ސަމަރުބްލޫ އިބްރާހިމް މަނިކު (ކ) އޭރުގެ ރައީސް މައުމުން އަބްދުލްގައްޔޫމާ އެކު، ރޭޑިއޯ ހިދުމަތުގެ ރިހި ޔޫބީލް ހަފުލާގައި
އިބްރާހިމް މަނިކު: 'އެއީ ރާއްޖޭގެ ބްރޯޑްކާސްޓިންގެ ބައްޕަ'
މުހިންމު ނުކުތާތައް
އޭރުގެ ދިވެހިންނާ ގުޅޭ އެތައް ޕްރޮގްރާމްތަކަކުން ރޭޑިއޯ އާއި ޓީވީއެމް ފުރާލި
ރާއްޖޭގެ ހުރިހާ ރަށަކަށް ޓީވީއެމް ފެންނާނެ ގޮތް ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދެވި
ފޮރުވުމެއް ނެތި އޭނާގެ އިހުސާސްތައް ބަންޑުންކޮށްލެއްވި، އެކަމަކު ހިތްޕުޅު ސާފު
"އިބްރާހިމް މަނިކު (ސަމަރޭ) އަކީ ރާއްޖޭގެ ބްރޯޑްކާސްޓިން ހަޔާތުގައި އެންމެ އަގުހުރި، އެންމެ ގިނަ ހިދުމަތް ކުރައްވާފައިވާ ރާއްޖޭގެ ބްރޯޑްކާސްޓިންގެ ބައްޕަ އެވެ."
މިއީ މިވަގުތު ރާއްޖޭގައި ހުންނެވި އެންމެ ކުޅަދާނަ އެއް ރޭޑިއޯ ހުށައެޅުންތެރިޔާ، ދިވެހިރާއްޖޭގެ އަޑުގެ ނަސްރުﷲ އިދްރީސް، އޭނާގެ ފޭސްބުކްގައި މިއަދު ލިއުއްވި ބަސްކޮޅެކެވެ. ދިވެހިރާއްޖޭގެ އަޑު އުފެއްދެވީ ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ކަމަށް ވިޔަސް، އޭގެ ފަހުން އައި ބޮޑެތި ތަރައްގީއަށް ބަލާ ނަމަ، އިބްރާހިމް މަނިކަށް އެއީ ހައްގު ތައުރީފެކެވެ.
މިއަދު، އުމުރުފުޅުން 72 އަހަރުގައި، އިންޑިއާގައި އަވަހާރަވި އިރު، އިބްރާހިމް މަނިކުގެ ހަނދާންތައް މިވަނީ އާވެފަ އެވެ. އޭނާގެ އެ ހާއްސަ އަޑުގެ ރީތިކަމާއި ސާފުކަމުގެ ތެރެއިން ކޮންމެ ދުވަހަކު ވެސް ހިތްހަމަޖެހުން ލިބުނު އެތައް ބަޔަކަށް ކުރެވޭނީ އެ އިހުސާސްތަކެވެ.
'ސަމަރޭ'ގެ ނަމުން މުޅި ރާއްޖެއަށް މަޝްހޫރުވި އަޑުގެ ވެރިޔާއަކީ، އަސްލު ކާކުކަން އޭރު ގިނަ މީޙުންނަކަށް ނޭނގެ އެވެ. އިބްރާހިމް މަނިކަކީ އާންމުންގެ ތެރެއަށް އެހާ ގިނައިން ނުކުމެވަޑައިގެން އުޅުއްވި ބޭފުޅެއް ނޫނެވެ. މި ޒަމާނުގެ ސޯޝަލް މީޑިއާގެ ދިރިއުޅުމަށް ދުނިޔެ އޭރު އަލިވިލޭކަށް ވެސް ނުފަށަ އެވެ. އެކަމަކު އޮފީހުގައި އިންނަވައިގެން އޭނާ ކުރެއްވި މަސައްކަތްތައް، އޭރުގެ އެކި މުވައްޒަފުން ފާހަގަކުރި ގޮތުގައި، ވަރަށް ބޮޑެވެ. އާންމުންނާ އެހާމެ ގުޅެ އެވެ.
މަޝްހޫރު ހުށައެޅުންތެރިޔާ އަދި އިބްރާހިމް މަނިކަށް ވުރެ 'ދިވެހިރާއްޖޭގެ އަޑަ'ށް ދޮށީ، ބަދުރުއްނަސީރާ އެކު 'ބާއްޖަވެރި ހެނދުނެއް' ފެށި ގޮތަށް އަދިވެސް ގައުމީ ރޭޑިއޯއަށް ދުވަހުގެ އިރުއަރަނީ އެ ނަމުގަ އެވެ. މިއީ އިބްރާހިމް މަނިކުގެ އަޑާއި އޭނާގެ ސަމާސާ މިޒާޖު މުޅި ރާއްޖެއަށް، ހުރިހާ ދިވެހިންގެ ކަންފަތާ ހަމައަށް ގެންގޮސްދިން ވަސީލަތެވެ.
"އެންމެ ބޮޑު އިސްކަމެއް އަޅުގަނޑުމެން ދެމުން ގެންދިޔައީ ވާހަކަދެއްކުމުގެ ރާގާއި ބަހުރުވަ، އެކުވެރި ރައްޓެއްސެއްގެ ރާގާއި ބަހުރުވައިގެ ގޮތުގައި ގެންގުޅުމަށެވެ. ހަގީގަތުގައި ރޭޑިއޯއަކީ އެހުންތެރިޔާގެ ރަހުމަތްތެރިއެކެވެ،" ބަދުރު އޭނާގެ 'ދިވެހިރާއްޖޭގެ ރޭޑިއޯގައި އަޅުގަނޑުގެ ބައެއް ހަނދާންތައް' ފޮތުގައި ލިއުއްވި އެވެ.
މައުލޫމާތު ހޯދުމާއި މުނިފޫހިފިލުވުމުގައި މުޅި ރާއްޖެ ރޭޑިއޯގެ މައްޗަށް ބިނާވެފައި އޮތް ދުވަސްވަރެއްގައި ދިވެހިރާއްޖޭގެ އަޑުގެ ހިދުމަތްތެރިން ތިބީ ކުރީ ސަފުގަ އެވެ. އެއީ ރާއްޖޭގެ އެންމެ މަޝްހޫރު ޝަހުސިއްޔަތުންނެވެ. ކާކުކަން ނޭނގުނަސް އެއިން ކޮންމެ މީހެއްގެ އަޑަކީ ދިވެހިންގެ ރަހުމަތްތެރިއެކެވެ.
ދިވެހިރާއްޖޭގެ އަޑުގެ އެންމެ އިސް ވެރިޔަކަށް ވެވަޑައިގެންނެވި ހިސާބުން ފެށިގެން، ބްރޯޑްކާސްޓިންގެ ތަރައްގީގެ 'ބައްޕައެއް'ގެ ޒިންމާ އިބްރާހިމް މަނިކު ނެންގެވި ގޮތް، ގައުމީ ރޭޑިއޯ އާއި ޓިވީއެމްގެ ޕްރޮގްރާމްތަކަށް އައި ބަދަލުން ދިވެހިންނަށް އެނގޭނެ އެވެ. ދެތިން މިސާލެކެވެ؛ މުޅި ރާއްޖެ ހުއްޓުވާލި ސްކޫލް ކުދިންގެ ލަވަ މުބާރާތެވެ. މިޔުޒިކީ ފަންނާނުންގެ ހުނަރު ދައްކުވައިދިން 'ފަންނާނުންގެ މިޔުޒިކީ އީދެ'ވެ. އަޑުގެ 'ރޯދަކުރުކުރުމެ'ވެ. ބެލުންތެރިން ސިޓިންރޫމްގައި ބައިތިއްބައިދިން ޓީވީއެމްގެ 'ފުރުސަތު' ޕްރޮގްރާމެވެ. އޭގެ ފަހުން ޒުވާނުންގެ ހިތްދަމައިގަތް ބައިބަލާ މުބާރާތެވެ.
ކުރުކޮށް ބުނާ ނަމަ ދިވެހިރައްޖޭގެ އަޑާއި ޓީވީއެމްގެ ކޮންޓެންޓްސް މުޅިން ބަދަލުވި އެވެ. އެ ކްރެޑިޓް އޭރުގެ މުވައްޒަފުން ދެނީ އިބްރާހިމް މަނިކަށެވެ. އޭނާގެ ބެލުމުގެ ދަށުން ފުރުސަތު ލިބުނު ގިނަ މީހުން މިއަދު އެ ތިބީ ޕީއެސްއެމްގެ އެންމެ ތަޖުރިބާކާރު މުވައްޒަފުންގެ ގޮތުގަ އެވެ. ނުވަތަ އަމިއްލަ ކޮންމެވެސް މީޑިއާއެއްގެ ވެރިޔަކަށެވެ.
"އިބްރާހިމް މަނިކުގެ މާލިމީ ކަމުގައި އަޅުގަނޑުގެ ކެރިއަރ ފަށަން ލިބުމަކީ އުފަލެކެވެ. އިބްރާހިމް މަނިކުގެ އަރިހުން ރަނގަޅު ގިނަ ކަންތައްތަކެއް އަޅުގަނޑަށް ދަސްވިކަން ޝުކުރުވެރިކަމާ އެކު ފާހަގަކޮށްލަމެވެ،" ނަސްރުﷲ އޭނާގެ ފޭސްބުކްގައި ލިއުއްވި އެވެ.
އެއީ އެތައް ސަތޭކަ މުވައްޒަފުންނެއްގެ އިހުސާސްކަމާ މެދު ޝައްކެއް ނެތެވެ.
މުޅި ރާއްޖެއަށް ޓީވީއެމް: އިބްރާހިމް މަނިކުގެ ބޮޑު މަސައްކަތެއް
ޓީވީއެމް 29 މާޗު 1978 ގައި ފެށި ނަމަވެސް އެ ޗެނެލް ފެނުނީ ހަމައެކަނި މާލެ އާއި މާލެ ކައިރި ސަރަހައްދުތަކަށެވެ. އޭގެ 20 އަހަރު ފަހުން، އާ ސާސްކަފަށް ދުނިޔެ އެނބުރެމުން ދިޔަ ދަނޑިވަޅު، ސަރުކާރުން ނިންމީ މުޅި ރާއްޖެއަށް ޓީވީއެމް ފެންނާނެ އިންތިޒާމް ހަމަޖައްސާށެވެ. ނަމަވެސް އޭރު ލިބެން ހުރި ވަސީލަތްތަކާއި ސަރުކާރުގެ މާލީ ގާބިލްކަން ހުރި ވަރުން އެކަން ކުރެވެން އޮތީ ކޮންމެ ރަށެއްގައި ހާއްސަ ޑިޝްއެއް ބަހައްޓައިގެންނެވެ.
އަހުމަދު ޝިޔާމް އޭރު ހުންނެވީ މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގެ އެސިސްޓެންޓް ޑިރެކްޓަރުކަމުގެ މަގާމުގަ އެވެ.
"އެއް ދުވަހަކު ގެންގޮސް ވިދާޅުވެއްޖެ ޝިޔާމޭ، އަވަހަށް ދާންވިއްޔޭ ރަށްރަށުގައި ޑިޝް ހަރުކުރަން. އެހާ ހިސާބުން މަސައްކަތް އެ ހަވާލުކުރީ،" 1999ގެ ފަހުކޮޅު އުތުރުގެ ހުރިހާ ރަށަކަށް ދަތުރުކުރެއްވުމުގެ ޒިންމާ އޭނާއާ ހަވާލުކުރި ގޮތް ކިޔައިދެއްވަމުން ޝިޔާމް ވިދާޅުވި އެވެ.
ކޮންމެ ރަށެއްގެ ރަށު އޮފީހުގައި ބެހެއްޓި ޑިޝް އެންޓަނާއިން ޓީވީއެމްގެ ޕްރޮގްރާމްތައް ބަލަން 29 އިންޗީގެ ޓީވީއެއް ވެސް ސަރުކާރުން ހަދިޔާކުރި އެވެ. އެކަމަކު ފަހުން ރަށްރަށުގެ ގޭގޭގައި ވަކި އެންޓަނާއެއް ޖަހައި، އެ ޑިޝް މެދުވެރިކޮށް ގޭގޭގައި ތިބެގެން ޓީވީއެމް ފެންނަ ގޮތް ހެދި އެވެ. މިއީ ޓެކްނޮލޮޖީގެ މިހާރު މި ފެންނަ ފަސޭހަތައް ނެތް ދުވަސްވަރެއްގެ ވާހަކަ އެވެ.
"އަޅުގަނޑު ގަބޫލުކުރަނީ އެއީ އިބްރާހިމް މަނިކު އިސްކޮށް ހުންނަވައި ހިންގެވި ވަރަށް މުހިންމު ޕްރޮޖެކްޓެއް ކަމަށް،" ޝިޔާމް ވިދާޅުވި އެވެ.
އަމިއްލަ ތަޖުރިބާ: ހިތްޕުޅުގައި އޮތް އެއްޗެއް އެގޮތަށް
އެއީ 1995ގެ މެޑްރާސް (މިހާރު ނަމަ ޗެންނާއީ) ގައި އޮތް ސާފް ގޭމްސްގެ ފުޓްބޯޅަ މެޗުތައް ނިމި، ޓީމުގެ ނަތީޖާއާ މެދު އެކި މީހުން އެކި ގޮތަށް ވާހަކަ ދެއްކި ދުވަސްވަރެވެ. ގްރޫޕް ސްޓޭޖުން ރާއްޖެ ކެޓީ އެވެ. ރާއްޖޭގެ ކުޅުމާ ބެހޭ ގޮތުން އޭރުގެ ފުޓްބޯޅަ ކޯޗު، އަދި މިހާރު ސްޕޯޓްސް ކޮމިޝަނަރު ހީނާ އަހުމަދު ސަލީމް 'ހަވީރު"އަށް އިންޓަވިއުއެއް ދެއްވި އެވެ. އެއީ ގައުމީ ޓީމުގެ ކުޅުމާ މެދު ހަމައެކަނި އޭނާ ދެކެވަޑައިގެންނެވި ގޮތެވެ.
އެކަމަކު އެފްއޭއެމްގެ އޭރުގެ ރައީސް އިބްރާހިމް މަނިކަށް، ހީނާގެ އެ ވާހަކަތައް އެއްގޮތަކަށް ވެސް ރަނގަޅެއް ނުވި އެވެ. އަދި އެ އިންޓަވިއު 'ހަވީރު'ގައި ޖެހުމުން ހުންނެވީ ކޯފާއިސްވެފަ އެވެ. ފުޓްބޯޅައިގެ އެހެން ކަމެއްގައި އަޅުގަނޑަށް ގުޅާލަން ޖެހުނީ އެ ހޫނުކަން އަދި މަޑުވުމުގެ ކުރިންނެވެ. ފުރަތަމަ ވެސް ފޯނު ނަންގަވާފައި، 'ފުކަކަށް ދިނީ' އެވެ. މާނައަކީ ހިތްޕުޅަށް އެރި އެއްޗެއް ހަމަ އެގޮތަށް ވިދާޅުވީ އެވެ.
އިބްރާހިމް މަނިކަކީ އާދައިގެ ބޭފުޅެއް ނޫނެވެ. އެއީ އިންފޮމޭޝަން މިނިސްޓަރެވެ. ސަރުކާރުގެ ބާރުގަދަ ޝަހުސިއްޔަތެކެވެ.
އޭނާ އިސްކޮށް ހުންނެވި އިދާރާއަކާ ގުޅޭ ކަމެއްގައި އެހާ ބޮޑަށް ފާޑުކިޔާފައި، އަނެއްކާ ހަމަ އަނެއް ދުވަހު އޭނާއަށް ގުޅާލަން، އަޅުގަނޑު ކަހަލަ، އޭރު ވަރަށް މިނިވަންކަމާ އެކު ކުޅިވަރު ކަވަރުކުރި ރިޕޯޓަރަކަށް، ކެރުނީ ކީއްވެގެން ހެއްޔެވެ؟ ޖަވާބަކީ އިބްރާހިމް މަނިކު ވާހަކަ ދައްކަވާނެ ކަމެވެ. ޖަވާބު ދެއްވާނެ ކަމެވެ.
އެ ދުވަހު ވެސް ކަން ވީ އެހެންނެވެ. ހިތްޕުޅަށް އަރާވަޑައިގެންނެވި އެއްޗެއް ވިދާޅުވެފައި ދެން އެއްސެވީ "ތިޔަ ކުރަން އުޅޭ ސުވާލެއް ކޮށްބަލާށޭ" އެވެ. އެ ހިސާބުން އަޅުގަނޑަށް ފުރުސަތު ދެއްވި އެވެ.
ނޫސްވެރިކަމުގެ މިނިވަންކަން ނެތް ދުވަސްވަރެއްގައި މިނިވަންކަމާ އެކު ކުޅިވަރުގެ ކަންކަން ކަވަރުކުރެވުނީ، އިބްރާހިމް މަނިކު ފަދަ، ކުޅިވަރު އެސޯސިއޭޝަންތައް ހިންގަވަން ތިއްބެވި ބާރުގަދަ ބޭފުޅުން، އެ ފުރުސަތު ނޫސްވެރިންނަށް ދެއްވުމުންނެވެ. ފުޓްބޯޅައަކީ ގައުމީ ކުޅިވަރަށް ވެފައި، އޭރު ދިވެހިންގެ މުނިފޫހިފިލުވުމުގެ މައިގަނޑު އަސާސަކީ ވެސް، ގަލޮޅު ދަނޑުގައި އޮންނަ މެޗުތައް ކަމަށް ވާތީ، އިބްރާހިމް މަނިކަކީ، 'ހަވީރު'ން އާންމުކޮށް ގުޅަން ޖެހޭ އެއް ބޭފުޅެވެ. އެފްއޭއެމްގެ ރައީސްގެ މަގާމަށް އޭނާ ގެންނަން އޭރުގެ ބޮޑެތި ކްލަބްތަކުން ބޭނުންވީ ވެސް، ބާރުގަދަ، ނުފޫޒު ގަދަ ބޭފުޅަކު ހުރެއްޖެ ނަމަ، ސަރުކާރު ތެރެއިންނާއި އަމިއްލަ ވިޔަފާރިވެރިން މެދުވެރިކޮށްގެން ނަމަވެސް، ފުޓްބޯޅައަށް ގިނަ އެހީތަކެއް ލިބޭނެތީ އެވެ.
ފުޓްބޯޅައިގެ ފާޑުކިއުންތައް ގިނަ އެވެ. އެ ފާޑުކިއުންތައް އެފްއޭއެމަށް ވެސް ވަރަށް އާންމުކޮށް އަމާޒުވި އެވެ. ހަމައެއާ އެކު އޭރު ވެސް އަދި މިއަދު ވެސް އަޅުގަނޑު ކަހަލަ، އެދުވަސްވަރުގެ ކުޅިވަރު ރިޕޯޓަރުންގެ ހިތުގައި، އިބްރާހިމް މަނިކާ މެދު ޝުކުރުވެރިކަމުގެ ޝުއޫރު ވެސް އެހާމެ ބޮޑެވެ.
އަޅުގަނޑުމެން އޭރު ކިޔާއުޅެމު އެވެ؛ ސަމަރޭ ހިތުގައި އޮތް އެއްޗެއް ބުނާނެ އެވެ. އެކަމަކު ހިތުގައި އެއްޗެއް ނުބާއްވާނެ އެވެ.
މިއީ އިބްރާހިމް މަނިކާ ވަޒީފާގެ ގޮތުން އެއްވެސް ގުޅުމެއް ނެތް ބައެއް މީހުންނަށް އޭނާއާ މެދު ފެންނާނެ ގޮތެވެ. އެކަމަކު އެއީ ހަގީގަތް ވެސް މެ އެވެ. ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމްގައި ވަރަށް ގިނަ ދުވަހު މަސައްކަތްކުރި ބައެއް މީހުން ވެސް، އެކަމަށް އެއްބަސްވެ އެވެ.
"ހަމަ ދިމާލަށް ވިދާޅުވާނެ އެ ވިދާޅުވާން ބޭނުން އެއްޗެއް. އެކަމަކު ފަހުން ހަމަ އެ މުވައްޒަފެއްގެ ކަންކަން ވެސް ބައްލަވާނެ،" ޝިޔާމް ވިދާޅުވި އެވެ.
ސަމާސާއަކީ އޭނާގެ މިޒާޖެވެ. ދިވެހިރާއްޖޭގެ އަޑުގެ އެތައް ޑްރާމާއަކާއި ޕްރޮގްރާމްތަކުން އެކަން އޮތީ ސާބިތުވެފަ އެވެ. އަހާލަން ފަސޭހަ އެ ރީތި އަޑަކީ ދިވެހިންގެ އެކުވެރިއެކެވެ. ގާތް އެކުވެރިއެކެވެ. އިބްރާހިމް މަނިކު މިއަދު ދުނިޔެ އެ ދޫކުރެއްވީ އެ ހަނދާންތަކުގައި އަނެއްކާވެސް އެތައް ދިވެހިންނެއް ޖައްސުވައިފަ އެވެ.
ގާތް އެކުވެރިން ދުނިޔެ ދޫކުރުމުން ލިބޭ ހިތާމަ ވަރަށް ތަފާތެވެ. މިއަދަކީ އެފަދަ ތަފާތު ދުވަހެކެވެ.
ކޮމެންޓް (1)
މުޙައްމަދު