Majlis 2024

ކުރީގެ ފޮރިން މިނިސްޓަރު ޕްރޮފެސަރު އަހުމަދު ޝަހީދު، 'ދައުރު'އަށް އިންޓަވިއު ދެއްވަނީ (ދައުރު ފޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް)

ސިޔާސީ

މާޔޫސްވެއްޖެ، އެކަމަކު ޝަހީދު ވިދާޅުވަނީ އެހެން ވާހަކައެއް

މީގެ 18 އަހަރު ކުރިން ފެށި އިސްލާހީ މަސައްކަތުގައި އޭރު ދިވެހިން ގަބޫލުކުރީ ދެން ފެންނާނީ ރީތި ސިފަތަކުގެ ވެރިން ކަމަށް. ނަމަވެސް ގައުމުގައި އުފެދުނީ އެފަދަ ބައެއް ނޫން
6 ސެޕްޓެމްބަރު 2022
10

މުހިންމު ނުކުތާތައް

ސިޔާސީ ވެރިންގެ އިތުރުން އާންމުންނަށް ވެސް ކޮންމެ ކަމެއް ވަރިހަމަ

ހިޔާނާތް ރަނގަޅު ކަމަށް ގަބޫލުކުރެވޭ ނިޒާމް އުފައްދަނީ ސިޔާސީ ވެރިންގެ އަމިއްލަ ފައިދާއަށް

އުއްމީދު ކަނޑާލައިގެން ނުވާނެ، ކޮންމެވެސް ދުވަހަކުން ރަނގަޅުވާނެ

މިއީ 'ދައުރު'ގެ އެޑިޓަރު މޫސާ ލަތީފުގެ 'ސީދާ' ޕޮޑްކާސްޓްއަށް ޕްރޮފެސަރު އަހުމަދު ޝަހީދު ދެއްވި އިންޓަވިއުގެ މައްޗަށް ބިނާކޮށް ލިއުނު ފުރަތަމަ ރިޕޯޓެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދިގު ވެރިކަން ނިމުމަކަށް ގެންނަން ފެށި ހަރަކާތްތައް ވަރުގަދަ އެވެ. މާފުށީ ޖަލުގެ އެ ބޮޑު ލޭ އޮހޮރުވުމުގެ ތެރެއިން 2003ގައި ލިބުނު ހިތްވަރުގައި ނެރުނު ފޯރީގެ މައިގަނޑު އުއްމީދަކީ، އިންސާފުވެރި، ތެދުވެރި، އަދި އަމާނާތްތެރި ސަރުކާރުތަކެއް، ކުރިމަގުގައި ގާއިމްކުރުމެވެ.

އެކަމަކު ސިޔާސީ އެ ބަދަލުން ގައުމުގެ ވެރިކަން ހިންގުން ވަކި ރީއްޗެއް ނުކުރެވުނެވެ. ވީ ގޯހެވެ. އާ ގާނޫނުއަސާސީން އެތައް މިނިވަންކަމެއް ލިބި އަދި އަސާސީ ހައްގުތައް ކަށަވަރުވިޔަސް، ދައުލަތުގެ ވެރިންނާ މެދު ކުރެވޭ ބޮޑެތި ތުހުމަތުތައް، މައުމޫންގެ 30 އަހަރުގެ ވެރިކަމުގެ ހާލަތަށް ވުރެ މާ ހުތުރެވެ. މާ ގިނަ އެވެ.

ސިޔާސީ ވެރިންގެ އަމަލްތަކާ މެދު ވިސްނާ ދިވެހިން ހަގީގަތުގައި މިހާރު ތިބީ މާޔޫސްވެފަ އެވެ. އެ މީހުންގެ ކަންބޮޑުވުމަކީ، އާ ގާނޫނުއަސާސީން ގައުމަށް 'ހޯދައިދިން' އިހުލާސްތެރި، ތެދުވެރި ސިޔާސީ ވެރިން ކޮބައި ހެއްޔެވެ؟ އޭގެ ފަހުން ދެން އޮތް ކަންބޮޑުވުމަކީ ހަރާބުވެފައިވާ ސިޔާސީ ހަރަކާތްތަކާ އެކު އާންމު ގިނަ މީހުންގެ ވިސްނުން ވެސް ހަރާބުވުމެވެ. 

މާފުށީ ޖަލުގައި 2003ގައި ސިފައިން ބަޑި ޖެހުމުން ޒަހަމްވި މީހުން ޖަލުގެ ގޯތި ތެރޭގައި: މައުމޫންގެ އިސްލާހީ އެޖެންޑާ ފެށުނީ މި ލޭއޮހޮރުވުމާ ގުޅިގެން

މީގެ 18 އަހަރު ކުރިން ފެށި ޒަމާނީ ޑިމޮކްރަސީގެ ދަތުރުގައި ރާއްޖެ ކުރި ތަޖުރިބާތަކާ ބެހޭ ގޮތުން ސުވާލުކުރަން، ކުރީގެ ފޮރިން މިނިސްޓަރު ޕްރޮފެސަރު އަހުމަދު ޝަހީދަށް ވުރެ އެކަށީގެންވާ ބޭފުޅުން މަދުވާނެ އެވެ. މިހާރު އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް އެސެކްސްގައި އިންސާނީ ހައްގުތަކުގެ ގާނޫނީ ދާއިރާގެ ޕްރޮފެސަރެއްގެ ގޮތުން މަސައްކަތް ކުރައްވަމުން އަންނަ ޝަހީދަކީ މައުމޫންގެ އިސްލާހީ އެޖެންޑާގެ އިސް އެއް މޭސްތިރި އެވެ. މައުމޫންގެ އަރިހުގައި އެ ދުވަސްވަރު ގިނަ މަސައްކަތްތަކެއް ކުރެއްވި އެވެ. އަދި 30 އަހަރަށް ދެމިގެންދިޔަ ވެރިކަމުގެ މޫނުމަތި، ބައިނަލްއަގުވާމީ ދުނިޔޭގައި ރީތިކުރެވޭތޯ ވެސް ވަރަށް ހިތްވަރުކުރެއްވި އެވެ.

ގިނަ ކަންކަން ހާސިލެއްނުވި

އެމްޑީޕީގެ ފުރަތަމަ ވެރިކަން 2012ގައި ވެއްޓުމާ އެކުހެން އިނގިރޭސިވިލާތަށް ޝަހީދު ދިރިއުޅުން ބަދަލުކުރެއްވި ފަހުން، ދިގު ފުރަތަމަ ޗުއްޓީ އާއިލާއާ އެކު ދާދި ފަހުން ރައްޖޭގައި ހޭދަކުރެއްވި އެވެ. 'ދައުރު'ގެ ޕޮޑްކާސްޓް 'ސީދާ'އަށް އިންޓަވިއު ދެއްވީ އެ ޗުއްޓީގެ ތެރޭގަ އެވެ.

ޝަހީދަށް އަމާޒުކުރި ފުރަތަމަ ސުވާލަކީ ވެސް އާ ގާނޫނުއަސާސީއާ އެކު އޭރު ގިނަ ދިވެހިން އުއްމީދުކުރި ވަރުގެ ބަދަލުތަކެއް އައިތޯ އެވެ؟ ޖަވާބު ވަރަށް ތަފުސީލެވެ. ހުލާސާއަކީ މި އެވެ؛ ކުރިން ނެތް އެތައް މިނިވަންކަމެކެވެ. ސިއްހީ ހިދުމަތްތައް އެތައް ތަނަކުން ރަނގަޅުވި އެވެ. ތައުލީމީ ފުރުސަތު ގިނަވި އެވެ. ސިޔާސީ ހަރަކާތްތަކަށް މަގު ހުޅުވުނެވެ. ނޫސްވެރިކަމުގެ މިނިވަންކަން ވެސް ލިބުނެވެ.

އެކަމަކު ތެދުވެރި، އަމާނާތްތެރި އަދި އިހުލާސްތެރި ސިޔާސީ ވެރިންނާއި ދައުލަތުގެ މަސްއޫލު ފަރާތްތަކުގެ އިތުރުން އެ ރީތި ސިފަތަކުގެ ހެދުން އަޅައިގެން ތިބި އާންމުންގެ އަދަދު ވެސް، އޭރު އުއްމީދުކުރި ވަރަކަށް ނުދިޔަ އެވެ. ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި ފާޅުގައި އެނގިގެން ހިންގާ ހިޔާނާތާއި އާންމުންނަށް ނޭނގި ކުރަމުން ދާ ގޯސް އެތައް އަމަލެއްގެ ސަބަބުން މުޅި މުޖުތަމައުއަށް އޭގެ ނުބައި އަސަރު ވަނީ ކޮށްފަ އެވެ.

ހިޔާނާތުން އުފެދޭ މުއްސަނދިކަމާއި ނުބައި ގޮތްގޮތަށް ހޯދާ ފައިސާ، މިހާރު ގިނަ މީހުންނަށް 'އޯކޭ' އެވެ. އަދި އެ ހިޔާނާތް ހިންގާ ދައުލަތުގެ ވެރިން ވެސް ގިނަ މީހުންނަށް 'އޯކޭ' އެވެ. އެކަމަކު އިސްލާހީ ހަރަކާތުގެ ދުވަސްވަރު އާންމު ރައްޔިތުން އުއްމީދުކުރީ އެފަދަ 'އޯކޭ' ނުވަތަ 'ވަރިހަމަކަން' ދުވަހަކު ވެސް ދިވެހިން ދެން ގަބޫލުނުކުރާނެ ކަމަށެވެ.

"ޑިމޮކްރެޓިކް ވެއްޓެއް ގާއިމްކުރުމުގައި އޭރު ދެއްކި ވާހަކަތަކާ އަޅާބަލައިފިއްޔާ ވަރަށް ގިނަ ކަންކަން ހުރީ ހާސިލްނުވެ،" އަޅުގަނޑު ދެންނެވި ސުވާލުގެ ތަފުސީލީ ޖަވާބުގައި، ޝަހީދު ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ދެކޮޅަށް 1 މޭ 2015 ގައި ބޭއްވި ބޮޑު މުޒާހަރާ: މިކަހަލަ ގިނަ މުޒާހަރާތަކެއް އެކި ވެރިންނާ ދެކޮޅަށް ފެނިފައިވޭ

އޭނާގެ ވާހަކަ ވަށައިޖެއްސުމުގެ ތެރޭގައި، މުޅި ނިޒާމް ހަލާކުވުމުގެ ސަބަބުތަކުގެ ތެރޭގައި ވަރަށް އާދައިގެ މިސާލެއް ނެންގެވި އެވެ. އެކަމަކު އެއީ އެއް ގޮތަކުން ވަރަށް ފުރިހަމަ ވެސް މިސާލެއް މެ އެވެ. އެއީ ސިވިލް ސާވިސް ވަޒީފާއަކަށް ކުރިމަތިލާ މީހާ ވަކި ކަހަލަ ފާސްތަކެއް ހުށައަޅަން ޖެހޭ އިރު، އެ އެންމެންގެ މައްޗަށް މިތިބޭ ސިޔާސީ މީހުންނަށް އެފަދަ ފާހެއް ބޭނުންނުވުމެވެ. 

"މި ގޮތަށް ދިމާވީމާ ބައެއް ކަހަލަ މައްސަލަތައް ހުރޭ. މި ހުރިހާ އެއްޗެއް އެއްކޮށްލީމާ އަންނަ ނަތީޖާއަކީ ވަރަށް ގިނަ ރައްޔިތުންގެ އުއްމީދުތަކެއް ވަނީ [ޑިމޮކްރަސީގެ މި ދަތުރުގައި] ހާސިލްނުކުރެވި،" ޝަހީދު ވިދާޅުވި އެވެ.

އެކަމަކު ތައުލީމީ މީހަކަށް ވުމަކީ ގައުމަށާއި ދީނަށާއި އާންމު އުސޫލުތަކަށް ތެދުވެރި މީހަކަށް ވުމެއް ވެސް ނޫނެވެ. އޭގެ މިސާލު އަޅުގަނޑު ދެއްކީ ކުރީގެ ރައީސުން ކަމަށްވާ މައުމޫނާއި މުހައްމަދު ނަޝީދު އަދި އަބްދުﷲ ޔާމީންގެ ނަން ގެނެސްގެންނެވެ. އެއިން ކޮންމެ ބޭފުޅަކު ވެސް ވަނީ ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލްކުރައްވައިފަ އެވެ. އަދި އެހާމެ މޮޅު ވެސް މެ އެވެ.

ޝަހީދު ވިދާޅުވީ ތައުލީމުގެ ސެޓްފިކެޓާއި މީހެއްގެ އަހުލާގާއި ސުލޫކު އަދި މުޅިން ތަފާތު ކަމަށެވެ. ތައުލީމު އޭނާ ނެންގެވީ ވަރަށް ފުޅާ ދާއިރާއެއްގަ އެވެ. މިސާލަކަށް ހިޔާނާތުގެ ފައިސާ ރަނގަޅު ކަމަށާއި ހިޔާނާތްތެރިންނަކީ 'މޮޅު ބައެއް' ކަމަށް އާންމު މުޖުތަމައު ގަބޫލުކުރާނީ، އާންމުންގެ ހޭލުންތެރިކަން އެ މިންވަރަށް ނެތުމުންނެވެ. އެ ހޭލުންތެރިކަން ފުރަތަމަ އަންނަން ޖެހޭނީ ތައުލީމީ ދާއިރާއިންނެވެ. ސްކޫލްތަކުންނެވެ. އެކަމަކު މިނިވަން ޑިމޮކްރަސީގައި އެ ހޭލުންތެރިކަން އިންތިޒާމީ ރޭވުމެއްގެ ތެރެއިން މުޅި މުޖުތަމައުއަށް ފެތުރިގެންނެއް ނުދިޔަ އެވެ.

ރާއްޖޭގައި މަތީ ތައުލީމު ހާސިލްކޮށްފައިވާ މީހުންގެ އަދަދު މިހާރު ވަރަށް ގިނަ އެވެ. ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލުމާއި އެންމެ ކުޑަވެގެން އޯ ލެވެލް އިން ފާސްނުވާ މީހަކަށް ވެސް، މިހާރުގެ ތައުލީމީ ނިޒާމުން ޖާގަ ލިބޭތީ، އެތައް ހާސް ބަޔަކު އަންނަނީ އެ ސެޓްފިކެޓަށް ކިޔަވަމުންނެވެ. އެކަމަކު މި 'ތައުލީމީ' މުޖުތަމައުގެ ގިނަ ބަޔަކު މި ތިބީ ސިޔާސީ ވެރިންގެ ހިޔާނާތްތައް ގަބޫލުކޮށްގެންނެވެ. އެފަދަ ތުހުމަތުތަކާ މެދު އަޅާލުމެއް ވެސް ނެތި އެވެ.

ޝަހީދު ވެސް އެއްބަސްވެވަޑައިގަތެވެ.

ރާއްޖޭގެ ސިޔާސީ ލީޑަރުން: އާ ގާނޫނުއަސާސީން ގިނަ ހައްގުތަކެއް ލިބުނަސް ވެރިކަން ހިންގުމުގެ ތެރޭގައި ބޮޑެތި މައްސަލަތައް ގިނަ (ފޮޓޯ/ ޕީއެސްއެމް)

"މިއަދު ހިތާމައާ އެކު ދަންނަވަން ޖެެހެނީ ކޮރަޕްޝަނާ ދެކޮޅަށް [އުޅުއްވާ]، ކޮރަޕްޝަންގައި ނުޖެހޭ ބޭފުޅަކު އާންމުން ބަލަނީ މޮޔައެއް ކަމަށް،" އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް [ސިޔާސީ ބޭފުޅަކު ވެސް] އަމިއްލަފުޅު ފައިދާއެއް ނުނަންގަވައިފިއްޔާ [އެއީ] މޮޔައެއް."

މިއީ ގައުމަކުން ފެންނާނެ އެންމެ ނުބައި ސިފަ އެވެ. އާންމު މުޖުތަމައުގައި އެ ސިފަ ހުރެއްޖެ ނަމަ ތެދުވެރި ގައުމެއް އުފައްދާނެ ގޮތެއް ނޯންނާނެ އެވެ. އެކަމަކު ހަގީގަތުގައި އެއީ ސިޔާސީ ފައިދާއަށް ވަކި ބަޔަކު ބައްޓަން ކުރަމުން އަންނަ ނިޒާމެކެވެ. ޝަހީދުގެ ބަހުން ނަމަ މި ހިސާބަށް ރާއްޖެ ދިޔައީ "އަޅުގަނޑުމެންގެ ވެރިންގެ ގޯސްކަމުންނެ"ވެ.

"އަޅުގަނޑުމެންގެ ވެރިންނަށް ފައިދާކުރޭ ރައްޔިތުން އެގޮތަށް ކަން ކުރަމުން [ހިޔާނާތާއި ވެރިންގެ ގޯސް އަމަލްތައް ދިފާއުކުރުން] ގެންދިއައްޔާ،" އޭނާ ވިދާޅުވި އެވެ.

"މިހާރު ރައްޔިތުންނަށް ދަސްކޮށްދީފައި މި އޮތީ، އެމީހުންނަށް ވެސް ފައިދާ ވާނީ އެހެން އުޅުނިއްޔާއޭ."

ބަދަލުގެ ބިންގާ ވަނީ ގުޑާފައި

މައުމޫންގެ އިސްލާހީ އެޖެންޑާ އާއި އެމްޑީޕީ އިސްކޮށް އޮވެ އޭރުގެ ސަރުކާރަށް ކުރި ޕްރެޝަރުތަކުގެ މައިގަނޑު ބިންގަލަކީ ސާފުތާހިރު ސިޔާސީ ވެރިންނާއި ރައްޔިތުން ހިމެނޭ މުޖުތަމައުއެއް އުފެއްދުމެވެ. އެކަމަކު ދިވެހިންނޭވެ! ޒަމާނީ ޑިމޮކްރަސީގެ ސިފަތަކެއް ޖެހުނަސް، އަހަރެމެންގެ މައިގަނޑު އެ ބިންގާ ވަނީ ވަރަށް ބޮޑަށް ގުޑައިފަ އެވެ. މިއަދު ގިނަ ދިވެހިން މި ތިބީ ދައުލަތުގެ ވެރިކަމުގެ ނިޒާމް، އޭގެ ތެރޭގައި ޝަރުއީ ނިޒާމާއި ރައްޔިތުންގެ މަޖިލިހާއި މިނިވަން މުއައްސަސާތައް ވެސް ހިމެނޭ ގޮތަށް، ހިޔާނާތުން ހަރާބު ވިޔަސް އެންމެ ރަނގަޅު ކަމަށް ގަބޫލުކޮށްގެންނެވެ.

ޝަހީދު ވިދާޅުވި ގޮތުގައި ކޮރަޕްޝަންގެ ތެރެއަށް ގައުމު ވަންނަނީ "އާންމު މަސްލަހަތަށް ވުރެ އަމިއްލަ މަސްލަހަތު މުހިންމުކުރެވުނީމަ" އެވެ.

"ދަސްވެފައި މި ހުންނަނީ އެމީހަކަށް ލިބުނު އެއްޗެއް ނެގިއްޔާއޭ ފައިދާއެއްކުރާނީ،" ޝަހީދު ވިދާޅުވި އެވެ.

"މި ނިޒާމަކީ ވެރިން ގާއިމްކުރި ނިޒާމެއް."

މާޔޫސްވެއްޖެ އެވެ. މާޔޫސްވެފައި ތިބި ދިވެހިން ގިނަ އެވެ. ތެދުވެރިކަމާއި އަމާނާތްތެރިކަމަށް ވިސްނާ މީހުން ވެސް އެބަ އުޅެ އެވެ. ރާއްޖެއިން ރަނގަޅު ވެރިން ފެންނާނެކަމާ މެދު އެ މީހުންގެ އުއްމީދު ކުޑަ އެވެ. އެކަމަކު ޝަހީދު ވިދާޅުވީ އުއްމީދު ކަނޑާލައިގެން ނުވާނެ ކަމަށެވެ. މާޔޫސްވިޔަސް، އަބަދުވެސް އުއްމީދު އޮންނަން ޖެހޭނެ ކަމަށެވެ. ސަބަބަކީ ރާއްޖޭގައި ގޯސް އެތައް ކަމެއް އާންމު ވިޔަސް، ރަނގަޅު އެތައް ކަމެއް ވެސް ފެންނާތީ އެވެ. އޭގެ އެއް މިސާލަކީ މިނިވަން އިންތިހާބެއް ބޭއްވުމުގެ ފުރުސަތު އޮތުމެވެ.

ނަމަވެސް އެ އިންތިހާބުގައި ވޯޓު ލާން އާންމުންނަށް ލިބެނީ ހިޔާނާތުގެ ތުހުމަތުތަކާއި ގައުމަށް ގެއްލުން ހުރި އެތައް ކަމެއް ކުރައްވަފާނެ ފަދަ ކެންޑިޑޭޓުންތަކެއް ނަމަ، ދެން އުއްމީދުކުރަންވީ ކޮން ކަމަކަށް ހެއްޔެވެ؟

ޕްރޮފެސަރު ޝަހީދުގެ ބަހަކީ، ކޮންމެވެސް ދުވަހަކުން ރަނގަޅުވާނެ އެވެ. ހުރިހާ ހަރާބެއްގެ ތެރެއިން ވެސް ރަނގަޅު ބަޔަކު ފެނިދާނެ އެވެ.

އާއެނކެވެ. ކޮންމެވެސް ދުވަހަކުންނެވެ.

ކޮމެންޓް (10)

ލުޒީޝާ

9 ސެޕްޓެމްބަރު 2022
މޭޑޭގެ މުޒާހަރާގެ ފޮޓޯއެއް ނެތީތަ ހިމަނާނުލެވުނީ
0 0

ނިއު މޯލްޑިވްސް

8 ސެޕްޓެމްބަރު 2022
ސަހީދުގެހުރި ދެފުށްކެހެރި ކަން ދޯ؟
0 0

ޞޮވަަސް

7 ސެޕްޓެމްބަރު 2022
ކޮންތަނަކުން ލިބުނު ޕްރޮފެސަރުކަމެއްތޯ ހިތަށްއެރީ
0 0

އަދީބު

6 ސެޕްޓެމްބަރު 2022
އޯކޭ ދޯ ދެން
1 0

ސިކުނޑި

6 ސެޕްޓެމްބަރު 2022
"ނުފިރުކެނީސް ދުވަން ނޫޅޭށޭ" މުސްކުޅިން ބުނެ އުޅޭ! އެއީ ވެއްޓި އަނިޔާއެއް ވެދާނެތީ! ޑިމޮކްރަސީގައި ރާއްޖެ މިއޮތީ ވެއްޓި ވެއްޔާ މެޑެވި ހަން ނޮޅި އޮރިޔާންވެފަ! މިކަމުގެ ޒިންމާ ނަގަންޖެހޭ އެއްބަޔަކީ ނިއު މޯލްޑިވްސް! މައުމޫނުގެ އިސްލާހީ އެޖެންޑާ ބޮލާލައި ޖަހައި އެމްޑީޕީފަހަތަށް އަރައިގެން މުޅި ސަރުކާރު ޚަރާބު ކުރީ އެމީހުން! އެއީކީ މީހަކު ތަފުސީލު އިތުރަށް ލިޔަންޖެހޭ ވާހަކައެއް ނޫން އިހަކަށް ދުވަހު ލޯމަތީގައި ހިނގި ކަމެއް! އިޚްލާސްތެރި ކަމެއް ނެތި އަމިއްލަ އެދުމުން ފޯވެ ތިބެ ކަމެއް ކުރާނަމަ އެކަމަކުން ލިބޭނެ މަންފާއެއް ނޯންނާނެ! ތާހިރު ދިރިއުޅުން ވީ ނުތާހިރު! އިންސާފު ވެގެން ދިޔައީ ނާއިންސާފަށް! ހެޔޮ ވެރިކަން ވެގެން މިދަނީ ބަލާވެރިކަމަށް! ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަން ވަނީ ފިތުނަޔަށް!
16 0

ސަލާހް އަހްމަދު

6 ސެޕްޓެމްބަރު 2022
ހަރުދަނާ ސުލޫކެއް ހުރި ބޮޑުވާ ޒުވާނަކު ވެއްޖެޔާ ގައުމުން ކެތް ނުވެގެން ނުކުންނަމުން ދަނީ. ވަޒީފާއަަކަށް ލިޔަސް، ވަޒީފާ ލިބެނީ އެތަނެއްގައި ތިބޭ މީހާގެ ރަހުމަތްތެރިންނަށް. އަމިއްލަ ވިޔަފާރިއެއް ފެށިއަސް، މުދާ އެތެރެކުރަންޏާ ކަސްޓަމްސް އަށް ކަޓް ނުދެންޏާ އެހާ ގޯނާއެއް ކުރޭ. ޓެކްސް ދައްކަން ޖެހޭކަން ގަބޫލުކޮށް ޓެކްސް ދައްކާއިރު، ޓެކްސް ނުދައްކާ މީހުންނަށް ހަމަ އުޅެވޭ. ނުވިތާކަށް މަގެއްގެ މައްޗަށް ނުކުންނަ އިރަށް ފެންނަނީ ހައްލުވެފައި ހުންނަން ޖެހޭ އަސާސީ ކަންކަމަށް އަޅާ ނުލެވިފައި އޮތްތަން. ދެން ހިތްދަތި ވެގެން އެކަމާ އުޅެންވީ ވެސް ހަރުދަނާ މީހާ، ކޮންމެ ދުވަހަކު ހިތް ހަލާކުވެ މަރުވަންދެން. މީހަކާ އިނަސް އާސަންދަ ނުލިބޭ ތަން ވެސް އެބަ އާދޭ. ރާއްޖޭގަ ފެތުރިފައި ވަނީ ހަރުދަނާ މީހަކަށް ވެއްޖެޔާ އުޅެން ހިތްދަތި، ތަދު، އަސަރުކުރާނެ ހާލަތެއް. ގައުމުން ޒުވާނުން ނުކުންނަނީ ސަބަބެއް އޮވެގެން. ގިނަ ބަޔަކު ބޭނުމީ އަޑުއިވިފައިވާ ތިލަ މައުލޫމާތެއްގެ މައްޗަށް ބަރޯސާވެ އިތުރު އިލްމެއް ނުއެނގެނެން. ގައުމަށް ޒިންމާ އޮތް ކަމަށް ދަންނަ މީހަކު މަދު. ގައުމުން ތިމާއަށް ފުށްދާ ދޭން ޖެހޭ ޒިންމާތައް އަބަދުވެސް މީހުންގެ ހިތުގަ އޮންނަނީ. ވަގުތު ބޭކާރު ކުރުމުގައި އެންމެން ޝާމިލުވެ އުޅޭ އިރު، ކަމެއް ޖެހުނީމަ ސަރުކާރު. އޯ ލެވެލް އިން ޓޮޕް 10 އަށް އެއްހާސް ކުދިން ކޮންމެ އަހަރަކު އަރަމުން ދާއިރު، ސިޔާސީ ކަންކަމާ ގާތްވާނެ ކުއްޖަކު ނެތް. ހަމަ ޝަހީދު ވިދާޅުވި ގޮތަށް ތައުލީމު ނެތީމަ މީހުންނަށް ވާގޮތް. ވިސްނާ ފިކުރު ކުރާނެ މީހަކު ނެތީ.
17 0

ކަލަެފާނު

6 ސެޕްޓެމްބަރު 2022
ނަޝީދުމެން މަންޑޭލާ ހެދިގެން އުޅުނީ އަމިއްލަ އެދުމުގައި.
19 7

އަހުމަދު

8 ސެޕްޓެމްބަރު 2022
@ކަލަެފާނު ކުރެވުނުކަމެއްވެސް ކުރެވުނީ ނަޝީދަށް.
3 3

ނަޖްވާ

6 ސެޕްޓެމްބަރު 2022
ކީކޭ އަޅެދެން ފަހެ ބުނާނީވިއްޔާމުން!
6 2

ނަޖްވާ

6 ސެޕްޓެމްބަރު 2022
މި ޑޮކްޓަރު ސަހީދު ކޮންވާހަކައެއްބާ މިހާރު މި ދައްކަނީ! ހީވަނީ ފޮރިން މިނިސްޓަރުކަން ނުލިބުނީމަ އެކަމާ ހަމަ ޖޭ ވެގެން އުޅެނިއްޔޭ އިނގޭ! އަނެއްހެން އަބްލޯ ސާހިދާ ނިކަން ވާދަޖަހާ ހިތްވާނެ!
11 26

އިތުރު އާޓިކަލް

އިތުރު އާޓިކަލް