ބޮޑުފޮޅުދޫ ކައުންސިލްގެ ހަތަރު މެމްބަރުން: ޖެހިޖެހިގެން ދެ އަހަރު އެ ކައުންސިލް ވަނީ އެންމެ ހިންގުންތެރި ރަށު ކައުންސިލްގެ މަގާމު ހޯދާފައި (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

އއ. ބޮޑުފޮޅުދޫ

ބޮޑުފޮޅުދޫ ކައުންސިލް ހުރިހާ ގޮތަކުން ވެސް ތަފާތު

މިދިޔަ އަހަރުގެ އެންމެ ރަނގަޅު ރަށު ކައުންސިލްގެ އެވޯޑު ހޯދި ބޮޑުފޮޅުދޫ ކައުންސިލްގެ ހުރިހާ މަސައްކަތެއް ވެސް ތަފާތުވެފައި ނަމޫނާ
19 ފެބްރުއަރީ 2023

އއ. ބޮޑުފޮޅުދޫ - މި ރަށު ކައުންސިލްގެ ރައީސް ސުޖާއު އާދަމް ގަބޫލުކުރައްވާ އުސޫލެއް އޮވެ އެވެ؛ ރައްޔިތުން އެދޭ ކަންކަން ނުކޮށްދީ، ކައުންސިލުން ކުރާނެ ވަކި އިތުރު މަސައްކަތެއް ނޯންނާނެ އެވެ. އެއީ، ރައްޔިތުންގެ ހުރިހާ ކަމެއް ބަލަހައްޓައިދޭ އިދާރާކަން، އެ މީހުންނަށް އިހުސާސްވާން ޖެހޭނެ އެވެ. ކައުންސިލަރުން އެނބުރެން ޖެހޭނީ ރައްޔިތުން ވަށައިގެންނެވެ.

މުޅި ރާއްޖޭން ވެސް އެންމެ ރަނގަޅަށް ހިންގާ ރަށު ކައުންސިލްގެ މަގާމު ޖެހިޖެހިގެން ދެ އަހަރު ބޮޑުފޮޅުދުއަށް ލިބުމުގެ އެންމެ ބޮޑު ސަބަބަކީ ވެސް އެއީ އެވެ. އެ އިދާރާގެ ކޮންމެ މަސައްކަތެއް، ކައުންސިލަރުންގެ ކޮންމެ ޒިންމާއެއް ވެސް ބައްޓަންކޮށްފައިވަނީ ރައްޔިތުންނަށް ފައިދާވާނެ ގޮތަކަށެވެ. ތަރައްގީގެ މަޝްރޫއުއެއް ހިންގިޔަސް، ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންދިޔަސް، އެކަން ކުރަން މަސައްކަތްކުރަނީ ރައްޔިތުން ބޭނުންވާ ގޮތަށެވެ. 

މީހަކު ކަމަކު އަތުވެއްޖެ ނަމަ އޭނާއަށް އެކަން ނުކޮށްދީ، އެ ދުވަހަކު ކައުންސިލުން ކުރަން ޖެހޭ އެހެން ކަމެއް ނޯންނާނެ

ސުޖާއު އާދަމް / ބޮޑުފޮޅުދޫ ކައުންސިލްގެ ރައީސް

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައެޅި 2021 ވަނަ އަހަރުގެ ޕާފޯމަންސް އިންޑެކްސް އިން އެންމެ މަތި ލިބިގެން، އެންމެ ރަނގަޅަށް ހިންގާ ރަށު ކައުންސިލްގެ މަގާމު ހޯދާފައިވާ ބޮޑުފޮޅުދޫގެ ކޮންމެ ދިމާލަކުން ވެސް ފެނުނީ ވެރިންނާއި ރަށުގެ ރައްޔިތުންނާ އޮތް އެކުވެރިކަމެވެ. ސްކޫލުގައި އޮތް ކޮންސެޓަކަށް ދައުވަތުދޭން ކައުންސިލަރުން ވަޑައިގަތެވެ. ކޮންމެ އިދާރާއެއް ވެސް އޮންނަނީ އެއް ބަޔަކު އަނެއް ބަޔަކާ ގުޅިފަ އެވެ. އެއިން ގިނަ ކަންކަމުގެ މުގުލުގައި ކައުންސިލް އޮވެ އެވެ.

މިދިޔަ ތިން ދައުރު ވެސް ކައުންސިލްގައި ހުންނެވި ސުޖާއު ވިދާޅުވި ގޮތުގައި ރައްޔިތުންނާ ގާތުން މަސައްކަތް ކުރައްވަން ފެއްޓެވީ ޕްލޭންތަކެއް ހައްދަވައިގެންނެވެ. ފުރަތަމަ ކަމަކަށް ވެސް އިސްކަން ދެއްވީ، ރައްޔިތުންނާ މަޝްވަރާކޮށްގެން ކަނޑައަޅާ ފަސް އަހަރުގެ ތަރައްގީގެ ޕްލޭންގައިވާ ހުރިހާ ކަމެއް ވެސް، ކަނޑައަޅާފައިވާ މުއްދަތުގައި ކުރުމަށެވެ. އަދި އެ ކަންކަން ތަންފީޒުވަމުންދާ މިންވަރު ބަލައި، އެ ކަންކަމާ މެދު ރައްޔިތުން ހިތްހަމަޖެހޭތޯ ބެލުމެވެ.

ބޮޑުފޮޅުދޫ ކައުންސިލުން ބޭއްވި އިވެންޓެއް ނިންމާލާފައި އެ ރަށު ސްކޫލުގެ ކުދިންތަކެއް، ކައުންސިލްގެ 'ހަތް އަމާޒު' ދައްކުވައިދޭ ލިޔުންތައް ފެންނަ ބޯޑުތަކެއް ހިފަހައްޓައިގެން (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

އާއްމު ގޮތެއްގައި ހުރިހާ ކައުންސިލެއްގައި ވެސް، ކައުންސިލަރުންގެ ދައުރު އޮންނަނީ އެކި ދާއިރާތަކަށް ބަހާލާފަ އެވެ. ތައުލީމީ ދާއިރާއަށް ވަކި މީހަކު، ސިއްހީ ދާއިރާއަށް ވަކި މީހަކު ކަނޑައަޅާފަ އެވެ. އެކަމަކު އޭގެ ބަދަލުގައި ބޮޑުފޮޅުދޫގެ ކައުންސިލަރުން ތިބެނީ ރަށުގެ އެކި އަވަށްތަކަށް ބަހާލާފަ އެވެ. އާބާދީގައި 800 މީހުން ހިމެނޭ ކުޑަ ރަށެއް ނަމަވެސް، އިދާރީ ގޮތުން ހަތަރު އަވަށަށް ބަހާލައި، އެ އަވަށަކަށް ހާއްސަ ކައުންސިލަރު، ކޮންމެ މަހަކު ވެސް ހުރިހާ ގެއަކަށް ޒިޔާރަތް ކުރެ އެވެ.

އޭނާގެ ޒިންމާއަކީ އަވަށުގެ ހުރިހާ ގެއަކަށް ވަޑައިގެން، ރައްޔިތުންގެ ބޭނުންތަކާއި ކަންބޮޑުވުންތައް އަޑުއެހުމެވެ. އެ މީހުންނާ ވާހަކަ ދައްކަވާލައްވާ ގުޅުން ބަދަހި ކުރުމެވެ. ގެތަކުގައި ތިބޭ ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި އުމުރުން ދުވަސްވީ މީހުންގެ ބޭނުންތައް ދެނެގަތުމެވެ.

ކައުންސިލްގެ ރައީސް ވެސް، ކޮންމެ ތިން މަހަކުން، އެ އަވަށަކަށް ކަނޑައަޅާފައި ހުންނަ ކައުންސިލަރަކާ އެކު ގޭގެއަށް ޒިޔާރަތް ކުރައްވަ އެވެ. އަދި ކައުންސިލަރު ކޮންމެ މަހަކު ވެސް އެ ގެއަށް ވަޑައިގަންނަވާތޯ އާއި މައްސަލަތައް ހައްލުކޮށްދޭތޯ، ގޭގެ މީހުންނާ ސުވާލު ކުރައްވަ އެވެ.

ކައުންސިލުން ރައްޔިތުންނާ ބައްދަލު ކުރުމަށް ބޭއްވި އިވެންޓެއްގައި ރަށުގެ ގިނަ ބަޔަކު ބައިވެރިވަނީ (ފޮޓޯ/ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ)

ރައްޔިތުންގެ ފަރާތުން އިވޭ އެ ވާހަކަތައް، ކައުންސިލަރުން ކިޔައިދެނީ، ރައީސް ވެސް ހިމެނިވަޑައިގަންނަވާ ބައްދަލުވުމެއްގަ އެވެ. ގެއެެއްގެ ރުކެއްގެ މައްސަލަ އެވެ. މަގުމަތީގައި ފެން ހެދުމެވެ. އާއްމު މީހާގެ އެ ފަދަ ކަންބޮޑުވުންތަކާ މެދު ކައުންސިލަރުން، މަހަކު އެއް ފަހަރު ބާއްވާ އެ ބައްދަލުވުމުގައި މަޝްވަރާކޮށް، ހައްލު ނެރެދެ އެވެ. ކައުންސިލަރުންގެ އަމާޒަކީ އެންމެ މީހަކު ހުށަހަޅާ ކަމެއް ވިޔަސް، އެކަން ހައްލުކޮށް އޭނާ ބޭނުންވާ ނަތީޖާއެއް ނެރެދިނުމަށް މަސައްކަތް ކުރުމެވެ.

"އަޅުގަނޑުމެން ހުރިހާ ކައުންސިލަރުން އެ މައްސަލަތައް ނޯޓް ކޮށްފައި، އޭގެ ހައްލު ވެސް ހޯދަން މަޝްވަރާކުރަން. އަދި ހައްލު ކުރުމަށް ފަހު އެސްޖީ [ސެކްރެޓަރީ ޖެނެރަލް] އަށް އަންގަން، އަންނަ މަހު ކައުންސިލަރުން ގޭގެއަށް ދިޔުމުގެ ކުރިން އެކަންކަން ތަންފީޒުކޮށްދޭން،" މިދިޔަ ދެ ދައުރު ވެސް ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވި ސުޖާއު ވިދާޅުވި އެވެ.

އޭނާގެ ހިތްހަމަޖެހުމަކީ އެގޮތަށް ރައްޔިތުންނާ ވީހާ ވެސް ކައިރިން ހިދުމަތް ދޭން ފެށުމުން، ރައްޔިތުންގެ ކަންބޮޑުވުންތައް ހުންނަ މިންވަރު މަދުވުމެވެ. ކައުންސިލަރުން ނުފެނެއޭ، މައްސަލަތަކަށް ހައްލެއް ނުލިބެއޭ ބުނެ ޝަކުވާ ކުރުމުގެ ޖާގަ ވަނީ ވެރިންގެ މަސައްކަތުން ކުޑަކޮށްފަ އެވެ.

ބޮޑުފޮޅުދޫ މަތިން ނަގާފައިވާ ފޮޓޯއެއް: މި ރަށުގެ އާބާދީގައި 800 އެއްހާ މީހުން އުޅޭ (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

އެކަމާ ބެހޭގޮތުން މި ރަށުގެ ވަކިވަކި މީހުންނާ ވެސް ވާހަކަދައްކާލީމެވެ. އެ މީހުންގެ ޝަކުވާތައް މަދެވެ. ބައެއް ކަންކަން ނުވެ ހުރިކަން ފާހަގަ ކުރިޔަސް، ޖުމްލަކޮށް އެންމެން ވެސް ކައުންސިލަރުންގެ މަސައްކަތަށް ތައުރީފް ކުރި އެވެ.

ބޮޑުފޮޅުދޫ ކައުންސިލްގެ ހިންގުންތެރިކަން، އެ ރަށު ކައުންސިލްގެ ފޭސްބުކް ޕޭޖް ބަލާލުމުން އެނގޭނެ އެވެ. ކައުންސިލުން އިސް ނަގައިގެން ނޫނީ އަންހެނުންގެ ކޮމެޓީގެ އިސް ނެގުމާ އެކު ރަށުގައި އަބަދުވެސް ކޮންމެވެސް ކަހަލަ ތަމްރީނު ޕްރޮގްރާމެއް ނުވަތަ ތަރައްގީގެ ހަރަކާތެއް ކުރިއަށް ގެންދެ އެވެ.

ކައުންސިލުން ބުނިގޮތުގައި މިދިޔަ އަހަރު އެކަނި ވެސް ވަނީ، އެކި ދާއިރާތަކުން ރަށުގެ 135 މީހަކު ތަމްރީނުކޮށްފަ އެވެ.

މި ރަށަށް އައި ރޭ ވެސް، ކައުންސިލްގެ ރަސްމިއްޔާތެއް އޮތެވެ. ޔޫތު މިނިސްޓްރީ އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލިޖީ (އެމްއައިޓީ) ގުޅިގެން މި ރަށުގައި ހިންގާ 'އޭސީ އެންޑް ރެފްރިޖަރޭޝަން ކޯސް' ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބުނު އިރު، މިއީ އެމްއައިޓީން އެ ރަށުގައި ހިންގާ ފުރަތަމަ ޕްރޮގްރާމް ނޫންކަން އެނގުނެވެ.

ސުޖާއު ވިދާޅުވި ގޮތުގައި ކައުންސިލުން މަސައްކަތް ކުރަނީ އެއް ޕްރޮގްްރާމް ނިމެން ވާއިރަށް، އަނެއް ޕްރޮގްރާމް ފެށޭވަރު ކުރުމެވެ. މުޅިން ވެސް، ރައްޔިތުންނަށް ބޭނުން ހިފޭނެ، ޒުވާނުންގެ ހުނަރު ތަރައްގީވާނެ ފަދަ ޕްރޮގްރާމްތަކެވެ.

ބޮޑުފޮޅުދޫ ކައުންސިލްގެ ރައީސް ސުޖާއު އާދަމް 'ދައުރު'އާ ވާހަކަ ދައްކަވަނީ. އެންމެ އިސްކަމެއް ދެއްވަނީ ރައްޔިތުންގެ ތަރައްގީއަށް ކަމަށް ވިދާޅުވި (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

ބޮޑުފޮޅުދޫ ކައުންސިލްގައި ސިޔާސީ ވާދަވެރިކަމެއް، އެއްގޮތަކަށް ވެސް ނޯވެ އެވެ. އެއީ ހުރިހާ ކައުންސިލަރުން ވެސް އެއްބަސްވެފައި އޮންނަ ގޮތެވެ. ކޮންމެ ޕާޓީއަކުން ކައުންސިލަށް އިންތިހާބުވީ ނަމަވެސް، މަސައްކަތް ކުރާނީ ރައްޔިތުންގެ މަންފާ އަށެވެ. ކައުންސިލްގައި މިހާރު ތިއްބަވަނީ އެމްޑީޕީގެ މެމްބަރަކާއި ޕީޕީއެމް މެމްބަރަކާއި ކައުންސިލްގެ ރައީސް ހިމެނިވަޑައިގަންނަވާހެން މިނިވަން ތިން މެމްބަރުންނެވެ.

ކައުންސިލްގައި އާއްމު މުވައްޒަފުންނަށް އޮންނަ އުސޫލުތައް ވެސް ކައުންސިލަރުންނަށް ހަމަހަމަ އެވެ. ގަޑި ޖެހިއްޖެއްޔާ ގަޑީލާރި ކަނޑާނެ އެވެ. ވެރިންގެ ހާޒިރީ ކޮންމެ މަހަކު ވެސް އެންމެންނަށް ފެންނަހެން އާއްމު ކުރެ އެވެ. އަމާޒަކީ ރައްޔިތުން އިންތިހާބުކޮށްފައި ތިބޭ ވެރިންގެ ހުރިހާ ކަމެއް ވެސް ފެންނަން ހުރުމެވެ.

ރަށުގެ ރަސްމީ އެކި އިދާރާތަކާއި ކްލަބް ޖަމިއްޔާތަކާ ވެސް ކައުންސިލަރުން ކޮންމެ މަހަކު ބައްދަލު ކުރެ އެވެ. އެ މަހަކަށް ކަނޑައަޅާފައި ހުންނަ ހަރަކާތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެ އެވެ. ރައްޔިތުންގެ ފައިދާއަށް ކުރާ އެ ކަންކަމަށް ކައުންސިލުން ވަކި ބަޖެޓެއް ކަނޑައަޅާފައި އޮވެ އެވެ.

ބޮޑުފޮޅުދޫ ކައުންސިލްގެ ބައެއް މުވައްޒަފުން ބައްދަލުވުމެއްގައި (ފޮޓޯ/ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ)

ކައުންސިލްގެ ހުރިހާ ކަމެއް ވެސް ރާވާފައިވަނީ އިންތިޒާމްތަކެއްގެ ދަށުންނެވެ. ބުރާސްފަތި ދުވަހު، އެހެން ހުރިހާ ޒިންމާއެއް ބަހައްޓާފައި މުވައްޒަފުން ކުރަން ޖެހޭ މަސައްކަތަކީ، ރައްޔިތުން ހުށަހަޅާފައި ހުންނަ އެކި ކަންކަމުގެ ހަބަރު ބަލައި، އޭގެ ތަފްސީލު އެ މީހުންނަށް ގުޅައިގެން ދިނުމެވެ. އައިޑީ ކާޑެއް ހައްދަން ދީފައި އޮތް ނަމަ، އޭގެ މަސައްކަތް ގޮސްފައި އޮތް ހިސާބު ބަލަ އެވެ. ސިޓީއެއް ހުށަހަޅާފައި އޮތް ނަމަ، އޭގެ ޖަވާބު ކޮބައިތޯ ބަލަ އެވެ. އަދި އެ މައުލޫމާތު އާއްމު މީހާއަށް ދެ އެވެ.

ސުޖާއު ވިދާޅުވި ގޮތުގައި ސިޓީއެއް ލިޔަން ނޭނގިގެން މީހަކު ކައުންސިލަށް އަޔަސް މުވައްޒަފުން އެކަން ކޮށްދޭންޖެހޭނެ އެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ރައްޔިތު މީހާ ސިޓީއެއް ލިޔަން މި ތަނަށް އަންނާނީ އޭނާއަށް އެހެން ގޮތަކުން އެކަން ނުވެގެން. ނުކުރެވިގެން. މީހަކު ކަމަކު އަތުވެއްޖެ ނަމަ އޭނާއަށް އެކަން ނުކޮށްދީ، އެ ދުވަހަކު ކައުންސިލުން ކުރަން ޖެހޭ އެހެން ކަމެއް ނޯންނާނެ،" ސުޖާއު ވިދާޅުވި އެވެ.

"މިއީ ރައްޔިތުންގެ އިދާރާއެއް. އަޅުގަނޑުމެންނަކީ އަބަދުވެސް އެ މީހުންގެ ހިދުމަތުގައި ތިބޭ ބައެއް."

ބޮޑުފޮޅުދޫގައި ބޭއްވި ތައުލީމާއި ހުނަރު ދަސްކޮށްދޭ ޕްރޮގްރާމެއްގައި ޔޫތު މިނިސްޓްރީގެ ބައެއް ވެރިންނާއި އެމްއައިޓީގެ އޮފިޝަލުންނާއި ކައުންސިލަރުން ބައިވެރިވެ ވަޑައިގަންނަވަނީ (ފޮޓޯ/ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ)

ރައްޔިތުންނަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވުނު ނަމަވެސް އަދި އެންމެ ރަނގަޅު ކައުންސިލްގެ މަގާމު ލިބުނު ނަމަވެސް، އެ ތަނުގެ ހުރިހާ ކަމެއް ހުރީ ފުރިހަމަވެފައި ކަމަކަށް ސުޖާއު ގަބޫލެއް ނުކުރައްވަ އެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ރަނގަޅު ކުރަންވީ ކަންކަމާއި ކުރަން ޖެހޭ މަސައްކަތްތައް ވެސް އަދިވެސް ބައިވަރު އެބަހުއްޓެވެ. ސުޖާއު އާއި އޭނާގެ ޓީމުން މަސައްކަތް ކުރައްވަނީ، ރައްޔިތުންގެ އުއްމީދުތައް ފުރިހަމަ ކޮށްދިނުމަށް ކަމަށް ވިދާޅުވި އެވެ.

ކައުންސިލްގެ ރައީސް ވާހަކަ ދެއްކެވީ، އޭނާގެ އަރާމު ރީތި ކޮޓަރީގައި އިންނަވައިގެންނެވެ. އެކަމަކު އެ ކޮޓަރި އާއި ކައުންސިލްގެ އިދާރާގައި ބަހައްޓާފައިވާ އެވޯޑުތަކުން އޭނާގެ ވާހަކަތަކަށް ހެކި ދެ އެވެ. އެއީ ހަމައެކަނި ކޮޓަރީގައި ތިބެގެން މަސައްކަތް ކުރާ ބައެއް ނޫން ކަމާއި ރައްޔިތުންގެ ބޭނުންތައް ފުއްދައިދޭން، ބުރަކޮށް މަސައްކަތް ކުރާ ބައެއްކަން އެނގެ އެވެ.

މި ސަބަބުތަކާ ހުރެ ކަމަށް ވެދާނެ އެވެ. ބޮޑުފޮޅަދުއަށް ކުރި ދަތުރުގައި މުޅިން ވެސް ފެނުނީ އެއް ބަޔަކު އަނެއް ބަޔަކަށް ބަރޯސާވެ، އެހީތެރިވާ މުޖުތަމައުއެއްގެ ގޮތުގަ އެވެ. ކެފޭ ފަދަ ތަންތަނަށް ވެރިން ވަޑައިގެން، ރައްޔިތުންނާ ވާހަކަ ދައްކަވައި، ހީސަމާސާ ކުރައްވަ އެވެ. އެއް އިދާރާގެ ހަރަކާތަކަށް އަނެއް އިދާރާއިން، އަމިއްލަ ކަމެއްގެ ގޮތުގައި އެހީވެ އެވެ.

ބޮޑުފޮޅުދޫ ކައުންސިލް ތަފާތެވެ. އެ މީހުން ކުރަނީ ހަމަ ތައުރީފް ހައްގު، ނަމޫނާ މަސައްކަތެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް