އިއްތިފާގަކުން އެ ދެ އާއިލާއަށް ވަދެވުނީ އެއް ރެސްޓޯރެންޓަކަށް، ގާތްގަނޑަކަށް އެއް ވަގުތެއްގަ އެވެ. ދެ އާއިލާ ގޮސް އިށީނީ ކައިރިކައިރީގައި ހުރި ދެ މޭޒުގަ އެވެ. ދެ އާއިލާގެ ވެސް ތިބީ އުމުރުން ތިން އަހަރުގެ ދެ ފިރިހެން ކުދިންނެވެ.
ދެބައި މީހުން ދައްކާ ވާހަކަ އެއް ބަޔަކު އަނެއް ބަޔަކަށް އިވެ އެވެ. އޭގެ ތެރެއިން އެއް ކުއްޖަކު ބުނާ އެއްޗެއް ބުނީ އިނގިރޭސި ބަހުންނެވެ. އަނެއް އާއިލާގެ ކުއްޖާ ބޭނުންވާ އެއްޗެއް މައިންބަފައިން ކައިރީ އަހަމުން، ބުނަމުން ދިޔައީ ދިވެހި ބަހުންނެވެ.
"ހާދަ ރީތިކޮށޭ އިނގިރޭސިން އެ ވާހަކަ ދައްކަނީ އެ ކުއްޖާ،" ފިރިމީހާ ކައިރީ މަޑުމަޑުން އަންހެނުން އެހި އެވެ.
އޭނާގެ ދަރިފުޅަށް އެގޮތަށް އިނގިރޭސިން ވާހަކަ ދައްކަން އަދި ނޭނގޭތީ މަންމަ ހުރީ ދެރަވެފަ އެވެ. އެއީ ބޭބީ ނާސަރީގައި އުޅެމުން އަންނަ ދަރިފުޅުގެ އުނި ކަމެއް ކަމަށް އޭނާއަށް ބެލެވުނެވެ.
ނަމަވެސް ބަހުގެ އިލްމުވެރިންނާއި ތަޖުރިބާކާރުން ބުނާ ގޮތުގައި މާދަރީ ބަސް ދޫކޮށް ބޭރު ބަހަކަށް އިސްކަން ދިނުމުން އަސްލު ކުދިން މޮޅުވަނީކީ ނޫނެވެ. އެ އެޅެނީ އެއް ފިޔަވަޅު ފަހަތަށް ކަމަށް އެ މީހުން ބުނެ އެވެ.
ރާއްޖޭގެ ޒަމާނީ ވަރަށް ގިނަ ބެލެނިވެރިން ދިވެހި ބަހުން ވާހަކަ ދެއްކުމުގެ ބަދަލުގައި ދަރިންނަށް ފުރަތަމަ ވެސް އިނގިރޭސި ބަސް ދަސްކޮށްދޭން ބޭނުންވެ އެވެ. ބޮޑެތި ވަމުން އަންނަ ކުދިންނަށް، އޭގެ ސަބަބުން، އަމިއްލަ ބަސް ރަނގަޅަށް ނޭނގުމުގެ ކަންބޮޑުވުން ވެސް ދަނީ މައްޗަށެވެ. އިނގިރޭސި ބަހުން ވާހަކަ ދެއްކުމަކީ ޒަމާނީ ސިފައަކަށް ވެ، މާދަރީ ބަހާ ދިވެހިން ދުރަށް ދެވޭކަން، ކުޑަކުދިންނާ ބައްދަލުވާ ކޮންމެ ތަނަކުން ވެސް އެނގޭނެ އެވެ.
'ދައުރު'ގެ ޕޮޑްކާސްޓް 'މޫސާ ލަތީފް'ގެ މި ހަފުތާގެ ޝޯގައި ދިވެހި ބަހުގެ ކުރިމަގާ ބެހޭ ސުވާލުތައް ދެންނެވީ ބައިނަލްއަގުވާމީ ގުޅުންތަކާ ބެހޭ ދާއިރާއިން، ނިއު ޒީލެންޑްގައި ޕީއެޗު.ޑީ ނަންގަވާފައިވާ އަލީ ޝަމީމް (އެލިޝް)އާ އެވެ. ގައުމީ ޔުނިވަސިޓީގެ އެސިސްޓެންޓް ޕްރޮފެސަރެއްގެ މަގާމުގައި މިހާރު ހުންނެވި އިލްމުވެރިޔާގެ ޒުވާން އުމުރުގެ ގިނަ އަހަރުތައް ހޭދަކުރެއްވީ ކެނެޑާ އާއި ނިއު ޒީލެންޑްގައި، މަތީ ތައުލީމް ހާސިލްކުރައްވާށެވެ. އެކަމަކު ދިވެހި ބަހަށް އޮތް ލޯބި އޭނާގެ ކިބައިން ފޮހެވިގެންނެއް ނުދިޔަ އެވެ. ބޭރުގައި އުޅުއްވި އިރު ގޭތެރޭގައި ދަރިން ވެސް ވާހަކަ ދައްކާ ހެދީ ދިވެހި ބަހުންނެވެ.
ކޮމެންޓް (2)
މުހައްމަދު
މޫސާކަލޯ