
ޕީޕީއެމް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓުކަމާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ހަވާލުވެވަޑައިގަންނަވަނީ. (ފޮޓޯ/ޕީޕީއެމް)
ޝަހީދު، ކުރީގެ ރައީސް ޔާމީނާ ބައްދަލުކުރެއްވީ ކީއްވެ؟
މުހިންމު ނުކުތާތައް
ބާރުތައް ވަކިކޮށްފައި ގައުމު ހިންގުމުގެ ވިސްނުން ވެރިންގެ ނުހުރޭ
ބާރު ލިބުމުން ބަލަނީ ހުރިހާ ކަމަކަށް އަތް ބާނައިގެން ވިޔަސް ވެރިކަން ދަމަހައްޓަން
ޔާމީނާ އެކު ދެއްކެވި ވާހަކަތަކުގެ އެއްވެސް ތަފުސީލެއް ނުދެއްވާ
މިއީ ކުރީގެ ފޮރިން މިނިސްޓަރު އަދި މިހާރު އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް އެސެކްސްގައި އިންސާނީ ހައްގުތަކާ ބެހޭ ޕްރޮފެސަރު އަހުމަދު ޝަހީދު، 'ދައުރު'ގެ އެޑިޓަރު މޫސާ ލަތީފުގެ 'ސީދާ' ޕޮޑްކާސްޓަށް ދެއްވި އިންޓަވިއުގެ މައްޗަށް ބިނާކޮށް ލިއުނު ދެ ވަނަ ރިޕޯޓެވެ. ފުރަތަމަ ރިޕޯޓް ކިޔާލަން:
ފެށުން: ނައިބު ރައީސް ޖަމީލް ފިއްލެވުން
ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު، ޖޫން 2015ގެ ފަހުކޮޅު، 'ބޭސްފަރުވާއަކަށް' ސްރީ ލަންކާއަށް ފުރާވަޑައިގަތެވެ. އެކަމަކު އެ ދަތުރުފުޅުގައި އޮތީ އެހެން ރޭވުމެކެވެ. އެމަނިކުފާނުގެ އަރިސް ވަރަށް މަދު ބަޔަކަށް ނޫނީ، އެ ރޭވުމެއް ނޭނގެ އެވެ.
ސްރީ ލަންކާގައި ހުންނަވާފައި، އެއާޕޯޓަށް ފުރާވަޑައިގަންނަވަން އުޅުއްވީ، ރައީސް އަބްދުﷲ ޔާމީން އާއި ސަރުކާރުގެ އެހެން އިސް ވެރިންނަށް އެނގިވަޑައިގެންފައި އޮތް ގޮތުން ނަމަ، އިންޑިއާއަށެވެ. އެކަމަކު ކޮލަމްބޯ އެއާޕޯޓުން އެމަނިކުފާނު ފެއްޓެވީ ލަންޑަނަށް ވަޑައިގަތުމުގެ ސިއްރު ދަތުރުފުޅެކެވެ.
ފުރަތަމަ ގަތަރުގެ ވެރިރަށް ދޯހާއަށެވެ.
ލަންޑަނަށް ދާން އޮތް ފްލައިޓަށް ދޯހާ އެއާޕޯޓުން އަރައިވަޑައިގެންނެވިއްޖެ ނަމަ، އެމަނިކުފާނުގެ ނުރުހުމުގައި ރާއްޖެ ގެނައުމުގެ ހުރިހާ ބާރެއް ދިވެހި ސަރުކާރަށް ގެއްލޭނެ އެވެ. އެ ދަތުރުފުޅުގެ މައުލޫމާތު ހުރި ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި ނައިބު ރައީސް އެންމެ ކަންބޮޑުވެވަޑައިގަތީ، ގަތަރުން ފުރުއްވޭނެ ފުރުސަތު ލިބިވަޑައިނުގެންފާނެތީ އެވެ.
އެކަމަކު ދޯހާއިން ލަންޑަނަށް ނައްޓާލި ފުލައިޓެއްގައި ޖަމީލް އިންނެވި އެވެ.

ސަރުކާރުން އެމަނިކުފާނު ހައްޔަރުކޮށް، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި، 1 މޭ 2015ގެ މުޒާހަރާއާ ގުޅިގެން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲއަށް ކުރިމަތިވި ހުރިހާ ނުރައްކަލަކާ ކުރިމަތިވެދާނެ ކަމަށް، އޭރު ގަބޫލުފުޅުކުރެއްވި އެވެ.
އާންމުންގެ ތެރެއަށް އޭރު ފެތުރިފައި އޮތީ ރައީސްއާ 'ކުންޏެއް ޖެހިގެން' އެކަހެރިކޮށްފައި ހުރިކަމުގެ އަޑުތަކެވެ. އެކަމަކު ނައިބު ރައީސަށް ސަރުކާރު ތެރެއިން އެފަދަ ނުރައްކަލެއް އޮތް ކަމެއް އާންމުންނަކަށް ނޭނގެ އެވެ. އެ ވާހަކަ އެމަނިކުފާނު ނުވެސް ދައްކަވަ އެވެ.

އަޅުގަނޑު ދެންނެވީ ކޮބައިކަން އެއްވެސް ބޭފުޅަކު މައްސަލައެއް [ދުނިޔޭގެ ކަމާ ބެހޭ ފަރާތްތަކަށް] ހުށައަޅުއްވަން ބޭނުންފުޅިއްޔާ އެކަން ކުރެއްވޭނެ ގޮތަކީ.
ސަރުކާރާއި ޕީޕީއެމުން ސިފަކުރީ ޖަމީލް ފިއްލެވީ ކަމަށެވެ. ނައިބު ރައީސްގެ ޒިންމާތަކުން ރެކިވަޑައިގަތީ ކަމަށެވެ. ނަމަވެސް ހަގީގަތަކީ އެ ދުވަހު ޖަމީލް ހޯއްދެވީ ހިމާޔަތެއް ކަމެވެ. ހައްޔަރުކޮށް ޖަލަށް ލައި، ނުހައްގުން އަނިޔާތަކެއް ލިބުމުގެ ފުރުސަތު އޮތުމުން އެކަމުން ރައްކާތެރިވެވަޑައިގަތުމެވެ.
އެ ދަތުރުފުޅުގެ ފަހަތުގައި އެހެން ބައިވެރިޔަކު، ލަންޑަންގައި ހުންނެވި އެވެ؛ ކުރީގެ ފޮރިން މިނިސްޓަރު އަހުމަދު ޝަހީދެވެ.
ޖަމީލާއި ޝަހީދަކީ، 2008ގެ އިންތިހާބުގައި އޭރުގެ ރައީސް މައުމޫން އަބްދުއްގައްޔޫމާ އަމިއްލަ ގޮތުން ވާދަކުރެއްވި ޑރ. ހަސަން ސައީދުއާ އެކު ހިންގެވި 'ނިއު މޯލްޑިވްސް' ހަރަކާތުގެ އިސް ދެ ބޭފުޅުންނެވެ. އޭނާ މިހާރު ހުންނެވީ އިނގިރޭސި ވިލާތުގެ ޔުނިވަސިޓީ އޮފް އެސެކްސްގައި އިންސާނީ ހައްގުތަކާ ބެހޭ ޕްރޮފެސަރެއްގެ މަގާމުގަ އެވެ.
ލަންޑަނަށް ޖަމީލް ވަޑައިގަންނަވާ އިރު ޝަހީދު އޮތީ، އެމަނިކުފާނުގެ ހިމާޔަތުގައި އެތައް ކަމެއް ހަމަޖައްސަވައިފަ އެވެ.
އެ ދަތުރުފުޅަށް ފަހު 2018ގެ ރިޔާސީ އިންތިހާބުގައި ޔާމީން ބަލިވެވަޑައިގަންނަވަން ދެން ޖަމީލް ހޭދަކުރެއްވީ، ޔާމީނަށް އެންމެ ބޮޑަށް ފާޑުވިދާޅުވި އިދިކޮޅު އެއް ލީޑަރެއްގެ ގޮތުން، އިނގިރޭސި ވިލާތުގަ އެވެ.
މިހާރުގެ ހާލަތު: ޔާމީންގެ ދިފާއު
މިހާރު މި އޮތީ ޔާމީންގެ ހިމާޔަތަށް ޑރ. ޖަމީލް ނުކުންނަވައިފަ އެވެ. ރިޝްވަތާއި މަނީ ލޯންޑަރިންގެ ޝަރީއަތްތަކުގައި ޔާމީންގެ އެންމެ އިސް އެއް ވަކީލަކީ ޖަމީލެވެ.
އިންސާނީ ހައްގުތައް ހިމާޔަތްކޮށް، ބައެއްގެ ނުވަތަ މީހެއްގެ އިންސާނީ ހައްގުތަކަށް އުނިކަން ލިބޭ ނަމަ، އެކަމެއް ބަލައި، ހައްލެއް ހޯއްދަވަން އުޅުއްވުމަކީ، ޝަހީދުގެ މުހިންމު މަސައްކަތެކެވެ. އޭނާ މިފަހުން ރާއްޖެއަށް ކުރެއްވި ޗުއްޓީ ދަތުރުގައި، ޔާމީނާ ބައްދަލުކުރެއްވީ ވެސް، އެ ނިޔަތް އޮތުމުން ކަމަށް، ވިދާޅުވި އެވެ.
"ރައީސް ޔާމީން ސަރުކާރުގައި ނެތް ދުވަހެއްގައި ރައީސް ޔާމީންގެ ދައުވާ ހިނގަމުން ދާއިރުގައި އެމަނިކުފާނުގެ ފަރާތްޕުޅުން ވަކާލާތުކުރާ މީހުންނާއި އެހެން ބަޔަކު މީގައި އިންސާނީ ހައްގުތައް ހިމެނޭ ކަމެއް އުޅޭކަމަށް ވަންޏާ އެ އަޑު އަހާލުމަކީ އަޅުގަނޑުގެ ވާޖިބެއް ކަމަށް ދެކެނީ،" ބައްދަލުވުން ހިމާޔަތްކުރައްވަމުން ޝަހީދު ވިދާޅުވި އެވެ.

އެކަމަކު ޔާމީން ދެއްކެވީ ކޮން ވާހަކައެއް ކަމެއް، އަދި އުޅުއްވަނީ އިންސާނީ ކޮން ހައްގެއް ގެއްލިިގެން ކަމެއް، ޝަހީދު ވިދާޅެއް ނުވެ އެވެ. 'ދައުރު'ގެ 'ސީދާ' ޕޮޑްކާސްޓަށް ދެއްވި ހާއްސަ އިންޓަވިއުގައި އޭނާ ވިދާޅުވީ "ކޮންމެ އިންސާނަކީ ވެސް އިންސާނީ ހައްގު އޮންނަ މީހެއް" ކަމަށެވެ.
"އެހެންވީމާ އެއްވެސް ބޭފުޅަކު، އެ ބޭފުޅެއްގެ ގައުމީ ހިޔާލާތު، އެބޭފުޅަކާ ގުޅޭ ގޮތުން ނޫނީ އެ ބޭފުޅަކު ޝައުގުވެރިކަން ހުރި އިންސާނީ ހައްގުތަކާ ބެހޭ ވާހަކައެއް ދައްކަވައިފިއްޔާ އެމީހާއާ ބައްދަލުކުރުމަކީ އަޅުގަނޑުކުރަން ޖެހޭނެ ކަމެއް،" ޝަހީދު ވިދާޅުވި އެވެ.
އޭނާ އެގޮތަށް ވިދާޅުވީ ޔާމީނާ ދެކޮޅަށް ކޯޓަށް ހުށައަޅާފައި ވަނީ އެމަނިކުފާނު އެއްވެސް ކަމެއް ނުކުރައްވާ ހުންނަވަނިކޮށް އަނިޔާއެއް ދިނުމުގެ ގޮތުން ކުރިއަށް ގެންދާ މައްސަލަތަކެއްތޯ، ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ޔާމީން އެންމެ ބޮޑަށް ފާހަގަކުރެއްވީ ކޮން ކަމެއްތޯ އާއި ދެއްކެވީ ބޭއިންސާފުގެ ކޮން ވާހަކަތަކެއްތޯ ސުވާލުކުރުމުން ޝަހީދު ވިދާޅުވީ އެއްވެސް މައްސަލައެއްގެ ވާހަކަ ޔާމީން "ހުށައަޅުއްވާފައި ނެތް" ކަމަށެވެ.
"އަޅުގަނޑު ދެންނެވީ ކޮބައިކަން އެއްވެސް ބޭފުޅަކު މައްސަލައެއް [ދުނިޔޭގެ ކަމާ ބެހޭ ފަރާތްތަކަށް] ހުށައަޅުއްވަން ބޭނުންފުޅިއްޔާ އެކަން ކުރެއްވޭނެ ގޮތަކީ،" ދެއްކެވި ވާހަކަތަކުގެ ތަފުސީލަށް ވަޑައިނުގެން، ޝަހީދު ވިދާޅުވި އެވެ.
ވެރިން ޖަލަށް ލުމުގެ ސިލްސިލާ
އިންޓަވިއުގައި ރާއްޖޭގެ ވެރިންނަށް އިޝާރަތްކުރައްވާ އެހެން ވާހަކަތަކެއް ވެސް ޝަހީދު ދެއްކެވި އެވެ. އެ ވާހަކަތަކަށް ޔާމީން އާއި ރާއްޖޭގެ ވެރިކަމަށް ވަޑައިގަންނަވާ އެހެން ބޭފުޅުން ވިސްނެވުން ރަނގަޅެވެ: އަމިއްލަ އަތުން ބާރު ދިޔައިމާ ދެން ކަން ވާ ގޮތެވެ.
ރާއްޖޭގައި އަސްލު ކަންވެފައި އޮތީ އަދި ވަމުން ދަނީ، ވެރިކަމުން ވެއްޓޭ ބޭފުޅުން ޖަލަށް ދިއުމެވެ. ނުވަތަ އޭނާއާ ދެކޮޅަށް އެތައް މައްސަލައެއް ނެގުމެވެ. އެހެން ވަނީ، ޝަހީދު ވިދާޅުވި ގޮތުގައި، ވެރިކަން ކުރައްވާ އިރު މިނިވަން މުއައްސަސާތަކެއް ގާއިމްނުކުރެއްވުމުންނެވެ.
"އަދިއެއް ނުފެނޭ ސިޔާސީ ދާއިރާގައި އުޅުއްވާ ތަނެއް، ސިޔާސީ މަގާމު ބޭނުންކުރައްވައިގެން، ގައުމުގައި މުއައްސަސާތައް އުފައްދަވާ ބޭފުޅުންނެއް،" ޝަހީދު ވިދާޅުވި އެވެ.
"ވަރަށް ގިނައިން ބުރަވެވެނީ ތިމަންނަގެ ވެރިކަން ދަމަހައްޓަން، ތިމަންނައަށް ގެއްލުންނުވާނެ ގޮތަށް ބައްޓަންކުރަން، ތިމަންނަ ވެރިކަމުން ބޭރުނުވާނެ ގޮތެއް ބެއްލެވުން."
ޔާމީންގެ ވެރިކަމުގައި ވެސް އަދި އޭގެ ކުރި އާއި މިހާރު ވެސް، ރައީސުންނާއި މުޅި ސަރުކާރުގެ ވިސްނުން އޮންނަނީ މުއައްސަސާތަކުގެ މައްޗަށް އަތް ގަދަކުރުމުގެ މައްޗަށެވެ. މިނިވަން މުއައްސަސާތައް ފުނޑާލުމެވެ. އެ ނިޔަތުގައި މުއައްސަސާތަކަށް ގިނައިން ލަނީ ނުފޫޒު ފޯރުވޭ އަދި ގާބިލްކަން ވެސް ނެތް މީހުންނެވެ.
ނަތީޖާއަކީ، ޝަހީދުގެ ބަހުން ނަމަ، "ވެރިކަމުގެ ބާރު ބަދަލުވާ ދުވަހު ބާކީވާ މީހާ ޖަލަށް ދިއުމެ"ވެ.
"އެ [އާދަ] ބަދަލުވާ ތަނެއް ނުފެނޭ ރާއްޖެއަކުންނެއް،" އޭނާ ވިދާޅުވި އެވެ.

ސިޔާސީ އެފަދަ ބޭފުޅުންނާ ދެކޮޅަށް ދައުވާ އުފުލަ އެވެ. އެކަމަކު ޝަހީދު ގަބޫލުކުރައްވަނީ އެފަދަ ދައުވާތައް ގިނަ ފަހަރަށް އިންސާފުކޮށް ނުދާ ކަމަށެވެ.
ވެރިންނަށް ވެސް އަދި ރައްޔިތުންނަށް ވެސް ރައްކަލެއް އޮތީ އެ އުސޫލު ބަދަލުވެގެންނެވެ. މިނިވަން މުއައްސާތަކުގެ ފެންވަރު މަތިކޮށް، އެއީ މިނިވަންކަމާ އެކު މަސައްކަތްކުރާ ތަންތަނަށް ހެދުމެވެ.
"ބާރު ލިބިވަޑައިގަންނަވާ ބޭފުޅުން ގަބޫލުފުޅުކުރެއްވުން، އެ ބޭފުޅުންގެ އަތްމަތީގައި އޮންނަ ބާރުތަކަށް ވުރެ މުހިންމޭ ގައުމުގެ ބާރުތައް، މިނިވަން މުއައްސަސާތައް،" ޝަހީދު ވިދާޅުވި އެވެ.
މިވަގުތު ޝަރީއަތްތަކާ ކުރިމަތިވެވަޑައިގެންފައި އޮތީ ޔާމީނަށެވެ. މުޅިން ވެސް އެއް މިލިއަން ޑޮލަރެވެ. އެގޮތުން ތަފާތު ތިން މައްސަލަ ބިނާވަނީ ތިން މިލިއަން ޑޮލަރު، އަމިއްލަފުޅު އެކައުންޓަށް ޖަމާކުރުމާއި އެ ފައިސާ ބޭނުންކުރައްވައިގެން މަނީ ލޯންޑަކުރެއްވި މައްސަލަ އެވެ.
ފުރަތަމަ މައްސަލާގައި، ކްރިމިނަލް ކޯޓާއި ހައި ކޯޓުން ކުށް ސާބިތުވިޔަސް، ޔާމީންގެ ވެރިކަމުގައި ސުޕްރީމް ކޯޓުން ބޭރުކުރި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން، އުއްތަމަ ފަނޑިޔާރަކަށް މިހާރު ހުންނެވި ސުޕްރީމް ކޯޓުން ނިންމީ އެ ކުށް ސާބިތުނުވާ ކަމަށެވެ.
މިހާރު ކުރިއަށް ދާ، ދެ މިލިއަން ޑޮލަރުގެ ދެ މައްސަލަ އޮތީ ކްރިމިނަލް ކޯޓުގަ އެވެ. ޔާމީނަކީ ޕީޕީއެމް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓެވެ. ކުށްވެރިވާ ކަހަލަ ހުކުމެއް އަތުވެއްޖެ ނަމަ އެއީ ސިޔާސީ ހުކުމަކަށް ހަދައި، މިނިވަން އިންތިހާބަކަށް ހުރަސް އެޅުމުގެ އަމަލެއްގެ ގޮތުގައި، އިދިކޮޅުން ސިފަނުކުރާނެ އެއްވެސް ގޮތެއް ނެތެވެ.
ޝަހީދު ހުންނެވީ ބައްލަވާށެވެ. މިހާރު ކުރިއަށް ދާ ޝަރީއަތްތަކާއި ސަރުކާރާ އިދިކޮޅު ފަރާތްތަކަށް ކުރިމަތިވާ ހުރަސްތަކުގެ ތެރެއިން އިންސާނީ ހައްގުތައް ގެއްލޭ ކަންކަން ފާހަގަކުރެއްވުން އެކަށީގެންވެ އެވެ. އަދި އިންޓަވިއުގައި ތަފުސީލަކަށް ވަޑައިނުގަތަސް، މި ޝަރީއަތްތަކުން ނުވަތަ ސަރުކާރުގެ އެހެން އަމަލެއް ހުރި ގޮތަކުން ނަމަވެސް ޔާމީންގެ ގެއްލެނީ ކޮން ހައްގެއްތޯ ބެއްލެވުން ވެސް ކައިރި އެވެ.
އެ ނަޒަރުން ވިސްނާ ނަމަ ޔާމީނާއި ޝަހީދުގެ ބައްދަލުކުރެއްވުން ގުޅިފައި އޮތީ ޔާމީންގެ ހައްގުތަކަކަށް ސަރުކާރުން 'އަރައިގަންނަކަމު'ގެ ޝަކުވާއާ އެވެ.
ދެން އޮންނާނީ ބައިނަލްއަގުވާމީ އިދާރާތަކަށް އެކަން ހުށައެޅުމެވެ. ޔާމީންގެ ވެރިކަމުގައި ނަޝީދާއި ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހިމް ފަދަ، ރިޔާސީ އިންތިހާބަށް ނުކުންނަވަން ތިއްބެވި ބޭފުޅުން ކަން ކުރެއްވީ އެގޮތަށެވެ.
ލަންޑަންގައި ހުންނަވައިގެން އެ ބޭފުޅުންނަށް ވެސް ޝަހީދުގެ ލަފަ އާއި އިރުޝާދު އޮންނާނީ ލިބިވަޑައިގެންފަ އެވެ. އެކަމަކު ބައިނަލްއަގުވާމީ ޕްރެޝަރުތައް ޔާމީންގެ ސަރުކާރަށް ކުރިމަތިވިޔަސް އިންތިހާބުގައި އެއިން ބޭފުޅަކަށް ވާދައެއް ނުކުރެއްވުނެވެ. އެ ބޭފުޅުން ގައުމަށް ވަޑައިގަތީ ޔާމީންގެ ވެރިކަން ނިމުނީމަ އެވެ.
ކޮމެންޓް (3)
ތެފައާސާ
ޖަމަލުއެއް
ޖަމަލު 2