ވެލާނާގެއަށް ސިވިލް ސާވެންޓުން މަސައްކަތަށް ހާޒިރުވަނީ: އަންނަ ޖެނުއަރީން ފެށިގެން މުސާރަ ބޮޑުކުރުމަކީ ރައީސްގެ ވައުދެއް (ދައުރު ފޮޓޯ)

ވައުދު ޗެކް

ވައުދު ޗެކް: މުސާރަ ބޮޑުކުރުމަކީ 3 ބިލިއަންގެ އަގުހުރި ވައުދެއް

އަންނަ ޖެނުއަރީން ފެށިގެން ސަރުކާރުގެ ހުރިހާ މުވައްޒަފުންގެ މުސާރަހެން %40 ބޮޑު ކުރައްވާނޭ ކަމަށް ރައީސް ސޯލިހު ވަނީ ވައުދުވެވަޑައިގެންފައި
27 އޯގަސްޓު 2023

މިދިޔަ ހޯމަ ދުވަހުގެ ރޭ ބ. ތުޅާދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގަތީ އަންނަ ޖެނުއަރީން ފެށިގެން ސަރުކާރުގެ ހުރިހާ މުވައްޒަފުންގެ މުސާރަހެން %40 ބޮޑު ކުރައްވާނޭ ކަމަށެވެ. މުސާރަ ބޮޑުކުރުމާ ގުޅޭ ބައެއް ތަފްސީލްތަކަށް އެ މަނިކުފާނު އެ ރޭ ވަޑައިގެންނެވި އެވެ. މުސާރަ ބޮޑުކުރުމާ ގުޅިފައިވާ ބޮޑެތި ނަމްބަރުތައް ވިދާޅުވެދެއްވި އެވެ.

ރައީސް ވިދާޅުވި ގޮތުން ރިޔާސީ އިންތިހާބަށް ފަހު، މި ސަރުކާރުން އަންނަ އަހަރަށް ފާސްކުރަން މަޖިލީހަށް ހުށަހަޅާ ބަޖެޓްގައި މުސާރަ ބޮޑުކުރަން ހިމަނަނީ އަށް ދާއިރާއަކަށެވެ. އެއީ:

  • ފުލުހުން

  • ސިފައިން

  • ކަރެކްޝަންސް

  • ކަސްޓަމްސް

  • ޝަރުއީ ދާއިރާ

  • ސިވިލް ސާވިސް މުވައްޒަފުން

  • ކައުންސިލްތަކުގެ އިދާރީ މުވައްޒަފުން

  • މިސްކިތްތަކުގެ މުދިމުންނާއި މުވައްޒަފުން

މިހާރު އޮތް ސުވާލަކީ މި އަށް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ބޮޑު ކުރާ ނަމަ، މިއީ ބަޖެޓަށް އަންނާނޭ ކިހާ ބޮޑު ބުރައެއް ހެއްޔެވެ؟ މި ވައުދު ނިއުޅާލައި ތަފްސީލްތަކަށް ދާ ނަމަ، މިއީ ކިހާ އަދަދެއްގެ މުވައްޒަފުންނަކަށް އަސަރު ކުރާނޭ ނިންމުމެއް ހެއްޔެވެ؟

38،200 މުވައްޒަފުން؛ އިތުރަށް 3.3 ބިލިއަން

'ދައުރު'ން ހޯދި މައުލޫމާތުތަކާއި ބަޖެޓްގައި ހުރި މުވައްޒަފުންނަށް ހިނގާ ހަރަދުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރައީސްގެ ވައުދާ އެއްގޮތަށް މުސާރަ ބޮޑުކުރާ ނަމަ، 38،209 މީހެއްގެ މުސާރަ ބޮޑުވެގެން ދާނެ އެވެ. އެހެންކަމުން، މި އަހަރު މުވައްޒަފުންގެ މުސާރަ އާއި އެލަވަންސްތަކަށް ކުރާ 11 ބިލިއަން ރުފިޔާގެ ހަރަދުގެ ތެރެއަށް އަންނަ އަހަރު 3.3 ބިލިއަން ރުފިޔާ ބަޖެޓަށް އިތުރު ވެގެން ދާނެ އެވެ.

މުސާރަ ބޮޑުވުމުގެ ސަބަބުން އެންމެ ބޮޑު ހަރަދެއް އިތުރުވަނީ ސިވިލް ސާވެންޓުންގެ މުސާރަ ބޮޑުކުރުމަށެވެ. އެގޮތުން:

  • ސިވިލް ސާވިސްގައި 26،061 މުވައްޒަފުން މަސައްކަތްކުރޭ

  • މުސާރަ %40 ބޮޑުކުރާ ނަމަ 2.1 ބިލިއަން ރުފިޔާ އިތުރުވޭ

  • ސިވިލް ސާވިސްއަށް މުސާރަ ދޭން 5.1 ބިލިއަން ރުފިޔާ މިހާރު ހަރަދުކުރޭ

  • އެ އަދަދު 7.2 ބިލިއަން ރުފިޔާއަށް އިތުރު ވެގެންދާނެ

ދެން އެންމެ ބޮޑު އަދަދެއް ހަރަދު ވާނީ ފުލުހުންގެ މުސާރަ ބޮޑު ކުރުމަށެވެ. އެގޮތުން:

  • މިހާރު 4،353 ފުލުހަކު ވަޒީފާގައި އެބަތިބި

  • އެ އެންމެންގެ މުސާރަ ބޮޑު ކުރާ ނަމަ 454.4 މިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެ

  • ފުލުހުންގެ މުސާރައަށް ހަރަދުކުރާ އަދަދު 1.3 ބިލިއަން ރުފިޔާއިން 1.5 ބިލިއަން ރުފިޔާއަށް އިތުރުވާނެ

ސިފައިންގެ މުސާރަ އިތުރު ކުރާ ނަމަ، ހަރަދުވާނެ އަދަދުތަކަކީ:

  • 3625 ސިފައިން ތިބިއިރު، %40 މުސާރަ ބޮޑުކުރުމުން 385.9 މިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެ

  • ސިފައިންގެ މުސާރައަށް ކުރާ ހަރަދު 964 މިލިއަނުން 1.4 ބިލިއަން ރުފިޔާއަށް އިތުރުވާނެ

ޝަރުއީ ދާއިރާގެ މުސާރަ ބޮޑުކުރާ ނަމަ، 2،101 މީހެއްގެ މުސާރަ ބޮޑުވެގެންދެ އެވެ. އެގޮތުން، ހަރަދު އިތުރުވާނެ މިންވަރަކީ:

  • 161 މިލިއަން ރުފިޔާ އިތުރަށް ހަރަދުކުރަން ޖެހޭނެ

  • މިހާރު ހަރަދު ކުރާ 403.3 މިލިއަން ރުފިޔާ 564.3 މިލިއަނަށް އިތުރުވެގެންދާނެ

މީގެ އިތުރަށް، މިހާރު ކަރެކްޝަންސްގައި 926 މުވައްޒަފުން ތިބި އިރު މުސާރަ ބޮޑު ކުރާ ނަމަ 77.4 މިލިއަން ރުފިޔާ އިތުރަށް ހަރަދު ވާނެ އެވެ. އަދި ކަސްޓަމްސްގައި 786 މުވައްޒަފުން ތިބި އިރު އެ މީހުންގެ މުސާރަ ރައީސްގެ ވައުދާ އެއް ގޮތަށް ބޮޑު ކުރާ ނަމަ، 83.7 މިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެ އެވެ. އަދި ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރައަށް ހަރަދު ކުރާ 80 މިލިއަންގެ ބަދަލުގައި އެ އަދަދު 108 މިލިއަން ރުފިޔާއަށް އިތުރުވެގެންދާނެ އެވެ.

ފައިސާ ހޯދާނީ ކިހިނެއް؟

ފިނޭންސް މިނިސްޓްރީއިން އާންމުކޮށްފައިވާ ދައުލަތުގެ މާލީ ހިސާބުތަކަށް ބަލާއިރު، މުސާރަ ދިނުމާ އެކު ދައުލަތުގެ ރިކަރަންޓް ހަރަދުތައް ނުވަތަ ދުވަހުން ދުވަހަށް ކުރަން ޖެހޭ ހަރަދުތަކަށް މިހާރު މަހެއްގެ މައްޗަށް އެވްރެޖްކޮށް 2.7 ބިލިއަން ރުފިޔާ ހަރަދުވެ އެވެ. ނަމަވެސް، ހިލޭ އެހީއާ ނުލާ ދައުލަތަށް މަހެއްގެ މައްޗަށް އާމްދަނީގެ ގޮތުގައި އެވްރެޖްކޮށް ލިބެނީ 2.1 ބިލިއަން ރުފިޔާ އެވެ.

އެހެން އަދަދުތަކަށް ބަލާ ނަމަ، ދައުލަތުގެ ރިކަރަންޓް ހަރަދުތައް މިހާރު ލިބޭ އާމްދަނީއަކުން ދެކޮޅެއް ނުޖެއްސެ އެވެ. އެހެންވެ، ރިކަރަންޓް ހަރަދުތައް ނޫނީ މުސާރަ ދެނީ މިހާރު މަހެއްގެ މައްޗަށް ގާތްގަނޑަކަށް 300-400 މިިލިއަން ރުފިޔާ ދަރަންޏަށް ނަގައިގެންނެވެ.

އާމްދަނީއަށް ބަލާއިރު އަންނަ އަހަރު އާމްދަނީގެ ގޮތުގައި ލިބޭނޭ ކަމަށް މިއަހަރުގެ ބަޖެޓްގައި ލަފާކޮށްފައިވާ 31.9 ބިލިއަން ރުފިޔާ އެވެ. އެއީ މަހެއްގެ މައްޗަށް 2.7 ބިލިއަން ރުފިޔާގެ އާމްދަނީއެއް ޖެހޭ ވަރުގެ އަދަދެކެވެ.

މުސާރަތަކަށް ހިނގާ 3.1 ބިލިއަން ރުފިޔާ އަންނަ އަހަރުގެ ހަރަދުތަކުގެ ތެރެއަށް އިތުރުކުރުމުން  މަހެއްގެ ތެރޭ ލިބޭ އާމްދަނީން ރިކަރަންޓް ހަރަދު ހަމައެއް ނުޖެއްސޭނެ އެވެ. ގާތްގަނޑަކަށް އިތުރަށް 350 މިލިއަން ރުފިޔާ ސަރުކާރަށް ބޭނުން ވާނެ އެވެ.

އެހެންވެ، ޔަގީންވާ އެއް ކަމަކީ ރިކަރަންޓް ހަރަދަށް މި އަންނަ ބުރަޔާ އެކު ބަޖެޓް ޑެފިސިޓް ނުވަތަ ބަޖެޓް ދަރަނި އިތުރަށް އަންނަ އަހަރު ބޮޑުވާނެ ކަމެވެ. މި އަހަރުގެ ބަޖެޓްގައި ވެސް ލަފާކޮށްފައިވާ ގޮތުގައި، އަންނަ އަހަރު ބަޖެޓް ޑެފިސިޓް 9.8 ބިލިއަނަށް އިތުރުވާނެ އެވެ. އެހެންވީމާ، އެ އަދަދު މުސާރަ ބޮޑު ކުރާ ނަމަ، އިތުރަށް ބޮޑުވުމުގެ ފުރުސަތު އެބަ އޮތެވެ.

އެ ޑެފިސިޓް ފޫބައްދަން ސަރުކާރަށް ފައިސާ ހޯދަން އޮންނާނީ 4 ގޮތެވެ. އެއީ ޓެކްސްތައް އިތުރުކުރުން، ޓީބީލް ވިއްކުން ބަޖެޓް ސަޕޯޓަށް ބޭރުން ލޯނެއް ނެގުން ނުވަތަ ރުފިޔާ ޗާޕް ކުރުމެވެ.

އިގްތިސާދީ ނަޒަރިއްޔާތުން ކޮން ކަހަލަ ކަމެއް؟

މީގެ ކުރިން ފިނޭންސް މިނިސްޓަރުކަން ކުރެއްވި ބޭފުޅަކު ނަން ނުޖަހާ ގޮތަށް ވިދާޅުވި ގޮތުގައި، މަހެއްގެ މައްޗަށް ލިބޭ އާމްދަނީން ރިކަރަންޓް ހަރަދު ދެކޮޅު ނުޖެއްސޭ ނަމަ، އެ ހަރަދު އިތުރު ވާނޭ ކަމެއް ކުރުމަކީ އެއްގޮތަކަށް ވެސް ރަނގަޅު ކަމެއް ނޫނެވެ. އެފަދަ ހާލަތެއްގައި އަމަލު ކުރެވެން އޮންނާނީ ދެ ގޮތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ އެތެރޭގެ ބާޒާރަށް ޓީބިލް ވިއްކުން ނުވަތަ ފައިސާ ޗާޕް ކުރުމެވެ.

އެކަމަކު އެ ދެ ކަންތަކުން ވެސް މާލީ ބާޒާރަށް ނޭދެވޭ އަސަރުތައް ކުރުން ގާތް ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން، އޭނާ ވިދާޅުވީ ރާއްޖޭގެ ބާޒާރަށް ޓީބިލް ވިއްކުން އިތުރުކުރުމަކީ އެކަމުގެ ސަބަބުން ބޭންކުތަކުގައި އާންމު ވިޔަފާރިތަކަށް ދޫކުރަން ހުންނަ ފައިސާ މަދުވާނެ ކަމެކެވެ. އަދި މަރުކަޒީ ބޭންކު އެމްއެމްއޭގައި އޮންނަ ސަރުކާރުގެ ދަރަނި ވެސް އިތުރުވެގެންދެ އެވެ. އަދި އެކަމުގެ ސަބަބުން މާލީ ދާއިރާ ސަރުކާރުގެ ދަރަނިން ތޮއްޖެހުމުގެ ފުރުސަތު ބޮޑެވެ.

ވޯލްޑް ބޭންކުން ރާއްޖޭގެ އިގްތިސާދާ ގުޅޭ ގޮތުން މިދިޔަ މޭ މަހު ނެރުނު ރިވިއު ރިޕޯޓްގައި ވެސް ފާޅުކުރި ކަންބޮޑުވުމަކީ އަހަރުން އަހަރަށް ބަޖެޓް ޑެފިސިޓް ބޮޑުވެ ބޭންކުތަކާއި މަރުކަޒީ ބޭންކުން އެ ޑެފިސިޓަށް ފައިނޭންސް ކުރުން ނުވަތަ ދަރަނި ދޫކުރަން ޖެހޭ ވަރު އިތުރުވުމެވެ. އެގޮތުން، އެ ރިޕޯޓުގައި ފާހަގަކޮށްފައި ވަނީ:

  • އެމްއެމްއޭގައި އޮތް ސަރުކާރުގެ ދަރަނި ވަނީ އެ ބޭންކުގެ ރައުސްމާލުގެ %47 އަރާފައި

  • ބޭންކުތަކުގައި އޮތް ސަރުކާރުގައި ދަރަނި ވަނީ ޖީޑީޕީގެ %30އަށް އަރާފައި

އެބޭފުޅާ ފާހަގަ ކުރެއްވި ގޮތުގައި، ދެން އޮތް ބިރަކީ މިހާރު އާންމުވެފައިވާ ގޮތަށް ޑެފިސިޓް ފޫބައްދަން ފައިސާ ޕްރިންޓްކޮށްފާނެތީ އެވެ. ސަރުކާރުގެ ހަރަދުތަކަށް އިގްތިސާދުގައި ނެތް ފައިސާ އުފައްދާ ނަމަ، ޑޮލަރު ރޭޓް އިތުރަށް ބޮޑުވެ އިންފްލޭޝަން ޕްރެޝަރުތައް އިތުރަށް ބޮޑުވުމުގެ ފުރުސަތު އޮންނާނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު 18ރ.އަށް ޑޮލަރު އަރާފައި އެ ހުރި މައިގަނޑު ސަބަބަކީ އެގޮތަށް އެތައް ދުވަހެއް ވަންދެން ފައިސާ ޗާޕްކުރަމުން ދިޔުމޭ ބެލެވެނީ. ދުވަސް ނަގާނެ އޭގެ އަސަރުތައް ފެންނަން. އެހެނެއް ނޫން ޓެކްސް އިތުުރުކޮށްގެން އާމްދަނީ އިތުރުކޮށްގެން އިތުރުވާ އާމްދަނީ އަކުން ރިކަރަންޓް ހަރަދު ދެކޮޅު ޖައްސަން ވާނީ. ނޫނީ އެހެން ދިމާތަކަކުން ހަރަދު ކުޑަކޮށްގެން އެފަދަ ހަރަދެއް އިތުރުކުރަން ވާނީ،" އެބޭފުޅާ ވިދާޅުވި އެވެ.

މުސާރަ ބޮޑުވުމުން އާންމުންގެ އަތް މަތީ އެނބުރޭ ފައިސާ އިތުރުވެ އެވެ. އިގްތިސާދީ ފަލްސަފާގައި އޭގެ ސަބަބުން ތަކެއްޗާއި ހިދުމަތްތަކަށް އޮންނަ ޑިމާންޑް އިތުރުވެ ތަކެތީގެ އަގުތައް އުފުލެން ދިމާވެ އެވެ. ދުނިޔޭގެ ބާޒާރުގައި ވެސް ތަކެތީގެ އަގުތައް އަދިވެސް ހަމަޔަކަށް ނޭޅޭއިރު ގިނަ އަސާސީ ތަކެއްޗަށް ސަބްސިޑީ ދީފައި ހުއްޓާ ވެސް މިއަހަރު ރާއްޖޭގެ އިންފްލޭޝަން %4އަށް ވެސް އަރައިގެން ދިޔަ އެވެ. އާންމުކޮށް އެވްރެޖްކޮށް ހުރީ %3 ހިސާބުގަ އެވެ.

އިންފްލޭޝަނަށް ރާއްޖޭގައި ވެސް ފަރުވާއެއް ނުލިބޭ އިރު، މުސާރަ ބޮޑުކުރުމުން ރާއްޖޭގައި ތަކެތީގެ އަގުތައް އިތުރަށް ބޮޑުވުމުގެ ފުރުސަތު ބޮޑެވެ.

"އިންފްލޭޝަން ބޮޑުވާ ނަމަ، މުސާރަ ބޮޑުކުރުމުގެ ބޭނުން އެ ކެނޑުނީ. ތަކެތީގެ އަގުތައް ބޮޑުވީމާ އޭގެ އަގެއް ނޯންނާނެ،" އެ ބޭފުޅާ ވިދާޅުވި އެވެ.

ނަމަވެސް، ރައީސް ސޯލިހު އެ ވައުދު ވެވަޑައިގަންނަވަމުން ވިދާޅުވީ، މުސާރައިގެ ހެޔޮ ބަދަލާ އެކު، އާއިލާތަކަށް ދިރިއުޅުމަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ. ކޮންމެ އާއިލާއަކީ ފުދުންތެރި އާއިލާއަކަށް ވާނޭ ކަމުގެ އުންމީދު އެ މަނިކުފާނު ދެއްވި އެވެ.

ރައީސް ވިދާޅުވީ މުސާރަތައް ބޮޑުކުރުމަކީ ކުރަން ޖެހިފައި އޮތް ކަމެއް ކަމަށެވެ. ނަމަވެސް، އެއްވެސް ސަރުކާރަކަށް އެކަން ކުރަން ނުކެރުނު ކަމަށާއި އެކަން ވެސް ކުރާނީ މި ސަރުކާރަކުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ދެމަފިރިއަކު، ދަރިއަކު ގޮވައިގެން މިހާރު އުޅެން ޖެހޭ ހާލަތު އަޅުގަނޑުމެންނަށް އެނގޭ. ކިހިނެއްތޯ 10،000ރ. ލިބޭ މީހަކު ތަނެއް ކުއްޔަށް ހިފައިގެން އުޅޭނީ؟،" ރައީސް އެ ރޭ ވިދާޅުވެފައިވެ އެވެ.

އެމްޑީޕީގެ މެނިފެސްޓޯގެ ފަހު ބައި 'އިގްތިސާދީ ބޮޑު ބަދަލު' އިފްތިތާހުކުރުން ބޭއްވި 'ޒަމާނަކުން އައި ޒަމާނެކޭ' ކެމްޕޭން ހަރަކާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ނަމަވެސް، އިގްތިސާދީ ބޭފުޅުން ވިދާޅުވަނީ ރާއްޖޭގެ ދަރަނީގެ ހާލަތާއި ކޮވިޑަށް ފަހު ދައުލަތުގެ އާމްދަނީ ވެސް އަދި މުޅިން ހަމައަކަށް ނޭޅޭ އިރު، މިއީ މުސާރަތައް ބޮޑުކުރަން އެންމެ ރަނގަޅު ވަގުތެއް ނޫނެވެ. އަދި މަހެއްގެ މައްޗަށް ލިބޭ އާމްދަނީން ރިކަރަންޓް ހަރަދު ދެކޮޅު ނުޖެއްސޭއިރު، އެއީ ކުރަން ރަނގަޅު ކަމެއް ނޫނެވެ.

"މި ވަގުތު މުސާރަ ބޮޑުކުރުމަކީ އަދި އެއް ފަހަރު ވިސްނާލަން ޖެހޭ ކަމެއް،" މީގެ ކުރިން އެމްއެމްއޭގައި ވެސް މަސައްކަތް ކުރެއްވި އެބޭފުޅާ ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް