އާރުޓީއެލް: ތައުރީފުގެ ބަހެއް ލިބުނަސް ނުލިބުނަސް، މިއީ އިންގިލާބީ ބަދަލެއް

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މިސާލު ދެއްކެވީ ހދ. މަކުނުދޫން، މިއަދު އެ ރަށު ރައްޔިތުން ކުޅުދުއްފުއްޓަށް ދާން ފަސް ގަޑިއިރު ހޭދަކުރަން ނުޖެހޭ ކަން
30 އޯގަސްޓު 2023
2

މުހިންމު ނުކުތާތައް

މިއަދު ދުވާލަކު އެވްރެޖްކޮށް 42،000 މީހުން އާރުޓީއެލްގެ ބަހާއި ފެރީގައި ދަތުރުކުރޭ

ކުރިން ރަށުން ބޭރުނުވެވި ތިބި އެތައް ބަޔަކަށް މިއަދު ޑޮކްޓަރަށް ދެއްކުން ފަދަ ކަންކަމަށް ފަސޭހައިން ކުރެވޭ

އަމާޒަކީ 2024 އަންނަ އިރު މުޅި ރާއްޖެ އާރުޓީއެލް އިން ގުޅާލުން

ވާދަވެރި ކެންޑިޑޭޓުން ވިދާޅުވާ ގޮތުން ނަމަ 'މިދިއަ ފަސް އަހަރަކީ ރާއްޖެއަށް އެއްވެސް ތަރައްގީއެއް ނެތް ފަސް އަހަރެ'ވެ. ބޭކާރުކޮށްލި ފަސް އަހަރެވެ. އެހެންކަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރިޔާސީ ދެވަނަ ދައުރެއް ހައްގެއް ނޫނެވެ.

އެކަމަކު އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ކައިރީގައި އެ ވާހަކަތައް ދައްކައިފި ނަމަ އޭނާއަށް ވިދާޅުވެވޭނީ 'ސިޔާސީ ކަންކަމުގައި ވެސް އެކަހަލަ ދޮގު ހަދާކަށް ނުވާނެ' ކަމަށެވެ. އޭނާއަށް އެހެން ވިދާޅުވެވެން ވެސް އެބަ އޮތެވެ. ރައީސް ސޯލިހުގެ ރިޔާސީ ދައުރުގެ އެންމެ ބޮޑު އެއް މަސައްކަތް ކަމަށް ވާ ރައްޔިތުންނާ އެންމެ ގުޅިފައި އޮތް އެއް ހިދުމަތުގެ ކުރީ ސަފުގައި ހުންނެވީ އޭނާ އެވެ.

ރާއްޖެ ޓްރާސްޕޯޓް ލިންކް (އާރުޓީއެލް) ތައާރަފުކޮށް ބާރު ސްޕީޑްގެ ފެރީ އާއި ބަހުގެ ނިޒާމަކުން މުޅި ރާއްޖެ އާއި ރަށްރަށުގެ އާންމު ދަތުރުފަތުރަށް ބޮޑު އިންގިލާބެއް ގެނައުމުގެ ޒިންމާ ނަންގަވަމުން އެ ގެންދަވަނީ، އެމްޓީސީސީގެ ސީއީއޯގެ ހައިސިއްޔަތުން އާޒިމް އެވެ. އޭނާ ސިފަކުރެއްވި ގޮތުގައި އާރުޓީއެލްއަކީ ރައީސް ސޯލިހުގެ އެންމެ ބޮޑު އެއް ކާމިޔާބީ އެވެ.

އުތުރުގެ ތިން އަތޮޅަށް އާރުޓީއެލް ހިދުމަތް، ރައީސް މުހައްމަދު ސޯލިހު ފައްޓަވައި ދެއްވަނީ (ފޮޓޯ/ޕްލޭނިން މިނިސްޓްރީ)

ވެރިރަށް މާލޭގައި ޓެކްސީއެއް ނުލިބި، ނުވަތަ ދުވާލު އެތައް ދަތުރެއް ކުރަން ޖެހޭތީ، އެފަދަ މާލީ ތަނަވަސްކަން ނެތް އެތައް ބަޔަކަށް މިއަދު އެ އޮތީ ބަހުގެ ހިދުމަތެވެ. ހުޅުމާލެ އާއި މާލެއާ ގުޅުވާލަދީ، ކޮންމެ ދުވަހަކު ފަސޭހަކަމާ އެކު ދަތުރުކުރެވޭނެ ގޮތަށް ބޮޑެތި ބަސްތައް، ހެނދުނުގެ އިރުގެ ދޯދިތައް ފަތުރާލުމުގެ ކުރިން އެ އޮންނަނީ، ބަސް ސްޓޮޕްތަކުގައި، ތައްޔާރަށެވެ.

ކުރީގެ ސަރުކާރުތަކުން ވެސް އެކި ސިފަސިފައިގައި އެއްގަމާއި ކަނޑުގެ ދަތުރުފަތުރުގެ ހިދުމަތް ފެށި އެވެ. ނަމަވެސް ރައީސް ސޯލިހުގެ ސަރުކާރުގައި އެމްޓީސީސީއާ ހަވާލުކޮށްގެން މިހާރު އެ ދެނީ، ރާއްޖެއާ ކައިރި ގައުމަކުން ވެސް ފެންނަން ނެތް ފަދަ މަތީ ފެންވަރުގެ ހިދުމަތެއްކަން، ދަތުރުކުރާ މީހުން ވެސް އެއްބަސްވެ އެވެ.

މިސާލަކަށް ހދ. މަކުނުދޫ

'ދައުރު'އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އާޒިމް މިސާލު ނެންގެވީ އެންމެ ރަށަކުންނެވެ. ރާއްޖޭގެ އެންމެ ހުޅަނގަށް، ރާއްޖޭގެ އެހެން އަތޮޅުތަކާ މުޅިން ވަކިން އޮތް، ހދ. މަކުނުދޫ އެވެ.

"މަކުނުދޫ މީހުން ކުޅުދުއްފުއްޓަށް ދާން [ކުރިން] ކުރި ދަތުރަކީ ފަސް ގަޑިއިރުގެ ދަތުރެއް. މިއަދު އެމީހުންނަށް އެއް ދުވަހު އައިސް ޑޮކްޓަރަށް ދައްކާފައި، ބޭސް ނަގާފައި ޓެސްޓްތައް ހަދާފައި [ރަށަށް] ދެވޭނެ،" އާޒިމް ވިދާޅުވި އެވެ.

ކުރިން ނަމަ އެއީ، އޭނާ ވިދާޅުވި ގޮތުގައި، ދެ ދުވަހުން އެއް ދުވަހު ލަކުޑި ބޯޓެއްގައި، އެހާމެ ލަސް ދުވެއްޔެއްގައި ކުރި ދަތުރެކެވެ. އޭގެ ދަތުރަކަށް ބައެއް ފަހަރަށް ފަސް ވަރަކަށް މީހުން ވެސް ނާރާނެ ކަމަށް ވިދާޅުވި އެވެ. އެކަމަކު މިއަދު ބާރު ސްޕީޑް ލޯންޗެއްގައި 50 މީހުންގެ ޖާގަ ފުލްކޮށް، މަކުނުދޫން ދަތުރުކުރާކަން، އާޒިމްގެ މިސާލުގައި، ވިދާޅުވި އެވެ.

އާރުޓީއެލްގައި ބޭނުންކުރާ ސްޕީޑް ލޯންޗުތައް: މިއީ ވަކި ގޮތަކަށް ޑިޒައިންކޮށްގެން ބަނދެފައިވާ އުޅަނދުތަކެއް (ފޮޓޯ: ޕްލޭނިން މިނިސްޓްރީ)

ދަތުރުގެ އަގަށް ވެސް އައީ އެހާމެ ބޮޑު ބަދަލެކެވެ. ކުރިން ލޯންޗެއްގައި ނަމަ އެއީ 5،000 ނުވަތަ 7،000ރ ގެ ދަތުރެކެވެ. މިއަދު 'ރަށު ބަންދުން މިނިވަންވެ' އާރުޓީއެލްގައި 150ރ އަށް ދަތުރުކޮށްލެވެ އެވެ.

"ހއ. ހދ. މީހުންނަށް އިހުސާސްކުރެވޭނެ ދަތުރުފަތުރުގެ ނިޒާމުގެ ފަސޭހަކަން،" އެންމެ އުތުރުގެ ދެ އަތޮޅުގެ އާރުޓީއެލްއަށް އިޝާރަތްކުރައްވައި އާޒިމް ވިދާޅުވި އެވެ.

ފަސް އަހަރުގެ ދައުރެއްގައި، މީގެ ކުރިން، އެކި ރައީސުން ބޮޑެތި ކަންކަން ކުރައްވާފައި އެބަ ހުއްޓެވެ. މިސާލަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޓެކްސް ނަގަން ފެށުމާއި އާސަންދަ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގެދޮރުވެރިކަމުގެ ބިޔަ 'ހިޔާ' މަޝްރޫއު އާއި ސިނަމާލެ ބްރިޖް އާއި ވީއައިއޭގެ ތަރައްގީއަށް ހިންގި ބޮޑު މަޝްރޫއުތަކެވެ.

ރައީސް ސޯލިހުގެ ސަރުކާރުން ވެސް ބިޔަ މަޝްރޫއުތަކެއް ވަނީ ފަށައިފަ އެވެ. 'ފަހި ދިރިއުޅުމު'ގެ 4،000 ފްލެޓެވެ. މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުއްޓާ ގުޅާލަދޭ ދިގު ބްރިޖެވެ. މި މަޝްރޫއުތައް ނިންމާނުލެވުމުގެ ފާޑުކިއުން އެބަ އޮތެވެ. އެކަމަކު އާރުޓީއެލްގެ ސަބަބުން ދަތުރުފަތުރުގެ ނިޒާމަށް އައި އިންގިލާބީ ބަދަލު އެ އޮތީ ފެންނާށެވެ.

ރައީސް ސޯލިހުގެ ބޮޑު ކާމިޔާބީއެއް

"އަޅުގަނޑު ދެކޭ ގޮތުގައި [އާރުޓީއެލް] މިއީ [ރައީސް ސޯލިހުގެ] އެންމެ ބޮޑު އެއް ކާމިޔާބީ،" އާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގޭގައި އިނދެގެން ތަނަކަށް ނުދެވުނީމާ ވަރަށް އަސަރުކުރޭ ދެއްތޯ. ވިސްނާލާ! ރަށްރަށުގައި އެތައް ހާސް ރައްޔިތުންނެއް ތިބެނީ އެއްވެސް ތަނަކަށް، ޑޮކްޓަރަށް ދައްކާލަން [ވެސް] ނުދެވިފައި."

އެކަމަކު މިއަދު ރާއްޖޭގެ އަށް އަތޮޅެއްގައި އާރުޓީއެލްގެ ސްޕީޑް ލޯންޗުގެ ދަތުރުތައް ފަށައި، އެ ބަންދުން މިނިވަންކޮށްދީފި އެވެ. މިއަދު އެ އަތޮޅުތަކުގެ ރަށްރަށުގެ ރައްޔިތުންނަށް އެ ލިބެނީ، އާޒިމް ވިދާޅުވި ގޮތުގައި، 'ހިތްފަސޭހަ، ސްޕީޑް ބާރު، ހިތްހެޔޮ ކްރޫންތަކެއް ލާފައި ތިބި ރަނގަޅު ފެންވަރުގެ ޒަމާނީ ފެރީތަކުގައި' ދަތުރުކުރުމުގެ ފުރުސަތެވެ.

"އެމީހުން އެ ތިބެނީ ވަރަށް އުފަލުން،" އޭނާ ވިދާޅުވި އެވެ.

އެކަމަކު ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ފަހު ދުވަސްކޮޅަށް އެޅި އިރު، މި އިންގިލާބީ ބަދަލުގެ މުހިންމުކަން އިހުސާސްނުކުރެވި އޮވެދާނެ އެވެ. އެއް ކަމަކީ އާރުޓީއެލްގެ ފެރީ އާއި ބަސްތަކުގައި ދުވާލަކު އެވްރެޖްކޮށް ދަތުރުކުރާ 42،000 މީހުންގެ ތެރޭގައި ތިބާ ނުހިމެނުމެވެ. އެހެންކަމުން މާލެ ސަރަހައްދުގައި ބަހުގެ ހިދުމަތް އެމްޓީސީސީން ދެމުން އަންނަނީ ކިހިނެއް، ކޮން ފެންވަރެއްގައިކަން، އަތޮޅު ތެރޭގައި އާރުޓީއެލް ފެރީގެ ދަތުރުތަކުގެ ފަސޭހަކަން، ބަލަން ވެސް ބޭނުން ނުވެދާނެ އެވެ.

އާރުޓީއެލް ފެރީއެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް (ފޮޓޯ/ ރައީސް އޮފީސް)

ނަމަވެސް ދުނިޔޭގެ އެހެން ގައުމުތަކުގައި ޕަބްލިކް ޓްރާންސްޕޯޓްގެ ނިޒާމަށް ގެންނަ ބޮޑު ކޮންމެ ބަދަލެއް އާންމުން ދެނެގަނެ އެވެ. އެފަދަ ބަދަލުތައް ބަލައިގަނެ އެވެ.

އާޒިމް ވިދާޅުވި ގޮތުގައި އެމްޓީސީސީގެ އަމާޒަކީ، ސަރުކާރުން ކަނޑައަޅާފައި އޮތް ގޮތަށް، މި އަހަރު ނިމުމުގެ ކުރިން މުޅި ރާއްޖެ އާރުޓީއެލްއިން ގުޅުވާލުމެވެ. މިހާރު ހިދުމަތް ފަށާފައި ވަނީ އުތުރުން ހއ، ހދ، ށ. ޅ. އަދި ދެކުނުން ގއ، ގދ. ފުވައްމުލައް އަދި އައްޑޫގަ އެވެ.

މިދިއަ އަހަރުގެ ސެޕްޓެމްބަރު މަހު އަލް-ޝާލީ މެރިންނާ އެކު އެމްޓީސީސީން ވަނީ އޭރު ހިދުމަތް ނުފަށައި އޮތް 17 އަތޮޅުގައި އާރުޓީއެލް ތައާރަފުކުރަން 65 ފެރީ ބަންނަން 537 މިލިއަން ރުފިޔާގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

"ޕްލޭނަކީ ވެސް 2024 އަންނަ އިރު މުޅި ރާއްޖެ އެއްކޮށް އާރުޓީއެލް ނިޒާމުން އެމްޓީސީސީން ގުޅާލުން. އެކަމަށް ބޭނުންވާ ފައިސާ ވެސް ހަމަޖެހުމުގެ މަސައްކަތް ކުރަމުން މިދަނީ،" އާޒިމް ވިދާޅުވި އެވެ.

އާރުޓީއެލްގެ ހިދުމަތަށް ބަލާ ނަމަ އެކަން މިހާރު އެ އޮތީ އެއްވެސް ސަރުކާރަކަށް ފަހަތަށް ފިޔަވަޅު އެޅިގެން ނުވާނެ ފެންވަރަށް ތަރައްގީކޮށްފަ އެވެ. އެކަމަކު އަބަދުވެސް ތަރައްގީއަށް އޮންނަނީ ބޭނުންވެފަ އެވެ.

އާޒިމް ވިދާޅުވި ގޮތުގައި އާންމުން ޓެކްސް ދައްކާ އިރު ދަތުރުފަތުރުގެ ނިޒާމް ފަދަ ހިދުމަތްތައް ކޮންމެ ސަރުކާރަކުން ވެސް ދޭން ޖެހޭނެ އެވެ. އަދި އެ ހިދުމަތް ދެމެހެއްޓޭ ފެންވަރަށް ދައުލަތަށް އާމްދަނީ ލިބޭނެ ގޮތަށް އިގުތިސާދު ވެސް ފުޅާކުރަން ޖެހޭނެ ކަމަށް، އޭނާ ގަބޫލުކުރައްވަ އެވެ.

"ކޮންމެ ގޮތެއް ވިޔަސް ރަށްރަށުގެ މީހުން ނުބޭތިއްބޭނެ ރަށްރަށުގައި ބަންދުކޮށްގެން. ހުރިހާ ރަށެއްގައި ބޮޑެތި ހޮސްޕިޓަލެއް ނޭޅޭނެ، އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭނެ. ހުރިހާ ރަށެއްގައި ބޮޑެތި ސްކޫލްތަކެއް ނޭޅޭނެ، އަޅުގަނޑުމެން ގބޫލުކުރަން ޖެހޭނެ. ޔުނިވަސިޓީތަކެއް ނޭޅޭނެ،" އާޒިމް ވިދާޅުވި އެވެ.

"އެހެންވިއްޔާ ރަށްރަށުގައި ތިބޭ މީހުންނަށް އެ ހިދުމަތްތައް ލިބޭނެ ކަހަލަ އިންތިޒާމްތަކެއް ހަމަޖައްސައިދޭން ޖެހޭނެ."

އާރުޓީއެލްއަކީ އޭގެ އިންގިލާބީ ބަދަލެކެވެ. ރައީސް ސޯލިހަށް، ގިނަ މީހުންގެ ފަރާތުން ތައުރީފްގެ ބަހެއް ލިބުނަސް ނުލިބުނަސް، ދުވާލަކު އެ ދަތުރުކުރާ 42،000 މީހުންނަށް، އެއީ ވަރަށް ތަފާތު ތަޖުރިބާއެކެވެ. އެމްޓީސީސީން ގަބޫލުކުރާ ގޮތުން ނަމަ، ދުނިޔޭގެ ފެންވަރުގެ ހިދުމަތެކެވެ.

ކޮމެންޓް (2)

ޓްރުތު

30 އޯގަސްޓު 2023
މިއީ ޖަޒީރާ ރާއްޖެ މެނިފެސްޓޯގައި ހިމެނޭ ކަމެއް ނޫން. އަންނިގެ ވެރިކަމުގައި މިކަން ކުރަން އަސްލަންޓޭ މެން އުޅެގެން ފެއިލްވީ. މިކަމުގެ ހުރިހާ ކްރެޑިޓެއް ޙައްޤު ވަނީ އެމް.ޓީ.ސީސީ ގެ ސީ.އީ.އޯ އަަޒިމް އަށް.
2 1

ތެފައާސާ.

30 އޯގަސްޓު 2023
އާރުޓީއެލް، ނަރުދަމާ، ސާފު ބޯފެން، ސުޓޫޑެންޓް ލޯނު، މިނިމަން ވޭޖު، ސާވިސް ޗާރޖު މެޓާނިޓީ ލީވް ކަހަލަ ކަންކަމަކީ ބުރިޖެއް ނުވަތަ އިމާރާތެއް ގޮތަށް އެއްތަނަކުން ބޮޑުކޮށް ބިޔަކޮށް ފެންނަން ނުހުންނަ ކަންކަންވީމާ އެއީ އެހާ ބޮޑު ކަންކަންގޮތަށް އަހަރެމެންގެ ސިކުނޑިއަށް ވިސްނައިނުގަނެވެނީ. އެކަމަކު އެއީވެސް ހަމަ ބައިވަރު މީހުންގެ ދިރިއުޅުމާއި ގުޅިފައިހުންނަ ކަންކަން. ތަރައްޤީ އަކީ އެކަނި ކޮންކްރީޓް ސުޓްރަކްޗާރ ތަކެއް ނޫން.
9 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް