ހުޅުމާލޭގައި ގާއިމުކުރި ސީއެޗްއެސްއީގެ އާ އިމާރާތުގެ ބޭރުގައި ދަރިވަރުންތަކަކާއި ޓީޗަރުންތަކެއް މަޑުކޮށްލައިގެން: މާލެއިން ހުޅުމާލެއަށް ކިޔަވަން އައުމަކީ މި ކުދިންނަށް އާ ތަޖުރިބާއެއް. (ފޮޓޯ/ސީއެޗްއެސްސީ)

ތައުލީމު

ސީއެޗްއެސްއީ 44 އަހަރަށް ފަހު މާލޭން ބޭރަށް: 'ތަފާތު ތަޖުރިބާއެއް'

މިއީ މާލޭގައި ހިންގި ސްކޫލެއް ހުޅުމާލެއަށް ބަދަލުކުރި ފުރަތަމަ ފަހަރު

ރާއްޖޭގައި މަތީ ސާނަވީއަށް ކިޔަވައިދޭން ފެށި ފުރަތަމަ ސްކޫލު، ސެންޓަ ފޯ ސެކަންޑަރީ ހަޔާ އެޑިއުކޭޝަން (ސީއެޗްއެސްއީ)އާ މިހާތަނަށް އައި އިރު އެތައް ހާސް ދަރިވަރުން ވަނީ ގުޅިފަ އެވެ. ސްކޫލު ދައުރުގެ އުފާވެރި އެތައް ހަނދާނެއް، އެ އިމާރާތުގައި ވަނީ ރައްކާކޮށްފަ އެވެ.

އެކަމަކު އެކި ނަންނަމުގައި ހިންގަމުން އައި އިމާރާތް މިހާތަނަށް އައިއިރު ހުރީ، ސްކޫލުގެ ޕްރިންސިޕަލް އައިޝަތު ސަފޫރާ ވިދާޅުވި ގޮތުގައި، "ފޮތި އަޅައިގެން ނޫނީ ބޭނުން ނުކުރެވޭ ވަރު ވެފަ" އެވެ. އެހެންވެ، އެ ސްކޫލު 44 އަހަރަށް ފަހު އާ އިމާރާތަކަށް އަދި މާލެއިން ހުޅުމާލެއަށް ބަދަލު ކުރުމަކީ ދަރިވަރުންނާއި ޓީޗަރުންނަށް ވެސް ތަފާތު އިހުސާސްތައް ކުރެވުނު ބަދަލެކެވެ.

"ވަރަށް ގިނަ ދުވަސްތަކަކަށް ފަހު، ވަރަށް އުނދަގުލުގައި ކިޔެވުމަށް ފަހު މި ތަނަށް މި ބަދަލުވެވުނީ. އެހެންވެ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މިއީ ހުރިހާ ދަރިވަރުންނަށާއި ޓީޗަރުންނަށް ވެސް ލިބުނު ވަރަށް ބޮޑު އުފަލެއް،" 1،050 ދަރިވަރުން ތައުލީމް ހާސިލް ކުރަމުން އަންނަ ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވި އެވެ.

ހުޅުމާލޭގައި ގާއިމްކުރި ސީއެޗްއެސްއީގެ އާ އިމާރާތް. (ފޮޓޯ/ސީއެޗްއެސްސީ)

ތައުލީމް ހާސިލް ކުރުމަށް، މާލެއިން ހުޅުމާލެއަށް ކޮންމެ ދުވަހަކު ދަރިވަރުން ބަހުގައި ދިއުމަކީ އެ ކުދިންގެ އާއްމު ދިރިއުޅުމަށް ނުވަތަ 'ލައިފްސްޓައިލް'އަށް ވެސް އައި ވަރަށް ބޮޑު ބަދަލެކެވެ. 'ދައުރު'ން ވާހަކަ ދައްކާލި ބައެއް ކުދިންނަށް، ސްކޫލަށް ދާން ދިގު ދަތުރެއް ކުރަން ޖެހުންވީ އާ ތަކުލީފަކަށެވެ. އެކަމަކު ގިނަ ކުދިން ބުނީ، ދަތުރަށް ހޭދަވާ ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފާ ނަމަ، އެއީ މައްސަލައެއް ނޫން ކަމަށެވެ.

"އަޅުގަނޑު ބަހަށް އަރައި ފޮތެއް ކިޔާލަނީ. އަނެއްހެން އުނދަގުލެއް ނުވޭ،" ގްރޭޑް 11ގައި ކިޔަވާ މުހައްމަދު ޒައިން ބުންޏެވެ.

"ކުރިއާ ބަލާއިރު މިއީ ތަފާތު ތަޖުރިބާއެއް. ހެނދުނު ހެނދުނާ ބަހުގައި ދަތުރުކުރުން. އެކަމަކު މިހާރު އެޖަސްޓްވަމުން އަންނަނީ،" އެހެން ދަރިވަރަކު ބުންޏެވެ.

އެޗްއެސްއީގެ އާ އިމާރާތުގައި ދަރިވަރުންތަކެއް މަޑުކޮށްލައިގެން. (ފޮޓޯ/ސީއެޗްއެސްސީ)

ޕްރިންސިޕަލް ދެކިވަޑައިގަންނަވާ ގޮތުގައި، މިއީ ދަރިވަރުން ކުރިމަގަށް ހޭނުވުމަށް ވެސް ރަނގަޅު ތަޖުރިބާއަކަށް ވާނެ އެވެ. އޭލެވެލްއަށް ފަހު ގިނަ އަދަދެއްގެ ދަރިވަރުން ރާއްޖޭން ބޭރަށް ކިޔަވަން ދާއިރު، ޔުނިވަސިޓީއަށް ދިއުމަށް އެ ގޮތަށް ބަހުގައި ނުވަތަ ރޭލުގައި ގިނަ ވަގުތުތަކެއް ހޭދަކުރަން ޖެހޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.

އެމްޓީސީސީން ބަސް ދަތުރުތައް ރާވާލާފައި ވަނީ ވެސް ދަރިވަރުންނަށް ފަސޭހަ ވާނެ ފަދަ ގޮތަކަށެވެ. ސްކޫލާ ވަރަށް ކައިރީގައި ބަސް ސްްޓޮޕެއް ހުންނައިރު، ކިޔެވުން ނިމޭ ގަޑީގައި ބަސްތައް މަޑުކޮށްލައިގެން އޮވެ އެވެ.

ސަފޫރާ ވިދާޅުވި ގޮތުގައި، ކުދިންނާއި ޓީޗަރުންނަށް ވެސް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ރީތި އާ އިމާރާތެއް ލިބުމެވެ. ހަ ބުރިއަށް ހުރި އެ އިމާރާތުގައި ކްލާސްތައް ތަނަވަހެވެ. ޖުމްލަ 38 ކްލާސްރޫމާ އެކު ސްކޫލުގެ ކިޔެވުން ވެސް މިހާރު ވަނީ އެއް ދަންފަޅިއަށް ބަދަލުކޮށްފަ އެވެ.

ސީއެޗްއެސްއީގެ އާ އިމާރާތަށް ނައިބު ރައީސް ފައިސަލް ނަސީމް ކުރެއްވި ޒިޔާރަތުގައި ދަރިވަރުންތަކަކާ ސަލާމް ކުރައްވަނީ. (ފޮޓޯ/ރައީސް އޮފީސް)
ސީއެޗްއެސްއީގެ އާ އިމާރާތަށް ނައިބު ރައީސް ފައިސަލް ނަސީމާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ކުރެއްވި ޒިޔާރަތުގައި ދަރިވަރުންތަކަކާ އެކު ފޮޓޯ ނަންގަވަނީ. (ފޮޓޯ/ރައީސް އޮފީސް)

ހޭލަމޭލަވެ އުޅެން ދަރިވަރުންނަށް އޮތް ޖާގަ ބޮޑެވެ. ޓީޗަރުންނަށް ވެސް ވަކިން ބޮޑު، ވޯކިން ސްޓޭޝަނެއް ހުރެ އެވެ. ކޮންމެ މާއްދާއަކަށް ވަކި ލެބޯޓަރީއެއް ހުންނައިރު އެތަންތަން ވެސް ރީތިވެފައި ބޮޑެވެ.

ތަނެއް ބޮލަށް ވެއްޓިދާނެތީ، ފެން ލީކުވެދާނެތީ ނުވަތަ އިމާރާތާ ގުޅުން ހުރި މައްސަލަތަކުގައި މިހާރު ވިސްނާކަށް ނުޖެހެ އެވެ. ދަރިވަރުންނާއި ޓީޗަރުންގެ ހުރިހާ ވަގުތެއް ހުސްވެފައި އޮންނަނީ ކިޔެވުމަށެވެ.

"ކުރިން އެ ހުރިހާ ކަމަކާ އުޅެފައި ޓީޗިން އެންޑް ލާނިން ތެރެއަށް ވަންނަން އަސްލު ކުޑަ ވަގުތުކޮޅެއް ލިބުނީ. ކިޔެވުމަށާއި ކިޔަވައިދިނުމަށް ރަނގަޅު ލާނިން އެންވަރަމެންޓެއް ވަރަށް މުހިއްމު،" ސަފޫރާ ވިދާޅުވި އެވެ.

ސީއެޗްއެސްއީގެ އާ އިމާރާތުގައި ކިޔެވުން ފެށި ފުރަތަމަ ދުވަހު ދަރިވަރުންތަކެއް އެސެމްބްލީގައި. (ފޮޓޯ/ސީއެޗްއެސްސީ)

އޭނާ ވިދާޅުވީ ގިނަ އަހަރުތަކެއް ވާންދެން އުޅުނު އިމާރާތެއް ދޫކޮށްލުމަކީ އުނދަގޫވެ ވަޑައިގަންނަވާނެ ކަމެއް ކަމަށް ފުރަތަމަ އިހުސާސް ކުރެއްވުނު ކަމަށެވެ. އެކަމަކު އާ ސްކޫލަށް ބަދަލު ވުމަށް ފަހު، އެ ނިންމުމާ މެދު އޭނާ އުފާ ކުރެއްވި އެވެ.

ސަފޫރާ ގަބޫލުކުރައްވާ ގޮތުގައި، އިމާރާތަކަށް ވުރެ މުހިއްމީ އެ ތަނުގައި ހޭދަކުރާ ވަގުތުތަކުގެ ހަނދާންތަކެވެ. ތާރީހީ ބޮޑު ބަދަލަކާ އެކު، މާލޭގެ ސްކޫލެއް ފުރަތަމަ ފަހަރަށް ހުޅުމާލެ ބަދަލުކޮށް، ކިޔަވައިދޭން ފެށި އިރު މިއީ އަނެއްކާ ވެސް އާ ހަނދާންތަކެއް ބިނާކުރަން ލިބޭނެ ފުރުސަތެއް ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ.

ކޮމެންޓް (5)

މާލޭ

15 އޯގަސްޓު 2023
މާލޭގައި ސަރުކާރުން ހިންގާ އޭލެވެލަށް ކިޔަވައިދޭ މަރުކަޒެއް ހުންނަންޖެހޭ. ސީއެޗްއެސްސީ އިމާރާތް ތަޅާލުމަށްފަހު އެތަނުގައި ހަމަ ސީއެޗްއެސްސީ އައު އިމާރާތް ގާއިމް ކުރަންޖެހޭ. މިއީ މާލޭގަ ތިބި ކިޔަވާ އެތައް ހާސް ކުދިންނަށް ދިން ވަރުގަދަ ލޮޓި އެއް. އިސްތިއުފާ
6 8

އޯކޭ

15 އޯގަސްޓު 2023
@މާލޭ ކޮންމެ ކަމެއްދެން ސިޔާސީ ނުވެބަލަ. ތިކަހަލަ ބޯތައް ގިނަވީމައޭ ސިޔާސީ މީހުން ބޭނުން ވައްތަރެއް ޖައްސަނީ! އެމީހުންނަށް އިނގޭ އެމީހުން ކޮންމެ ކަމެއް ކުރިޔަސް ކަލޭ އަތްޖަހާނެކަން. އަމިއްލަ ސިކުނޑިވެސް ބޭނުން ކޮށްލަބަލަ!
7 0

ނޫނެކޭ

16 އޯގަސްޓު 2023
@މާލޭ މާލޭކަހަލަ ކުޑަގޮޅިއެއްގައި ހުރިހާ ޚިދުމަތް ދޭން ހަދައިގެން ޖެހޭނީ މެންޓަލް ދަންތުރައެއްގައޭ. މިއީ ވަރަށް ރަގަޅު ފިޔަވަޅެއް. ރަގަޅަށް ކިޔެވޭނީ ނޭވާލާން ވަގުތު ލިބެގެން. ބަހުގައި ހޭދަވާ ވަގުތު ދުވަހަށް ތައްޔާރުވާން ލިބޭނެ. މަރުހަބާ، ހުރިހާ ޓީޗަރުންނަށާއި، މުވައްޒަފުންނަށް އަދި ޚާއްސަކޮށް ކިޔަވާ ކުދީންނަށް!
3 0

ހޫން

15 އޯގަސްޓު 2023
އަހަރުމެންވެސް ހުޅުމާލޭގައި ތިބެފައި ފެރީގައި ސްކޫލަށް ދިޔައީ. މިހާރު ބަހެއްގަ ނުވަތަ ސައިކަލުގަ ދާންވީމަ ތަކުލީފުވެގެން ނޫޅޭ އިނގޭ.
10 0

އޯކޭ

15 އޯގަސްޓު 2023
ވަރަށް ރަނގަޅު ކުރިއެރުމެއް! ކޮޓަރި ބަރިއަކުން އަދި ކިރިޔާ ސްކޫލަކަށް ތިބަދަލުވީ!
10 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް