
ރިޔާސީ ބަހުސް އޮތް ހޯލަށް ވަދެވަޑައިގަތުމުގެ ކުރިން ޑރ. މުހައްމަދު މުއިއްޒު ސަޕޯޓަރުންނާ ސަލާމް ކުރައްވަނީ (ދައުރު ފޮޓޯ/ހުސައިން ސުނޭން)
ރިޔާސީ ބަހުސް: މުއިއްޒުގެ މި ޖަވާބުން ސަޕޯޓަރުންގެ އަތްތިލަބަޑި އާއި ސާބަސް؛ ކީއްވެ؟
ކުރިމަތީގައި ހުއްޓިގެން އެ ތިބީ، ކުރިއަށް އޮތް ފަސް އަހަރަށް ގައުމުގެ އެންމެ މަތީ މަގާމަށް ކުރިމަތިލައްވައިގެން ތިއްބެވި އަށް ބޭފުޅުންނެވެ. ރޭ، ގޭގެ ސިޓިން ރޫމްތަކާއި ކޮފީ މޭޒުތަކާއި ސިޔާސީ ޕާޓީތަކުގެ ޖަގަހަތަކުގައި އާންމުން، އެ އަށް ބޭފުޅުންގެ ވާހަކަތައް އަޑުއަހަން ތިބީ ޝައުގުވެރިކަމާ އެކު އެވެ. ގޮތް ނިންމައިގެން ތިބި މީހުންނާއި ގޮތް ނުނިންމާ ތިބި ރައްޔިތުންނަށް ވެސް ރެއަކީ، މުހިންމު ރެއެކެވެ.
ސަންގު ޓީވީގެ 'ރިޔާސީ ބަހުސް'، ޗެނަލް13އިން އަޅުވައިގެން ޕީޕީއެމް މައި އޮފީހުގައި އަޑުއަހަން އެ ޕާޓީގެ 10 ވަރަކަށް މީހުން ތިއްބެވެ. ގިނަ ސަޕޯޓަރުން ތިބީ، ބަހުސް ކުރިޔަށް ދިޔަ ބިލަބޮންގް ސްކޫލް ތެރޭގަ އާއި ގޯތި ތެރޭގަ އެވެ. އެ ސަޕޯޓަރުން އެންމެ ބޭނުންވި ކެންޑިޑޭޓު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އެތަނުގައި ނެތަސް، އެމީހުންގެ އުންމީދުތަކާ ގުޅިފައިވާ ހަމައެކަނި ކެންޑިޑޭޓަކީ، އެމަނިކުފާނުގެ ތާއީދާ އެކު މި އިންތިހާބުގައި ވާދަކުރައްވާ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒެވެ.
'އެއްބަނޑު އެއްބަފާ' އެ ދެ ޕާޓީގެ ސަޕޯޓަރުންގެ ހިތަށް ވާދަވެރިންގެ 'ވަސްވާސްތަކުން' ޝައްކާއި ވަހުމް އުފައްދަން ނިހާޔަތަށް މަސައްކަތް ކުރެ އެވެ. މި ބަހުސް އައި އިރު، އެންމެ ބޮޑަށް ވާދަވެރިން ދައްކާ ވާހަކައަކީ، މުއިއްޒު ޔާމީންނަށް ބޭފަވާތެރިވާނެ ކަމެވެ. އެމަނިކުފާނު މިނިވަން ނުކުރާނެ ކަމެވެެ. އަދި ޔާމީންގެ ތާއީދެއް ވެސް މުއިއްޒަށް ނެތް ކަމަށް ދިޔައީ ބުނަމުންނެވެ.
ނަމަވެސް ރޭގެ ބަހުސްގައި މުއިއްޒު ވަނީ، ސަޕޯޓަރުންގެ ހިތަށް ވައްދަމުން ދިޔަ ޝައްކުތަކާއި ވަހުމްތައް ފިލުވާލައި، އެމީހުންނަށް ހިތްހަމަޖެހޭ ފަދަ ޖަވާބުތަކެއް ދެއްވައިފަ އެވެ. އެ ޖަވާބުތަކުން އެ ހިތްތަކަށް ތަސައްލީއެއް ގެނެސްދިނެވެ.
ސަޕޯޓަރުންނަށް މުހިންމުވީ އެ ސުވާލު
ބޮނޑިބަތާއި ކުޅިމަހާ އެކު ޕީޕީއެމް-ޕީއެންސީގެ ސަޕޯޓަރުން ފޯރިއާ އެކު ބަހުސް ބަލަމުން ދިޔައިރު، އެމީހުން އެންމެ ފޯރި ނަގާލީ މައިގަނޑު ދެ ސުވާލަކަށް މުއިއްޒު ދެއްވި ޖަވާބުންނެވެ. އޭގެ ތެރޭގައި ވާދަވެރިން އެ އުފައްދާ ޝައްކުތަކާ ގުޅޭ ސުވާލު ވެސް ހިމެނެ އެވެ.

"ސިޔާސީ ޕާޓީތަކުން ރާއްޖޭގެ ވެރިކަން ކުރަން ފެށި ފަހުން، ތަކުރާރުކުރާ އެއް ކަމެއް އެބަ އޮތް. ރައީސް ޔާމީން ވަޑައިގެން، ރައީސް މައުމޫން އެކަހެރި ކުރެއްވުން. ރައީސް ސޯލިހު ވަޑައިގެން، ރައީސް ނަޝީދު އެކަހެރިކުރުން. މިއަދު ވަރަށް ގިނަ ބަޔަކު އުފައްދާ ސުވާލެއް، ޑރ. މުއިއްޒުގެ ވެރިކަމެއްގައި ރައީސް ޔާމީނަށް ވާނީ ކިހިނެއްތޯ،" ބަހުސް ހުށަހަޅަން އިން، ސަންގު ޓީވީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) މުއިއްޒު ކުރެން އެހި އެވެ.
އޭގެ އިތުރުން، ޔާމީން އެކަހެރިކޮށް، މިނިވަން ނުކުރާނެ ކަމަށް ކުރާ ތުހުމަތާ ގުޅޭ ގޮތުން ވެސް މުއިއްޒަށް ސުވާލު އަމާޒުކުރި އެވެ.

އެއާ އެކު، ކަނުލާ އެ ޖަވާބު އަޑުއަހުން ސަޕޯޓަރުން ހަމަހިމޭންވި އެވެ. އެއީ މުޅި ބަހުސްގައި ވެސް އެމީހުންނަށް އެންމެ މުހިންމު ސުވާލެވެ. މިދިޔަ ހަތަރު އަހަރު ޔާމީނަށްޓަކައި އެ ސަޕޯޓަރުން މަގުމަތީ ހަރަކާތް ހިންގައި، ޔަމީން މިނިވަންކުރުމަށް ގިނަ މަސައްކަތްތަކެއްކޮށްފި އެވެ. އިތުރު ދައުރެއްގައި އެގޮތަށް މަގުމަތީގައި އުޅެން ބޭނުންނުވާ ކަމަށް ސަޕޯޓަރުން ބުނެ އެވެ.
މުއިއްޒު އެ ސަޕޯޓަރުންނަށް ރޭ ދެއްވި ޔަގީންކަަމަކީ، މީގެ ކުރިން ވެސް ވިދާޅުވެފައިވާ ގޮތަށް، ގާނޫނީ ހަމަތަކުގެ މަތިން ޔާމީން މިނިވަންކުރާނެ ކަމެވެ.
"ރައީސް ޔާމީން އެހުރީ، ސިޔާސީ ނުފޫޒާ އެކު ނުހައްގު ހުކުމެއްކޮށްފައި. އެމަނިކުފާނަކީ، މައުސޫމް ބޭފުޅެއް. އެހެންވީމަ އެމަނިކުފާނު މިނިވަން ވެގެން އަންނާނެ ސިޔާސީ ނުފޫޒު ނިމުކަަށް އަންނަ ދުވަހަކުން، އެ ދުވަހަކީ، އަޅުގަނޑަށް ޕީޕީއެމް-ޕީއެންސީއަށް ވެރިކަން ލިބޭ ދުވަސް،" މުއިއްޒު ވިދާޅުވި އެވެ.

އެއާ އެކު ސަޕޯޓަރުން 'ސާބަހޭ' ކިޔައި، ގޮވަން ފެށި އެވެ. ތަރުހީބުގެ އަތްތިލަބަޑިއެއް ވެސް ދިނެވެ.
"ރައީސް ޔާމީން، އަޅުގަނޑާ މި ޓިކެޓް ހަވާލުކުރެއްވީ ފުރިހަމަ އިތުބާރާއި ތާއީދާ އެކު. އަޅުގަނޑަށް ރައްޔިތުން އިތުބާރުކޮށް، ވެރިކަން ހަވާލުކުރާ ދުވަހަކީ، ރައީސުލްޖުމްހޫރިއްޔާ އޮފީހުން ކޯޓުތަކަށް އަތް ބޭނުން ނިމުމަކަށް އަންނާނެ ދުވަސް. އެދުވަހު ރައީސް ޔާމީން މިނިވަން ވާނެ އިރާދަކުރެއްވިއްޔާ،" ޔާމީންގެ ތާއީދު އޭނާއަށް ނެތް ކަމަށް ދައްކާ ވާހަކަތަކާ ގުޅިގެން މުއިއްޒު ވިދާޅުވި އެވެ.

އޭގެ އިތުރުން، ގުރުއާންގެ އާޔަތަކާއި މާނައާ އެކު، އަދުލަށް ވެރިކަން ކުރައްވާނެ ކަމަށް މުއިއްޒު ދެއްކެވި ވާހަކައަށް ވެސް ސަޕޯޓަރުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބުނެވެ. އެ ވަގުތު ވެސް ސާބަސް ދިނެވެ.
ޕީޕީއެމް އޮފީހުގައި ބަހުސް ބެލި ޖުވޭރިޔާ އިބްރާހިމަށް 'އެންމެ ހިތަށް ފިނިކަން ލިބޭ އަޑުއަހާލަން ފަސޭހަ، ރައްޔިތުންގެ ވިންދާ އެއްގޮތަށް ވާހަކަ ދެއްކެވި ހަމައެކަނި ކެންޑިޑޭޓަކީ،' އޭނާ ތާއީދުކުރާ މުއިއްޒެވެ. ބަހުސާ އެކު، މުއިއްޒުގެ ތާއީދު ބޮޑުވެގެން ދާނެ ކަމާ މެދު އޭނާ ޝައްކެއް ނުކުރެ އެވެ.
"އަށް ކެންޑިޑޭޓުންގެ ތެރޭގައި ގުރުއާންގެ އާޔަތެއް ކިޔާފައި މާނަކޮށްދިން ކެންޑިޑޭޓެއް ވެސް ޑރ. މުއިއްޒު ފިޔަވައި ނެތް. އަދި އަޅުގަނޑުމެން ރައީސް ޔާމީނަށް މި ސަރުކާރުން ދޭ އަނިޔާ ނިމުމަކަށް ގެނެސް، ޖަލުން މިނިވަންކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދިން އެހެން ލީޑަރެއް ނެތް ޑރ. މުއިއްޒު ފިޔަވައި،" ޖުވޭރިޔާ، 52، ބުންޏެވެ.
"މި ބަހުސުން ޔަގީންވީ، ގައުމު އިގްތިސާދީ ގޮތުން ކޮޅަށް ޖަހައި، ދިވެހިންގެ ރާއްޖެ ދިވެހިންނަށް ހޯދައިދެވޭނެ ހަމައެކަނި ކެންޑިޑޭޓަކީ ވެސް މުއިއްޒުކަން."

ޖުވޭރިޔާ އާއި ޕީޕީއެމް-ޕީއެންސީގެ އެހެން ސަޕޯޓަރުންނަށް ވެސް ހިތަށް ތަސައްލީއެއް ގެނެސްދިން މި ބަހުސުން، އެމީހުންނަށް އޮތް ޔަގީންކަަމަކީ މިފަހަރު މި އިންތިހާބު މުއިއްޒު ކާމިޔާބު ކުރައްވާނެ ކަމެވެ. އެއާ އެކު، ޔާމީން ވެސް މިނިވަންވެގެން އައުމަކީ، އެމީހުންނަށް ލިބޭނެ ހިތްހަމަޖެހުމެކެވެ.
ރައީސް ސޯލިހަށް ނުރުހުން
މުއިއްޒުއާ އެންމެ ވާދަވެރި ކެންޑިޑޭޓު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަމުން ދިޔަ ކޮންމެ ވަގުތަކު ފާޑުކިޔައި، ކޮންމެވެސް ނަމެއް ރައްދު ކުރެ އެވެ. އެމީހުންގެ ހިތުގައި މި ސަރުކާރަށް އޮތް ނުރުހުން ފާޅުކުރި އެވެ. ހާއްސަކޮށް، އެމީހުންގެ ލީޑަރު ޔާމީން 'ޖަލަށް ލާފައި އޮތުމުން' އެކަމުގެ ރުޅިވެރިކަން ވެސް ބޭލި އެވެ. ބަހުސްގައި ރައީސް ވިދާޅުވީ ޔަމީން ޖަލުގައި އޮންނެވީ، ސިޔާސީ ހުކުމެއްގެ ސަބަބުން ނޫން ކަމަށެވެ. ރައީސްގެ އެ ޖަވާބުން ސަޕޯޓަރުންގެ ލޭ ކެކިއެރި އެވެ.
"ހުސް ވައްކަން ކުރީ، ބަލާބަލަ ހަދާ ދޮގު،" އެއް ސަޕޯޓަރަކު އެވަގުތު ބުނެލި އެވެ.

ބައެއް ފަހަރު ރައީސް ޖަވާބު ދެއްވަމުން ދިޔައިރު، ކޮންމެ ޖުމްލައަކަށް ސަޕޯޓަރުން ދިޔައީ ރައްދު ދެމުންނެވެ. އެމީހުން ބުނާ ގޮތުން މިދިޔަ ފަސް އަހަރު ގައުމަށް އައީ އަޅުވެތިކަމެވެ. ރައްޔިތުންގެ ޖީބަށް ލުޔެއް ނުވެ އެވެ. އިތުރު ޓެކްސްއާ އެކު ގައުމު 'ބޮޑު ތަނުން ދަރުވާލީ'އޭ އެމީހުން ގޮވި އެވެ.
"ރައީސް ސޯލިހު އޮތީ، އަތަށް ގޮވާފައި މިރޭގެ ބަހުސުން. ޑރ. މުއިއްޒުގެ ވާހަކަ ވަރަށް ޗިލް. ދޮގު ނަހަދާ ތެދަށް ހުރިހާ ވާހަކައެއް މުއިއްޒު ދެއްކީ،" ބަހުސަށް ފަހު، ބޮނޑިބަތް ކާން އިން ފިރިހެނަކު ބުންޏެވެ.
ބަހުސްގައި މުއިއްޒު ދެއްވި ޖަވާބުތައް ކުރުކޮށް
-
އިގްތިސާދީ ސިޔާސަތު - އިގްތިސާދުގެ މައިގަނޑު އަސާސްތައް ރަނގަޅުކުރުން؛ ރިކަރެންޓް ހަރަދަށް އެމްއެެމްއޭއިން ފައިސާ ނެގުން ހުއްޓާލައި، ލިބޭ އާމްދަނީން އެ ހަރަދު ދެކޮޅުޖެއްސުން. ދަރަނި ކުޑަކޮށްގެން އާ ޓެކްސްއެއް ނުނަގައި، ޓެކްސް ބޭސް ބޮޑުކުރުން. އޭގެ އިތުރުން އެހެން ސިނާއަތްތައް އިތުރަށް ފުޅާކުރުން.
-
ހާރިޖީ ސިޔާސަތު - އިސްކުރާނީ، ދިވެހިންނަށް އެންމެ ހެޔޮ ގޮތް ލިބޭ ހާރިޖީ ސިޔާސަތު. އެ ހަމައިގެ ތެރެއިން، އެއްވެސް ގައުމަކާ ރުޅިވެރިކަމެއް ނޯންނާނެ. 'ދިވެހިންގެ ގޯތީގެ ވަށާ ފާރު މަތިން ނާރާހާ ހިނދަކު' ހުރިހާ ގައުމަކާ ވެސް ގުޅުން އޮންނާނެ. އެ ސިޔާސަތު ބިނާވާނީ، މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކޮށް އިގްތިސާދު ކުރިއެރުވޭނެ ދިވެހިންނަށް ފައިދާވާނެ ސިޔާސަތަކަށް.
-
ގައުމީ ސަލާމަތާއި ރައްކާތެރިކަން - ބޭރު އެއްވެސް ގައުމެއްގެ ސިފައިންނަށް ރާއްޖޭގައި ތިބެވިގެން ނުވާނެ، ފޮނުވާލާނަން، އެއީ 'ނޮން-ނެގޯޝިއަބަލް' ކަމެއް. މިހާރު އޮތް ހާލަތަކީ، ގައުމުގެ އަމިއްލަ ވަންތަކަން ގެއްލިއްޖެ. އެކަން އިޔާދުކޮށްދޭނަން.
-
ކުރީގެ ރައީސުން ޖަލަށް ލުމުގެ ސަގާފަތާ ބެހޭ ގޮތުން - ވެރިކަން ކުރާނީ އަދުލުވެރިކަމާ އެކު، ރައީސަކު ވިޔަސް، އާންމުންގެ މީހަކު ވިޔަސް ތަފާތެއް ނުވާނެ. އެކަމަކު ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވައިގެން ބަދަލު ހިފުމުގެ ރޫހެއް ނޯންނާނެ.
-
ބޯހިޔާވަހިކަމުގެ ސިޔާސަތު - އިންވެސްޓާ ކޮންފިޑެންސް އަނބުރާ ގެނެސް، ސަރުކާރު ކުންފުނިތައް ހަރުދަނާކޮށްގެން، އިންވެސްޓްމެންޓް ބޭންކެއް ގެންނާނެ. އެއާ އެކު، ބޯހިޔާވަހިކަން ހުރިހާ ރައްޔިތުންނަށް ދިނުމަށް އިގްތިސާދު ވަރުގަދަކޮށްގެން ފައިސާ ހޯދޭނެ. ގިރާވަރު ފަޅާއި ފުށިދިއްގަރުފަޅު ގުޅާލައިގެން، އެތަން އިތުރަށް ތަރައްގީ ކުރާނަން.
-
ޒުވާނުންނާއި އުމުރުން ދުވަސްވީ މީހުންގެ ސިޔާސަތު - ޒުވާނުންނަށް އިތުރު ވިޔަފާރި ފުރުސަތު ދީ، އަމިއްލަ ފައިމައްޗަށް ތެދުވެވޭ ބަޔަކަށް ހެދުން. އުމުރުން 55 އަހަރުގައި އަމިއްލައަށް ރިޓަޔާކުރާ މީހުންނަށް އެލަވަންސް ދީ، 75 އަހަރާ ޖެހެންދެން ކޮންޓްރެކްޓް އުސޫލުން ވަޒީފާ އަދާކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ދޭނަން.
-
އާސަންދަ އާއި ފެންވަރު ރަނގަޅު ބޭސް ގެނައުން - އާސަންދަ ނިޒާމް އޮތީ ބޮއްސުންލާފައި، ފައިސާ ހަރަދު ކުރަނީ އެންމެ ރަނގަޅަކަށް ނޫން. އެ ނިޒާމް ހަރުދަނާ ކުރަން ޖެހޭ. ޕްރިވެންޓަލް ހެލްތަށް އިސްކަމެއް ދީ، ރަނގަޅު ފެންވަރުގެ ބޭސް ގެނައުމަށް ކުރިއަރާފައިވާ އެހެން ގައުމުތަކާ ގުޅިގެން މަަސައްކަތް ކުރާނަން.
-
ފަހު ބަސް - ގައުމަށް ބޭނުންވަނީ، ހަމަޖެހުން. އަނިޔާވެރިކަން ނިމި، އަދުލުވެރި ވެރިކަމެއް. ގައުމުގެ މިނިވަންކަމާއި ތަރައްގީއަށްޓަކައި ރައްޔިތުން މި ނިންމަނީ މުހިންމު ނިންމުމެއް. ނަތީޖާ ނެރެވޭނެ ބަޔަކާ ގައުމު ހަވާލުކުރަން ޖެހޭ. އެކަން ކަން ޔަގީން ވާނީ، އަޅުގަނޑު ވެރިކަމަށް ގެނެސްގެން.
ކޮމެންޓް (3)
ތަކުރު
ހޯހޯ
ހިޔާޒު