ފިހާރައެއްގެ ބޭރުގައި މޭވާ ވިއްކަން ބަހައްޓާފައި: ރާއްޖެ އެތެރެކުރާ ބައެއް ތަކެތީގެ އަގުތައް ބޮޑު (ދައުރު ފޮޓޮ/ އަބްދުﷲ އަނޫފް ޖުނައިދު)

އިންފްލޭޝަން

އަގުތައް ބޮޑުނުވާ ކަމަށް ރައީސް ވިދާޅުވިޔަސް ހަގީގީ މަންޒަރު ތަފާތު

ކޮވިޑާއި އޭގެ ފަހުން ރަޝިއާ- ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ބާޒާރުގައި ވެސް ތަކެތީގެ އަގުތައް އުފުލި އޭގެ ނުބައި އަސަރު އާންމުންނަށް ކުރޭ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި މިދިޔަ ހޮނިހިރު ދުވަހު މ. މުލަކަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ރާއްޖޭގެ މުދަލުގެ އަގު ބޮޑުވާނެ ކަމަށާއި، އިންފްލޭޝަން މައްޗަށް ދާނެ ކަމަށް ވާދަވެރިން ބުނި ނަމަވެސް ސަރުކާރުން އަޅަން ފެށި ފިޔަވަޅުތަކާ އެކު އިންފްލޭޝަން %3.4 ގައި ހިފެހެއްޓިފައިވާ ކަމަށެވެ. ރާއްޖޭގެ ތަކެތީގެ އަގު ބޮޑުވިޔަ ނުދިނުމަށް އެޅި ފިޔަވަޅުތަކުގެ ހެޔޮ ނަތީޖާ އަޅާބެއްލެވީ ޔޫރަޕުގެ ގައުމުތަކުގައި އިންފްލޭޝަން %9 އަށް އުފުލިފައިވާ ކަމަށް ވިދާޅުވަމުންނެވެ.

"ކިތަންމެ ބާރަށް އަޑު ހަރުކޮށް ތަކެތީގެ އަގު ބޮޑުވެޔޭ ބުންޏަސް އެމްއެމްއޭ އިން، ރާއްޖޭގެ ސެންޓްރަލް ބޭންކުން އެބުނަނީ ތަކެތީގެ އަގު މިހާރު ދަނީ ދަށަށޭ،" ރައީސް އެ ދުވަހު ވިދާޅުވި އެވެ.

މި ވާހަކަފުޅާ އެކު، މި ސަރުކާރުގައި އެޅި އިގްތިސޯދީ ފިޔަވަޅުތަކުން ތަކެތީގެ އަގަށް އައި ބަދަލުތަކުގެ ވާހަކަ ރައްޔިތުން ދައްކަން ފަށައިފި އެވެ. މި ދައުރު ފެށުނު އިރު އާންމު ދިރިއުޅުމުގައި ކާބޯތަކެތީގެ އަގު ހުރި މިންވަރާއި މިހާރު އަގުތައް މައްޗަށް ގޮސްފައިވާ ވަރު އަޅާބަލަން ވެސް ފެށީ އެވެ.

ކޮވިޑާއި އޭގެ ފަހުން ރަޝިއާ- ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިސޯދަށް އައި ބަދަލުތަކާ އެކު ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލުނެވެ. ޓެކްސް ރޭޓު ބޮޑުކުރުމާއި އިތުރު ފީތައް ނަގަން ފެށުމުން އާންމު ރައްޔިތުންގެ ޖީބަށް ވެސް އަސަރު ކުރި އެވެ.

ފިހާރައެއްގައި ކާބޯތަކެތި ވިއްކަން ބަހައްޓާފައި: ދުނިޔޭގެ ބާޒާރުގެ ބޮޑުވުމުން ރާއްޖެއަށް ވެސް އޭގެ ނުބައި އަސަރުކުރޭ (ދައުރު ފޮޓޮ/ އަބްދުﷲ އަނޫފް ޖުނައިދު)

އިންފްލޭޝަން އަކީ ކޮބާ؟

އިންފްލޭޝަން އަކީ މުދަލާއި ހިދުމަތްތަކުގެ އަގު ވަކި މުއްދަތެއްގެ ތެރޭ އުފުލޭ މިންވަރެވެ. މުދަލާއި ހިދުމަތް ހޯދަން ކުރަން ޖެހޭ ހޭދަ ބޮޑުވާ ނަމަ އެއީ އިންފްލޭޝަންގެ އަސަރޭ ބުނެވިދާނެ އެވެ.

މީގެ ކުރިން، މިސާލަކަށް، 2018ގައި 100ރ އަށް ގަތް ކޮފީ ފުޅިއެއް ގަންނަން 2023 ވަނަ އަހަރު 150ރ. ހޭދަކުރަން ޖެހުމަކީ އިންފްލޭޝަން

  • ޖުމްލަ އަގުތަކަށް އަންނަ ބަދަލުގެ ޕަސެންޓޭޖު ބޭނުންކޮށްގެން އިގްތިސޯދަށް އަންނަ ބަދަލު ބަލަން އިންފްލޭޝަން ކަލްކިޔުލޭޓު ކުރޭ

  • އާންމުކޮށް ދިރިއުޅުމުގައި ބޭނުންކުރާ ތަކެތީގެ 'ބާސްކެޓެއް' ހަދައި ބޭސް އަހަރެއް ހިޔާރުކޮށް އެ އަހަރަކާ އަޅާބަލާ

  • މިއީ ކޮންސިއުމާ ޕްރައިސް އިންޑެކްސް ނުވަތަ ސީޕީއައި ކަލްކިޔުލޭޓު ކުރާ ގޮތް. އާންމުކޮށް އިންފްލޭޝަން ހިސާބުކުރަން ބޭނުންކުރަނީ ސީޕީއައި

ނޭޝަނަލް ބިޔުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު؛

  • 2019 ވަނަ އަހަރު ސީޕީއައި ހުރީ %99.70 ގައި

  • 2020 ވަނަ އަހަރު ސީޕީއައި ހުރީ %98.34 ގައި

  • 2021 ވަނަ އަހަރު ސީޕީއައި ހުރީ %98.87 ގައި

  • 2022 ވަނަ އަހަރު ސީޕީއައި ހުރީ %99.23 ގައި

ކޮވިޑް 19އާ ގުޅިގެން އެޅި އިގްތިސޯދީ ފިޔަވަޅުތަކާ އެކު ޒަރޫރީ ބައެއް ހިދުމަތްތަކުން ނަގާ ފީ ކުޑަކޮށް ޑިސްކައުންޓް ދިނުމުގެ ސަބަބުން 2020ގައި ސީޕީއައި ރޭޓު ދަށްވެފައިވާކަން ސްޓެޓިސްޓިކްސް ބިޔުރޯ އިން ފާހަގަކޮށްފައިވެ އެވެ. އެ އިދާރާގެ 2020 ވަނަ އަހަރުގެ ސީޕީއައި އަހަރީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ކޮވިޑުގެ ހާލަތުގައި ފެނާއި ކަރަންޓު އަދި އިންޓަނެޓުން ޑިސްކައުންޓް ދިނުމުން އެ އަހަރުގެ ވަކި މުއްދަތެއްގައި އެ ހިދުމަތްތަކަށް ކުރި ހޭދަ ވަނީ ދަށްވެފަ އެވެ.

  • ނަމަވެސް ޖެހިގެން އައި 2021 އަހަރު %0.54 ސީޕީއައި އިތުރުވެފައިވޭ

  • 2021އާ އަޅާބަލާއިރު 2022ގައި %2.33 ސީޕީއައި އިތުރުވެފައިވޭ

މޯލްޑިވިއަން ފްލައިޓެއް: ވައިގެ އުދުހުންތަކުގެ އަގު ވަނީ އުފުލިފައި (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ސްޓެޓިސްޓިކްސް ބިޔުރޯ އިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު 2021 ވަނަ އަހަރަށް ވުރެ 2022ގައި އާންމު ކާބޯތަކެއްޗަށް ކުރަން ޖެހުނު ހަރަދު ވަނީ %2.33 ބޮޑުވެފަ އެވެ. މީގެ އިތުރުން ސިއްހީ ކަންކަމަށް ކުރަން ޖެހުނު ހޭދަ %4.62 އަށް އަދި ދަތުރުފަތުރަށް ކުރަން ޖެހުނު ހަރަދު %5.99 ބޮޑުވި އެވެ.

އަގުތަކަށް އައި ބަދަލުތަކަށް ބަލާ ނަމަ؛

  • މީގެ ކުރިން 1،029ރ އަށް ގަތް އެތެރޭގެ އުދުހުންތަކުގެ ޓިކެޓުގެ އަގު މިހާރު ވަނީ 1،377 އަށް ބޮޑުވެފައި

  • 11ރ. އަށް ވިއްކި ސޯސް ފުޅީގެ އަގު 18ރ. އަށް ބޮޑުވި

  • މަސްދަޅުގެ އަގު 15ރ އިން 18ރ އަށް ބޮޑުވި

މީހަކު އޭޓީއެމްއިން ޑޮލަރު ނަގަނީ. އިމްޕޯޓެޑް އިންފްލޭޝަންގެ އަސަރު ވެސް އިގްތިސޯދަށް ކުރޭ (ފޮޓޯ/ބީއެމްއެލް)

ސަބްސިޑީއިން އަސްލު އަގުތައް ފޮރުވިފައި

ރައީސް އެ ވިދާޅުވާ ގޮތަށް މަރުކަޒީ ބޭންކުގެ ހިސާބުތަކުން ދައްކަނީ މިދިޔަ މޭ މަހު ރާއްޖޭގެ އިންފްލޭޝަން %3.9 އިން %2.8 އަށް ވެއްޓިފައިވާ ތަނެވެ. އެ ނަމްބަރަށް އެކަނި ބަލައިގެން ރާއްޖޭގައި ތަކެތީގެ އަގުތައް ބޮޑު ނުވާ ކަމަށް ބުނުން އެއީ އަދި މުޅިން ރަނގަޅު ވާހަކައެއް ނޫނެވެ. އަދި އަސްލު މަންޒަރެއް ވެސް ނޫނެވެ. ސްޓެޓިސްޓިކްސް ބިޔުރޯ އާއި މަރުކަޒީ ބޭންކުގެ އެ ނަމްބަރުތައް ނިއުޅާލުމުން ފެންނަނީ އެހެން މަންޒަރެކެވެ.

އިންފްލޭޝަން މިންކުރާ މިންގަނޑު ނުވަތަ ސީޕީއައި ރާއްޖޭގައި މައްޗަށް ނުދާ ބޮޑު ސަބަބެއް އެބަ އޮތެވެ. އެއީ ސީޕީއައި ހިސާބުކުރުމުގައި ބޮޑު ބުރަދަނެއް ދޭ ތަކެއްޗާއި ހިދުމަތްތަކުގެ ތެރެއިން ބޮޑު ބައެއް ރާއްޖޭގައި ހުންނަނީ ސަބްސިޑައިޒް ކޮށްފަ އެވެ. ސަރުކާރުން ހުންނަނީ އެތަކެތީގެ އަގު އެކި ގޮތްގޮތަށް ހިފަހައްޓައި އޮބަހައްޓައިފަ އެވެ. 

ސްޓެޓިސްޓިކްސް ބިއުރޯއިން ސީޕީއައި މިންކުރާ މިންގަނޑު މިދިޔަ އަހަރު މުރާޖައާކޮށް ނެރެފައިވާ ނޯޓްގައިވާ ގޮތުން ސީޕީއައި އެކުލަވާލާއިރު: 

  • ތެލާއި، ކަރަންޓާއި ގޭސް އަދި ފެނުގެ ހަރަދަށް - %25.81ގެ ބުރަދަނެއް ދޭ

  • ސިއްހީ ދާއިރާގެ އަގުތަކަށް - %5.80ގެ ބުރަދަނެއް ދޭ

  • ދަތުރުފަތުރުގެ އަގުތަކަށް - %7.02ގެ ބުރަދަނެއް

  • ތައުލީމީ ދާއިރާގެ އަގުތަކަށް - %3.94ގެ ބުރަދަނެއް ދޭ 

މަތީގައިވާ ހުރިހާ އަގުތަކަކީ ވެސް ކޮންމެވެސް ސިފައެއްގައި ސަރުކާރުން ސަބްސިޑީ ދީގެން އެތަކެތީގެ އަސްލު އަގު ފޮރުވާފައި ހުންނަ ދާއިރާތަކެވެ. ކަރަންޓް ބިލް، ތެޔޮ، ދަތުރުފަތުރާއި ތައުލީމު އަދި ސިއްހީ ދާއިރާގެ އަގުތައް ހެޔޮކުރަން ސަރުކާރުން ސީދާކޮށްނާއި ނުސީދާކޮށް ސަބްސިޑީ ދެ އެވެ. އެހެންކަމުން ސީޕީއައި ހިސާބުކުރުމުގައި ބަލާ %42.57 ތަކެއްޗާއި ހިދުމަތުގެ އަގުތަކުން ހަގީގަތުގައި ބާޒާރުގައި ތަކެތީގެ އަގުތައް ބޮޑުވާ ވަރު ބުނެއެއް ނުދެ އެވެ. އެހެންވެ، ރާއްޖޭގައި އިންފްލޭޝަން މާ ބޮޑުތަނުން މައްޗަށް ދާތަން ނަމްބަރުތަކުން ނުފެނިދާނެ އެވެ. އޭގެ މާނައަކީ ތަކެތީގެ އަގުތައް ބޮޑުނުވުމެއް ނޫނެވެ. 

އިގްތިސާދީ ދާއިރާގެ ބޭފުޅަކު ނަން ނުޖަހާ ގޮތަށް ވިދާޅުވި ގޮތުގައި ސީޕީއައި ހިސާބުކުރުމުގައި ބަލާ ގިނަ ތަކެތީގެ އަސްލު އަގުތައް ސަބްސިޑީއިން ފޮރުވިފައި ހުއްޓައި ރާއްޖޭގެ އިންފްލޭޝަން މަތިވާ ވަރު %5-4 އަށް ދިޔުމަކީ އެއީ ވަރަށް ބޮޑު ވަރެއް ކަމަށެވެ.

"ތެޔޮ ކަރަންޓް ބިލް އެއްޗިހީގެ އަސްލު އަގު އަހަރުމެންނަށް އެއީ އިނގޭވެސް އެއްޗެއް ނޫން. ބާޒާރުގެ ހަމައަގެއް ނޭނގޭ. އަނެއްކާ ތެލަކީ ކޮންމެ ސެކްޓާއަކާ ގުޅޭ އެއްޗެއް. އެކަމަކު އޭގެ އަސްލު އަގު މި އިންނަނީ ފޮރުވިފައި. ސީޕީއައި ހަދާއިރު ވަރަށް ބޮޑު ބައެއް އެބަ ޖަހާ ތެލުގެ އަގަށް. އެހެންވީމާ އަސްލު އިންފްލޭޝަން ރާއްޖޭގައި ހުންނަވަރެއް ނުއެއް ފެންނާނެ،" އެބޭފުޅާ ވިދާޅުވި އެވެ.

ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ ގައުމަކަށް ވުމުން ރާއްޖޭގެ އިގްތިސޯދުގައި އެންމެ މުހިއްމު އެއް ރޯލު ކުޅެނީ ބޭރު ފައިސާ އެވެ. ބޭރުން އެތެރެކުރާ މުދާ ގަންނަން ލިބޭ އަގު ބޮޑުވުމުން، އެތެރޭގެ ބާޒާރުގައި މުދަލުގެ އަގު ބޮޑުވެ، އިގްތިސޯދަށް ކުރާ އަސަރަށް ކިޔަނީ އިމްޕޯޓެޑް އިންފްލޭޝަން އެވެ. ޑޮލަރު ގަންނަން ލިބޭ އަގު ބޮޑުވުމުން ވިޔަފާރިވެރިން މުދާ އެތެރެކުރަން ކުރަން ޖެހޭ ހޭދަ ބޮޑުވުމުގެ އަސަރު ވެސް މުދަލުގެ އަގަށް އައިސްފައިވާ ބަދަލުތަކުން ފެނެ އެވެ.

މިފްކޯ އިން ޅ. ފެލިވަރުގައި ބަންދުކޮށްގެން ވިއްކާ މަސްދަޅުތަކެއް: މި އުފެއްދުމުގެ އަގު ވެސް ވަނީ ބޮޑުވެފައި (ފޮޓޯ/މިފްކޯ)
  • ރާއްޖޭގައި އުފައްދާ ދަޅުމަހުގެ އަގު ބޮޑުކުރީ މިފްކޯ އިން އޭރު ބުނިގޮތުގައި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުން

  • ކުރިން 7ރ އަށް ވިއްކި ޑީސަލް ލީޓަރުގެ އަގު، ރަޝިއާ ޔޫކްރޭން ހަނގުރާމައާ އެކު، 15ރ އަށް އުފުލުނު

  • ކާން ބޭނުންކުރާ ތެލުގެ އަގު ވެސް އެ ހަނގުރާމައިގެ ސަބަބުން އުފުލުނު

ރަޝިއާ/ޔޫކްރޭން ހަނގުރާމަ ކޮޅެއްގައި ނުޖެހި އުޅެނިކޮށް، ރާއްޖޭގައި މުދަލާއި ހިދުމަތުން ނަގާ ޓެކްސް ބޮޑުކުރުމާ އެކު އަނެއްކާވެސް މުދަލާއި ހިދުމަތް ހޯދަން ކުރަން ޖެހޭ ހޭދަ ވަނީ ބޮޑުވެފަ އެވެ. މި ހުރިހާ ކަމެއް މިހެން ހުރި އިރު، މުދަލުގެ އަގު ބޮޑުނުވާ ކަމަށް ރައީސް ވިދާޅުވި ވާހަކަ ރަނގަޅެއް ނޫނެވެ.

"ޓެކްސްތައް ބޮޑުވެއްޖެ، އެކަމަކު ގިނަ މީހުންގެ އާމްދަނީ ބޮޑެއް ނުވޭ. އަނެއްކާ ބައެއް މީހުންގެ މުސާރަ ބޮޑުވި އިރު ޖީއެސްޓީ ބޮޑުވެއްޖެ. އެހެންވީމާ އޭގެ އެދެވޭ އަސަރެއް ނުފެނޭ. ޕާޗޭސިން ޕަވާ މައްޗެއް ނުވޭ. ޑިސްޕޯސަބަލް އިންކަމް އިތުރެއް ނުވޭ،" އިންފްލޭޝަން މަތި ނުވާކަމަށް ރައީސް ވިދާޅުވި ވާހަކަ ގަބޫލުނުކުރާ ކަމަށް ބުނެ 25 އަހަރުގެ ޒުވާނަކު ބުންޏެވެ.

އެމްޕީއެލް ސަރަހައްދު: ރާއްޖެއަށް އެތެރެކުރާ ބައެއް މުދަލުގެ އަގު ވަނީ ބޮޑުވެފައި (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

އޭނާ ފާހަގަކުރި ގޮތުގައި، ޑޮލަރުގެ އަގު އުފުލުމަކީ އަދި ޑޮލަރުން ކުރެވޭ މުއާމަލާތްތަކުގެ އަދަދު ހިފަހައްޓާފައި އޮތުމަކީ ވެސް ތަކެތީގެ އަގު އުފުލޭނެ ކަމެކެވެ.

ރައްޔިތުން ދުވަހުން ދުވަހަށް ކުރަން ޖެހޭ ހޭދަ މަހުން މަހަށް، އަހަރުން އަހަރަށް މައްޗަށް ދިޔުމަކީ ރައްޔިތުންގެ ކަންބޮޑުވުމެކެވެ. އެހެންކަމުން އަގުތައް މައްޗަށް ނުދާ ވާހަކަ ރައީސް ސޯލިހު ވިދާޅުވުމަކީ އިގްތިސޯދު މިހާރު އޮތް ހާލަތަށް ބަލާއިރު، އަސްލެއް ނެތް ވާހަކައެއް ކަމަށް ބުނުމުގެ ފުރުސަތު އެބަ އޮތެވެ.

ކޮމެންޓް (1)

ސިކުނޑި

19 ޖުލައި 2023
ރައީސް ދައްކާ ވާހަކައިން އެއްޗެއް ދޭހަކުރަން އަބަދުވެސް އުނދަގޫ! ގިނަ ވާހަކަތަކަކީ ދޮގެއް ނުވަތަ އޮޅިގެން ބުނެވޭ ކުށްބަހެއް! އާންމުކޮށް ބަސްމަދު މީހުން ބުނާނީ ހިކުމަތްތެރި ދެތިން ބަހެއް!
0 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް