ރާއްޖެއަށް ކުރަމުންދާ ބޯ ވިއްސާރައިގައި މާލެއަށް މިއަދު ވާރޭވެހި މަގުމަތީގައި ފެންބޮޑުވެފައި (ފޮޓޯ/އެންޑީއެމްއޭ)
މުޅި ރާއްޖެ ވިއްސާރައިގައި
އެތައް ރަށެއްގައި ފެންބޮޑުވުމާ ގުޅިގެން މާދަމާއަކީ އޮފީސްތަކާއި ސްކޫލްތައް ބަންދު ދުވަހެކެވެ. ވޭތުވެދިޔަ ތިން ދުވަހު ރާއްޖެއަށް ބޯކޮށް ވާރޭވެހި ވައި ގަދަވެފައިވެ އެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީއިން ބުނިގޮތުގައި މާލެއިން މިރޭ 8 ޖެހުމާ ހަމައަށް، ފެންބޮޑުވެގެން އެހީތެރިކަމަށް އެދި 250 އަށް ވުރެ ގިނަ ރިޕޯޓު ލިބިފައިވެ އެވެ. އަދި ތިން އާއިލާއެއް އެހެން ތަނަކަށް ވަނީ ބަދަލުކޮށްފަ އެވެ.
ބޯ ވާރޭގައި މިއަދު މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ސިފައިން ގެންދިޔައީ ފެން ހިއްކަމުންނެވެ. ގިނަ އަދަދެއްގެ ގޭގެއަށް ފެން ވަދެ، ބައެއް ގޭގޭގައި ވެލިބަސްތާ ޖަހާފައިވެ އެވެ.
ރާއްޖޭގެ ތާރީހުގައި ވެސް 24 ގަޑިއިރު ތެރޭ އެންމެ ގިނަ މިންވަރަކަށް ވާރޭ ވެހުނީ މި ވިއްސާރައިގައި ހއ. ކެލައަށެވެ.
މޫސުމާ ބެހޭ އިދާރާ (މެޓް) އިން މިއަދު ބުނިގޮތުގައި އިއްޔެ ހެނދުނު 8އިން މިއަދު ހެނދުނު 8އަށް ހޭދަވި 24 ގަޑިއިރުތެރޭ ކެލައަށް 231.5 މިލިމީޓަރުގެ ވާރޭ ވެހުނެވެ. މީގެ ކުރިން 24 ގަޑިއިރު ތެރޭ ރާއްޖެއަށް އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ރިކޯޑު ކުރެވިފައިވަނީ 2015ގައި އައްޑޫ ގަމަށް، 228 މިލިމީޓަރުގެ ވާރެ އެވެ.
މި ވިއްސާރައިގެ އަސަރު މުޅި ރާއްޖެއަށް ދަނީ ކުރަމުންނެވެ. އެންޑީއެމްއޭ އިން ބުނިގޮތުގައި މިރޭ 7 ޖެހުމާ ހަމައަށް 20 ރަށަކުން ގެއްލުންތައް ރިޕޯޓްކޮށްފައިވެ އެވެ. އެ ރަށްރަށުން ވެސް ބައެއް ގޭގެއިން މީހުން ބަދަލުކުރަން ވަނީ ޖެހިފަ އެވެ.
ކުރިއަށް އޮތް ފަސް ދުވަހު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާ އެކު ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކުރެ އެވެ. މެޓުން މިއަދު ހެނދުނު ބުނިގޮތުގައި މި ވިއްސާރައިގައި:
-
އާއްމު ވައި ހުންނާނީ އުތުރާއި މެދު ރާއްޖެތެރޭގައި ގަޑިއަކު 17-27 މޭލަށް އަދި ދެކުނުގައި ގަޑިއަކު 13-23 މޭލަށް
-
ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައި ބާރުވުމުގެ ފުރުސަތު ބޮޑު
-
ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ކަނޑުތައް ގަދަވެ، ވިލާގަނޑުގައި ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ
-
ދިޔަވަރު ބޮޑުވާ ގަޑީގައި އުދައިގެ އަސަރު ކުރުން އެކަށީގެންވޭ
މޫސުމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި ކޮންމެހެން ކުރަން ޖެހިގެން ނޫނީ ކަނޑު ދަތުރު ނުކުރުމަށް އަދި ދަތުރުކުރާ ނަމަ ސަލާމަތީ ކަންކަމަށް އިސްކަންދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.