ރާއްޖޭގެ ބިއުޓީ ގުރޫ ނަދާގެ ތަޖުރިބާތައް

ރާއްޖޭގެ ބިއުޓީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދިން ނަދާ މި ދާއިރާއަށް ވަދެވުނު ގޮތް އަދި މި ދާއިރާގައި ދިމާވާ ގޮންޖެހުންތަކުގެ ވާހަކަ ހިއްސާކުރި
2 އޭޕްރީލު 2023

ރާއްޖޭގެ ބިއުޓީ ދާއިރާގައި ފުންނާބު އުސް މީހުންގެ ތެރެއިން އެންމެ ފުރަތަމަ ކިޔާލެވޭ ނަންތަކުގެ ތެރޭގައި ފާތިމަތު ނަދާގެ ނަން ހިމެނެ އެވެ. 'ގްލެމް ނަދާ'އޭ ބުނުމުން ރާއްޖޭގަ ނޭނގޭ މީހަކު މަދުވާނެ އެވެ. ނަދާގެ ސެލޮން އަދި ކްލިނިކުން ދެމުން އަންނަ ހިދުމަތްތަކަށް އަބަދުވެސް ބޮޑު މަގުބޫލު ކަމެއް އޮވެ އެވެ. މީގެ އިތުރުން، ނަދާގެ އަމިއްލަ ވޯޑްރޯބް ސްޓައިލަށް ލިބޭ ތައުރީފުގެ ބަސްތައް ވެސް ވަކި މަދެއް ނޫނެވެ. ނަދާގެ އަމިއްލަ ވައްޓަފާޅި އަކީ އޭނަ ދައްކައިދޭ ކޮންމެ ހުނަރަކުން ވެސް ފެންނަ ތަފާތު ކަމެކެވެ.

'ފަންނުވެރި އެކުވެރިން'ގެ މި ފަހަރުގެ އެޕިސޯޑުގައި ނަދާ އޭނާގެ ދާއިރާގެ ތަޖުރިބާ އަދި މުހިއްމު ނަސޭހަތްތަކެއް ހިއްސާކުރި އެވެ. 

މިދިޔަ މަހު ނަދާ ވަނީ މި ދާއިރާގައި 17 އަހަރުގެ ހިދުމަތް ފާހަގަކޮށްފަ އެވެ. މި ދިގު މުއްދަތުގެ ތެރޭގައި އޭނަ ވަނީ އެކި އިންގިލާބީ ބަދަލުތައް ރާއްޖޭގެ ބިއުޓީ ދާއިރާއަށް ގެނެސްދީފަ އެވެ. އަދި ގިނަ ދުވަސްތަކެއް ވަންދެން ކެނޑިނޭޅި މި މަސައްކަތް ކުރުމަކީ ފަސޭހަ ކަމެއް ނޫންކަން، ނަދާ މި އެޕިސޯޑުގައި ހިއްސާކުރި ވާހަކަތަކުން އެނގެ އެވެ. 

މިދިޔަ މަހު ނަދާ ވަނީ މި ދާއިރާގައި 17 އަހަރުގެ ހިދުމަތް ފާހަގަކޮށްފައި.

ނަދާގެ މި ކާމިޔާބީ އަދި ދާއިރާއިން ހޯދި ޝަރަފުތައް ހަގީގަތުގައި ފެށުނީ ކުޑައިރު ގޭތެރެއިންނެވެ. ބިއުޓީ، ފެޝަން އަދި އާޓް އަކީ އަބަދުވެސް ނަދާ ގަޔާވި ދާއިރާތައް ކަމަށް އޭނާ ބުންޏެވެ. ކުޑައިރު ވެސް ބޭނުންވީ ފަންނުވެރި ދާއިރާއަކުން ކޮންމެވެސް މަސައްކަތެއް ކުރުމަށވެ. ރީތިވުމާއި މީހާގެ ހަންގަނޑު އަދި އިސްތަށިގަނޑު ރީތިކޮށް ބެހެއްޓުމުގެ ރީތި އާދަ އަށަގަތީ ނަދާގެ މަންމަ އަދި ދައްތަމެންގެ ކިބައިންނެވެ. މަންމަ އާއި ދައްތަމެން ރީތިވުމަށް ކޮށް އުޅުނު ކަންތައްތައް ދަސްކޮށް، ނަދާ އަމިއްލައަށް ވެސް ބިއުޓީގެ އެކި ކަންތައްތައް ކޮށް އުޅުނެވެ.

"ސްކޫލު އިރުގައި އޭރު ވެސް އެ ކަހަލަ ހުރިހާ ކަމެއް ވެސް ކުރަން ގޭގައި. އެއީ ބޮޑުވީ ދައްތަމެންނާ އެކު. އެ މީހުން ފޭޝަލްސް ހަދާނެ، ދެން މަންމަ ވެސް ކޮންމެވެސް ވަރަކަށް ބަދިގެއިން އެއްޗެހި ނަގާލައިގެން މޫނުގައި އުނގުޅާނެ. އެ ހުރިހާ ކަމެއް ފެނުނު،" ނަދާ ކިޔައިދިނެވެ.

"ދެން އުމުރުން ޓީނޭޖު އިރު، ދަންނަ ކުއްޖެއް ބުނެފާނެ އޭރު ނަދާ އުޅުނީ ޓޮމްބޯއިއެއް ހެންނޭ، އެހެންނެއް ނޫނޭ އޭނާ އުޅުނީ. ސާފްކޮށް، ސްކޭޓުކޮށް ކަންތައް ކުރާ ކުއްޖެކޭ އެއީ. އެކަމަކު އޭރު ވެސް ގޭގައި އިސްތަށިގަނޑުގައި ކުލަ ޖައްސާ، ފޭޝަލް މާސްކް އަޅާ އުޅުނިން. ޓޮމްބޯއިޝް ވިއަސް ބިއުޓީ ކަންތައްތައް ކުރެވިދާނެ." 

ފާއިތުވެދިޔަ 17 އަހަރުގެ ތެރޭގައި އެކި ގޮންޖެހުންތަކާ ދިމާވެ، އެ ގޮންޖެހުންތަކުން އަރައިގަންނަން މަސައްކަތް ކުރުމަކީ އޭގެ ޒާތުގައި ވެސް އިތުރު ހިތްވަރެއް ލިބޭ ކަމެއް ކަމަށް ނަދާ ބުންޏެވެ. ސެލޮންއަށައި ކްލިނިކަށް އާ ހިދުމަތްތައް ތައާރަފުކޮށް، އެކަމައިގެން އުޅުމަކީ ވެސް އިތުރަށް ހިތްވަރު ލިބޭ ކަމެކެވެ. ބޮޑު ޝައުގުވެރިކަމެއް އޮވެގެން ނޫނީ މިކަހަލަ ޑިމާންޑު ބޮޑު މަސައްކަތެއް ކުރުން އުނދަގޫ ވާނެ އެވެ.

"އަބަދުވެސް ބަލަން، އަބަދުވެސް ވިސްނަން ކަމެއް ތައާރަފު ކުރާ އިރު މިއީ ރަނގަޅު ކަމެއް ބާއޭ. ޕާމަނެންޓް ސޮލިއުޝަނެއް ނުދެންޏާ އަޅުގަނޑު އެކަމަކައިގެން ކުރިއަކަށް ނުދަން،" ނަދާ ބުންޏެވެ.

އޭނާ ތައާރަފުކުރަން ބޭނުންވާ ހިދުމަތަކީ މުޖުތަމައާ ގުޅޭ ކަމެއްތޯ އަދި މީހުން ބަލައިގަންނާނެ، ބޭނުންތެރި ހިދުމަތްތަކެއް ކްލަޔަންޓުންނަށް ފޯރުކޮށްދެވޭތޯ މަސައްކަތް ކުރާ ކަމަށް ނަދާ ބުންޏެވެ.  

މީގެ އިތުރުން، 'ފަންނުވެރި އެކުވެރިން'ގެ އެޕިސޯޑުގައި ނަދާ ވަނީ އެކި މަގުބޫލު ބިއުޓީ ޓްރެންޑްސްއާ ބެހޭ ގޮތުން އިތުރު މައުލޫމާތު ހިއްސާކޮށް، އޭގެން ރަނގަޅު ކަންތައްތަކާއި ހަންގަނޑަށް ނުރައްކާތެރި ކަންތައްތަކުގެ ވާހަކަ ވެސް ހިއްސާކޮށްފަ އެވެ.

އެއް ދުވަހު މޫނުގައި އުނގުޅާލާ ކްރީމަކުން ޖެހިގެން އަންނަ ދުވަހު ނަތީޖާއެއް ނުފެންނާނެ ކަމަށް ނަދާ ބުންޏެވެ. އުޖާލާ، ރީތި އަދި އޮމާން ހަންގަނޑެއް ބެހެއްޓުމަކީ އެންމެ ދުވަހެއްގެ މަސައްކަތެއް ނޫނެވެ. ހަމުގެ ރީތިކަން ދެމެހެއްޓުމަކީ 'ޖާނީ'އެއް އަދި ގަވައިދުން ކޮށްގެން ނޫނީ ނަތީޖާ ފެންނާނެ ކަމެއް ނޫނެވެ. އަދި ބިއުޓީ ޓްރީޓްމަންޓްއެއް ނުވަތަ ޕްރޮޑަކްޓްއެއް ބޭނުންކުރުމުގެ ކުރިން އަމިއްލައަށް ދިރާސާކޮށް އަދި ޕްރޮފެޝަނަލް ނަސޭހަތް ހޯދުމަކީ ފަރުވާތެރިވާން ޖެހޭ ކަމެކެވެ.

ރާއްޖޭގެ ބިއުޓީ ދާއިރާ އަންނަނީ ދުވަހެއް ދުވަހަކަށް ތަރައްގީވެ، ކުރިއަރަމުންނެވެ. އަދި މި ދާއިރާގައި މަސައްކަތް ކުރާ ހުނަރުވެރިން އަންނަނީ ދާއިރާއިން ކުރިއަށްދެވޭނެ ގޮތްތައް ހޯދަމުންނެވެ.

އެކަމަކު ރާއްޖޭގެ ސިސްޓަމައި ގަވާއިދުތަކަކީ މި ހުނަރުވެރި މީހުންގެ އެންމެ ބޮޑު ދުޝްމަނެވެ. ނަދާގެ އެދުމަކީ ރާއްޖޭގެ ނިޒާމުތައް ރަނގަޅުކޮށް، އެކި ފަންނުވެރި އަދި ހުނަރުވެރި ދާއިރާތަކަށް ވެސް ކުރިއެރޭނެ ގޮތްތައް މެދުވެރިވުމެވެ. އޭގެ ސަބަބުން މުޖުތަމަށް ވެސް ރަނގަޅު ބަދަލުތަކެއް އަންނާނެކަން ކަށަވަރެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް