ފަންނުވެރިންނަށް ހާއްސަ 'ހިތްވަރު' ޕްލެޓްފޯމް

ފަންނުވެރިންނަށް ހާއްސަ ޕްލެޓްފޯމް 'ހިތްވަރު'ގައި ދިވެހި ކޮންމެ ފަންނުވެރިއަކަށް ވެސް ބައިވެރިވެވޭނެ
30 އޭޕްރީލު 2023

ފަންނުވެރިންނަށް ހާއްސަ މި ޕޮޑްކާސްޓުގައި މި ފަހަރު އަލިއަޅުވާލަނީ 'ހިތްވަރު' ޕްލެޓްފޯމް އަށެވެ. މި ޕްލެޓްފޯމަކީ ފަންނުވެރިންނަށް އަދި އަމިއްލަ މަސައްކަތް ކުރާ މީހުންނަށް އަމާޒުކޮށްގެން އުފައްދާފައިވާ ޕްލެޓްފޯމެކެވެ. 

ދިވެހިންގެ ތެރޭގައި އަމިއްލަ މަސައްކަތް ކުރާ ހުނަރުވެރިން ގިނަ އެވެ. އޮފީސް ވަޒީފާއެއް އަދާކުރަމުން ލިބޭ ހުސް ވަގުތުތަކުގައި އަމިއްލަ އެހެން މަސައްކަތެއްކޮށްގެން އިތުރު އާމްދަނީއެއް ހޯދާ މީހުން ވެސް މަދެއް ނޫނެވެ. މީގެ އިތުރުން، ސަރުކާރު ނުވަތަ ކުންފުންޏެއްގެ ވަޒީފާގައި ނޫޅެ، އަމިއްލަ ހުނަރެއް ނުވަތަ ފަންނެއްގެ ޒަރިއްޔާއިން ހިދުމަތް ދީގެން އާމްދަނީ ހޯދާ ފްރީލާންސަރުންގެ އަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ.

މި ކަހަލަ މަސައްކަތްތެރިންނަށް ފުރުސަތު ހޯދުމަކީ ފިސާރި އުނދަގޫ ކަމެކެވެ. ގިނަ ގޮންޖެހުންތަކާ ވެސް ކުރިމަތިލާން ޖެހެ އެވެ. މިކަން ކަމަށާ އަދި އިތުރު އެހެން ކަންކަމަށް ފަސޭހަ މަގެއް ފަހިކޮށްދޭން އުފެއްދީ 'ހިތްވަރު' އެވެ.

'ހިތްވަރު' ޕްލެޓްފޯމާ ބެހޭ ގޮތުން މައުލޫމާތު ދޭން މި ޕިސޯޑުގައި ބައިވެރިވީ އެ ޕްލެޓްފޯމް އުފެއްދުމުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ސަމަން އާއި އިނާން އެވެ.

"ޔޫއެންޑީޕީ ސްޓާޓްއަޕް ގްރޭންޓެއް، މިޔަހެލި ސޯޝަލް އިނޮވޭޝަން ކޭމްޕްގެ 2021 ކާމިޔާބުކުރީ އަޅުގަނޑުމެން،" ސަމަން ބުންޏެވެ. 

އެ ކޭމްޕުގައި ރާއްޖޭގެ މުޖުތަމައުގައި ދިމާވާ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާކޮށް، އެ ކަންކަމަށް ގެނެވޭނެ ހައްލުތައް ހޯދަން މަސައްކަތް ކުރި އެވެ.

ރާއްޖޭގައި އިޖުތިމާއީ މައްސަލަތައް ގިނަ އެވެ. މިކަންކަމުގެ އަޑީގައިވާ މައިގަނޑު އެއް ސަބަބަކީ ވަޒީފާގެ ފުރުސަތު މަދުވުމެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ގިނަ ބައެއްގެ ވަޒީފާ ގެއްލުނެވެ. އަދި އެ މީހުންނަށް އިތުރު އެހެން ގޮތަކުން އާމްދަނީ ހޯދޭނެ ގޮތެއް ނޯވެ އެެވެ. ވަޒީފާއެއް ނުލިބި އާމްދަނީ ނުލިބުމުގެ ސަބަބުން މުޖުތަމައުގައި ގިނަ މައްސަލަތައް ޖެހެން ފަށަ އެވެ. 'ހިތްވަރު' އަކީ މިކަން ކަމަށް ހައްލެއް ހޯދުމަށް އުފެއްދި ޕްލެޓްފޯމެއް ކަމަށް ސަމަން ބުންޏެވެ.

މާދަމާ ލޯންޗު ކުރާ މި ޕްލެޓްފޯމްގެ ވެބްސައިޓުގައި ކޮންމެ ހުނަރުވެރި ދިވެއްސަކަށް ރެޖިސްޓާކޮށްލެވޭނެ އެވެ. އަދި ކްލަޔަންޓުންނާއި މަސައްކަތްތެރިންނާ ދެމެދު ފަސޭހައިން މުއާމަލާތް ކުރެވޭ ގޮތްތައް ވެބްސައިޓުގައި ހިމެނެ އެވެ. މަސައްކަތެއް ނިންމުމަށް ފަހު އެ މަސައްކަތަށް ލިބެން ޖެހޭ ފައިސާ ވެސް ފަސޭހަ އަދި ރައްކާތެރި އުސޫލުތަކެއް ގެންގުޅޭނެ ކަމަށް އެ ފަރާތުން ބުންޏެވެ. ހިތްވަރު ވެބްސައިޓުގައި ހިމެނޭ އިތުރު ކަންތައްތައް އެޕިސޯޑުގައި ކިޔައިދިނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް