މާކަނޑޫދޫގައި މީހުން ދިރިއުޅުނު އިރު އެ ރަށު ސްކޫލު ކައިރީގައި ދަރިވަރުންތަކެއް މަޑުކޮށްލައިގެން: އެ ރަށުގެ މީހުން މިލަންދޫގައި ވަޒަންވެރިވިތާ މިހާރު 22 އަހަރު ވެއްޖެ (ފޮޓޯ/ސޯޝަލް މީޑިއާ)
ކަނޑޫދޫން މިލަންދުއަށް؛ އުފާވެރި، ހިތްދަތި ގުރުބާނީއެއް
'ވީ ހޭށޭ، ހިތް ފުރާށޭ، އާ ދިރުމެއް ފެށޭތީ އަލުން.'
އާދަމް އަބްދުއްރަހުމާންގެ ޅެމަކަށް ރާފިޔަތު ރަމީޒާގެ އަޑުން، މީގެ 16 އަހަރު ކުރިން ކިޔާފައިވާ މި ލަވަ އަކީ، ށ. މިލަންދޫގެ ކޮންމެ ހަރުމީހެއް، ޒުވާނެއްގެ ހިތުން އަދިވެސް ނުފިލާނެ ލަވައެކެވެ. ހިތްދަތިކަމާއި އުފާވެރިކަން އެ ލަވައާ ގުޅިފައި ވާތީ އެވެ.
ލަވަ ފެށޭއިރު ފެންނަނީ، މާރަށެއްގެ ގޮތުގައި މަޝްހޫރުވެފައި އޮންނަ ށ. މާކަނޑޫދޫގައި އެންމެ ފަހަށް ތިބި މީހުން، ފޮށި ތަންމައްޗާއި ހިފައިގެންގުޅޭ ސާމާނު ގާޑިޔަލަކަށް އަރުވައިގެން ރަށުން ފައިބަން ދާ މަންޒަރެވެ. އެއާ އެކު ދެން ފެންނަނީ ރަށަށް އަރާ މެހެމާނުންނަށް މަރުހަބާ ކިޔުމަށް، މިލަންދޫގެ މުޅި އަތިރިމަތި ރީތިކޮށްލާފައިވާ ތަނެވެ. ގޮނޑުދޮށުގައި ގޮނޑިތައް ބަރިޖަހާލާފައި ހުރި އިރު، ކުލަފޮއްޗާއި ދިދަ ދަމައި، މުޅި ސަރަހައްދު އޮތީ ޖަރީކޮށްފަ އެވެ.
ރަށުގެ ފާލަން މަތީގައި މެހެމާނުންނަށް މަރުހަބާ ކިޔުމަށް ފިރިހެންވެރިން ޖަމާވެފައި ތިބި އިރު، އަންހެނުންތައް ކުރުނބާ ހަދިޔާކުރުމަށް އަވަދިނެތި އުޅޭތަން ވެސް ފެނެ އެވެ.
ދެން ދޯނިތަކުގައި ފާލަން ކައިރިއަށް މަޑުކޮށްލަނީ، މާކަނޑޫދޫން މިލަންދުއަށް ބަދަލުވާ އެންމެ ފަހުގެ މީހުންނެވެ. އެއީ ދިރިއުޅެވެން ނެތިގެން، މާކަނޑޫދޫން، ކުރިން ފަޅުރަށެއްގެ ގޮތުގައި އޮތް މިލަންދުއަށް މީހުން ބަދަލުކުރުމުގެ މަޝްރޫއުގެ ދަށުން، އެ ރަށަށް ބަދަލުވާ އެންމެ ފަހަށް ތިބި މީހުންނެވެ.
އެ ދޯނިފަހަރުގައި ދަމާފައިވާ ބެނާގައި 'އަޅުގަނޑުމެން މިލަންދުއަށް ބަދަލު މިވަނީ އުފަލުން' ކަމަށް ލިޔެފައި ވެ އެވެ. އެ މީހުންނަށް ހިތްވަރުދީ، އެކުގައި ތިބި ކަމަށް ބުނަމުން، އަތޮޅުގެ އެހެން ރަށްރަށުން ވެސް ދޯނިފަހަރުގައި ދިދަ ޖަހައިގެން މިލަންދުއަށް ދާ މަންޒަރު އެ ލަވައިން ފެނެ އެވެ. އެ ދޯނިފަހަރުގައި ބެނާ ދަމާފައި ހުރީ 'ކަނޑޫދޫ މީހުންނާ އެކުގައި ތިބީމޭ' ބުނަމުންނެވެ.
މިއީ އޭގެ 22 އަހަރު ފަހެވެ. މިއަދު ވެސް މިލަންދޫގެ ރައްޔިތުން އަތިރިމައްޗަށް ނުކުމެ ތިބީ، އެ ރަށް އާބާދުވުމުގެ އުފަލުގައި އެ ދުވަސް ކުލަ ގަދަކޮށް ފާހަގަކުރުމަށެވެ. އެމީހުންގެ ހިތްތައް ވަނީ އުފަލުން ފުރިފަ އެވެ.
އެކަމަކު އުޅެބޮޑުވި، ކާބަފައިންގެ ރަށް ދޫކޮށްލާފައި އެހެން ރަށަކަށް ބަދަލުވުމަކީ ކުރިމަގަށްޓަކައި އެ މީހުން ވި ގުރުބާނީއެކެވެ. މާކަނޑޫދޫން ފައިބަން ޖެހޭތީ އެ މީހުން ރު އެވެ. އެކަމަކު ފަސޭހަކަމާ އެކު ދިރިއުޅެވެން އޮތީ، ކުރިމަތީގައި، ފެންނަ ފަށުގައި އޮތް، ގާތްގަނޑަކަށް 10 މިނިޓުން ދެވޭ މިލަންދޫގައި ކަމަށް އެ މީހުންނަށް ގަބޫލުކުރެވުނެވެ.
ބޮޑު ކުޅިއެއް އޮންނަ މާކަނޑޫދުއަކީ މާ ރަށެއް ނަމަވެސް ރަށުގެ ފަސްގަނޑު ދުލެވެ. އޮންނަނީ ޗަސް ބިމެވެ. ގެދޮރު އަޅަން އޭގެ ސަބަބުން މީހުންނަށް ދަތިވެ އެވެ. ރަށުގެ ފެން ހަޑިވެފައި، ވަސް ދުވަ އެވެ. އަރާ ފައިބަން އެހާމެ އުނދަގުލެވެ. ރަށުގެ ބަނދަރު ސަރަހައްދުގައި އޮންނަ ރާޅުގަނޑުގެ ސަބަބު ކިތަންމެ ފަހަރަކު ދޯނި ބަންޑުން ޖަހާލައި ވިޔަފާރިވެރިންނާއި އާންމުންގެ މުދާ ހަލާކުވެ އެވެ. ހިތާމަވެރި ހާދިސާތައް ހިނގި އެވެ. އެހެންވެ، އޭރު ވެސް ބޮޑު އާބާދީީއެއް އޮންނަ މާކަނޑޫދޫ މީހުން ތިބީ، ދިރިއުޅެން އެއަށް ވުރެ ފަސޭހަ ރަށެއް ލިބުމުގެ އުއްމީދުގަ އެވެ.
މާކަނޑޫދޫގެ ވެރިން، ރައްޔިތުންގެ މި ކަންބޮޑުވުން އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ހުށަހެޅުއްވުމުން، ސަރުކާރުން އެކަމަށް އިޖާބަދިނެވެ. އެދުނީ ރައްޔިތުން ބޭނުންވާ ރަށެއް ހިޔާރުކުރުމަށެވެ. އަތޮޅުގެ މީހުން ދަނޑުވެރިކަމަށް އޭރު ބޭނުންކުރަމުން އައި މިލަންދުއަކީ މާކަނޑޫޫދޫގެ ވެރިން، ބެލި ތިން ރަށުގެ ތެރެއިން އެންމެ ކަމުދާ ރަށެވެ.
މާކަނޑޫދޫގެ މީހުން މިލަންދުއަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ފެށީ 2000 ވަނަ އަހަރު އެވެ. އެކި ފިޔަވަހިތަކަށް ބަހާލައިގެން، ގެ އެޅޭ ވަރަކުން މީހުން ބަދަލުކުރަމުން ގޮސް، އެންމެން އެއްކޮށް ބަދަލުކޮށް ނިމުނީ 2006 ވަނަ އަހަރު އެވެ. އެކަމަކު އޭގެ އެއް އަހަރު ކުރިން، 2005ގައި ސަރުކާރުން ވަނީ، މިލަންދުއަކީ މީހުން އުޅޭ ރަށެއްގެ ގޮތުގައި ހަމަޖައްސާފަ އެވެ.
"ވަރަށް އެހެން ކަހަލަ އިހުސާސްތަކެއް ކުރެވުނު ދުވަސްތަކެއް އެއީ. މިލަންދޫގައި ފުރަތަމަ އެޅި ގެތަކުގައި މީހުން އުޅޭތަން ފެނުނީމައި، ދެން ތިބި މީހުން ވެސް ތިބީ އެ މީހުންނަށް ބަދަލުވެވޭނެ ދުވަހެއްގެ އިންތިޒާރުގައި،" އޭރުގެ ހަނދާންތައް އާކުރައްވަމުން، މިލަންދޫ ކައުންސިލްގެ ރައީސް އަބްދުﷲ އާތިފް ވިދާޅުވި އެވެ.
މާކަނޑޫދޫން މިލަންދުއަށް މީހުން ބަދަލުވެ ނިމުނު ހަ އަހަރުގެ ތެރޭގައި އިދާރީ ގޮތުން ވެސް ދެ ރަށް ހިންގި އެވެ. ދެ ރަށުގައި ވެސް، ސްކޫލާއި ހެލްތު ޕޯސްޓު ފަދަ ތަންތަނާ އެކު އަސާސީ ހިދުމަތްތައް ދިނެވެ. އެކަމަކު 2006ގައި، އެންމެ ފަހުގެ މީހުން ރަށުން ފައިބައިގެން އައީ އެ ހުރިހާ އިދާރާއެއްގައި ނަގާފައި ހުރި ގައުމީ ދިދަ ބާލައިފަ އެވެ. ރާފިޔަތުގެ ލަވައިން ވެސް އެ މަންޒަރުތައް ފެނެ އެވެ.
އާތިފް ވިދާޅުވި ގޮތުގައި މާކަނޑޫދޫން ފޭބި އިރު ކުރެއްވުނީ ހިތި، ފޮނި އިހުސާސްތަކެކެވެ. އުޅެ ބޮޑުވި ގެ އާއި ކުޅެ މަޖާކޮށް، ދުވެ ހެދި މަގުތައް ދޫކޮށްލަން ޖެހުމުން ހިތުގައި ޖެހުނެވެ. އެކަމަކު އޭރު ވެސް، މާކަނޑޫދޫގެ މީހުންނަށް، މުސްތަގްބަލުގެ ގޮތުގައި ފެންނަމުން ދިޔައީ މިިލަންދު އެވެ.
މިއަދު އެއީ ރާއްޖޭގައި ނަމޫނާ ރަށެކެވެ. އާބާދީގައި 2،700 މީހުން އުޅޭ އެ ރަށުގެ ކޮންމެ ދިމާއަކުން ތަރައްގީ ފެނެ އެވެ. ތައުލީމާއި ސިއްހީ ގޮތުންނާއި އުމްރާނީ ގޮތުން ބެލިކަމުގައި ވިޔަސް އެއީ ށ. އަތޮޅުން ފާހަގަކޮށްލެވޭ ރަށެކެވެ.
އެކަމަކު އަދިވެސް އެ މީހުން މާކަނޑޫދޫގެ ހަނދާންތައް އާކުރެ އެވެ. ކައިރީގައި އޮތުމުން، ގިނަގިނައިން އެ ރަށަށް ގޮސް އުޅެ އެވެ. ފަޅު ގެތަކާއި އިމާރާތްތަކަށް، ވިނަތަކާއި ގަސްތައް ބާރުގަދަކޮށް، އިމާރާތްތައް ފޮރުވާލަމުން ދިޔަސް، އަސްލު ވަޒަންވެރިން އެ ރަށަށް ގޮސް އެ ގެތައް ހޯދަ އެވެ. އަދި އެ ހަނދާންތައް އާކުރެ އެވެ.
"އެ އިހުސާސްތަކެއް، އެ ލޯތްބެއް ބަދަލު ނުކުރެވޭނެ،" މުސްތަގްބަލަށްޓަކައި، ގުރުބާނީތަކެއް ވާން ޖެހޭނެކަން ފާހަގަކުރައްވަމުން ވެސް އާތިފް ވިދާޅުވި އެވެ.