ފަންނުވެރި އެކުވެރިން: އެންމެން ގޭމިންއާ އެކު

އެ ގޭމިން ޕްލެޓްފޯމް ފެށުނު ގޮތާއި ކުރަމުން ގެންދާ މަސައްކަތްތައް މި އެޕިސޯޑު އަޑުއަހާލުމުން އެނގޭނެ
17 އޯގަސްޓު 2023

ފަންނުވެރި އެކުވެރިންގެ މިފަހަރުގެ އެޕިސޯޑުގެ މެހުމާނުންނަކީ 'އެންމެން ގޭމިން' ޕްލެޓްފޯމް އުފެއްދި އަބްދުﷲ ޒުބެއިރު އާއި މޫނިސް މުނީޒް އެވެ.

އެންމެން ގޭމިން އަކީ ރާއްޖޭގެ ފުރަތަމަ ގޭމްސް މީޑިއާ އައުޓްލެޓެވެ. ކުރުކޮށް ބުނާ ނަމަ ވީޑިއޯ ގޭމްތަކާއި ގޭމިން ދާއިރާ އާއި ގޭމިން ކޮމިއުނިޓީއަށް ހާއްސަ މީޑިއާއެކެވެ. ގޭމް ރިވިއުކޮށް، ގޭމިން ހަބަރު ގެނެސްދީ، ސްޓްރީމިން އަދި ގޭމިން ޕޮޑްކާސްޓް ފަދަ ހުރިހާ ކަމެއް އެންމެން ގޭމިން އިން ކުރެ އެވެ.

ދިވެހި ގޭމިން ކޮމިއުނިޓީ އެއް ތަނަކަށް ގެނެސް، ލޯކަލް ގޭމިން އިވެންޓްތަކާއި ކާމިޔާބީތައް ދައްކުވައިދިނުމުގެ އިތުރުން، ވީޑިއޯ ގޭމްތަކާ ބެހޭ ގޮތުން ބައިނަލްއަގުވާމީ ފެންވަރުގައި ދެކެވޭ ވާހަކަތައް ވެސް މި ޕްލެޓްފޯމްގެ ޒަރިއްޔާއިން އެމީހުން ގެނެސްދެ އެވެ.

ޒުބެއިރު އާއި މޫނިސް، ތަހްސީން އަލީއާ އެކު މި ޕްލެޓްފޯމް އުފެއްދީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި އެންމެން ގޭތެރޭގައި ތިބެން ޖެހުމުންނެވެ. އަދި ތިން ރަހުމަތްތެރިންގެ މެދުގައި ގޭމް ކުޅުމަށާއި އެ ދާއިރާއަށް އޮތް ބޮޑު ޝައުގެއްގެ ސަބަބުންނެވެ. މިއީ އެންމެން ގޭމިން އަށް ހަތަރު އަހަރު ފުރޭ އަހަރެވެ.

މިހާތަނަށް އެންމެން ގޭމިން އިން ކޮށްފައިވާ މަސައްކަތްތަކާއި ރާއްޖޭގެ ގޭމިން ކޮމިއުނިޓީއާ މެދު ދެކޭ ގޮތާއި މިކަހަލަ ޕްލެޓްފޯމެއް ހިންގުމުގެ ތަޖުރިބާ މި އެޕިސޯޑުގައި ޒުބެއިރު އާއި މޫނިސް ކިޔައިދިނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް