މާލޭގައި މާރާމާރީ ހިންގި ތަނެއްގައި ފުލުހުން ހަރަކާތްތެރިވަނީ: މާލެއަކީ ކުށުގެ ހާއްޔެއް (ދައުރު ފޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް)

އެ މަރުގެ ބިރު އެތައް ދުވަހަކަށް ދެމުނު، މިއަދު 'ބިރެއް ނެތް'

އަޒުލީނާގެ ހިތާމަވެރި މަރުގެ ހަ އަހަރު ފަހުން މާލޭގައި ސިލްސިލާ ލޭއޮހޮރުވުންތައް ފެށި. އެ މަރުތައް އާންމުވެ، އެއީ މިހާރު ބިރަކަށް ވެސް ނުވޭ
27 ފެބްރުއަރީ 2023
4

އެއީ 5 އެޕްރީލް 2001 އެވެ. މާލެ ތެރެއަށް ފެތުރުނީ ޒުވާން އަންހެނަކު މަރާލާފައި، ވިޔަފާރިވެރިންގެ ޖަމިއްޔާގެ އޮފީސް ތެރޭގައި އޮތް ކަމުގެ ހަބަރެވެ.

އުމުރުން 27 އަހަރުގެ އަޒުލީނާ ނަފީސް މަރާލާފައި އޮތީ، ފުރުގާން މިސްކިތާ ޖެހިގެން އޭރު ހިންގި ވިޔަފާރިވެރިންގެ ޖަމިއްޔާގެ ފާހާނާގެ ތެރޭގަ އެވެ. އޭނާއަކީ އެ ޖަމިއްޔާގައި އެންމެ ބުރަކޮށް މަސައްކަތްކުރަމުން އައި މުވައްޒަފެވެ. އެ އަނިޔާވެރި މަރުގެ ތުހުމަތުގައި ހައްޔަރުކުރީ، އެ ޖަމިއްޔާގެ ޕިޔޯނެއްގެ ވަޒީފާގައި އުޅުނު 26 އަހަރުގެ އަބްދުﷲ ޒުހެއިރު އެވެ.

އަބްދުﷲ ޒުހައިރު ހައްޔަރުކޮށް ފުލުހުން އާންމުކުރި ފޮޓޯ

ޒުހެއިރު ހައްޔަރުކޮށް ފުލުހުން އާންމުކުރި ފޮޓޯ، އޭރުގެ ދިވެހިންގެ ހަނދާނުން އެހާ ފަސޭހައިން ފޮހެވިގެންނެއް ނުދާނެ އެވެ. އެ ފޮޓޯގައި އޭނާގެ ވާތް ފަރާތު ލޮލުގެ ތިރިން ލާފައި ހުރި ޒަހަމަކީ، އަޒުލީނާ މަރާލި ވަގުތު ލިބުނު އަނިޔާއެކެވެ.

ބިރުވެރި ހަބަރެކެވެ. އަޒުލީނާގެ މަރު އައީ ރާއްޖޭގައި މީހުން މެރުން އާންމު ނޫން ދުވަސްވަރެއްގަ އެވެ. ކުށް މަދު މުޖުތަމައުއެއްގެ ގޮތުގައި ވެރިރަށް އޮތް އިރުގަ އެވެ. އެހެންކަމުން އެ ހަބަރުން ގިނަ މީހުން ބިރުގަންނުވާލި އެވެ. ވިޔަފާރިވެރިންގެ ޖަމިއްޔާ ހުންނަނީ ސިނަމާލެ ފްލެޓްތައް ކައިރީގަ އެވެ. އެ ފްލެޓްތަކުގައި އުޅެމުން އައި ބައެއް މީހުން ރޭގަނޑު ގެއިން ބޭރަށް ނުކުންނަން ވެސް ޖެހިލުންވި އެވެ. އެ ބިރު އެތައް ދުވަހަކަށް ދެމިގެން ވެސް ދިޔަމެ އެވެ.

ރާއްޖޭގައި އެންމެ ގިނަ މީހުން މަރާލި އަހަރުތައް

  • 2012: 6

  • 2015: 6

  • 2016: 6

  • 2017: 6

ކުށް ސާބިތުވެ، ޒުހައިރާއި އޭނާއަށް އެހީތެރިވި އިތުރު ދެ މީހަކު އުމުރަށް ޖަލަށް ލާން ހުކުމްކުރި އެވެ. ނަމަވެސް މައާފު ލިބިގެން ޒުހައިރު ވަނީ 2014 ގައި މިނިވަންވެފަ އެވެ. އޭގެ ފަހުން ކ. ދިއްފުށީގައި އާދައިގެ ދިރިއުޅުމެއް އުޅެމުން އައި ޒުހައިރު އުމުރުން 48 އަހަރުގައި އިއްޔެ ވަނީ މަރުވެފަ އެވެ. އޭނާ މަރުވީ އެރަށު އަތިރިމަތީގައި ހުރި ޖޯއްޔެއްގައި އޮއްވަ އެވެ.

މިދިއަ 22 އަހަރުގެ ތެރޭގައި ރާއްޖެ ބަދަލުވެއްޖެ އެވެ. ކުށް މަދު މުޖުތަމައުއެއްގެ ސިފަ ގެއްލި، ކުށުން ފުރިފައި އޮތް ވެރިރަށަކަށް މާލެ ވެއްޖެ އެވެ. ވަކިވަކި ފަރުދުންގެ ރުޅިވެރިކަމުގައި، އެކަމަކު އެއްގޮތަކަށް ވެސް އާންމު ނޫން މަރުތަކުން މީހުން ބިރުގަތް ދުވަސް މާޒީވެއްޖެ އެވެ. މިއަދު މީހުން މެރުމަކީ އާންމު ކަމެކެވެ. މުޖުތަމައުގެ ތެރޭގައި އެ ހަބަރުތަކުން އިތުރު ހައިރާންކަމެއް، ހާސްވުމެއް ވެސް ނުއުފެދެ އެވެ.

ކަމެއް އާންމު ވީމާ، އެކަމާ މެދު އެހެން މީހުން ވެސް ދެކޭނީ އާދައިގެ ގޮތަކަށެވެ. ރާއްޖޭގެ މިއަދުގެ ހާލަތަކީ އެ އެވެ.

އަޒުލީނާގެ މަރަށް ހަ އަހަރު ވީ އިރު، މާލެ އޮތީ އެކި ހިސާބުތަކުގައި އުފެދުނު ގްރޫޕްތަކުން ކުށް ކުރާ ހާއްޔަކަށް ވެފަ އެވެ. އެ ކުށްތަކުގެ ތެރެއަށް ވަން މީހުން މެރުމުގެ ސިލްސިލާގެ އޭގެ އެންމެ ފަހު މިސާލަކީ، މިދިއަ ހުކުރުދުވަހުގެ ރޭ މާފަންނުކޮޅުގައި ހުރި ފިހާރައެއްގެ ތެރޭގައި ހިންގި މާރާމާރީ އެވެ. އުމުރުން 30 އަހަރުގެ ޒުވާނަކަށް، ދެ މީހަކު ތޫނު ހަތިޔާރުން ދިން ހަމަލާއާ ގުޅިގެން ފަރުވާ ދެނިކޮށް މިއަދު ހެނދުނު އެ ވަނީ މަރުވެފަ އެވެ.

މިދިއަ ހުކުރުދުވަހުގެ ރޭ މާލޭގައި މާރާމާރީ ހިންގި ފިހާރަ ކައިރީގައި ފުލުހުން: ޒަހަމްވި ޒުވާނާ މިއަދު ވަނީ މަރުވެފައި (ދައުރު ފޮޓޯ/އިބްރާހީމް އިފާޒު)

މާލޭގެ ގްރޫޕްތަކުގެ މެދުގައި އުފެދޭ ރުޅިވެރިކަމާއި އެ ރުޅިވެރިކަން ކޮންޓްރޯލުން ނެއްޓި ހިންގާ އަނިޔާވެރި ހަމަލާތައް ލޭއޮހޮރުވުމަކަށް ދާން ފެށީ 2007 ގަ އެވެ. އެ ފެށުން އައީ އަލީ އިޝާރު، މަޝްހޫރު ވަނަމުން ނަމަ، ޗޯޓޭގެ މަރުންނެވެ. ގްރޫޕަކުން އޭނާއަށް ހަމަލާދީ މަރާލީ 2 ޑިސެމްބަރު 2007 ގަ އެވެ.

އޭގެ ފަހުން މާލެ އާއި އެކި ރަށްރަށުގައި އެކި ގްރޫޕްތަކުން ދޭތެރެ ދޭތެރެއިން އެތައް ބައެއްގެ ލޭ އޮހޮރުވާލަ އެވެ. ތޫނު އެއްޗެހިން ދޭ ހަމަލާތަކުގެ ހަބަރުތައް އާންމުވި އެވެ. އެއް ބަޔަކު މަރުވަނީ ހަމަލާދޭ ތަނުގަ އެވެ. އަނެއް ބަޔަކު ހޮސްޕިޓަލަށް ގެންދާ ފަހުންނެވެ.

ގްރޫޕްތަކުގެ އަނިޔާވެރިކަން އާންމުންނަށް ރަނގަޅަށް ފެނުނީ 31 ޖުލައި 2017ގައި މުހައްމަދު އަނަސްއަށް ދިން ހަމަލާތަކުގަ އެވެ. ގްރޫޕަކުން އޭނާ މަރާލީ އޮޅިގެން ކަމަށްވެ އެވެ. ބުނަނީ އެ ހަމަލާގައި ބައިވެރިވި މީހުންގެ އަމާޒަކަށް ހެދި މީހާ އާއި އަނަސް އޮޅުނީ ކަމަށެވެ.

އެކަމަކު މަރު ވާނީ މަރަށެވެ. އަނިޔާވެރިކަން ވާނީ އަނިޔާވެރިކަމަށެވެ.

ބަޔަކު އޭނާގެ ފަހަތުން އަންނަން ފެށުމުން ސަލާމަތްވާން އަނަސްއަށް ވަދެވެނީ ލިޓަސް ސާވިސް ސެންޓަރަށެވެ. އޭނާގެ ހަޔާތުގެ ހިތާމަވެރި ފަހު ވަގުތުކޮޅުގެ ހުރިހާ މަންޒަރެއް، އެތަނުގެ ސީސީޓީވީއަށް އަރާފައި ހުއްޓެވެ. ގްރޫޕްތަކަށް ނިސްބަތްވާ މީހުންނަކީ ކިހާ ނުރައްކާތެރި، އަދި އެހެން ބަޔަކާ މެދު ލޯތްބާއި ކުލުނެއް ނެތް ބައެއްކަން، އެ ޒުވާނާ ވެއްޓި، ހަރަކާތެއް ނެތް އިރު ދިން ހަމަލާތަކުން، މުޅި ރާއްޖެއަށް އެނގި، ހެކިވި އެވެ.

 ލިޓަސް ސާވިސް ސެންޓަރުގައި ގްރޫޕަކުން ހަމަލާދީ މަރާލި މުހައްމަދު އަނަސް: އެ މަރުގެ އަނިޔާވެރިކަން އެތައް ބަޔަކަށް ފެނުނު

ޝަރީއަތުގައި ޑޮކްޓަރަކު ވިދާޅުވި ގޮތުން ނަމަ އަނަސްގެ ހަށިގަނޑުގެ 24 ތަނަކަށް ހުރީ ހަމަލާދީފަ އެވެ.

މިއަދު މަރުވި ޒުވާނާއަށް ހަމަލާދިން މަންޒަރު ވެސް، ބައެއް މީހުންނަށް ފެނުނެވެ. ހެލްމެޓް އަޅައިގެން ތިބި ދެ މީހަކު އެ ފިހާރައަށް ވަދެ، ތޫނު އެއްޗަކުން ދިން ހަމަލާތަކުގައި، އޭނާ އޮތީ ވެއްޓިފަ އެވެ. ތަޅުންގަނޑުގައި ހުސް ލެ އެވެ. ކައިރީގައި ހުރި އައިޖީއެމްއެޗަށް ގެންގޮސް، އައިސީޔޫގައި ފަރުވާ ދިނަސް، ހަމަލާ އަރާފައި ހުރީ، ހަށިގަނޑުގެ ނާޒުކު ހިސާބުތަކަށް ކަމަށް ވުމުން، ސަލާމަތްކުރެވޭ ވަރެއް ނުވި އެވެ.

އަނިޔާ އެވެ. އަނިޔާވެރިކަމެވެ.

ކުށުގެ ވެށީގައި އުޅެ ބޮޑުވަމުން ދިޔަ ކުޑަކުދިންނާއި ޒުވާނުންނަށް ބިރެއް ނެތެވެ.

އަޒުލީނާގެ މަރާއި މިއަދުގެ މަރުގެ ފަހަތުގައި ހުރި ސަބަބުތައް މުޅިން ތަފާތެވެ. މިއަދު މި އޮތީ އެހެން ތެޅުމަކާއި އެހެން ލޭއޮހޮރުވުމެކެވެ. 

މީހަކު މަރާލި ވާހަކަ އަޑުއިވިގެން، ހިސާބުގަނޑު އެންމެން ބިރުން ނުނިދާ ތިބޭ ވަރަށް ވުރެ މަރުތައް ގިނަވެއްޖެ އެވެ. އެހެންކަމުން މީގެ 22 އަހަރު ގޮތަށް، ބޭރަށް ނުކުންނަން ޖެހިލުންވެގެން ބަޔަކު އުޅޭނެހެންނެއް ހިއެއްނުވެ އެވެ.

މިއީ މިއަދުގެ މާލެ އާއި މިއަދުގެ ރާއްޖެ އެވެ.

އެންމެ 22 އަހަރުގެ ތެރޭގައި އައި އެންމެ ހިތްދަތި ބަދަލެވެ.

ކޮމެންޓް (4)

ރިފްަހސބސ

1 މާރިޗު 2023
އެދުވަހު މަރަށް މަރުހިފާ ޒުހައިރު މާލިނަމަ މިޔަދު މިހިންނެއް ނުވީސް
7 0

މަރިޔަމް

27 ފެބްރުއަރީ 2023
ރޭގަނޑަސް ދުވާލަސް، ގެއިން ބޭރަށް އެކަނި ތަނަކަށް ދާން ނިކުންނަން ޖެހިއްޖެއްޔާ އަބަދުވެސް ދާންޖެހެނީ ބިރުވެރިކަމެެއްގެ ތެރޭހުރެ. އިިސްލާމް ދީނުގަ އޮންނަ ގޮތަށް ހުކުމްތައް ތަންފީޒު ނުކުރާހާހިނދަކު މި ކަންކަން ރަނގަޅެއް ނުވާނެ.
31 0

ސިޔާސީ ޕެންޑާ

27 ފެބްރުއަރީ 2023
ދުލުހުންގެ މުއައްސަސާ މިނަށްވުރެ ކޮރަޕްޓްވީމަ ވާގޮތް. ސިޔާސީ ވެެރިން އެމީހުންގެ މަންފާ އިސްކުރަންފެށި ހުސާބުން އާ ަބަދަލު. ކުރުގިތަކަަށް ބުނަންޏާ، ފައިސާއަށްގޮސް ހެޔޮ ނުބައި ހަރާމް ހަލާލް ވަކި ކުރަން ނޭންގޭ ވަރަށް މީހުން ދުނިޔެއަށް ހިތްޖެހުނީ.
24 0

ރެއްކަބޭ

27 ފެބްރުއަރީ 2023
މިއީ މާލެ ތޮއްޖެއްސުމުގެ ނަތީޖާ. އެކިރަށްރަށުން މީހުން ހިޖުރަކޮށް މާލެއަށް އެކިފާޑުފާޑުގެ މީހުން އައިސް މާލެ ބަންޑުންދާވަރަށް މިކުޑަކުޑަ މާލޭގައި ކުދިކުދި ތަންތަންކޮޅުގައި އުޅެންޖެހުމުގެ ނަތީޖާ.
27 9

އިތުރު އާޓިކަލް

އިތުރު އާޓިކަލް