
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރިޔާސީ ބަހުސް 2023 ގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ދެ ކަނބަލުންނާ ސަލާމްކުރައްވަނީ. (ދައުރު ފޮޓޯ/ހުސައިން ސުނޭން)
އެމްޑީޕީ ސަޕޯޓަރުން: ރައީސްގެ ޖަވާބުތައް ބަރާބަރު، އިންތިހާބު ކާމިޔާބުވާނެ
އެމްޑީޕީގެ 'ސޯސަން ޖަގަހަ'އަށް ރޭ 9 ޖަހަންވާއިރަށް އެ ޕާޓީގެ އާންމު މެމްބަރުން ޖަމާވީ ރިޔާސީ ބަހުސް ބަލައިލުމަށެވެ. ވެހެމުންދިޔަ ވާރެއިން ހިޔާވާން އެއް ބަޔަކު ކޯޓު ލައިގެން، އަނެއް ބަޔަކު ކުޑައިގެ ނިވަލުގަ އެވެ. ބަހުސްތަކަށް ފިއްލަވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވާތީ އެވެ.
ޕީއެސްއެމްއާ ގުޅިގެން ސަންގު ޓީވީއިން ބޭއްވި ރިޔާސީ ބަހުސް-2023 ފަށަން 15 ވަރަކަށް މިނެޓަށް ވީއިރު ސޯސަން ޖަގަހައިގައި މީހުން ހޭލަމޭލަވެ އުޅުނީ ބަހުސް ބެލޭނެ އިންތިޒާމު ހަމަޖެއްސުމުގަ އެވެ. އެއް ބަޔަކު ސްޕީކަރުތައް ސެޓުކުރަން އުޅުނުއިރު، އިށީނދެ ތިބި މީހުންނަށް ޕޮޕްކޯން ބަހާ ބަޔަކު ވެސް އުޅުނެވެ.
ބަހުސްގައި ބައިވެރިވާން ރައީސް ސޯލިހު ވަޑައިގަތް މަންޒަރު ފެނުމާ އެކު ޖަގަހައިގައި ތިބި މީހުންގެ ތަރުހީބު ދޭން ފެށި އެވެ. ސާބަސް ދީ، އިންތިހާބު ނިންމާނީ އެއް ބުރުން ކަމަށް ގޮވަމުންދިޔަ އެވެ. ވާދަވެރި ކެންޑިޑޭޓުންނަށް ހަޖޫ ޖެހުމާއި މަލާމާތެވެ.

ކަނޑައަޅާފައި އޮތް ގަޑިއަށް ވުރެ ކުޑަ ވަގުތުކޮޅެއް ފަހުން ބަހުސް ފަށައިފި އެވެ. ނަމަވެސް، އެއާ އެކު ޖަގަހައިގައި ތިބި މީހުންގެ ފަރާތުން ފެނުނީ ނުރުހުންވުމެވެ. ޓީވީގެ އަޑު މަޑުކަމާއި ތަނުގައި ހުރި ސްޕީކަރުތައް ސެޓު ނުވެގެންނެވެ. "ކުރީ ބައިގައި ސައުންޑު ސެޓުކޮށްފައި ދޯ ހުންނަން ޖެހޭނީ"އޭ މީހަކު ބުނި އަޑު އިވުނެވެ.
ބަހުސްގެ ފުރަތަމަ ބުރުގައި ކެންޑިޑޭޓުންނާ ކުރީ އިގްތިސާދީ ސުވާލުތަކެކެވެ. ސައުންޑު ސެޓު ނުކޮޮށް ހުރުމުން ޖަގަހައިގައި ތިބި އެންމެންނަށް ރައީސް ސޯލިހު ދެއްވި ޖަވާބު އަޑެއް ނީވޭނެ އެވެ. ނަމަވެސް މައްސަލަ ހައްލުވޭތޯ ނުވޭތޯ ނުބަލައި، ފޯނުން ލައިވް ބަލަމުންދިޔަ ބައެއް މީހުން ރައީސް ސޯލިހު ދެއްވި ޖަވާބަށް ތާއީދުކޮށް، އަތްތިލަ ބަޑިޖެހި މަންޒަރު ފެނުނެވެ. ދަރަނި މެނޭޖުކުރާނެ ގޮތް ސާފުކޮށްދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ 2026 ގައި ރެކޯޑު އަދަދެއްގެ ދަރަންޏެއް ދައްކަން ޖެހޭއިރު، އެކަން ކުރާނެ ސިޔާސަތެއް އެބަ އޮތް ކަމަށެވެ.

"2026ގައި ޑައިރެކްޓް ޑިއު ވާން މި އުޅެނީ 800 މިލިއަން ޑޮލަރު. އޭގެ ތެރޭގައި އޭޑީއެފްޑީގެ 100 މިލިއަން ޑޮލަރު އެބަ އޮތް. އެ، އަޅުގަނޑުމެންނަށް މިހާރު ވަނީ ފަސްކުރަން ވާހަކަ ދެކެވި، އެއަށް ޖާގަ ލިބިފައި،" ރައީސް ވިދާޅުވި އެވެ.
"ދެން މި އޮތީ 500 މިލިއަން ޑޮލަރުގެ ސުކޫކު، ކޮވިޑު ތެރޭގައި ނެގި. އޭގެ ތެރެއިން 250 މިލިއަން ޑޮލަރު އަޅުގަނޑުމެން ދެއްކީ ކުރީގެ ސަރުކާރުން ނަގާފައި އޮތް ސަނީސައިޑް ބޮންޑަށް. ދެން ހުރި ފައިސާ ދައުލަތުގެ އެކި ކަންކަމަށް ހަރަދުކުރީ."
"2026ގައި މި ދައްކާނެ ސިޔާސަތު އަޅުގަނޑުމެންގެ އެބަ އޮތް. އޭގެ ތެރެއިން ދެބައިކުޅަ އެއްބައި އަޅުގަނޑުމެން ރީފައިނޭންސް ކުރާނަން. މާކެޓަށް ގޮސް، ފައިސާ ހޯދޭނެ ގޮތް އަޅުގަނޑުމެންނަށް އެބަ އޮތް. ކޮވިޑް ތެރޭގައި އެކަން ވާނީ ހާމަކޮށްފައި. ދެން އޮތީ ސޮވެރިން ޑިވެލޮޕްމަންޓް. މިހާރު ވެސް އެ ފަންޑުގައި ހަ ބިލިއަން ރުފިޔާ އެބަހުރި. އަމާޒަކީ 2026 އަންނައިރު 350-400 މިލިއަން ޑޮލަރާ ދޭތެރޭގައި ފަންޑު ސައިޒު ބޮޑުކުރުން."
އޭގެ އިތުރުން ރައީސް ސޯލިހު ވިދާޅުވި ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ އަންނަނީ ދުވަހެއް ދުވަހަށް އިތުރުވަމުންނެވެ. އެގޮތުން:
-
ވެރިކަމަށް އައިއިރު ދައުލަތަށް ލިބުނީ 22 ބިލިއަން ރުފިޔާ
-
މި އަހަރު 34 ބިލިއަން ރުފިޔާ
-
2026 ގައި 46 ބިލިއަން ރުފިޔާ ދައުލަތަށް ވަންނާނެ
-
އެހެންކަމުން ޑިއު ވާ ލޯނު ދެއްކުމުގައި ދައްޗެއް ނޯންނާނެ
ހާރިޖީ ސިޔާސަތު: 'ހެނދުނު ފުރައްސާރަކޮށްފައި ހަވީރު ފިރުމާ ގޮތަކަށް ނޫން'
ހާރިޖީ ސިޔާސަތަކީ ދެ ވަނަ ބުރުގައި ސުވާލުކުރި މައުލޫ އެވެ. މިއީ ރައީސް ސޯލިހާއި މި ސަރުކާރަށް އިދިކޮޅުން އެންމެ ބޮޑު ފާޑުކިއުމެއް އަމާޒުވާ އެއް ދާއިރާ ވެސް މެ އެވެ. އިންޑިއާ 'ދަށުވެފައި' ސަރުކާރު އޮތް ކަމަށް، އިދިކޮޅު ބޭފުޅުން ވިދާޅުވެ އެވެ.
ސުވާލުގެ ޖަވާބުގައި ރައީސް ސޯލިހު ވިދާޅުވީ އިތުރު ދައުރެއް ލިބިވަޑައިގެންފި ނަމަ ހާރިޖީ ސިޔާސަތު ބައްޓަން ކުރައްވާނީ މިހާރު ވެސް އޮތް، ދިވެހިންނަށް ބަސް ބުނެވޭ އަދި 'އިސް އުފުލޭ' ސިޔާސަތެއްގެ ގޮތުގައި ކަމަށެވެ.
"ރާއްޖެއަށް އެންމެ ފައިދާ ހުރި، ރައްޔިތުންނަށް އެންމެ ފައިދާ ކުރާ ގޮތަށް މިހާރުވެސް ހާރިޖީ ސިޔާސަތު ބައްޓަން ކޮށްފައި އޮތީ، ކުރިއަށް އޮތް ތަނުގައި ވެސް އެކަން ކުރާނީ އެގޮތަށް،" ރައީސް ސޯލިހު ވިދާޅުވި އެވެ.
މި ދައުރުގައި ރާއްޖެ-ޗައިނާ ގުޅުން ހީނަރުވެފައިވާ ކަމަށް ބަހުސްގެ މޮޑަރޭޓަރު އިބްރާހިމް ވަހީދު (އަސްވާޑް9 ސުވާލުކުރުމުން ރައީސް އެކަން ދޮގުކުރައްވައި ވިދާޅުވީ ޗައިނާއާ ދެމެދު އަދިވެސް އޮތީ ވަރަށް ބަދަހި ގުޅުމެއް ކަމަށާއި މި ސަރުކާރުގެ ބައެެއް މަޝްރޫއުތައް އެ ގައުމުގެ ކުންފުނިތަކަށް ދީފައި އޮތުމަކީ އޭގެ ހެއްކެއް ކަމަށެވެ.
"އަޅުގަނޑުމެންގެ ސިޔާސަތަކީ އިންޑިއާ ފަސްޓް، ވަން ޗައިނާ ޕޮލިސީއަކީ ހެނދުނު ފުރައްސާރަކޮށް، ހަވީރު ފިރުމާ ގޮތަށް އޮތް ސިޔާސަތެއް ނޫން،" ރައީސް ވިދާޅުވި އެވެ.

ރައީސް އެހެން ވިދާޅުވުމާ އެކު ޖަގަހައިގެ ތިބި މީހުންގެ ތަރުހީބު އަޑު ގަދަވި އެވެ. މި ސަރުކާރުން އިންޑިއާއާ މާ ގުޅުން ބަދަހިކޮށް، ޗައިނާ އެކަހެރިކުރާ ތަން ފެންނަ ކަމަށް ބަހުސްގެ މޮޑަރޭޓު ވަރަށް ސީދާކޮށް ކުރި ސުވާލަށް ރައީސް ސޯލިހު ދެއްވި ޖަވާބު އެމީހުންނަށް މާ ކަމުދިޔައީ އެވެ.
ބަހުސްގެ ފުރަތަމަ ބްރޭކަށް ދިޔައިރު ވެސް ޖަގަހައިން އެ ފޯރި އޮތި ނުކެނޑި އެވެ. ތަންކޮޅެއް ކުރީ ސަފުން "ތި މީހުންނަށް [ވާދަވެރި ކެންޑިޑޭޓުންނަށް] އެއްވެސް ކަމެއް ނުވާނެ، އަހަރެމެންގެ ރައީސް ހުރިހާ ކަމެއް އެ ކުރައްވަނީ" އޭ މީހަކު ބުނި އަޑު އިވުނެވެ. އެ މީހުން ބުނާ ގޮތުގައި ވާދަވެރި ކެންޑިޑޭޓުން ވަމުންދާ ރިޔާސީ ވައުދުތަކާއި ކުރައްވާނެ ކަމަށް ބުނާ ކަންތައްތަކަކީ މިހާރު ވެސް ރައީސް ސޯލިހު ކުރައްވަމުން ގެންދަވާ ކަންތައްތަކެވެ. ކުރާނެ އާ ކަމެއް ނެތެވެ.
ސަޕޯޓަރުންގެ ހިޔާލު: 'ގަޅިއެއް ނުޖެހި' ބަހުސް ކާމިޔާބުކުރެއްވީ ރައީސް
ބަހުސްގެ އެކި ބުރުތައް ނިމި، ރަނގަޅަށް ބަހުސްގެ ފޯރި ޖަގަހައިގައި ހިފައިފި އެވެ. މައިގަނޑު ބައެއް ދާއިރާތަކުގެ ސުވާލުތައް ނިމުނު ފަހުން އެ ތަނުން މީހެއްގެ ގާތުގައި ބަހުސްއާ ބެހޭ ގޮތުން ސުވާލުކޮށްލީމެވެ. އެ މީހާ ބުނި ގޮތުގައި ބަހުސްއިން ހާމަވީ ވާދަވެރި ކެންޑިޑޭޓުން ދައްކަނީ ސާބިތު ނުހިފޭ ވާހަކަތަކެއް ކަމެވެ.
"އިދިކޮޅު މީހުން މި ސަރުކާރާ ބެހޭ ގޮތުން ދެއްކި ވާހަކަތަކުގެ ހަގީގަތް ހާމަވެގެން މި ދިޔައީ. ނަޝީދު، ނާޒިމް އަދި މުއިއްޒު ކުރައްވާފައި ހުރި ކަންތައްތައް. ހެލިކޮޕްޓަރު ގެނައުމާއި ސިޔާސީ ކަންކަމުގައި މީހުން ޖަލަށް ލުން ފަދަ ކަންތައްތަކުގެ ހަގީގަތް،" އޭނާ ބުންޏެވެ.
"އެ މީހުން ދައްކާ ވާހަކަތަކުގައި ސިޔާސީ ގޮތުން އެއްވެސް އުރަތްޕެއް ނެތް ކަން އެނގިގެން މި ދިޔައީ."
އޭނާ ބުނި ގޮތުގައި ރިޔާސީ ބަހުގައި އެންމެ މަޑުމައިތިރިކޮށް ހުންނެވި ތަން ފެނުނީ ރައީސް ސޯލިހެވެ. ނަމަވެސް އެ މަޑުމައިތިރިކަމާ އެކު، ބަހުސް ކާމިޔާބުކުރެއްވީ ވެސް، އޭނާ ދެކޭ ގޮތުގައި، ރައީސް އެވެ.
އިތުރު މީހަކު ބުނި ގޮތުގައި ސުވާލުތަކަށް ރައީސް ސޯލިހު ދެއްވި ޖަވާބުތައް ވަރަށް ރަނގަޅެވެ.
"ޖަވާބުތައް ބަރާބަރު. އެއްވެސް 'ގަޅިއެއް ނުޖެހޭ'،" އޭނާ ބުންޏެވެ.
"އުންމީދު ކުރަނީ އެއް ބުރުން ނިމޭނެ ކަމަށް. މިހާ ކެންޑިޑޭޓުން ގިނަ ފަހަރެއް ވީމަ ތަފާތު ވާނެ. އެކަމަކު އުންމީދަކީ އެއީ."
އިތުރު މީހަކު ބުނީ އިންތިހާބަށް މިހާ ވަގުތު ކުޑަތަން ވެފައި އޮއްވާ ބަހުސް ބޭއްވުމަކީ، ނަތީޖާއަށް މާ ބޮޑު އަސަރެއް ކުރާނެ ކަމެއް ނޫން ކަމަށެވެ.
"ސަބަބަކީ މިހާ ވަގުތު ކުޑަތަން ވާއިރު ގިނަ މީހުން އޮންނާނީ ނިންމާފައި، އެ މީހަކު ވޯޓުލާނެ ކެންޑިޑޭޓު. ރައީސް ސޯލިހު މި އިންތިހާބު ކާމިޔާބު ކުރައްވާނެ ކަން ގެރެންޓީ،" އޭނާ ބުންޏެވެ.
ބަހުސްގައި ރައީސް ސޯލިހު ދެއްވި ޖަވާބުތައް ކުރުކޮށް
-
އިގްތިސާދީ ސިޔާސަތާއި ދަރަނި މެނޭޖުކުރުން - 2026ގައި ދައްކަން ޖެހޭ ބޮޑު ދަރަނީގެ ދެ ބައިކުޅަ އެއްބައި ރީފައިނޭންސް ކުރާނެ
-
ހާރިޖީ ސިޔާސަތު - ރާއްޖޭގެ ހާރިޖީ ސިޔާސަތަކީ އިންޑިއާ ފަސްޓް އަދި ވަން ޗައިނާ ޕޮލިސީއަށް އިހުތިރާމް ކުރުން. ދިވެހިންނަކީ އިސް އުފުލައި ހާރިޖީ ސިޔާސަތެއް ގެންގުޅޭ ގައުމަކަށް ވުން
-
ގައުމީ ސަލާމަތާއި ރައްކާތެރިކަން - ބޭރުގެ ސިފައިންގެ ބަޔަކު އަސްކަރީ މަސައްކަތެއް ކުރަން ރާއްޖޭގައި ނެތް. އެކި ތަމްރީންތައް ކުރުމާއި ދެ ގައުމު ގުޅިގެން ކުރާ އަސްކަރީ ނޫން ކަންކަން ކުރުމަށް ރާއްޖޭގައި އަބަދުވެސް ބޭރުގެ ސިފައިން އައިސްގޮސްފައިވޭ
-
ކުރީގެ ރައީސުން ޖަލަށް ލުމުގެ ސަގާފަތާ ބެހޭ ގޮތުން - މީގެ ކުރިން ފެނުނީ އަނިޔާވެރި ދުވަސްތަކެއް. ނަމަވެސް މި ސަރުކާރުން އެކަން ނިމުމަކަށް ގެންނާނެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލާފައިވަނީ ސިޔާސީ ކަމެއްގައި ނޫން. އެފަދަ ކަމަކާ ގުޅުމެއް ނެތް
-
ބޯހިޔާވަހިކަމުގެ ސިޔާސަތު - ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ހުޅުމާލެ، ގިރާވަރުފަޅު އަދި ގުޅީފަޅުން ގޯތި ދޫކުރުމާ ދެކޮޅު ވަނީ ވަރަށް ބޭއިންސާފުން މާލޭ ރައްޔިތުންނާ މެދު ކަންކުރަން ބޭނުންވާ ފަރާތްތައް
-
ރާއްޖޭގެ އާބާދީ މުސްކުޅިވަމުން ދިޔުމާ ގުޅޭ ގޮތުން - ރާއްޖޭގެ އާބާދީ އޭޖިން ޕޮޕިއުލޭޝަނަކަށް ބަދަލުވާކަން ގަބޫލުކުރަން. އެކަމަށް ދުރާލާ ރާވާ ކަންތައްތަކުގެ ތެރޭގައި 60 އަހަރުން މަތީގެ މީހުންނަށް ދޭ އިނާޔަތްތައް އިތުރުކޮށް، ވަސީލަތްތައް ގާއިމުކޮށް، ރިޓަޔާކުރާއިރު ފަސޭހައިން ލުއި ލޯނު ލިބޭ ގޮތް ހަމަޖައްސައިދިނުން
-
ސިއްހީ ނިޒާމު ހަރުދަނާކޮށް، ކޮލެޓީ ބޭސް ހޯދައިދޭން ކުރާނެ މަސައްކަތްތައް - އެމަނިކުފާނު ވެރިކަމަށް އައި އިރު، އާސަންދަ އޮތީ އަޅައި ނުލާ. ބޭސްތަކުގެ އަގު ކުޑަކުރަން މި ސަރުކާރުން ބަލްކް ޕްރޮކިއުމަންޓްގެ ދަށުން އަގު ކުޑަކޮށްފި. އެކްސްކްލުސިވިޓީ އުވާލައި ޔޫރަޕުން ބޭސް ގެންނަން އެގްރިމަންޓްތައް އަންނަނީ ހަދަމުން
-
ފަހު ބަސް - ރައީސްގެ ފަހު ބަހުގެ ގޮތުގައި އެމަނިކުފާނު ހޯއްދެވި ކާމިޔާބީތައް ފާހަގަކުރެއްވި. ހިލޭ ފުރަތަމަ ޑިގްރީއަށް ކިޔަވައި ދިނުމާއި ބިރުވެރިކަން ފިލުވާލައި އަމާންކަން ގާއިމްކޮށްދެވުނު ކަމަށް ވިދާޅުވި. މިނިމަމް ވޭޖާއި ޓޫރިޒަމްގެ ސާވިސް ޗާޖު ނެގުން ގާނޫނީ ގޮތުން މަޖުބޫރުކުރި ކުރުން ފާހަގަކުރެއްވި. އެއަށް ފަހު ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ނުކުންވައިގެން ހުންނެވީ 2028 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދު 170 ބިލިއަން ރުފިޔާއަށް ހެދުމަށް ކަމަށް.
އިތުރަށް ކިޔާލަން -
ކޮމެންޓް