓުމެއް ނުހުރޭ" ކަމަށެވެ.
"ބައިވަރު ކެމިކަލް ހިމެނޭ ބޭސް މި ބޭނުންކުރަނީ އެއްވެސް ހިފެހެއްޓުމެއް ނެތި. ސާދަ ދުވަހުން ޖަހަން ޖެހޭ ބޭސް ބައެއް މީހުން އެބަ ޖަހާ ތިން ދުވަހުން. އެއްވެސް ސްޓޭންޑާޑެއް ނުހުރޭ. އެއާއެކީ މި އަންނަ މައްސަލަ އަކީ އެފަދަ ބޭސްތަކާއި ކެމިކަލްތަކާ ހުރެ އިންސާނުންނަށް ޖެހޭ ބަލިތަކާއި ތިމާވެއްޓަށްވާ ގެއްލުން،" އޭނާ ބުންޏެވެ.

ލިޔުޝާގެ ދަނޑުގައި ހައްދާ ތަކެއްޗަކީ ވީހާވެސް މަދުން ކެމިކަލްގެ ބާވަތްތައް ބޭނުންކޮށްގެން ހައްދާ އުފެއްދުންތަކަކަށް ހެދުމަށް އޯގަނިކް ގަސްކާނާ އުފެއްދުމަކީ އޭނާގެ މަގުސަދެކެވެ. އަދި އެ އުފެއްދުންތަކަކީ ދަނޑުވެރިކަމުގެ އެންމެ ރަނގަޅު މިންގަނޑަށް ފެތޭ ތަކެތިކަން އަންގައިދޭ ސެޓްފިކެޓް ހޯދުމުގެ މަސައްކަތް ވެސް އޭނާ އަންނަނީ ކުރަމުންނެވެ.
ދަނޑުވެރިކަމުގެ މަސައްކަތާ މެދު ލިޔުޝާގެ އަނެއް ކަންބޮޑުވުމަކީ ރާއްޖޭގެ ރަށްރަށުން ކަޅު ފަސް ނަގައިގެން ވިއްކުމެވެ.
"ބޮޑެތި ބަސްތާތަކުގައި މާލެއަށް އެބަ ގެންދޭ ރަށްރަށުން ވެލި ނަގައިގެން. އޭގެ ސަބަބުން ރަށުގެ ވެލިފަށަލަ ތުނިވެ، ބޮޑެތި ވަޅުގަނޑުތައް ހެދިފައި އެބަހުރި،" ލިޔުޝާ ބުންޏެވެ. އެއީ ވިއްސާރައިގެ ސަބަބުން ރަށުގައި ފެންބޮޑުވެ، އުދައިގެ އަސަރު ބޮޑަށް ކުރާނެ ސަބަބެއްކަން އޭނާ ފާހަގަކުރި އެވެ.


ލިޔުޝާ ބުނީ ބީއެމްއެލްގެ ސްޓާޓް އަޕް ގްރާންޓާ އެކު މިވީ ދުވަސްތަކުގެ ތެރޭގައި ދަނޑުވެރިކަމުގެ މަސައްކަތަށް ބޮޑު ކުރިއެރުމެއް އައިސްފައިވާ ކަމަށެވެ. މަސައްކަތް އިތުރަށް ފުޅާ ކުރުމަށް ދަނޑުވެރިކަމުން ލިބޭ ނަފާ އަލުން އިންވެސްޓު ކުރަމުން އަންނަ ލިޔުޝާގެ އުއްމީދަކީ ސިއްހަތަށް ފައިދާވާނެހެން، ދަނޑުވެރިކަމުގެ ބެސްޓް ޕްރެކްޓިސްގައި ދަނޑު ހައްދައިގެން ލިބޭ ތަކެތި ބާޒާރަށް ނެރުމެވެ.
މުޅި ދުނިޔޭގައި ވެސް ކާނާގެ ރައްކާތެރިކަން ހީނަރުވަމުންދާ އިރު، ރާއްޖޭގެ ކޮންމެ ރަށެއްގައި އެ ރަށަކަށް ބޭނުންވާ ވަރަށް ރައްކާތެރި ކާނާ އުފެއްދުމުގެ މުހިއްމުކަން ލިޔުޝާ ފާހަގަކުރި އެވެ.
ކޮމެންޓް