މަންޓާ އެއާއިން އިންޑިއާގެ ބެންގަލޫރުން ދާލު އެއާޕޯޓަށް ސީދާ ފެށި ދަތުރުތަކުގެ ފުރަތަމަ ބައިވެރިންނަށް މަރުހަބާ ކިޔަނީ (ދައުރު ފޮޓޯ/މުހައްމަދު އަމާން)
މަންޓާ އެއާ ބައިނަލްއަގުވާމީ ދަތުރުތަކަށް: ފެށުން ބެންގަލޫރުން
ރާއްޖޭގެ އަމިއްލަ އެއާލައިނެއް ކަމަށްވާ މަންޓާ އެއާގެ ނަޒަރު ހުއްޓިފައި އޮތީ ހަމައެކަނި ޑޮމެސްޓިކް މާކެޓަކަށް ނޫނެވެ. ވައިގެ ދަތުރުފަތުރު ފުޅާކުރަން އޮތް ފުރުސަތުތައް އެއަށް ވުރެ މާ ބޮޑުކަން އެ އެއާލައިނަށް އެނގެ އެވެ. މިއަދަކީ އެ ފުރުސަތުތަކުގެ ފެށުން ފެނުނު ދުވަހެވެ. މަންޓާގެ ބައިނަލްއަގުވާމީ ދަތުރުތަކުގެ ފެށުން އައީ އިންޑިއާގެ ބެންގަލޫރުން ދ. ކުޑަހުވަދޫގައި އޮންނަ ދ. އެއާޕޯޓަށެވެ.
މަންޓާ އެއާގެ ފްލައިޓު NR4411 ބެންގަލޫރުން ފުރައިގެން ދާލު އެއާޕޯޓަށް ޖެއްސީ މިއަދު ހެނދުނު 11:30 ހާއިރު އެވެ. ދ. އަތޮޅުގެ ރައްޔިތުންނަށް ވެސް މިއީ ތާރީހީ ދުވަހެކެވެ. ބައިނަލްއަގުވާމީ ފްލައިޓެއް މީގެ ކުރިން އެ އަތޮޅަށް ދަތުރުކޮށްފައެއް ނުވެ އެވެ.
ދިވެހި ސަގާފީ ގޮތަކަށް ފުރަތަމަ ޓޫރިސްޓުންނަށް މަރުހަބާ ކިޔުން އޮތީ ބޯޓުން ފޭބުމާ އެކުގަ އެވެ. އިންޑިއާގެ ޓޫރިސްޓުންގެ ފަރާތުން ވެސް ފެނުނީ ހިނިތުންވުމެވެ. މިއީ އިންޑިއާގެ ޓޫރިސްޓުންނަށް ވަރަށް ބޮޑު ފަސޭހައެކެވެ. ދ. އަތޮޅުގައި ހިންގާ ރިސޯޓްތަކަށް އިންޑިއާގެ ބެންގަލޫރުން ސީދާ އެ އަތޮޅަށް މިހާރު ދަތުރުތައް ކުރެވޭނެ އެވެ.
ރާއްޖެ އަންނަ ޓޫރިސްޓުން އާންމުކޮށް އަންނަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށެވެ. އެހެން ހިސާބުތަކަށް ޓޫރިސްޓުން ދަތުރު ފަށާނީ އޭގެ ފަހުންނެވެ. ބައެއް ޓޫރިސްޓުން ލޯންޗުފަހަރުގަ އެވެ. ސީޕްލޭން އާއި ޑޮމެސްޓިކް އެއާލައިންތަކުގަ އެވެ.
މަންޓާ އެއާލައިންއަކީ ދ. އަތޮޅުގައި ހިންގާ މަތީ ފަންތީގެ ބޮޑު ރިސޯޓެއް ކަމަށްވާ ކަނޑިންމައާ ގުޅިފައި އޮތް އެއާލައިނެކެވެ.
މަންޓާ އެއާއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދޭ އަމިއްލަ އެއް އެއާލައިން ވެސް މެ އެވެ. އެ އެއާލައިނުން ޑޮމެސްޓިކް އެއާޕޯޓްތަކަށް ދަތުރުކުރުމުގެ އިތުރުން ސީޕްލޭންގެ އުދުހުން ވެސް އޮވެ އެވެ.
އިންޑިއާގެ ޓޫރިސްޓަކު އޭނާއަށް ލިބުނު މާބޮނޑިއެއްގެ ފޮޓޯ ނަގާއިރު މިއީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އުފެދުނު ވައިގެ ދަތުރުފަތުރުގެ އާ ގުޅުމެކެވެ. އިންޑިއާ މި ވަގުތު އޮތީ ޓޫރިސްޓުން އަންނަ ގައުމުތަކުގެ ފަސް ވަނައިގަ އެވެ. އެކަމަކު އަހަރުގެ ކުރިއަށް އޮތް ތަނުގައި މައްޗަށް ޖެހޭނެ ކަމަށް ބެލެވެ އެވެ.
މަންޓާ އެއާގެ ބައިނަލްއަގުވާމީ ފުރަތަމަ ފްލައިޓުން އައި ދަތުރުވެރިންނަށް މަރުހަބާ ކިޔަން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވެސް ބައިވެރިވަޑައިގަތެވެ. އޭގެ އިތުރުން މަންޓާ އެއާގެ އެއް ހިއްސާދާރު އަދި ރައީސް މުހައްމަދު މުއިއްޒުގެ ޓޫރިޒަމް އެޑްވައިޒަރު މުހައްމަދު ހަލީލު ވެސް، ރަސްމިއްޔާތުގައި ހުންނެވި އެވެ.