ކިތައްމެ ވަރަކަށް ވެސް ޒުވާނުންނާ ދިމާއަށް އެއްޗެހިކީދާނެ އެވެ. ކިތައްމެ ވަރަކަށް ވެސް ޒުވާނުން ގޯސްކޮށްގެން ވާހަކަ ދެއްކިދާނެ އެވެ. އެކަމަކު ދިވެހި ޒުވާނުންނަށް ކުރިމަތިވެފައި ހުރި މައްސަލަތައް އެމީހުން ކައިރިން އަހާ އޮޅުންފިލުވުމުން ފެންނަ މަންޒަަރު މުޅިން ތަފާތެވެ. އެހެންކަމުން ޒުވާނުންނާ ގުުޅުވައިގެން ދެކެވޭ ބައެއް ވާހަކަތަކަކީ ދެ ޖީލެއްގެ ދެމެދުގައި ހުރި ބޮޑު ފަރަގު ކަމަށް ބުނަމާ ހިނގާށެވެ.
އެ ފަރަގު ވަރަށް ތަފާތެވެ. މިސާލަކަށް އޮފީހަށް ގަޑިޖެހިގެން ދިއުމާއި ސަލާން ބުނުމާ މެދު އުމުރުން ދޮށީ މީހުން ދެކޭ ގޮތާއި މިހާރުގެ ޒުވާނުން ގަބޫލުކުރާ ގޮތެވެ. މި ދެ ބައިގެ ވިސްނުމާއި އާދަތައް ރާއްޖޭގައި މި އޮތީ ބަދަލުވެފަ އެވެ. އަޅުގަނޑު ކަހަލަ ބައްޕައަކު އޮފީހުގެ ގަޑިއަށް ދޭ ސަމާލުކަން ވަޒީފާ އަދާކުރުމުގެ އެންމެ ފުރަތަމަ ރުކުނަށް ހެދިޔަސް 25 އަހަރުގެ ޒުވާނުން، ފަހަރެއްގައި، ނުވަތަ ގިނަ ފަހަރު، އެކަމަށް ޖަހާލުން ގާތީ ހިނިގަނޑެކެވެ.
ސިޔާސީ ގޮތުން ރާއްޖެއަށް އައި ބަދަލާ އެކު ކުރިއަށް ދާން ޖެހިފައި މި އޮތީ ކެތްތެރިކަމާ އެކު ކަމަށް އަޅުގަނޑު ކަހަލަ 50ގެ އަހަރުތައް ގުނަމުން ދާ މީހަކަށް ވިސްނުނަސް ޒުވާނުންނަށް އެ ބަދަލުތަކުން ފެންނަނީ މާޔޫސްކަމެވެ. އުއްމީދެއް ނެތް ތަނެވެ.
އަޅުގަނޑުގެ ޕޮޑްކާސްޓަށް އިޖްލާޒް އަބްދުއްރަޝީދު (އިޖޫ)އަށް ދައުވަތު ދިނީ ގައުމުގެ ކަންކަމާ މެދު ޒުވާނުން ދެކޭ ގޮތް ބަލައިލާށެވެ. މެލޭޝިއާއިން ގާނޫނީ ރޮނގުން މަތީ ތައުލީމު ހާސިލްކޮށްގެން އަމިއްލަ ލޯ ފާމެއްގައި މިހާރު މަސައްކަތް ކުރަމުން އަންނަ 28 އަހަރުގެ އިޖުލާޒް ގައުމުގެ ކަންކަމާ މެދު ވިސްނަ އެވެ. އޭނާއަކީ ކަންކަމާ ބަސް ބުނަން ކެރޭ، ފާޑުކިޔަން ބޭނުން އަދި ޒުވާނުންނަށާއި ގައުމަށް ރަނގަޅު ގޮތްވުމަށް އެދިއެދި ހުރި ޒުވާނެކެވެ.