ފަލަސްތީނާ އެކު ދިވެހިން: ދީލަތިކަމާއި އެހީތެރިކަމުގެ ނަމޫނާއެއް

ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ ފަލަސްތީން ރައްޔިތުން ދެކެ ދިވެހިންގެ ހިތުގައި އަބަދުވެސް ވަރަށް ބޮޑު ލޯތްބެއް އޮންނަ ކަމަށް
15 ނޮވެމްބަރު 2023

ފަލަސްތީނުގެ ބޮޑުވަޒީރު މުހައްމަދު އަޝްތިޔާގެ މެސެޖް، ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމަށް އާންމުކޮށް ލިބިވަޑައިގަނެ އެވެ. އޭނާގެ މެސެޖްތަކުގައި އަބަދުވެސް ހުންނަނީ، ފަލަސްތީން ރައްޔިތުންނާ މެދު ދިވެހިންގެ ހިތުގައި އޮތް ލޯތްބާއި އެހީތެރިކަމަށް ޝުކުރު އަދާކުރެއްވުމުގެ ބަސްފުޅުތަކެވެ.

"ދިވެހިން ފަލަސްތީނާ އެކު ތިބީތީ އުފާކުރަމޭ، ލިބޭ އެހީތެރިކަމަށް ވަރަށް ބޮޑަށް ޝުކުރިއްޔާއޭ ވިދާޅުވި،" އަޝްތިޔާ މި ފަހުން ފޮނުއްވި މެސެޖަކަށް އިޝާރަތްކުރައްވަމުން ފައިސަލް ވިދާޅުވި އެވެ.

ނައިބު ރައީސް އިންނެވީ އެމަނިކުފާނުގެ ރަސްމީ ގެކޮޅު ހިލާލީގޭގަ އެވެ. ވެރިކަން ނިމުމުގެ ކުރިން 'ދައުރު'ން އެދުނު އެދުމަކަށް ދެއްވި އިންޓަވިއުއެއްގެ ތެރޭގަ އެވެ. ފަލަސްތީނާއި ދިވެހިންގެ ގުޅުމާ ބެހޭ ގޮތުން ސުވާލު ދެންނެވީ، އިޒުރޭލުން ގާޒާ ފުނޑުކުރަމުން، އެތައް ހާސް ބަޔަކު މަރަމުން ދާދިއުމުގައި، ދިވެހިންގެ ދީލަތި އެހީތެރިކަން ފަލަސްތީންގެ ރައްޔިތުންނަށް ފޯރުކޮށްދޭން ކުރާ މަސައްކަތަށް އަމާޒުކޮށެވެ. ފައިސަލްއަކީ، ވަރަށް ޒުވާން އިރުއްސުރެ އިޖުތިމާއީ އެކި ކަންކަމުގައި ހިލޭސާބަހަށް ބައިވެރިވެވަޑައިގެން، އެހީ ދެއްވުމުގެ ނަމޫނާ ބޭފުޅެކެވެ.

ގާޒާގެ އުތުރު ސަރަހައްދުން ނުކުމެގެން އާންމުން ހިނގާފައި ދެކުނަށް ދަނީ: އެތައް ލައްކަ ބަޔަކު ވަނީ ގެދޮރުން ބޭރުވެފައި

ފަސް އަހަރުގެ ދައުރެއް ފުރިހަމަކުރައްވާ ރާއްޖޭގެ ފުރަތަމަ ނައިބު ރައީސްގެ ގޮތުން ތާރީހަށް ވަންނަ ފައިސަލް ފާހަގަކުރެއްވީ ދިވެހިންގެ ކިބާގައި ހުންނަ އެހީތެރިކަމާއި ދީލަތިކަމުގެ ސިފަ އެވެ. އެކަމާ އެހާމެ އުފާ ވެސް ކުރައްވަ އެވެ.

"ފަލަސްތީން ބެލެވިފައި އޮންނަނީ [ދިވެހިން] އެބަޔަކު ދެކެ އެންމެ ލޯބިވާ ރައްޔިތުންގެ ގޮތުގައި. އަޅުގަނޑުމެން ކުޑައިރު ވެސް ފެނުނު ފަލަސްތީނާއި ދިވެހިންގެ އޮތް ލޯބި،" ފަލަސްތީންގެ މިނިވަންކަމަށް އެންމެ ބޮޑު މަސައްކަތެއް ކުރެއްވި ޕީއެލްއޯގެ ލީޑަރު ޔާސިރު އަރަފާތު 22 ޖުލައި 1984ގައި ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް އިޝާރަތްކުރައްވަމުން ފައިސަލް ވިދާޅުވި އެވެ.

އިޒްރޭލްގެ ހަމަލާތަކުގައި ގާޒާގެ ބައެއް ސަރަހައްދުތައް ވަނީ ބިމާ ހަމަކޮށްލާފައި

އެމަނިކުފާނު ވިދާޅުވި ގޮތުގައި ދިވެހިންނަކީ އަބަދުވެސް އެހީތެރިވާން، އެހީ ދޭން ލޯބިކުރާ ބައެކެވެ. ހާއްސަކޮށް މުސްލިމުންނަށް ކުރިމަތިވާ ކަންކަމުގައި އެހީ ފޯރުކޮށްދިނުމުގައި ދިވެހިން ދައްކަނީ ވަރަށް ބޮޑު އެއްބައިވަންތަކަމެއް ކަން ފާހަގަކުރެއްވި އެވެ.

ގާޒާއަށް އިޒްރޭލުން މިހާރު ދޭ ހަމަލާތަކަކީ، އޭގެ ކުރިން ފެނުނު ހަނގުރާމަތަކާ ހިލާފަށް، ވަރަށް ގެއްލުން ބޮޑު، އަނިޔާވެރިކަން ވެސް ބޮޑު އަމަލެެއް ކަމަށް ފައިސަލް ވިދާޅުވި އެވެ. އެހެންކަމުން، އެމަނިކުފާނު ވިދާޅުވީ، ކުރިން ވެސް އަދި މިހާރު ވެސް ދިވެހިންގެ ފަރާތުން އެއް އަޑަކަށް އިވެނީ ފަލަސްތީންގެ ވާހަކަ ކަމަށެވެ.

ފަލަސްތީނާ އެކު ދިވެހީން ތިބިކަން ދައްކައިދޭން މާލޭގައި ބޭއްވި ސައިކަލް ބުރެއް (ދައުރު ފޮޓޯ/ހުސައިން ސުނޭން)

"މިފަހަރު މި ފެންނަނީ އާދަޔާ ހިލާފަށް، އާދަޔާ ހިލާފު މިންވަރަކަަށް ފަލަސްތީން ރައްޔިތުންނާ އެއްކޮށް ދިވެހިން [ތިބިތަން]. އެމީހުންގެ ކެކުޅުމާއި ވޭނާއި ތުރާތައް، އެކަންތައްތަކުގައި ކޮށްދެވުނު ކޮންމެ ކަމެއް ކޮށްދިނުމަށް، ދިވެހި އަންހެނުންނާއި ދިވެހި ފިރިހެނުން، ދިވެހި ހުރިހާ އެންމެން،" ފައިސަލް ވިދާޅުވި އެވެ.

"އަޅުގަނޑު ވަރަށް އުފާކުރަން. އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެން ހުރިހާ އެންމެން ވެސް ވަރަށް އުފާކުރާނެ ކަމެއް ހެން."

ގާޒާގައި ހާލުގައި ޖެހިފައި ތިބި 2.3 މިލިއަން މީހުންނަށް އެހީތެރިވާން، އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)އަށް ދިވެހިން ދިން މާލީ އެހީތެރިކަން 24 މިލިއަން ރުފިޔާއަށް ވުރެ ބޮޑެވެ. 

އައިއޭސީގެ އިތުރުން ދިވެހި ރެޑް ކްރެސެންޓުން ހުޅުވާލި އެހީގެ ކެމްޕޭނަށް ލިބުނު ފައިސާގެ އަދަދު، އެންމެ ފަހުން އާންމުކުރި ހިސާބުތަކަށް ބަލާއިރު، 2 މިލިއަން ރުފިޔާއާ ކައިރިކުރެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް