ސަންގު ޓީވީ އާއި ޕީއެސްއެމް ގުޅިގެން ރޭ ކުރިއަށް ގެންދިޔަ ރިޔާސީ ބަހުސްގައި ސަރުކާރު ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕީއެންސީގެ ކެންޑިޑޭޓު މުހައްމަދު މުއިއްޒު ސަލާމް ކުރައްވަނީ (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ރިޔާސީ ބަހުސް: ފާޑުކިޔުންތަކާއި ހިޔާލުތަކާ އެކު ސޯޝަލް މީޑިއާ ހިލުވާލައިފި

ރޭގެ ބަހުސް ރެކޯޑު އަދަދަކަށް މީހުން ބެލި އިރު، ގިނަ ބަޔަކު އެކި ކަންކަމާ ގުޅޭ ގޮތުން ހިޔާލު ފާޅުކުރި
3 ސެޕްޓެމްބަރު 2023
13

ސޯޝަލް މީޑިއާގައި ހާއްސަކޮށް ޓްވިޓާ ނުވަތަ މިހާރުގެ ބަހުން ނަމަ 'އެކްސް'ގައި މިހާ ފޯރިއެއް ނެގީ އެންމެ ފަހުން ކޮން އިރަކު ހެއްޔެވެ؟

އެއީ ޔަގީނުން ވެސް މީގެ ފަސް އަހަރު ކުރިން، އެންމެ ފަހުން 'މޯލްޑިވިއަން އައިޑޮލް' ބޭއްވި އިރު އެވެ. ބައިބަޔަށް އެންމެން އެކައްޗެއް ކީ، ލަވަ ކިޔުންތެރިން ލަވަ ހުށަހަޅައިދޭ ގޮތަށެވެ. މާ ބޮޑު ޒާތީ ކަމެއް ނެތި، އެ މީހުން ޖަޖުކުރީ ލަވަކިޔުންތެރިންގެ ފެންވަރަށެވެ. ބައެއް ފަހަރު ރުޅިއައިސްގެން ކެކެނީ، ޖަޖުން މާކްސް ދޭ ގޮތާއި ކޮމެންޓް ދޭ ގޮތަށެވެ. ޝޯ ހުށަހަޅައިދިން މޫސާ ވަސީމުގެ 'ސަސްޕެންސް' އަށް ޖަހާ ޖޯކެވެ.

އާއްމު ގޮތެއްގައި ޒުވާބާއި ފުރައްސާރަ އާއި އާޑައިން ފުރިފައި އޮންނަ އެ ޕްލެޓްފޯމަކީ އޭރު މަޖާ، މީހުން ފޫހިފިލުވާލުމަށް ވެސް ވަދެނުކުމެ އުޅުނު ތަނެކެވެ.

ރޭގެ ބަހުސްގައި ބައިވެރިވެ ވަޑައިގެންނެވި ކެންޑިޑޭޓުން ފޮޓޯއަކަށް ހުއްޓިވަޑައިގެން (ދައުރު ފޮޓޯ/ހުސައިން ސުނޭން)

އެކަމަކު ޝޯއާ އެކު، އެ ފޯރި އާއި ސަކަރާތް ވެސް ގެއްލުނީ އެވެ. ރެއާ ހަމައަށެވެ.

"ގިނަ ދުވަސްތަކަކަށް ފަހު ޓްވިޓާ، ޓްވިޓާއަށް ވެއްޖެހެން ހީވެއްޖެ. އެންމެންގެ ޓްވީޓްތައް ވެސް އެހާ މަޖާ،" އެކްސްގައި މީހަކު ލިޔުނެވެ. 

ރޭ އޮތީ، މީގެ ހަ ދުވަސް ފަހުން ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ  ކެންޑިޑޭޓުންގެ ބަހުސް އެވެ. ފަހު ވަގުތު، ދައުލަތުގެ މީޑިއާ ޕީއެސްއެމް އިން ކެންސަލް ކުރުމުން ސަންގު ޓީވީއިން ގެނެސްދިން އެ ބަހުސް ރެކޯޑު އަދަދަކަށް މީހުން ބެލި ކަމަށް އެ ޗެނަލުން ބުނެ އެވެ.

އަށް ކެންޑިޑޭޓުންގެ ވާހަކަތައް، އެ ބޭފުޅުންނަށް 'މަރުދަން ޖެހޭ' ސަޕޯޓަރުންނާއި ތާއީދު ކުރާ މީހުން ބެލި އެވެ. އިންތިހާބުގައި ވަކި ގޮތެއް ނުނިންމާ ތިބި މީހުން، ވޯޓު ދޭނީ ކާކަށްތޯ ކަަނޑަައަޅަން ވެސް އެ ބަހުސް ބެލި އެވެ. ޓީވީ ނޫނީ ފޯނުން ބަހުސް ބަލަމުން، ހަމައެއާ އެއްވަރަށް ސޯޝަލް މީޑިއާގައި ވެސް އެ މީހުންގެ ހިޔާލުތައް ލިޔުނެވެ.

އެކްސްގައި ލިޔެފައިވާ ވާހަކަތަކަށް ރޭގެ ބަހުސް އިން އެންމެ ފާހަގަވީ:

  • ސޯޝަލް މީޑިއާގައި ފިޔަވައި، އިންތިހާބު ކާމިޔާބު ކުރުމަށް މާ ބޮޑު ކެމްޕޭނެއް ނުކުރައްވާ އަމިއްލަ ކެންޑިޑޭޓު ފާރިސް މައުމޫން ދެއްކެވި ވާހަަކަތަކަށް މީހުން ބެހެއްޓި ޝައުގުވެރިކަން

  • ޝޯ މޮޑަރޭޓް ކުރެއްވި، ސަންގު ޓީވީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ވަހީދު (އަސްވާޑް)އަށް ކީ ފާޑުކިޔުންތައް

  • ވަކިވަކި ކެންޑިޑޭޓުންގެ ވާހަކަތަކަށް ޖެހި ޖޯކުތައް

'ފާރިސް މައުމޫނަކީ މިހާރު އަންޑަޑޯގެއް ނޫން'

އިންތިހާބުގައި ވާދަކުރައްވާކަން އިއުލާން ކުރެއްވުމާއި ބައެއް ސިޔާސަތުތައް ސޯޝަލް މީޑިއާގައި އާއްމު ކުރެއްވުމާއި ޓްވީޓްގެ ޒަރީއާއިން ބައެއް މީހުންނާ މުއާމަލާތު ކުރެއްވުން ފިޔަވައި، ވެރިކަން ހޯއްދެވުމަށް ފާރިސް މައުމޫން މާ ބޮޑު މަސައްކަތް ކުރައްވާތަނެއް މިހާތަނަކަށް ނުފެނެ އެވެ. އެހެންވެ، އޭނާގެ ސިޔާސަތުތަކާއި ވިސްނުމަށް އާއްމުންގެ ގިނަ ބަޔަކު ވަރަށް ބީރައްޓެއްސެވެ.

ނަމަވެސް ރޭގެ ބަހުސްގައި، މޮޑަރޭޓަރު ކުރި ސުވާލުތަކަށް އެންމެ 'ހަމަޖެހޭ' ޖަވާބުތަކެއް ދެއްވީ ފާރިސްކަމަށް ގިނަ ބަޔަކު އެއްބަސްވެ އެވެ. މަޑުމައިތިރިކަމާ އެކު، ވަރަށް ހަމަޖެހިވަޑައިގެން ހުންނަވައިގެން އޭނާ ސުވާލުތަކާ ކުރިމަތިލެއްވީ، ހުށިޔާރުކަމާ އެކުގަ އެވެ. ހާއްސަކޮށް ގައުމީ ސަލާމަތާއި ރައްކާތެރިކަމާއި ބޯހިޔާވަހިކަމާ ގުޅޭ ސުވާލަށް އޭނާ ދެއްވި ޖަވާބު ގިނަ ބަޔަކަށް ކަމުދެ އެވެ.

"ފާރިސް މައުމޫން މިރޭގެ ބަހުސް އިން ކުރި ހޯއްދަވައިފި."

"ބަހުސް ބެލުމަށް ފަހު އަހަރެން ވޯޓު ދޭނެ ކެންޑިޑޭޓު ޔަގީން ވެއްޖެ، އެއީ ފާރިސް."

"ފާރިސްއަކީ މިހާރު އަންޑަޑޯގެއް ނޫން. ކުރިއަށް އޮތް ފަސް ދުވަހު އޭނާގެ އަތަށް މައިކު ދޭން ޖެހޭ."

"ދެއްކެވި ވާހަކަތައް ވަރަށް ފުރިހަމަ. އެކަމަކު ހިތަށް އަރަނީ މިއޮތް ހުރިހާ ދުވަހު މި ވާހަކަތައް ނުދެއްކެވީ ކީއްވެބާއޭ؟"

ރޭގެ ބަހުސްގައި ބައިވެރިވެ ވަޑައިގެންނެވި (ކ-ވ) ގާސިމް އިބްރާހިމް އާއި ފާރިސް މައުމޫނާއި އިލްޔާސް ލަބީބް (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ގިނަ ބަޔަކަށް މޮޑަރޭޓަރު ނާއިންސާފު

މޮޑަރޭޓަރަކަށް އިން އިބްރާހިމް ވަހީދުގެ ބައެއް ސުވާލުތަކާ މެދު ސޯޝަލް މީޑިއާގެ އަހުލުވެރިން، މާ ގަޔާވި ހެނެއް ހިޔެއް ނުވެ އެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުގެ ކުރީގެ ރައީސް އަހުމަދު ތޮލާލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރިޔާސީ ބަހުސްގައި ސުވާލު ކުރަން ޖެހޭ ވަރަށް މޮޑަރޭޓަރު 'ހޯމްވޯކް' ހަދާފައި ނުވާ ކަމަށެވެ. އޭނާގެ ނަޒަރުގައި ކުރި ސުވާލުތަކަކީ ބަހުސްގެ މަގްސަދާ މާ ބޮޑު ގުޅުމެއް ނެތް ސުވާލުތަކެކެވެ.

ކެންޑިޑޭޓުންނާ ސުވާލު ކުރާއިރު މީހަކާ ޒުވާބު ކުރާ ގޮތަށް ނުކުރުމާއި ވަކި ކޮޅަކަށް ނުޖެހުމަށް ވެސް އިރުޝާދު ދެއްވި އެވެ. މިއީ ބަހުސަކަށް ވުރެ ބޮޑަށް، ތަހުގީގު ކުރުމެއް ކަމަށް ވެސް ބައެއް މީހުން ސިފަކުރި އެވެ.

"ރަނގަޅު ބަހުސެއް. ..ރަނގަޅު މޮޑަރޭޓަރަކާ އެކު މި ބަހުސް މިއަށް ވުރެ ފުރިހަމަ ވީސް،" ތޮލާލް ވިދާޅުވި އެވެ.

ބައެއް މީހުން ބުނިގޮތުގައި މޮޑަރޭޓަރު ސުވާލު ކުރަން އެއް ގަޑިއިރު ބޭނުންވާއިރު، ކެންޑިޑޭޓުން ޖަވާބު ދެއްވުމަށް ލިބެނީ 1 މިނިޓެވެ. 

މި ޝަކުވާ ބައެއް ކެންޑިޑޭޓުން ވެސް ކުރެއްވި އެވެ. ފާރިސް އާއި ޑިމޮކްރެޓިކްސްގެ ކެންޑިޑޭޓު އިލްޔާސް ލަބީބު ވަނީ ވަރަށް ހިތްހަމަނުޖެހި ވަޑައިގެން ހުންނަވައި، އެކަމުގައި 'އެހެން އެޖެންޑާއެއް އޮތީތޯ' އާއި 'އެހެން ކެންޑިޑޭޓުންނަށް ގިނަ ވަގުތު ދެއްވާ ކަމަށް' ވިދާޅުވެފަ އެވެ.

ސޯޝަލް މީޑިއާގައި ދެން ފާހަގަކުރެވުނު ސަމާސާތަކަށް ބަލާއިރު، ކުރީގެ ރައީސުން ޖަލަށް ލުމުގެ ސަގާފަތް ރާއްޖޭގައި ދެމިގެން ދާތީ އެކަމާ ގުޅޭ ގޮތުން ކުރި ސުވާލަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ޖަވާބަށް، ޕީއެންސީ ކޯލިޝަނުގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ރިއެކްޓް ކުރައްވާ ގޮތް ވެސް ބައެއް މީހުންނަށް މަޖާވި އެވެ. މިހާރު އެ ވެފައިވަނީ 'މީމަކަ'ށެވެ. 

އެ ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލާފައިވަނީ ސިޔާސީ ކަމެއްގައި ނޫން ކަމަށާއި އެފަދަ ކަމަކާ ގުޅުމެއް ނެތް ކަމަށެވެ. އެއާއެކު މުއިއްޒު، ރައީސަށް ' ލޯ އަޅުއްވާލައްވަ' އެވެ. އަދި ރައީސް ވެސް ހަމަ އެކަހަލަ ގޮތަކަށް މުއިއްޒަށް ބައްލަވާލައްވާ ތަން ފެނެ އެވެ.

ރޭގެ ބަހުސްގައި އެ ދެ ބޭފުޅުންނާއި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓު ގާސިމް އިބްރާހިމްގެ ފަރާތުން ވެސް ބޮޑަށް އިވުނީ، ކެމްޕޭންގައި މިހާރު އެންމެ އަޑުހަރުކޮށް ވިދާޅުވަމުން ގެންދަވާ ސިޔާސަތުތަކެވެ. އެކަމަކު ބައެއް ކަންކަމުގައި ގާސިމް މާ ގިނައިން 'ހާމަނައިޒް ކުރައްވާނެ' ކަމަށް ވިދާޅުވާތީ އެކަމަށް ބައެއް މީހުން ޖޯކު ޖެހި އެވެ.

ރިޔާސީ ބަހުސް ބެލުމަށް ޖޭޕީގެ މައި ޖަގަހައިގައި ތިބި ބައެއް މީހުން

އޭގެ އިތުރުން އަމިއްލަ ކެންޑިޑޭޓު ޒަމީލްގެ ވާހަކަތަކާ މެދު ގިނަ މީހުން މާގަޔައެއް ނުވި އެވެ. ހުރިހާ ކަމެއްގެ ޖުމްލަ ޖަވާބެއްގެ ގޮތުގައި އޭނާ ވިދާޅުވަނީ 'ކޮރަޕްޝަން ނެތް ނަމަ' ނުވަތަ 'ކޮރަޕްޝަން ހުއްޓުވިއްޖެ' ނަމަ ކަމަށާއި އެއީ މާ ބޮޑު އޮއްޓަރެއް ހުރި ޖަވާބުތަކެއް ނޫން ކަމަށް، ހިޔާލުފާޅުކުރި މީހުން އެއްބަސްވެ އެވެ.

ކޮންމެއަކަސް، ސަމާސާތަކާއި ފާޑުކިޔުންތަކާ އެކު ވެސް ރޭގެ ބަހުސް ވެފައިވަނީ ގިނަ ބަޔަކު ބެލި އަދި ހިޔާލުފާޅު ކުރި ހަރަކާތަށެވެ. ތާއީދުކުރާ ކެންޑިޑޭޓާ ބެހޭ އިތުރު ކަންކަން ނުވަތަ ވޯޓުލާންވީ ކެންޑިޑޭޓު ޔަގީންވި ބަހުސް އަކަށެވެ.

ވަރަށް ޒަމާންތަކަކަށް ފަހު، ސޯޝަލް މީޑިއާގައި ގިނަ ދިވެހިން ހިޔާލުފާޅުކޮށް ކޮމެންޓް ކުރި ބަހުސަކަށެވެ.

ކޮމެންޓް (13)

މީމްއަލިފް

3 ސެޕްޓެމްބަރު 2023
ޝިފްލީންމެން ކަހަލަ ތަޖުރިބާ ހުރި ނޫސްވެރިން ދައުރު ނޫހުގައި ތިއްބަވައިގެން ތިޔަ މަސައްކަތް ކުރައްވަނީ ޕާޓީތަކަށް ނިސްބަތްވާ ކެނޑިޑޭޓުންތަކެއް ޕްރޮމޯޓު ކުރަން. ފަލަ ސުރުހީއާއެކު އާޓިކަލް އަދި ޕްރިންޓް ސްޕޭސް ތި ދެއްވަނީ އެބޭފުޅުންނަށް! ޕާޓީއަކަށް ނިސްބަތް ނުވަންޏާ އެއީ ކެނޑިޑޭޓަކަށް ނުވަނީތޯ؟ އަމިއްލަ ގޮތުން ވާދަކުރައްވާ ކެނޑިޑޭޓުންގެ އަޑު ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަކީ ވެސް ތިޔަ ނޫސްވެރިންގެ ޒިންމާއެއް! ވަކިކޮޅަކަށް ބުރަނުވާ ޒިންމާދާރު ނޫސްވެރިކަން ކުރައްވާ! ފާރިސް ޑިޒާވްސް ހިޒް ނޭމް އޮން އަ ހެޑްލައިން ވިތް އަ ސެޕަރޭޓް އާޓިކަލް ކަވަރިން ހިޒް އާންސާސް އެޓްލީސްޓް އާފްޓާ ލާސްޓްނައިޓް! އުމަރު އަދި ޒަމީލްގެ އަޑުވެސް އިއްވައިދީ.
3 0

ތެދުއެކަނިފުދޭ

3 ސެޕްޓެމްބަރު 2023
ބަހުސްގެ އިތުރުން ފާރިސްގެ އެކިއެކި އިންޓަވިއުތައް ބައްލަވާލެއްވުން ރަނގަޅު. ހަރުދަނާ ޚިޔާލުތަކާ ރޭވުންތައް ހުރީ. މި ވާދަވެރި މާހައުލުގެ އަޑުފަށްގަނޑުގަ ފާރިސްގެ އަޑު މަޑުކަމަށް ފެނުނަސް ފެންނަން ހުރި އިންޓަވިއުތަކާ ސިޔާސަތުތައް ހާމަކޮށްދޭން ދައްކާފަ ހުރި ވާހަކަތައް އަޑުއަހާލުމުން ފުދޭ. ތެދުގެ ބާރު ފަތުރަން ބޮޑު އަޑުފަށްގަނޑެއް ބޭނުމެއް ނުވޭ. ތެދު އެކަނި ފުދޭނެ. ވަގުތުކޮޅެއް ހުސްކުރައްވައިގެން އަޑުއައްސަވާލައްވާފަ ނިންމަވާ.
4 0

ތަކުރުފާނު

3 ސެޕްޓެމްބަރު 2023
ފާރިސްގެ ވާހަކަ ގޯހެއް ނޫން. އެކަމަކު ފާޑުކިއުން ފިޔަވައި ކޮށްދޭނެ ކަމަކީ ކޮބައި ކަމެއް ނުބުނޭ. ރޭ އެންމެ ކަނޑުކޮސް ވާހަކަ ދެއްކީ ރައީސް
1 3

ގާބިލްމީހާމަގޭމީހާ

3 ސެޕްޓެމްބަރު 2023
މިވޭތުވެދިޔަ 15 އަހަރު ތެރޭ އެއްވެސް މީހެއް ނުދައްކާ ހުރި، އަސްލު ދައްކަން ޖެހޭ ވާހަކަ ފާރިސް ދެއްކީ. ގައުމު ކުރިއަށް ގެންދިއުމުގެ ސީރިއަސް ފިކުރަކާ، ސާބިތުކަން ފާރިސްގެ ކިބައިން ފެނޭ. ވަގުތީ ކަންކަން ދައްކައިގެން މީހުން ތަބަޢަކުރުމުގެ ބަދަލުގައި އަސްލު މައްސަލަތަކަށް ހުރި އަސްލު ދެމެހެއްޓެނިވި ހައްލުތައް ފާރިސް ދެއްކީ. އެހެން މީހުން އުޅެނީ ތިމާނުން އެންމެނަށް އެއްޗެހި ކިޔައިގެން، އެ އަބަދު އަހަރުމެންގެ ބޮލަށް ވައްދައިގެން، އޭގެ އަވައިގަ އަހަރުމެން ޖައްސައިގެން. ރޭވުމެއް މިސްރާބެއް ދާންވީ ދުރު މުސްތަގުބަލެއް ނެތް. އެހެން މަސައްކަތްކުރަންވެސް ފުރުސަތެއް ނެތް. ޕާޓީތައް ހިމަޔަތްކޮށްދޭންޖެހެ މަސްލަހަތުތައް ގިނަކަމުން.
4 0

ހމތދ

3 ސެޕްޓެމްބަރު 2023
އަަހަންނަށް ވެސް ކަމުދިޔައީ ފާރިޝްގެ ވާހަަކަތައް... ބަހުގައި އަސަރު ގޮތެއް ހުރިކަން ފާހަގަ ވި ......aN
7 0

މިފަހަރުމީއެފަހަރު

3 ސެޕްޓެމްބަރު 2023
ހަމައެކަނި ޓްވިޓާ ސޯޝަލްމީޑިއާގަ އެއްޗެއް ބުނަނީކީނޫން. ފާރިސްގެ ސިޔާސަތުތައް ހާމަކޮށްދޭ އިންޓަވިއުތައް އެބަހުރި. އެކި ޗެނަލްތަކުގަ ޔޫޓިއުބްގަ. އެ އަޑުއަހާބަލަ ތަޢައްސުބު ނުލާ. 30 އަހަރުގެ ވެރިކަމުން ނެއްޓި ގައުމު އިސްލާހުކުރަން ކިތައް ފަހަރު ލިބިއްޖެ. ހަމަ އެއް ބައެއް އުޅެނީ. ފާރިސް ވިދާޅުވާހެން ރޭވުމެއް މިސްރާބެއް ނެތް. އެއް 5 އަހަރު ނިމޭއިރަށް އަނެއް 5 އަހަރު އަންޑޫ ކުރަނީ. އިސްރާފާ ޚަރަދު އެހާ ބޮޑު. އެހެން ކެމްޑިޑޭތުން ކެމްޕެއިންގަ ދައްކާ ވާހަކައާ ފާރިސްގެ ވާހަކަ އަޑުއެހީމަ ހިތަށް އަރާ ފާރިސް މިއުޅެނީ ހޮވެން ބޭނުންވެގެންބާއޭވެސް. ގައުމު ދަރުވާފަ ހިލޭ ހުރިހާ އެއްޗެއް ދޭނަމޭ ނުބުނޭ. ފެންނަ ކޮންމެ މީހެއް ކައިރީ ކަލެއަށް އެއާޕޯޓެއް ކަލެއަށް ބަނދަރެއް ކަލެއަށް ބުރިޖެއް ކަލެއަށް ބަނޑަހަގެއެއް މިހެނެއް ނުކިޔާ. ގައުމުގެ ކުރިމަގަށް ބޭނުންވަނީ ކޮންމެ ގޮތެއް ހަދައިގެންވެސް ހޮވެން ބޭނުންވާ މީހެއް ނޫން. ތެދު ބުނެގެން ހޮވޭ މީހެއް. ތެދުގެ ބާރުގަ ތެދުވާ މީހެއް. މަގުދައްކަން ދަންނަ މީހެއް. މިއީ ކޮންމެ 5 އަހަރަކުން ގައުމު ވިއްކާ ހުސްކޮށް ދަރަނި އެންމެ ބޮޑުކުރަން އެނގޭ މީހާ ބަލަން ކުރާ ކަމެއް ނޫން.
7 0

ހަސަން2342

3 ސެޕްޓެމްބަރު 2023
މާލޭ މީހުންގެ ވޯޓެއް ފާރިޝް އަކަށް ނުދޭނެ .. ގޯތި ދިނުމާއި ފާރިޝް ދެކޮޅު .. ބައްޕާ ފުޅު ގާތް މީހުންނައް ގޯތި ބަހާލީ މާލެ އަދި ވިލިގިލީ އަދި ހުޅުމާލެއިން .. ދެން ފާރިޝް އައިސް މާލޭގެ އެތައް ރައީތުންނައް ލިބުން ހައްގު ކޮންމެހެން އަތުލާކައް ވާހަކަ ދައްކާކަށް ނުޖެހޭ .. ނޯޓުފާރިޝް ..
4 1

އަސްލު

3 ސެޕްޓެމްބަރު 2023
@ހަސަން2342 ފާރިސްގެ މައްސަލައަކީ މާލޭގެ ރަށްވެހިންނަށް އެއްޗެއް ލިބުމެއް ނޫން. ކަން ކުރި ގޮތް.
3 2

ކަންއޮތްގޮތް

3 ސެޕްޓެމްބަރު 2023
@ހަސަން2342 ތިކަމާ ފާރިސްއާ ސުވާލުކުރި އިންޓަވިއުއްގަ. ވިދާޅުވީ ކަންކުރި ގޮތުގެ ސައްހަ މަޢުލޫމާތު ހޯދައި ޕްރޮސެސް ރިވިއުކުރައްވަނެކަމަށް. އަދި ކަންކުރި ގޮތުން މަހުރޫމްވި މިހުން ހިމެނޭ ގޮތަށް ބޯހިޔަވަހިކަމުގެ އިޝޫއަށް ހަރުދަނާ ހައްލެއް ހޯދާނެކަމަށް. ލިބުނު އެއްޗެއް އަތުލައްވާނެކަމަކަށް ވިދާޅެއް ނުވޭ
1 0

ތެފައާސާ.

3 ސެޕްޓެމްބަރު 2023
ފާރިޝްގެ ޖަވާބުތައް ހުޝިޔާރުވެފައި ރަނގަޅު. ސީދާ ޕޮއިންޓަށް، އާންމު މީހާއަށް ބަލައިގަނެވޭފަދަ ބަހުރުވައަކުން ޖަވާބުތައް ދިންކަން ފާހަގަކުރެވުނު. ބަހުސް ނިންމާފައި ޓުވިޓާރ ބަލައިލުމުން އަހަންނަށް ފާހަގަކުރެވުނީ ރޭގެ ބަހުސާއި ހަމައިން، ފާރިޝް [[މައުމޫނު]] ގެ ވައިޓްވޮޝިން ކެމްޕޭނު ފުރިހަމަވެ ނިމުނީކަމަށް. ސަބަބު؟ ރައީސް މައުމޫނުގެ ވެރިކަމުގައި (ޚާއްސަކޮށް އެ ވެރިކަމުގެ ފަހުއަހަރުތަކުގައި) ހިންގި އަނިޔާތަކާއި ބޭއިންސާފާއި ކޮރަޕްޝަނާއި އިންސާނީ ހައްގުތައް ނިިގުޅައިގަތުމާއި ޖަލުގައި ހިންގި ޖަރީމާތަކާއި ޚުދުމުޚުތާރު ވެރިކަމުގެ އެންމެ އެތެރޭ ކޮއިލުގައި، އެ ވެރިކަމުގެ ލައްޒަތާއި އަރާމާއި ނާޖާއިޒު ކިތަންމެ މަންފާއެއް ލިބިގެން އިނދެ، އިސްވެ ބުނެވުނު އެއްވެސް ކަމަކަށް ހަމަ ޗުއްޕުވެސް ބުނެނުލާ ހުރި މީހަކު، މިއަދު އަރާ ގުޑް ގަވަރނެންސޭ ކްލީން ޕޮލިޓިކްސްއޭ ކިޔައި މޮޅު ވާހަކަތަކެއް ދެއްކީމާ، މައުމޫނުގެ އަނިޔާވެރި ވެރިކަން ނުދެކޭ، ނުވަތަ އެކަންކަން ހަނދާނުން ކައްސާލާފައިތިބި ބަޔަކު އެވަރެއް ނެތިގެން އަތްޖެހިއަސް، އަހަރެމެންނަށް އޭތި އެހާ ސަޅިއެއްނޫން. #ނެވަރފޮގެޓް
6 2

ދދދދދދދދދދ

3 ސެޕްޓެމްބަރު 2023
@ތެފައާސާ. މައުމޫން ގެ ވެރިކަން ތަފާތު، އަބަދު އެ އަޅާ ކިޔަން ނުޖެހޭ! ގައިމު ބައްޕާފުޅު ވެރިކަން ކުރެއްވި ގޮތަށް މިހާރު ވރެިކަން ނުކުރެއްވޭނެ، ކުރައްވަން ނުވެސް އުޅުއްވާނެ، އުޅުވައްފައިވިއްޔާ 2 ދުވަސް ވާނީ ވެރިކަމުން ބާލާނެ. ސޯ ލެޓސް ގިވް ހިމް އަ ޗާންސް
8 2

ތެފައާސާ.

3 ސެޕްޓެމްބަރު 2023
@ދދދދދދދދދދ ވަރަށް ރަނގަޅު ވާހަަކައެއް. އެގޮތަކަށް މިހާރަކު ވެރިކަމެއް ނުކުރެވޭނެ. އެވާހަކައެއް ނޫން މި ދައްކަނީ. މި ދައްކާ ވާހަކައަކީ އެބުނާ ގުޑް ގަވަނެންސާ ކްލީން ޕޮލިޓިކްސްގެ ވާހަކައަކީ ފާރިޝް މައުމޫނު ހިތުގެ އަޑިން ގަބޫލްކުރާ ޕްރިންސިޕަލްސްތަކެއް ނަމަ މިއަދަކު ނޫނޭ އެވާހަކަ ދައްކަންވީކީ. ޚުދުމުހުތާެރު ވެރިކަމެއްގެ ތެރޭގައި އިސްކޮށް އުޅެފައި އައިސް މިހާރު އެގޮތަށް ދައްކާ ވާހަކައަކީ ދަޅައެކޭ.
4 1

ގޯސްޓްއޮފްދަޕާސްޓް

3 ސެޕްޓެމްބަރު 2023
@ދދދދދދދދދދ ސިޔާސީ މީހުން މަގުބޫލުކަން ހޯދަން އަބަދުވެސް އަލަމާރި ތެރެގަ ރައްކާކޮށްފަ ހުންނަ ބާ ސްކެލެޓަން ނޫނީ ގޯސްޓް ނަގާ ދައްކާނެ އަހަރުމެނަށް. އަބަދުވެސް ވެދިޔަތަނަށް ފާޑުކިޔަން އަހަރުމެން ބައިތިއްބާނީ. އޭރުން ކުރިއަށް އޮތްތަނަށް ވިސްނާކަަށް އަހަރުމެންގެ ސިކުނޑިއަކަށް ނޭނގޭނެ. ރައްޔިތުން އަބަދުވެސް ޕާސްޓްގަ ބައިތިއްބާފަ މި ޕާޓީތައް ގައުމު ފޮތިކޮށް ކަފާ ވީދާ އެއިން ނަފާހޯދަނީ. ފާރިސްއަކީ ކުރިމަގަށް ވިސްނަން ހަކަތަ ބޭނުން ކުރާ މީހެއް. ހައްލު ހޯދަން އުޅޭ މީހެއް. ވެދިޔަތަނުގަ ހުރިހާ ސަރުކަރެއްގެވެސް އެބަހުރި ރަނގަޅާ ގޯސް. އެ ބާއްވާފަ ޕާޓީ މަސްލަހަތާ ސިޔާސީ ްގެ މަސްލަހަތުގައި އެމީހުންނަަށް ދާއިމީ ހައްލެއް ހޯދާނުދެވުނު ކަންކަން ހައްލު ކުރާނެ ގޮތް ފާރިސް އެ ބުނެދެއްވަނީ. އިންޓަވިއުތައް ބައްލަވާލައްވަފަ ވިސްނަވާލައްވާ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް