ލޯފަން ތިން އިމާމުން: ވޯޓު ދިނުމުގެ ހައްގު ކަށަވަރުވީ އަދި ކިރިޔާ

ވޯޓު ލުމުގައި އަމިއްލަ މިނިވަންކަން އިހުސާސްކުރެވުނީ އަދި ކިރިޔާކަން ތިން މީހުން ވެސް ފާހަގަކުރި

ލޮލަށް ފެނުމުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، މީގެ ކުރިން ބޭއްވި އިންތިހާބުތަކުގައި ވޯޓުލާން ޖެހެނީ އެހެން މީހެއްގެ އެހީތެރިކަމާ އެކު އެވެ. އަމިއްލައަށް ފާހަގަ ޖެހުމުގެ އިންތިޒާމެއް ނެތުމުން، ވޯޓު މިލަނީ ތިމާ ބޭނުންވާ މީހައަށް ކަމުގެ ޔަގީން ކަމެއް ނޯވެ އެވެ. އެކުގައި ވޯޓުލާން ދާނެ އެހީތެރިޔަކު ކަނޑައެޅުމުން ވެސް އޮންނަނީ ބޮޑު ނުތަނަވަސް ކަމަށް ވެފަ އެވެ. އާއިލާ ތެރޭގައި ޒުވާބު ވެސް އިންތިހާއަށެވެ. މިއީ، އާ ގާނޫނުއަސާސީ އައި ފަހުން، އެމީހުން މީގެ ކުރީގެ އިންތިހާބުތަކުގައި ކުރަމުން ދިޔަ ޝަކުވާތަކެވެ.

ނަމަވެސް މިއަދު މި ބާއްވާ ރިޔާސީ އިންތިހާބުގައި އެ ޝަކުވާތަކަށް މި ވަނީ ނިމުން އައިސްފަ އެވެ. ރާއްޖޭގައި ތިބި އެފަދަ 800އެއްހާ މީހުން އަމިއްލައަށް، ވޯޓު ކަރުދާސްކޮޅުގައި ފާހަގަ ޖެހުމުގެ އިންތިޒާމް އޮތީ ހަމަޖައްސައިފަ އެވެ.

"ވަރަށް ބޮޑު އުފާވެރިކަމެއް މިއީ. މިނިވަންކަމެއް ލިބިގެން މިދިޔައީ. އަސްލު ވޯޓުގެ މިނިވަންކަން ކަށަވަރުވެގެން މިދިޔައީ މިއަދު. ގާނޫނުއަސާސީ އައި ފަހުން 15 އަހަރު ވެގެން ދިޔައިރު، ދެ ވަނަ ބާބުގައި ބުނާ ހައްގު، ހަމަހަމަކާ އެކު ލިބުމުގެ ހައްގު ލިބެން ޖެހޭ ގޮތަށް އަދި ކިރިޔާ ކަށަވަރު މިވީ ވޯޓުލުމުގައި،" އަމީނިއްޔާ ސްކޫލްގައި ހުރި ވޯޓު ފޮއްޓަކަށް ވޯޓުލުމަށް ފަހު، ލޯފަން އެހެން ދެ ރަހުމަތްތެރިންނާ އެކު އިން ސައްދާމް، 34، ބުންޏެވެ.

ސައްދާމް: އަމިއްލައަށް ވޯޓު ލެވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް (ދައުރު ފޮޓޯ/ ހުސައިން ސުނޭން)

ކ. ދުނީދޫ މިސްކިތުގައި އިމާމެއްގެ ވަޒީފާ އަދާކުރާ ސައްދާމް މިއަދު މާލެ އައީ ވެސް އުފަލާ އެކު އެ ހައްގު ފުރަތަމަ ފަހަރަށް ލިބޭ އިންތިހާބުގައި ވޯޓު ލުމަށެވެ. 

"މިއޮތްހާ ދުވަހު ވެސް ވޯޓުލެވޭ، އެކަމަކު ވޯޓުލާން މި ޖެހެނީ ކޮންމެވެސް މީހަކާ އެކު އެމީހަކު ފާހަގަ ޖެހި ދިމާލެއްގައި. އަޅުގަނޑު ގެންދާ މީހެއް ކައިރީ ބުނާނީ މިވެނި ކެންޑިޑޭޓަކަށް ވޯޓުލާށޭ. އެކަމަކު އެބޭފުޅާ ފާހަގަ ޖެހީ އެ ކެންޑިޑޭޓާ ދިމާލުގައި ކަމަށް ކަށަވަރު ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ އޭރު،" ސައްދާމް ބުންޏެވެ.

ސައްދާމް (ވ) އާއި އޭނާގެ ރަހުމަތްތެރިޔާ ހުސައިން ޝަރީފް --(ދައުރު ފޮޓޯ/ ހުސައިން ސުނޭން)

"އެކަމަކު މިހާރު ވެއްޖިއްޔާ އަޅުގަނޑުމެން އަމިއްލައަށް ބޭނުންވާ ގޮޅިއެއްގައި ފާހަގަ ޖަހާފައި ފޮއްޓަށް ވޯޓުލާފައި އަންނަންވީ. އެހެންވީމަ، އެ ހިތްހަމަޖެހުމާއި އެ އުފާ މިއަދު އެބަ އޮތް."

ސައްދާމާ އެކު އަމީނިއްޔާ ސްކޫލް ގޯތި ތެރޭގައި ތިބި ދެ ރަހުމަތްތެރިންނަކީ ވެސް ދެ އިމާމުންނެވެ. އެމީހުން ވެސް މިއަދު މާލެ އައިސް ވޯޓުލީ، ހާއްސަ އިންތިޒާމްގެ ދަށުން އަމިއްލައަށެވެ. އޭގެ ތެރެއިން އެއް އިމާމަކީ، މުހައްމަދު ނާހިލް ސަލާމް އެވެ. އޭނާ ވޯޓުލީ ދަރަމަންތަ ސްކޫލްގައި ހުރި ވޯޓު ފޮށްޓަށެވެ.

ވޯޓު ލުމަށް ފަހު ނާހިލް ބުނީ 'އަޅުވެތިކަމަކުން މިނިވަންކަމަށް ދިޔަ ކަމު'ގެ އިހްސްސް މިއަދު ކުރެވިއްޖެ ކަމަށެވެ.

"އަނެއްހެން ބުނަންޏާ އަމިއްލަ ކަމެއް އަމިއްލައަށް ކުރެވުނު ކަމުގެ އުފާވެރިކަން މިއަދު މި ލިބުނީ. އެ ހިތްހަމަޖެހުން،" އައްޑޫ މަރަދޫ މިސްކިތުލް ފަލާހުގެ އިމާމްގެ ވަޒީފާ އަދާކުރާ ނާހިލް ބުންޏެވެ.

ނާހިލް އަމިއްލައަށް ވޯޓު ލާނެ ގޮތް އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލް ކިޔައިދެނީ (ދައުރު ފޮޓޯ/ ހުސައިން ސުނޭން)
ނާހިލް އަމިއްލއަށް ވޯޓު ދެނީ (ދައުރު ފޮޓޯ/ ހުސައިން ސުނޭން)

އޭނާ ބުނި ގޮތުގައި މީގެ ކުރިން އެހީތެރިއަކާ އެކު ވޯޓު ލާން ގޮސް ހިތްހަމަނުޖެހޭ ބައެއް ކަންކަން ދިމާވެފައި އެބަ ހުއްޓެވެ. 

"ކޮން އިންތިހާބެއްކަން އަޅުގަނޑު ނުބުނާނަން. އިންތިހާބެއްގައި އެބަހުރި އަޅުގަނޑު ގާތު ނުވެސް އަހާ ކާކަށްތޯ އަޅުގަނޑު ވޯޓުލާނީ. އެ ދިޔަ ގޮތަށް ފާހަގަ ލާފައި ކަރުދާސް އަޅާފައި އައީ. އަޅުގަނޑަކަށް ނުވެސް އެނގޭ ކާކަށްކަން އޭރު ވޯޓުލީ،" ނާހިލް ބުންޏެވެ.

އެކަމަކު މިއަދު އޭނާ ވޯޓު ލީ ބޭނުންވި ކެންޑިޑޭޓަށެވެ.

ލޯފަން މީހުން އަމިއްލައަށް ވޯޓު ލާން ހަދާފައިވާ ޓެމްޕްލޭޓް (ދައުރު ފޮޓޯ/ ހުސައިން ސުނޭން)

ލޯފަން މީހުން އަމިއްލައަށް ވޯޓު ލާން ދެނީ، ވޯޓު ކަރުދާހަށް އެއްވަރަށް ފައިލެއް ގޮތަށް ހަދާފައި އޮންނަ ޓްރާސްޕޭރެންޓް ޓެމްޕްލޭޓެކެވެ. މި ބަދަލު ގާނޫނަށް ގެނައީ މިދިޔަ މެއި މަހު އެވެ. އޭގެ ފަހުން އިލެކްޝަސް ކޮމިޝަނުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ވެސް ހިންގި އެވެ. މިއަދު އިލެކްޝަސްގެ އޮފިޝަލުން ވަނީ އެ ބޭނުން ކުރާނެ ގޮތް ވަރަށް ރަނގަޅަށް ކިޔައިދީފަ އެވެ.

2017ގައި ފެށި މަސައްކަތެއް ކާމިޔާބުވި ދުވަހެއް

ނާހިލް އާއި ސައްދާމްގެ އިތުރުން ދެން އިނީ ލޯފަން މީހުންގެ ޖަމިއްޔާގެ ނައިބު ރައީސް ހުސައިން ޝަރީފެވެ. ހުސައިން ފަދައިން ލޯފަން އެހެން މީހުންނަށް މި ހައްގު ހޯދައިދޭން އެ ޖަމިއްޔާއިން ވަރަށް ގިނަ މަސައްކަތްތަކެއް ކުރި އެވެ. އިދާރާތަކާ ބައްދަލުކުރި އެވެ. މަޖިލީހަށް ވެސް ދިޔަ އެވެ. މިކަމުގައި އޮތް ހައްލު އަމިއްލައަށް ވެސް ހުށަހެޅި އެވެ. އެ މަސައްކަތުގައި އެންމެ އިސް ރޯލެއް އަދާކުރި އެކަކަކީ ހުސައިން އެވެ.

"އަޅުގަނޑުމެންގެ ޖަމިއްޔާ 2010ގައި އުފެދުނީއްސުރެ އެކި ކަންކަމަށް ވަކާލާތުކޮށް، ހައްގުތައް ހޯދުމަށް މަސައްކަތް ކުރަމުން މި ދަނީ. އެގޮތުން 2017އިން ފެށިގެން ކޮންމެ އިންތިހާބެއްގައި ވެސް އިލެކްޝަންސް ކޮމިޝަނާ މި ކަމުގެ ކަންބޮޑުވުން ހިއްސާކޮށް ބައްދަލުވުންތައް ބާއްވަމުން ދިޔައީ. އެހެން ނަމަވެސް އެކި ސަބަބުތަކާ ހުރެ މި ހިސާބަށް މިކަން ނުވެ އޮތީ،" ހުސައިން ބުންޏެވެ.

ހުސެއިން އަމިއްލައަށް ވޯޓު ލުމަށް ފަހު އިނގިލީގައި ޖެހި ރޮނގު ދައްކާލަނީ (ދައުރު ފޮޓޯ/ ހުސައިން ސުނޭން)

މިފަހަރު އިންތިހާބުގައި ކޮންމެހެން ވެސް އެ އިންތިޒާމް ހަމަޖައްސަން އިތުރު ހިތްވަރަކާ އެކު މަސައްކަތް ކުރަން މަޖުބޫރުވި އެވެ. ސަބަބެއް ކަމަށް ހުސައިން ބުނީ ކޮންމެ އިންތިހާބެއްގައި އެހީތެރިއަކާ އެކު ވޯޓުލާން ޖެހުމުން އެމީހުންނަށް އެ ދިމާވާ ނިކަމެތި ކަމެވެ. އާއިލާ އިތުރަށް ބައިބައިވުމެވެ. އެހެންވެ މިކަމަށް ހާއްސަ ޓީމެއް ނަގައިގެން މި އަހަރު ކުރީކޮޅު އެކި ރަށްތަކުގައި ތިބި މީހުން ވެސް މާލެ އައިސް މި މަސައްކަތް އިތުރު ގިއަރެއްގައި ފެށީ ކަމަށް އޭނާ ބުންޏެވެ.

"މިކަން ކުރެވޭނެ ގޮތުގެ ނަމޫނާއާ އެކު، ހަގީގީ ހައްލަކާ އެކު އަޅުގަނޑުމެން އައީ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ﷲ ރަހުމަތުން އެ ކުރުވުނު މަސައްކަތުގެ ނަތީޖާގެ ސަބަބުން މިއަދު އަޅުގަނޑުމެންގެ ހުރިހާ ކުދިންނަށް ފުރުސަތު ލިބިގެން މިދިޔައީ،" ފ. ފީއަލީ މިސްކިތުގައި އިމާމެއްގެ ވަޒީފާ އަދާކުރަމުން އަންނަ ހުސައިން ބުންޏެވެ.

ބްލައިންޑް އެސޯސިއޭޝަނުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އާއި ހިއުމަން ރައިޓްސް ކޮމިޓީއާ އެކު ބޭއްވި ބައްދަލުވުމުގައި ހުސައިން ޝަރީފް ވާހަކަ ދައްކަނީ (ފައިލް ފޮޓޯ/ މަޖިލިސް)

އުމުރުން 32 އަހަރުގެ ހުސައިން ސިފަކުރި ގޮތުގައި މިއީ އެ ޖަމިއްޔާގެ ތާރީހުގައި ވެސް ގައުމީ ފެންވަރުގެ ކާމިޔާބީއެއް ލިބުނު ދުވަހެކެވެ. 

އެ ތިން އިމާމުން ވެސް މިއަދު ވޯޓު ލާ ނިންމާފައި ރަށަށް ފުރަން އެދަނީ ވަރަށް ބޮޑަށް ހިތްހަމަޖެހިގެން ތިބެ އެވެ. ކުރިން ކުރިމަތިލާން ޖެހުނު ނިކަމެތިކަމާއި އެމީހުންގެ ރުޅިވެރިކަން ނާންނާނެކަން ޔަގީންކޮށްގެންނެވެ. ކުރިއަށް އޮތް ފަސް އަހަރަށް ގައުމުގެ އެންމެ މަތީ މަގާމަށް އެމީހުން ބޭނުންވާ ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި ފާހަގަ ޖަހައިގެންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް