ދެވަނަ ބުރުގައި ކޯލިޝަން ހެދުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ސަން އައިލެންޑަށް ކުރެއްވި ދަތުރުފުޅުގައި މާމިގިލީ އެއާޕޯޓުން އެމަނިކުފާނަށް ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމް މަރުހަބާ ދަންނަވަނީ

މަލާމާތްކުރިޔަސް ގާސިމްގެ ނިންމެވުން ތަފާތު

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވަކި ކޮޅަކަށް އަރުއްވައިގެން އެ ބައެއްގެ 'ބަތަލަކަށް' ވެވަޑައިގަތުމުގެ ފުރުސަތު ގާސިމަށް އޮތް. އެކަމަކު ހިޔާރު ކުރެއްވީ ވަކި ކޮޅެއް ނުނަންގަވަން
19 ސެޕްޓެމްބަރު 2023
2

މަލާމާތްކުރާ މީހުންގެ މަލާމާތުގެ ބަސްތަކަށް ގާސިމް އިބްރާހިމް އަލެއް ނޫނެވެ. އެކަމަކު ކުރިން ބޭއްވި ރިޔާސި ތިން އިންތިހާބުގައި ވެސް އޭނާ ނެންގެވި ކޮޅު އޮތީ މޮޅުވެފަ އެވެ. އެ މޮޅުވާ ކޮޅެއްގެ ސަޕޯޓަރުންނަށް އެ ވަގުތު ގާސިމަކީ 'ގައުމީ ބަތަލެކެ'ވެ.

މިފަހަރު ކުރީ އިންތިހާބުތަކާ ތަފާތެވެ. ފުރަތަމަ ބުރުގައި ވާދަކުރައްވައި އޭނާއަށް ލިބިވަޑައިގަތް 5،400 ވޯޓަކީ، އެއްވެސް މީހަކު ހީކުރިވަރުގެ އަދަދެއް ނޫނެވެ. ކުރިން 2008 އާއި 2013ގައި 27،000 އާއި 50،000އާ ދެމެދުގެ އަދަދަކަށް ވޯޓު ހޯއްދެވި އެވެ.

އަމިއްލަ ޕާޓީ، ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓްގެ ގޮތުން މިފަހަރުގެ އިންތިހާބު ކޮންމެ ގޮތަކަށް ބެލިކަމުގައި ވިޔަސް، ގާސިމަށް ނާކާމިޔާބެވެ. އެކަމަކު ދެވަނަ ބުރުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް، ގާސިމްގެ އެ ނަންބަރަކީ، އަސްލު ބާރު ނޫންކަން އެނގިވަޑައިގަނެ އެވެ. ދެވަނަ ބުރުގައި އެމަނިކުފާނުގެ ފަހަތްޕުޅަށް ގާސިމް ގެންދެވޭތޯ ވިސްނައިދެއްވަން، ދެ ދުވަސް ސަން އައިލެންޑް ރިސޯޓްގައި ހޭދަކުރެއްވުމަކީ، އޭގެ ހެއްކެވެ.

ފުރަތަމަ ބުރުގައި އެއް ވަނަ ހޯއްދެވި ޕީއެންސީ-ޕީޕީއެމްގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ވެސް އިސް ވަފުދެއް ސަންއަށް ގޮސް ގާސިމާ އެކު އެތައް ގަޑިއިރެއްގެ މަޝްވަރާތައް ބޭއްވި އެވެ. އަދި އާންމުކޮށް ނުފެންނަ ގޮތަށް އެތައް ވާހަކަތަކެއް ކުރިއަށް ދާނެކަމާ މެދު ވެސް ޝައްކެއް ނެތެވެ.

ނަމަވެސް ގާސިމް ނިންމެވީ މިފަހަރު އެއްވެސް ކޮޅަކަށް ނާރުއްވައި، ވަކި ފަރާތަކަށް ޖެހިވަޑައިނުގެން ހުންނަވާށެވެ. ޖޭޕީގެ ކައުންސިލުން ހުރިހާ ބާރެއް ދީފައި އޮއްވާ ވެސް، ނިންމެވީ އެހެންނެވެ.

ދެވަނަ ބުރުގައި ވަކި ކޮޅެއް ނުނަންގަވަން ނިންމެވުމަށް ފަހު ގާސިމް، ނޫސްވެރިންނާ ވާހަކަ ދައްކަވަނީ (ފޮޓޯ/ހުސައިން ސުނޭން)

"އަޅުގަނޑު ދަންނަވާނީ އެއީ ގައުމީ ނިންމެވުމެކޭ. އެ ނިންމެވުން އިއުލާންކުރެއްވީމާ އަޅުގަނޑުގެ ގައިން ވެސް ހީބިހި ނެގި،" ގާސިމްގެ އަރިސް ބޭފުޅަކު، މިވަގުތުގެ ހާލަތު އޮތް ގޮތުން ނަން ނުޖަހަން އެދިވަޑައިގަންނަވަމުން، ވިދާޅުވި އެވެ.

މިދިއަ ތިން އިންތިހާބުގައި ވެސް ގާސިމަކީ ވޯޓުގެ ނަތީޖާ އަނބުރާލުމުގެ މޭސްތިރި އެވެ. އެންމެ ފަހުން އޮތް 2018ގެ އިންތިހާބުގައި، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުރިމަތިކުރުވި ހުރަސްތަކާ އެކު ވާދަނުކުރެއްވުނު ނަމަވެސް ރާއްޖެއިން ބޭރުގައި ހުންނަވައިގެން ވެސް، ރައީސް ސޯލިހަށް ވޯޓު ހޯދައިދެއްވަން، ކުޅުއްވީ ބޮޑު ރޯލެކެވެ. 

ގާސިމްގެ އަރިސް ބޭފުޅަކު ވިދާޅުވީ ކޮންމެ ފަހަރަކު ވެސް ގާސިމް ވަކި ކޮޅެއް ނަންގަވަނީ ވަރަށް ގިނަ އާދޭސްތައް އަޑުއައްސަވައި، ވަރަށް ބޮޑު އިތުބާރަކާ އެކުގައި ކަމަށެވެ. އޭގެ ހެކި ތާރީހުން އެ އޮތީ ފެންނާށެވެ. މިސާލަކަށް 2008ގެ އިންތިހާބުގެ ދެ ވަނަ ބުރުގައި، އޭރުގެ ބާރުގަދަ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެކޮޅަށް ދެވަނަ ބުރަށް އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ނަޝީދު ނުކުންނެވި އިރު، ވޯޓު ހޯދަން ގާސިމް ރައްޔިތުންގެ ކިބައިން، ތަކުރާރުކޮށް، އާދޭސް ދެންނެވި އެވެ. 

ދެން އައި 2013ގެ އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓް ޔާމީންގެ ކޮޅަށް އެރުއްވީ އެތައް ބަޔަކު، އެތައް އާދޭހެއް ކުރުމުންނެވެ.

"ވަރަށް ގިނަ މީހުން ކިހިނެއްތޯ އޭރު އުޅުނީ ގާސިމަށް ވިސްނައިދޭން؟ އެ އެންމެންގެ އަޑު އަހާފައި ގާސިމް ޔާމީން ކޮޅަށް އެރީ،" ކުރިން ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި އެވެ.

އެކަމަކު ގާސިމްގެ އަރިސް އެތައް ބަޔަކު ގަބޫލުކުރަނީ އެއިން ކޮންމެ ފަހަރަކު ވެސް ގާސިމަށް ލިބިވަޑައިގަތީ ކެހި ކަމަށެވެ. ސަރުކާރުން ޖޭޕީއަށް ދޭނެ މަގާމުތަކާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަކުރާނެ ހަމަތަކާ މެދު އެއްބަސްވި ގޮތަށް އެއްވެސް ސަރުކާރަކުން އަމަލްކޮށްފައެއް ނުވެ އެވެ. 

"އެ ހުރިހާ ކަމެއް އެހެން ހުއްޓާ ދެން ގާސިމަށް ބަވަނީ. ޒުވާނުންނަށް ވިސްނައިދެނީ ގާސިމަކީ ދައުލަތް ކާލާ ބޭފުޅެކޭ. އެކަމަކު ގާސިމެއް ނެތޭ ދައުލަތް ކާލާފައެއް. މިހާރު އެ ހުރި ރިސޯޓްތަކުގެ ތެރެއިން ސަން އައިލެންޑް އެކަންޏޭ ގާސިމަށް ބިޑްކޮށްގެން ލިބިފައި އޮތީ. ދެން އެ ހުރީ އެހެން މީހުންގެ ރަށްރަށް ތަރައްގީކޮށްދީފައި،" ކުރިން ވާހަކަދެއްކެވި ބޭފުޅާ ވިދާޅުވި އެވެ.

"ސަރުކާރުން ދީފައި ހުރި ފަޅެއް ވިއްޔާ، ރަށެއް ވިއްޔާ އެއީ ގާސިމް ސަރުކާރާ އެކު ކޮށްފައި ހުރި ވިޔަފާރީގެ މުއާމަލާތްތަކުން ލިބެން ޖެހޭ އެއްޗެހި. ކޯޓުން ނިންމާފައި ހުރި މައްސަލަތައް."

ރިޔާސި އިންތިހާބުގެ ކެމްޕެއިންގެ ފަހު ދުވަހު ގާސިމްގެ ސަޕޯޓަރުން: މިފަހަރު ލިބިވަޑައިގެންނެވި ވޯޓުގެ އަދަދު ހީކުރި ވަރަށް ވުރެ މާ މަދު (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ގާސިމް ބޭނުންފުޅުވި ނަމަ ވަރަށް ބޮޑެތި އޮފާތަކެއް މިފަހަރު ލިބިވަޑައިގަތީސްކަން، އެކި މަޝްވަރާތަކުގެ މައުލޫމާތު ލިބިވަޑައިގެން ހުންނެވި ބޭފުޅަކު ވިދާޅުވި އެވެ. ނަމަވެސް ގާސިމް ނިންމެވީ ވަކި ކޮޅެއް ނުނަންގަވާށެވެ. އޭގެ ސަބަބު، ޖޭޕީގެ ކައުންސިލް ބައްދަލުވުމަށް ފަހު، ރައްޔިތުންނަށް ވިދާޅުވި އެވެ.

ކޮބައިތޯ "މި ކަހަލަ ވިޔާނުދާ ސަރުކާރު ގެންނަން ކޮރަޕްޝަން، ރައްޔިތުންނަށް ހިޔާނާތްތެރިވާ މީހުން ވެރިކަމަށް ގެންނަން މަސައްކަތް ކުރުމުގެ ބޭނުމަކީ؟،" ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުން ނަމަ މީގެ ކުރިން ވަކި ކެންޑިޑޭޓަކު ވެރިކަމަށް ގެންނަން ކުރެއްވި މަސައްކަތުން ނަގާލެއްވުނީ 'މަގޭ އިއްޒަތުއް ނަފުސެ'ވެ. ވެރިކަމާ ހަވާލުވުމަށް ފަހު އެ ސަރުކާރުތަކުން ހިންގީ ހިޔާނާތް ކަމަށާއި ގައުމުގެ މިނިވަންކަން ވައްޓާލީ ނުރައްކަލުގެ ތެރެއަށް ކަމަށް ވެސް، ވިދާޅުވި އެވެ. އޭގައި ކުރީގެ ރައީސް ނަޝީދެކޭ، ކުރީގެ ރައީސް ޔާމީނެކޭ އަދި މިހާރުގެ ރައީސް ސޯލިހު، ވަކި ތަފާތެއް ނެތެވެ.

އެ ވާހަކަތަކަށް ބާރު ލިބޭ ހެކިތައް ހުރީ ފެންނާށެވެ. މިސާލަކަށް އިންޑިއާ ސިފައިންގެ ފުރަތަމަ ހެލިކޮޕްޓަރު ރާއްޖެ ގެނައީ ނަޝީދުގެ ވެރިކަމުގަ އެވެ. ދެވަނަ ހެލިކޮޕްޓަރު ރައީސް ޔާމީންގެ ވެރިކަމުގަ އެވެ. އުތުރު ތިލަފަޅު (ޔޫޓީއެފް)ގެ މަޝްރޫއުގެ އެމްއޯޔޫގައި އިންޑިއާއާ އެކު ސޮއިކުރީ ޔާމީންގެ ވެރިކަމުގަ އެވެ. އެ އެމްއޯޔޫ، އެއްބަސްވުމަކަށް ބަދަލުކޮށް، ރަސްމީ ކުލަ ޖެއްސީ، ރައީސް ސޯލިހުގެ ވެރިކަމުގަ އެވެ.

ގާސިމްއާ މަޝްވަރާކުރަން ސަން އައިލެންޑަށް ދިޔަ ޕީޕީއެމްގެ ވަފުދު ގާސިމާ އެކު، މާމިގިލީ އެއާޕޯޓްގައި: ގާސިމްގެ ވިސްނުން ބަދަލެއް ނުކުރެވުނު

އެހެންކަމުން ގާސިމްގެ ވިސްނުންފުޅު ބިނާވެފައި އެހުރީ، އޭނާގެ އަރިސް ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި، މިދިއަ ތިން ސަރުކާރުން ވެސް ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާނެ ގޮތަށް ކަންކަން ކޮށްފައި ހުރި ކަމުގެ މައްޗަށެވެ. ނަތީޖާއަކީ މިފަހަރުގެ އިންތިހާބު، ރައީސް ސޯލިހާއި ޑރ. މުއިއްޒުގެ ތެރެއިން ކޮންމެ ބޭފުޅަކު ކާމިޔާބުކުރެއްވިޔަސް، އޭގެ ސަބަބުން ރާއްޖެއަށް ކުރާނެ މާ ބޮޑު ފައިދާއެއް ނެތްކަން ގާސިމަށް ގަބޫލުކުރެއްވުމެވެ.

ވަކި ކޮޅަކަށް ނާރުއްވަން ގާސިމް ނިންމެވުމުން ވެސް ސޯޝަލް މީޑިއާގައި ކުރިމަތިވީ މަލާމާތެވެ. ފުރައްސާރަ އެވެ. އެކަމަކު ގާސިމްގެ އަރިސް ބޭފުޅުން ގަބޫލުކުރައްވަނީ އެއީ 'ގައުމީ ނިންމެވުމެއް' ކަމަށެވެ.

ގާސިމް ހުންނެވީ ސަން އައިލެންޑްގަ އެވެ. ރައީސް ސޯލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ދެ ދުވަސް ހޭދަކުރެއްވީ އެ ރިސޯޓްގައި ގާސިމަށް ވިސްނައިދެއްވާށެވެ. އިންޑިއާއާ އެކު ސަރުކާރުން ހަދާފައި ހުރި އެއްބަސްވުންތަކުގެ މައުލޫމާތު ވަރަށް ތަފުސީލުކޮށް ދިނެވެ. އެހާ ވަރަށް ރައީސް ސޯލިހު މަސައްކަތްޕުޅު ކުރެއްވީ، އެންމެ 5،000 ވޯޓު ލިބިވަޑައިގަތަސް ގާސިމްގެ އަސްލު ބާރަކީ އެއީ ނޫންކަން ގަބޫލުފުޅުކުރައްވާތީ އެވެ.

އެކަމަކު ކުރީގެ ތިން އިންތިހާބާ ހިލާފަށް ގާސިމްގެ ވިސްނުން ބަދަލުކުރެއްވޭނެ ބޭފުޅަކު މިފަހަރަކު ނެތެވެ. އެ ހުންނެވީ ކުރީގެ ތަޖުރިބާތަކުން އިބުރަތް ހާސިލްކުރައްވައިގެންނޭ، ގާސިމްގެ ސަޕޯޓަރުންނަށް ބުނެވިދާނެ އެވެ.

"ކުރީގެ ސަރުކާރުތަކުން ކޮށްފައި ހުރި ވިޔާނުދާ ކަންކަމު'ގެ ބަދުނާމު އަމިއްލަ އިސްތަށިފުޅުގައި ވެސް އެޅުނު ކަމަށް ގާސިމް ގަބޫލުކުރައްވަ އެވެ. އެހެންވެ ދެން އެ ސަފުހާ އަލުން ލިއުއްވާކަށް ބޭނުންފުޅެއް ނުވި އެވެ.

ކުރިއަށް އޮތް ފަސް އަހަރު ކޮންމެ ބަޔަކު ވެރިކަން ކުރިޔަސް، އެބަޔަކު ވެރިކަމަށް ގެންނަން ގާސިމް އެއްވެސް ރޯލެއް ކުޅުއްވާފައި ނުވާނެކަން، ރައްޔިތުންނަށް އެއޮތީ ދައްކަވައިފަ އެވެ. މަލާމާތްކުރިޔަސް ހެޔޮ ކަމަށެވެ. ސޯޝަލް މީޑިއާގައި ފުރައްސާރަކުރިޔަސް ހެޔޮ ކަމަށެވެ.

ކޮމެންޓް (2)

ބެއްޔާ

20 ސެޕްޓެމްބަރު 2023
އިލްހާމުގެ އަނގަ ވިހަ ޖެހުގެން ވޯޓްމަދުވީ. މާމޮޅުމީހަކަށްވެގެން ވިލާޓީވީގައި ބުނީ އެއްވެސް ޝައްކެތް ނެތޭ ރައީސްކަމުގެ ހުވާ ކުރާނީ ގާސިމޭ.
2 0

ޙަސަނާ

20 ސެޕްޓެމްބަރު 2023
ސިޔާސީ މަގާމު ހޯދަން ގާސިމު ފަހަތުހައި އޮތް ބައިގަނޑަށް ލަނޑެއް.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް