އިހުމާލުގެ ހާއްޔެއް: މަސައްކަތު މީހުން ގެންގުޅެން ޖެހޭނީ މި ހާލުގައިތަ؟

ފަހި ދިރިއުޅުމުގެ ފްލެޓްތައް ހަދާ ކުންފުނީގެ މަސައްކަތު މީހުންގެ ޝަކުވާތައް ގިނަ. ކާއެއްޗެހީގެ އިތުރުން ބަލިވީމާ ފަރުވާ ނުލިބުމާއި އިތުރު ވަގުތު މަސައްކަތްކުރުވުން ހިމެނޭ

މުހިންމު ނުކުތާތައް

ޖޭއެމްސީން ބުނަނީ ކާއެއްޗެހީގެ މައްސަލަ ފިޔަވައި ދެން ހަދަނީ ހުސް ދޮގު ކަމަށް

އެއްބަސްވެފައި އޮންނާނީ އަށް ގަޑިއިރުގެ އިތުރަށް ދެ ގަޑިއިރު މަސައްކަތް ކުރާ ގޮތަށް ކަމަށް ބުނި

މިހާރު ދުވާލަކު 11 ގަޑިއިރު މަސައްކަތްކުރުވާ ކަމަށް މަސައްކަތު މީހުން ބުނޭ

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދު ފުއްދަން ހުޅުމާލޭ ފޭސް ދޭއްގައި އިމާރާތް ކުރަމުން އަންނަ ފްލެޓްތަކުގެ ނަމޫނާ ދައްކަން ފެށުމުން އެތައް ބަޔަކު އެތަން ބަލަން ޒިޔާރަތްކުރި އެވެ. އަދި މިހާރު ވެސް އަންނަނީ ޒިޔާރަތްކުރަމުންނެވެ. ތަނަވަސް ޖާގައާ އެކު ހިތްފަސޭހަ ފްލެޓްތަކެއްގެ ގޮތުގައި ސިފަކޮށް އާންމުންގެ ތައުރީފް ވެސް ލިބެ އެވެ.

ނަމަވެސް އެ ފްލެޓްތައް ހެދުމުގައި ކޮންމެ ދުވަހަކު އެންމެ ބުރަކޮށް އުޅެމުން އަންނަ މަސައްކަތު މީހުން އުޅޭ ގޮތް ފެނުމުން، އެ ތައުރީފް ހުއްޓުމަކަށް އަތުވެދާނެ އެވެ. އަހަރެމެންގެ ދިރިއުޅުން ފަސޭހަކޮށްދޭން އެހެން ބަޔަކު ހާލުގައި ޖެއްސުމުގެ ހިތްދަތިކަން ވެސް ލިބުން ކައިރި އެވެ.

އިންޑިއާގެ ޖޭއެމްސީ ކުންފުނިން ހަދަމުން އަންނަ ފްލެޓްތަކުގެ މަސައްކަތުގައި ގާތްގަނޑަކަށް 2،000 ބިދޭސީން އެބަ އުޅެ އެވެ. މި ހަފުތާގައި އެ މީހުން ހަޅުތާލުކުރަމުން އެދަނީ އެމީހުންގެ އެތައް ކަމެއް ވަރަށް ދަށް ފެންވަރެއްގައި ހުރުމުންނެވެ. 'އަޅުން'ގެ ގޮތުގައި މަސައްކަތްކުރުވަމުން ދާތީ އެވެ.

'ދައުރު'ގެ ޓީމެއް އެތަނަށް ޒިޔާރަތްކުރި އެވެ. އެ މީހުންނާ އެކު ހޭދަކުރި ދޮޅު ގަޑިއިރެއްހާއިރު ތެރޭ ފެނުނު މަންޒަރާއި އެމީހުން ދެއްކި ވާހަކަތަކުން އަމިއްލަ ނަފްސާ ކުރެވުނީ މި ސުވާލެވެ؛ މަސައްކަތު މީހުން ގެންގުޅެން ޖެހޭނީ މި ހާލުގައި ހެއްޔެވެ؟

ޖޭއެމްސީ ބައެއް މަސައްކަތު މީހުން އެތަނުގެ ސައިޓެއްގެ ބޭރުގައި (ދައުރު ފޮޓޯ/އަބްދުﷲ އިޔާން

އެމީހުންނަށް ބައެއް ފަހަރަށް ކެއުން ތައްޔާރުކުރަނީ ފޫޖަހައި، ކުނިވެ، ފުޅަ އަޅާފައި ހުންނަ ތަރުކާރީ ބޭނުންކޮށްގެންނެވެ. ކައްކާ ތަން އެހާ ނުތާހިރެވެ. ކާން ތިބެން ޖެހެނީ ކޮންކްރީޓް ތަޅުންގަނޑު މަތީގަ އެވެ. ކާއެއްޗެހީގެ ތެރެއިން ދިރޭ އެއްޗެހި ވެސް ފެނެ އެވެ.

ބަލިވެއްޖެ ނަމަ ފަރުވާ ނުލިބި އޮންނަނީ އެވެ. ފުރަތަމަކޮޅު އެ މީހުންނަށް ހާއްސަ ޑޮކްޓަރަކު އެތަނުގައި ހުއްޓެވެ. ނަމަވެސް އޭނާ ދިއުމުން ބަލިމީހުންނަށް ފަރުވާ ލިބޭނެ ގޮތެއް ނެތެވެ.

އިންޑިއާ ކުންފުންޏަކުން ކުރިއަށް ގެންދާ މަޝްރޫއުއަކަށް ވާތީ މަސައްކަތުގައި އުޅެނީ މުޅިން ވެސް އިންޑިއާ މީހުންނެވެ. އިންޑިއާގައި އެފަދަ މަސައްކަތްތެރިންނާ މެދު ކުންފުނިތަކުން އެހާ ދަށްކޮށް އަމަލްކޮށްފާނެ އެވެ. ނަމަވެސް މިއީ ރާއްޖެ އެވެ. ރާއްޖޭގައި އެ ހާލަތުގައި މީހުން ގެންގުޅޭ ނަމަ އާންމުންގެ ކަންބޮޑުވުން އުފެދެ އެވެ. ހައްގުގައި އަޑުއުފުލާނެ އެތައް ބަޔަކު ތިބެ އެވެ.

މިއީ އެކަހަލަ ވަގުތެކެވެ.

މި މަސައްކަތްތެރިންގެ ޝަކުވާތައް ބައިވަރެވެ. މިދިއަ ބުދަދުވަހު އެ މީހުން ވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުރި އިންޑިއަން ހައި ކޮމިޝަން ދޮށަށް އެއްވެގެން ވެސް އަޑުއުފުލައިފަ އެވެ. 'ދައުރު' ޓީމު ފުރަތަމަ ދިޔައީ އެތަނަށެވެ. އެކަމަކު އެ މީހުން އެދުނީ ދިރިއުޅޭ ސައިޓަށް ގޮސް ކަންކަން ދައްކާށެވެ. އެހެންވެ އެ މީހުންނާ އެކު 'ދައުރު' ޓީމު އެތަނަށް ޒިޔާރަތްކުރި އެވެ.

ހުޅުމާލެ ފޭސް އެކެއްގައި އިންޑިއާ އެމްބަސީ ހުންނަ މަގު ކައިރީ ބައެއް މަސައްކަތު މީހުން މަޑުކޮށްލައިގެން (ދައުރު ފޮޓޯ/އަބްދުﷲ އިޔާން

ސައިޓަށް ވަނުމާ އެކު ފުރަތަމަ ވެސް ނޭފަތުގައި ޖެހުނީ ކުނި ވަހެކެވެ. އޭރު މެންދުރުގެ ކެއުން ދިޔައީ ތައްޔާރުކުރަމުންނެވެ. ނޫސްވެރިންކަން އެނގުމުން އެންމެން އަހަރެމެން ވަށައިލި އެވެ. ޝަކުވާތައް ބަންޑުންކޮށްލި އެވެ. އެމީހުންގެ ކެތްތެރިކަން ވަނީ ކޮޅުންލައިފަ އެވެ. ބައެއް ފަހަރު ފަސް ވަރަކަށް މީހުން އެއް ފަހަރާ ވެސް ވާހަކަ ދައްކަ އެވެ. އަޑުހާނެ ކަންފަތަކަށް އެ މީހުން އެދިއެދި ތިބި ކަހަލަ އެވެ. ޝަކުވާތަކާއި ކަންބޮޑުވުންތަކާ އެކު އަހަރެމުންނަށް ސައިޓުގެ ކުޑަވަރެއްގެ ޓުއާއެއް ދިނެވެ.

"މި ރިހަ ހީވަނީ ފެން ހެން. ރަހައެއް ނުލާ، ލޮނު ރަހައެއް ނުލާ. ބަލަ، ހީވަނީ ހަމަ ފެން ހެން. [އެކަމަކު] މިއީ މުގު ރިހަ،" މެންދުރުގެ ކެއުމަށް ތައްޔާރުކޮށްފައި ހުރި ބޮޑު މުގުރިހަ ތެއްޔަށް އުދުޅި ކޮއްޕާލުމަށް ފަހު، ހިންދީ ބަހުން އެކަކު ބުންޏެވެ.

ެމެންދުރަށް ހަދާފައި ހުރި މުގުރިހަ: އެއްވެސް ރަހައެއް ނުލާ ކަމަށް މީހުން ބުނޭ (ދައުރު ފޮޓޯ/އަބްދުﷲ އިޔާން

"މަސް ވެސް މި ހުންނަނީ ސާފުނުކޮށް،" ފިހެފައި އޮތް މަސްބުރިއެއް ތެއްޔަކުން ނަގަމުން އެހެން މީހަކު ބުންޏެވެ. 

މަސައްކަތްތެރިން ބުނާ ގޮތުން އެމީހުންނަށް ކައްކަނީ ޖޭއެމްސީގެ މުވައްޒަފުންނެވެ. އެކަމަކު އެއީ އެމީހުން ފަދަ ލޭބަރުންނެއް ނޫނެވެ. މި ސައިޓުގައި އުޅެނީ ގާތްގަނޑަކަށް 2،000 ލޭބަރުންނެވެ. މަޝްރޫއުގެ އެންމެ 'ދަށް' މަސައްކަތު މީހުންނެވެ. މައްސަލަ ޖެހިގެން މިއުޅެނީ ވެސް ލޭބަރުން ދިރިއުޅޭ ސައިޓުގަ އެވެ. ޖޭއެމްސީގެ އެހެން މުވައްޒަފުން ދިރިއުޅެނީ ކައިރީގައި ޖެހިގެން ހުރި އެހެން ސައިޓެއްގަ އެވެ. އެ ސައިޓުގައި ލިބޭ ކާއެއްޗިއްސާއި ހިދުމަތް ވެސް މުޅިން ތަފާތެވެ.

"އަހަރެމެން ބޯން ލިބޭ ފެން ސާފެއް ނޫން. ބައެއް މީހުން ބަނޑަށް ތަދުވޭ އެ ބޮއެގެން. އެކަމަކު މުވައްޒަފުންގެ ސައިޓުގައި ދެނީ ފިލްޓާޑް ފެން. އަހަރެމެންނަށް ވެސް ފިލްޓާޑް ފެން ނުދެވެންވީ ކީއްވެ؟" އެކަކު ސުވާލުކުރި އެވެ.

ބައެއް މީހުން އިސްކުރުން އަތް ދޮންނަނީ (ދައުރު ފޮޓޯ/އަބްދުﷲ އިޔާން
އިސްކުރު ފެން ފުޅިއަކަށް އަޅާފައި ދައްކާލަނީ: ފެނުމުގެ މައްސަލަ ވެސް އެ މީހުން ނެގި (ދައުރު ފޮޓޯ/އަބްދުﷲ އިޔާން

ކައްކާ ބަޔަށް ވަން އިރު އެތަނުން ދުވަނީ ކުނި ވަހެވެ. ކެބެޖް ބަސްތާތަކުގައި ހުރީ ފޫ ޖަހައިފަ އެވެ. އެހެން ބަސްތާތަކެއްގައި ފުޅަ އަޅައިފަ އެވެ. އެމީހުން ބުނާ ގޮތުގައި ތަރުކާރީ އެ ފެންވަރުގައި ހުއްޓަސް ކައްކަން ބޭނުންކުރެ އެވެ. 

ފްރިޖް ހުޅުވާލި އެވެ. އޭގެ ތެރޭގައި ތެލުލާފައި ހުރި ކުކުޅު މަސްތަކެއް ހުއްޓެވެ.

"މިއީ ހަތަރު ދުވަސް ކުރިން ހެދި އެއްޗެހި،" މަސްކޮޅެއް ފުރިޖުން ނަގައިގެން އަހަރެން ނޭފަތުގައި ޖައްސާލަމުން މީހަކު ބުންޏެވެ. އޭގެން ދުވީ ވެސް ކުނި ވަހެވެ.

ތެލުލާފައި ހުރި ކުކުޅު މަސްތަކެއް ފުރިޖަށް ލާފައި (ދައުރު ފޮޓޯ/އަބްދުﷲ އިޔާން
ބިސްތަކެއް ފުރިޖްގައި: މި އެއްޗެހި ކުނިވެފައި ހުންނަކަމުގެ ޝަކުވާ ކުރި (ދައުރު ފޮޓޯ/އަބްދުﷲ އިޔާން

ކައްކާ ބަޔަށް އަހަރެމެން އަވަހަށް ވެއްދީ ކައްކާއިންނަށް އެނގިއްޖެ ނަމަ އެއްޗެހިތައް ފޮރުވާފާނެތީ އެވެ. މަސައްކަތު މީހުން ބޭނުންވީ ހެއްކާ އެކު އެމީހުންގެ ޝަކުވާތައް ކިޔައިދޭށެވެ.

ސިއްހީ ފަރުވާއެއް ނުލިބޭ

އެތަނުގައި އެކި މީހުންނަށް ސިއްހީ މައްސަލަތައް ދަނީ ދިމާވަމުންނެވެ. އޭގެ އެއް ސަބަބަކީ، އެމީހުން ބުނާ ގޮތުގައި، ސާފު ބޯފެން ނުލިބުމެވެ. 

މިދިޔަ ހަތަރު ދުވަހުގެ ތެރޭގައި ދެ މީހަކު ވަނީ ޑެންގޫއަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން އެކަކީ އުމުރުން 28 އަހަރުގެ ފުލްމުހައްމަދެވެެ. އޭނާ ބުނާ ގޮތުން އެއްވެސް ފަރުވާއެއް ނުލިބެ އެވެ. ކުންފުނިން އަޅައެއް ނުލަ އެވެ.

"އަހަރެން ބަލި ޖެހިގެން އުޅޭތާ ހަތަރު ދުވަސް ވެއްޖެ. ފަރުވާއެއް ނުލިބޭ. ޑޮކްޓަރު ހިނގައްޖެ. އެންމެން ފިލައިފި. ފަރުވާ ހޯދަން ދިޔައިމަ ބުނަނީ ފައިސާ ދޭން. އެކަމަކު މުސާރައެއް ނުލިބޭ. ކިހިނެއް ދެން މިކަން ކުރާނީ؟" ފުލްމުހައްމަދު ބުންޏެވެ.

މުސާރަ ނުލިބޭ ކަމަަށް އޭނާ ބުންޏަސް، ދިމާވި ގިނަ މަސައްކަތު މީހުން ބުނާ ގޮތުން މިދިޔަ މަހުގެ ނިޔަލަށް އެމީހުންނަށް މުސާރަ ލިބުނެވެ.

ފުލްމުހައްމަދު ދައުރު'އާ ވާހަކަ ދައްކަނީ ފޮޓޯ/ ދައުރު)

 ހުން ގަދަވިޔަސް ފަރުވާ ނުލިބުމުގެ ސަބަބުން ބައެއް މީހުންނަށް އެނދުން ނުތެދުވެވި ވެސް ތިއްބެވެ. ބަލިވާ ދުވަހަށް ސިކް ލީވް ވެސް ނުލިބޭތީ އެކަމާ ވެސް އެމީހުން ކަންބޮޑުވެ އެވެ.

"ހަތަރު ދުވަސް ވެއްޖެ މީނަ ބަލިވެގެން އެނދުގައި އޮންނަތާ. މަރުވީމަ ކާކު ޒިންމާވާނީ؟" ނިދާ ކޮޓަރިއެއްގެ އެނދުގައި އޮތް މީހަކަށް އިޝާރާތްކޮށް އެކަކު ބުންޏެވެ.

ހުން ގަދެވެގެން އެދުން ނުތެދުވެ އޮތް މީހަކު ދައްކާލަނީ ފޮޓޯ/ ދައުރު)
  • ހަލާކުވެފައި ހުރި ތަރުކާރީތަކެއް ނޫސްވެރިންނަށް ދައްކާލަނީ (ދައުރު ފޮޓޯ/އަބްދުﷲ އިޔާން
  • ފުޅަ އަޅާފައި: މަސައްކަތު މީހުން ބުނަނީ މި އެއްޗެހި ވެސް ކާން ދޭ ކަމަށް (ދައުރު ފޮޓޯ/އަބްދުﷲ އިޔާން
  • ކުކުޅު މަސް ރަނގަޅަށް ސާފުކޮށް ކައްކާ ކަމަށް މި މީހުން ބުނި (ދައުރު ފޮޓޯ/އަބްދުﷲ އިޔާން

އެމީހުން ފާހާނާކުރުމުގެ ކަންކަން ވެސް ހުރީ ދެރަ ހާލަތެއްގަ އެވެ. ބައެއް ތަންތަނަށް ފެނެއް ނުލިބެ އެވެ. ބައެއް ތަންތަނުގެ ދޮރު ހުރީ ހަލާކުވެފަ އެވެ. ފެންވަރަށް ބޭނުންކުރާ ސާމާނެއް ވެސް ނެތެވެ. 

އުޅޭ ތަން ބޮލަށް ވެއްޓޭ ހިސާބުގައި

ޑެކް އަޅައިގެން ދެ ބުރިއަށް ހަދާފައި ހުރި ބްލޮކްތަކުގެ ކޮންމެ ކޮޓަރިއެއްގައި 20-30 މީހުން އުޅެ އެވެ. ތަން ހުރި އޭސީކޮށްފަ އެވެ. އެއީ އެމީހުންނަށް އޮތް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެކެވެ. ނަމަވެސް ތަން ހަދާފައި ހުރީ ވަރަށް ދެރަ ފެންވަރުގަ އެވެ. ބައެއް ތަންނަ ހުރީ ފޫވެއްޓިފަ އެވެ.

"އެއް ކޮޓަރިން މިހާރުވެސް ޑެކް ފިލާ އޮތީ ފަޅައިގެން ގޮސްފައި. އެހެން ބައެއް ކޮޓަރިތަކުން ޑެކް ފިލާތައް ހުރީ ވަރަށް ލޫސްކޮށް. ދެވަނަ ބުރީގައި ހުންނަ އިރު ދެ ފިލާ ދޭތެރެއިން ތިރި ފެނޭ. ކޮންމެ ވަގުތަކު ވެސް އެ ފިލާތައް ފެޅިދާނެ،" ކަންބޮޑުވެފައި ހުރި މީހަކު ބުންޏެވެ.

"ބޮލަށް ވެއްޓޭ ހިސާބުގައި މިތަން މި އޮތީ."

ނިދާ ކޮޓަރިއެއްގެ ޑެކް ފެޅިފައި: ޖޭއެމްސީން ބުނަނީ މިއީ ލޭބަރުންގެ ސަބަބުން ދިމާވި މައްސަލައެއް ކަމަށް (ދައުރު ފޮޓޯ/އަބްދުﷲ އިޔާން

ބަންކް އެނދުތަކުގެ މަތީ ބައިގައި އޮންނަ މީހާގެ ބޯ ޖެހޭ ގޮތަށް ސީލިންއާ ދިމާލުން ބައެއް ދަނގަޑުތައް ނުކުމެފައި ހުންނަތީ އޭގެ ނުރައްކާތެރިކަން ވެސް އެމީހުން ފާޅުކުރި އެވެ.

އެކަމަކު އެ މީހުން ބުނާ ގޮތުގައި އެފަދަ މައްސަލަތައް ކުންފުނީގެ ސަމާލުކަމަށް ގެނަޔަސް އަޅައެއްނުލަ އެވެ. 

މުސާރަ އަށް ގަޑިއިރަށް، އެކަމަކު މަސައްކަތްކުރުވަނީ 11 ގަޑިއިރު

މި ލޭބަަރުންގެ އަނެއް ޝަކުވާއަކީ ދުވާލަކު 11 ގަޑިއިރު މަސައްކަތްކުރުވުމެވެ. ނަމަވެސް ކުންފުންޏާ އެކު އެއްބަސްވުން ހެދީ ދުވާލަކު އަށް ގަޑިއިރު މަސައްކަތް ކުރާ ގޮތަށް ކަމަށް އެމީހުން ބުނެ އެވެ. އެހެންވެ އިތުރު ގަޑީގެ މަސައްކަތަށް ފައިސާ ނުލިބުމުގެ ޝަކުވާ ބޮޑެވެ.

"އެގާރަ ގަޑިއިރު މަސައްކަތް މިކުރުވަނީ އިތުރު ގަޑީގެ ފައިސާ ނުދީ،" ބާބުލް ހާން، 27، ބުންޏެވެ.

ބާބުލް ހާން ދައުރު'އާ ވާހަކަ ދައްކަނީ ފޮޓޯ/ ދައުރު)

މިހާރު އެ މީހުން ޑިމާންޑްކުރަމުން އަންނަނީ އަށް ގަޑިއިރަށް މަސައްކަތުގެ ވަގުތު ދެމެހެއްޓުމަށެވެ. ނުވަތަ އިތުރު ގަޑީގެ ފައިސާ ދިނުމެވެ.

"ކޮންކްރެކްޓް ހެދީ އަށް ގަޑިއިރަށް. އަހަރެމެންނަކީ ވެސް އިންސާނުން. ކިހިނެއް ހުއްޓުމެއްނެތި 11 ގަޑިއިރު އިތުރު ފައިސާ ނުލިބި މަސައްކަތް ކުރަނީ؟" އެކަކު ބުންޏެވެ.

ކުންފުނިން ބުނަނީ ކެއުން ފިޔަވާ އިތުރު މައްސަލައެއް ނެތް ކަމަށް 

މި ހުރިހާ ޝަކުވާތައް ޖޭއެމްސީއިން ގަބޫލެއްނުކުރެ އެވެ. އެ ކުންފުނިން ބުނީ ލޭބަރުން ދައްކާ ވާހަކަތަކުގެ ތެރެއިން ތެދަކީ ހަމައެކަނި ކެއުމުގައި ހުރި މައްސަލަތައް ކަމަށެވެ. ދެން ހަދަނީ މުޅިން ދޮގެވެ. 

"ކާ އެއްޗެހި ހަދަނީ އައުޓްސޯސްކޮށްގެން ބަޔަކާ ހަވާލުކޮށްގެން. އެ މައްސަލަ ވަރަށް އަވަހަށް ހައްލު ކުރާނަން،" ޖޭއެމްސީގެ އޮފިޝަލެއް ކަމަށްވާ ކާތިކް އޭ އެމްޓީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެއްބަސްވެފައި އޮންނާނީ އަށް ގަޑިއިރުގެ އިތުރަށް ދެ ގަޑިއިރު ވެސް މަސައްކަތްކުރާ ގޮތަށެވެ. އެއީ ފައިސާ ނުލިބި ކުރާ މަސައްކަތެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މުސާރައިގެ ތެރޭގައި އެބައި ހުންނާނީ ހަމަކޮށްފައި،" ކާތިކް ވިދާޅުވި އެވެ.

ޖޭއެމްސީ މުވައްޒަފުން ތިބޭ ސައިޓެއް: މަސައްކަތު މީހުންގެ ގިނަ ވާހަކަތައް ކުންފުނިން ދޮގުކުރޭ (ދައުރު ފޮޓޯ/އަބްދުﷲ އިޔާން

ސިއްހީ ފަރުވާ ނުލިބޭ ކަމަށް ބުނާ ވާހަކަ ވެސް އޭނާ ދޮގުކުރެއްވި އެވެ. ޑެންގޫއަށް ޕޮޒިޓިވްވި ދެ މީހުން ވެސް ބަރާބަރަށް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭ ކަމަށް އޭނާ ވިދާޅުވި އެވެ. ބައެއް މީހުން ބަލިވަނީ، އޭނާ ލަފާކުރައްވާ ގޮތުގައި، އަލަށް ގެނައި މީހުންނަށް ވެފައި ރާއްޖޭގެ މާހައުލަށް އަދި ނުހޭނޭތީ އެވެ.

ލޭބަރުންގެ ހުރި އެހެން މައްސަލަތައް ވެސް އޭނާ ނެންގެވި އެވެ. އެއް ކަމަކީ ޖޭއެމްސީގެ މުވައްޒަފުންނާ މާރާމާރީ ހިންގުމެވެ.

ޖޭއެމްސީން އަންނަނީ، އޭނާ ވިދާޅުވި ގޮތުގައި، ވާހަކަ ދައްކައިގެން ކަންކަން ހައްލުކުރެވޭތޯ ބަލަމުންނެވެ.

"ކޮންމެ ދުވަހަކު އެމީހުންނާ ވާހަކަ ދައްކަން މަސައްކަތް އެބަ ކުރަން. އެކަމަކު އެމީހުން މާ ވަޔަލަންޓް ވަނީ،" ކާތިކް ވިދާޅުވި އެވެ.

"އިހްތިޖާޖް ކުރަންވީ. އަޑު ވެސް އުފުލަންވީ. އެކަމަކު އެކަން ކުރަންވާނީ ސުލްހަވެރިކަމާ އެކު. މާރާމާރީ ހިންގައިން ނުވާނެ،" އޭނާ ވިދާޅުވި އެވެ.

މަސައްކަތު މީހުން މެންދުރު ކެއުމުގައި: ކުންފުނިން ބުނީ ކެއުން ހަމަޖައްސަނީ އައުޓްސޯސް ކޮށްގެން ކަމަށް (ދައުރު ފޮޓޯ/އަބްދުﷲ އިޔާން

ނިދާ ތަން ހަލާކުވާ މައްސަލާގައި އޭނާ ވިދާޅުވީ އެއީ ވެސް ލޭބަރުންގެ ސަބަބުން ދިމާވާ ކަމެއް ކަމަށެވެ. 

ބޯހިޔާވަހިކަމުގެ އިންތިޒާރުގައި ތިބި ދިވެހިންނަށް އޮތް ސުވާލަކީ މި ހަޅުތާލާ ހެދި މަޝްރޫއުއަށް ވާނީ ކިހިނެއްތޯ އެވެ؟ ކާތިކު ޔަގީންކަން ދެއްވީ ހުއްޓުމެއް ނެތި މަޝްރޫއު ކުރިއަށް ދާނެ ކަމަށެވެ. 

އެކަމަކު މަސައްކަތު މީހުން ތިބީ މައްސަލަތައް ހައްލުނުކުރާ ނަމަ، މަސައްކަތަށް ނުކުންނަ ގޮަތަކަށެއް ނޫނެވެ. އެމީހުން އެދެނީ ޑިމާންޑްތައް ނުފުއްދާ ނަމަ، އެޑްވާންސަށް ދެއްކި ފައިސާއިން ގައުމަށް ފޮނުވާލުމަށެވެ. އެހެންކަމުން މިއީ ކާތިކުގެ ބަހުން ފެންނަހާ ފަސޭހައިން ކުރިއަށް ގެންދެވެން އޮތް ކަމެއް ނޫންކަން އެނގެ އެވެ.

ކޮމެންޓް (18)

ކާލް

4 އޭޕްރީލު 2023
ތަރައްޤީގެ ބޮޑެތި ޕްރޮޖެކްޓްތަށް ހިންގަންފެށިތާ މިވީ 20-30 އަހަރުގެ އިންޑިޔާގެ ކުންފުނިތައް މިތަނަށް އަރަންދެން މިތާ ވޯކާސްގެ ހައްޤުތައްތިވަރަށް އިޙްމާލުވީތަނެއް އަދިނުދެކެން، ތީއަދި އެމީހުންގެ އަލިއްލަ ޤައުމުގެ މީހުންނަށް ކޮއްލާވަރު، މިތާވެސްއުޅޭ ބައެއް ލޯކަލް ކުންފުނިތައް ލޭބަރުންގެ ޙައްޤުތަކަށް އަރައިގަންނަ އެކަމް ފޮރިން ކޮމްޕެނީތަސް ރަގަޅުވާނެ އިންޑިޔާގެ ކޮންޓްރެކްޓަރުން ފިޔަވާ.
1 0

ރެއްކަބޭ

3 އޭޕްރީލު 2023
މިއީ މިގައުމަށް މަސައްކަތު މީހުން ރެކްރޫޓްކުރާ ޖަނަވާރު އެޖެންސީތަކުގެ އާދައެއް. މިގައުމު މިހާލަތައް ވައްޓާލުމުގެ މުގުލުގައިވަނީ މިއެޖެންސީތައް. އަނބިދަރިންނަށް ކާންދޭން ފައިސާ މިހޯދަނީ އިންސާނުން ކުއްތާތަކަކަށް ހަދައިގެން.
1 0

ހިންދުތަވާ

1 އޭޕްރީލު 2023
މާ ގިނަ ދުވަހެއް ނުވޭ ބަޔަކު މިތާ ބުރިޖެއް އަޅާފަ ދިޔަފަހުން. އެމަސައްކަތް ކުރި މީހުން އުޅުނުކަން ވެސް އިހްސާސް ނުވި ނިމިގެން ދިޔައިރު. މިހާ ގޮތެއްފޮތެއް ނެތި ރާއްޖޭ ބިމުގައި ބޭރު ބަޔަކު ވިޔަސް ބަޔަކާމެދު މުއާމަލާތުކުރެވިގެން ނުވާނެ. މީގެ ނޭދެވޭ އަސަރު ދިވެހި މުޖްތަމަޢަށް ވެސް ކުރާނެ.
3 0

ހިތަދޫ 2

1 އޭޕްރީލު 2023
"އެމީހުންނަށް ބައެއް ފަހަރަށް ކެއުން ތައްޔާރުކުރަނީ ފޫޖަހައި، ކުނިވެ، ފުޅަ އަޅާފައި ހުންނަ ތަރުކާރީ ބޭނުންކޮށްގެންނެވެ. ކައްކާ ތަން އެހާ ނުތާހިރެވެ."...... "ޖޭއެމްސީން ބުނަނީ ކާއެއްޗެހީގެ މައްސަލަ ފިޔަވައި ދެން ހަދަނީ ހުސް ދޮގު ކަމަށް" ... އިންސާނުންނާ ދޭތެރޭ މިފެންވަރަށް ކަންތަށް ކުރާ ބަޔަކު ވަކި އިތުރަށް ތެދުވެރިވާނެ؟ ލަދު ކޮބާ
9 0

މުޙައްމަދު

1 އޭޕްރީލު 2023
ވަގުތުން ވަގުތައް ހިއުމަން ރައިޓސް ކޮމިޝަން އެކްޓިވޭޓް ވާން އެބަޖެހޭ.
8 0

ހައިކޮމިސަނަރު

1 އޭޕްރީލު 2023
ބަންގާޅިން ގެންގުޅޭހެން އިންޑިއާ މީހުން ނުގެންގުޅެވޭނެ.
3 0

އެލްޕަސޯ

1 އޭޕްރީލު 2023
ރައީސު ޔާމީނު ވެރިކަމުގައި ނަމު ކުއްވެރިވީހީ ރައީސް ޔާމީނު. ހިންނަވަރު ސޯލިހު ކުމާރު ރާޖު ވެރިކަމުގައި ކުއްވެރިވަނީ ތިޔާ މަސްއްކަތުމީހުން
6 0

ހެންރީ

31 މާރިޗު 2023
ޑިސްގްރޭސްފުލް. އިންހިއުމަން.
8 0

މިޒޫ

31 މާރިޗު 2023
އިންޑިއާ މީހުން ހިންގާ ޕްރޮޖެކްޓެއް ރަނގަޅު ވާނެ ތަ؟ ދައްކަބަ ރަނގަޅަށް ދިޔަ އެންމެ ޕްރޮޖެކްޓެއްވެސް
8 1

ޗޯރޭ

31 މާރިޗު 2023
ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތްކޮށްދޭ މީހުންގެ ބޯހިޔާވަހިކަން ހުރި ފެންވަރު ތި ފެންނަނީ. ކީ ކޭ ބުނާނީ. އެވެސް އިންސާނުންކަން ނުދަންނަނީތަ؟
7 0

މެސުރީ

31 މާރިޗު 2023
ތި ޖޭއެމްސީ ވެރިންގެ ލަދު ކޮބާ؟ އަދި ބުނެފިޔެއްނު ކާނާގެ މައްސަލަ އެކަންޏޭ. ފުޅަ އަރާފައި ހުންނަ ތަކެތި އެހާ ދުވަހު ދިން އިރުވެސް ރޭކާނުލާ؟ ކީއްވެ ހައްލު ނުކުރީ؟
6 1

ހިންނަވަރު ގޯނިބޭ

31 މާރިޗު 2023
2013އިން 2018އަށް މިއަށްވުރެ މާ ގިނަ ބިދޭސިން ލައިގެން މާ ބޮޑެތި ޕްރޮޖެކްޓް މިގައުމުގަ ހިންގި. ގައިމު މިކަހަލަ މަންޒަރެއް ނުފެނޭ.
13 3

އާނ

31 މާރިޗު 2023
@ހިންނަވަރު ގޯނިބޭ ތިބުނީ ހަމަ ތެދެއް. އިބޫ ކުރިޔަސް ކަޑަ ކަންތައް ހަމަ ކަޑަ!
9 0

ގައި

31 މާރިޗު 2023
އެވެސް އިންސާނުން. 2،000 މީހުން ފައިވް ސްޓާގަ ނުބޭތިއްބޭނެކަން ގަބޫލުކުރަން. އެކަމަކު، އިންސާނުންނަށް ޓްރީޓް ކުރަން ޖެހޭނީ އިންސާނުން ގޮތަށް. ކުނިވެފަ ހުންނަ އެއްޗެހި ކާން ދީގެން ނޫން. ސަރުކާރު ކޮބާ މިހެން ވާއިރު. އިންޑިއާވީމަ ޗުއްޕު ކިޔައިގެން؟
10 1

ހޫދު

31 މާރިޗު 2023
ގޭގަ އޮތް ނަމަ. އެހެންވީމަ އަހަރުން ގޭގަ އޮންނަނީ. ތިހެން އުޅެން ނުހޭނެއްނު
3 10

ވާއު

31 މާރިޗު 2023
@ހޫދު ހާދަ މަޖަލޭދެން ކަލޭ. މައިންބަފައިން ކާންދިނީމަ ކައިގެން އަބަދު އުޅުވިދާނެ ލަދެއްނެތީމަ. އެކަމަކު އެކަހަލަ މީހުންގެވެސް އިންސާނިއްޔަތު ކަމެއްހުރޭ!
11 1

އަޖައިބު

31 މާރިޗު 2023
ހެޔޮ ވާނީ ކިހިނެއް؟ ކޮބާ ފަހި ދިރުއުޅުން ކޯޕަރޭޝަން. އެމީހުންވެސް ތިކަން ބަލަން އެބަ ޖެހޭ. އެމީހުންގެ ޒިންމާ ކޮބާ؟
11 0

ޔެސް

31 މާރިޗު 2023
@އަޖައިބު އެމީހުން ކޯއްޗެއް ބަލާނީ. ކޮންމެ މީހެއްވެސް އަމިއްލަ ޖީބަށް ވިސްނަނީ. ނޫސްބަޔާން ގަނޑެއްވެސް ނެރެލަން ނުކެރޭ މިހިސާބަށް މިކަންތައް ދިޔައިރުވެސް.
7 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް