
ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ކުރިން ކުރީގެ ރައީސް މުހައްމަދު ނަޝީދު، ސަން އައިލެންޑަށް ކުރެއްވި ދަތުރުގައި ގާސިމްގެ ހުދު ކޮތަރާ އެކު
ވޯޓު ލުން އެއީ އެހެން ކަމެއް، މިއީ އަދި އެހެން ވާހަކަތަކެއް
މިއަދު ހަވީރު ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ހުރިހާ ހަރަކާތެއް ނިންމާލާނެ އެވެ. ހުރިހާ ކެންޑިޑޭޓުންނާއި ސަޕޯޓަރުންނަށް ދެން އޮންނާނީ މާދަމާގެ ވޯޓާއި އޭގެ ނަތީޖާ އެވެ. ފޯރިގަދަ އަދި ދަތުރުތައް ވެސް އެހާމެ ގިނަ ކެމްޕޭންގައި ކެންޑިޑޭޓުން އުޅުއްވި އިރު، އެ ކެންޑިޑޭޓުންނާ ގުޅިފައި ހުރި ރަނގަޅު އެތައް ސިފަތަކެއް ވެސް ހުންނާނެ އެވެ. ނަމަވެސް އާންމު ދިވެހިންނާ ހަމައަށް ބޮޑަށް ގޮސް އޮންނަނީ ސިޔާސީ ވާދަވެރިކަމާ ގުޅުން ހުރި ވާހަކަތަކެވެ. ރަނގަޅު ކަންކަމަށް ވުރެ ގިނައިން އެބަޔާ ގުޅޭ ނުބައި ތުހުމަތުތަކެވެ.
އާންމު ދިރިއުޅުމުގައި ގެންގުޅުއްވާ އާދަތަކުގެ ތެރެއިން ބައެއް ކެންޑިޑޭޓުންގެ ކިބައިގައި ހުރި ޝައުގުވެރި އެއް ކަމެއް، ތިލަކޮށްލުން ރަނގަޅެވެ. ކެމްޕޭންގެ ހޫނުގަނޑު މިއަދު ހަވީރުގެ ފިންޏާ އެކު ތިރިވެލުމުގެ ކުރިންނެވެ.
އުމަރު ނަސީރުގެ ކަސްރަތު
އުމަރަކީ ރާއްޖޭގައި އުފެދުނު މޮޅު ބާސްކެޓްބޯޅަ ކުޅުންތެރިންގެ ތެރެއިން އެކެކެވެ. ކުޅުން ހުއްޓާލިތާ އެތައް އަހަރެއް ވީ އިރު ވެސް އޭނާގެ ފިޓްނެސްގެ ބައި ވަރުގަދަ އެވެ. އޭގެ ސަބަބަކީ ކަސްރަތެވެ.
ކުރިން އުމަރު ބުނެފައިވާ ގޮތުން ނަމަ ދުވާލަކު 100 ފަހަރު ސިޓްއަޕްސް ހަދާ މީހެއްގެ ބަނޑެއް ނުހުންނާނެ އެވެ. މިހާރު އުމަރުގެ ކަސްރަތުގެ ބައި އޮންނަނީ ޖިމްގަ އެވެ. އެގޮތުން ކޮންމެ ދުވަހަކު ކަސްރަތަށް އޭނާ ހާއްސަކޮށްފައި އޮންނަނީ ރޭގަނޑު ހަތެކެވެ.
"ވަން އެންޑް ހާފް އަވާ [ދޮޅުގަޑިއިރު] ވަންދެން ކަސްރަތުކުރަން،" އުމަރު ވިދާޅުވި އެވެ.

އުމުރުން 56 އަހަރުގައި ވެސް އުމަރު އެހާ ފިޓްކޮށް ހުންނަނީ އެވަރަށް ހަށިގަނޑަށް ސަމާލުކަން ދީ، ގަވާއިދުން ކަސްރަތުކުރާތީ އެވެ. މިއީ އަހަރެމެން ދިވެހިން އުމަރުގެ ކިބައިން ދަސްކުރެވިދާނެ ރަނގަޅު އާދައެކެވެ.
ޑރ. މުހައްމަދު މުއިއްޒުގެ ތައުލީމު
"އެންމެ ކުޑައިރުއްސުރެ ވެސް ކަމަކީ ކިޔެވުން، ކިޔެވުން،" މުއިއްޒުގެ އާއިލީ ބޭފުޅަކު ވިދާޅުވި އެވެ.
ތައުލީމަކީ މުއިއްޒުގެ ކިބައިން ފެންނާނެ އެންމެ ހަރުދަނާ އެއް ސިފަ އެވެ. އެކަމުގައި އޭނާ ހޯއްދެވި ކާމިޔާބީތައް، ދިވެހިންނަށް ފުދެ އެވެ.
އޭ ރިޕޯޓް ނޫން އެއްޗެއް ސްކޫލް ދައުރުގައި ނެތެވެ. އަބަދުވެސް ފާސްވަމުން، ވަނަތައް ހޯއްދަވަމުން ގެންދެވީ އެއްވަނަ ދަރަޖައިގަ އެވެ. އޭ ލެވެލް ނިންމަވާފައި ރައީސުލްޖުމްހޫރިއްޔާގެ ސްކޮލޮޝިޕްގައި އިނގިރޭސި ވިލާތުގެ ޔުނިވަސިޓީ އޮފް ލަންޑަންގައި ފުރަތަމަ ޑިގްރީ، ސްޓްރަކްޗަރަލް އިންޖިނިއަރިންގެ ދާއިރާއިން، ފުރިހަމަ ކުރެއްވި އިރު ވެސް އެއް ވަނަ ދަރިވަރެވެ. އެ ދާއިރާއިން މާސްޓާސް ޑިގްރީ ވެސް ނިންމެވީ އެ ޔުނިވަސިޓީންނެވެ. އެކަމަކު ސިވިލް އިންޖިނިއަރިންގެ ދާއިރާއިން ޕީއެޗު.ޑީ ހާސިލްކުރެއްވީ ޔުނިވަސިޓީ އޮފް ލީޑްސްއިންނެވެ.

"މުއިއްޒަކީ އެއްވެސް އިރަކު ކުޅިވަރު ކުޅުނު މީހެއް ނޫން. އޭނާގެ އޮންނާނީ ކިޔެވުން،" އާއިލީ ބޭފުޅާ ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެއުން
ބަރުދަން އިތުރުވެ، ސިފަ ގެއްލުމުން ނުވަތަ ގެއްލެން ފެށުމުން ވަރަށް ގިނަ މީހުންނަށް ފުރަތަމަ ކޮށްލެވޭނެ ކަމަކީ، ކެއުން ބަދަލުކޮށްލުމެވެ. މީރު ކެއުންތައް ދޫކޮށްލައި، އަވަހަށް ހިއްކާލެވޭނެ ކަހަލަ ކެއުންތަކަށް ވަދެގަނެ އެވެ.
ނަމަވެސް އެއީ ވަގުތީ ހައްލެކެވެ. މުހިންމީ އަބަދުވެސް ފައިދާ ހުރި އަދި ތިމާއަށް ވެސް މީރު ކެއުންތައް، ހަށިގަނޑަށް ބޭނުންވާ ވަރަށް، ކެއުމެވެ. ރައީސް ސޯލިހަކީ އެ ދާއިރާއިން ނަމޫނާއެއް ކަމަށް، ބަލަމާ ހިނގާށެވެ.
ރައީސްގެ ދުވަހުގެ ކެއުމުގެ ކަންކަން، އާންމުކޮށް ބަހާލާފައި އޮތީ، އެންމެ ފަހުން އެމަނިކުފާނު ދެއްވި އިންޓަވިއުތަކަށް ބަލައިލާއިރު، ތިރީގައި މިވާ ގޮތަށެވެ؛

-
ހެނދުނުގެ ނާސްތާ: އޯޓްސް، ދޮންކެޔޮ، މާމުއި، ކެއްކި ބިހެއް، ފަޅޯ
-
ހެނދުނު 10:30 ހާއިރު: ކަޅު ސައި، މޭވާ ނުވަތަ ދެތިން ހެދިކާ
-
މެންދުރު: ގަރުދިޔަ އާއި ބަތް
-
ހަވީރު: އާންމުކޮށް ސައި
-
ރޭގަނޑު: ކެއްކި ތަރުކާރީ، ސްޓީމްކޮށްގެން މަސް، ކުކުޅު
ރައީސް ސޯލިހަކީ ކޮންމެ ދުވަހަކު އާންމުކޮށް ކަސްރަތުކުރައްވާ ބޭފުޅަކަށް ވެފައި، ކެއުން މި ފެންވަރުގައި ބަހައްޓަވާ ނަމަ، ފެންނަ އިރު އެ ހުންނަ ބައްޓަމާ މެދު ހައިރާންވާކަށް ނުޖެހެ އެވެ. ދުޅަހެޔޮ ހަށިގަނޑަކީ އެހާ ފަސޭހައިން ހޯދޭ އަދި ބެލެހެއްޓޭ އެއްޗެއް ނޫނެވެ. އެކަމަށްޓަކައި، މި ޒަމާނުގެ ބައެއް ނުރަނގަޅު އާދަތައް ގުރުބާންކުރަން ވެސް ޖެހެ އެވެ.
ގާސިމް އިބްރާހިމްގެ ދޫނި ގެންގުޅުން
އިންތިހާބުގެ ކެމްޕޭން ފެށުމުގެ ދެ މަހެއްހާ ދުވަސް ކުރިން ސަން އައިލެންޑް ރިސޯޓްގައި ގާސިމް އިބްރާހިމް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކައިރީގައި އުޅުނު ވަރަށް އޮޅު ހުދު ކޮތަރެއްގެ ފޮޓޯތައް ފެނުނެވެ. އެއީ ގާސިމްގެ އޮޅު ކޮތަރެވެ. ނަމަވެސް އެ ކޮތަރާ ހަމައިން އެ އެނގެނީ އޭނާގެ ދޫނި ގެންގުޅުމުގެ ލޯބީގެ ވަރަށް ކުޑަ މިންވަރެކެވެ.
ސަން އައިލެންޑްގައި ކުރިން ޗަސް ބިން އޮތް ސަރަހައްދަކީ މިހާރު ދޫނީގެ 'ބަގީޗާއެކެ'ވެ. އެކި ކަހަލަ ދޫނީތަކާއި ކުދި ޖަނަވާރުތަކެވެ. ބޮޑެތި ސާމަރާ ދޫނިން ފެށިގެން، އަސްދޫންޏާ ހަމައަށެވެ. އެތައް ސަތޭކަ އެވެ.

ގާސިމްގެ މި ޝައުގުވެރިކަން ފެށުނީ ކޮވިޑް-19ގެ ބަންދު ތެރޭގަ އެވެ. އެ ދުވަސްވަރު އޭނާ ދިރިއުޅުއްވަން ފެއްޓެވީ އެ ރިސޯޓްގަ އެވެ. ދޫނި ގެންގުޅުމުގެ ލޯބި ގޮސް ނިމުނީ، ރާއްޖޭގެ އެންމެ ބޮޑު 'ހައިވާނު ބަގީޗާ'އަށް އެ ޝައުގު ބަދަލުކުރައްވައިފަ އެވެ.
އެތަނުގައި ދޫނި ވިއްސަ އެވެ. އެކަމަށް ބޭނުންވާ ޒަމާނީ އާލާތްތައް ހުރީ ބަހައްޓައިފަ އެވެ. ބިސް ފީކުރުމާއި ބިސްތައް ވިހެއުމާ އެކު ވަކި ހާއްސަ ކޮއްޓަކަށް ލައި، ވަކި މުއްދަތެއް ވަންދެން ބެލެހެއްޓުމުގެ ކަންކަން ވެސް، އެންމެ ގާތުން ކުރައްވަނީ ގާސިމް އެވެ.
ސާމާރާ ދޫންޏަށް ހާއްސަކޮށްފައި ހުރި ކޮށީގައި، އޭގެ ކަންނެތްކަމުގައި މަޑުކޮށްލައިގެން ތިބި ބިޔަ ސާމަރާ ދޫނިތައް އުފަންވީ ގާސިމްގެ އަތްމައްޗަށެވެ.

މި 'ހައިވާނު ބަގީޗާ'އަކީ ޓޫރިސްޓުންގެ ވެސް ޝައުގެކެވެ. އެތަން ބަލަން ޓޫރިސްޓުން ޒިޔާރަތްކުރެ އެވެ.
ދޫންޏަކީ ގާސިމްގެ ހާއްސަ ލޯތްބެކެވެ. ފޮޓޯތަކުން ފެނުނު އޭނާގެ ހުދު ކޮތަރު އެކަންޏެއް ނޫނެވެ. އޭނާ އާންމުކޮށް އިންނަވާ ސީފުޑް ރެސްޓޯރެންޓަށް އެ ޒިޔާރަތްކުރާ ބޮޑު މާކަނާއަކީ ވެސް އާދަޔާ ހިލާފަށް ގާސިމް ދެކެ ލޯބިވާ ދޫންޏެއްކަން އެނގެ އެވެ.
ފާރިސް މައުމޫން: މުހިންމު ވަގުތުތަކުގެ ޒިންމާ
ބައެއް ފަހަރަށް ރަނގަޅު އާދައެއް ސިޔާސީ ކަމަކާ ވެސް ގުޅިފައި އޮވެދާނެ އެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދޮށީ ދަރިކަލުން ފާރިސް މައުމޫންގެ ފަރާތްޕުޅުން، އަހަރެމެން އެންމެންނަށް ނެގެން އޮތް އެއް ނަމޫނާއަކީ، ތިމާގެ ބޭނުން ޖެހޭ ވަގުތު، އެހެން ހުރިހާ ކަމެއް ހަނދާން ނައްތާލާފައި އާންމުންގެ ކުރިމައްޗަށް ނުކުންނަ ނުކުތުމެވެ.
ފާރިސްއަކީ އާންމުންނާ ދުރުގައި އުޅުއްވާ ބޭފުޅެކެވެ. އެކަމަކު ކުރީގެ ރައީސް އަދި ބޮޑުބޭބޭފުޅު އަބްދުﷲ ޔާމީންގެ ވެރިކަމާ ދެކޮޅަށް ނުކުތް އިއްތިހާދުގައި އޭނާ އިސް ދައުރެއް އަދާކުރެއްވީ، ކުރިން އެންމެން ހީކުރި ގޮތާ ހިލާފަށެވެ. އެމްޑީޕީގެ ހަރުގެއަށް ވަޑައިގަތެވެ. އެތަނުގައި ވާހަކަ ދެއްކެވި އެވެ. ފަހުން ޖަލުގައި އޮންނެވި އެވެ.

އެ ހިސާބުން އޭރު އޭނާ އަދާކުރެއްވި ޒިންމާތަކާ އެކު، އާންމުންގެ ކުރިމަތިން ގެއްލުނީ އެވެ. ދެން މި އިންތިހާބަށެވެ. އަމިއްލަ ގޮތުން ވާދަކުރައްވަން ނުކުންނެވީ، ގިނަ މީހުންގެ ހީތަކާ ދެކޮޅަށެވެ. އެހެންކަމުން އޭނާ ގަބޫލުކުރައްވާ ވަގުތު، އޭނާގެ ޒިންމާއެއް އޮތް ކަމަށް ނިންމޭ ހިސާބުން، އެހެން އެންމެން ހައިރާންކޮށްލާފައި ނުކުންނަވާކަން، ސާބިތުކޮށްދެއްވި އެވެ.
ސިޔާސީ ނިންމެވުމެކެވެ. އެކަމަކު ތިމާގެ ޒިންމާއެއް އެބަ ވާކަން ވިސްނެވޭ ހިސާބުން އާންމުންގެ ކުރިމައްޗަށް ނުކުންނެވުމަކީ، 'ތިމަންނައާ ބެހޭ ކަމެއް ނޫނޭ' ކިޔާފައި، ޒިންމާތަކުން ރެކުމުގެ އާދަ އޮންނަ މުޖުތަމައުއަކަށް ރަނގަޅު މިސާލެކެވެ.
އިލްޔާސް ލަބީބުގެ ދުވުން
މެރެތަންއެއް ނިންމި މެމްބަރެއް ރާއްޖޭގެ ރައްޔިތުންގެ މަޖިލިހުގައި، އިލްޔާސް ލަބީބު ނޫނީ ނެތެވެ. ހަމައެކަނި މެރެތަންއެއް ފުރިހަމަކުރެއްވުން އެކަންޏެއް ނޫނެވެ؛ ހަތަރު ގަޑިއިރަށް ވުރެ އަވަހަށް ވެސް ނިންމެވީ އެވެ.
އިލްޔާސް ދުވަން ނުކުމެ އުޅުއްވަނިކޮށް، މެރެތަން ދުވުމުގައި ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ އެއް ދުވުންތެރިޔާ އަދި ކޯޗު ނަސްރުﷲ އަހުމަދު (ނަސްރު)އަށް އޭނާ ފެނުނެވެ. ނަސްރު ގޮސް ބުނީ 'ދުވެ އުޅެންޏާ އެކަން ރަނގަޅަށް ކުރަން ހިނގާށޭ' އެވެ. އެހާ ހިސާބުން އިލްޔާސް ގުޅިވަޑައިގަތީ ނަސްރުގެ ދުވާ ޓީމާ އެވެ.
"ފުރަތަމަ އަޅުގަނޑު ކައިރިއަށް އައިއިރު ފަސް ކިލޯމީޓަރު ދުވީ 28 މިނިޓުން،" ނަސްރު ބުންޏެވެ.
"ތަމްރީންތައް ލިބިގެން އިލްޔާސް ދުވެފި 20 މިނިޓުން ވެސް. އެއީ ވަރަށް ބޮޑު ކުރިއެރުމެއް."

ފުރަތަމަ ވެސް އިލްޔާސްގެ އެދިވަޑައިގަތުމަކީ މެރެތަންއެއް ފުރިހަމަކުރެވޭ ވަރަށް އޭނާ ތަމްރީންކުރުމެވެ. އޭނާގެ އަމާޒަކަށް ހެދީ ހަތަރު ގަޑިއިރަށް ވުރެ އަވަހަށް މެރެތަން ފުރިހަމަކުރުމެވެ. އެކަން ހާސިލްކުރެއްވީ މިދިއަ އަހަރު ޖަރުމަންގައި އޮތް ބާލިން މެރެތަންގައި، ތިން ގަޑި 54 މިނިޓުން ނިންމަވައިގެންނެވެ.
"ރާއްޖޭގައި ވަރަށް މަދު ބަޔަކަށް ހަތަރު ގަޑިއިރަށް ވުރެ އަވަހަށް މެރަތަންއެއް ދުވެވޭނީ،" ނަސްރު ބުންޏެވެ.
އިލްޔާސް، އޭނާގެ އަމާޒު ފުރިހަަމަކުރެއްވުނީ ވަރަށް ބުރަކޮށް އުޅުއްވަމުން ވެސް، ގަވާއިދުން ތަމްރީންތައް ހައްދަވައިގެންނެވެ. ބައެއް ފަހަރަށް ދުވާލު ދެ އިރު ވެސް ތަމްރީންތައް އޮތެވެ. މަޖިލިހުގެ މެމްބަރަކަށް ވުމުގެ އިތުރުން މުހިންމު ބައެއް ކޮމިޓީތަކުގައި ވެސް އުޅުއްވާތީ، އެހާ ބިޒީ ބޭފުޅަކަށް ދެ އިރު ތަމްރީންތައް ހެއްދެވޭނީ 'އެކަމަށް ސަމާލުކަން ދިންލެއް ބޮޑުކަމުން' ކަމަށް، ނަސްރު ގަބޫލުކުރައްވަ އެވެ.
އިލްޔާސްގެ މި އާދައިން އާންމުންނަށް ލިބެން ޖެހޭނެ ފިލާވަޅަކީ ކަމެއް ކުރަން ބޭނުން ނަމަ އުޒުރެއް ދައްކައިގެން ރެކިގަތުމަކީ ދިރިއުޅުމުގެ ހަމައެއް ނޫން ކަމެވެ. ތިމާ ބޭނުން ނަމަ، ކިތައްމެ ބިޒީކޮށް އުޅުނަސް، ވަކި ކަމެއް ބަރާބަރަށް ކުރެވިދާނެ ކަމެވެ. ހާއްސަކޮށް ސިއްހަތަށް ފައިދާ ހުރި، ހަށިގަނޑު ރަނގަޅު ބައްޓަމެއްގައި ބަހައްޓަން ކުރަން ޖެހޭ މަސައްކަތްތަކުގަ އެވެ.
މުހައްމަދު ނާޒިމްގެ ވަޑާންކުރުން
ވަޑާންކުރުމަކީ އާއިލީ މަސައްކަތެވެ. ނުވަތަ ހުނަރެވެ. ނާޒިމްގެ ބައްޕަ އަބްދުއްރަޝީދަކީ ވަޑިއެކެވެ. ކުރިންސުރެ އޭނާ ހިންގެވީ ވަޑާންގެ އެވެ. ފަހުން އެތަން އެވަނީ އާރުސީސީގެ ނަމުން މަޝްހޫރު ކޮންސްޓްރަކްޝަން ބޮޑު ކުންފުންޏަކަށް ވެފަ އެވެ.
ނާޒިމް ކުޑައިރު، މަޖީދިއްޔާގައި އުޅުއްވި އިރު ވެސް، ބައްޕަގެ ފަރާތްޕުޅުން ވަޑާމުގެ މަސައްކަތް ހުރީ ދަސްވެފަ އެވެ. އާންމުކޮށް ގޭތެރޭގައި ކޮށްލަން ޖެހޭ ކަންކަން އަމިއްލައަށް ފުރިހަމަކޮށްލެވޭ ވަރަށް އޭނާއަށް އެކަން އެނގިވަޑައިގަނެ އެވެ.

ބޭރުގައި ހުންނަ ނާޒިމްގެ އެޕާޓްމަންޓްތަކުގައި އަބަދުވެސް ވަޑާމުގެ ސާމާނު ބަހައްޓަ އެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި އެ ތަންތަނުގައި ކޮށްލަން ޖެހޭ ކަންކަން، ބަޔަކު ގެނެސް ކުރުވުމުގެ ބަދަލުގައި 'ކުރަނީ އަޅުގަނޑު އަމިއްލައަށެ'ވެ.
"އަޅުގަނޑަށް އެނގޭނެ ގޭގައި ކޮށްލަން ޖެހޭ ވަރަށް ވަޑާންކުރަން. ބައްޕަ އެކަން ދަސްކޮށްދެއްވި،" ގައުމީ ބެޑްމިންޓަން ޓީމުގައި ވެސް ހިމެނުނު، އެކަމަކު ސިފައިންގެއަށް ވެއްދުމާ އެކު، ކުޅުމުގެ ކެރިއާ ދޫކޮށްލައްވަން ޖެހިވަޑައިގެންނެވި ނާޒިމް ވިދާޅުވި އެވެ.
މަސައްކަތުގެ ހުނަރަކީ އެންމެ މުހިންމު އެއް ބަ އެވެ. ނާޒިމް އެ ހުންނެވީ އޭގެ އެއް ދާއިރާގެ ހުނަރު ދަސްކުރައްވައިގެންނެވެ.
ކޮމެންޓް (1)
ޠޖކވހ