ރައީސް ސޯލިހު އެއް ބުރުން، އެއީ ކިހިނެއް ވާނެ ކަމެއް؟
މުހިންމު ނުކުތާތައް
ކުރިން އެމްޑީޕީއަށް ކުރި ނުލިބޭ ބައެއް އަތޮޅުތަކުގެ ރުހުން އޮތް މިންވަރަކީ ރަނގަޅު ފާލެއް
މުއިއްޒަށް ވޯޓު ލިބޭނެ ކަން ވެސް، ވޯޓު ހޯދާނެ ކަން ވެސް، ގަބޫލުކުރަން ޖެހޭނެ
ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް، މުއިއްޒު ހޮވަން މަސައްކަތްކުރައްވާތަނެއް ނުފެނޭ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ގެންދަވަނީ އެހެން ވިދާޅުވަމުންނެވެ. އެމަނިކުފާނުގެ ކެމްޕޭން ޓީމުން ވެސް ތަކުރާރުކޮށް އެ ބުނަނީ 'ރައީސް ސޯލިހު އެއް ބުރުން ހޮވޭނެ' ކަމަށެވެ. އެތައް ކެންޑިޑޭޓުން ފަހަތުގައި ވިއްދާފައި ތިއްބެވި އިރު ވެސް، ރައީސަށް ނުވަތަ އެމަނިކުފާނުގެ ޓީމަށް އެ ޔަގީންކަން ލިބެނީ ކިހިނެއް ހެއްޔެވެ؟ މި ސުވާލުގެ ޖަވާބު ހޯދަން 'ދައުރު'ން މިފަހަރު ބައްދަލުކުރީ ރައީސްގެ ކެމްޕޭންގައި ގިނަ އަދަދެއްގެ ރަށްރަށަށް ވަޑައިގެންފައިވާ ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާ އެވެ.
މީގެ ކުރީގެ ރިޔާސީ އިންތިހާބުތަކަށް ބަލާއިރު މޫސައަށް މިހާތަނަށް ތަޖުރިބާކުރެއްވިފައި އޮތީ އެންމެ ކާމިޔާބީއެކެވެ؛ 2008ގެ ރިޔާސީ އިންތިހާބެވެ. އޭނާއަކީ އެ އިންތިހާބު ކާމިޔާބުކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ނަޝީދުގެ އެހީތެރިއެކެވެ. އެކަމަކު އެމްޑީޕީގައި ހުންނަވައިގެން 2013ގެ އިންތިހާބު ނަޝީދަށް ވީ ނާކާމިޔާބީ އެވެ. އަދި އޭގެ ފަހުން 2018ގައި އޭރުގެ ރައީސް އަބްދުﷲ ޔާމީން ހޮވަން އެމަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމްއާ އެކު ކުރެއްވި މަސައްކަތް ވެސް ނިމުނީ، ވޯޓުން ބަލިވެގެންނެވެ.
އެކަމަކު މިއަދު ރައީސް ސޯލިހާ އެކު 100 އަށް ވުރެ ގިނަ ރަށްރަށަށް ވަޑައިގެންނެވި އިރު، 'ހަތަރު ފަސް ރަށެއް ފިޔަވައި' މޫސައަށް ފެނިވަޑައިގަތީ އިންތިހާބުގައި ރައީސް ހޮވަން ނުކުންނަ މީހުންނެވެ. އޭގެ ސަބަބު ކިޔައިދެއްވި އެވެ.
"ރައީސަކު ހޮވަނީ ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދޭން،" މޫސަ ވިދާޅުވި އެވެ.
ދެން އޭނާ ދެއްކެވީ ޔާމީނާއި ރައީސް ސޯލިހު އަޅާބެލުމުން އޭނާއަށް ގަބޫލުކުރެއްވޭ އެންމެ ބޮޑު ތަފާތެވެ؛ މުޅި ރާއްޖެއަށް ތަރައްގީ ގެނައުމެވެ.
"މިއަދުގެ ތަފާތަކީ ރާއްޖޭގައި ކުޑަ ރަށެއް، ބޮޑު ރަށެއް ނުބަލައި، ރަށްރަށަށް އެބަ ހުރި ކަންތައްތަކެއް ކޮށްދީފައި،" މޫސަ ވިދާޅުވި އެވެ.
އޭގެ ނަތީޖާއަކީ، އޭނާ ފާހަގަކުރެއްވި ގޮތުގައި، ކުރިން ޕީޕީއެމްގެ ފިކުރުގައި ތިބެ އެމްޑީޕީއަށް އެއްގޮތަކަށް ވެސް އަތުނުވި ބައެއް އަތޮޅުތައް ވެސް ރައީސް ސޯލިހާ ދިމާލަށް އެނބުރުމެވެ. މިސާލަކަށް ރ. އާއި މ. އަތޮޅެވެ.
"ރ. އަތޮޅަކީ، ކޮން އިރަކު އެމްޑީޕީއަށް ފުލްކޮށް ލިބޭ އަތޮޅެއްތޯ؟ މިދިއަ 2018ގައި، ކޮންމެވެސް ވަރެއްވި. ރ. މ. މާ ކުރިންސުރެ މި ތަންތަނަކީ ޑީއާރުޕީ ޒަމާނުން ފެށިގެން އެހެން ފިކުރެއްގައި ތިބެގެން އަބަދު، ކިތައްމެ ކަމެއް ކޮށްދިނަސް [އެމްޑީޕީ] ބަލައެއް ނުގަންނާނެ،" މޫސަ ވިދާޅުވި އެވެ.
"މިއަދު ބައްލަވާ އެ ރަށްރަށުން މީހުން އެ ނުކުންނަނީ. އެ މީހުން ނުކުމެ [ރައީސް ސޯލިހަށް] މަރުހަބާއެއް ނުކިޔާނެ ދެއްތޯ ކަމެއް ނެތް ނަމަ؟"
ސަލާންކުރަން ދިގު ސަފުތައް ދަމާލުމަކީ ވޯޓު ޔަގީން ވުން ނޫންކަން، ދިވެހިންނަށް އެނގެ އެވެ. އިންތިހާބުގެ ދުވަސްވަރު އެކި ކެންޑިޑޭޓުން ރަށްރަށަށް ވަޑައިގަންނަވާ އިރު ފާލަމުން ފެށިގެން އެ ދަމާލާ މަރުހަބާގެ ސަފު، މިފަހަރު ވެސް އެހާމެ ދިގެވެ. އެއީ 'ޔަގީން ވޯޓު' ކަމަށް ވާ ނަމަ އިދިކޮޅު ޕީއެންސީ-ޕީޕީއެމްގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވެސް އެ ހުންނެވީ، އޭނާގެ ސަޕޯޓަރުންގެ ނަޒަރުން، ހޮވިފަ އެވެ.
މ. އަތޮޅަށް މުއިއްޒު ކުރެއްވި ދަތުރު، ބައެއް މީޑިއާތަކުން ސިފަކުރި ގޮތުން ނަމަ، 'މ. އަތޮޅުން މިހާރު ވެސް މުއިއްޒު ހޮވުނު ފަދަ' އެވެ. އެކަމަކު މޫސަ ވިދާޅުވީ ބައެއް ރަށްރަށުން މުއިއްޒަށް މަރުހަބާ ކިޔަން ގިނަ އަދަދެއްގެ ބަޔަކު ނުކުތް ނަމަވެސް ރައީސް ސޯލިހާ އަދި ހަމަކުރެވޭވަރު ނޫން ކަމަށެވެ.
މުއިއްޒު ހޮވަން ޔާމީންގެ ފަރާތަކުން ނޫޅޭ
އެހާ ހިސާބުން މޫސަ ސުވާލު އުފައްދަވަނީ މުއިއްޒު ހޮވަން ޔާމީންގެ ފަރާތްޕުޅުން މަސައްކަތެއް އެބަ ކުރޭ ހެއްޔެވެ؟ އޭނާ ވިދާޅުވަނީ މިހެންނެވެ؛ މުއިއްޒަކީ ޕީއެންސީގެ ކެންޑިޑޭޓެވެ. ޕީޕީއެމްގެ ކެންޑިޑޭޓަކު ނެތެވެ.
ޔާމީންގެ އެދިވަޑައިގަތުމަށް ޕީޕީއެމް-ޕީއެންސީގެ ލީޑަޝިޕް އެ އޮތީ މުއިއްޒުގެ ފަހަތުގައި ނޫންތޯއޭ އަޅުގަނޑު ދެންނެވީމެވެ. މޫސަގެ ވާހަކަތައް ކުރިއަށް ގެންދަމުން އަޅުގަނޑާ ސުވާލެއްކުރެއްވި އެވެ. ޔާމީން 2018ގެ ކެމްޕޭންގައި ކިތައް ރަށަށް ވަޑައިގެންނެވިތޯ އެވެ. ޒިޔާރަތްކުރެއްވި ރަށްރަށް މަދުނުވާނެ ކަމަށް ދެންނެވުމުން މޫސަ އެއްބަސްވެވަޑައެއްނުގަތެވެ. އޭނާ ވިދާޅުވީ ޔާމީންގެ ކެމްޕޭންގައި ގިނަ ރަށްރަށަށް ވަޑައިގަތީ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ކަމަށެވެ. އެކަމަނާގެ އަރިހުގައި މޫސަ ވެސް ދަތުރުކުރެއްވި އެވެ.
އެ ވާހަކައާ ހަމައަށް އޭނާ ވަޑައިގަތީ އިންތިހާބު ކާމިޔާބުކުރައްވައިގެން ޔާމީން މިނިވަންކުރަން މުއިއްޒު ތަކުރާރުކޮށް ވާހަކަ ދައްކަވާ އިރު ވެސް، މުއިއްޒު ހޮވަން ފާތުންގެ އެއްވެސް މަސައްކަތެއް ނުފެންނާތީ އެވެ.
މޫސަ ވިދާޅުވީ ފިރިއަކަށްޓަކައި ފާތުން ކުރެއްވި ވަރުގެ ސިޔާސީ މަސައްކަތެއް އެހެން އެއްވެސް ރައީސެއްގެ އަނބިކަނބަލުން މިހާތަނަށް ކުރައްވާފައި ނެތް ކަމަށެވެ.
"ރައީސް ޔާމީންގެ ކަމެއްގައި އެންމެ ކުރީގައި ހުންނަވާނެ ރައީސް ޔާމީންގެ އަނބިކަނބަލުން. ފިރިއެއްގެ ސިޔާސީ މަސައްކަތުގައި އަންބަކު ނޫޅޭނެ މެޑަމް ފާތުން ރައީސް ޔާމީންގެ ކަންކަމުގައި އުޅުއްވި ވަރަށް. އެއީ ހަމަ ޔަގީންކަމެއް، އެންމެން ވެސް ދަންނަ ހަގީގަތެއް،" މޫސަ ވިދާޅުވި އެވެ.
"އެކަމަކު މިފަހަރު ކީއްވެގެންތޯ، ރައީސް ޔާމީން މިނިވަންކުރުމަށްޓަކައި ނަމަވަސް މުއިއްޒާ އެކު [ފާތުމަތު އިބްރާހިމް] ނެތީ؟"
ޕީއެންސީގެ ކެންޑިޑޭޓެއްގެ ގޮތުގައި މުއިއްޒު ނުކުންނެވުމުން އެމްޑީޕީން ގެންދަނީ އޭނާގެ ހައިސިއްޔަތު ކުޑަކުރަމުންނެވެ. ނުވަތަ އެއީ މާ ބޮޑު ގޮންޖެހުމެއް ކަމަށް ނުބަލައި، އާދައިގެ ގޮތަކަށް ނަގާ ކަމަށް ވެސް ވެދާނެ އެވެ. އެކަމަކު އަނެއްކޮޅުން ރައީސް ސޯލިހުގެ އިންތިހާބީ ތަރުޖަމާނު އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ، ކޮންމެ ދުވަހަކުހެން މުއިއްޒަށް އަމާޒުކޮށް ފާޑު ވެސް ކިއުއްވަ އެވެ.
މޫސަގެ ޖަވާބު އެއަށް ވެސް އެބަ އޮތެވެ. އެ ޖަވާބުގައި، އެމްޑީޕީ ދެ ފަޅިވެ އޭގެ ނަތީޖާއެއްގެ ގޮތުން އުފެއްދި ދަ ޑިމޮކްރެޓްސްއަށް ނިސްބަތްކުރައްވާ، 'ދަނޑި ޕާޓީ'ގެ ސިފަކުރުން ވެސް ގެންނެވި އެވެ.
"އިދިކޮޅު ޕާޓީގައި މީހަކު ނެތި މިއޮތް ހުރިހާ ދުވަހު އަޅުގަނޑުމެންނަށް އެއްޗެހި ކިޔަން މި ޖެހުނީ ދަނޑި ޕާޓީގެ، މައާފުކުރައްވާތި، ދަ ޑިިމޮކްރެޓްސްގެ ބޮޑުމީހާ ނަޝީދާ ދިމާއަށް. އޭނާއާ ދިމާއަށް އެއްޗެއް ބުނުމުގެ މާނައަކީ ކޮބައިތޯ؟ މިސާލަކަށް [ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް] ގާސިމާ ދިމާއަށް އެއްޗެކޭ ބުނުމުގެ މާނައަކީ ކޮބައިތޯ،" މޫސަ ވިދާޅުވި އެވެ.
"އަބަދުވެސް ހަނދާންކުރައްވާތި، އޮޕަސިޝަންއަށް އަޅުގަނޑުމެން ކުޅޭނީ. ކުޅެން ވެސް ޖެހޭނެ ނޫންތޯ. އެހެންނަމަވެސް ހާސްކަމެއް ނެތް. ކޮންމެ ގޮތެއްވިޔަސް ވާދައިގެ ރޫހެއްގައި ނުކުމެ އުޅޭ އިރު މާރިޔާ ވެސް، އަޅުގަނޑު ވެސް، އަދި ރައީސް [ސޯލިހު] ވެސް، ކޮންމެ ގޮތެއް ވިޔަސް މުއިއްޒުތާ ހުންނާނީ އަޅުގަނޑުމެންގެ އޮޕަސިޝަން ކެންޑިޑޭޓަކަށް، ކޮންމެ ގޮތެއް ވިޔަސް އޭނާއަށްތާ ޗާންސް ބޮޑުވާނީ."
މިހާ ހިސާބުން ވެސް ދޭހަވަނީ، ޕީޕީއެމްގެ ލީޑަޝިޕާއި ސަޕޯޓަރުން މުއިއްޒުގެ ފަހަތުގައި ތިބި ނަމަވެސް، ރައީސް ސޯލިހާ ރަނގަޅު ވާދައެއްނުކުރެއްވޭނެ ކެންޑިޑޭޓެއް ކަމަށް، މޫސަމެންނަށް ގަބޫލުކުރެއްވޭ ހެންނެވެ. އެ މޭރުމުން ސުވާލު ދެންނެވުމުން އޭނާ ވިދާޅުވީ 'ނޫން، ނޫން' ކަމަށެވެ.
"ވާދަކުރަންވީ. އެކަމަކު ހޮވުނަ ނުދޭންތާ އަޅުގަނޑުމެން މަސައްކަތް ކުރަން ޖެހޭނީ. މިއީ ޑިމޮކްރަސީ ނޫންތޯ. ޑިމޮކްރަސީއޭ ކިޔާފައި މި ހިސާބަށް ވާހަކަ ގެނެސްފައި، އަޅުގަނޑުމެން ފުއްޕާފައި ހަގީގަތް އޮލުވާލުމަކީ އޮވެގެން ވާނެ ކަމެއް ނޫން،" މޫސަ ވިދާޅުވި އެވެ.
"ބިރު ވެސް ގަންނަން ޖެހޭނެ. އޭނާ ވޯޓު ނަގާނެ ކަން ވެސް ބަލަން ޖެހޭނެ. އޭނާ އަތުން ވޯޓު އަތުލަން ވެސް ޖެހޭނެ. އޭނާ ވޯޓުން ބަލި ވެސް ކުރަން ޖެހޭނެ. އެއީ އަޅުގަނޑުމެން ކުރާނެ ކަމެއް."
ހިސާބު ޖަހަނީ ބަލާފައި، ރަނގަޅަށް
ޔާމީނަށް 2018ގެ ރިޔާސީ އިންތިހާބު ގެއްލުމުގެ އެއް ސަބަބަކަށް، އަރިސް ބޭފުޅުން ދެއްވި ލަފާތައް ގަބޫލުނުކުރެއްވުން ހިމެނިދާނެ އެވެ. މިސާލަކަށް އެމަނިކުފާނަށް ވޯޓު ލާނެ މީހުންގެ ނިސްބަތް %45 އަށް ވުރެ މައްޗަށް ނުދާ ކަމަށް، ބައެއް ބޭފުޅުން ދެންނެވުމުން ރައްދެއްގެ ގޮތުން ވިދާޅުވި ކަމަށް ވަނީ 'ތިމަންނަ ނުހޮވޭ ސީޑީއެއް އޮތް ނަމަ އެ އެއްލާށޭ' އެވެ.
އާ ގާނޫނުއަސާސީގެ ދަށުން އިންތިހާބުކުރި ރައީސަކަށް މިހާތަނަށް ދިވެހިން ދެވަނަ ފުރުސަތެއް ދީފައެއް ނުވެ އެވެ. ނަޝީދަށާއި ވަހީދަށް 2013ގައި ނާކާމިޔާބެވެ. އޭގެ ފަހުން ޔާމީނެވެ. މިހާތަނަށް ހަގީގަތަކީ އެއީ ކަމަށް ވާއިރު ރައީސް ސޯލިހު ތަފާތުވާންވީ ކީއްވެގެން ހެއްޔެވެ؟ ނަޝީދާއި ޔާމީންގެ ނެތް އެކަމަކު ރައީސް ސޯލިހުގެ ހުރި، އާންމުން ގަބޫލުކުރާނެ ސިފަތަކަކީ ކޮބައި ހެއްޔެވެ؟
"ރާއްޖެތެރެ ތަރައްގީކޮށްދިނީ. މަޑުމައިތިރިކަމާ އެކު އެއްޗެހި ބުނީ. މީހުންނަށް އަނިޔާއެއް ނުކުރި. މީހުންތަކެއް [ސިޔާސީ ކަންކަމުގައި] ހައްޔަރުކޮށްފައެއް ނެތް. އެންމެން މިިނިވަންކަމާ އެކު އެތިބީ. [އިންތިހާބުގައި އިދިކޮޅަށް] ހަތް ކެންޑިޑޭޓުން. [އެކަމަކު] އުނދަގޫވެގެން ކޮއްޕާލާކަށެއް ރައީސެއް ނޫޅުއްވާ،" މޫސަ ވިދާޅުވި އެވެ.
ރައީސްގެ އެ ސިފަތަކުން އެނގެނީ، އޭނާ ވިދާޅުވި ގޮތުގައި، އެމްޑީޕީން ގެންނަން އުޅުނު ހެޔޮ ވެރިކަން އަދި ކިރިޔާ ފެންނަނީ ކަމެވެ.
ދެން މޫސަ ފާހަގަކުރެއްވީ، ޔާމީނަށް ނުކުރެއްވުނު އެކަމަކު ވަރަށް މުހިންމު ކަމެކެވެ؛ ރަށްރަށަށް ސީދާ ރައީސް ސޯލިހު ވަޑައިގަތުމެވެ.
ޔާމީނަށް ވުރެ ގިނައިން އަނބިކަނބަލުން ފާތުން ރަށްރަށަށް ވަޑައިގަތް ވާހަކަ އައީ އެހާ ހިސާބުންނެވެ. މޫސަ ވިދާޅުވީ ސީދާ ރައީސް ރަށްރަށަށް ވަޑައިގަންނަވަން ޖެހޭ ކަމަށެވެ. އެކަން ރައީސް ސޯލިހަށް ވިސްނިވަޑައިގެން، އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕޭނުން ފެށިގެން، އެކި ރަށްރަށަށް ޒިޔާރަތްކުރެއްވުން ކުރިއަށް ގެންދެވިކަން، މޫސަ ފާހަގަކުރެއްވި އެވެ.
"ޕްރައިމަރީން ފަށައިގެން ރައީސް ސޯލިހު ހުރިހާ ރަށަކަށް އަރާވަޑައިގެން، ހުރިހާ އެންމެންނާ ބައްދަލުކުރައްވަމުން އެ ގެންދަވަނީ. ރައީސް އެންމެ ފަހު ވަގުތާ ޖެހެންދެން އަމިއްލަފުޅަކަށް މަސައްކަތެއް ހުއްޓައެއް ނުލައްވާ،" މޫސަ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމަނިކުފާނަށް މަރުހަބާ ދަންނަވަން ސަފުތަކުގައި އެތުރޭ މީހުންގެ އަދަދާއި ރަށުގެ އާބާދީ އާއި ރައީސްގެ ދަތުރުފުޅާ ދިމާކޮށް ރަށަށް އަރާ މީހުންގެ ނިސްބަތް ވެސް، ދެނެގަންނަ ކަމަށެވެ. ހިސާބު ޖަހަނީ، އެ ހުރިހާ ކަމަކަށް ވިސްނައިގެން ކަމަށް ވިދާޅުވި އެވެ.
މޫސަގެ ލަފާކުރެއްވުންތައް ހުރީ މިހެންނެވެ؛ ވޯޓު ލުމުގެ ހައްގު ލިބޭ މީހުންގެ އަަދަދު 280،000 އަށް ވުރެ ގިނަ ނަމަވެސް އިންތިހާބުގައި ވޯޓު ލާނެ ކަމަށް ބަލެވެނީ ގާތްގަނޑަކަށް 260،000 މީހުންނެވެ. އޭގެ %50 އަކީ 130،000 އެވެ. އިންތިހާބު ކާމިޔާބުކުރެވޭނީ ވޯޓު ލާ މީހުންގެ %50 އާއި އެއް ވޯޓު އިތުރަށް ލިބުމުންނެވެ.
ރައީސް ސޯލިހަށް ވޯޓު އަންނާނީ؛ އަދާލަތު، އެމްޑީއޭ، އެމްޑީޕީ އަދި ސީދާ ރައީސް ސޯލިހަށް ވޯޓު ލާ މީހުންގެ ފަރާތުންނެވެ. ސީދާ ރައީސް ސޯލިހަށް ވޯޓު ލާނީ ސިޔާސީ ޕާޓީތަކާ ގުޅިފައި ތިބޭ ބައެއް ނޫނެވެ.
މޫސަ ވިދާޅުވީ ޔާމީންގެ ވެރިކަމުގައި އިދިކޮޅު އެންމެން ބަންދުކޮށްފައި ބޭތިއްބުން ފަދަ އެތައް ކަމެއް ހިނގާފައި އޮތް އިރު ވެސް 94،000 އަށް ވުރެ ގިނަ ވޯޓު ހޯއްދެވި ކަމަށެވެ.
"[ރައީސް ސޯލިހު] ގެންގުޅުއްވާ އުސޫލުތަކަކީ ވެސް ޕާޓީއަށް އިތުރުވާނެ ވޯޓުތަކެއް. ކުރިއާ ހިލާފަށް މީހަކު ކަމެއް ކޮށްދޭން ބުނެފިއްޔާ އެކަމެއް ކޮށްދީފައި އެބަހުރި އަދި އިތުރަށް ބުންޏަސް، ކޮށްދޭން،" މޫސަ ވިދާޅުވި އެވެ.
"އެއީ ދައުލަތުގެ ފައިސާ އަދި ލޯނު ނަގައިގެން ކަމަށް ވިޔަސް އެމީހެއްގެ މުހުތާދުތައް ފުއްދައިދޭ މީހަކީ އެމީހުންނަށް ޔަގީންކަން އޮތް މީހެއް."
އެ ބޭފުޅަކީ، މޫސަ ތަކުރާރުކޮށް ވެސް ވިދާޅުވީ، ރައީސް ސޯލިހު ކަމަށެވެ.
ކޮމެންޓް (4)
ހަސީނާއްތަ
ޖުހާޖުހާ
ތެފައާސާ.
ދެފަރާތް