ގައުމީ ދުވަސް ފާހަގަކުރަން ޕްރީ ސްކޫލެއްގެ ދަރިވަންތަކެއް ސްކޫލްގައި: ދިވެހި ކުޑަކުދިންނަށް ދިވެހި ބަސް ދަސްކޮށްދިނުމުގެ މުހިންމުކަން މިހާރު ވަނީ ބޮޑުވެފައި
ދިވެހި ބަސް މި އޮތީ ނުރައްކަލުގެ ތެރޭގައި
ދިވެހި ބަސް ކިޔަވައިދޭން މުޅި ހަޔާތް ހޭދަކުރި ޓީޗަރަކު، އަޝްރަފް އަލީ ކައިރީ ބުންޏެވެ:
"އަޝްރަފު، އަޅުގަނޑަކަށް ހިއެއްނުވޭ ކުރިއަށް އޮތް ހަ އަހަރު، ދިވެހި ބަހުން ވާހަކަ ދައްކާނެ ކުދިން އުޅޭނެހެންނެއް."
ދިވެހި ބަހާ މެދު އެކި މީހުން ކަންބޮޑުވެގެން ފާޅުކުރާ އެކަހަލަ ހިޔާލުތަކަށް، ދިވެހި ބަހުގެ އެކަޑަމީގެ ކުރީގެ ރައީސް އަދި ދިވެހި ބަހުގެ ތަޖުރިބާކާރެއް ކަމަށްވާ އަޝްރަފް އަލެއް ނޫނެވެ. ދިވެހި ބަސް ދެކެ ލޯބިވާ މީހުން އެވާހަކަ ދައްކަމުން އަންނަތާ އެތައް އަހަރެކެވެ. އޭނާއަށް އޭގެ ހަގީގަތްތައް ފެނިވަޑައިގަނެ އެވެ. އިވިވަޑައިގަނެ އެވެ.
"ވަރަށް، ވަރަށް ދެރަވެފައި [އެ ޓީޗަރު] އަޅުގަނޑު ކައިރީގައި އެހެން ބުނީ. ކުދިން ދިވެހި ބަހަކުން ވާހަކައެއް ނުދައްކައޭ، ވާހަކަ ދައްކާކަށް ނޭނގެއޭ،" އެންމެ މީހަކު އަޝްރަފް ކައިރީގައި ފާޅުކުރި ކަންބޮޑުވުން، 'ދައުރު'އާ ހިއްސާކުރައްވަމުން ވިދާޅުވި އެވެ.
ގަޑިއެއްހާ އިރުގެ ބައްދަލުވުމުގައި ރޭ އަޝްރަފު ވަނީ ގައުމީ މި ބޮޑު މައްސަލާގައި ވަރަށް ގިނަ ވާހަކަ ދައްކަވައިފަ އެވެ. އިނގިރޭސި މީޑިއަމަށް ރާއްޖޭގެ ތައުލީމު 1960ގެ އަހަރުތަކުގެ ފަހުކޮޅު އަނބުރާލަން ފެށި ހިސާބުން މަޑުމަޑުން ފެންނަމުން ދިޔަ ބަދަލު، ދެން އަތުލަން އުނދަގޫ މިންވަރަކަށް މިހާރު މި އޮތީ، ގައުމުގެ އެންމެ ބޮޑު އެއް ސިފަ ގެއްލުވާލައިފަ އެވެ. ރާއްޖެއަކީ މާދަރީ ބަހުގެ ބަދަލުގައި އެހެން ބަހަކުން ތައުލީމީ އޮނިގަނޑު ބިނާކޮށްފައި އޮތް މަދު ގައުމުގެ ތެރެއިން އެއް ގައުމެވެ. އަމިއްލަ ބަހުގެ ގޮތުގައި އިނގިރޭސި ބަސް ނުހިމެނޭ ގައުމުތަކުގެ މަންހަޖު ހަދާފައި އޮންނަނީ އެބައެއްގެ މާދަރީ ބަހުންނެވެ.
ރާއްޖޭގައި މަންހަޖު ހަމައެކަނި އިނގިރޭސި ކޮށްލުން އެކަންޏެއް ނޫނެވެ. ދިވެހި ބަހުގެ މާއްދާ ވެސް، ކުރިއާ އަޅާބަލާއިރު، 'ފަގީރުކޮށްފައި' އޮތް ކަމަށް، ބަހުގެ ބައެއް މާހިރުން ދެކެ އެވެ.
އިނގިރޭސި ތައުލީމު ރާއްޖެއަށް ތައާރަފުކުރުމުގެ ފައިދާ ވެސް ވަރަށް ބޮޑެވެ. ދިވެހި ބަހާ އެއްކޮށް ދުނިޔޭގެ އެއް ވަނަ ބަސް އުނގެނުމުގެ ފުރުސަތު މުޅި ރާއްޖެއަށް ހުޅުވުނެވެ. އެކަމަކު ޒަމާނާ އެކު، ބަދަލުވަމުން ދާ ޖީލުތަކުގެ އާ ސިފަތަކާއި ގަބޫލުކުރުންތަކާ ހެދި އަމިއްލަ ބަހަށް ދޭން ޖެހޭ ސަމާލުކަން ކުޑަވެ، އެނގިގެންނާއި ނޭނގުމުގެ ތެރޭގައި، ދިވެހި ބަސް 'ނެތިދާން' ދޫކޮށްލެވުނީ އެވެ. އިނގިރޭސި ބަހުން ތައުލީމު އުނގެނިފައިވާ ވަރަށް ގިނަ ޒުވާން ބެލެނިވެރިން ގޭތެރޭގައި ވެސް ކުދިންނާ މުއާމަލާތްކުރަނީ އިނގިރޭސި ބަހުންނެވެ. ކުދިން ކުދިންނާ ވާހަކަ ދައްކަނީ އިނގިރޭސި ބަހުންނެވެ. މުނިފޫހިފިލުވުމުގެ ހުރިހާ ވަގުތެއް ހޭދަކުރަނީ އިނގިރޭސި ބަހުގެ ތެރޭގަ އެވެ.
މިއަދު މާދަރީ ބަސް ފާހަގަކުރަން ރާއްޖޭގެ ސްކޫލްތަކުގެ ދަރިވަރުންނަށް ހިތްވަރުދިނީ ދިވެހި ސަގާފީ ހެދުމެއްގައި ދާށެވެ. މިއަދު އޮންނާނީ ދިވެހިވަންތަ ސިފަތަކާ އެކު މާދަރީ ބަހުގެ ދުވަސް ހޭދަކުރުމެވެ. ނަމަވެސް ގިނަ ދަރިވަރުން ވާހަކަ ދެއްކުމުގެ މައިގަނޑު ބަހުރުވައަކީ އިނގިރޭސި އެވެ. ގިނަ މައިންބަފައިން މުއާމަލާތްކުރަނީ ވެސް އިނގިރޭސިންނެވެ.
ނާސަރީ ދަރިވަރެއްގެ ދިވެހި މަންމައަކު، ސްކޫލްގެ ދޮރުން ދަރިފުޅު ވައްދަމުން ބުނެލީ 'ގޯ ޓު ސްކޫލް' އެވެ. ދަރިވަރު ހުރީ ދިވެހި ހެދުމެއްގަ އެވެ. ފާހަގަކުރަން އެ އުޅެނީ މާދަރީ ބަހުގެ ދުވަހެވެ.
މޮޅު ކަމެއް ނޫން
ތައުލީމީ ގޮތުން ވަރަށް މަތީ ފެންވަރުގެ އެތައް ދިވެހިންނެއް، މިހާރުގެ ޒުވާން ބެލެނިވެރިންގެ މި ގަބޫލުކުރުމާ މުޅިން ދެކޮޅެވެ. އެ މީހުން ބުނާ ގޮތުގައި އަމިއްލަ ބަސް ދަސްކޮށްދީގެން އިނގިރޭސި ބަހަށް މާ މޮޅުކުރެވެ އެވެ. އަނެއްކާ މާދަރީ ބަސް ރަނގަޅަށް އެނގުމަކީ ތައުލީމީ ގޮތުން އުނގެނެން ވެސް އެހީތެރިވެދޭ ކަމެއްކަން، ދިރާސާތަކުން ދައްކަ އެވެ.
ބޭރުން ޕީއެޗުޑީ ނަންގަވާފައި ހުންނެވި އެއް ބޭފުޅަކު، އޭނާގެ ގޭގައި، އޭނާގެ ކުދިން، އިނގިރޭސި ބަހުން ވާހަކަދެއްކުން 'މަނަ' އެވެ. ރާއްޖެއިން ބޭރުގައި ދިރިއުޅުއްވި އިރު ވެސް ގޭތެރޭގެ މައިގަނޑު ބަހަކީ ދިވެހި ބަހެވެ.
ރާއްޖޭގެ ވަރަށް މަޝްހޫރު ބޭފުޅަކު ވެސް އޭނާގެ ދަރިންނަށް އަންގަވާފައި އޮންނަނީ ގޭގައި ދިވެހި ބަހުން ވާހަކަ ދެއްކުމަށެވެ. މި ވަގުތު އެ ހުރިހާ ކުދިން ރާއްޖެއިން ބޭރުގައި ކިޔަވަމުން އަންނަ އިރު ވެސް، ގޭތެރޭގައި މައިންބަފައިންނާ މުއާމަލާތްކުރަން ޖެހޭނީ ދިވެހި ބަހުންކަން، އޮންނަނީ އަންގަވައިފަ އެވެ. ގައުމީ އެ ސިފަ ދަމަހައްޓަން އެ ކުދިން ކުރާ މަސައްކަތުން، އިނގިރޭސި ބަހަށް ވަކި ދަށެއް ނޫނެވެ.
ދުނިޔޭގެ އެތައް ބަހެއް ދެނެވަޑައިގަންނަވާ ދިވެއްސެކެވެ. އޭނާ ހުންނެވި ތަނެއްގައި އޭނާގެ ރައްޓެއްސަކު ދަރިންނާ އިނގިރޭސިން ވާހަކަ ދައްކަން ފެށުމާ އެކު ވަގުތުން އެކަން 'މަނާކުރެއްވި' އެވެ. އޭނާ ވިދާޅުވީ ފުރަތަމަ ދިވެހި ބަސް ދަސްކޮށްދޭށެވެ. އެހެން ބަސްބަސް، އޭގެ ފަހުން ދަސްވަމުން އަންނާނެ އެވެ.
މަތީގައި ދައްކާފައި އެވަނީ އަޅުގަނޑުގެ ރައްޓެހި ތިން ބޭފުޅެއްގެ މިސާލެވެ. އެ ބޭފުޅުންގެ ތައުލީމީ ފެންވަރާއި އަދާކުރައްވާ/އަދާކުރެއްވި މަގާމުތަކަށް ބަލާއިރު، އަމިއްލަ ގޭގައި އެފަދަ ދިވެހިވަންތަ ސިފަތަކެއް ހިފަހައްޓަވަން މަސައްކަތްކުރައްވާފާނެތޯ، މިއަދުގެ ޒުވާން ބެލެނިވެރިންގެ ހިތުގައި ސުވާލު އުފެދިދާނެ އެވެ. އާއެނކެވެ. އުނގެނުމަކީ ކޮބައިކަމާއި، އުނގެނުމުގެ ތެރޭގައި ހުންނަ ހަގީގަތްތައް އެނގޭ މީހުން، ތިމާމެންގެ މާދަރީ ބަސް ދޫކޮށެއް ނުލަ އެވެ.
އެ ބޭފުޅުންގެ އުސޫލުތަކަށް ބަލާ ނަމަ، މިހާރުގެ ޒުވާން ބެލެނިވެރިންގެ ފަރާތުން ފެންނަ އާދައަކީ 'މާ މޮޅު ކަމެއް' ނޫނެވެ. ގޭތެރޭގަ އާއި ގެއިން ބޭރުގައި އަމިއްލަ ބަހުގެ ބަދަލުގައި އިނގިރޭސިން ވާހަކަ ދެއްކުމަކީ، ހަގީގަތުގައި ދަރިންނަށް ވެސް ލިބޭނެ އުނިކަމެކެވެ.
އަޝްރަފް ވިދާޅުވި ގޮތުގައި ކުއްޖެއްގެ އުމުރުން ހައެއްކަ އަހަރު ވަންދެން މާދަރީ ބަހަށް ސަމާލުކަން ދިނުން ވަރަށް މުހިންމެވެ. ކުއްޖާއަށް މާދަރީ ބަހަކީ ދިވެހި ބަސްކަން އެނގޭ ވަރަށް ގޭތެރޭގައި، އެ ބަހުން މުއާމަލާތްކުރަން ޖެހެ އެވެ. އޭގެ ސަބަބުން ކުއްޖާގެ ކިބާގައި އެހެން ބަސްބަހުގެ ހުނަރު އަށަގަންނަން ހުރަހެއް ދިމާނުވާނެ ކަމަށް ވެސް، ދިރާސާތަކުގެ މައްޗަށް ބިނާކުރައްވައި، އޭނާ ވިދާޅުވި އެވެ.
"އެ އުމުރަށް ދާއިރު ކުދިންނަށް ހުންނާނީ ނަގައިގަނެވިފައި ތިމާގެ މާދަރީ ބަހަކީ ދިވެހިކަން،" އަޝްރަފް ވިދާޅުވި އެވެ.
އޭނާ ދެނެވަޑައިގަންނަވާ އެއް ދަރިވަރެއްގެ ވާހަކަ މިސާލެއްގެ ގޮތުގައި ނެންގެވި އެވެ. އެ ދަރިވަރުގެ ބައްޕަ ނިސްބަތްވަނީ އައްޑުއަށެވެ. މަންމަ ފުވައްމުލަކެވެ. ކިޔެވީ މާލޭގަ އެވެ. އައްޑު އާއި ފުވައްމުލަކު ބަހުރުވައިން ރަނގަޅަށް ވާހަކަ ދައްކަ އެވެ. މާލޭގައި އުޅޭތީ މާލޭގެ ބަހުރުވައަށް އެހާ ފަރިތަ އެވެ. އިނގިރޭސި ބަސް މޮޅަށް ދަނެ އެވެ. އޭގެ އިތުރުން އަރަބި އާއި ފްރާންސް ބަސް ދަސްކުރި އެވެ.
ދިވެހި ބަހަށް ސަމާލުކަން ދީގެން އެ ދަރިވަރަށް ލިބުނު އުނި އެއްވެސް ކަމެއް ނެތެވެ.
ދިވެހި ބަސް ސަލާމަތްކުރެވިދާނެ
ހަ އަހަރުގެ ތެރޭގައި ދިވެހި ބަހުން ވާހަކަ ދައްކާނެ ކުދިން ނޫޅޭނެކަމުގެ ކަންބޮޑުވުން ފާޅުކުރި ޓީޗަރުގެ އުއްމީދު މުޅިން ގެއްލޭ ހިސާބަކަށް އަދި ކަންކަމެއް ނުދެ އެވެ. އެކަމަކު ސަރުކާރުން އަޅާނުލައި ދޫކޮށްލައިފި ނަމަ މާދަރީ ބަހުގެ ދުވަސް ފާހަގަކުރުމުގެ ބޭނުމެއް ނެތް ހިސާބަށް ކަންކަން ގޯސްވުމުގެ ފުރުސަތު ވެސް އެބަ އޮތެވެ. އެހެންކަމުން ދިވެހި ބަސް ސަލާމަތްކުރަން ސަރުކާރާއި އަމިއްލަ ފަރުދުން އެމީހުންގެ ޒިންމާ ނަގަން އެބަ ޖެހެ އެވެ.
ފުރަތަމަ ކަމަކީ ގޭތެރޭގަ އާއި ގެއިން ބޭރުގައި ވެސް ދަރިންނާ އިނގިރޭސި ބަހުން އާންމުކޮށް މުއާމަލާތްނުކުރުމެވެ. އެ ކުދިންނާ ދިވެހި ބަހުން ގިނައިން ވާހަކަ ދެއްކުމެވެ. ދިވެހި ބަހުގެ އެއްޗެހި ކިޔަން ދިނުމެވެ.
"ގޭތެރޭގައި އިނގިރޭސި ބަހުން ވެސް ވާހަކަ ދެއްކިދާނެ. އެކަމަކު ދެ ބަސް މިކްސްކޮށްގެން ނުވާނެ،" އަޝްރަފް ވިދާޅުވި އެވެ.
"މިސާލަކަށް ވޯޓާކޮޅެއް ބޯލަން އާދޭ. އެގޮތަކަށް ނޫން. ދިވެހި ބަހުން ވާހަކަ ދައްކާއިރު ރަނގަޅަށް ދިވެހި ބަހުން ވާހަކަ ދައްކާނީ. އިނގިރޭސި ބަހުން ވާހަކަ ދައްކާ އިރު އިނގިރޭސި ބަހުން. އެގޮތަށް ބެލެނިވެރިން އުޅޭ ނަމަ، ދިވެހި ބަސް ގެއްލިގެންނެއް ނުދާނެ."
ސަރުކާރަށް އޮތް ޒިންމާ ވަރަށް ބޮޑެވެ. އެކި އުމުރުތަކަށް އަމާޒުކޮށްގެން ދިވެހި ބަހުގެ އުފެއްދުންތައް ގިނަކުރެވޭނެ މާލީ އެހީތެރިކަމެއް ސަރުކާރަށް ދެވިދާނެ އެވެ. އެކަމަކު ދިވެހި ބަހުގެ އެކަޑަމީގައި އަޝްރަފު ހޭދަކުރެއްވި 10 އަހަރުގެ ތަޖުރިބާއަށް ބަލާ ނަމަ، އެފަދަ މާލީ އެހީތެރިކަން ސަރުކާރުގެ ފަރާތަކުން ނުލިބެ އެވެ.
"އަޅުގަނޑުމެން ވަރަށް މަސައްކަތްކުރިން ދިވެހި ކާޓޫނު ހަދަން، ދިވެހި ބަހުން ތަމްސީލު މުބާރާތްތައް ބާއްވަން. އެއިން އެއްވެސް ކަމަކަށް ސަރުކާރުގެ އެހީތެރިކަމެއް އޭރު ނުލިބުނު،" އަޝްރަފް ވިދާޅުވި އެވެ.
ޔަގީނުން ވެސް އިނގިރޭސި އުފެއްދުންތަކާ އެއްވަރަކަށް ދިވެހި އުފެއްދުންތަކެއް ނުނެރެވޭނެ އެވެ. އެއީ މުޅިން އެހެން މާކެޓެކެވެ. ދިވެހިންނަށް ދުނިޔޭގެ އެ ބޮޑު މާކެޓާ ވާދަކުރެވޭނެ ގޮތެއް ނެތެވެ. ނަމަވެސް ދިވެހި ކުޑަކުދިންގެ ސިކުނޑިއަށް ދިވެހި ބަސް ވައްދައިދެވޭ ވަރުގެ އުފެއްދުންތަކެއް ކޮންމެ އަހަރަކު ވެސް އާންމުކުރެވޭނެ ގާބިލް މީހުން އެބަ ތިއްބެވެ. އެ މީހުންނަށް ނެތީ މާލީ އެހީތެރިކަމެވެ.
ދެން އޮތީ އެޑިޔުކޭޝަން މިނިސްޓްރީގެ ދައުރެވެ. މިހާރު ރާއްޖޭގެ ގިނަ ސްކޫލްތަކުގައި ދިވެހި ބަހަށް ހާއްސަކޮށްގެން ކަންކަން ކުރެވޭލެއް، ކުރިއާ އަޅާބަލާއިރު ވަރަށް މަދެވެ. ކުރީގައި ނަމަ ސްކޫލްތަކުގައި އޮންނަ އެންމެ ހަރަކާތްތެރި، އެންމެ ނުފޫޒު ގަދަ ގުނަވަނަކީ އަދަބީ ގޮތްޕެވެ؛ ދިވެހި ކްލަބެވެ. އެކަމަކު މިހާރު އެކި މާއްދާތަކުގެ 'ކްލަބްތައް' ހަދައި، އެއިން ކޮންމެ ގޮތްޕެއްގައި މުއާމަލާތްކުރުމުގެ މައިގަނޑު ބަހަކީ އިނގިރޭސިއަށް ވެ ނިމުނީ އެވެ. ބައެއް ސްކޫލްތަކުގެ 'ދިވެހި ކްލަބް'ގައި ބައިވެރިވާން ކުދިން ޖެހިލުންވާ ވަރަށް، އެހެން ކުދިންގެ 'ބުލީކުރުން' އޮންނަ ކަމަށް ބެލެވެ އެވެ. މާނައަކީ ދިވެހި ބަހުން ވާހަކަ ދައްކައި، ދިވެހި ބަހާ ގުޅޭ ކަންކަން ކުރުން، ބައެއް ސްކޫލްތަކުގެ ކުދިންނަށް 'މުސްކުޅި ހިޔާލަކަށް' ވީ އެވެ.
އެކަމަކު 1980 އާއި 1990 އަދި 2000ގެ އަހަރުތަކުގައި ވެސް ސްކޫލްތަކުގައި ދިވެހި ބަހާ ގުޅޭ ހަރަކާތްތަކުގެ ފޯރި ގަދަ އެވެ. އޭރު ވެސް ގިނަ މާއްދާތައް ކިޔަވައިދެނީ އިނގިރޭސި ބަހުންނެވެ. ނަމަވެސް ގިނަ ކުދިންގެ މެދުގައި އަމިއްލަ ބަހުގެ ލޯބި ނެތިގެންނެއް ނުދެ އެވެ. ސްކޫލްތަކުގައި އަމިއްލަ ބަހުގެ ވަންތަކަން ނުގެއްލެ އެވެ. އެ ސިފަ އޮތީ ހިމާޔަތްކޮށްފަ އެވެ. ހިޔާމަތްކުރާނެ ދަރިވަރުންތަކެއް އުފެއްދި އެވެ.
ނަމަވެސް މިއަދު މާދަރީ ބަހުގެ ދުވަސް ފާހަގަކުރަން ދަރިފުޅު ސްކޫލަށް ގެންދާ އިރު ވެސް އެ ކުދިންނާ ބެލެނިވެރިން ވާހަކަ ދައްކަނީ އިނގިރޭސި ބަހުންނެވެ.
ތަރައްގީވިޔަސް، ޒަމާނީ ވިޔަސް، ބޭރު ގައުމުތަކުގެ މީހުން އެ މީހުންގެ އަމިއްލަވަންތަކަމާ ދުރަކަށް ނުދެ އެވެ. އެމީހުން އެމީހުންގެ މާދަރީ ބަސް ހިމާޔަތްކުރެ އެވެ. އެމީހުންގެ ސަގާފަތް ދަމަހައްޓަ އެވެ. އެމީހުންގެ އިޖުތިމާއީ މިންގަނޑުތަކުގައި ދެމިތިބެ އެވެ.
ކޮމެންޓް (6)
ހަމީދުބޭ
ހަސަންދީ
ހަސަން
ރައްޔިތު އަހުމަދު
ފުވައްމުލައް
އަޝްރަފް