އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޓީޓީގައި މިކްސްޑް ޑަބަލްސް ޗެމްޕިއަންކަން ހޯދުމަށް ފަހު ރާއްޖޭގެ މޫސާ މުންސިފް އަހުމަދާއި އައިޝަތު ރަފާ ނާޒިމް ރަން މެޑެލްއާ އެކު -- (ފޮޓޯ/އެމްއޯސީ)

އައިއޯއައިޖީ 2023

މުންސިފާއި ރަފާ ރަން މެޑެލްގެ ކާމިޔާބީގައި

29 އޯގަސްޓު 2023
އިއްޔެ ހޯދި މެޑެލްތަކާ އެކު ރާއްޖެ މިހާރު ވަނީ 13 މެޑެލް ކާމިޔާބުކޮށްފައި

އިއްޔެއަކީ އަނެއްކާވެސް އައިއޯއައިޖީގައި ރާއްޖޭގެ މެޑެލް ތާވަލް ފަޅުފިލުވާލަދިން ދުވަހެކެވެ. އެންމެ ފާހަގަކޮށްލެވެނީ ޓީޓީގެ މިކްސްޑް ޑަބަލްސްގެ ޗެމްޕިއަންކަން މޫސާ މުންސިފް އަހުމަދާއި އައިޝަތު ރަފާ ނާޒިމް ހޯދައި، ރަން މެޑެލް ކަރުގައި އަޅުވާލުމެވެ. މިއީ އަންހެން ޓީމު އިވެންޓުން ރަން މެޑެލް ހޯދި ރަފާ އާއި ފިރިހެނުންގެ ޓީމު އިވެންޓުން ރިހި މެޑެލް ހޯދި މުންސިފަށް އުފާވެރި ދުވަހެއް ވެސް މެ އެވެ.

ޓީޓީގައި މިކްސްޑް ޑަބަލްސް ޗެމްޕިއަންކަން ހޯދުމަށް ފަހު މުންސިފް އާއި ރަފާ އުފާ ފާޅުކުރަނީ (ފޮޓޯ/އެމްއޯސީ)

މިކްސްޑް ޑަބަލްސްގެ ލޯ މެޑެލް ވެސް ކާމިޔާބުކުރީ ރާއްޖެއިންނެވެ. ފާތުމަތު ދީމާ އަލީ އާއި މުހައްމަދު ޝައްފާން އިސްމާއިލް ލޯ މެޑެލް ހޯދީ މަޑަގަސްކަރައިގެ ޕެއާ ސީދާ ތިން ގޭމުން ބަލިކޮށްގެންނެވެ.

މިކްސްޑް ބަޑަލްސްގެ ތިން ވަނަ ހޮވި މެޗުގައި ރާއްޖޭގެ ދީމާ އާއި ޝައްފާން: މި މެޗުން މޮޅުވެ ދެ ކުޅުންތެރިން ވަނީ ލޯ މެޑެލް ކާމިޔާބުކޮށްފައި

އެހެން ކުޅިވަރުތަކަށް ބަލާއިރު ބާސްކެޓްބޯޅައިގައި އަންހެން އަދި ފިރިހެން ޓީމު ވެސް ވަނީ، ތާރީހީ ކާމިޔާބީއެއް ހޯދައިފަ އެވެ. އެގޮތުން ތްރީ އޮން ތްރީ ބާސްކެޓްބޯޅަ އިވެންޓްގައި ރާއްޖޭގެ ދެ ޓީމު ވެސް ލޯ މެޑެލް ކާމިޔާބުކުރި އެވެ. މިއީ އައިއޯއައިޖީގެ ބާސްކެޓްގައި ރާއްޖެއަށް މިހާތަނަށް ލިބުނު މެޑެލްތަކެވެ.

ތްރީ އޮން ތްރީ ބާސްކެޓްބޯޅައިން ރާއްޖޭގެ ޓީމު ލޯ މެޑެލް ހޯދުމުން ކުޅުންތެރިންނާއި ދިވެހި ކޮންޓިންޖެންޓްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ (ފޮޓޯ/އެމްއޯސީ)

ފިރިހެން ޓީމު ލޯ މެޑެލްއާ ހިސާބަށް ދެވުނީ މޮރިޝަސް އަތުން ވާދަވެރި ކުޅުމަކަށް ފަހު 14-13 އިން މޮޅުވެގެންނެވެ. އަންހެން ޓީމު ވާދަކުރީ މަޔޯޓްއާ އެވެ. ރާއްޖެ މޮޅުވީ 19-15 އިންނެވެ.

ތްރީ އޮން ތްރީ ބާސްކެޓްބޯޅައިގެ ފިރިހެން ބައިން ލޯ މެޑެލް ހޯދި ރާއްޖޭގެ ޓީމުގެ އިސްމާއިލް ވިލްދާން (ކ)، ޒަކަރިއްޔާ އަބްދުލް ލަތީފް (މ) އަދި އަބްދުﷲ އަމްޒަރު (ފޮޓޯ/އެމްއޯސީ)

މިހާތަނަށް ރާއްޖެ އިން ވަނީ މި ގޭމްސްގައި 13 މެޑެލް ކާމިޔާބުކޮށްފަ އެވެ. އެންމެ ފަހުން 2019ގައި އޮތް އައިއޯއައިޖީގައި މުޅި ޖުމްލަ ރާއްޖެއަށް ހޯދުނީ 15 މެޑެލް އެވެ. އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ މެޑެލް ލިސްޓަށް އިތުރު ކުރިއެރުން ލިބޭނެ ކަމުގެ އުއްމީދު ބޮޑެވެ.

ޓީޓީ މިކްސްޑް ޑަބަލްސްގެ މެޑެލް ދިނުމުގެ ރަސްމިއްޔާތުގައި ކުޅިވަރު މިނިސްޓަރު އަހުމަދު މަހުލޫފް، ރަން މެޑެލް ހޯދި މުންސިފް/ރަފާ އަދި ލޯ މެޑެލް ހޯދި ޝައްފާން/ދީމާގެ ޕެއާއާ އެކު

އިތުރު އާޓިކަލް

އިތުރު އާޓިކަލް