މިއީ ފުރިހަމަ އިރު ކޭތަ ހިފާއިރު އިރު ފެންނަ ގޮތް. ވަށައިގެން އެ ހުރި އަލިކަމަކީ އިރުގެ ބޭރު އެޓްމޮސްފިއާ ނުވަތަ ކޮރޯނާއިން ޖައްވުގެ ތެރެއަށް ފެތުރިފައި ހުންނަ އަލި

އުތުރު އެމެރިކާގައި އޮތީ އިރު ކޭތަ ބެލުން

9 އޭޕްރީލު 2024
މެކްސިކޯ އާއި ކެނެޑާ އަދި އެމެރިކާގެ ބައެއް ސަރަހައްދުތަކަށް އިއްޔެ ފުރިހަމަ އިރު ކޭތަ ހިފި ވަގުތު އެތައް މިލިއަން ބަޔަކު އެ މަންޒަރު ބަލަން ނުކުތް

މެކްސިކޯ އާއި އެމެރިކާ އަދި ކެނެޑާގެ ބައެއް ސަރަހައްދުތަކުގެ އެތައް މިލިއަން ބަޔަކު (ރާއްޖެއަށް ރޭ 11 ޖަހާކަންހާއިރު) ނުކުތީ މަދުން ނޫނީ ނުފެންނަ ގުދުރަތީ އަޖައިބެއް ބަލާށެވެ؛ ފުރިހަމަ އިރު ކޭތަ އެވެ. މެކްސިކޯގެ ހުޅަނގު އައްސޭރި ފަށުގެ ސަރަހައްދުން ހެނދުނު 11 ޖަހާކަންހާއިރު ހިފަން ފެށި އިރު ކޭތަ، އެމެރިކާ އާއި ކެނެޑާގެ ބޮޑު ސަރަހައްދަކަށް ވެސް ފެނުނެވެ.

މިއީ މެކްސިކޯ ޓޮރެއަން ސަރަހައްދުގެ މީހުން އިރު ކޭތަ ބަލަން ނުކުމެފައި ތިބި ތަނުގެ ފޮޓޯއެއް: މި ކޭތަ ހިފަން ފެށީ މެކްސިކޯ ސަރަހައްދުން

އިރު ކޭތައަކީ އިރާއި ދުނިޔެއާ ދެމެދަށް ހަނދު ވަނުމުން، ހަނދުގެ ހިޔަނި އިރަށް އެޅުމާ އެކު އަންނަ ބަދަލެކެވެ. ފުރިހަމަ އިރު ކޭތައަކަށް ވަނީ ދުނިޔެއަށް އިރު ފެންނަ ބޮޑުމިނަށް ހަނދުގެ ހިޔަނި އެޅި މުޅިން ގެއްލުމެވެ. ދުނިޔެއަށް ކޭތަ ފެންނަ ސަރަހައްދުތައް ރޭގަނޑު ފަދައިން އަނދިރިވެ އެވެ.

ކެނެޑާގެ ކިއުބެކްގެ ސަރަހައްދަކަށް އިއްޔެގެ އިރު ކޭތަ ހިފަނީ

މި ގޮތަށް މިނިޓް ކޮޅަކަށް ދުނިޔެ އަނދިރިވުމުން ގުދުރަތީ ބައެއް ދިރުންތަކަށް ވަގުތު އޮޅެ އެވެ. މިސާލަކަށް ޖަނަވާރުތަކަށް ހީކުރެވެނީ ރޭގަނޑު ވީ ކަމަށެވެ. އެހެންކަމުން ނިދަން އަރަ އެވެ. 

އިހު ޒަމާނުގައި ނަމަ އިރު ކޭތަ ފަދަ ގުދުރަތީ ކަންކަން ވަރަށް ތަފާތު ގޮތްގޮތަށް ގަބޫލުކުރެ އެވެ. މިސާލަކަށް އެއީ ބޮޑު މުސީބާތެެއްގެ އަސަރެވެ. ބަދުނަސީބެއް ކުރިމަތިވުމުގެ އަލާމާތެވެ. އަކަމަކު އިންސާނުންގެ އިލްމުވެރިކަން ބޮޑުވަމުން އަންނަ ވަރަކަށް ދުނިޔެ އާއި ކާއިނާތުގެ ހަގީގަތްތައް ދެނެގަނެވެ އެވެ. މިހާރު އިރު ކޭތަ އާއި ހަނދު ކޭތަ ހިފާއިރު އެތައް މިލިއަން ބަޔަކު ނުކުންނަނީ އުފަލުން އެ ބަލާށެވެ.

އިރު ކޭތަ ބަލަން ވޮޝިންޓަންގެ ނެޝަނަލް މޯލް ސަރަހައްދަށް އެއްވެފައި

އެމެރިކާގެ އާކަންސަސްގައި އެތައް ސަތޭކަ ބަޔަކު އިރު ކޭތަ ހިފި ވަގުތު ބޭނުންކުރީ ހަޔާތުގެ ހާއްސަ ދަތުރެއްގެ ފެށުމެއްގެ ގޮތަށެވެ. އެމެރިކާގެ އެކި ސަރަހައްދުތަކުން އައި މީހުންނާ އެކު 358 ކައިވެނި، އިރު ކޭތައަށް ބަލަމުން ކުރި އެވެ. ތިރީގައި އޮތް ފޮޓޯއިން އެ ފެންނަނީ އޭގެ ތެރެއިން ދެމަފިރިއަކު، އިރު ކޭތަ ފުރިހަމަ ވީ ވަގުތު އެއަށް ބަލާ މަންޒަރެވެ.

ފުރިހަމަ އިރު ކޭތަ މިހާ ބޮޑު ސަރަހައްދަަކަށް ފެންނަނީ ވަރަށް މަދު ފަހަރެއްގަ އެވެ. އެހެންކަމުން ގިނަ ބަޔަކު ކޭތަ ބަލަން ނުކުމެ އެވެ. ބައެއް މީހުން ކޭތަ ފެންނަ ހިސާބުތަކަށް ދިގު ދަތުރުކޮށްފައި ވެސް ދެ އެވެ.

އެމެރިކާގެ ޓެކްސަސްގެ ސަރަހައްދަކަށް އިރު ކޭފަ ހިފަން ފެށިއިރުގެ މަންޒަރެއް

މި ފޮޓޯއިން އެ ފެންނަނީ އެމެރިކާގެ ޓެކްސަސްގެ ސަރަހައްދަކަށް އިރު ކޭތަ ހިފަމުން ދިޔަ މަންޒަރެކެވެ. އިރުގެ ބޭރު އެޓްމޮސްފިއާ ނުވަތަ ކޮރޯނާއަކީ އިރުގެ މަތީ ފަށަލައަށް ވުރެ ވެސް ހޫނު ގަދަ ހިސާބެކެވެ. އެކަމަކު އާންމު ހާލަތުގައި އިރުގެ އަލިކަން މާ ގަދަވުމުން ކޮރާނާގެ އަލި ދުނިޔެއަށް ފާހަގައެއް ނުވެ އެވެ. ނަމަވެސް އިރު ކޭތައާ އެކު ކޮރޯނާގެ އަސަރުތައް ފެނެ އެވެ. ކަޅު ހިޔަނީގެ ވަށައިގެން ފެތުރިފައި އެ އޮންނަ އަލިގަނޑަކީ ކޮރޯނާ އެވެ.

އެމެރިކާ ސަރަހައްދުގައި އިރު ކޭތަ ހިފަމުން ދިޔަ އެކި ވަގުތުގެ މަންޒަރު ފެންނަ ފޮޓޯއެއް

ފުރިހަމަ އިރުކޭތައެއް ދެން އުތުރު އެމެރިކާއަށް ފެންނާނީ 2044ގަ އެވެ. އެކަމަކު އެމެރިކާގެ ޓެކްސަސްއަށް އޭގެ އިރުކޭތައެއް، ކުރިއަށް އޮތް 300 އަހަރު ވެސް ނުފެންނާނެ އެވެ. އެހެންކަމުން މިހާ ތަދު ގުދުރަތީ އަޖައިބެއް ފެނުމަކީ މުޅި އުމުރުގައި ލިބޭނެ ހަމައެކަނި ފުރުސަތެވެ. އެ ފުރުސަތުގެ ބޭނުން އެތައް މިލިއަން ބަޔަކު ހިފި އެވެ.

އެމެރިކާގެ ވޮޝިންޓަންގެ އަންހެނަކު އޭނާގެ މާމަ ދަރިފުޅާ އެކު އިރު ކޭތައަށް ބަލަނީ

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް