އިޒްރޭލްގެ ހަމަލާތަކުގައި ގާޒާއިން ބިމާހަމަވި ޔަގީން ބަކާގެ ގޭގެ އެތެރެ

ގާޒާ

އަހަރެންގެ އެ ލޯބި ގެ މިހާރު އެވަނީ ބިމާ ހަމަވެފައި

2 ފެބްރުއަރީ 2024
ގާޒާގެ ޒުވާން މައެއް ކަމަށްވާ ޔަގީން ބަކާ އޭނާގެ ގެއާ ބެހޭ ގޮތުން ނިއު ޔޯކް ޓައިމްސްގައި ލިއުނު ކުރު ލިއުންކޮޅުގެ އަސަރު ގަދަ

ގާޒާގެ އުތުރު ސަރަހައްދުގައި އޮންނަ ޖަބާލިއާ ސިޓީގައި ކުޑަކުޑަ ގެއެއް ހުއްޓެވެ. ދިރުމާއި ހަނދާންތަކުން ފުރިފައި ހުރި ގެއެކެވެ. އާއިލާއަށް ހަމަޖެހުން ގެނެސްދިނުމުގެ ގޮތުން ޒުވާން ފިރިހެނަކު ދާ އޮހޮރުވައިގެން ނަގާ ކޮޅަށް ޖެހި ގެއެކެވެ. އެ ގޭތެރެއަށް އަޅާ ފުރަތަމަ ފިޔަވަޅާ އެކު ބައްދަލުކުރާނީ ހޫނު މަރުހަބާއެކެވެ. ކޮންމެ ކަނެއްގައި ވެސް އޮންނާނީ ހަނދާނެކެވެ. ކޮންމެ ތަށިމުށިގަނޑަކުން ވެސް ކިޔައިދޭނީ ވާހަކައެކެވެ. 

އެ ގޭގެ ހުރިހާ ބާރެއް އޮތީ އަހަރެންގެ އަތުގަ އެވެ. އަހަންނަށް، އެއަށް ވުރެ ވަކި ރަނގަޅު ގެއެއް ނެތެވެ. އަހަރެންގެ އާއިލާއަށް އެއީ އަގު ވެސް ނުކިޔޭ ވަރުގެ ގެއެކެވެ. އެއީ އަހަރެންގެ ގަނޑުވަރެވެ. އަހަރެންގެ ބޯހިޔާވަހިކަމެވެ.

އިޒްރޭލުން ގާޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި އަހަރެންގެ އެގެ މިއަދު ވަނީ ފުނޑުފުނޑުވެ، ބިމާހަމަވެފަ އެވެ.

ގެއިން ނުކުންނަން މަޖުބޫރުވި ހާލަތުގައި ދޫކޮށްލަން ޖެހުނު އެއްޗެހީގެ މަތިން ހަނދާންވާ އިރު އަހަންނަށް ގިސްލެވެ އެވެ. އާއިލާގެ އުފާވެރި ވަގުތުތައް ރައްކާކުރި ކެމެރާ ފުނޑުފުނޑުވެއްޖެ އެވެ. އަހަރެންގެ އަންހެން ދަރިފުޅު އުފަންވުމުގެ ތައްޔާރީގެ ގޮތުގައި ގަތް ހެދުންތަކާއި، ފިނި މޫސުމުގެ އާ ކޯޓު އަނދާ އަޅިއަށް ވީ އެވެ. އަހަރެންގެ ތިން އަހަރުގެ އަންހެން ދރިފުޅުގެ ކުޅޭކުޅޭ އާ ބުދު، މުޅި އުމުރަށް ގެއްލިއްޖެ އެވެ.

ބަލާބެލުމަށް އެއީ އެއްވެސް އެއްޗަކަށް ނުވެދާނެ އެވެ. އެކަމަކު އެ ފޮޓޯތަކާއި ހަނދާންތަކުގައި ފެންނަން އެ ހުންނަ ކޮންމެ އެއްޗެއް އޭގެ ޒާތުގައި އެހާމެ މުހިންމެވެ.

އަހަރެންގެ ސާދާ ބަދިގޭގައި ހުރި ކޮންމެ އެއްޗެއް ހޯދީ އެހާމެ ފަރުވާތެރިކަމާ އެކު އެވެ. ފެހި ކުލައިގެ ހޮވުމެކެވެ. އެ އެއްޗެހިން އަހަންނަށް އުފާވެރިކަން ގެނެސްދިނެވެ. އަހަރެންގެ 23 ވަނަ އުފަންދުވަހުގެ ހަދިޔާއެއްގެ ގޮތުން ފިރިމީހާ އަހަންނަށް ދިނީ ކަރަންޓް މިކްސާއެކެވެ. އެއީ އަހަންނަށް މިހާތަނަށް ލިބުނު އެންމެ މުހިންމު އެއް ހަދިޔާ އެވެ.

ބަދިގެއަކީ އަހަރެންގެ އުފެއްދުންތެރި ހިޔާލާ ގުޅިފައި އޮތް ބައެކެވެ. މީރު ކެއުންތަކާއި ފޮނި ބާވަތްތަކުގައި ހިމެނޭނީ އަހަރެންގެ އުފަލެވެ. ބަދިގެއާ މެދު އަހަރެންގެ ހާއްސަ ލޯތްބެއް އޮވެ އެވެ. އެހާމެ ފަރުވާތެރިވަމެވެ.

މީރު ވަހުން ފުރިފައިވާ އެ ދުންތައް އެ އަރަނީ ހުކުރުދުވަހު އަހަރެެމެން އެންމެން އެއްކޮށް ތިބެގެން ކަހަފު ސޫރަތް ކިޔަވަމުން ދާ ވަގުތު އެވެ. އެއީ ކޮންމެ ހުކުރުދުވަހެއްގެ އާދަ އެވެ.

މި ސިޓިން ރޫމުގައި ހިމެނޭ ދަނބު ކުލައިގެ ފަރުދާ އާއި އެއާ ގުޅޭ އެހެން ކުލަތަކުގެ ބައިތައް ހިޔާރުކުރީ ވަރަށް ފަރުވާތެރިކަމާ އެކުގަ އެވެ. އެ އެއްޗެހި އެޅުވުމަށް ފަހު ތަކުރާރުކޮށް ދޮރު ހުޅުވައި، އެތެރެއަށް އަހަރެން ނަޒަރު ހިންގަމެވެ. އޭގެ ރީތިކަމާ މެދު ހިނިތުންވަމުންނެވެ. އެ ފޮތައް އެހުރީ އެ ސޯފާ ސެޓާ އެހާމެ ރީތިކޮށް ގުޅުވާލައިފަ އެވެ.

މިއީ ގޭގެ މަތީ ބައިގައި ތިބޭ އިރު ފެންނަ މަންޒަރު

ގާޒާގެ ގެދޮރު ފުނޑުފުނޑުކޮށްލުމަކީ އިޒްރޭލްގެ އާންމު އަމަލެކެވެ. އެ ހާލަތުގައި އަހަރެމެން އެންމެން ގަބޫލުކުރަނީ "އެންމެ މުހިންމީ ސަލާމަތުން ތިބުން ކަމެވެ. ދެން ހުރި ކޮންމެ އެއްޗެއް އަލުން ހޯދޭނޭކަމެވެ." ކަލާނގެ ހަޒުރަތަށް އަހަރެން ޝުކުރުވެރިވަމެވެ. އަހަރެމެން މިތިބީ ސަލާމަތުންނެވެ. އެކަމަކު އަހަރެމެންގެ ގެ ވަނީ އަހަރެމެންގެ ހިތާ ގުޅިފަ އެވެ. އެއީ އެތައް ވާހަކައެކެވެ. ކޮންމެ ދުވަހެއްގެ ކާމިޔާބީ އާއި ނާކާމިޔާބީގެ ހަނދާންތަކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް