ރީކޯ މޫސައަށް 'ޖިންނި ޖިނާ'އަށް ރައްދުކުރި ސުވާލުތަކެއް

ހިޔާލީ ޝަހުސިއްޔަތަކަށް ނިސްބަތްކޮށް ކުރި ސުވާލުތަކުގެ ޖަވާބުގައި މޫސަ ވިދާޅުވީ މިހާރު ކަންކަން ކުރާ ތަން 'ޖިންނިއަށް ވެސް ފެންނަ' ކަމަށް
27 އޯގަސްޓު 2023

އަޅުގަނޑަކީ ނޫސްވެރިއެކެވެ. އޭގެ ބޭރުން، އަމިއްލަ އެހެން ޝައުގުވެރިކަމެއްގައި، އެތައް ވާހަކައެއް ލިއެފީމެވެ.

ރީކޯ މޫސާ މަނިކަކީ ސިޔާސީ ބޭފުޅެކެވެ. އޭގެ ކުރިން އޭނާ މަޝްހޫރުކަން ހޯއްދެވީ ފިލްމީ ދާއިރާއިންނެވެ.

ދެ މޫސަ، އެތައް އަހަރަކަށް ފަހު ފުރަތަމަ ފަހަރަށް ބައްދަލުވީ 'ދައުރު'ގެ ސްޓޫޑިއޯއިން މިދިއަ ހުކުރުދުވަހު ހަވީރެވެ. 'ވޯޓު 23' ޕްރޮގްރާމްގެ އަސްލު މައުލޫއަށް ފެށުމުގެ ކުރިން މޫސައާ މެދު އަޅުގަނޑު ބެލީ ހިޔާލީ ނަޒަރަކުންނެވެ. ކުރިމަތީގައި އެ އިނީ، މީގެ 25 އަހަރު ކުރިން ނެރުނު 'ފަތިސް ހަނދުވަރު'ގެ މައި ޝަހުސިއްޔަތު ޖިނާ އެވެ. ޖިންނިއެކެވެ. ޖިނާއާ ލޯބިވެގެން އުޅުނީ ޒޫނާ ނަމަކަށް ކިޔާ ދިވެހި އަންހެނެކެވެ.

"އިންސާނުން މިއީ ހާދަ އަމިއްލަ އެދުން ބޮޑު ބައެކޭ ދޯ. ކިރިޔާ ބާރެއް ލިބޭ އިރަށް ވެސް ހީވަނީ އެހެން ފަދަ ކަމެއް ވެގެން އުޅޭހެން،" މިއީ ޒޫނާއާ ދިމާލަށް ޖިނާ ބުނެލާ އެއް ވާހަކަ އެވެ.

ބިންމާ އިބްރާހިމް ވަހީދު ލިއުނު އަދި މިހާތަނަށް އެންމެ ބޮޑު މަޝްހޫރުކަމެއް ލިބުނު ދިވެހި ވާހަކަ އާއި އެ ވާހަކައިގެ މައްޗަށް ކުޅުނު އަދި ދިވެހިން ދުށް އެންމެ މަޝްހޫރު އެއް ފިލްމުގެ އެ ޑައިލޮގްކޮޅު އެތައް ބައެއްގެ ހަނދާނުގައި މިހާރު ވެސް ހުންނާނެ އެވެ. ލޯބިވެރިޔާއާ ދިމާއަށް ޖިނާ ދޫކޮށްލި މަލާމާތުގެ އެ ވާހަކަ، މިއަދު، ރާއްޖޭގެ ސިޔާސީ ލީޑަރުންނަށް އަމާޒުކޮށްފި ނަމަ، ނެގޭނީ ދާދި އެއް މާނައެކެވެ. ސިޔާސީ ލީޑަރުންގެ އަމިއްލަ އެދުން އެހާ ބޮޑުކަމެވެ. ބާރެއް ލިބުމުން ހީވަނީ އެހެން ފަދަ ކަމެއް ހެންނެވެ.

މޫސަ ވިދާޅުވީ ކުރީގެ އެކި ރައީސުންނަށް ވުރެ މާ ގިނަ މަސައްކަތް ރައީސް ސޯލިހުގެ ސަރުކާރުން ކޮށްފައި ހުރި ކަމަށް (ދައުރު ފޮޓ)ޯ/ހުސައިން ސުނޭން)

މޫސައަށް ދެންނެވި ސުވާލަކީ، ކުރިމަތީގައި އޮތް އިންތިހާބުގެ ކެމްޕޭނުގައި ކެންޑިޑޭޓުން އެ ދައްކަވާ ވާހަކަތަކާއި ވާ ވައުދުތަކާ މެދު 'ޖިނާ ނަމަ ހިތަށްއަރާނީ ކީކޭ ބާވައޭ' އެވެ.

އޭނާގެ ފުރަތަމަ ޖަވާބަކީ، ޖިނާ ހަމަ އެ ބުނި ގޮތަށް، 'އިންސާނަކަށް ބާރެއް ލިބޭ އިރަށް ހާދަ ބޮޑާވެއޭ' އެވެ. އެކަމަކު މޫސަ މިހާރު ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަޅީގައި ކަމުން އެމަނިކުފާނާ މެދު ދެކެވަޑައިގަންނަވާ ގޮތް ތަފާތެވެ. އެ ތަފާތު އައީ، މޫސަ ވިދާޅުވި ގޮތުގައި، އޭގެ ކުރިން ލީޑަރުންގެ ގޮތުގައި އޭނާ އިތުބާރުކުރެއްވި ބޭފުޅުންގެ ކަންކަމަށް ވެސް ބައްލަވައިފަ އެވެ.

"އަސްލު ބިންމާ އިބްރާހިމް ވަހީދު ލިއެފައި އޮންނަނީ [ބާރެއް ލިބޭ އިރަށް އިންސާނުން] ބޮޑާވެއޭ. ވަރަށް ގިނަ މީހުންނަށް [ބާރެއް ލިބުމުން] އޮޅޭ. އެކަމަކު ތަފާތު މީހުން އެބަ އާދޭ [ސިޔާސީ ދާއިރާގައި] މިފަހުގެ ތާރީހުގައި،' މޫސަ ވިދާޅުވި އެވެ.

"އަޅުގަނޑަށް ފެނުނު ޝަހުސިއްޔަތެއް ވީމާ އަޅުގަނޑު ބުނާނަން، [ރައީސް ސޯލިހު]ގެ ބޮޑާކަން ހަގީގަތަށް ބުނަންޏާ ހަމަ ނެތް." 

ރާއްޖެއަށް ލިބޭ އާމްދަނީއަށް ބަލާއިރު އަދި މިހާރުގެ ހާލަތު އޮތް ގޮތުން ނުފުއްދޭނެ ފަދަ އެތައް ވައުދެއް ކެންޑިޑޭޓުން އަންނަނީ ވަމުންނެވެ. އެއީ ރައީސްކަން ހޯދައިގެން ލިބިދާނެ ބާރަކަށް ބިނާކޮށް ގޮވާލާ ވާހަކަތަކެއް ކަމަށް ނެގިދާނެ އެވެ. ރާއްޖޭގެ ރައީސުން މިހާތަނަށް އެ ބާރުތައް ވަރަށް ފުޅާކޮށް ބޭނުންކުރައްވާފައިވެ އެވެ.

މޫސަ ވިދާޅުވީ ވެރިކަން ހޯދަން އުޅޭ ނަމަ ވައުދުތަކެއް ވެސް ވާން ޖެހޭ ކަމަށެވެ. ނަމަވެސް ވައުދުވާން ޖެހޭނީ ވައުދު ފުއްދޭ މީހުން ކަމަށް ވިދާޅުވި އެވެ. އެގޮތުން ބަލާއިރު އޭނާ ފާހަގަކުރެއްވީ ރައީސް ސޯލިހަކީ 'ވައުދު ފުއްދާ' ބޭފުޅެއް ކަމަށެވެ.

"ރަށްރަށަށް ދަތުރުކުރީމާ މި އެނގުނީ [ރައީސް ސޯލިހު] ވައުދު ފުއްދާކަން، ވައުދު ފުއްދަން މަސައްކަތްކޮށްފައި ހުރިކަން،" މިފަހަރުގެ ކެމްޕޭންގައި ރައީސްގެ އަރިހުގައި މިހާތަނަށް ގާތްގަނޑަކަށް 100 ރަށަށް ވަޑައިގެންފައިވާކަން ފާހަގަކުރައްވަމުން، ވިދާޅުވި އެވެ.

މާޒީގެ ތެރެއަށް

ދުރުގައި ބަލަން ތިބޭ އަޅުގަނޑު ކަހަލަ މީހުންނަށް، ކެންޑިޑޭޓުންގެ ބައެއް ވާހަކަތައް ނެގެނީ 'ދޮގެއްގެ ގޮތުގައި' ކަމަށް މޫސައަށް ދެންނެވީމެވެ. 'ދޮގެއް' ކަަމަށް މާނަކުރީ، އޭގެ ތެރެއިން ބައެއް ވައުދުތައް ފުއްދޭނެ ގޮތެއް ނުވިސްނޭތީ އެވެ.

މޫސަ އެދިވަޑައިގަތީ މިސާލެއް ދެއްކުމަށެވެ. އަޅުގަނޑު ބުނީމެވެ. އެތައް ސަތޭކަ މިލިއަން ޑޮލަރުގެ ލޯނު ނަގައިގެން ހަދާފައި ހުރި ފްލެޓްތައް ހިލޭ ދޭނެ ކަމަށް ބުނުމެވެ. ރޯދަހިފާ އުމުރުގެ ކޮންމެ ދިވެއްސަކަށް ރޯދަ އިނާޔަތުގެ ގޮތުގައި 3،000ރ ދިނުމެވެ. ދެން ރައީސް ސޯލިހަށް ނިސްބަތްކުރައްވާ އަޅުގަނޑު ބުނީ، ކޮންމެ ރަށަކަށް އަރުއްވާފައި މީހަކު ބުނެލާ އެއްޗެއް ވެސް، ވައުދަކަށް ހައްދަވައި، އެކަން އިއުލާންކުރައްވާފާނެ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ އެކު މަސައްކަތްކުރެއްވި އިރު ޕީޕީއެމްގެ ޖަލްސާއެއްގައި މޫސަ ބައިވެރިވެވަޑައިގަންނަވަނީ 

މޫސަ ވެންނެވީ މާޒީއަށެވެ. މިއަދު ރާއްޖޭގެ ހާލަތު އޮތް ގޮތާ ހަމައަށް ވަޑައިގަތުމުގެ ކުރިން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުން ފެށިގެން ދެން މިހާ ހިސާބަށް ލިބިވަޑައިގެންނެވި ތަޖުރިބާގެ ފިލާވަޅަކަށެވެ. އޭގެ ތެރެއިން ބައެއް ވާހަކަ ރަނގަޅެވެ. އަނެއް ބައި ވާހަކައާ މެދު ސުވާލު އުފެއްދިދާނެ އެވެ.

މޫސަ ވިދާޅުވީ އޭރު މަދު ރަށެއްގައި ވަރަށް އާދައިގެ ގޮތަކަށް ބަނދަރެއް ހަދާފައި އޮވެދާނެ ކަމަށެވެ. ރަށްރަށް ނިކަމެތިކޮށް ބާއްވާފައި މައުމޫންގެ ވެރިކަމުގައި 17 މިލިއަން ޑޮލަރު ހޭދަކޮށްގެން އެޅީ ތީމުގޭ ގަނޑުވަރު ކަމަށް އޭނާ ވިދާޅުވި އެވެ. އެ ގަނޑުވަރު ނިންމާފައި، މައުމޫން ކަންތައް ކުރައްވަނީ، އާދައިގެ މަތިން، އެކި ރަށްރަށަށް ވަޑައިގަތުމެވެ. އެކަމަކު އެ ރަށްރަށް އޮންނަނީ ހަމަ ކުރީގެ ވެސް ހާލަތުގަ އެވެ. އަސާސީ ހިދުމަތްތައް އެހާމެ ދަށެވެ.

ލިއެފައި އޮތް މެނިފެސްޓޯއެއްގެ ތެރެއިން ރައްޔިތުންނަށް ވާ ވައުދު ރާއްޖެއަށް ތައާރަފުކުރެއްވީ، މޫސަ ވިދާޅުވި ގޮތުގައި، އޭނާ ވެސް އިސް ދައުރެއް އަދާކުރެއްވި އެމްޑީޕީންނެވެ. ކުރީގެ ރައީސް ނަޝީދު ވެރިކަމަށް ވަޑައިގަތީ އެފަދަ މެނިފެސްޓޯއެއް ރައްޔިތުންނަށް ދައްކަވައިގެންނެވެ. އޭގެ ފަހުން ރައީސް އަބްދުﷲ ޔާމީންނެވެ. ދެން ރައީސް ސޯލިހެވެ.

ސިނަމާލެ ބްރިޖް: މޫސަ ވިދާޅުވީ މާލެ ސަރަހައްދުގައި މިފަދަ ބްރިޖްތައް އެޅިޔަސް، މިސާލަކަށް ރަތްމަންދޫ ރައްޔިތުންނަށް ފައިދާއެއް ނެތް ކަމަށް (ދައުރު ފޮޓޯ/ހުސައިން ސުނައިން

ނަމަވެސް ކުރީގެ ހުރިހާ ރައީސުންނަށް ވުރެ ވެސް ރައީސް ސޯލިހު، މުޅި ރާއްޖެއަށް ތަރައްގީ ފަތުރާލެއްވުމުގައި މާ ބޮޑަށް ތަފާތުކަން، ރައީސްގެ އަަރިސް ސަޕޯޓަރެއްގެ އިތުރުން، ނަޝީދާއި ޔާމީންގެ އަރިހުގައި ހުންނެވި ބޭފުޅެއްގެ ގޮތުން މޫސަ ނަންގަވަ އެވެ.

"މާލޭގައި ބޮޑު ސިންގާ ބްރިޖެއް އަޅާފައި، ހުޅުމާލޭ ހިއްކާފައި އެތަނުގައި ޓަވަރު އެޅީމާ ރަތްމަންދޫގައި ތިބި މީހުންނަށް ކޮން ކަމެއްތޯ އެ ވަނީ. ށ. އަތޮޅު ނޫމަރާ މީހުންނަށް ކޮން ކަމެއްތޯ އެވަނީ. އެމީހުންގެ ހައްގަކީ ކޮބައިތޯ؟" ޖިނާއާ ބެހޭ ސުވާލުތަކަށް ފެއްޓެވި ވާހަކާގައި މިސާލެއްގެ ގޮތުން ނެންގެވި ދެ ރަށުގެ ނަން ގެންނަވަމުން މޫސަ ވިދާޅުވި އެވެ.

"މިއަދު ވަޑައިގެން ބައްލަވާ ރާއްޖޭގެ އެއްވެސް ރަށެއް ނޯންނާނެ ބަނދަރުގެ މަސައްކަތް ނުހިނގާ، ނިމިފައި، އެއްގޮތަކުން ވިއްޔާ ކުރަނީ. ފެނާއި ނަރުދަމާ އަޅަނީ. މަގުތައް ހަދަނީ. ރައީސް ސޯލިހު ވައުދެ ވެފައި، ވައުދު އެ ފުއްދަނީ."

ޖިނާއަށް ވެސް އެ ތަރައްގީ ފާހަގަކުރެވޭނެ

އެހާ ހިސާބުން، ތިޔަ ދައްކަވާ ވާހަކަތަކުގެ މާނައަކީ، ޖިނާއަށް ރާއްޖޭގެ ސިޔާސީ ހުރިހާ ލީޑަރުންގެ ތެރެއިން އެންމެ ރަނގަޅު ބޭފުޅަކަށް ދެއްކޭނީ ރައީސް ސޯލިހުތޯ އަޅުގަނޑު ސުވާލުކުރީމެވެ.

"ނޫން، ނޫން. ބުނަން މި އުޅޭ އެއްޗަކީ، ޖިނާގެ ގޮނޑީގައި އިނދެފައި ޖިނާ ނަމަ ބުނާނީއޭ، ޒޫނާއޭ ކިޔާފައި ހަޅޭއްލަވައިގަނެފައި [ކަލޭމެން އިންސާނުން] 'ހާދަ ބޮޑާވެއޭ'. އެހެން ބުނެފައި އަނެއް ފަރާތުން ބުނާނޭ ކިތައްމެ ބޮޑާ ވިޔަސް މިހާރު އެބަ ކަންކަން ކުރޭތާއޭ،" މޫސަ ވިދާޅުވި އެވެ.

"ޖިންނިއަށް ވެސް މިހާރު ފެނޭ [ރާއްޖޭގެ ތަރައްގީއަށް] ކަންކަން ކުރާ ތަން. އެ ވާހަކަ ދަންނަވަން މިއުޅެނީ."

މި ސަރުކާރުން ކުރެންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިންމާލާފައި: މިފަދަ އެތައް މަންޒަރެއް މޫސަ ދަތުރުކުރެއްވި 100 ރަށުން ފެނިވަޑައިގެންނެވި ކަމަށް ވިދާޅުވި (ފޮޓޯ/އެމްޓީސީސީ

ބައެއް ރަށްރަށުގައި ތިބި އިދިކޮޅު ސަޕޯޓަރުން ބޮޑެތި ލިސްޓްތައް ތަންތަނުގައި ތަތްކުރާތަން ފެނެ އެވެ. އޭގައި ލިއެފައި ހުންނަނީ ރައީސް ސޯލިހުގެ ވެރިކަމުގައި އެ ރަށްރަށަށް ކޮށްދެއްވާނެ ކަމަށް ވެވަޑައިގެންނެވި، އެކަމަކު މިހާތަނަށް ފުއްދައިނުދެއްވުނު ވައުދުތަކެވެ. ސޯޝަލް މީޑިއާގައި ފެންނަނީ އެފަދަ ހަރަކާތްތައް ހިންގާ ބައެއްގެ ޝުއޫރުތަކެވެ. ކަންކަން ނިމިފައި ހުރި ނުވަތަ މަސައްކަތްތަކެއް ކުރަމުން ގެންދާ ރަށްރަށުގެ ރައްޔިތުން، އާންމުކޮށް އެ ލިބޭ ފަސޭހަތަކެއްގެ ވާހަކަ ނުދައްކަ އެވެ.

ޝަކުވާ ބަންޑުން ވަނީ ނުކޮށްދެވި ހުންނަ ކަންކަމަށެވެ.

މޫސަ ވިދާޅުވީ ނަޝީދުގެ އަރިހުގަ އާއި ޔާމީންގެ ކެމްޕޭންގެ ތެރޭގައި ކުރެއްވި ދަތުރުތަކުން އޭނާއަށް ފެނިވަޑައިގެންނެވި މަންޒަރުތަކާއި ރައީސް ސޯލިހުގެ ސަރުކާރުން ކޮށްފައި ހުރި އަދި ކުރަމުން ގެންދާ މަސައްކަތުގެ މިންވަރު މުޅިން ތަފާތު ކަމަށެވެ. އެހެން ގޮތަކަށް ބުނާ ނަމަ، އިންސާނުން ދެކެ ރުޅިއަޔަސް، ޖިނާއަށް ވެސް އެކަން ފާހަގަކުރެވޭ ވަރަށެވެ.

އެޑިޓަރުގެ ނޯޓު: 'ވޯޓު 23'ގައި ރީކޯ މޫސާ ދެއްކެވި ވާހަކަތަކުގެ މައްޗަށް ބިނާކޮށް އަންނަ އަންގާރަ ދުވަހު އިތުރު ރިޕޯޓެއް 'ދައުރު'ގައި ޝާއިއުކުރާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް