
ކޮފީގައި ތިބޭ އިރު ޒުވާން ގްރޫޕްތައް އެކަކު އަނެކަކާ ވާހަކަ ދެއްކުމުގެ ބަދަލުގައި ތިބެނީ ފޯނަށް ގެއްލިގެންނެވެ. ކޮންމެވެސް ގޭމެއްގަ އެވެ. އޮންލައިންކޮށް ކުޅެވޭ ކޮންމެވެސް ކުޅިގަނޑެއްގަ އެވެ.
ބައެއް ފަހަރަށް ހިތަށްއަރަ އެވެ. ގައުމާ މެދު އެއްވެސް ފިކުރެއްނުކޮށް ޒުވާނުން ވަގުތު ހޭދަކުރާ ނަމަ، ކުރިމަގުގައި މި ގައުމު އޭގެ ރަނގަޅު މިސްރާބުގައި ހިންގާނީ ކޮން ބައެއް ހެއްޔެވެ؟ ސިޔާސީ މީހުން ބޭނުން ކޮންމެ ގޮތެއް ގައުމަށް ހަދާއިރު ވެސް، ޒުވާނުން ތިބޭނީ 'އަހަރެމެންނާ ބެހޭ ކަމެއް ނޫނޭ' ބުނެލަބުނެލާ ހައްޔެވެ؟ ދައުލަތް ހިންގުމުގެ ނަމުގައި ނުވަތަ އެކި ކަހަލަ ތަރައްގީތަކަށް ހިންގާ މަޝްރޫއުތަކުގެ ފަހަތުގައި ތިބެގެން ސިޔާސީ މީހުން މުއްސަނދިވާ އިރު ވެސް އެމީހުން ދިފާއުކުރާނީ ހެއްޔެވެ؟
މި ކަހަލަ ކިތައްމެ ސުވާލެއް ޒުވާނުންނާ މެދު އުފެދެ އެވެ. އެކަމަކު ޒުވާނުން ޒުވާނުންނާ މެދު ވިސްނާ ގޮތް އެނގޭނީ ޒުވާނުންނާ ބައްދަލުކޮށްލައިގެންނެވެ. އެ ނިޔަތުގައި އަޅުގަނޑު، ގައުމީ ޔުނިވަސިޓީގައި ޕޮލިޓިކަލް ސައިންސްގެ ދާއިރާއިން ކިޔަވަމުން އަންނަ ފާތުމަތު ޒައިނާ މުހައްމަދު މޫސާ، 21، އާއި މުހައްމަދު ރައުހާން އަހުމަދު، 27، އަށް ދައުވަތު ދިނީ އަޅުގަނޑުގެ ޕޮޑްކާސްޓް 'ސީދާ'ގައި ބައިވެރިވުމަށެވެ.
-
އިތުރަށް ކިޔާލަން - މި ދެ ޒުވާނުން ދެކޭ ގޮތް: މިއީ ވަރަށް އުއްމީދީ ގައުމެއް