އިޒްރޭލްގެ ހަމަލާތަކުގައި ގާޒާގައި މަރުވާ ކުޑަކުދިންގެ އަަދަދު ވަރަށް ގިނަ. އިމާރާތެއްގެ ދަށުގެ މަރުވި ކުއްޖެއްގެ ހަށިގަނޑު ގެންދަނީ -- ފޮޓޯ/މޮތާޒު އަޒައިޒާ

ގާޒާ

އެންމެ މީހެއްގެ ކެމެރާއިން ގާޒާ: ބޮޑު ހަލާކާއި ބޮޑު ހިތާމަ

25 އޮކްޓޯބަރު 2023
ގާޒާގެ ފޮޓޯގްރާފަރެއް ކަމަށްވާ މޮތާޒް އަޒައިޒާގެ ފޮޓޯތަކާއި ވީޑިއޯތަކަށް އެތައް ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައި

ބައެއް ދިވެހިންގެ ހިތްހަލާކުވެ، އެ ފޮޓޯތަކާއި ވީޑިއޯތައް ބެލުން ހުއްޓާލައިފި އެވެ. އަނެއް ބަޔަކު އެ އަނިޔާވެރި މަންޒަރުތައް ލޮލުން ދެކި، އިޒްރޭލްގެ އުދުވާނާ މެދު ނަފުރަތު ބޮޑުކުރަނީ އެވެ. އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން އިންސާނީ ހައްގުތައް މާނަކުރާ ގޮތާއި މިނިވަންކަމުގެ ހަނގުރާމަ ދެކޭ ގޮތް ތަފާތުކަމަށް ގަބޫލުކޮށް، ފާޑުކިޔުމުގެ ތެރެއަށް ވަންނަ ދިވެހިން ވެސް މަދެއް ނުވާނެ އެވެ.

އަބަދުވެސް ދިވެހިން ތިބޭނީ ފަލަސްތީނާ އެކު އެވެ. ދުނިޔެ އެކަން ގަބޫލުކުރާނެ އެވެ. ހާއްސަކޮށް ގާޒާގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ދެމުންގެންދާ ހަމަލާތަކުގައި މުޅި ތަން ފުނޑި، މަރުވާ މީހުންގެ އަދަދު އެތައް ހާހަކަށް އެރުމުން، ދިވެހިންގެ ހިތްތައް ވެސް ފަޅައިގެންދެ އެވެ.

މިއަދު މި އޮތީ އަނެއްކާ އެ ދުވަސް އައިސްފަ އެވެ. ހަމައެހެން މިއަދު ގާޒާގެ ހާލަތު ސޯޝަލް މީޑިއާ މެދުވެރިކޮށް ވަގުތުން ވަގުތަށް ފެނެ އެވެ. އޭގެ ތެރެއިން ވެސް ވަރަށް ގިނަ ބައެއްގެ ނަޒަރު ހުއްޓިފައި ވަނީ ގާޒާގެ ފޮޓޯގްރާފަރެއް ކަމަށްވާ މޮތާޒު އަޒައިޒާއަށެވެ.

މޮތާޒު އަޒައިޒާ، އިޒްރޭލްގެ ހަމަލާއެއްގައި ފުނޑުވެފައި ހުރި އިމާރާތެއްގެ ބޭރުގައި

އިޒްރޭލްގެ ހަމަލާތަކުގައި އޭނާގެ ވަރަށް ގާތް ރަހުމަތްތެރިންނާއި ދަންނަ މީހުން މަރުވެއްޖެ އެވެ.

"އަހަރެންގެ މީހުން މި ހާލުގައި އުޅޭތަން ފެނުމުގެ ކުރިން އަހަރެންގެ މަރު ގެންދެވި ނަމަ އެވެ." މިއީ އުތުރު ގާޒާއިން ދެކުނަށް ދަތުރު ފެށި މީހުންގެ އެ މަޖުބޫރީ ނިކަމެތި ހާލު ފެނިފައި، މޮތާޒު އޭނާގެ ފޭސްބުކްގައި ލިއުނު ލިއުންކޮޅެވެ.

އުތުރު ގާޒާއިން 1.1 މިލިއަން މީހުން ފައިބަން އިޒްރޭލުން ދިން އިންޒާރާ އެކު ލޮރީއެއްގައި ދެކުނު ސަރަހައްދަށް ދަތުރުކުރަނީ -- ފޮޓޯ/މޮތާޒު އަޒައިޒާ
އެކަނިމާއެކަނި ވިސްނަން: އިޒްރޭލްގެ ހަމަލާތަކުގައި ބިމާ ހަމަވި އިމާރާތްތަކެއްގެ ގާތަކުގެ މަތީގައި ޒުވާނަކު އިށީނދެލައިގެން --ފޮޓޯ/މޮތާޒު އަޒައިޒާ

އިޒްރޭލްގެ ހަމަލާތަކުގައި މިހާތަނަށް ގާޒާގައި މަރުވި މީހުންގެ އަދަދު 6،000އަށް އަރަނީ އެވެ. އޭގެ ތެރޭގައި ވެސް ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. ހަމަލާތައް އަމާޒުކުރަނީ ހަމާސްގެ ހަނގުރާމަވެރިންނާއި ހަރަކާތްތަކަށް ކަމަށް ބުނެ އިޒްރޭލުން ދުނިޔެއަށް އުޒުރު ދައްކަ އެވެ. ނަމަވެސް އާންމުން ދިރިއުޅޭ ބައެއް ކޮށިތައް ބިމާ ހަމަކޮށްލަނީ، ކުޑަކުދިންނާއި އަންހެނުންނާއި މުސްކުޅިންނަށް ބެލުމެއް ނެތި އެވެ.

އެތައް ގެއެއް ބިމާ ހަމަކޮށްލާފައި: މިއީ ގާޒާގެ ރައްޔިތުންނަށް އިޒްރޭލުން ދޭ ވަރަށް ބޮޑު އަނިޔާއެއް އަދި ހަނގުރާމައިގެ ކުށެއް ވެސް މެ -- ފޮޓޯ/މޮތާޒު އަޒައިޒާ
ފުނޑުފުނޑުވެފައި އޮތް އިމާރާތެއް ކައިރީގައި ކުޑަ އަންހެން ކުއްޖަކު --ފޮޓޯ/މޮތާޒު އަޒައިޒާ
ގާޒާގެ ދިރިތިބީންނަށް އޮތީ މި ގޮތަށް އިޒްރޭލްގެ ހަމަލާތަކުގައި ފުނޑުވާ އިމާރާތްތަކުގެ ދަށުވެ މަރުވާ މީހުންގެ ހަށިތައް ނެގުމާއި ފުރާނަ ހުރި މީހުން ސަލާމަތްކުރުމުގެ މަސައްކަތް --ފޮޓޯ/މޮތާޒު އަޒައިޒާ

ކޮންްމެ ފުރާނައެއްގެ ވެސް އަގެއް އޮވެ އެވެ. އެކަމަކު ކުޑަކުދިންނާއި އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންގެ ހަށިގަނޑުތައް ފެނުމުން ކުރާ އަސަރު ބޮޑެވެ. މިހާތަނަށް އިޒްރޭލްގެ މިފަހަރުގެ ހަމަލާތަކުގައި 1،400 އަށް ވުރެ ގިނަ ކުދިން މަރުވެއްޖެ އެވެ.

25 އޮކްޓޯބަރު 2023 - އިމާރާތެއްގެ ދަށުން ކުޑަކުއްޖެއްގެ ހަށިގަނޑު ނަގައިގެން ގެންދަނީ --ފޮޓޯ/ މޮޒާތު އަޒައިޒާ
އިޒްރޭލްގެ ހަމަލާގައި މި ޒުވާނާގެ އަންހެނުން މަރުވި. އެކަމަކު ތުއްތު ދަރިފުޅު ފުރާނަގެ ފުރާނަ ހުއްޓާ ފެނުމުން ނަގައިގަނެގެން ގެންދަނީ -- ފޮޓޯ/މޮތާޒު އަޒައިޒާ

އަބަދުވެސް އިޒްރޭލްގެ ހަމަޔަކީ ގާޒާ ފުނޑުފުނޑުކުރުމެވެ. ހަމާސްގެ ހަމަލާއެއް އިޒްރޭލަށް އަމާޒުވެއްޖެ ނަމަ އޭގެ ބަދަލުހިފަނީ ގާޒާގެ އާންމު ރައްޔިތުންގެ ލެއިންނެވެ. މިދިއަ 17 އަހަރު އިޒްރޭލުގެ ހިސޯރުކުރުމުގައި އިންސާނީ ހައްގުތައް ގެއްލިފައި ތިބި 2.3 މިލިއަން މީހުންނަށް ލިބޭ އަނިޔާ ބޮޑުކޮށްގެންނެވެ.

މިހާރު ކުރިއަށް އެދަނީ މީގެ ކުރިން އަދި ކުރިމަތިނުވާ ވަރުގެ ބޮޑު ގެއްލުންތައް ގާޒާއަށް ލިބޭނެ ހަމަލާތަކެވެ. އިޒްރޭލަށް ހަމާސްގެ ހަނގުރާމަވެރިން އަރައި 7 އޮކްޓޯބަރުގައި އެތައް ބަޔަކު މަރާލުމުގެ ބަދަލުހިފުމަކީ، ގާޒާގެ މުޅި ރައްޔިތުން ނޫންކަން ދުނިޔެ ގަބޫލުކުރެ އެވެ. އެކަން ގަބޫލުނުކޮށް އިޒްރޭލުގެ ހިމާޔަތުގައި އޮތީ އެމެރިކާ އާއި ހުޅަނގުގެ މަދު ގައުމެކެވެ.

ގާޒާއަކީ ހަމައެކަނި މުސްލިމުން އުޅޭ ސަރަހައްދެއް ނޫން. އިޒްރޭލްގެ ހަމަލާތަކުގައި ނަސާރާއިންގެ ފައްޅިއެއް ފުނޑުވެ، 18 މީހުން މަރުވި. އެ މީހުންގެ ޖަނާޒާގައި އަންހެނަކު ރޮނީ -- ފޮޓޯ/މޮތާޒު އަޒައިޒާ
ގާޒާގެ އަންހެނަކު އިޒްރޭލަށް އޮތް ރުޅިވެރިކަން ދައްކަނީ: މިއީ ދެން ފަސޭހައިން ނެތޭނެ ރުޅިއެއް ނޫން --ފޮޓޯ/މޮތާޒު އަޒައިޒާ

އިތުރު އާޓިކަލް

އިތުރު އާޓިކަލް